އަދުގެ ޚާއްސަ

Print

ދިރިދަމަހައްޓާ މެޝިން ...

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު


ދިރިދަމަހައްޓާ މެޝިން ... އޭގެ ޙަޤީޤަތާއި ޙުކުމް

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

1-    ދިރިދެމެހެއްޓުމުގެ މަފްހޫމު:


ބޭސްވެރިކަމުގެ ދާއިރާގައި  ދިރިދެމެހެއްޓުމޭ ބުނުމުން އޭގެ މާނައަކީ ޑަކްޓަރަކު ނުވަތަ ޑަކްޓަރުންގެ ޖަމާޢަތަކުން ބަލިމީހެއްގެ ޙަޔާތާބެހޭ ގުނަވަންތަކަށް، އޭގެ ވަޒީފާތައް(ނުވަތަ މަސައްކަތްތައް) އަދާކުރުމުގައި އެހީވެދިނުމަށްޓަކައިދޭ ޚާއްޞަފަރުވާއެވެ. ނުވަތަ އެއީ މަސައްކަތްނުކުރާ ބައެއްގުނަވަންތަކުގެ ބަދަލުގައި އެހެން ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ގުނަވަންތަކުގެ މަސައްކަތްތައް ކުރުވުމަށްޓަކައި ދޭ ފަރުވާ އެވެ.

ދިރިހުރުމަށްޓަކައި އިންސާނާއަށް ބޭނުންވާ އަސާސީ ގުނަވަންތަކަކީ: ސިކުޑިއާއި ހިތާއި ފުއްޕާމެއާއި ގުރުދާއާއި ލެ އެވެ.
އެހެންކަމުން، ދިރިދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ޙަޤީޤަތަކީ ބަލިވެއޮތްމީހާ ރަނގަޅަށް ނޭވާލެއްވުމަށާއި، އޭނާގެ ހިތްމަސައްކަތްކުރުވުމަށާއި، ސިކުނޑި މަސައްކަތްކުރުވުމަށްޓަކައި ބޭނުންވާ ގޮތްތައް ހަދައިދިނުމަށް ޑަކްޓަރު ކުރާ މަސައްކަތެވެ. ތަފާތު މެޝިންތަކާއި ބޭސްތައް ބޭނުންކޮށްގެން އޭނާގެ ޠަބީޢީ ޙާލަތަށް، ނުވަތަ ކިރިޔާ ދިރިއުޅެވޭވަރަށް ނުވަތަ ކުރިއަށްވުރެ ވެސް ރަނގަޅުޙާލަތަކަށް ބަލިމީހާ ގެންދެވޭތޯ ފަރުވާދިނުމެވެ.

2-    ދިރިދަމަހައްޓާ މެޝިން: މިބާވަތުގެ މެޝިންތަކުގެ ތެރޭގައި ހިމެނެނީ :


 (ހ) ނޭވައިލެއްވުމަށްޓަކައި ނުވަތަ ނޭވައިލުން ރަނގަޅުކުރުމަށްޓަކައި ބޭނުންކުރާ ވެންޓިލޭޓަރ : މި މެޝިންބޭނުންކުރަނީ ބަލިމީހާ ނޭވައިލުން ހުއްޓުމުން ނުވަތަ ނޭވައިލުން ހުއްޓެމުންދާތީ ނޭވައިލުމަށް އެހީތެރިވުމަށްޓަކަ އެވެ. މުޅިހަށިގަނޑު ހޭނައްތަންޖެހޭ ބޮޑެތި އޮޕަރޭޝަންތައް ކުރާ އިރު ވެންޓިލޭޓަރުގެ ބޭނުން ކުރެވެ އެވެ.

  (ށ)  ޕޭސްމޭކަރ : މި މެޝިންބޭނުންކުރަނީ ހިތުގެ ބޮޑެތިބަލިތައް ޖެހިފައިވާމީހުންނަށެވެ. މި މެޝިން ބޭނުންކުރާނީ ހިތުގެ ހިނގުން ގަޑުބަޑުވެފައިވާމީހުންނަށާއި ހިތް ހުއްޓެމުންދާމީހުންނަށް އެހީވުމަށެވެ.

