އަދުގެ ޚާއްސަ

Print

ރިފްލެކްޓިވް ޖާނަލް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

ތަޢާރުފު


މި ޖާނަލަކީ ކިޔަވައި ދިނުމުގެ ތަޖުރިބާގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސުކޫލުގައި ހޭދަކުރި ދުވަސްވަރު އޮބްޒާވްކުރި ފިލާވަޅުތަކުގެ މައްޗަށާއި ސުކޫލުން ފެނުނު ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޖާނަލެކެވެ. މި މަސައްކަތުގައި މުދައްރިސުން ކިޔަވައިދެއްވި ފިލާވަޅުތައް އޮބްޒާވްކޮށް  އެ ފިލާވަޅުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރި ތަފާތު ގޮތްތަކާއި މެދު މަޝްވަރާކޮށްފައި ވާނެ އެވެ. އޭގެ އިތުރުން މުދައްރިސުންގެ ކިޔަވައި ދެއްވުމުގައި ފެނުނު ރަނގަޅު ކަންތައްތަކާއި، އެ ކަންތައްތައް ރަނގަޅުވީ ސަބަބު، އަދި ގޯސްކަންތަކާއި، އެކަންތައްތައް ގޯސްވީ ކީއްވެގެންކަން ބަޔާން ކޮށްދެވޭތޯ ބަލައި ލެވިފައި ވާނެ އެވެ.

(ހ) މުދައްރިސުންގެ ތަފާތު ދައުރުތައް


އަޅުގަނޑު ދެކޭ ގޮތުގައި މުދައްރިސުންނަކީ ކޮންމެ ފަދަ މާހައުލަކަށް ވެސް ފެތެންދަންނަ އަދި ކޮންމެ ފަދަ ބަޔަކާ ވެސް ގުޅިގެން އުޅެން ދަންނަ ބަޔަކަށް ވާން ވާނެ އެވެ. އެހެންކަމުން މުދައްރިސަކީ ތަފާތު ހުނަރުތައް ލިބި ހުރި މީހަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިޔަވައި ދިނުމުގެ ދާއިރާގައި ޙަރަކާތްތަރިވާ ކޮންމެ މީހަކީ ވެސް މީހުންނާއި ގުޅިގެން އުޅެން ދަންނަ މީހަކަށް ވާން ޖެހޭނެ އެވެ. ހަމަ އެ ފަދައިން ވާހަކަ ދެއްކުމުގެ ހުނަރުގެ ތެރެއަށް ވަދެވިފައި ހުރި މީހަކަށް ވުމަކީ ކާމިޔާބު މުދައްރިސަކަށް ވުމަށް ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ ހަރުދަނާ ގޮތެއް ގައި މުވާޞަލާތު ކުރެވިގެން މެނުވީ ދަރިވަރުން ދެކޭގޮތް ބަދަލުކުރުމަށް ދަތިވާނެ އެވެ.

ހަމަ އެފަދައިން އުފެއްދުންތެރި މީހަކަށް މުދައްރިސް ވާން ޖެހޭނެ އެވެ. އާ ގޮތްގޮތަށް ފިލާވަޅު ރާވައި ކުދިން ޝައުޤުވެރިވާ ފަދަ ގޮތްގޮތަށް އެކްޓިވިޓީތައް ގެން ދިއުމުގައި މި ދެންނެވި އުފެއްދުންތެރިކަމުގެ ހުނަރުގެ ބޭނުން ހިފުމަށް ޓަކަ އެވެ. ހަމައެއާ އެކު  މުދައްރިސަކީ ކުދިންނާއި ގުޅިގެން އުޅެންދަންނަ ކުދިންގެ އިޙުސާސްތައް އެނގޭ އެ ކުދިންގެ ވާހަކަތައް އަޑުއަހާ މީހަކަށް ވާން ޖެހޭނެ އެވެ. މި ގޮތުން އެހެން މީހުންގެ އިޙުސާސްތައް ދެނެގަތުމުގެ ސިފަ މުދައްރިސްގެ ކިބައިގާ ހުންނަން ޖެހެ އެވެ. ކުދިންނާއި ދޭތެރޭ ހަރުކަށިކޮށް ކަންތައްކުރަންޖެހޭ މަދު ދަނޑިވަޅެއް އައި ނަމަވެސް އާންމުކޮށް ހަރުކަށިކަން ދައްކާނަމަ ކުދިން މުދައްރިސްގެ މަތިން ފޫހިވާނެ އެވެ. މިކަން ތަޖުރިބާގެ ދުވަސްވަރު އޮބްޒާވްކުރި ތަފާތު ފިލާވަޅުތަކުން ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ.

