އަދުގެ ޚާއްސަ

Print

އަނދިރިކަމުން އަލިކަމަށް (ރަންނަމާރި ހާދިސާ)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ނޯޓު؛
  މިއީ 2007ވަނަ އަހަރުގެ މިނިވަންދުވަހު އެމް. އެން. ޑީ. އެފް ގެ ފަރާތުން ތައްޔާރު ކުރެއްވި މިޔުޒިކީ ތަމްސީލުގެ ޅެމާއި އޭގެ އެކުލަވައިލުމެވެ. މި ތަމްސީލު ބިނާވެގެންވަނީ ދިވެހިރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބުނު ގޮތުގެ މައްޗަށެވެ.

އާދަމް ނަޞީރު އިބްރާހީމް (2007)

ތަޢާރުފު:


މި އައިޓަމް ބިނާވެފައިވާނީ، ދިވެހި ރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުނު ގޮތްކަމަށް، ނުވަތަ ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ސަބަބުކަމަށް ޒަމާނުއްސުރެ ދިވެހިންގެ ދޫދޫމަތިން އިވެމުން އައި ހާދިސާގެ މައްޗަށެވެ. ވާހަކައިގައި ކިޔާގޮތުންނަމަ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި މާލޭ ވަރުނުލާ ރާޅުގަނޑާ ދިމާ  އެއްގަމުގައި ވަރަށް ބޮޑު ބުދު ފައްޅިއެއް ހުއްޓެވެ. އެ ފައްޅިޔަށް ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ ޒުވާން އަންހެން ކުއްޖަކު ގެންދަންޖެހެ އެވެ.  އެއީ ދިވެހިން ކާން ވެގެން ކަނޑުން ފުރޭތައެއް އަރާތީ އެވެ. މި ފުރޭތަޔަށް ދިވެހިން ކިޔާ އުޅުނީ ރަންނަމާރި އެވެ. ރަންނަމާރިޔަށް އެ ގޮތަށް ކުއްޖަކު ދިނުމުން އެހެން ރައްޔިތުން އެ ސޮރުގެ އަނިޔާވެރިކަމުން ސަލާމަތްވާކަމަށްވެ އެވެ. ފައްޅިޔަށް ގެންދެވޭ ކުއްޖާ، އިރު އަރާ އިރު އޮންނަނީ މަރުވެފަ އެވެ. މިއީ ކިހިނެއްވާ ކަމެއްކަމެއް ނޭނގެޔޯލަ އެވެ. ސާފު ތާރީޚެއް ލިބެންނެތް މި ހާދިސާ އެމް އެން ޑީ އެފްގެ ފަރާތުން  މި ދައްކައި ދެނީ  މިވަނީ މި އަސާސުގެ މައްޗަށް ބިނާކޮށެވެ.  ނަމަވެސް ތާރީޚީ އާ ހޯދުންތަކަށް އިސްކަންދީގެން އެ ހާދިސާގެ މައްޗަށް ޚިޔާލީ ތަޞައްވުރެއް ގެނެސްގެނެވެ.  ޒަމާނީ އުފެއްދުންތެރި ކަންވެސް ހިމަނައިގެންނެވެ. މި އައިޓަމުގައި ހާދިސާ ފެށިގެން މި ދަނީ، ކަނޑު އަޑީގައި ދިރިއުޅޭ ފިރުޢައުނު މުދާ ފަދަ ބައެއް ދިރުންތައް އެ ރެޔާމެދު ކުރާ ކަމަށް ދައްކައިދޭ ޚިޔާލުތަކަކާއި އެ ސޮރުމެން ދައްކާ ވާހަކަ ތަކެއްގެ ތެރޭންނެވެ. މި ތަމްސީލުގެ ނަމެއްކަމަށް އަޅުގަނޑު ކަނޑައަޅާފައި މިވަނީ ''އަނދިރިކަމުން އަލިކަމަށް'' މި ނަމެވެ.
 

ފުރަތަމަ މަންޒަރު:    


 މި މަންޒަރުގައި ފެންނާނީ،  ދެ ކަނޑު އަސް، ކަނޑުއަޑީގައި ވާހަކަ ދައްކާ ތަނެވެ. އެ ސޮރުމެން ވާހަކަ ދައްކާނީ، އެރޭ ކަނޑު އަޑީގެ ޙަރަކާތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުންނެވެ.