(ނ)ހެދި ގުރުދާ : މި މެޝިން ބޭނުންކުރެވެނީ ހަށިގަނޑުން ވިހަތައް ސާފުކުރުމަށާއި ލޭ ސާފުކުރުމަށް ގުރުދާ ކުރާ މަސައްކަތްނުކުރެވޭ ޙާލަތަށް ދިޔުމުން މި މަސައްކަތްކުރުމަށްޓަކަ އެވެ.

(ރ) ބޭސް : ބޭހުގެ ތެރޭގައި ނޭވައިލުމަށް އެހީވެދޭ ބޭހާއި ހިތުގެ ބަލިތަކަށް ފަރުވާދޭ ބޭހާއި ހަށިގަނޑުގައި ވަރުޖެއްސުމަށާއި ހަށިގަނޑުގެ  ދިފާޢީބާރު ވަރުގަދަކުރުމަށްދޭ ބޭސްތައް ހިމެނެ އެވެ.

3- ބަލިމީހާ ދިރިދަމަހައްޓާ މެޝިނަކާ ގުޅަނީ ކީއްވެ؟:


 (ހ) ސަބަބަކާ ހުރެ (މިސާލަކަށް ގެނބުން، އެނދުން، ވިހަގޭހެއް  ގެ ސަބަބުން) ކުއްލިއަކަށް ނޭވާހުއްޓުން ނުވަތަ ނޭވާނުލެވޭގޮތްވުން، ނުވަތަ (ށ) ކުއްލިއަކަށް ހިތްހުއްޓުން. މިއީ ފަހަރެއްގައި ހިތުގެ ބައްޔެއްގެ ސަބަބުން ނުވަތަ ވިހަގޭހެއްގެ ސަބަބުން ވެދާނެކަމެކެވެ.  (ނ) ސިކުނޑިއަށް (ހާދިސާއެއްގެ ސަބަބުން ނުވަތަ ސިކުޑީގެ އޮޕަރޭޝަނެއްގެ ތެރޭގައި) ބޮޑުގެއްލުމެއްލިބުން.

4-    ބަލިމީހާ ދިރިދަމަހައްޓާ މެޝިނުން ނަގަނީ ކީއްވެ؟: 


(ހ) ބަލިމީހާ ރަގަނޅުވެ ކުރީގެ ޙާލަތަށް އެނބުރި ދިޔުން (ށ) ބަލިމީހާ މަރުވުން (ނ) ބަލިމީހާގެ ސިކުނޑި މަރުވުން ނުވަތަ ސިކުނޑީގެ ބުޑުގަނޑު މަރުވުން. ޑަކްޓަރުން ކަށަވަރުކޮށްދޭގޮތުގައި ސިކުނޑި މަރުވެއްޖެނަމަ ނުވަތަ ސިކުނޑީގެ ބުޑުގަނޑު މަރުވެއްޖެ ނަމަ ދެން އެ މީހަކު އެނބުރި ޙަޔާތަކަށް ނާންނާނެ އެވެ.  މިފަދަމީހަކު ދިރިދަމަހައްޓާ މެޝިނާ ގުޅާފައި ބޭއްވުމަކީ ބޭކާރު ޚަރަދެކެވެ. މި ފަދަ ބޮޑުޚަރަދެއް ފައިދާހުރިކަމަކަށް ކުރުން މާރަނގަޅުވާނެ އެވެ. މި ފަދަމީހަކު މެޝިނާ ގުޅާފައިބޭއްވުމަކީ އޭނާގެ ގާތްތިމާގެމީހުންނަށާއި ރަޙްމަތްތެރިންނަށް އިތުރުވޭން ލިބިދޭނެކަމެކެވެ. އަދި މި ކަމަކީ ޑަކްޓަރުންނަށާއި ފަރުވާދޭމީހުންނަށް ވެސް އިތުރު މާޔޫސްކަމެއް ގެނެސްދޭނެކަމެކެވެ. އަދި މި ކަމަކީ އައިސީޔޫ ބޭނުންވެފައި ތިބިމީހުންނަށް އެ ތަނުން ޖާގަދިނުމަށް ވެސް ހުރަސްއެޅޭކަމެކެވެ.