މަތީގައި ބަޔާން ކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ތަޖުރިބާގެ ދުވަސްވަރު މުދައްރިސްގެ ތަފާތު ރޯލްތައް އަޅުގަނޑު މެންނަށް ފެނިފައެއް ނުވެ އެވެ. ސަބަބަކީ މުދައްރިސް ކިޔަވައިދެއްވީ ހަ ފިލާވަޅު ކަމަށްވެފައި ދެން ހުރިހުރިހާ ފިލާވަޅެއް ނަގަން ޖެހުނީ އަޅުގަނޑުމެން ކަމުގައިވާތީ އެވެ. އެކަމަކު ކުދިންނަށް އަމުރުކުރާ އަދި ކަންކަމަށް ޙުކުމްކުރާ މީހެއްގެ ރޯލު ފެނިގެން ދިޔަ އެވެ.

(ށ) ކިޔަވައިދިނުމުގެ ތަޖުރިބާއާ މެދު އަޅުގަނޑަށް ޤަބޫލުކުރެވިފައި އޮތީ ރަށު ސުކޫލުގައި ކިޔަވައިދޭހާ ފަސޭހައިން އެ ފަދަ ބޮޑު ސުކޫލެއްގައި ކިޔަވައި ނުދެވޭނެ ކަމަށެވެ. އެކަމަކު ތަޖުރިބާ ނިމުނުއިރު މި ޚިޔާލު މުޅިން ބަދަލުވެއްޖެ އެވެ. މިހާރު އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެގެން ކުލާހަށް ހިނގައްޖެނަމަ ކިތަންމެ ހަލަބޮލި ކުލާހެއްގައި ވެސް ކާމިޔާބުކަމާއެކު، ގަޑިތަކެއް ނެގިދާނެ ކަމެވެ. މިކަމަށް ބޭނުންވަނީ ކުދިންގެ މިޒާޖާއި އެ ކުދިންގެ އުޅުމަށް ބަލައި އެ ކުދިންނާއި ގުޅޭނެ ފަދަ ގޮތަކަށް ފިލާވަޅުތައް ރާވައިލުމެވެ.

އަޅުގަނޑު އޮބްޒާވްކުރި ފިލާވަޅުތަކުގެ ތެރެއިން ބައެއް ފިލާވަޅުގައި ކުދިން ގޯސްއުޅުމެއް ދެއްކުމުން މުދައްރިސް އެ ކުދިންނާއި ދިމާއަށް އަޑުލައި ހެދި އެވެ. އޭގެ ސަބަބުން އެ ކުދިން އިޞްލާޙުވެ ރަނގަޅުވުމުގެ ބަދަލުގައި މުދައްރިސަށް ކުރާ ޖެއްސުން އިތުރުވެ ފިލާވަޅާއި ދުރަށް ދިއުމަށް އެޅުނު ބާރަކަށް އެކަންތައް ވެގެން ދިޔަ އެވެ. އެހެންކަމުން އެ ފަދަކުދިން އިޞްލާޙު ކުރުމަށް ހަރުކަށިކަން ދެއްކުމަށް ވުރެ ރީތިކޮށް މަޑުމައިތިރިކަމާއި އެކު ވާހަކަ ދެއްކުން މުހިންމުކަން ވިސްނުނެވެ. އޭރުން ކުދިން މުދައްރިސާ މެދު ކުރާ އިތުބާރު ބޮޑުވެ މުދައްރިސަށް ކިޔަމަންގަތުން އަވަސްކަމަށް ފާހަގަ ކުރެވުނެވެ. އެކަމަކު ބައެއް ހާލަތު ތަކުގައި ހަރުކަށިކަންވެސް ދައްކަން ޖެހޭނެ އެވެ.

ކިޔަވައި ދިނުމުގެ ތަޖުރިބާގެ ކުރިން އަޅުގަނޑު ހީކޮށްގެން ހުރީ އެފަދަ ސަރުކާރުގެ މުހިންމު ތަޢުލީމީ ބިނާ އެއްގައި މުދައްރިސުން ކުލާސްތަކަށް ދުރުވާނީ ފިލާވަޅަށް ވަރަށްބޮޑަށް ތައްޔާރުވެލައްވައިގެން ކަމަށެވެ. ބަރާބަރަށް ލެސަން ޕްލޭން ހައްދަވާނެ ކަމަށެވެ. އެހެންނަމަ ވެސް މިކަންތައްވަނީ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. ގިނަ މުދައްރިސުން ކުލާހަށް ދުރުވަނީ ލެސަންޕްލޭނަކާއި ނުލަ އެވެ. ކިޔަވައި ދިނުމުގެ އެހީގެ ގޮތުގައި ބޯޑާއި ޗޯކު ފިޔަވައި އިތުރު އެއްޗެއް ބޭނުމެއް ނުކުރައްވަ އެވެ. އެހެންކަމުން މިފަދަ ފިލާވަޅުތަކުން މުދައްރިސް ޙާޞިލުކުރައްވަން ބޭނުންވެ ލައްވާ މަޤްޞަދުތައް ޙާޞިލު ކުރެއްވުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެ ބައެއްފިލާވަޅުތައް މުޅިން ބޮއްސުންލީ ތަންވެސް ފެނުނެވެ.

