އަދުގެ ޚާއްސަ

Print

ނޫސްވެރިންނަށް ދިމާވާ ބައެއް މައްސަލަ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ތިންވަނަ ދުނިޔޭގެ ނޫސްވެރިންނަށް ދިމާވާ މައްސަލަތަކަކީ ފުރާވަރަށް އަޅައިގަންނަ ކުއްޖަކަށް ދިމާވާފަދަ މައްސަލަތަކެކެވެ. ތިންވަނަ ދުނިޔޭގެ ގިނަ ޤައުމުތަކަކީ އިސްތިޢުމާރުގެ ނުފޫޒުން ސަލާމަތްވެގެން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ޤައުމުތަކެކެވެ. ފުރާވަރަށް އަޅައިގަންނަ ކުދިންނަކީ މައިންބަފައިންގެ އިމުން ބޭރަށް ނުކުމެ އަމިއްލަ ދިރިއުޅުމާ ދިމާއަށް އަލަށް ފިޔަވަޅުއަޅާ ކުދިންނެވެ. ބޮޑެތި މީހުންނަށް ވުމުގެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރާ މީހުންނެވެ.

އެއްވެސް ދެ ޤައުމެއްގެ ރަނގަޅު ކަންތައްތައް އެއްގޮތް ނުވާ ފަދައިން މައްސަލަތައްވެސް ހުންނާނީ މުޅިން ތަފާތު ގޮތަކަށެވެ. މައިގަނޑު އެއްގޮތް ކަމުގައި ވިޔަސް މައްސަލަ
 އޮންނާނީ މުޅިން ތަފާތު ގޮތަކަށް ފުރޮޅިފައެވެ. ނޫސްވެރިން ޖެހޭނީ މި ޙަޤީޤަތް ޤަބޫލު
ކުރާށެވެ.
ޢާއްމު ގޮތެއްގައި މައްސަލަ ދިމާ ވަނީ ކަމެއް ކުރަން އުޅޭ ގޮތަކުންނެވެ. އެއް ކަމަކާ ކުރިމަތިލާ ދެ މީހުން ކުރެ އެކަކަށް އެ ކަމެއް ކުރެވިފައި އަނެއް މީހާ އަށް ނާކާމިޔާބީ އާ ކުރިމަތި ލާން ޖެހޭ ސަބަބަކީ މިއީ އެވެ. ނޫސްވެރިޔާ އަކީ މީހުންނަށް ކަމެއް އަންގައި ދޭން އުޅޭ މީހެކެވެ. އޭނާގެ މަސައްކަތަށް ސިފަ އަންނަނީ މި އެދުން ހިތުގައި ހަރުލާފައި އޮންނަ މިންވަރަކުންނެވެ. މި ޒަމާނުގައި ޢާއްމު ޚިދުމަތެއްގައި އުޅޭ މީހާ އަށް ވެސް ލިބެން އޮންނަ މާލީ ފައިދާ ހަނދާން ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ނޫސްވެރިޔާ އަކީ މި ދެންނެވުނު މާލީ ފައިދާ ހިތުގައި އަޅައިގެން މަސައްކަތް ކުރާ މީހަކަށް ވެއްޖެ ނަމަ އޭނާގެ ކުރިމަތީގައި އޮންނަ ފަސޭހަ އަށް ވުރެ އުނދަގޫ ބޮޑު ވާ ތަން އައުމަކީ ތާރީޚުން ފެންނަން ހުރި ޙަޤީޤަތެކެވެ. ދުނިޔޭގެ އެހެން ޤައުމު ތަކަށް ބަލާ އިރު ރާއްޖޭގައި ނޫސްވެރިން ގަތުމުގެ ވިޔަފާރި އުނދަގޫ ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެ އެވެ. އޭގެ ސަބަބުތައް ބައިވަރެވެ.

