އަދުގެ ޚާއްސަ

Print

އެޑިޓަރުގެ ގޮނޑި

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(އަޅުގަނޑު މި ވާހަކަ ތަރުޖަމާކުރީ 1999 ވަނަ އަހަރު އެވެ. ފުރަތަމަ ޝާއިޢުކުރީ "އާފަތިސް" ނޫހުގަ އެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އަޅުގަނޑު ތަރުޖަމާކުރި ކުރު ވާހަކަތައް ޖަމާކޮށް އެއްފޮތަކަށް ހަދައިގެން ޝާއިޢުކުރި އިރު އެ ފޮތުގައި ވެސް މި ވާހަކަ ހިމެނީމެވެ. އެ ފޮތުގެ ނަމަކީ "ލިބާސް" އެވެ. އެފޮތް މިހާރުވެސް ބައެއް ފޮތް ފިހާރަތަކުން ލިބެން އެބަހުއްޓެވެ.)

ގޮނޑީގެ އެދުން ނޯންނަނީ ކާކުގެ ހިތުގައި ހެއްޔެވެ؟ ގޮނޑީގެ ކުޅިގަނޑުގައި ޖެހުނީމާ މީހުން އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާން ނައްތައިލައެވެ. އެންމެ ފަހުންގޮސް ތިމާގެ ހައިސިއްޔަތުގެ މަތިންވެސް ހަނދާން ނެތިދެއެވެ. އެންމެން އިށީންނަ ހިތުން އެ އުޅޭ ގޮނޑިއަކީ ޙަޤީޤަތުގައި އެހައި އަގުބޮޑު ގޮނޑިއެއް ވެސް ނޫނެވެ. ދޮޅަހަކަށް ރުފިޔާއަށް ލިބޭގޮނޑި ވެސް ބާޒާރުގައި ހުރެ އެވެ. ފަންސާސް ރުފިޔާއަށް ނުވަތަ ފަސް ހާސް ރުފިޔާއަށް ވިއްކާ ގޮނޑި ވެސް ހުރެ އެވެ. އެކަމަކު މިހާރު މި ދައްކަނީ އާދައިގެ ގޮނޑިއެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ އެޑިޓަރުގެ ގޮނޑީގެ ވާހަކަ އެވެ.

އެޑިޓަރުގެ ގޮނޑިއަކީ ވެސް އަޖާއިބެއްކަހަލަ ގޮނޑިއެކެވެ. އެއީ އެނބުރޭ ގޮނޑިއެކެވެ. ދުވާ ގޮނޑިއެކެވެ. ބުނެވޭ ގޮތުގައި އެއީ ޚާއްޞަ ބަރަކާތެއް ވެސް ލައްވާފައިވާ ގޮނޑިއެކެވެ.

މިހާރަކަށް އައިސް ވަރަށް ގިނަ ވައްތަރުގެ ގޮނޑި ބާޒާރުގައި ވިއްކަން ހުރެ އެވެ. އެ ގޮނޑިތައް ބާޒާރުގައި ހުންނައިރު އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އެއީ ހަމަ އާދައިގެ ގޮނޑި އެވެ. އެހެން ނަމަވެސް އެ ގޮނޑި ގެނެސް އެޑިޓަރުގެ ކޮޓަރިއަށް ވެއްދުމާއެކު އެ ގޮނޑީގެ އަގު ވަރަށް ބޮޑުވެގެން ހިނގައިދެ އެވެ. އެ ގޮނޑީގައި އިށީންނަ މީހަކީ އެޑިޓަރެވެ. އެއީ ދުވަހު ނޫހެއްގެ އެޑިޓަރެއް ކަމަށް ވިޔަސް ނުވަތަ ހަފުތާ ނޫހެއްގެ އެޑިޓަރެއް ކަމުގައި ވިޔަސް އެ ގޮނޑީގައި އިށީނުމާއެކު ވަރަށް މުހިއްމު މީހަކަށް ވެގެން ހިނގައިދެ އެވެ. ކުރުކޮށް ބުނާނަމަ އެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ނުލިބޭއިރު އޭނާއަކީ އެއްވެސް މީހެއް ނޫނެވެ. އޭނާގެ އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެހެން ނަމަވެސް އެ ގޮނޑީގައި އިށީނުމާއެކު އޭނާއަށް އެޑިޓަރޭ ކިޔަން ފަށަ އެވެ. އޭނާއަށް އެހައި މޮޅު ނަމެއް ކިޔަން ފަށަނީ ގޮނޑިއެއްގެ ސަބަބުންނެވެ. އެއީ މީހާއަށް ލިބިފައިވާ ޢިލްމެއްގެ ސަބަބުން ނުވަތަ ޙިލްމެއްގެ ސަބަބުން ކިޔާނަމެއް ނޫނެވެ.

