އަދުގެ ޚާއްސަ

Print

ﷲ ވޮޑިގެންވެ އެވެ! އަދި އެ ކަލާނގެ ކުޅަދުންވަންތަ އެވެ! (4)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ޢަޤީދާ


13 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ..

އަލްއުސްތާޛު އަޙްމަދު މާޖިދު

ގެމޮވް ވިދާޅުވިގޮތުގައި ކާއިނާތު އުފެދުނީ ބިގް ބޭންގްގެ ގޮތުގައި ސިފަކުރެވޭ ބޮޑު ގޮވުމުގެ ސަބަބުން ކަމުގައި ވަނީނަމަ އެ ގޮވުމުގެ ނަތީޖާއެއްގެ ގޮތުން ކާއިނާތުގެ ޖައްވުގެ ތެރެއަށް ރޭޑިއޭޝަން (Radiation) ދޫވެފައި ހުންނަން ޖެހޭނެއެވެ. އެ ރޭޑިއޭޝަނަކީ ސައިންޓިފިކް ތަޙުޤީޤުތަކުގައި ދެނެގަނެވޭ، އަދި މުޅި ކާއިނާތުގެ ހުރިހާ ހިސާބެއްގައި އޭގެ އަސަރުތައް ހުންނަންޖެހޭ ރޭޑިއޭޝަނެކެވެ. ހުރިހާ ހިސާބެއްގައިވެސް އޭގެ އަސަރު ހުންނަން ޖެހެޔޭ ބުނެވުނީ ކާއިނާތުގެ އަސްލު ކަމުގައި ހިމެނުނު އެއްކަލަ ސުންބޮޅު ގޮވާއިރު އުފެދޭ ރޭޑިއޭޝަނެއް ނަމަ އެ ގޮވުމުގެ ތެރެއިން އުފެދޭ ކޮންމެ ހިސާބެއްގައި އޭގެ އަސަރު ހުރުމަކީ ސައިންސީ ވިސްނުމަކުން ބަލާއިރުމަޖުބޫރު ކަމަކަށް ވާތީއެވެ. ބިގް ބޭންގްގެ ޙާދިސާގައި ގޮވީ މާއްދާ (Matter) އާއި ހަކަތަ (Energy) އެކުލެވޭ އެތިކޮޅެއްކަމުގައި ވެފައި، ހަކަތައާއި މާއްދާ ގޮވައިފިނަމަ ރޭޑިއޭޝަން އުފެދުމަކީ ސައިންސީގޮތުން ބަލާއިރު ލާޒިމުކަމެއް ކަމުގައި ވާތީއެވެ. ގެމޮވްގެ މި ޒުވާބަކީ ސައެންސީގޮތުން ބުރަދަން ބޮޑު ޒުވާބެކެވެ. އެ ޒުވާބުގެ ސަބަބުން ބިގް ބޭންގް ނަޒަރިއްޔާގެ އަހުލުވެރީންނަށް ވަރުގަދަ ޗެލެންޖެއް ކުރިމަތިވިއެވެ. ބިގް ބޭންގް ނަޒަރިއްޔާއާ އިދިކޮޅު މީހުންނަށް ހީވީ އެމީހުންނާ އެއްކޮޅަށް މައްސަލައިގެ ނިޔާ ކަނޑައެޅުނީ ކަމުގައެވެ. ކަލަކު ވޮޑިގެންވުމުގެ ވިސްނުމަށް ބުރަދަން ބޮޑު ހެއްކެއް ގެނެސްދިން ބިގް ބޭންގް ނަޒަރިއްޔާ އެމީހުންގެ މަގުން އެއްކިބާ ވެގެން ދިޔައީ ކަމުގައެވެ. ނަމަވެސް އެ ހީއަކީ ކުށްހީއެއްކަން ސާބިތުވާކަށް މާކަ ގިނަ ދުވަސްތަކެއް ނުނެގިއެވެ.     

                އިތުރު ހެކިތައް


ގެމޮވްގެ ޗެލެންޖުގެ ޖަވާބު ލިބުނީ އެންމެ ވިއްސަކަށް އަހަރުގެ ތެރޭގައެވެ.