ރާއްޖޭގައި ނޫސްވެރިކަން ކުރާ ގިނަ މީހުންނަކީ ޒާތީ އުފަލެއް ޙާޞިލު ކުރަން މަސައްކަތް ކުރާ މީހުންނެވެ. އެ އުފާ އެ މީހުން ޙާޞިލު ކުރަނީ ޢާއްމުންނަށް ބޭނުންވާ ނުވަތަ ބޭނުންވާ ކަމަށް އެމީހުންނަށް ފެންނަ މަޢުލޫމާތު ފޯރު ކޮށް ދީގެންނެވެ. މި މަސައްކަތުގެ ތެރޭގައި ހުންނަ ހުރަސްތައް ވަރަށް ގިނަ އެވެ. އެންމެ ބޮޑަށް ހިތާމަ ކުރަން ޖެހޭ ކަމަކީ ނޫސްވެރިޔާ ކުރިމަތި ލާން ޖެހޭ އެންމެ ބޮޑު މައްސަލަ ތަކުގެ ތެރޭގައި އާއްމުންގެ ފަރާތުން އަންނަ މައްސަލަތައް ހިމެނޭ ކަމެވެ. އެކަމަކު މި ލިޔުމުގައި އަޅުގަނޑު ބަލާލެވޭތޯ މި އުޅެނީ ނޫސްވެރިންނަށް އެހެން ދިމަ ދިމާއިން އަންނަ މައްސަލަ ތަކަށް ކަމަށް ނުވާތީ އެ ވާހަކަ އެއް ނުދައްކާނަމެވެ. އަޅުގަނޑު ބަލާލެވޭތޯ މި އުޅެނީ ނޫސްވެރިޔާ އަމިއްލަ އަށް އުފައްދާ މައްސަލަ ތަކުގެ މައްޗަށެވެ.

ތައްޔާރު ނުވެ ނުކުތުން

ގިނަ ނޫސްވެރިންނަށް މައްސަލަ ތަކާ ކުރިމަތި ލާން ޖެހެނީ ރަނގަޅަށް ތައްޔާރު ވެގެން ނުތިބޭތީ އެވެ. ތައްޔާރު ވުމޭ މި ދަންނަވަނީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. އޭގެ ތެރޭގައި ފުރިހަމަ ތަމްރީނު ހިމަނައިގެންނެވެ. ނޫސްވެރި އަކަށް ވުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. ވަޑި އަކަށް ވުމާއި، ނޫސްވެރިއަކަށް ވުމާ މެދު މާ ބޮޑު ތަފާތެއް އޮތް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މި ދަނޑިވަޅުގައި ހަނދާން ކޮށްލަން ޖެހޭ އަނެއް ކަމަކީ ލިޔުންތެރިއަކަށް ވުމަކީ ނޫސްވެރިއަކަށް ވުން ނޫން ކަމެވެ. އެ ދެ ކަމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ކޮންމެ ނޫސްވެރިޔަކީ ވެސް ލިޔާ މީހެކެވެ. އެކަމަކު ލިޔާ ކޮންމެ މީހަކީ  ނޫސްވެރިއެއް ނޫނެވެ.

ތައްޔާރު ވުމުގެ ތެރެއަށް ވަންނަ އަނެއް ކަމަކީ ތަޖުރިބާ އެވެ. ތަޖުރިބާ އެއް ނެތި ނޫސްވެރިއަކަށް ވެވިދާނެ އެވެ. އެކަމަކު މޮޅު ނޫސްވެރިއަކަށް ވެވޭނީ ތަޖުރިބާ ލިބިގެންނެވެ.

