www.fanvai.info

Print

އިންސާނަކު ހަރުފައެއްގެ ބަނޑުގައި

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޕާކިސްތާނުގެފަތުރުވެރިއެއް ކަމަށްވާ އަމްޖަދް ބުޚާރީ ވަރަށް ނުރައްކާތެރި ހަރުފައެއްގެ ބަނޑު ތެރޭގައި ފަނަރަ ވަރަކަށް މިނިޓް ހޭދަ ކޮށްފިއެވެ. ބޮއާ ކޮންސްޓްރިކްޓަރ އޭ ނަމަކަށް ކިޔާ މި ހަރުފައިގެ ދިގު މިނުގައި 25 ފޫޓު ހުއްޓެވެ. މި ޙާދިސާ ހިނގީ ކެންޔާ ގައެވެ. ބުޚާރީ ސަލާމަތްވީ ނައިރޯބީ ނެޝަނަލް ޕާރކް ގެ މީހުން އައިސް ހަރުފައިގެ ބަނޑު ފަޅާލައިގެން އޭނާ ނެގީމަ އެވެ.

މީގެ ކުރިން ވަނީ މި ބާވަތުގެ ހަރުފައިގެ ބަނޑުން ކުޑަ ކުދިން ނަގާފައެވެ. އެކަމަކު މިއީ ބޮޑު މީހަކު މި ފަދަ ގޮތަކަށް ސަލާމަތްވީ ފުރަތަމަ ފަހަރެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބުޚާރީ ސަލާމަތްވީ ޕާރކުގެ މުވައްޒަފުންގެ ހުސިޔާރު ކަމުންނެވެ.

"ދުވަހަކުވެސް އެމީހުންގެ މަތިން އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ." ޢުމުރުން 34 އަހަރުވީ ބުޚާރީ ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ބުންޏެވެ. ބުޚާރީ އަކީ ޖަނަވާރަށް ލޯބި ކުރާ މީހެކެވެ. ނުރައްކާތެރި ޖަނަވާރު އުޅޭ ގޮތް ކައިރިން ބަލައިލުމަކީ އޭނާ ގެ ހުވަފެނެކެވެ. އަންހެނުން މީރާ ގޮވައިގެން ނައިރޯބީ އަށް އައީ މި ހުވަފެނުގައި ހަޤީޤީ ސިފައެއް ޖައްސާށެވެ.

"އަމްޖަދަކީ (ބުޚާރީއަކީ) ވަރަށް އަޅުވެރި، ރަނގަޅު މީހެކެވެ. އޭނާއަކީ ޤުދުރަތީ ރީތި ކަމަށް އަބަދުވެސް ލޯބި ކުރާ މީހެކެވެ." މީރާ ބުންޏެވެ.

ބުޚާރީ އާއި، އޭނާގެ އަންހެނުން ތިބީ ފަރުބަދައެއްގެ ކައިރީގައި އޮތް ވާދީއެއްގައި ނިދާފައެވެ. އޭނާ އަށް ހޭލެވުނީ ފައިގައި އެއްޗެއް ކޭއްތޭތީ އެވެ. ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. މިއޮތީ މާ ސިންގާ ހަރުފައެވެ. ގަންނާ ކުރެއްވި ބިރުން ހަޅޭއް ލަވައިގަންނާކަށް ނުކެރުނެވެ. އޭނާ ކުޑަ ކުޑަ ޙަރަކާތެއް ކޮށްލުމާއެކު އުނަގނޑާ ހަމައަށް ދިރުވާލައިފި އެވެ.

"ދެމިގަނެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެކަމަކު އެ ސޮރުގެ ބާރު ގަދަ ކަމުން ސަލާމަތް ވެވޭ ގޮތް ނުވީ އެވެ." އޭނާ ބުންޏެވެ.

މިރާވެސް ފުރަތަމަ މަސައްކަތް ކުރީ އޭނާގެ ފިރިމީހާ ސަލާމަތް ކުރާށެވެ. އެކަމަކު ބުޚާރީ އޭނާ އަށް އެންގީ އަވަހަށް ގޮސް އެހީވާނޭ ބަޔަކު ގޮވައިގެން އަންނާށެވެ. އޭނާ އަވަހަށް ދުވެފައި ގޮސް ކާރަށް އަރައިގެން ޕާރކު ބަލަހައްޓާ މީހާ ހުންނަ ތަނަށް ދިޔައީ އެވެ. އެ ތަން ހުންނަނީ ގާތްގަނޑަކަށް ދެ މޭލެއްހައި ދުރުގަ އެވެ.

