އަދުގެ ޚާއްސަ

Print

ގާނދީގެ ނަޒަރުގައި ޔަހޫދީން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޔަހޫދީން ފަލަސްޠީނަށް އަރައި ޢަރަބި ބިންތައް ހިފައި، އިޒްރޭލޭ ކިޔާ ޤައުމެއް އުފެއްދުމާ ދެކޮޅު ހަދަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ލީޑަރުންވެސް އެކަމާ ދެކޮޅުހަދައެވެ. މީގެ އެއް މިސާލަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީއެވެ. އޭނާ ލިޔުއްވާފައި ވެއެވެ.

"ފަލަސްޠީނުގައި އުފެދިގެން އުޅޭ ޢަރަބި-ޔަހޫދީ މައްސަލަޔާއި، ޖަރުމަނުވިލާތުގައި ޔަހޫދީންނަށް ލިބުނު އަނިޔާތަކުގެ ވާހަކަޔާމެދު އަޅުގަނޑުގެ ޚިޔާލު ހުރި ގޮތެއް
 އޮޅުންފިލުވުމުގެ ގޮތުން ވަރަށް ގިނަ މީހުން އަޅުގަނޑަށް ސިޓީ ލިޔެއެވެ. މި
އުނދަގޫ ސުވާލަށް އަޅުގަނޑު ޖަވާބެއް ދޭން މި މަސައްކަތް ކުރަނީ ޖެހިލުންނުވެ ހުރެގެންނެއް ނޫނެވެ.

ޔަހޫދީންނަށްޓަކައި އަޅުގަނޑުގެ ހިތުގައި ހަމްދަރްދީ އެބައޮތެވެ. ދެކުނު އެފްރިކާގައި އުޅުނު ދުވަސްވަރު އަޅުގަނޑަށް ވަނީ އެމީހުން ވަރަށް ރަނގަޅަށް އެނގިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ވެފައިވަނީ މުޅި ޢުމުރުދުވަހުގެ ރަޙްމަތްތެރިން ކަމުގައެވެ. ޔަހޫދީންނަށް އެތައް ޒަމާނެއް ވާންދެން ލިބުނު އަނިޔާތަކުގެ ޚަބަރު އަޅުގަނޑަށް އޮޅުންފިލީ މި ދެންނެވުނު ރަޙްމަތްތެރިންގެ ފަރާތުންނެވެ. އެމީހުންނަކީ ކްރިސްޓިއަނުންގެ ތެރޭގައި އުޅުނު މަކްރޫހަ ބައެކެވެ. (މަކްރޫހަ މީހުންނަކީ އެމީހުންނާއެކު އެއްތަނެއްގައި އިށީނދެ، އެކުވެގެން އުޅުމަކީ ކުރަން ނުވާވަރުގެ ކަމެއް ކަމަށް ވެފައިވާ "ނަޖިސް" ބައެކެވެ.) ކްރިސްޓިއަނުން، ޔަހޫދީންނާމެދު ކަންތައް ކުރި ގޮތުގެ އެހެން މިސާލެއް ހޯދާނަމަ ފެންނަނީ ހިންދޫން އެމީހުންގެ އަޗޫތުންނާމެދު ކަންތައް ކުރަމުން އަންނަ ގޮތެވެ. (އަޗޫތުންނަކީ ހިންދޫންގެ ތެރޭގައި ހިމެނޭ މަކްރޫހަ މީހުންނެވެ. ނުވަތަ އެބަޔަކާއެކު މަތީ ދަރަޖައިގެ މީހުން އުޅެން ކަމުނުދާ މީހުންނެވެ. އެންމެ ދަށު ދަރަޖައިގެ މީހުންނެވެ.) އެމީހުންނާމެދު ކަންތައް ކުރަމުން ގެންދިޔަ ލާއިންސާނީ ގޮތްތައް ދިފާޢު ކުރުމުގެ ގޮތުން އަބަދުވެސް ގެންދިޔައީ ދީނީ ފިއްތުންތަކާ ކުރިމަތި ކުރުވަމުންނެވެ. އަޅުގަނޑާ އެމީހުންނާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ އިތުރަށް އަޅުގަނޑު ޔަހޫދީންނަށް ހަމްދަރްދީވާ އެހެން ސަބަބުތަކެއްވެސް އެބަހުއްޓެވެ.