5-    ދިރިދަމަހައްޓާ މެޝިނުގައި ބޭއްވުމުގެ ޙުކުމް :


 ބަލިމީހަކު ދިރިދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ފަރުވާދިނުމެކެވެ. ބޭނުމާއި މަޤްޞަދު ތަފާތުވުމުން  މި ކަމުގެ ޙުކުމް ތަފާތުވާނެ އެވެ.

(1)    މީހަކު ދިރިދަމަހައްޓާ މެޝިނާ ގުޅަނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރުމަށްޓަކައިކަމުގައި ވާނަމަ އެއީ ހުއްދަކަމެއްކަމަށް ހުރިހާ ޢިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެ ބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައިވަނީ  އެއީ ކިފާޔަތުގެ ވާޖިބެއްތޯ ނުވަތަ އެއީ މަންދޫބުކަމެއްތޯ އެވެ.

ހ-ބައެއްބޭކަލުން ވިދާޅުވާގޮތުގައި އެއީ ކިފާޔަތުގެ ވާޖިބެކެވެ.  އެހެނީ، އޭނާގެ ޙާލަތަކީ ގެނބެމުންދާމީހެެއްގެ ޙާލަތެވެ. ފަތަންނޭނގޭމީހަކު ރާޅުތަކުގެ ތެރޭގައި ސަލާމަތްވޭތޯ ބަކަތަޅާގޮތަށް އޭނާ ވެސް މަރުން ސަލާމަތްވެވޭތޯ މަސައްކަތްކުރާނެ އެވެ. ނުވަތަ އޭނާގެ މިސާލަކީ ވެއްޓުނުގެއެއްގެ ފާރުތަކުގެ ދަށުވެފައިވާމީހެއްގެ މިސާލެވެ. އެހެންކަމުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކިފާޔަތުގެ ވާޖިބެކެވެ. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ނަފްސު ރައްކައުތެރިކުރުން ހިމެނޭތީ އެވެ. ނަމަވެސް މި ފަދަޙާލަތަކަށް ގޮސްފައިވާމީހާއަށް ވިސްނައިގެން ޤަރާރެއް ކަނޑައަޅާކަށް ނޭގޭނެ އެވެ. އެހެންކަމުން މިއީ އެހެންމީހުންގެ މައްޗަށް އޮތް ކިފާޔަތުގެ ވާޖިބެކެވެ. ބަޔަކު ކޮށްފިނަމަ އެންމެންގެ މަތިން ވާޖިބު އަދާކުރެވުނީ އެވެ. އެކަކުވެސްް ނުކޮށްފިނަމަ އެންމެން ފާފަވެރިވާނެ އެވެ. އެހެންކަމުން މިފަދަ ޑަކްޓަރުން އުފައްދަން ޖެހޭނެ އެވެ. އަދި މިފަދަ ފަރުވާދެވޭނެ ވަސީލަތްތައް ތަނަވަސްކޮށްދޭންވެސް ޖެހޭނެ އެވެ. ބުރަވަން ޖެހެނީ މި ރައުޔަށެވެ. 

    (ށ)  އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި އެއީ މަންދޫބުކަމެކެވެ. މި ރައުޔުގެ ބޭކަލުން ވިދާޅުވާގޮތުގައި ފަރުވާކުރުމަކީ މަންދޫބުކަމެކެވެ.

(2) މީހަކު ދިރިދަމަހައްޓާ މެޝިނާ ގުޅަނީ އޭނާގެމަރުވުން ދިގުދެންމުމަށްޓަކައިކަމުގައިވާނަމަ، އެއީ ހުއްދަކަމެއްނޫންކަމަށް ޢިލްމުވެރިން ވިދާޅުވެ އެވެ. އެ ބޭކަލުން ވިދާޅުވާ ގޮތުގައި ފަރުވާދޭންޖެހެނީ ފުރާނަ ސަލާމަތްކުރުމަށްޓަކަ އެވެ. މަރުވުން ފަސްކުރާކަށް ނުވަތަ އަވަސްކުރާކަށް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސްނޫނެވެ. މާތްﷲ ވަޙީކުރައްވަނީ فَإِذَا جَاءَ أَجَلُهُمْ لاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ  النحل: ٦١- ފަހެ، އެމީހުންގެ އަޖަލު (އެ ބަހީ މަރު) އަތުވެއްޖެނަމަ އެމީހުންނަށް އެކަން އެންމެ އިރުކޮޅަކަށް ވެސް ފަސްނުކުރެވޭނެ އެވެ.  އަދި އެންމެ އިރުކޮޅަކަށްވެސް އެކަން އަވަސް ނުމެ ކުރެވޭނެއެވެ."