މުސްތަޤުބަލުގައި މިދާއިރާއިން ކުރިއަށްދާން ޚިޔާލު ކުރާއިރު އަޅުގަނޑުވާން ބޭނުމީ ކުދިންނާއި ގުޅިގެން ކުދިންގެ އިޙުސާސްތަކަށް ބަލައި، އެކުދިންގެ ވާހަކަތައް އަޑު އަހައިގެން ކިޔަވައި ދިނުމުގެ ކަންތައް ކުރިއަށްގެންދާ މީހަކަށެވެ. މީގެ އިތުރުން ކިޔަވައިދޭ މާއްދާއާއި ބެހޭ މަޢުލޫމާތު ރަނގަޅަށް ލިބިހުރި ކުލާހަށްދާއިރު ރަނގަޅަށް ތައްޔާރުވެގެންދާ މީހަކަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި މުދައްރިސްގެ ޝައުޤުވެރިކަން ފިލާވަޅަށް އިތުރުވި ވަރަކަށް ދަރިވަރުންގެ ޝައުޤު ވެސް ފިލާވަޅަށް ލިބޭނެ އެވެ.

(ނ) އޮބްޒާވްކުރި ގިނަ ފިލާވަޅު ތަކުގައި ކިޔަވައިދެއްވީ އެއް ފޯމެޓަކަށެވެ. ތަފާތު ގެނައުމެއް ނެތި އެވެ. އެހެންކަމުން ދިވެހިގަޑިއަށް ކުދިން އިންތިޒާރު ކުރުމުގެ ބަދަލުގައި އެ ކުދިން ދެކެނީ އެއީ ފޫހި ގަޑިއެއް ކަމަށެވެ. އޮބްޒާވްކުރި ބައެއް ކުލާސްތަކުގެ ދަރިވަރުންނާއި ވާހަކަ ދައްކައި ޚިޔާލު ބަދަލުކޮށްލުމުން އެނގުނީ އެކުދިން ދިވެހި ކިޔަވާ ހިތް ނުވުމުގެ އެންމެ ބޮޑުއެއް ސަބަބަކީ މުދައްރިސް ކިޔަވައިދެއްވާ ސްޓައިލް އެ ކުދިންނަށް ކަމުނުދިއުމެވެ.

އަޅުގަނޑު އޮބްޒާވްކުރި ފިލާވަޅުތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު ދެ ގަޑި އާއި ބެހޭ މަޢުލޫމާތު މިޖާނަލުގައި ހިމަނާލާނަމެވެ.

ފިލާވަޅުގެ މަޤުޞަދުތައް


މި ދެ ފިލާވަޅުގެ މަޤްޞަދު ޢިބާރާތްކޮށްފައިވާގޮތަށް ބަލާއިރު މަޤްޞަދު ޢިބާރާތް ކޮށްފައިވަނީ ކުދިން ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. ދެ މަޤްޞަދުގައިވެސް " އެނގުން " މިހެން އޮތުމުން ވަޒަންކުރާނެ މިންގަނޑެއް އެނގޭކަށް ނެތެވެ. އެހެންކަމުން މަޤްޞަދު ޢިބާރާތް ކުރުމުގައި " އެނގުން " ލިޔުމުގެ ބަދަލުގައި ކުދިން ކުރާކަމެއްގެ ގޮތުގައި އޮތުން މުހިންމެވެ. " ލިޔުން"  " ބުނެދިނުން" ފަދަ ގޮތަކަށް ޢިބާރާތް ބަދަލު ކުރަން ޖެހެއެވެ. މަޤްޞަދު އިބާރާތް ކުރާއިރު ތަފާތު މާނަ ނުކުމެދާނެ ކަންތައްތަކުގެ ބަދަލުގައި ބަރާބަރު މާނަ ނުކުންނަ ކަންތައްތައް ބޭނުންކުރުން އެދެވިގެން ވެ އެވެ. (މިސާލަކަށް: ލިޔުން، ހިތުންކިޔުން، ފާހަގަކުރުން ، ތަފާތު ބުނެދިނުން)