1965 ވަނަ އަހަރު، އެކުގައި މަސައްކަތްކުރެއްވި ދެ ސައެންސްވެރީން ކަމުގައިވާ އާރނޯ ޕެންޒިއާސް (Arno Penzias) އާއި ރޮބަރޓް ވިލްސަނާ (Robert Wilson) ދެބޭފުޅުންނަށް ކާއިނާތުގެ ހުސްކަމުގެ ތެރެއިން މަޖުހޫލު ރޭޑިއޭޝަނެއްގެ އަސަރުތައް ފެނިވަޑައިގަތެވެ. ދެން ކުރެވުނު ދިރާސާތަކުން ސާބިތުވިގޮތުގައި މި ރޭޑިއޭޝަނަކީ ކާއިނާތުގެ ތެރޭގައި ހިމެނޭ އައިޑެންޓިފައިކުރެވޭ ވަކި ޒަރީޢާއަކުން ނުވަތަ މަޞްދަރަކުން ނުވަތަ އަޞްލަކުން އުފެދިގެން ނުވަތަ ފޭދިގެން އަންނަ އެއްޗެއް ނޫނެވެ. އެއާ ޚިލާފަށް، އެ ރޭޑިއޭޝަނަކީ މުޅި ކާއިނާތުގެ ޖައްވުގެ ތެރޭގައި ފެތުރިފައި ހުންނަ އެއްޗެކެވެ. ވަކި ދިމާއަކުން، ވަކި އެއްޗަކުން އުފެދިގެން ފެތުރުމުގެ ބަދަލުގައި ކާއިނާތުގެ އެހެން ޖިސްމުތަކާ މުޅީން މިނިވަންކޮށް މުޅި ކާއިނާތުގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިފައި ހުންނަ އެއްޗެކެވެ. މި ރޭޑިއޭޝަނަކީ ބިގް ބޭންގްގެ ސަބަބުން އުފެދުނު ރޭޑިއޭޝަންކަން ވިސްނައިގަންނާކަށް ސައެންސްވެރީންނަކަށް މާކަ އުނދަގުލެއް ނުވިއެވެ. ބިގް ބޭންގަށްފަހު ކާއިނާތު ފެތުރެމުން އައި އައިހެން މި ރޭޑިއޭޝަންގެ އޮައިވަރުވެސްް މުޅި ކާއިނާތުގެ ތެރޭގައި ފެތުރިފައި ވަނީއެވެ. އާދެ، ގެމޮވް އެ ވިދާޅުވި ރޭޑިއޭޝަނަކީ މިއީއެވެ. މި ރޭޑިއޭޝަނަށް ސައެންސްވެރީން ދެއްވި ނަމަކީ ކޮސްމިކް ބެކްގްރައުންޑް ރޭޑިއޭޝަން (Cosmic Background Radiation) މިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކޮސްމޯސް (Cosmos) މި ބަހުގެ މާނައަކީ ކާއިނާތެވެ. ކޮސްމިކް ބެކްގްރައުންޑް ރޭޑިއޭޝަނުގެ މާނަައަކީ ކާއިނާތުގެ ހުރިހާ ހިސާބުތަކެއްގައިވާ ރޭޑިއޭޝަނެވެ. މި މުހިއްމު ހޯދުމާ ގުޅިގެން ޕެންޒިއާސްއާއި ވިލްސަންއާއި ދެބޭފުޅުންނަށް ނޯބެލް އިނާމު ލިބިވަޑައިގަތެވެ.