6- މެޝިންތައް ނައްޓައިލެވިދާނެ ޙާލަތްތަކާއި މި ޙާލަތްތަކުގެ ޙުކުމް:


ޑަކްޓަރުން ބަލިމީހާ  ދިރިދަމަހައްޓާ މެޝިނުގައި ބާއްވަން ލާޒިމުވާކަމަށް ނިންމައިފި ނަމަ، އޭނާ  މެޝިނުގައި ބާއްވަންޖެހޭޙާލަތު ދެމިއޮތްހާ ހިނދަކު އޭނާ މެޝިނުން ބޭރަށްލައިގެންނުވާނެ އެވެ. ޢިނާޔަތްދެވޭ ކޮޓަރީގައި ބާއްވާފައިވާމީހާގެ ތަފާތު ހަތަރު ޙާލަތެއްވެ އެވެ.

    ހ- ބަލިމީހާގެ ނޭވާލުމާބެހޭ ނިޒާމު އަލުން ރަނގަޅަށް މަސައްކަތްކުރަން ފެށުމާއި، ހިތްހިގުން ރަނގަޅުވުން. މިޙާލަތުގައި ނުރައްކާތެރިކަން ފިލައިގެންދިޔުމުން ބަލިމީހާ މެޝިނުން ނެރުމަށް ޑަކްޓަރުން ނިންމާނެ އެވެ.

ށ- ނޭވައިލުމާއި ހިތްހިނގުން މުޅިން ހުއްޓުމާއި ޑަކްޓަރީ ވަސީލަތްތަކުގެ ޤާބިލުކަންކެނޑުން: މި ޙާލަތުގައި ޑަކްޓަރު، އޭނާގެ ބަލިމީހާ މަރުވެއްޖެކަމަށް ކަނޑައަޅައި މެޝިނުން ނަގަން އަންގާނެ އެވެ.

މި ދެޙާލަތަށް ބަލާއިރު މެޝިންތައް ނެގުމަކީ، ދަންނަބޭކަލުންނާއި  ދުނިޔޭގެ ތަފާތުޤައުމުތަކުގެ ޤާނޫނުތަކުގައި ހުއްދަކަމެކެވެ. އެއީ އޭނާ އަށް އެ މެޝިންތައް ބޭނުން ނުވާތީ އެވެ.

ނ- މުޅި ސިކުނޑި މަރުވުން ނުވަތަ ސިކުނޑީގެ ބުޑުގަޑު މަރުވުން : މި ޙާލަތުގައި އޭނާގެ ސިކުނޑިން އެއްވެސް ކާނާއެއް ޤަބޫލެއްނުކުރާނެ އެވެ. އޭނާ އާ ގުޅާފައިވާ މެޝިންތަކުން ކޮށްދޭނެކަމަކީ ފުއްޕާމޭ ހިންގުވުމާއި ހިތް ޙަރަކާތްތެރިކުރުވުމެވެ. އޭނާގެ ހަށިގަނޑު ތެރޭގައި ލޭ ހިގާނެ އެވެ. ހަށިގަނޑުން އުފައްދާ ތަފާތު ދިޔަތައް ވެސް އުފައްދާނެ އެވެ. މި ޙާލަތުގައި އެތައްމަހެއްވަންދެން ވެސް އޭނާ މި ޙާލަަތުގައި އޮވެދާނެ އެވެ. ނަމަވެސް އެއީ އެއްވެސް ދިރުމެއް ނެތް މަސްގަނޑެކެވެ. އޭނާގެ ޙަޔާތަކީ ގަސްގަހާގެހީގެ ޙަޔާތާ އެއްވައްތަރުގެ ޙަޔާތެކެވެ. ސިކުނޑި މުޅިންމަރުވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ޙައިވާނީ ދިރުންތެރިކަމެއް  ނުހުންނާނެ އެވެ.