ތައްޔާރު ނުވެ ހުރެގެން ނޫސްވެރި ކަމުގެ ތެރެއަށް ވަންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ ޚަބަރު އައިސް މޫނުމަތީގައި ޖެހޭ އިރުވެސް އެ ޚަބަރެއް ފާހަގަ ކުރަން ނޭނގުމެވެ. ތަން ތަނަށް ގުޅާފައި ކޮބާ ޚަބަރެއް ނެތް ހެއްޔޭ އަހަން ޖެހެނީ އެހެން ވެގެންނެވެ. މިހެން ވުމުގެ ސަބަބުން ބައެއް މީހުންގެ ކުރިމަތީގައި ނޫސްވެރިޔާ ލަދު ގަންނަން ޖެހޭ ގޮތް ދިމާ ވެއެވެ. މިހާރު ރާއްޖޭގައި އުޅޭ ނޫސްވެރިންގެ ތެރެއިން ޤަދަރުވެރި ނޫސްވެރިންނަކީ މި ދެންނެވިހެން ޚަބަރު ފާހަގަ ކުރަން ދަންނަ މީހުންނެވެ. އެ މީހުންނާ ކުޅުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ތައްޔާރު ވުމުގައި ވިސްނަން ޖެހޭ އަނެއް ނުކުތާ އަކީ ލިޔަން އުޅޭ ވާހަކަ އަކަށް ވަކިން ތައްޔާރު ވުމެވެ. މިސާލަކަށް ހުޅުމާލޭ ގެ މަޝްރޫޢު ގެ ވާހަކަ ލިޔާ އިރު އެއީ ކީއްވެގެން ކޮން ދުވަހަކު ފެށި ކަމެއް ކަން ނޭނގޭ ނަމަ ކުރިމަތި ލާން ޖެހޭ މައްސަލަ ތަކެއް ހުންނާނެ އެވެ. އެ ކަމާ ބެހޭ ގޮތުން މީހަކާ ސުވާލު ކުރާ އިރު އެ ސުވާލު އަމާޒު ކުރަން ޖެހޭ މިސްރާބު އޮންނާނީ އޮޅިފަ އެވެ.

ފައިސާ ނެތުން

ފައިސާ ގެ މައްސަލަ އަކީ ތިން ވަނަ ދުނިޔޭގެ ނޫސްވެރިންނަށް ދިމާވާ ވަރަށް ބޮޑު މައްސަލަ އެކެވެ. އަމިއްލަ ބޭނުމަށް ލިބޭ ފައިސާކޮޅު މަދު ކަމާއި، މަސައްކަތް ކުރާ އިދާރާގެ މާލީ ޙާލަތު އެހައި ރަނގަޅު ނުވުމަކީ ވަރަށް ބޮޑު އުނދަގުލެކެވެ. މިއީ ހަމަ އެކަނި ނޫސްވެރިންނަށް ދިމާވާ މައްސަލައެއް ނޫނެވެ. ޢާއްމު ކޮށް އެންމެންނަށް ދިމާވާ މައްސަލަ އެކެވެ.

ނޫސްވެރިންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަށް އެހެން މަސައްކަތް ކުރަން ޖެހޭ ސަބަބަކީވެސް މިއީ އެވެ. ޑޮމިނިކަން ރިޕަބްލިކް ގައި މަސައްކަތް ކުރާ ނޫސްވެރިން ދެ ތިން ވަޒީފާ އަދާ ކުރާ ކަމަށް ވެއެވެ. އެ މީހުން ދުވާލަކު 16 ނުވަތަ 18 ގަޑި އިރު މަސައްކަތް ކުރެ އެވެ. ނަތީޖާ އެއްގެ ގޮތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ މައްސަލަ ތައް ހިމަނައި ކޮޅުން ނުލާހައި ގިނަ އެވެ.