1989 ވަނަ އަހަރަކީ ބިގް ބޭންގްގެ ނަޒަރިއްޔާގެ ތެދުކަމަށް އިޝާރާތްކުރާ ސައިންސީ ދަލީލުތައް މުޅީން ފުރިހަމަވި އަހަރެވެ. އެ އަހަރު އެމެރިކާގެ ނޭޝަނަލް އޭރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (National Aeronautics and Space Administration) ނުވަތަ ނާސާ (NASA) އިން ކޮސްމިކް ބެކްގްރައުންޑް ރޭޑިއޭޝަން އިތުރަށް ދިރާސާ ކުރުމަށްޓަކައި ޖައްވަށް ޚާއްސަ ސެޓެލައިޓެއް ފޮނުވިއެވެ. މި ސެޓެލައިޓަށް ނާސާއިން ދިން ނަމަކީ ކޮސްމިކް ބެކްގްރައުންޑް އެކްސްޕްލޯރަރ (Cosmic Background Explorer) ނުވަތަ ކޯބް (COBE) މިއެވެ. މި ސެޓެލައިޓް ފޮނުވީ ކޮސްމިކް ބެކްގްރައުންޑް ރޭޑިއޭޝަން ޖައްވުގެ ތެރޭގައި ހުރިތޯއާއި ހުރިނަމަ އެ ރޭޑިއޭޝަންގެ ޙަޤީޤަތަކީ ކޮބައިތޯ ބެލުމަށެވެ. ކާއިނާތުގެ ޖައްވުން ރޭޑިއޭޝަންގެ ހާޒިރީ ފާހަގަކޮށް، އޭގެ މަރުކަޒަށް ފުރިހަމަ ސިގްނަލްތައް ފޮނުވުމަށްޓަކައި ކޯބް ނެގީ ދަތުރު ފެށިތާ އެންމެ އެންމެ 8 މިނެޓެވެ. ދިރާސާތަކުން ދައްކައިދެނީ އެ ރޭޑިއޭޝަނަކީ މުޅި ކާއިނާތު އެ ގޮވުމެއްގައި ޝާމިލްވެފައިވާ ގޮވުމެއްގެ ސަބަބުން އުފެދުނު ރޭޑިއޭޝަންކަމެވެ.

ކޯބްގެ ހޯދުންތައް ފާހަގަ ކުރެވިފައިވަނީ ނުޖޫމީ ޢިލްމުގެ ތާރީޚުގައި ހޯދިފައިވާ އެންމެ މުހިއްމު ހޯދުންތަކުގެ ތެރޭގައެވެ. ފަހުން ނާސާއިން ކޯބް 2 ގެ ނަންދެވިފައިވާ ދެވަނަ ސެޓެލައިޓެއްވެސް ޖައްވަށް ފޮނުވިއެވެ. މި ފަހަރުގެ ދިރާސާތަކުން ކޯބްގެ ފުރަތަމަ ސެޓެލައިޓްގެ ހޯދުންތައް އިތުރަށް ކަށަވަރުވެގެން ދިޔައެވެ. ބިގް ބޭންގްގެ ހާދިސާއަށް ނިސްބަތްކޮށްގެން ކާއިނާތުގެ އެކިއެކި ކަންތައްތަކާ ބެހޭގޮތުން ހެދިފައިވާ ހިސާބުތައްވެސް އިތުރަށް ޔަގީންވެގެން ދިޔައެވެ.