ސ. މިވަނީ ފަހެ ކޮންގޮތެއްތަ     ވައިވެސް މާ ބާރު ދޮއްތަ
   މުޅި ކަނޑުގާ ކިލަނބުހިނގާ   ހުޅި ރާޅުގެ  އުފުލިނަގާ
   މީ ފަހެ  ކޮންފަދަ ރެޔެއްތަ؟  މީ ފަހެ ކޮންފަދަ ކަމެއްތަ؟

  އޮއިވަރު ހަލުވަން ފަށައިފި،     ދިޔަވަރު ގުޑުވަންފަށައިފި،
  ވަވޮޔާ އުދޮޔާ އޮޅިއްޖެ        ހަވަޔާ ބަހުރާ  ގުޅިއްޖެ
  ރެދަން ލަމުން ކަނޑު ދިލިއްޖެ   މި ދަންވަރަށް ބިރު  ހިލިއްޖެ

  ކަނޑުއަޑި ކެކިގެން އަރައްޖެ،   ގަނޑު އަޅިކުލަ އެކުލެވިއްޖެ،
  ކަނޑު އެންދެރިތައް ލުހިއްޖެ،   ބަނޑުފުށް އުއްޑުން ޖެހިއްޖެ، 
 
   ބިރުވެރި ޚަލަލެއް ހިނގައިފި،  އިރު އުދަރެސް ދަށު ފިލައިފި،
   މިރި ގޮބޮޅިން ރުއްފަޅައިފި،   ހިރި މުރަކައިން ލަވަ ފަށައިފި، 
  
ޖ. މީ ހަނދު މަހު ބާރަ ތޭރަ     ފޮއި މެދުވާ  ސާދަ ފަނަރަ
   މީ ރެޔަކީ އަންނަ ހޭރި       މީހުން ބިރުގަންނަ ބޭރި
    ހީވޭ ވާހެންމި ކައިރި       މީހުންކާ   ރަންނަމާރި

ސ: އަންގައިފޫ އަންގައިފޫ      މުދުނަށް ލޯ އަރުވައިފޫ
   ފާއިތުވީ މަހުވީގޮތް،       ވިސްނި ވަރަށް ބިރުގެންފޫ  
   ހަނދުމަތަކެއް އައުކޮށްފޫ     މޭ   ގުޑުގުޑު އަޅުވައިފޫ

   ދަތުރު ފަތުރު ކިހިނަކުންތަ؟   ހުރިހާ ރަށަކަށް އަރާތަ؟
    އުރަފަށް ހޭފަށް ބަލާތަ؟     ފަރު ފަޅު ވިލުތައް ބަލާތަ؟
    މަސްތައް ކައި ހުސްކުރޭތަ؟  ލަސްކަރު އެކުގައި އޮވޭތަ؟

    ޖ. ބޮޑުކޮށް ލަސްކަރު އުޅޭނެ،   ގޮނޑުކޮށް އެއްގަން ހިފާނެ،
       ބޮޑު މީހަކު ނޫން ނުކާނެ،    ކަޑަބޮއްޖަހަމުން ދުވާނެ،
       ބަނޑުތައް ކައިކައިފުރާނެ،    އަޑުފައްގަނޑު ގަދަކުރާނެ،
    
   ސ.  މި ކަނޑުމިއީ ކޮންކަނޑެއްތަ؟ ރަންނަކަލޯ ދާކަނޑެއްތަ؟
        މި ފަހަރު ވެސް މާލެޔަށްތަ؟  ނޫނީ ކޮންރަށް ރަށެއްތަ؟

     ޖ.  މާ ބުދު ކޯލުގެ ވެރިރަށް،      މާލެ ދުލެއް ނުކުރާނޭ
         މާ ބޮޑު ގުރުބާނެއް އޭ،       މާލެ ދުލެއް ނުކުރާނޭ
         މާކަނޑު ރަސް ވޮޑިގަންނާން،   މާލެ ދުލެއް ނުކުރާނޭ

    ސުއްކަތުރާ ކުޑަކުރާނެ،   ހަނިކަނޑު ބޯދީ    ބަލާނެ،
    ފުރަމާލޭ މަލަ ބަލާނެ،    ދެބަނޑޮސް ދެމެދުން ހިނގާނެ،
    މާގާ ފަސްދީ އަރާނެ،     މާލޭ ތޮއްޓަށް އަރާނެ،

    ރާޅުގަނޑަށް ވަރުނުލާ،    ވާޅުވެ ނޭވާ ނުލާ،
    ދާނެ ދިމާކޮށް ބަލާ،      ކާލަން ކަށްޓާ ބޮލާ،

   ކާނީ އަންހެން ކުދިން،      ޅަފުރާ  އަންހެން ކުދިން،
   ޅަޒުވާން އުމުރުގެ ކުދިން،   ފަނަ ސަދަ ސޯޅައި  ކުދިން،

   އީދެއް ފަދައިން އުޅޭނެ،   ހީނހީނ ސަކަރާތްޖަހާނެ،
   ވީދައިގެން ކައި ހަދާނެ،   މީހުންތައް  ތެޅި ފޮޅޭނެ، 
     -----------------------------------------

ދެވަނަ މަންޒަރު:

މި ހިސާބުން ފެންނާނީ ކަނޑުއަޑީގެ ދިރުންތައް މި ލަވަކިޔަމުން، ބިރުން ދުވާމަންޒަރެވެ.