ނޫސްވެރިންނަށް ލިބޭ އާމްދަނީން ނުފުދުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު، އެންމެ ނުރައްކާތެރި މައްސަލަ އަކީ ނުފޫޒު ހުރި ނުވަތަ ފައިސާވެރި މީހުންގެ ރިޝްވަތުގެ ވަކި ދަށުގައި ނޫސްވެރިން ވާން ޖެހުމެވެ. ރަނގަޅު އާމްދަނީ ލިބޭ ނޫސްވެރިންނަށް މި ފަދަ ކަންތައްތައް ވާނީ ވަރަށް ނުބައި ކަން ކަމަށެވެ. (އެއީ ޙަޤީޤަތުގައިވެސް ނުބައި ކަމެކެވެ.) އެކަމަކު ދަތި ޙާލުގައި އުޅޭ ބައެއް ނޫސްވެރިން ދެކޭ ގޮތުގައި އެއީ އެ މީހުންނަށް މަޖުބޫރު ވެގެން ކުރާ ކަމެކެވެ. ލެޓިން އެމެރިކާ ގެ ބައެއް ޤައުމު ތަކުގެ ނޫސްވެރިންނަށް ސިޔާސީ ލީޑަރުންނާއި، މުއްސަނދިންގެ އަތުން ޤަވާޢިދުން ފީ ނުވަތަ އެހީ ލިބޭ ކަމަށް ވެއެވެ. އެ މީހުންގެ ބޭނުމަކީ އެއް ބާރު ލައިގެން ޙަރަކާތްތެރިވާ، އެކުވެރި ނޫސްވެރިން އުފެއްދުން ކަމަށް މި ފީ ދޭ މީހުން ބުނެ އެވެ.

ބައެއް ޤައުމު ތަކުގެ ނޫސް ތަކަށް ސިޔާސީ ޕާޓީ ތަކުން އެހީ ދެއެވެ. މި ފަދަ އެހީ އަތުލާ ނޫސް ތަކަށް އޮންނަނީ އެ ޕާޓީ ތައް ރުހޭ ގޮތަކަށް ނޫސްވެރިކަން ކުރަން މަޖުބޫރު ވެފަ އެވެ. ޕާޓީ ތަކުގެ އިސް މީހުން ހިންގާ ނޫސް ވެސް ބައެއް ޤައުމު ތަކުގައި ހުރެ އެވެ. ގިނަ ފަހަރަށް އެ މީހުން އަޑީގައި ތިބެގެން ނޫސް ކޮންޓްރޯލް ކުރަނީ އެވެ. ބޭރަށް ފެންނަ ގޮތަށް ހިންގަން ތިބޭނީ އެހެން ބައެކެވެ.

ފައިސާ ގެ މައްސަލަ އަށް ބަލާ އިރު ރާއްޖޭގެ ނޫސްވެރިންނަށް ދިމާވާ މައްސަލަތައް އެހައި ގިނައެއް ނޫނެވެ. ރާއްޖޭގެ ނޫސްވެރިންނަކީ މުޅިން ފުދިގެން އުޅޭ ބަޔަކަށް ނުވިޔަސް ރިޝްވަތު ހިފަން މަޖުބޫރު ވާ ފަދަ ޙާލަތެއްގައި ތިބި ބައެއް ނޫނެވެ. ރާއްޖޭގެ ނޫސްވެރިންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ގިނަ މާލީ ދަތިތަކާއެކުވެސް ތެދުވެރިކަމާއެކު މަސައްކަތްކުރާ ބައެކެވެ. ނޫހުގެ ފަރާތުން ދިމާވާ މައްސަލަތަކާއި، އެހެނިހެން ދަތިތަކާއެކުވެސް ވިކެން އެއްބަސްވާ ބައެއް ނޫނެވެ.

އިތުބާރު ގެއްލުން

އިތުބާރު ގެއްލިފައި އޮންނަ ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިންނަކަށް މީހުން އިތުބާރެއް ނުކުރާނެ އެވެ. ފައިސާ އަށް ނުވަތަ އެހެން ވެސް ކަމަކަށް ވިކޭ ނޫސްވެރިންނާއި، ޒާތީ ތަޢައްޞުބު ގެ ދަށުގައި ވެގެން ތިބެ މަސައްކަތް ކުރާ ނޫސްވެރިން އުޅޭ ނޫހަކަށް ވެސް މީހުން އިތުބާރެއް ނުކުރާނެ އެވެ. މި ދެ ކަމަކީ ގުޅި ލާ މެހިފައިވާ ދެ ކަމެވެ. އެއް ކަމުން އަނެއް ކަމަށް އަސަރު ނުކޮށެއް ނުހުންނާނެ އެވެ.