މި ޒަމާނުގެ ގިނަޢިލްމުވެރިން ވިދާޅުވާގޮތުގައި މި ފަދަ މީހާގެ ހަށިގަނޑާގުޅާފައިވާ މެޝިންތައް ނައްޓައިލުންހުއްދަވާނެ އެވެ. އޮގަނައިޒޭޝަން އޮފް ދައިސްލާމީ ކޮންފަރެންސް ( އޯ .އައި. ސީ ގެ) އިސްލާމީ ފިޤްހު އެކަޑެމީގެ 1407 ހ ވަނައަހަރުގެ ބައްދަލުވުމުން ނެރެފައިވާ ޤަރާރު ބުނާގޮތުގައި ސިކުނޑި މަރުވެއްޖެ ނަމަ އޭނާ  ޝަރުޢީގޮތުން މަރުވިކަމަށް ބެލޭނެ އެވެ. އަދި ޝަރުޢީމަރުގެ ހުރިހާޙުކުމްތަކެއް އޭނާގެ މައްޗަށް ހިނގާނެ އެވެ.

1408ވަނައަހަރު ބޭއްވުނު ރާބިޠަތުއްޢާލަމިލްއިސްލާމީގެ  އިސްލާމީ ފިޤްހު އެކަޑެމީގެ ޤަރާރުތައް ބުނާގޮތުގައި މި ފަދަޙާލަތުގައި ބަލިމީހާގެ ގައިން މެޝިންތައް ނައްޓާލުން ހުއްދަވާނެ އެވެ. އެކަމަކު އޭނާގެ ހިތްހިގާނަމަ އޭނާ ޝަރުޢީމަރަކުން މަރުވިކަމަކަށް ނުބެލޭނެ އެވެ. ޝަރުޢީ ގޮތުން މީހަކު މަރުވިކަމަށް ބެލޭނީ ހިތްހުއްޓި ލޭހިނގުން ހުއްޓުނީމަ އެވެ.
ކުވައިތުގެ ވުޒާރަތުލްއަވްޤާފުގެ ފަތުވާކޮމެޓީން 11 ޑިސެމްބަރ 1981 ވަނަދުވަހު ނެރެފައިވާ ފަތުވާގައި ވެސް މިކަން ހުއްދަވާނެކަމަށް ބުނެފައިވެ އެވެ.

ފަޟީލަތުއްޝައިޚު ޔޫސުފުލްޤަރްޟާވީ އާއި ޑރ. މުޙައްމަދު ސަޢީދުލްބޫޠީ ފަދަ މަޝްހޫރު ބައެއްޢިލްމުވެރިން ވެސް މިއީ ހުއްދަކަމެއްކަމަށް ފަތުވާދެއްވާފައިވެ އެވެ.

ނަމަވެސް މިކަން ހުއްދަކުރައްވާބޭފުޅުން ވިދާޅުވާގޮތުގައި މިކަން ހުއްދަވާނީ ޝަރުޠުތަކެއްގެ މަތިންނެވެ. އެއީ:

ހ- ބަލިމީހާ ފަސޭހަވެދާނެކަމުގެ އެއްވެސް އުއްމީދެއްނެތި ނާއުއްމީދުވެފައިވުން

ށ- ސިކުނޑި މަރުވިކަމުގެ ނިންމުން 3 ޑަކްޓަރެއްގެ ކޮމެޓީއަކުން ނެރުން

ނ- ޑަކްޓަރުންގެ މި ޓީމާ ބަލިމީހާގެ މަރާ ދެމެދުގައި އެއްވެސް ކަހަލަމަޞްލަޙަތެއް ނެތުން. މައްޔިތާގެ ހަށިގަނޑުން ގުނަވަނެއް ނެގުމަށް ބޭނުންވާ އަދި އެ މަސައްކަތްކުރާމީހަކު ޑަކްޓަރުންގެ މިޓީމުގައި ހިމެނިގެން ނުވާނެ އެވެ.

ރ- ޑަކްޓަރުންގެ ޓީމުގެ ޤަރާރުގައި ބަލިމީހާގެ ސިކުނޑި މުޅިންމަރުވެ، ސިކުނޑީގެ ހުރިހާމަސައްކަތްތަކެއް ހުއްޓިފައިވާކަން ކަށަވަރުކޮށްދެން ޖެހޭނެ އެވެ.