އަރާނެޔޯ އަރާނެޔޯ    ރަންނަ ކަލޯ އަރާނެޔޯ 
މިރޭ މިރޭ އަރާނެޔޯ   މާލެ މަތިން  އަރާނެޔޯ (2)

ރޯދި މިރޭ ބޮޑުވާނޭ،  ރޯދަ މިރޭ   ވީއްލޭނޭ
އަރާނެޔޯ އަރާނެޔޯ،   ރަންނަމާރި  އަރާނެޔޯ (2)

ހަނދުވަރުމާ ރީތިރެޔެއް، ކަނޑު އަޑި އޮއިބާރު ރެޔެއް،
އަރާނެޔޯ  އަރާނެޔޯ      ރަންނަ މާރި އަރާނެޔޯ، (2)

ކަނޑުކުދިމަސް މަމެންކާން، ކަނޑުލޮނުފެން މަމެންބޯން،
ބަނޑުބޮޑުކޮށް ރޮލުންކާން،  ރަންނަމާރި އަރާނެޔޯ، (2)
    ----------------------------------


  ތިންވަނަ މަންޒަރު:


މި މަންޒަރުގައި ފެންނާނީ، ރަދުންގެ ފަރާތުން ގޮވާލައްވާ ބޭކަލަކު ނިކުމެ ރައްޔިތުންނަށް ފަތްތޫރަ ހިންގަވާތަނެވެ. ރައްޔިތުން އަމަލު ކުރަންވީ ގޮތް މި ވިދާޅު ބަސްފުޅުގައި ބަޔާން ވެގެންދާނެ އެވެ

ފަހެ މި ދީބުގެ އެންމެތަކުން ދަނެއު: މި އިއްވަނީ މުޅި ބަވަނައިގެ މައްޗަށް މަތިވެރިވެގެންވި، މާތް ރަދުންގެ ވިދާޅު ބަސްފުޅުކަން ދަންނަހުށި. ރަށު އެންމެހާ އަޅުތަކުންގެ ކަންފަތްތައް  ފިސާރި ތޫނުކަމާއެކު މި ބަސްފުޅު އަހައި ކިޔަމަންގަތުމުގެ މައްޗަށް ހުޅުވާފައި ބަހައްޓާހުށި.

ފަހެ: އަހުރެންގެ އަޅުތަކުންނަށް ބަހެއް. މާދަމާ ރެޔަކީ، ފޮއިވިލޭރޭ  ކަމަށްވުމާއެކު، ޒާމާނުއްސުރެ މި ރާއްޖޭގެ ފުރަމާލޭގެ މައްޗަށް ފާވެގަނެގެން އުޅޭ ޖިންނި ސައިތާނުގެ އުނދަގޫ މާދަމާރޭ މި އެންމެ ތަކުންގެ މައްޗަށް ފޮށޭނެކަމާއި ހުރެ ފަހެ މާދަމާރޭ ފައްޅިޔަށް ގުރުބާންކުރަން ގެންދަން ފަނަރަ ސޯޅަ އަހަރުގެ ޅަނބާޅަ އަންހެން ކުއްޖަކު ގުރުއަތުން ހޮވާހުށި. އަދި އާދަކާދަޔަށް ފުށުއެރުމެއް ނުވާގޮތުގެ މަތީން، އެހެންޏާވެސް ކަންކުރާމަގުން ފަރުވާވެތިބެގެން މިކަން ކުރުމަށް ތިޔަ އެންމެތަކުންނަށް އަހުރެންގެ ހިރިޔާފާތުރާދަށުން ގަދަ އަމުރުކުޅަކަން ހަނދުމަކޮށް ހިތާ ދުލުން، ބޮލާ ކަނދުރާއިން، މި ބަސް އަހައި ކިޔަމަން ގަންނަހުށި. މި އަމުރާ ޚިލާފުވެގަތް އަޅަކަން އަހުރެންގެ ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަމުގެ ތޫނުކަން އެއްވެސް ލަހެއް ފަހެއް ނެތި ފެންނާނެ ކަން ހަނދާން ކުރާހުށި.  

