އަދުގެ ޚާއްސަ

Print

ހަނދާން ނައްތާލައިފީމުއެވެ.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


ޒާރާ އަޙްމަދު

ދުނިޔޭގެ ދެއްކުންތަކާއި އަނިޔާތަކުގައި ޖެހި އިންސާނާ އޭނާގެ ވެރިފަރާތުގެ މަތީން ހަނދާން ނައްތާލައިފިއެވެ. އެފަރާތް ވާކަމާއިމެދު ފަރުވާކުޑަކުރާން ފަށައިފިއެވެ. އެފަރާތުގެ ޚިޔާލާއި ދުރަށްދާން ފަށައިފިއެވެ. އެ ފަރާތް އިންސާނާގެ ފިކުރުތަކުގެ އެންމެ އުސް މައިދާންތަކުގައި ވާހިނދުވެސް އެފަރާތް ދެނެގަންނާން އެއިންސާނާ ނުކުޅެދިފައިވެއެވެ. މާއްދީ ގޮވުންތަކުގެ ގޮވެލިތައް ރެއާދުވާލު އެއިންސާނާގެ
 ކަންފަތުގައި ގުގުމާފައިވަނީ އޭނާގެ ވެރިފަރާތުގެ ދަރުބާރަށް ގޮވައިލެވޭ ގޮވުންތައް ބީރުކޮށްލާފަދަ މިންވަރަކަށެވެ. އިންސާނާއާއި އެންމެ ކައިރީގައިވާ އޭނާގެ ޚާލިޤު ހޯދާން ދިގު ދަތުރުތައް ކުރާން ފަށައިފިއެވެ. އެޚާލިޤުގެ އަސަރުތައް ދެނެގަންނާން އެޚާލިޤުގެ ބަސްފުޅު އެއްފަރާތްކޮށްފައި އެހެނިހެން ދިމަދިމާއަށް ދާންފަށައިފިއެވެ. ބަނޑުހައި ހޫނުކަމުގައި ޖެހުމުން އަނެކުންގެ މަދަދަށް އެދި ސަލާން ޖަހަން ފަށައިފިއެވެ. ހިތްހަމަނުޖެހުމާއި ހިތާމައިގެ ޝިފާއެއްކަމުގައި ދުނިޔޭގެ ވިހަގަދަ ޒަހަރުތައް ހަދައިފިއެވެ. ކެތްކުރުމަށް އިންތިހާއެއް ކަނޑައަޅައިފިއެވެ. އެއީ އަމިއްލައަށް ފުރާނަ ނަގައިލުން ކަމުގައި ހަދައިފިއެވެ. ނާއިންޞާފުގެ ނިޔާ އިއްވޭ ދަރުބާރުތަކުގައި ކުޑަކަކޫ ޖަހައި އަޅުވެތިވާން އަވަސްވެގަންނާން ފަށައިފިއެވެ. ފިޠުރަތުގެ ސާފުކަން މުޑުދާރުކޮށް ކިލަނބުކޮށްލަނީ ސާފު ފެންފޮދެއް ތަޣައްޔަރުކޮށްލާ ފަދައިންނެވެ. ދުނިޔޭގައި އަދި އިތުރަށް އެއްދުވަހު ހުރުމުގެ ދަހިވެތި ކަމުގައި އީމާންކަން ކަފުންކޮށްފިއެވެ. އިންސާނާއަށް އޭނާގެ ނަފްސުވެސް ދެނެގަންނާކަށް ނޭނގުނެވެ. ފެންނަނީ މާނައެއް ނެތް މަންޒަރުތަކެކެވެ. އިހުސާސްކުރެވެނީ ބޭނުމެއްނެތް ވުޖޫދެކެވެ.

މިނުބައިވެގެންވާ ޙާލަތަށް އިންސާނާ ދިޔައީ އޭނާގެ ނޭއްގާނީކަމުންނެވެ. އޭނާގެ ހަނދާންބަލިކަމުންނެވެ. ހަނދާންނައްތާލީ ކޮންކަމެއްތޯއެވެ؟ ހަނދާންނައްތާލީ އޭނާގެ ވެރިފަރާތުގެ ރަޙްމަތުގެ މަތީންނެވެ. އެފަރާތުގެ އޯގާވަންތަކަމުގެ މަތީންނެވެ. އެފަރާތުން އޭނާއަށް ބައްލަވާވޮޑިގެންވާކަމުގެ މަތީންނެވެ. މިކަން ހަނދާންނައްތައިލުމުން އިންސާނާއަށް މަގު ގެއްލިއްޖެއެވެ. މަދަދަށް އެދި ދަންނަވާންވީ ފަރާތް ހަނދުމަނެތިއްޖެއެވެ.

އެހެނަސް އަދިވެސް އުއްމީދެއް ނުގެއްލެއެވެ. މިއީ ޙަޤީޤަތެކެވެ. އަމިއްލައަށް ތަޖުރިބާ ކުރާށެވެ. ތިމާގެ ނޭއްގާނީކަން ދެނެގަނެ އެކަމާއި މެދު ދެރަވާށެވެ. ހިތާއި ދުލާއި ތިބާގެ މުޅި ވުޖޫދު އެފަރާތުގެ ޒިކުރުގައި ބައިވެރިކުރާށެވެ. އަދި ތިބާ އެންމެ ލޯބިވާ މީހާގެ ކުރިމަތީގައި ހުރެ މަޢާފަށް އެދޭފަދައިން އިޚުލާޞްތެރިކަމާއެކު މަޢާފަށް އެދޭށެވެ. މިއަދަށް ވުރެ މާދަމާ އުފާވެރިވާނޭކަން ކަށަވަރެވެ.

އެފަރާތުގެ މަތީން ހަނދުމަނެތިކޮށްލީ ތިބާއެވެ. އެފަރާތެއް ނޫނެވެ. ހަނދާންކޮށްބަލާށެވެ. އެފަރާތުގެ އާޔަތްތަކަށް ތިބާ ފުރަގަސް ދިނީމުއެވެ. އެހެނަސް އެފަރާތުގެ ދަޢުވަތު ރެއާއި ދުވާލު ތިބާއަށް އިއްވަވައެވެ. އެއަޑު ތިބާއަކަށް ނީވުނެވެ. އެހެނަސް ތިބާގެ އަޑު ވަނީ އެފަރާތާއި ހަމައަށް ފޯރަފޯރައެވެ. މެދުކެނޑުމެއް ނެތިއެވެ.

ބިންމަތީގައިވާ އިންސާނާގެ އަޑުވަނީ އުސް ވެގެންވާ ފަރުބަދަތަކާއި އުޑުތަކަށް ވުރެވެސް އުހަށް، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ދަރުބާރާ ހަމައަށް އުފުލިގެންނެވެ!!
-------------- 
(ނިމުނީ)

މި ލިޔުން؛ 

  ފޮނުވުން:    ޒާރާ އަޙްމަދު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް) 
  އަލުންބެލުން:  ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  ޝާއިޢުކުރުން:   ''        ''

އިދާރާ