ހަމަ އެ ފަދައިން ފިލާވަޅުގައި ޙާޞިލުކުރަން ބޭނުންވާ އެންމެ މަޤްޞަދެއް އޮތުމުގެ ބަދަލުގައި އިތުރު ކަންތައްތައް ހިމަނަން ޖެހެ އެވެ. ދެ ފިލާވަޅުގައި ވެސް ވާހަކަ ދެއްކުމުގެ ބައި ހިމެނޭތީ މަޤްޞަދުގައި މި ބައިވެސް ހިމެނުން މުހިންމެވެ. ހަމަ އެފަދައިން ކުދިންގެ އުޅުމަށް ބިނާކޮށްވެސް މަޤްޞަދެއް ކަނޑައެޅުމަކީ މިފަދަ ފިލާވަޅެއްގައި ވަރަށް މުހިންމު ކަމެކެވެ. ކުދިންގެ ކިބައިން ފެނުމަށް މުދައްރިސް އެދޭކަމެއް (މިސާލަކަށް ؛ ސާފުތާހިރުކޮށް މަސައްކަތް ކުރުން ) ހިމެނުން ވެސް ވަރަށް މުހިންމެވެ.

އިރުޝާދު ދިނުމުގެ ގޮތްތައް


އިރުޝާދު ދިނުމުގައި ތަފާތު ގޮތްތަކެއް ފާހަގައެއް ނުކުރެވެ އެވެ. ހުރިހާ ފިލާވަޅެއްގައި ވެސް މުދައްރިސް ބޭނުންކުރެއްވީ އެއްގޮތްތަކެކެވެ. އެއީ ފިލާވަޅާ ގުޅޭގޮތުން ސުވާލުކޮށް ލިބޭ ޖަވާބުތަކަށް ބަލައި ފިލާވަޅު އޮޅުން ފިލުވައި ދިނުމަށްފަހު މަސައްކަތް ޙަވާލު ކުރުމެވެ. ގިނަ ފިލާވަޅު ތަކުގައި ކުދިން މަސައްކަތްކުރީ ވަކިވަކި ފަރުދުންގެ ގޮތުގަ އެވެ. ގުރޫޕް މަސައްކަތް ޙަވާލު ކުރެވޭލެއް ވަރަށް މަދެވެ. ހަމަ އެފަދައިން މުދައްރިސްގެ ސުވާލުތައް އަމާޒު ކުރައްވަނީ މުޅި ކުލާހަށެވެ. ވަކިވަކި ކުދިންނާއި ސުވާލު ކުރެވެނީ ވަރަށް މަދު ފަހަރަކު އެވެ. ވަކިވަކި ކުދިންގެ ނަންތައް އެއްވެސް މިންވަރަކަށް ބޭނުމެއް ނުކުރެވެ އެވެ. އިރުޝާދު ދެއްވުމުގައި ކުދިން މަސައްކަތް ކުރަމުންދާއިރު ވެސް އިރުޝާދު ދިނުން ކުރިއަށް ގެންދަވާކަން ފާހަގަ ކުރެވުނެވެ. އަދި ހަމަ އެ ފަދައިން ދަރިވަރުންގެ އަމިއްލަ ފިކުރާއި ޚިޔާލު ތަރައްޤީކޮށް ހޯދުމުގެ ބަޔަށް ބާރު އެޅޭލެއް ކުޑަކަން ވެސް ފާހަގަ ކުރެވުނެވެ. ތަފާތު ގެނައުން އެއްވެސް ސިފައެއްގައި ނެތްކަން ފާހަގަ ކުރެވުނެވެ. ފިލާވަޅު އޮޅުންފިލުވައިދެއްވާއިރު މުދައްރިސް ހުންނަވާތަން ވެސް ބަދަލު ނުކުރައްވަ އެވެ. އެކަމަކު ވާހަކަ ދައްކަވާ ސްޕީޑު ރަނގަޅު ކަމުގައި ފާހަގަ ކުރެވުނެވެ އެއީ ކުދިންނަށް އެނގޭފަދަ ގޮތަކަށް ލަސްލަހުން އޮޅުންފިލުވައިދެއްވުމުގެ ސްޓައިލެއް ގެންގުޅުއްވާތީ އެވެ.

އުނގެނުމުގެ ޙަރަކާތް


އޮބްޒާވް ކުރެވުނު ހުރިހާ ފިލާވަޅެއްގައި ވެސް އުނގެނުމުގެ ޙަރަކާތުގެ ގޮތުގައި ގެންދެވި ޙަރަކާތް ތަކަކީ ސުވާލު ކުރުމާއި ޖަވާބު ދިނުމެވެ. އަދި ކުދިންގެ ފޮތުގައި ތަމްރީނު ހެދުމާއި ބައެއް ފަހަރު ކުރާ މަސައްކަތްތައް ކުލާހަށް ހުށަހެޅުމެވެ. މީގެ އިތުރު އުނގެނުމުގެ ޙަރަކާތެއް ފާހަގައެއް ނުކުރެވެ އެވެ.