މިއީ ތަރައްޤީވެފައިވާ ޤައުމު ތަކުންވެސް ފެންނަ މައްސަލަ އެކެވެ. އެކަމަކު މި މައްސަލަ ގިނަ ކަމަށް ފާހަގަ ކުރެވެނީ ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގަ އެވެ.

އެއްވެސް ޤައުމެއްގައި ނޫސްވެރިން ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް، ބޭނުން ވަގުތަކު ލިޔަން ދޫ ކޮށްފައެއް ނޯންނާނެ އެވެ. ހުރިހާ ސަރުކާރަކުންވެސް ނޫސްވެރިން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރާނެ އެވެ. ސަރުކާރަކީވެސް އިދާރާ އެކެވެ. ނޫސްވެރިން ލިޔާ އެއްޗެއްގެ ސަބަބުން ސަރުކާރުގެ ހިންގުމަށް ބުރުލެއް އެރުމަކީ އެއްވެސް ސަރުކާރަކުން އެދޭނޭ ކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް ވެސް ލިބޭ ގެއްލުމަކަށް ވާނެއެވެ. ނޫސްވެރިންނަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްފައި ތިބޭ ބަޔަކަށް ވުމަކީ ނޫސްވެރިން އަބަދުވެސް އެދޭ އެދުމެކެވެ. އެކަމަކު އޭގެ މާނައަކީ އެމީހުން ބަލަހައްޓާ ނުވަތަ ކޮންޓްރޯލްކުރާ ބަޔަކު ނުވަތަ އިދާރާއެއް ހުރެގެން ނުވާނެއޭ ބުނުމެއް ނޫނެވެ. ޙަޤީޤީ ނޫސްވެރިން އެފަދަ ވާހަކައެއް ނުދައްކާނެއެވެ. ނޫސްވެރިން އަބަދުވެސް ދައްކާ ވާހަކައަކީ ސިޔާސީ ނުފޫޒުން ބޭރުގައި މަސައްކަތް ކުރުމުގެ ވާހަކައެވެ. މަޢުލޫމާތު ލިބޭނޭގޮތް ވުމުގެ ވާހަކައެވެ. ނޫސްވެރިން ކިތަންމެ ބޭނުން ވިޔަސް އެންމެ ފުރިހަމަ މާޙަވްލެއް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ނޫސްވެރިން އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް ކަހަލަ ހުރަހެއް ގިރާނުކުރެވިގެންނެވެ. އެހެންވީމާ ދުނިޔޭގެ ގިނަ ނޫސްވެރިން މިހާރު ތިބެނީ ބޮޑެތި ހުރަސްތަކާއި މައްސަލަތަކަކީ އެމީހުންގެ މަސައްކަތުގެ ބައެއް ކަމަށް ގަބޫލު ކޮށްގެންނެވެ.

މައްސަލަތަކަކީ މަސައްކަތުގެ ބައެއް ކަމަށް ގަބޫލު ކުރުމަކީ ރުހިގެން ތިބުމެއް ނޫނެވެ. އެ މައްސަލަތައް ޙައްލު ކުރަން މަސައްކަތް ނުކުރުމެއްވެސް ނޫނެވެ. އެއީ ހަމައެކަނި ފެންނާން އޮތް ޙަޤީޤަތެއް ގަބޫލު ކުރުމެވެ.

އެކި މީސްމީހުން އެމީހުންގެ އަމިއްލަ ބޭނުންތަކަށްޓަކައި ނޫސްވެރިންގެ ބޭނުން ކުރަން އުޅުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ. އެކަމަކު ބަޔަކަށް ދިމާކުރަން ކެރޭނީ "ގޯންޏަށް ލެވޭކަހަލަ" ނޫސްވެރިންނާއެވެ. ބާޒާރުން ބަޔަކު ގަންނަން މަސައްކަތް ކުރާނީ ވިއްކަން ހުންނަ އެއްޗެކެވެ. ފިހާރައިގައި ހުންނަ ނުވިއްކާނެކަން ގައިމުވާ އެއްޗެއް ގަންނާކަށް އެކަކުވެސް ނޫޅޭނެއެވެ.