މިހާރު ދައްކަމުން މިދާ ވާހަކައަކީ އެޑިޓަރުގެ ގޮނޑީގައި އިށީންނަ މީހާގެ ވާހަކަ އެވެ. އެޑިޓަރުގެ ގޮނޑީގައި އިށީނުމުގެ ކުރިން އޭނާ ކުރީ ކޮންކަމެއްތޯ ބެލުމުގެ މާނައެއް ނެތެވެ. އެއީ މަޖޫރީއެއްތޯ ނުވަތަ ސަލާންޖަހާމީހެއްތޯ ބެލުމުގެ ބޭނުމެއް ނެތެވެ. އަދި އޭނާ އެ ގޮނޑިއާ ހަމައަށް އައީ ކިހިނެއްތޯ ބެލުމަކީ ވެސް ކުރަންޖެހޭ ކަމެއް ނޫނެވެ.

ކިޔަވައިގެން ހުރި ރަޙްމަތްތެރިއަކު އޭނާއަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެހެން މަސައްކަތެއް ކުރުމާބެހޭ ގޮތުން އަހަރެންނާ މަޝްވަރާ ކުރި އެވެ. އެކި ކަހަލަ މަޝްވަރާ ދިނުމަށްފަހު ލިއުމުގެ ތެރެއަށް ނުވަންނާން އަހަރެން ނަސޭހަތްތެރިވީމެވެ. އެހެން ނަމަވެސް ޝައުޤުވެރިކަމަކީވެސް ބާވަތެއްގެ ބައްޔެއް ވިއްޔާ އެވެ. އޭނާ ވެސް ކުރުވާހަކައެއް ލިޔެފި އެވެ. ވާހަކަލިޔެ ނިންމުމަށްފަހު އަނެއްކާ ވެސް އަހަރެންނާ މަޝްވަރާ ކުރަން އަތުވެއްޖެ އެވެ. އޭނާ ބޭނުންވީ ކޮންމެ ވެސް މަޖައްލާއެއްގައި އެ ވާހަކަ ޝާއިޢު ކުރާށެވެ. އެ ހިސާބަށް ކަންތައް ދިޔައިމާ އޭނާގެ މަސައްކަތަށް ހުރަސް އެޅުމަކީ ރަނގަޅު ކަމެއް ކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. މައިގަނޑު ސަބަބަކީ އަހަރެންގެ ފުރަތަމަ މަޝްވަރާ އޭނާ ޤަބޫލު ނުކުރުން ކަމަށް ވެސް ވެދާނެ އެވެ. އެހެންވީމާ އަހަރެން އޭނާއަށް މަޝްވަރާދިނީ ވަރަށް މަޝްހޫރު މަޖައްލާއެއްގެ އެޑިޓަރެއްކަމަށްވާ ޢިރްފާން އަޙްމަދާ ބައްދަލު ކުރާށެވެ. މި ފަހަރު އޭނާ އަހަރެންގެ މަޝްވަރާއަށް ވަރަށް ބަރާބަރަށް ޢަމަލު ކުރި އެވެ. ހަމަ އެ ދުވަހު ގޮސް ޢިރްފާން އަޙްމަދާ ބައްދަލު ކޮށްފި އެވެ. އަދި އޭނާ އައީ އަހަރެން ފޮނުވައިގެން ކަމަށް ބުންޏެވެ. އެ ކަމަކާ އަހަރެން ހިތް ބުރައެއް ނުކުރަމެވެ.
    