މި ޙަރަކާތްތައް ގެންދިއުމުގައި ވެސް ރޭވިގެން، ދުރާލާ އެކަމަށް ތައްޔާރުވެގެން ގެންދެވުނުނަމަ ކުދިންގެ ޝައުޤުވެރިކަން ފިލާވަޅަށް ބޮޑަށް ލިބުނީސްކަން ޔަޤީނެވެ. ކުދިން ކުރާ މަސައްކަތްތައް ކުލާހަށް ހުށަހެޅުމުން އެކުދިންނަށް ތަރުހީބު ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމުގައި ފާހަގަ ކުރެވުނަސް މުދައްރިސްގެ ފިލާވަޅުތަކުން މިކަން ފާހަގަ ކުރެވުނީ ވަރަށް ކުޑަކޮށެވެ. ރަނގަޅު ކަންތައްތަކަށް ތަރުޙީބު ދިނުމުގެ ބަދަލުގައި ކުދިން ހަދާ ގޯސްތައް ފާހަގަކޮށް އެ ކަންކަމަށް އަޑުލައި ހެދިކަން ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން ކުދިންގެ އުނގެނުމުދެ މާޙައުލަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވުނެވެ.  އަދި ހަމަ އެދަފައިން ކިޔަވައިދިނުމުގައި ތަފާތު ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ. ތަފާތު ގޮތްގޮތަށް އެކްޓިވިޓީތައް ރޭވުމަކީ ވެސް މުހިންމު ކަމެކެވެ. ކުދިން ފިލާވަޅަށް ޝައުޤުވެރިވެ ކިޔަވާހިތުން ކިޔަވާނީ އޭރުންނެވެ. އޮބްޒާވްކުރި ދެ ފިލާވަޅަކުން މިފަދަ އެއްވެސްކަމެއް  ނުފެނެ އެވެ.

ފިލާވަޅުގެ ފެށުމާއި ނިންމުން


ފުރަތަމަ ފިލާވަޅު


- ރަސްމީސިޓީގެ ފިލާވަޅުފެއްޓެވީ ކުރީދުވަހު ކިޔަވައިދެއްވި އެއްޗެތީގެ ހަނދާން އާ ކޮށްލުމުގެ ގޮތުން ކުދިންނާއި ސުވާލު ކޮށްގެންނެވެ. މި ގޮތަށް ސުވާލު ކުރުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ފާހަގަ ކުރަމެވެ. އެއީ ކުރީދުވަހު ކުރި މަސައްކަތްތަކާއި ދަސްކުރި މަޢުލޫމާތުގެ ތެރެއަށް ކޮންމެ ވެސް ވަރަކަށް ވަދެވޭނެ ކަމަކަށް އެކަން ވާނެތީ އެވެ. ސުވާލު ކުރުމުގައި މުޅި ކުލާހަށް ސުވާލުތައް އަމާޒު ކުރެއްވިކަން ފާހަގަ ކުރެވުނެވެ. އަދި އެކުދިންގެ ޖަވާބުތަކާއި ހެދި މުދައްރިސަށް އުނދަގޫ ވެގެން އުޅުއްވިކަން އެއީ ފާހަގަ ކުރެވުނު ކަމެކެވެ. ވަކި ވަކި ކުދިންނާއި ސުވާލުތައް އަމާޒު ކުރެއްވިނަމަ މި މައްސަލަ ނުޖެހި ކުރިއަށް ދެވުނީހެވެ.

މި ފިލާވަޅު ނިންމާލީ ކުދިން ކުރި މަސއްކަތްތައް ކުލާހަށް ހުށަހަޅައިގެންނެވެ. މިއީ ފިލާވަޅު ނިންމާލުމުގައި  ބޭނުން ކުރެއްވި ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ. އެއީ ކުދިން ކުރި މަސައްކަތުގެ ފެންވަރާއި މިންވަރު ވެސް މި ގޮތުން ދެނެގަނެވޭނެތީ އެވެ.  މަސައްކަތް ހުށަހެޅި އިރު ފާހަގަ ކުރެވުނު ކަމަކީ މުޅި ކުލާހުގެ ސަމާލުކަން ނުހޯއްދަވާ ހުށަހެޅުއްވުމެވެ. ކުލާހުގެ ހުރިހާކުދިންގެ ސަމާލުކަން އެ ހުށަހެޅުމަށް ލިބޭފަދަގޮތަކަށް ހުށަ ހެޅުއްވި ނަމަ މި ފިލާވަޅުގެ މަޤުޞަދު ޙާޞިލު ކުރުމަށް އެޅުނު ބާރަކަށް އެކަން ވީސްކަން ކަށަވަރެވެ.