ޖެހިގެން އައި އަހަރުތަކުގައިވެސް ބިގް ބޭންގްގެ ޙަޤީޤަތް ހާމަކޮށްދިން އިތުރު ހެކިތައް ފެނިގެން ދިޔައެވެ. މީގެ ތެރެއިން އެއް ކަމަކީ ކާއިނާތުގެ ޖައްވުގެ ތެރޭގައި ހީލިޔަމް (Helium) ގޭހާއި ހައިޑްރޯޖަން (Hydrogen) ގޭސް ހުރި މިންވަރާއި ބެހޭގޮތުން ހޯދުނު ހޯދުމެވެ. މި ދިރާސާގައި ސައެންސްވެރީން އެންމެ ފުރަތަަމަ ބެލީ ބިގް ބޭންގްގެ ޙާދިސާގެ ގޮވުމުގައި ހުރި ބާރަށް ބަލައި އެވަރުގެ ގޮވުމަކުން އުފެދޭނީ ކިހައި މިންވަރެއްގެ ހީލިޔަމާއި ހައިޑްރޯޖަނެއްތޯއެވެ. ދެން ބެލީ ކާއިނާތުގެ އުމުރުން މިހާތަނަށް ހޭދަވެފައިވާކަމަށް ހިސާބުތަކުން ދައްކާ މުއްދަތުގައި ކާއިނާތުގެ ޖައްވުގައި މި ދެބާވަތުގެ ގޭސް ހުންނަން ޖެހޭނީ ކިހައި ނިސްބަތަކަށް ކިހައި ވަރަކަށްތޯއެވެ. މި ހިސާބު ހެދުމުން އެއިން ދައްކާ މިންވަރާއި މިހާރު ކާއިނާތުގެ ޖައްވުގައި މި ދެބާވަތުގެ ގޭސް ހުރިކަމަށް ދިރާސާތަކުން ސާބިތުވާ މިންވަރާއި ބަރާބަރަށް ދިމާވެއެވެ. މި ހޯދުމުގެ ސަބަބުން އަނެއްކާވެސް ކާއިނާތަކީ ފެށުމެއްނެތް އެއްޗެއް ކަމުގައި ކުރެވޭ ދަޢުވާގެ ތާކުންތާކު ނުޖެހުން ސާބިތުވެ، ބިގް ބޭންގް ނަޒަރިއްޔާއަށް އިތުރު ބާރެއް ލިބުނެވެ. ސައެންސްގެ އަހުލުވެރީންނަށް އޮޅިވަޑަައިގެންފައި ނުވާނޭ ފަދައިން، ހައިޑްރޯޖަން ގޭސް ކާއިނާތުގެ ޖައްވުގެ މާއްދީ މާޙައުލުގައި ހުންނައިރު ދާނީ މަޑުމަޑުން ހީލިޔަމަށް ބަދަލުވަމުންނެވެ. މި ކާއިނާތަކީ ފެށުމެއްނުވާ އެއްޗެއްނަމަ ސައެންސްވެރީންގެ ދިރާސާތަކުން ދައްކާގޮތުގައި މިހާރު ކާއިނާތުގެ ޖައްވުގައި ހުރި ހުރިހައި ހައިޑްރޯޖަނެއް ހުރީހީ އަނދައި ހީލިޔަމަށް ބަދަލު ވެފައެވެ. އެއާ ޚިލާފަށް، ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން، މިހާރު ކާއިނާތުގައި ހައިޑްރޯޖަނާއި ހީލިޔަމްގެ ނިސްބަތް ހުރީ ބިގް ބޭންގް ހިނގިކަމަށް ހިސާބުތަކުން ދައްކާ ދުވަސްވަރުން ފެށިގެން މިއަދާއި ހަމަޔަށް ހޭދަވެފައިވާ މުއްދަތުގެ ތެރޭގައި ހުންނަންޖެހޭ މިންވަރަށެވެ.

މި ދެންނެވި ވަރުގަދަ ހެކިތަކުގެ ސަބަބުން ސައެންސްގެ އަހުލުވެރީންނަށް މަޖުބޫރުވީ ސްޓެޓިކް ނަޒަރިއްޔާއާއި، ސްޓެޑީ ސްޓޭޓް ނަޒަރިއްޔާ ދޫކޮށްލުމަށެވެ. ކާއިނާތު އުފެދުނު ގޮތާމެދު މިހައިތަނަށް ސައެންސްގެ މައިދާނުގައި ހުށަހެޅިފައިވާ އެންމެ ބުރަދަން ބޮޑު ހުށަހެޅުމަކީ ބިގް ބޭންގް ނަޒަރިއްޔާ ކަމުގެ ޙަޤީޤަތް ޤަބޫލު ކުރުމަށެވެ. ސަރ ފްރެޑީ ހޮއިލާއެކު މަސައްކަތް ކުރައްވައި، އޭނާގެ ސްޓެޑީ ސްޓޭޓެ ނަޒަރިއްޔާ ސާބިތު ކުރައްވަން މަސައްކަތްޕުޅު ކުރެއްވި އެއް ސައެންސްވެރިޔަކީ ޑެނިސް ޝިއެމާ (Dennis Sciama) އެވެ. އެތައް އަހަރެއް ވަންދެން އެ ނަޒަރިއްޔާ ސާބިތު ކުރައްވައި، ބިގް ބޭންގް ނަޒަރިއްޔާ ދޮގުކުރައްވަން ކުރެއްވި މަސައްކަތްޕުޅުތަކަށްފަހު ޝިއެމާ ބަލި ގަބޫލުފުޅުކުރައްވާފައިވަނީ އަންނަނިވި ޢިބާރާތްތަކުންނެވެ.