އޭނާގެ ވާހަކަ ޢިރުފާން އަޙްމަދާ ހަވާލުކުރިފަހުން ދެ މަސް ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. ވާހަކައަށް ވީގޮތެއް ބަލައިލަން އަހަރެންގެ ރަޙުމަތްތެރިޔާ އެއްދުވަހަކު ޢިރުފާން އަޙްމަދުގެ އޮފީހަށް ހިނގައްޖެ އެވެ.

"އަޅުގަނޑު މީގެ ދެމަހެއްހައި ދުވަސް ކުރިން ކުރު ވާހަކައެއްފޮނުވިން-" އަހަރެންގެ ރަޙުމަތްތެރިޔާ ބުނެފި އެވެ.

"އަދި ނުކިޔަން-" ވަރުބަލިކަން އެކުލެވިފައިވާ ރާގަކަށް އެޑިޓަރު ބުނެލި އެވެ.

އިރުކޮޅެއް ވުމަށް ފަހު އަނެއްކާ ވެސް ވާހަކަ ދެއްކީ އެޑިޓަރެވެ.

"އަދި ދެ މަހެއްހައި ދުވަސް ވާނެ-" އެޑިޓަރު އެއްވެސް ބޭނުމެއްނެތި ފައިލެއްގައި ހުރި ގަނޑުތަކެއް އުކަމުން ބުނެލި އެވެ.

"ދެމަސް ދުވަހޭތޯ-؟"

"އާދެ- އެއީވެސް ކުރު މުއްދަތެއް-" އެޑިޓަރު އިޙްސާންތެރިކަން ހަނދާންކޮށްދޭ ކަހަލަ ގޮތަކަށް ބުނެލި އެވެ.

"އަޅުގަނޑު އެ ވާހަކަ ގެނައި ފަހުން ވެސް މިހާރު ދެމަސް ދުވަސް ވެދާނެ-"

"އެއީ އެހައި ބޮޑު ކަމެއްތޯ-؟ އަޅުގަނޑުމެންގެ މަޖައްލާގެ މަގުބޫލުކަން މަނިކުފާނަށް އެނގިވަޑައިނުގަންނަވަނީތޯ-؟ މި  މަޖައްލާ ނުކުތުމާއެކު ވިކި ހުސްވެދާނެ- ނުލިބިގެން ދުވާ މީހުންގެ އަދަދުވެސް ދަންނަވާކަށް ނޭނގޭ-" އެޑިޓަރު އޭނާގެ ބޮޑު ގޮނޑީގައި ރަނގަޅަށް ލެނގިލަމުން ބުނެލި އެވެ.

"ތިޔައީ ތެދުފުޅެއް- އެކަމަކު އަޅުގަނޑުގެ ވާހަކަ...؟"

"ފަހުން ކިޔައިލާނަމޭ އަޅުގަނޑު ދަންނަވައިފީމެއް ނޫންތޯ-؟" އެޑިޓަރު ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލި އެވެ.
  
މި ދެންނެވުނު ވާހަކަތައް ދެކެވުނު ފަހުން ވެސް ތިންމަސް ދުވަސް ވެގެން ހިނގައްޖެ އެވެ. އަހަރެންގެ ރަޙްމަތްތެރިޔާ އަނެއްކާ ވެސް ހިތްވަރު ކޮށްފައި އެޑިޓަރު ޢިރުފާނު އަޙްމަދާ ބައްދަލު ކުރަން ހިނގައްޖެ އެވެ. އެޑިޓަރު ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ކަރުގައި އަތް ކާއްތަކާއްތާފައި އަތުން ވަސް ބަލަނީ އެވެ.

"އަހަނ- އަވަހަށް ވަޑައިގަނޭ- ތިޔަ ވަޑައިގަތީ ހާދަހާ ދުވަހެއް ކޮށްފައޭ-!" އެޑިޓަރު ޖޯޝާއެކު އޭނާއަށް މަރުހަބާ ކިޔައިފި އެވެ.

ލިޔުންތެރިޔާ އާދައިގެ ގޮނޑިއެއްގައި އިށީނދެއްޖެ އެވެ.