ދެވަނަ ފިލާވަޅު


ދެވަނަ ފިލާވަޅަކީ ވާހަކައެއްގައި ހިމެނޭ ބައިތައް ކިޔަވައިދެއްވުމަށް ރާއްވަވާފައިވާ ފިލާވަޅެކެވެ. ފިލާވަޅު ފެށުމުގެ ގޮތުން ވާހަކައެއްގައި ހިމެނޭ ބައިތަކާއި ބެހޭގޮތުން ކުދިންނާއި ސުވާލު ކުރެއްވި އެވެ. އޭގެ ބަދަލުގައި ވާހަކައެއްގެ ފެށުމަކުން ފިލާވަޅު ފެއްޓެވި ނަމަ ކުދިންގެ ޝަވްޤުވެރިކަން މި ފިލާވަޅަށް ލިބުނުލެއް ބޮޑުވީސްކަން ޔަޤީނެވެ.

މި ފިލާވަޅު ނިންމާލެއްވީ ވާހަކައިގާ ހިމެނޭ ބައިތައް ކުދިންނަށް ކިޔައިދެއްވާ އޮޅުންފިލުވައި ދެއްވުމަށް  ފަހުގަ އެވެ. މި ނިންމުން މި ގޮތަށް ގެންނެވުމުން ފިލާވަޅުގެ މަޤްޞަދު ޙާޞިލުވިތޯ ބަލާނެ މިންގަނޑެއް މުދައްރިސަށް ގެންގުޅެވިފައި ނެތްކަން ފާހަގަ ކުރެވުނެވެ. މި ފަދަ ފިލާވަޅެއްގައި މަޤުޞަދު ޙާޞިލުވިތޯ ބެލުމަށް ކުދިންނާއި ސުވާލު ކުރުން މުހިންމެވެ. ކުދިންގެ ޖަވާބުތަކަށް ބަލައި އިތުރަށް އޮޅުންފިލުވައި ދޭން ޖެހޭތޯ ނުވަތަ ނޫންތޯ ޔަޤީން ކުރުމަށްޓަކަ އެވެ. އޭގެ ބަދަލުގައި ކުރެއްވި މުޅިކުލާހަށް އަމާޒުކުރައްވައި އެނގުނު ކުދިން އަތްމައްޗަށް ނެގުމަށް އެދިލެއްވުމުން ހުރިހާކުދިން ވެސް އަތްމައްޗަށް ނެގިކަން ފާހަގަ ކުރެވުނެވެ. މި ގޮތަށް ކަންތައް ކުރުމުން އެއްވެސް އެއްޗެއް ނޭނގޭ ކުދިން ވެސް އަތްމައްޗަށް ނަގާނެ އެވެ މިއީ ތަޖުރިބާއިން އަޅުގަނޑަށް އެނގިފައިވާ ކަމެކެވެ.

ބޭނުންކުރި އުނގެނުމާއި އުނގަންނައި ދިނުމުގެ ވަސީލަތްތައް


- މިދެ ފިލާވަޅުގައިވެސް އުނގެނުމާއި އުނގަންނައިދިނުމުގެ ވަޞީލަތެއްގެގޮތުގައި ބޭނުންކުރެއްވީ ބޯޑާއި ޗޯކެވެ. ދެން ދަރިވަރުންގެ ތަމްރީނު ހަދާފޮތެވެ. މީގެ އިތުރުން މުދައްރިސްގެ ވާހަކަ ދެއްކުމުގެ ހުނަރެވެ.

މި ވަސީލަތްތައް ވެސް އޭގެ ހެޔޮގޮތުގައި ބޭނުންކުރައްވާފައި ނުވާކަން ފާހަގަ ކުރަމެވެ. މިސާލަކަށް : މުދައްރިސް ބޯޑުގައި ލިޔުއްވީ ވަރަށް އަވަސްއަވަހަށް ވަރަށް ހުތުރު ކޮށެވެ. އޭގެ ސަބަބުން ކުދިން ލިޔާލިޔުންތަކުން ވެސް މިފަދައިން ފަރުވާކުޑަ ކުރުމުގެ ގޮތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މުދައްރިސުންގެ ގޮތްތައް ދަރިވަރުން ކޮޕީ ކުރާނެތީ އެވެ.