އެކަމަކު އެ ހަމްދަރްދީގެ ސަބަބުން އިންޞާފަކީ ކޮބައިކަން ނުފެންނަ ވަރަކަށް އަޅުގަނޑު ކަނެއް ނުވެއެވެ. ޔަހޫދީން އެމީހުންގެ އަމިއްލަ ޤައުމަކަށް އެދި ގޮވާ ގޮވުމަކީ އަޅުގަނޑަކަށް މާބޮޑު އަސަރެއް ކުރާ ކަމެއް ނޫނެވެ. އެމީހުން ފަލަސްޠީނަށް އެނބުރިދާން ދައްކާ ސަބަބުތައް ހުރީ ބައިބްލް ގައެވެ. ދުނިޔޭގެ އެހެން މީސްމީހުންނެކޭ އެއްފަދައިން އުފަންވެ، އުޅެބޮޑުވާ ރަށަކީ ތިމާގެ މާދަރީ ބިންކަމަށް ގަބޫލުކުރަން ޔަހޫދީންނަށް އުނދަގޫވެގެން އުޅެނީ ކީއްވެގެންތޯއެވެ؟

ފަލަސްޠީނަކީ ޢަރަބީންގެ ބިމެކެވެ. އެއީ އިނގިރޭސިވިލާތަކީ އިނގިރޭސިންގެ ބިމަކަށް ވާފަދައިންނެވެ. އަދި ފަރަންސޭސިވިލާތަކީ ފަރަންސޭސިންގެ ބިމަކަށް ވާފަދައިންނެވެ. މިހާރު ފަލަސްޠީނުގައި އެހިނގާ ކަންތައްތަކަކީ އަޚްލާޤީ އެއްވެސް މިންގަނޑަކުން ބަލާފައި ރަނގަޅު ކަމެއް ކަމަށް ބުނެވޭނެ ކަންތައްތަކެއް ނޫނެވެ. އެމީހުން ކުރި ކަންތައްތަކަށް ދެއްކެން އޮތް ހަމައެކަނި ސަބަބަކީ ދާދި ފަހުން ކުރެވުނު ހަނގުރާމައެވެ. (އެބަހީ ދެވަނަ ބޮޑު ހަނގުރާމައެވެ.) ފަޚުރުވެރި ޢަރަބީން ކުޑަކޮށްލުމަށްފަހު ފަލަސްޠީނު އެކުގައި ނުވަތަ ފަލަސްޠީނުން ބައެއް ނަމަވެސް ޔަހޫދީން ޤައުމެއް އުފައްދަން ދިނުމަކީ އިންސާނިއްޔަތާ ދެކޮޅަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އޭގެ ބަދަލުގައި މާތް ބަޔަކު ކުރުން އެކަށީގެންވާ އިންސާފުވެރި ކަމަކަށްވީހީ ޔަހޫދީން ވިހައި، އުޅެބޮޑުވެ، ދިރިއުޅޭ ކޮންމެ ތަނެއްގައި އެމީހުންނަށް ހަމަހަމަކަމާއި، އިންސާފު ހޯދައިދޭން މަސައްކަތް ކުރުމެވެ. ފަރަންސޭސިވިލާތުގައި އުފަންވާ ޔަހޫދީންނަކީ ފަރަންސޭސިންނެވެ. އެއީ ފަރަންސޭސި ވިލާތުގައި އުފަންވާ ކްރިސްޓިއަނުން ފަރަންސޭސިންނަށް ވާފަދައިންނެވެ.

ޔަހޫދީންނަށް ފަލަސްޠީނު ފިޔަވައި އެހެން ޤައުމެއް ލިބިފައިނުވާނަމަ، ޔަހޫދީން ދިރިއުޅޭ އެހެން ޤައުމުތަކުން އެމީހުން ބޭރުކޮށްލަން ދެކެވޭ ވާހަކައަކަށް އެމީހުން ތާއީދު ކުރާނެތޯއެވެ؟ ނުވަތަ އެމީހުން ރުހޭނީ އެމީހުން ބޭނުން ގޮތަކަށް ދިރިއުޅެން ލިބޭ ދެ ޤައުމެއް އަބަދުވެސް އޮންނާނެ ގޮތް ވާންތޯއެވެ؟ އެމީހުން ޔަހޫދީ ވަކި ވަޠަނަކަށް އެދި ގޮވާ ގޮވުމަކީ ޖަރުމަނު މީހުން އެމީހުންނަށް ކުޅަ އަނިޔާތަކުގެ ބަދަލުގައި ގޮވާ ގޮވުމެކެވެ."