"އެޑިޓަރުގެ ގޮނޑީގައި އިށީނދެވުމުން ލިބޭ ވަރަށް ގިނަ ފައިދާތައް ހުރޭ- އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެކި ކަހަލަ ސިޓީތައް ކިޔަން ލިބުން- ބައެއް ސިޓީގައި ހުންނާނީ އިންޒާރުގެ ބަސްތައް- ބައެއް ސިޓީގައި ޚުޝާމަދު ކޮށްފައި- އަދި ބައެއް ސިޓީގައި އިމްލާ ކުށުގެ ވާހަކަ ވެސް ލިޔެފައި ހުރޭ-" އެޑިޓަރު ސިޓީއެއް ކަނޑައިލަމުން ބުނެލި އެވެ.

"އެހެންވީމާ ވަރަށް ބޮޑަށް ފޫހިފުޅު ފިލާނެއެއް ނޫންތޯ-؟"

"ފޫހި ފިލާނެއޭތޯ-؟ އެހެން ވާނީ ކިހިނެއްތޯ-؟ ދުވާލު ހަތަރުދަމު އުޅެން ޖެހެނީ އަންނަ މީހުންގެ ކަންތައްތައް ހަމަ ނުޖެއްސިގެން-" އެޑިޓަރު ކުޑަކޮށް ނުރުހުންވެފައި ބުނެލި އެވެ.

"އާދެ- އާދެ- ތިޔަ ވާހަކަފުޅު އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ- މިހާރު ތަޖުރިބާ ވެސް ކުރެވިއްޖެ-"

"ކީކޭތޯ-؟ ތިޔަ ވިދާޅުވީ ކީކޭތޯ-؟" އެޑިޓަރު ސިހިފައި އަހައިލި އެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑުގެ ވާހަކައިގެ ކަންތައް އޮތީ ކިހިނެއްތޯއޭ-؟"

"އަޅުގަނޑު އެ ވާހަކަ ކިޔައިފިން- އައު ލިޔުންތެރިން ތަޢާރަފު ކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް އިސްކަން ދޭކަމެއް- އެހެންވީމާ އެ ވާހަކައަށް ކުދިކުދި ބަދަލު ގެނައުމަށްފަހު ޝާއިޢު ކޮށްލާނަން- އަޅުގަނޑުމެން ޚިދުމަތް ކުރަނީ ހަމައެކަނި އަދަބިއްޔާތަކަށްނޫން- ލިޔުންތެރިންނާއި، ކިޔުންތެރިންނަށް ޚިދުމަތް ކުރުމަކީ ވެސް އަޅުގަނޑުމެންގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމެއް-" އެޑިޓަރު އެއް ލޮލުން ބަލަހައްޓައިގެން ހުރެ ބުނެލި އެވެ.

އެ ވަގުތު އެ ކޮޓަރި ތެރެއަށް މީހަކު އައިސް ވަދެއްޖެ އެވެ.

"އަވަހަށް ދުރުވޭ- ކިހިނެއްތޯ-؟ އެޑިޓަރު އަހައިލި އެވެ. "ޗާޕުޚާނާގެ ކަންތައް ކިހިނެއްތޯ-؟"

"ވަރަށް ރަނގަޅު- އަޅުގަނޑު މި އައީ އިއްޔެ ފޮނުއްވި ޗެކުގައި ހަނދުމަފުޅު ނެތިގެން ސޮއި ނުކުރައްވައި އޮތީމާ، އެ ޗެކު ހިފައިގެން-" އެ މީހާ ވެސް އާދައިގެ ގޮނޑިއެއްގައި އިށީނދެއްޖެ އެވެ.

"ސޮއި ނުކުރެވެއޭތޯ-؟" އެޑިޓަރު ޙައިރާންވެފައި އަހައިލި އެވެ.

"އާދެ-!" އެމީހާ ޖަވާބު ދިނެވެ.

"އެހެންތޯ-؟ އަވަހަށް ޗެކު ދެއްވާ- މިހާރު ސޮއިކޮށްލީމާ ހަމަޖެހުނީއެއްނޫންތޯ-؟" އެޑިޓަރު އަތްދިއްކޮށްލި އެވެ. އެޑިޓަރަކީ އެއްލޯ ކުޑަކޮށް އަނދިރި މީހެކެވެ.