"ސްޓެޑީ ސްޓޭޓް ތިއަރީ އެންމެ ފުރަތަމަ ހުށަހެޅި މީހުންނާއި، އެ ތިއަރީގެ ތެދުދޮގު ދިރާސާކޮށް ތަޙުޤީޤު ކުރި ފަރާތްތަކާމެދު އެއް ދަނޑިވަޅެއްގައި ވަރުގަދަ ބަޙުޘްތަކެއް ހިނގައިގެން ދިޔައެވެ. އަހަރެންނަށް ހީވަނީ ދިރާސާކުރި ފަރާތްތަކުން މަސައްކަތްކުރީ މި ނަޒަރިއްޔާއަކީ ދޮގުކަން ސާބިތުކުރަން ހެންނެވެ. މި ދިރާސާތަކުގައި އަހަރެން މާކަބޮޑަކަށް ބައިވެރިވެ ނަހަދަމެވެ. ސަބަބަކީ އެއިރު އަހަރެންނަކީ ސްޓެޑީ ސްޓޭޓް ނަޒަރިއްޔާއަށް ވަރަށްބޮޑަށް ތާއީދުކުރާ މީހަކަށް ވާތީއެވެ. މި ނަޒަރިއްޔާއަށް އަަހަރެން ތާއީދުކުރީއަކީ އަހަރެންގެ ވިސްނުމަށް އެއީ ޙަޤީޤަތް ކަމުގައި ވިސްނި، އެގޮތް ޤަބޫލުކުރަން މަޖުބޫރުވެގެންނެއް ނޫނެވެ. އަދި ކީއް ހެއްޔެވެ؟ އަހަރެން އެ ނަޒަރިއްޔާއަށް ތާއީދުކުރީ ފެންނަ ފެނުމަށް އަހަރެންގެ ރަހަތަކާއި އަހަރެން ވިސްނަން ބޭނުންވާ ގޮތްތަކާއި އެ ނަޒަރިއްޔާ ބޮޑަށް ގުޅޭތީއެވެ. މި ނަޒަރިއްޔާއާ ދެކޮޅު ހެކިތަކާއި ބިގް ބޭންގުގެ ޙަޤީޤަތް ސާބިތުކޮށްދޭ ދަލީލުތައް ފެންނަން ފެށީމާ ފްރެޑް ހޮއިލްއާއި އޭނާގެ ޓީމުން އެ ދަލީލުތަކާ ދެކޮޅަށް ކުރި މަސައްކަތުގައި އަހަރެންވެސް ކޮންމެވެސް ވަރަކަށް ބައިވެރިވީމެވެ. އަހަރެން ކުރި ކަމަކީ އެ ދަލީލުތަކަށް ރައްދު ދޭނޭ ގޮތާމެދު އެމީހުންނަށް މަޝްވަރާ ދިނުމެވެ. ނަމަވެސް އިދިކޮޅު ހެކިތަކާއި ދަލީލުތައް ފުނިފުންޏަށް ޖެހެން ފެށުމުން ކޮންމެ ދުވަހަކު އިތުރަށް ސާބިތުވަމުން އައީ އަހަރެމެންގެ ކުޅިގަނޑުގެ ނިމުން އަތުވެއްޖެކަމެވެ. އެންމެފަހުން މަޖުބޫރުވީ ސްޓެޑީ ސްޓޭޓް ތިއަރީ ކުނިވަށިގަނޑަށް އަޅާލާށެވެ."