                                                                            ދިވެހި ރާއްޖޭގެ ރާޖާ
                                                                          ދަރުމަޝް މަހާ ކަލަމިންޖާ ކަލޯ 

ހަތަރުވަނަ މަންޒަރު: 

މި ތަނުގައި ފެންނާނީ މާލޭގެ ރަށުތެރޭގެ މަންޒަރެވެ. ދުވާލުގެ ވަގުތެއްގައި ފުރާވަރު ކުދިންކޮޅެއް އިސަނަ ބިސަނަ ކުޅެން ތިއްބަ އެވެ. އެކުދިން ކިޔާނީ ތިރީގައި މިވާ ލަވަ އެވެ.


އިސަނަ ބިސަނަ ގަހަކު ބިސަނަ މެދުއިންފޯ ދާލަކުދިން ކަނަމަނަސާ ފަހުންސަޑާ ނޫކަށިމަސް ލަނޑޫ މަސް ލަނޑާ..

ވައިކޮޅުފަހި،  އުޑުމަތި އަލި، ދޮންވެލިހުދު، މިތުރުންގިނަ، އުފަލުން ހީނ މަޖާކުރާނީ!

ދެން ފެންނާނީ މަންޒަރުގައި ފެންނާނީ، ގުރުއަތުން ކުއްޖަކު ހޮވުމާއި އެކަމުގެ ހިތާމަ އެވެ. އެކަމާ ހިތާމަ ކުރާމަންޒަރެވެ.

ޝިރްމާ: އަމޯ!  އަފުރެން ފައްޅިޔަށް ދާން ހޮއްވިއްޖެ. ބުދުކޯލަށް ދާން ޖެހިއްޖެ. އަމޯ!  މާދަމާ ތުފުރެމެންނަށް ފެންނާނީ އަހަންގެ ފުރާނަ ނެތް މަސްގަނޑު. އަމޯ! އަފުރެން މިންޖު ކޮށްދެގަ. ބަފޯގާތު ބުނެގަ.

ޝަންރާ:  އަފުންގެ ދަރި މަރު ކައިރިޔަށް ދާންޖެހުނީ. މަރު އައިސް މަގޭ ދަރި ކާލަނީ. އަފުންނެއްވާ ނެތޯލަ. އޭ މީސްތަކުންނޭ! މަށަކުވާ ނެތޯލަ.  މަގޭ ޝިރްމާ މިރޭ ކަށިހަފާ ކާލާނެ! އައްދެއްޔޯތް! ދަރި މަޑު ކުރެގަ. އަމޯ ހިނގައިދާނަން.

ޝިރްމާ: ނޯން. ނޯނޭ. އަމޯ.  އަމޯ މާ މުސްކުޅި. ރަންނަ މާރިޔަށް މުސްކުޅިންގެ މަސް މީރެއް ނުވާނެ.

      އަމޯ. ރަދުންގެ ވިދާޅު ބަސްފުޅަށް ޖެހޭނީ ކަނދުރާ ލަންބަން. އެކަމަކު.. އަފުރެން އަދި މި ދުނިޔޭން
      ދާހިތެއް ނުވޭ..

ސަންދާރު: ދަންދާރުބޭ!  އަފުންގެ ފުރާނަ މިހާރު ވެސް ހަށިގަނޑަކު ނެތް. ރަންނަމާރި މިރޭ އަފުންގެ ލޭފޮދު
       ބޯލާނެ. މީ ކިހާ ބޮޑު އާފާތެއް. ކޮންމެ މައްސަރަކު،  އަފުން އުމުރުގެ ހޯއްދުންހެޔޮ ޒުވާން 
       ކުއްޖަކު، އެބަ ކަށްވަޅަށް ދުއްވާލާ....

ސަންދާރު:  އަފުރެންގެ ކޮއްކޯ.. ކޮއްކޯ... ބޭބެގެ ކޮއްކޯ.. މިރޭ މީ ރަންނަމާރި އަރާ ރޭ ދޮތަ؟ އަސްތާދިނާ!
        ބޭބެގެ ފުރާނައިގެ އެއްބައި ކޮއްކޯ ތިޔައީ... އަސްތާ...

               ---------------------------

ފަސްވަނަ މަންޒަރު


 މި މަންޒަރުގައި ފެންނާނީ، ޝިރްމާ ނަލަ ހައްދާ މަންޒަރާއި، އޭނާ ފައްޅިޔަށް ގެންދާތަނާއި، މޫދު އަޑީގައި ހިނގައިދާ ކަންތައް ތަކެވެ.
 ފިރުއައުނު މުދާ ތަކުގެ ހަރަކާތްތަކެވެ. މި ތާނގައި ކިޔާނީ ތިރީގައި މިވާ ލަވަކޮޅެވެ.