ބައެއް ގައުމު ތަކުގައި ނުވަތަ ބައެއް މުޖުތަމަޢު ތަކުގައި ސިޔާސީ ލީޑަރުން އެ މީހުންގެ ޖާހާއި، ޤަދަރަށް ޓަކައި ނޫސްވެރިކަން ބޭނުން ކުރަމުން ދެއެވެ. ޤައުމެއްގެ ނޫސްވެރިކަން އެ ފަދަ ގޮތަކަށް އޮންނަ ކަމަށް މަޝްހޫރު ވެއްޖެ ނަމަ އެ ޤައުމެއްގެ ނޫހަކަށް ނުވަތަ ނޫސްވެރިއަކަށް އެކަކުވެސް އިތުބާރެއް ނުކުރާނެ އެވެ. ނޫސް ކިޔާ މީހުންގެ ކުރިމަތީގައި ނޫސްވެރިންގެ އަގެއް ނޯންނާނެ އެވެ. އަދި ނޫހުގެ އަގެއް ވެސް ނޯންނާނެ އެވެ.

އިތުބާރަށް ބަލާ އިރު ނޫހުގައި ޖަހާ ޚަބަރު ތަކުގެ ތެދު ދޮގުގެ މައްސަލަ އަކީވެސް ވިސްނާލަން ޖެހޭ މައްސަލަ އެކެވެ. މީހަކު ދޭ ޚަބަރެއް، އެއްވެސް ބެލުމަކާ ނުލައި ނޫހުގައި ޖެހުމަކީ ފަހުން އެތައް މައްސަލަ އަކާ ކުރިމަތި ލާން ޖެހޭ ކަމެކެވެ. ބައެއް މައްސަލަ އަކީ ކުއްލިއަކަށް ދިމާވާ މައްސަލައެއް ނޫނެވެ. އެކަމަކު ލަހުން ނަމަވެސް އެ މައްސަލަ ފެންމަތި ވާނެ އެވެ. މިސާލަކަށް ނޫހެއްގައި ޖަހާ ޚަބަރެއް ނުބައި ކަން އެނގޭ މީހަކު ނުވަތަ ބަޔަކު އެ ވާހަކަ ނުދައްކައި ހިމޭނުން ތިބެދާނެ އެވެ. (މީހުންގެ ގޮތް ބަދަލު ކުރުމަކީ ނޫސްވެރިންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.) އެކަމަކު ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބައެއްގެ ގާތު އެ މީހާ ނުވަތަ އެ މީހުން އެ ވާހަކަ ދައްކާނެ އެވެ.

ނޫސްވެރިންނަށް ދިމާވާ މައްސަލަ ތަކުގެ ތެރޭގައި މުވާޞަލާތާއި، ދަތުރު ފަތުރުގެ މައްސަލަ ވެސް ހިމެނެ އެވެ. ރާއްޖެ ކަހަލަ ޖަޒީރާ ޤައުމެއްގައި މިއީ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ މައްސަލަ އެކެވެ. (މިއީ ނޫސްވެރިޔާ ގެ ބާރެއް އޮތް މައްސަލައެއް ނޫން ކަން ހަނދާން ކޮށްލަން ޖެހެ އެވެ. އަދި ހަމަ އެކަނި ނޫސްވެރި ކަމަށް ޚާއްޞަ މައްސަލައެއް ވެސް ނުމެ ނޫން މެއެވެ.)