ޔުނިވަރސިޓީ އޮފް ކެލިފޯރނިއާގެ ޕްރޮފެސަރ ޖޯރޖް އެއިބެލް (George Abel) ވިދާޅުވަނީ ބިގް ބޭންގް ނަޒަރިއްޔާ ޤަބޫލުކުރުން ފިޔަވައި އެހެން ގޮތެއް ނެތްކަމުގައެވެ. އަދި ކާއިނާތު އުފެދިފައިވަނީ މީގެ އެތައް ބިލިއަން އަހަރެއްގެ ކުރީން ބޮޑު ގޮވުމެއްގެ ސަބަބުންކަން އެއީ އެކަކަށްވެސް ދެބަސްނުވެވޭ މިންވަރަށް ސައިންސުން ސާބިތުވެފައިވާ ޙަޤީޤަތެއް ކަމުގައެވެ.

ބިގް ބޭންގް ނަޒަރިއްޔާ ޤަބޫލުކުރައްވާކަން ހާމަކުރައްވަމުން އިލްހާދީންގެ މަޝްހޫރު ފަލްސަފާވެރިޔެއް ކަމުގައިވާ އެންތަނީ ފްލޫވ (Anthony Flew) ވިދާޅުވެފައި ވެއެވެ.

"ހިތް ކިތަންމެ ނުރުހުނަސް، އިޢުތިރާފު ވުމަކީ ރޫޙަށް ފިނިކަމެއް ލިއްބައިދޭ ކަމެކެވެ. އެހެންކަމުން އަޅުގަނޑު މި ބަސްކޮޅު ފަށަން ބޭނުންވަނީ ކާއިނާތުގެ ޙަޤީޤަތާއި ބެހޭގޮތުން ނުޖޫމީ ޢިލްމުވެރީން މިއަދު ހޯދައި ސާބިތު އެކުރި ހޯދުމަކީ އަޅުގަނޑު ކަހަލަ އިލްހާދީންގެ ހިތްތައް ނުތަނަވަސް ކުރުވާ ކަމެއް ކަމުގެ އިޢުތިރާފުންނެވެ. ސައިންސާއި ފަލްސަފާގެ މައިދާނުން މިހާރު މި ފެންނަ މަންޒަރުތަކަށް ބަލާއިރު، ކާއިނާތަކީ ފެށުމެއް އޮތް އެއްޗެއްކަން ބުއްދީގެ ގޮތުން ސާބިތުނުކުރެވޭނެކަމަށް ސެއިންޓް ތޯމަސް ވިދާޅުވެފައި އޮއްވައި، އެކަން ކާއިނާތުގެ ޢިލްމުވެރީން (Cosmologists) ވަނީ ސައިންޓިފިކް ގޮތުން ސާބިތުކޮށްފައެވެ. ކާއިނާތަކީ ފެށުމެއް އަދި ނިމުމެއް ނެތް އެއްޗެއް ކަމުގައި ބެލެވޭހައި ހިނދަކު ކާއިނާތުގައިވާ ހުރިހައި ކަންކަމާއި ތަކެއްޗަކީ އޭގެ ޒާތުގައި އުފެދި ދެމިގެންވާ ކަންތައްތަކާއި އެއްޗެހި ކަމުގައި ބުނެވިދާނެއެވެ. އަޅުގަނޑު މިހާރުވެސް އިލްޙާދީ ޢަޤީދާތައް ޤަބޫލުކުރި ނަމަވެސް، ޔަޤީންކަމާއިއެކު ދަންނަވަން ޖެހެނީ މި ޚިޔާލުގެ މަތީގައި ސާބިތުވެ ހުރުމަކީ ބިގް ބޭންގްގެ ޙަޤީޤަތުގެ ކުރިމަތީގައި ވަރަށްވެސް ބުރަ، އުނދަަގޫ ކަމެއް ކަމުގައެވެ."