ހަމަ އެފަދައިން ސުވާލު ކުރެއްވުމުގައި ވަކިވަކި ކުދިންގެ ނަމުން ގޮވާލެއްވުމަށްފަހު ސުވާލު ކުރެއްވިނަމަ ކުދިންގެ ސަމާލުކަން ފިލާވަޅަށް ބޮޑަށް ލިބުނީހެވެ. އަދި ކުދިންނަށް ލިބޭ ހިތްހަމަޖެހުން ވެސް ބޮޑުވާނެ އެވެ. ސަބަބަކީ ކުއްޖާގެ ނަމުން މުޚާޠަބު ކުރުމަކީ އޭނާ އުފާވާނެ ކަމަކަށް ވާނެތީ އެވެ.

އެ އުސުކޫލަކީ ވަސީލަތްތަތައް ލިބެންހުރި ތަނަކަށް ވީހިނދު އެފަދަ ވަސީލަތްތަކުގެ ބޭނުން މުދައްރިސުން ނުކުރައްވަނީ ކީއްވެބާވައޭ ހިތަށް އެރި އެވެ. މީގެ ޖަވާބެއްގެ ގޮތުގައި އަޅުގަނޑަށް ދެވޭނެ ޖަވާބަކީ މުދައްރިސުން ފިލާވަޅުތަކަށް އެކަށިގެންވާ މިންވަރަކަށް ޝައުޤު ވެރިކަން ނުދެއްވަނީ އެވެ.


(ރ) ދިރި އުޅުމުގައި ތިމާއަށް ދިމާވާ ކޮންމެކަމަކުން ވެސް ތަފާތު ތަޖުރިބާތައް ކުރެވޭނެ އެވެ. އެ ތަޖުރިބާތަކުން ޢިބުރަތް ޙާޞިލުކޮށް ކުރިމަގަށް ރޭވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ކިޔަވައިދިނުމުގެ ތަޖުރިބާގެ ދުވަސްވަރު ވެސް ތަފާތުއެތައް ތަޖުރިބާތަކެއް ޙާޞިލު ކުރެވުނެވެ. އެތަޖުރިބާ ތަކުގެ ތެރޭގައި  ކިޔަވައިދިނުން އިޞްލާޙުކޮށް ރަނގަޅު ކުރުމަށް މަގުފަހިވާގޮތަށް ލިބުނު ތަޖުރިބާތައް ވެސް ހިމެނެ އެވެ.

އަޅުގަނޑުގެ މާސްޓަރ ޓީޗަރުގެ ކިޔަވައި ދެއްވުމުގައި އޭނާގެ ކިބައިން ހިތްހަމަޖެހޭމިންވަރަކަށް ރަނގަޅުކަންތައްތަކެއް ފާހަގަ ކުރެވިފައި ނެތްނަމަ ވެސް ހިތްހަމަ ނުޖެހޭގޮތްގޮތަށް ދިޔަކަންތައްތަކުން ވެސް ތަފާތު ތަޖުރިބާތަކެއް ޙާޞިލު ކުރެވުނެވެ.

މާސްޓަރ ޓީޗަރު އޭނާގެ ފިލާވަޅުތަކަށް އެކަށީގެނަވާ މިންވަރަކަށް ތައްޔާރެއް ނުވެ އެވެ. ކުދިންގެ ސުވާލުތަކަށް އެ ކުދިން ހިތްހަމަޖެހޭފަދަ ގޮތަކަށް ޖަވާބެއް ނުދެއްވަ އެވެ. ކުދިންނާއި މުޚާޠަބު ކުރެއްވުމުގައި ހަރުކަށިކަން ބޭނުންކުރެއްވީ އޭގެ ނިހާޔަތުގެ ދަރަޖަ އަށެވެ. (މިސާލަކަށް : ކުއްޖަކު ފެންބޯން ފޮނުވާށޭ ބުނުމުން މުދައްރިސް ބުނުއްވީ މިއޮއް ހުރިހާ އިރު ފިލާވަޅު ނަހަދާ އިނދެފަ ފެންބޯކަށެއް ނުދެވޭނެ އެވެ. އެއާއި ވިއްދައިގެން ކުއްޖާގެ ކިބައިން ވެސް އިވުނީ އެފަދަ ހަރުކަށި ރައްދު ދިނުމެކެވެ." ކަލޭ ނުފޮނުވިޔަސް ދާނަމެވެ" އެއާއިއެކު މުދައްރިސް ބުނުއްވީ "ހިނގައްޖިއްޔާ ނިމުނީ އެވެ. ދުވަހަކުވެސް ދިވެހިގަޑިއަށް ކުލާހަކަށް ނުވައްދާނަމެވެ." މިހާ ހިސާބުން ކުއްޖާ ކޮޅަށް ތެދުވެ މުދައްރިސާއި ދިމާއަށް އަތް އެއްލާފައި ބުނީ "ކަލެއާހެދި  މަށަކަށް ކިޔެވޭ ވަރެއް ނޫނޭ! ކިޔަވާ ހިތެއް  ވެސް ނުވެޔޭ! ނުވެސް ކިޔަވާނަމޭ! ސަސްޕެންޑު ކުރިޔަސް ހެވޭ!" މިހެންނެވެ.)