ބަނގަ ބަނގަ ޑާ.. ބަނގަ ބަނގަ ޑާ..
ޑަންޑަން ޑަން ޑަން ބަނގަ ބަނގަ ޑާ..
މޫދާ ކަނޑުގާ ބަނގަ ބަނގަ ޑާ.. ރާޅާ އެކުގާ ބަނގަ ބަނގަ ޑާ...

ސަނދުވަރު ހަނދުވަރު ބަނގަ ބަނގަ ޑާ..  އޮއިވަރު  ދިޔަވަރު ބަނގަ ބަނގަ ޑާ...
ކުޅިވަރު  ހުރިވަރު ބަނގަ ބަނގަޑާ..     ކާވަރު ހެޔޮވަރު  ބަނގަ ބަނގަ ޑާ...
އިރުވަރު، މިދަތުރު  ބަނގަ ބަނގަ ޑާ...    ކަށިކޮޅު، މަސްކޮޅު ބަނގަ ބަނގަޑާ..    
        ----------------------------

ހަވަނަ މަންޒަރު


މި ތަނުގައި ފެންނާނީ، ރަންނަމާރި، ކަނޑުން އަރާތަނާއި، ފިރުއައުނު މުދާތައް ވިއްސިވިހާލި ވާތަނެވެ. އަދި ޝިރްމާ ކާލާ ތަނާއި، އެދެމެދުގައި ހިނގާ ހަރަކާތްތަކެވެ.

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ވާހަކަ ޔަކީ އެ ދުވަސްވަރު ބުދުދީނުން އިސްލާމް ދީނަށް ބަދަލުވި މި ސަރަހައްދުގެ އެހެނިހެން ގައުމު ތަކުގައިވެސް އޮތް ވާހަކައެކެވެ. ބައެއް ބޭފުޅުން ދިރާސާގެ މައްޗަށް ބުރަވެ ވިދާޅުވަނީ، މި ހިނގާ ހިތާމަވެރި ހާދިސާ، ހަގީގަތުގައި ނިސްބަތްވަނީ އެ ފައްޅިތަކުގައި ތިބޭ ހާމުދުރުންނަށްކަމަށެވެ. މިއީ އާދަކާދަ އެއްގެ ގޮތުން ސިއްރިއްޔާތުގައި   އެ ބަމީހުން ހިންގަމުން އައި ހީލަތްތެރި ލާއިންސާނީ ވަޙްޝީ އަމަލެއްކަމަށެވެ.
                                                -----------------------------------  

7 ވަނަ މަންޒަރު


 މި މަންޒަރުގައި ފެންނާނީ އަބޫބަރަކާތު ދޯންނިކޮޅެއްގައި ފައިބައި ވަޑައިގަންނަވާތަނެވެ. އަދި ފައްޅިތަކުގެ އަޅުކަންތަކާއި މީސްތަކުންގެ މޮޔަ އަމަލުތައް ބައްލަވާ ލައްވާތަނެވެ. އޭރުން އިވެމުންދާނީ ތިރީގައިވާ ބައިތުތަކެވެ. އެއީ އެ އެކަލޭގެފާނުގެ ހިތްޕުޅުގެ އަޑެވެ.


ލޮލާއި ހިތާއި މުޅި  ހަށިގަނޑު ގަލާ  އުވައިން  ހަދާފައިވާ 
             ބިލާހެއް ފަދަ  އަގެއް ނެތްދެރަ  އިލާހުންތައް ކިހާ ހެއްވާ

ތަނެއް ނުފެނޭ، އަޑެއް ނުއިވޭ، ވަހެއްގެ އަރާމު ވެސް ނޭނގޭ
             ކަލެއްގެ މަގާމު  ދޭނީ ކާކުހޭ ހެޔޮ   ވިސްނުމެއް ލިބިވާ 

ގަލާ ހިލަޔަށް މިތިބަ އެންމެން މި ހެން އަޅުވެތިވެފައި ތިއްބަސް،
            މަލާމާތެއް ނުކޮށް ބުނެދޭން ފަށާނަން  ރަނގަޅު މަގު  އަލިވާ
 
ނުބައި ވަސްވާސްތަކާ ވަހުމާއި ހުވަފެންތަކުގެ ހީލަތުގާ، 
          ނުބައި އަނިޔާތަކެއް މީ ދޭ،    ހިތާއި    ދެލޯ އެކީ  މަރުވާ