ގާނދީ ވިދާޅުވާ ގޮތުގައި ޖަރުމަނުގައި ހިޓްލަރު ހިންގި އަނިޔާވެރިކަމަކީ އޭގެ ދެވަނަ މިސާލެއް ތާރީޚުން ހޯދަން އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ޖަރުމަނުގެ ރައްޔިތުންނަށް އަނިޔާވެރިވާން ގާނދީ ދެކޮޅު ހައްދަވައެވެ. އެހެންވީމާ އަމުދުން އޭގެ ބަދަލުގައި އެކަމާ އެއްވެސް ގުޅުމެއް ނެތް ބަޔަކު ގެދޮރުން ނެރެ، އެމީހުންގެ ބިމުގެ މައްޗަށް ވެރިވެގަތުމަކީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށް ގާނދީ ދެކެވަޑައިގަނެއެވެ.

ގާނދީ ލިޔުއްވައެވެ. "އަޅުގަނޑަކީ ޖަރުމަނުގެ ޔަހޫދީއެއްނަމަ، އަޅުގަނޑު ޖަރުމަނު ދޫކޮށްލާފައެއް ނުދާނަމެވެ. ޖަރުމަނުގައި ހުރެގެން އަޅުގަނޑުގެ ޙައްޤުތައް ހޯދަން މަސައްކަތް ކުރާނީއެވެ. އެމީހުން އަޅުގަނޑު މަރާލިޔަސް، ނުވަތަ ހުރަގެއަށް ލިޔަސް ޤައުމު ދޫކުރާކަށް އެއްބަހެއް ނުވާނަމެވެ. އަޅުގަނޑާއެކީ މަދަނީ ބަސްނޭހުމުގައި ބައިވެރިވާނެ ބަޔަކު ނުވިޔަސް، ފަހުން އަޅުގަނޑުގެ މަގުން ހިނގާނެ ބަޔަކު ތެދުވާނެކަމުގެ ޔަގީންކަން އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮވެއެވެ."

ގާނދީ ލިޔުއްވާފައިވާ ގޮތުގައި ޔަހޫދީން ފަލަސްޠީނުގެ މައްޗަށް ކުރާ ދަޢުވާގެ އެއްވެސް ހެއްކެއް ނެތެވެ. އެއީ ހަމައެކަނި އެމީހުންގެ ހިތުގައި އޮތް ކަމެކެވެ. އަދި އެއީ ތެދަކަށް ވީނަމަވެސް އިނގިރޭސި ބަޑީގެ ހިޔަލުގައި ތިބެގެން ގޮސް ބައެއްގެ ބިމަށްވަދެ، ޤައުމެއް އުފެއްދުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ގާނދީ ލިޔުއްވައެވެ. "އެކަން ވާން ޖެހޭނީ ޢަރަބީންގެ ރުހުމާއެކުގައެވެ. ބޮމާއި، ބަޑީގެ އެހީގައެއް ނޫނެވެ. އެންމެ ފުރަތަމަ ޖެހޭނީ ޢަރަބީންގެ ހިތުން ޖާގަ ހޯދާށެވެ. ޢަރަބީންގެ ހިތުގައިވެސް ވެރިކަން ކުރައްވަނީ ޔަހޫދީންގެ ހިތުގައި ވެރިކަން ކުރައްވާ ކަލާނގެއެވެ."

ގާނދީ ލިޔުއްވާފައި ގޮތުގައި ޔަހޫދީން ކަންތައް ކުރި ގޮތުން ހީވަނީ ޖަރުމަނުގެ ނާޒީން ޔަހޫދީންނަށް ކުރި އަނިޔާގައި ފަލަސްޠީނުގެ ރައްޔިތުންވެސް ބައިވެރިވާ ހެންނެވެ. "ޔަހޫދީން އަމިއްލައަށް އެމީހުންނަކީ މާތް ކުރެއްވި ނަސްލެއް ކަމަށް ދެކޭނަމަ، އެކަން ސާބިތުކޮށްދޭންވާނީ ޞުލްޙަވެރި ވަސީލަތެއްގެ ބޭނުންކޮށްގެންނެވެ."
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