ވަރަށް ކަނުގޮތެއްގައި އިލްހާދީ ޢަޤީދާތައް ޤަބޫލުކޮށްގެން ތިބި އެތަކެއް ސައެންސްވެރީންވަނީ ބިގް ބޭންގް ނަޒަރިއްޔާ ކާއިނާތު ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ޚާލިޤަކު ވޮޑިގެންވާކަން ޤަބޫލުކޮށްފައެވެ. ސައިންސާއި ޢަޤުލީ ދަލީލުތަކުން ޔަޤީންކޮށްދޭ ގޮތުގައި މި ޚާލިޤަކު ވާން ޖެހޭނީ މާއްދާއާއި އަދި ވަގުތުވެސް ޚަލްޤުކުރެއްވި ފަރާތަށެވެ. އަދި މާއްދާއާއި ވަގުތުވެސް ޚަލްޤުކުރެއްވީ އެ ޚާލިޤު ކަމުގައިވާތީ އެ ޚާލިޤަކު ވާން ޖެހޭނީ މާއްދާއާއި ވަގުތާއި ދޭތީގެ ކިބައިންވެސް އެ ޚާލިޤެއްގެ ޒާތުފުޅުގައި މިނިވަންވެ، އެ ޚާލިޤުގެ މަޚުލޫޤާތާއި މުޅީން ވަކީން، މުސްތަޤިއްލު ގޮތެއްގައި ވޮޑިގެންވާ ފަރާތަކަށެވެ. މަޝްހޫރު އެސްޓްރޯފިޒިސިސްޓް (Astrophysicist) ހިއު ރޮސް (Hugh Ross) ވިދާޅުވެފައި ވެއެވެ.

"ޖައްވީ ތިއަރީތައް ބުނާގޮތުގައި ކާއިނާތުގައި މި ހިމެނޭ ވަގުތު (Time) ވެސް އުފެދުނީ ކާއިނާތާ އެކުގައެވެ. އެހެންވެއްޖެނަމަ ކާއިނާތު މެދުވެރިކުރި ފަރާތެއް ވާން ޖެހޭނީ ކާއިނާތުގެ ވަގުތުގެ ނިޒާމުން މުޅީން މިނިވަން ވެގެން، މާކުރީއްސުރެ މުސްތަޤިއްލުގޮތެއްގައި ވުޖޫދުގައި ދެމިގެންވި ފަރާތަކަށެވެ. ކާއިނާތާއި ވަކީން ވާ ފަރާތަކަށެވެ. މިއީ ކަލާނގެ ކަމުގައި އަހަރެމެން މި ސިފަކުރާ ފަރާތާއި، ކަލާނގެ ނޫން ތަކެއްޗަކީ ކޮބައިކަން ދެނެގަތުމުގައި ވަރަށް މުހިންމު ނުކުތާއެކެވެ. އެހެނީ މި ހޯދުމުން އަހަރެމެންނަށް ބުނެދެނީ ކަލާނގެއަކީ ކާއިނާތު ނޫންކަމާއި އަދި އެކަލާނގެ ވޮޑިގެންވަނީވެސް ކާއިނާތުގައި ނޫންކަމުގަ އެވެ."

މާއްދާއާއި ވަގުތު ޚަލްޤުކުރެއްވީ މި ހުރިހާ ތަކެއްޗަކުން މިނިވަންގޮތެއްގައި ވޮޑިގެންވާ، އެތަކެއްޗަށް ބޭނުންވެވޮޑިގަތުމުން ހުސްދުރުވެގެންވާ އިލާހެވެ. މި އިލާހަކީ ކާއިނާތު، އާދެ އުޑުތަކާއި ބިމާއި އެތަންތަނުގައި ވާހައި ތަކެއްޗެއް ހެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
-----------------
(ނުނިމޭ)


ފޮޓޯތަކުގެ ތަޢާރުފު؛

       1- މައުޟޫޢު ރަމްޒުކުރާ ފޮޓޯ       
       2-  ޖޯރޖް ގެމޮވް
       3- ކޯބުން ނަގާފައިވާ ކޮސްމިކް ބެކްގްރައުންޑް ރޭޑިއޭޝަން ދައްކުވައިދޭ ފޮޓޯއެއް
       4- ކޯބް        

މި ލިޔުން:

    ފޮނުވުން:      އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް   (އެޑިޓަރު)
    ޝާއިޢުކުރުން:      ''         ''



އިދާރާ

ވާހަކަ