ޙަޤީޤީ ޙައްޤު ޢާލަމްތަކުގެ މަތިވެރިވީ އީލާހުގެ މާތް
     ޙަޤީޤީ ނޫރު    ފޮނުވޭތޯ    ބަލާނަން     ސިކުނޑިތައް   ހުޅުވާ
               ---------------------------------------
އަބޫ ބަރަކާތު ޔޫސުފު ބަރުބަރީ، ގެންނެވި މިޙަރަކާތުން،
     މި  ބިން މަތިވެރިވި   އިސްލާމިއްޔަ    ނޫރަށްވީ    ދަރުމަ ކުރުވާ 


8ވަނަ މަންޒަރު:


މި ތާނގައި ފެންނާނީ އަނެއްކާވެސް  ހަނދު މަހެއްގެ 15 ވިލޭރެޔަށް ކުއްޖަކު ގުރުއަތުން ހޮވިގެން އުޅޭ މަންޒަރެވެ. ރަށުގެ އެންމެން އެކަމާ ކަންބޮޑުވެގެން އުޅޭ މަންޒަރެވެ. 


9 ވަނަ މަންޒަރު:


 އަބޫބަރަކާތު އެ ތަނަށް ޒިޔާރަތް ކުރެއްވުން... (ހުރިހާ ކަނޑު ހައިވާނު ހިމޭންވުން... ރުއިމާ ހިތާމައިގެ އަޑުގަދަވުން)

އަބޫ: ކިހިނެއް ވެގެން މި އުޅެނީ... ރޮނީ ކޮންކަމަކާ؟

ގޮއްޔެ: އަފުރެން މާކަނޑު ސަމަންދަރު ދޭވަތާއިންގެ މިރޭގެ ފަރީއްކޮޅަށް ދާންޖެހުނީ..

އަބޫ:  ދެން ކީއްވެ ރޮނީ.. އެއީ ކިހާ ބޮޑު ޝަރަފެއް؟ ކޮބާ މާކަނޑު ސަމަންދަރު ދޭވަތާއިންނަކީ...

ގޮއްޔެ: އެއީ އަފުރެމެން ކިޔަނި ގޮތުންނަމަ ރަންނަމާރި. ދޯ އަމޯ!

އަމޯ: އާނ!  އެއީ ސަމަންދަރުގެ މަހާރާޖާ. ކޮންމެ ސަނދު މައްސަރެއްގެ ފޮއިރޭ މި ފުރަ މާލޭގެމައްޗަށް ވޮޑިގަންނާ... ފަރީއްކޮޅެއްކަމުގައި ފުދެނީ، ހޯއްދުންހެޔޮ ޅަނބާޅަ އަންހެން ކުއްޖެއް. އެއީ ލޯތަކުގެ ކުރިމަތީ ދަމާލެވިފައިވާ ނުފެންނަ ޗާދަރެއްގެ ނިވަލުގައިވާ ރަންނަ ރަދުނަ. ކަނޑުތަކުގެ ރަދުން. ސަމަންދަރުތަކުގެ ރަދުނަ. ކޯފާވެއްޖެ ނަމަ އެންމެ ސުވަލަކުން މުޅި މާލޭގެ އެންމެން ވެސް ފަރީއްކުޅުވާލަފާނެ. އަޅުގަނޑުމެން ރައްކާތެރި ކޮއްދެއްގަ! ދެފައިގައި ބޮސްދޭހުށީމު!

އަބޫ: (ކުޑަކޮށް ވިސްނާލާފަ) ނޫން! ނޫން! މިރޭ ތިޔަ ފައްޅިޔަށް ދާނީ އަހުރެން. އެކޮއި މަޑުކުރޭ.

އަމޯ: އެ ރަންނަމާރި ދެޔޯ ތިޔަ ގޮތަކަށް ހިތްވެއްނުވާނެ.

އަބޫ: ނޫން! ރަނގަޅުވާނެ! މިރޭ ދާނީ ހަމަ އަހުރެން.. އަހުރެންނަށް ކެރޭނެ!

10- ވަނަ މަންޒަރު:

މި މަންޒަރުގައި ފެންނާނީ ފައްޅީގައި އަބޫބަރަކާތު އިންނަވަނި ކޮށެވެ. އޭރު ކަނޑުހައިވާނުތައް ލަވަކިޔަމުން ދުވެ މަޖާކުރާނެ އެވެ.


ބަނގަ ބަނގަ ޑާ.. ބަނގަ ބަނގަ ޑާ..
ޑަންޑަން ޑަން ޑަން ބަނގަ ބަނގަ ޑާ..
ކޮއްތު ކޮއްތު ބަނގަ ބަނގަ ޑާ..  ފޮއިމެދު ސަނދު  ބަނގަ ބަނގަ ޑާ...