ބުޚާރީ ބުނި ގޮތުގައި މެޔާ ހަމައަށް ދިރުވާލީމާ އޭނާ ގަތް ބިރުން ފުރާނަ ނުނުކުތީ ކިރިޔާ އެވެ.

"އަހަރެން ބޭރަށް ނޭވާލާ ކޮންމެ ފަހަރަކު އެ ސޮރު ތަންކޮޅެއް ދިރުވާލަ އެވެ. އެތެރެއަށް ނޭވާ ލިޔަކަ ނުދެ އެވެ. އެ ސޮރު އެ އުޅެނީ އެހެން ބާއްވައިގެން އަހަރެން މަރާލަންކަން އަހަންނަށް އެނގުނެވެ."

އަމްޖަދް ބުޚާރީ އަކީ ޔޯގާ ކިޔަވައިދޭ މީހެކެވެ. ވުމާއެކު ނޭވާލުން ލަސް ކުރާނޭ ގޮތް އޭނާ އަށް އެނގެ އެވެ. މަރު ނުވެ އިރުކޮޅަކު އޮންނާން އޭނާ ހެދި އުކުޅަކީވެސް އެއީ އެވެ. "އަހަންނަށް އޮތްހައިވެސް ގޮތަކީ ވީހައި މަދުން އޮކްސިޖަން ބޭނުން ކުރުންކަން އަހަންނަށް އެނގުނެވެ." އޭނާ ބުންޏެވެ.

މުޅި މީހާ އެކީގައި ދިރުވާލީ ކިހައި އިރަކުން ކަމެއް ބުނާކަށް ބުޚާރީ އަކަށް ނޭނގެ އެވެ.

އޭނާގެ އަންހެނުން މީރާ، މީހުން ގޮވައިގެން އައީ ފަނަރަ ވަރަކަށް މިނިޓް ފަހުންނެވެ. އެ އައި މީހުންގެ ތެރޭގައި ފޮޓޯ ނަގާ މީހުންވެސް ހިމެނުނެވެ.

"އަހަރެން ހީކުރީ އަހަރެމެންނަށް އާދެވުނީ މާ ލަހުން ކަމަށެވެ. އޭރުވެސް އޭނާގެ އަންހެނުން ހަޅޭއް ލަވަ ލަވާފައި އަމްޖަދެއް މަރެއް ނުވެއޭ ގޮވައެވެ." މަސައްކަތު މީހުންގެ އިސް މީހަކަށް ހުރީ އެމްވާގީ ބުންޏެވެ.

ފަސް މީހުން ވެގެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ހަރުފަ މަރާލައިފި އެވެ. ބަނޑު ފަޅާލީމާ ފުރަތަމަ ފެނުނީ އަމްޖަދް ބުޚާރީގެ ފައެވެ.

"ބަނޑު ފަޅާލީމާ ފުރަތަމަ ބޭރަށް ނުކުތީ އޭނާގެ ފައެވެ." އެމްވާގީ ބުންޏެވެ. "އަހަރެމެން ހީކުރީ އޭނާ އޮތީ މަރު ވެފައި ކަމަށެވެ. އެކަމަކު ކުއްލިއަކަށް ފައި ހަލުވާލިތަން ފެނުނީމާ އަވަސް އަވަހަށް ބަނޑު މުޅިން ފަޅަލައިގެން މީހާ ނެގީއެވެ."

ޑަކްޓަރުން ބުނާ ގޮތުގައި އޭނާ ސަލާމަތްވީ ޔޯގާ ދަންނާތީއެވެ. "ފެންނަ ފެނުމުގައި ސިކުނޑިއަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. ހަރުފައިގެ ބަނޑުގައި ހުންނަ އެސިޑް ގެ ސަބަބުން ދެ ތިން ތަނެއް ފިހިފައި ހުއްޓެވެ. އަދި އަރިކަށީގެ ދެ ކަށިގަނޑެއް ބިންދައިގެން ގޮސްފައި ހުއްޓެވެ. މި ނޫން އެހެން ހާނީއްކައެއް ވެފައެއް ނެތެވެ." ޑަކްޓަރުން ބުންޏެވެ.
----------------------
(ނިމުނީ)

މަޢުލޫމާތު: ޑޯން (ޕާކިސްތާން)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

www.fanvai.info