އެމީހާ އަތްމަތީ ފޮށިން ޗެކު ނަގައި އެޑިޓަރުގެ ކުރިމަތީގައި ބާއްވައިލި އެވެ.

"ޢަބްދުއްރަޙުމާން-" އެޑިޓަރު ތަންކޮޅެއް ބާރަށް ގޮވައިލި އެވެ.

މާ ގިނަ އިރުތަކެއްނުވެ އުމުރުން ދުވަސް ވެފައިހުރި، ހިމަތޮޅި މީހަކު ބޮޑު ފޮތެއް ހިފައިގެން އައިސް އެޑިޓަރުގެ ކޮޓަރިއަށް ވަދެއްޖެ އެވެ.

"އަވަހަށް ދެލި ގެނެސް ދެއްވާ-" އެޑިޓަރު ބުނެލި އެވެ.

"އަޅުގަނޑުގެ އަތުގައި ގަލަން އެބައޮތް-" ޗެކުހިފައިގެން އައި މީހާ އޭނާގެ ޖީބުގައި ހުރި ގަލަން ނަގައި އެޑިޓަރުގެ އަތަށް ދީފި އެވެ.

"އަވަހަށް ދެއްވާ-" އެޑިޓަރު ގަލަން އަތުލަމުން ބުނެލި އެވެ.

އަހަރެންގެ ރަޙުމަތްތެރިޔާ ޝައުޤުވެރިކަމާއެކު މި މަންޒަރު ބަލަން އިނީ އެވެ.

އެޑިޓަރު ގަލަމު ދޯރި ނަގައިފި އެވެ. އަދި ބޮޑުވާއިނގިލީގައި ގަލަމުގެ ތުނޑު ކާއްތަން ފަށައިފި އެވެ. އިނގިލީގައި ރަނގަޅަށް ދެލި އުނގުޅުނީމާ ޗެކުގައި އިނގިލީގެ ނިޝާން ޖަހައިފި އެވެ.

"ކޮބާ- ރަނގަޅުތޯ-؟" އެޑިޓަރު ހިނިތުންވެލި އެވެ.

"އާދެ- ޝުކުރިއްޔާ-" ޗެކުހިފައިގެން އައި  މީހާ ޗެކު ނަގައި، ފޮއްޓަށް ލައިގެން ނުކުމެގެން ހިނގައްޖެ އެވެ.

އޭނާ ނުކުމެގެން ދިޔައީމާ އެޑިޓަރު ޢިރުފާނު އަޙްމަދު، އަހަރެންގެ ރަޙުމަތްތެރިޔާ އާ ދިމާއަށް ބަލައިލި އެވެ.

"އާދެ- ކީކޭތޯ-؟ އަޅުގަނޑު ދެއްކީ އަދަބިއްޔާތުގެ ވާހަކަ ދޮގެއްތޯ؟"

އެޑިޓަރު ޢިރުފާނު އަޙުމަދު އެޑިޓަރުގެ އަރާމު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލައިގެން އިނދެ ދެއްކީ ކޮން ވާހަކައެއް ކަމެއް އަޅުގަނޑުގެ ރަޙުމަތްތެރިޔާއަކަށް މާ ރަނގަޅަކަށް ނޭނގުނެވެ. އިތުރު ވާހަކަ އަޑު އަހާނޭ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އޭނާ ލިޔުނު ވާހަކަޔާމެދު ކުރި ފިކުރު ވެސް ނެތިގެން ހިނގައްޖެ އެވެ. އެ ވާހަކަ އަށް ކޮންމެ ގޮތެއް ހެދިޔަސް އެންމެ ރަނގަޅޭ އޭނާގެ ހިތަށް އެރި އެވެ.

މި އަދުގެ ތަޖުރިބާއިން އޭނާ އަށް ވިސްނުނީ އެންމެ ކަމެކެވެ. އެއީ އެޑިޓަރަކީ މާ މުހިއްމު މީހެއް ނޫން ކަމެވެ. ޙަޤީޤަތުގައި މުހިއްމު އެއްޗަކީ އެޑިޓަރުގެ ގޮނޑި އެވެ.
-----------------------
(ނިމުނީ)


މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