ލަގޮޑި ކުރަނޑި ބަނގަ ބަނގަ ޑާ؟   ކިރުޅި ނިރުޅި ބަނގަ ބަނގަޑާ؟
މޭސުރުވާ،  ހިތު ސުރުވާ، ލޯ ސުރުވާ، ބަނގަ ބަނގަޑާ...ރަންނަކަލޯއަރާބާނި، ކައްޓާއެކު ހަފައިކާނި.

ދެން ކުއްލިޔަކަށް ފެންނާނީ ރަންނަމާރި އަރާތަނެވެ.

މި ހިސާބުން ބޯޖެހިތާ ނަގޫޖަހާފައި އެސޮރުމެން ދުއްވައިގެންފާނެ އެވެ.


11 – ވަނަ މަންޒަރު:


މި ތަނުގައި ފަންނާނީ ރަންނަމާރި އެރުމުން އަބޫ ބަރަކާތު ސޫރަތުލްފާތިޙާ ވިދާޅުވާ މަންޒަރެވެ. އަދި، އެ އަޑަށް ބިރަށް ރަންނަމާރި ފިލައިރައްކާވާ މަންޒަރެވެ.

ރަދުން: އޭ މިހުންނެވި އަރަބި ކަރައިން ވަޑައިގެން ހުންނެވި ޖާދޫގަރާ! ރޭގައި މި ގައުމުގައި މިހިނގި ކަންތައްތަކުގެ ޚަބަރު ދަބަރު ނިކަން އަހުރެންގެ މި ދަރުބާރަށް ހުށަހަޅާބަލަ! އަހުރެންގެ ނުތަނަވަސްވެފައިވާ ހިތަށް ސާފު ތެދު ޚަބަރު ދީބަލަ!

އަބޫ: އަޅުގަނޑު ޖާދޫއެއް ނުހަދަން. އަޅުގަނޑު އެތާނގައި ވާތްގަށް އެދުނީ ޢާލަމްތަކުގެވެރި ﷲގެ ޙަޟްރަތުން. އަޅުގަނޑު ރޭ ހަތަރު ދަމު އިނީ ކީރިތި ޤުރުއާން ކިޔަވަން. ނުރައްކަލެއްނެތް.

ރަދުން: ކީރިތި ޤުރުއާން؟ މާތް ﷲ!  ނުރައްކަލެއްނެތް. ކީކޭ؟

އަބޫ: އާދެ! އަޅުގަނޑު ކިޔެވި މާތް އާޔަތްތަކުގައިވަނީ  މިފަދައިން.

ރަދުން: އާނ! އާނ! އަދި ކިޔާބަލަ! އަދި ކިޔާބަލަ!

އަބޫ: ކިޔެވުންކުރިޔަށް!

ރަދުން: ތިޔަ ބަސްފުޅުތަކުގައި އެއް އަމާޒެއް އެބައޮތް. އިންސާނުންގެ މައްޗަށް ރަޙްމާ ލޯތްބާ ކުލުނު އެބަ އޮތް. އިންސާފާ ޢަދުލުވެރިކަން އެބައޮތް. ދުނިޔެއާއި އާޚިރަތް ވެސް އެބައޮތް.
އަބޫ: އާދެ! މިއީ މިވީ ގޮތަކީ.. މަނިކުފާނު ނިކަން ރަނގަޅަށް ވިސްނާވަޑައިގެން.

މަނިކުފާނުގެ އަތްޕުޅު ހެލޭ. ދޫފުޅު ހެލޭ. ބަސްފުޅު ތިޔަ ވިދާޅުވަނީ. ފިކުރުފުޅު ތިޔަ ކުރައްވަނީ.. ޙަރަކާތް ތިޔަ ކުރައްވަނީ.. ތިޔައީ މާތް އިންސާނެއް.. ތިޔަ ތަޚުތުގައި ރެނދަލި ކުރެއްވުން ފިޔަވައި އެހެން އިންސާނަކާ ހުރި ތަފާތަކީ ކޮބާ؟ އަދި މި ކަންކަމާއެކު މަނިކުފާނަށް އިތުރު ކޮށްދެއްވާފައިވާ ނިޢުމަތްތައް ބައްލަވާ! ކޮންފަރާތަކުން ކިހިނެއް އައި ކަންތައްތަކެއްތޯ އަމިއްލަ ނަފުސާ ނިކަން ސުވާލު ކުރައްވަބައްލަވާ. އެކަމަކު އަޅުގަނޑު ގަނޑު މި ރާއްޖޭން ދުށީ މާތް ﷲ މި ފަދައިން ހައްދަވައި މާތްކުރައްވާފައިވާ އިންސާނާ އޭނާގެ އަމިއްލަ އަތުން ފުށްކަށްޓާއި މާމުގުރުން ކޮށައިގެން، އުޑެއް ބުޑެއް ވަކިނުވާ  ދެލޮލާއި، އަޑެއް ބަޑެއް ނީވޭ  ދެކަންފަތާ، ވަސް ނުދުވާ ނޭފަތަކާ އެކު ފުރާނައެއް ދިރުމެއް ނުވާގޮތަށް ދެފައިވަށްކޮށް ބައިންދައިފައިވާ ބުދަކަށް އަޅުދާސްވެ މީހުންތައް މޮޔަވެފައިވާތައް. އަމިއްލަހާލަށް ހިރިނުލެވޭ އިލާހަކަށް އަދި ކިހިނެއް އެހެންމީހެއްގެ މުހުތާދެއް ފުއްދައިދެވޭނީ....