ބ- މެޝިންތައް ނައްޓައިލުމަށް ގޮވައިލާ ސަބަބުތަކެއް ހުރުން. އޭގެ ތެރޭގައި (1) މި މެޝިންތައް އެހެންމީހަކަށް ބޭނުންވެފައިވުން (2) މިކަމަށް ހޭދަވާ ޚަރަދުތަކުގެ ސަބަބުން ވާރުތަވެރިންނަށް ނުވަތަ ބޭސްކޮށްދޭ ފަރާތަކަށް ގެއްލުންތަކެއް ލިބުން.

މެޝިންތައް ނައްޓައިލުން ހުއްދަވާނެކަމަށް ވިދާޅުވާބޭފުޅުންގެ ދަލީލު


1-    ފަރުވާކުރުން ވާޖިބުވާނީ ނުވަތަ ސުންނަތްވާނީ އެ ބަލިން ފަސޭހަވެދާނެކަމަށް ލަފާކުރެވޭބަލިތަކަށެވެ. މި ނޫންޙަލަތްތަކުގައި އެއީ ޝަރުޢީވެގެންވާ ކަމެއްނޫނެވެ.

2-    މެޝިންތައް ގުޅާފައި ބެހެއްޓުމަކީ މަރަށް ޙާޟިރުވެފައިވަމީހާއަށް ކުރެވޭ އިތުރުގޯނައެކެވެ.

3-    މަރުވެފައިވާމީހަކަށް ފަރުވާދިނުމުގެ ބޭނުމެއްނެތެވެ. މި ބޭފުޅުންވިދާޅުވާ ގޮތުގައި ސިކުނޑިމަރުވުމަކީ މީހާ މަރުވުމެވެ.

މެޝިންތައް ނައްޓައިލުމާ ދެކޮޅުހައްދަވާބޭފުޅުންގެ ވާހަކަ


    ދިރާސާތައް ބުނާގޮތުގައި  ސިކުނޑިމަރުވުމުން މެޝިންތައް ނައްޓައިލުން ހުއްދައެއްނުވާނެ އެވެ. މި ބޭފުޅުންގެ ތެރޭގައި ފަޟީލަތއްޝައިޚު މުޙައްމަދުލްމުޚްތަރުއްޝަންޤީޠީ  ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާގޮތުގައި ބައެއްޤައުމުތަކުގައި މިއީ ބޮޑުޖަރީމާއެކެެވެ. ސިކުނޑި މަރުވުމަކީ ޙަޤީޤީމަރުވުމެއްނޫނެވެ.

    މި ގޮތަށް ވިދާޅުވާބޭފުޅުންގެ ތެރޭގައި އައްޝައިޚު ޢަބްދުﷲ އައްބައްސާމު ހިމެނެ އެވެ. އޭނަ ވިދާޅުވާގޮތުގައި ބަލިމީހާ ޙަޤީޤަތުގައި މަރުވަންދެން މެޝިންތައް ނައްޓައިލައިގެން ނުވާނެ އެވެ. ނަމަވެސް ޝައިޚު ބައްސާމުވަނީ ރާބިޠަތުލްޢާލަމިލްއިސްލާމީގެ ފިޤްހު އެކަޑެމީ މަޖިލީހުގެ ޤަރާރުގައި ސޮއިކުރައްވައިފަ އެވެ. މި ޤަރާރު ބުނާގޮތުގައި ސިކުނޑީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓިއްޖެ ނަމަ މެޝިންތައް ނައްޓައިލުން ހުއްދަވާނެ އެވެ.

ފަޟީލަތއްޝައިޚު  ބިން ބާޒު ވިދާޅުވާގޮތުގައި  ސިކުނޑި މަރުވުމަކުން އޭނާ މަރުވިކަމަކަށް ޙުކްމެއްނުކުރެވޭނެ އެވެ. އޭނާ މަރުވެއްޖެކަން ކަށަވަރުވަންދެން މަޑުކުރަންޖެހޭނެ އެވެ. އޭނާ ވިދާޅުވާގޮތުގައި މިއީ އޭނާގެ ހަށިގަނޑުން ބައެއްގުނަވަންތައް ނަގަންވެގެން ކުޅޭކުޅިއެކެވެ.
       ------------------------
       (ނިމުނީ)

މި ލިޔުން:

    ފޮނުވުން:      އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
    އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:    ''           ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