ކުދިންނާއި މުޢާމަލާތު ކުރުމުގައި ހަރުކަށިކަން ބޭނުންކުރުން ރަނގަޅު ނޫންކަން މި މިސާލުން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ އެވެ. އަދި ކުދިންނަކީ އެ ކުދިންނާމެދު ހަރުކަށިކޮށް ކަންތައް ކުރާނަމަ ހަރުކަށިކަން އިޚުތިޔާރު ކުރާނެ ބައެއްކަން ވެސް އެނގިގެން ހިނގައްޖެ އެވެ. އެހެންކަމުން މުދައްރިސް ވާންޖެހޭނީ ކުދިންގެ އިޙުސާސްތައް ދަންނަ ކުދިންގެ ބޭނުންތަކަށް އިޙުތިރާމް ކުރާ މީހަކަށެވެ. އެހެންނޫނީ އެ ކުދިން މުދައްރިސަށް އިޙުތިރާމް ނުކުރާނެކަން މިތަޖުރިބާއިން ވަރަށްބޮޑަށް އެނގި ކަށަވަރު ވެއްޖެ އެވެ.

ކިޔަވައިދޭ މުދައްރިސް ވާން ޖެހޭނީ ކިޔަވައިދޭ މާއްދާ އަށް ޝައުޤުވެރިވާ އެ މާއްދާ ކިޔަވައި ދިނުމަށް ޝައުޤުވެރިކަމާއި އެކު މަސައްކަތްކުރާ މީހަކަށެވެ. ކާމިޔާބު މުދައްރިސަކަށް ވެވޭނީ އޭރުންނެވެ. އަޅުގަނޑުގެ މާސްޓަރ ޓީޗަރާމެދު ކުދިން ހިތްހަމަ ނުޖެހޭ މައިގަނޑު ދެކަމެއް ވާކަން ފާހަގަ ކުރެވުނެވެ.

ފުރަތަމަ ކަމަކީ ފިލާވަޅަށް ތައްޔާރުނުވެ ކިޔަވައި ދެއްވުމެވެ. އޭގެ ސަބަބުން ކުދިންނަށް ކިޔަވައިދޭން ބޭނުންވާ އެއްޗެއް ކިޔަވައިދިނުމުގައި ދަތިކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އެކަމަކާބެހޭގޮތުން ކިތަންމެ ވަރަކަށް މަޢުލޫމާތު ލިބި ހުރިކަމުގައިވިޔަސް ތައްޔާރު ނުވެ ކުލާހަށް ދިއުމުން  އެންމެ އެކަށީގެންވާ ގޮތުގައި އެ މަޢުލޫމާތުތައް ކުދިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ވަރަށްބޮޑެތި ދަތި ތަކަކާއި ކުރިމަތިލާން ޖެހިދާނެކަން އޮބްޒާބްކުރި ފިލާވަޅުތަކުން އެނގުނެވެ.  ދެވަނަ ކަމަކީ މާބޮޑަށް ހަރުކަށި ވުމެވެ. ކުދިންނަކީ އެކުދިންނާ މުޢާމަލާތު ކުރެވޭ ގޮތްތަކުގެ ސަބަބުން އުޅުން ގޯސްވެ އުޅުން ރަނގަޅުވާ ބަޔެކެވެ. އަޅުގަނޑު އޮބްޒާވްކުރި ފިލާވަޅުތަކުން މި ކަންތައްތައް ކޮންމެ ވެސް ވަރަކަށް ފެނުނެވެ. މުދައްރިސް ހަރުކަށިކޮށް ކަންތައް ކުރައްވާ ގަޑިތަކުގައި ކުދިންގެ މަސައްކަތުގެ ރޭޓު ދަށެވެ. އަދި އޯގާވެރި ކޮށް ކުދިންނާއި ގުޅިގެން ގެންދެވި ގަޑިތަކުގައި ކުދިންގެ ބައިވެރިވުން ބޮޑު ކަމަށް ވެސް ފާހަގަ ކުރެވުނެވެ.  އެހެންކަމުން މި ތަޖުރިބާގެ އަލީގައި މި ދެކަންތަކަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަކީ އަޅުގަނޑުގެ ކިޔަވައި ދިނުމުގައި ކުރަން ޚިޔާލު ކުރާ ދެ ކަމެވެ.
----------------------
   (ނިމުނީ)

މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް އާދަމް ޝަރީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:   ''        ''


އިދާރާ

ވާހަކަ