ރަދުން:  އާނ! އަރަބިންގެ ސާހިބާ! ކަލޭގެފާނު އަޅުގަނޑު މުޅި އުމުރު ދުވަހުގެ ނިދިން ހޭލައްވާލައިދެއްވައިފީމު! ހުރަގެޔަކުން ނެރެ ސުވަރުގެޔަށް ދިޔުމުގެ ނަސީބު އަތާ ހަމަޔަށް ގެނެސްދީފީމު.

އަޝްހަދު....... (ޝަހާދަތްކިޔުން)

ކޮލި:! އޭތް މި ދިވެހި ރާއްޖޭގެ އެންމެހާ މީސްތަކުންނޭވެ! ރަސްގެފާނުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައިވާ މާތް  ﷲގެ އަޅުތަކުންނޭވެ!  މި ރާއްޖޭގެ ނަޞީބަކީ މާތް ވެގެންވާ އިސްލާމްދީން! އެދީން ގޮވާލަނީ ހެޔޮވެގެންވާ ކޮންމެކަމަކަށް! ނުރުހުންވަނީ ނުބައިވެގެންވާ ކޮންމެ ކަމަކަށް! ރަންނަމާރިޔާ ކަނޑުރަސްގެފާނަ ބުއްޑެވި މުޅަދެވި ފަދަ ތަކެއްޗަކީ ބަޔަކު މީހުންގެ މަކަރާ ހީލަތް. ހިލަހިލަގަނޑާއި، ބޮޑެތި މުޑުހިރިތަކަށް ޚިދުމަތްކޮށް އެ އެއްޗެހިތައްކައިރީގައި އަޅުދާވެގެން ތިބުމުގެ ބަދު ނަސީބު ދުވަސް ފާއިތުވެއްޖެ. އަހުރެން ނުހަރު ކުލުނުވެރިކަމާއެކު، މި ގޮވާލަނީ އިލާހީ މާތްރަޙްމަތުގެ ހިޔަލުގައި އިސްލާމްދީނުގެ ނޫރުގެ އަލީގައި ތިޔަ އެންމެހާ ރައްޔިތުންގެ ދިރިއުޅުން ފަށައިގަތުމަށް. ކާފިރުކަމުގެ ހިލަތަކާ ގާތައް ސުންނާފަތިކޮށް، ﷲގެ މަގަށް އެނބުރި އައުމަށް. މި އަޑު ހަމަ އިވުނުމާއެކު ރަނގަޅަށް ވިސްނާ ފިކުރުކޮށް ހެޔޮ މަގު ގަބޫލުކުރުމަށް. މާތް ﷲ އީމާންވެ އިސްލާމަކުކަމުގައި ވެގެންނޫނީ ހަމަ އެންމެ ދިވެއްސަކުވެސް ދެން މި ފަސްގަނޑުގެ ދަށަށް ނުދިޔުމަށް!  

ނިންމުން:
           އައީ ފަތިހެއްގެ އުދަރެހުގައި ކުރެހި ރަޙްމަތުގެ ރިހި މަންޒަރު
                   މިއީ ދިވެހިންގެ އުފަލާ ހެޔޮ ނަސީބުގެ ރީތި އަލި ދަންމަރު
                                         

-------------------
(ނިމުނީ)
ފޮޓޯ ހަދިޔާކުރެއްވުން: އަލްފާޟިލް މުޙަންމަދު ޢަބްދުﷲ ޝަފީޤު

މި ލިޔުން:

 ލިޔެއެކުލަވައިލުން:   އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު/އިދާރީ ލިޔުންތެރިއެއް)
 އަލުންބެލުން:        ''         ''
 ޝާއިޢުކުރުން:       ''         ''



ހަމަމިގަލަމުން

އިދާރާ

ވާހަކަ