ތަރައްޤީ ގެ މައްސަލަ

ތަރައްޤީ ގެ މައްސަލަ އަކީ ތިން ވަނަ ދުނިޔޭގެ ވަރަށް ގިނަ ޤައުމު ތަކުގައި އޮންނަ މައްސަލަ އެކެވެ. ގިނަ ޤައުމު ތަކުގައި ތަރައްޤީ ވެފައި އޮންނަނީ ހަމަ އެކަނި ވެރި ކަން ކުރާ ރަށެވެ. ނުވަތަ ބައެއް ރަށް ރަށެވެ. ހުރިހާ ވަސީލަތަކާއި، ފަސޭހައެއް އޮންނަނީ އެ ރަށް ރަށުގަ އެވެ. ވުމާ އެކު އެހެން މީހުންނެކޭ އެއް ފަދައިން ނޫސްވެރިންވެސް ތިބެނީ މި ދެންނެވުނު ތަރައްޤީ ވެފައިވާ ހިސާބުގަ އެވެ. ނަތީޖާ އެއްގެ ގޮތުން ނޫހުގައި ގިނައިން ހުންނަނީ އެ ހިސާބުގެ ވާހަކަ އެވެ. ތަރައްޤީ ނުވާ ހިސާބުގެ ވާހަކަ ލިޔެވެނީ ވަރަށް މަދުންނެވެ. ބައެއް ޤައުމު ތަކުގައި އެއް ގޮތަކަށް ވެސް ނުލިޔެވެ އެވެ.

ޚަބަރަކަށް ވާ ކަމެއް ހިނގާނީ ހަމަ އެކަނި ތަރައްޤީ ވެފައިވާ ހިސާބުގަނޑުގައޭ ހީ ކުރުމަކީ ގޯހެކެވެ. ތަރައްޤީ ނުވާ ތަން ތާނގައިވެސް ވަރަށް ގިނަ ކަންތައްތައް ހިނގާނެ އެވެ. ނޫސްވެރިޔާ ވާން ޖެހޭނީ އެ ހުރިހާ ތަނަކަށް ދާން ތައްޔާރަށް ހުންނަ މީހަކަށެވެ. ނުވަތަ އެ ތަން ތާނގައި ދިރި އުޅެން ތައްޔާރަށް ހުންނަ މީހަކަށެވެ.

ސާފު ކޮށް ނުލިޔެވުން

ލިޔާ އެއްޗެއް މީހުންނަށް އެނގޭނޭ ގޮތަށް ސާފު ކޮށް ލިޔުމުގެ ވާހަކަ ނޫސްވެރިކަން ދަސް ކޮސްދޭ ކޮންމެ ކުލާހެއްގައި ދައްކާނެ އެވެ. ތިން ވަނަ ދުނިޔޭގެ ނޫސްވެރިން މި ކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހެ އެވެ. ކޮންމެ ލިޔުމެއްވެސް ވާން ޖެހޭނީ އެންމެ އާދައިގެ މީހާ އަށް ވެސް އެނގޭ ފަދަ ސާދާ ލިޔުމަކަށެވެ. ލިޔުމުގެ ބޭނުމަކީ ނޫސްވެރިޔާ ބަހަށް ކުޅަދާނަ ވަރު އަންގައި ދިނުން ކަމަށް ހަދައިގެން ނުވާނެ އެވެ. ރަނގަޅަށް ދޭހަ ނުވާ ލިޔުމެއް ލިޔުމަށް ވުރެ ނުލިޔުން މާ ރަނގަޅެވެ.

މި ހުރިހާ ވާހަކައެއް ލިޔުނީމާ ނޫސްވެރިކަން ކުރުމަށް ވުރެ އެހެން ވަޒީފާއެއް އަދާ ކުރުން މާ ރަނގަޅޭ ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާފާނެ އެވެ.

ނޫސްވެރިކަން ކުރުމަކީ ކުޅިވަރެއް ނޫނެވެ. އެހެންވީމާ ކުޅިވަރެއް ކަމަށް ދެކިގެން ނޫސްވެރިކަން ކުރަން އުޅޭ މީހާ އަށް ރަނގަޅު ވާނީ އެހެން މަސައްކަތެކެވެ. އެކަމަކު ވަރުގަދަ ހިތްވަރަކާއި، ޢަޒުމެއްގެ ވެރިއަކަށް ނޫސްވެރިކަން ވަރުގެ އެހެން މަސައްކަތެއް ހޯދުން އުނދަގޫ ވާނޭ ކަމަށް އަޅުގަނޑު ދެކެމެވެ. ބަޔަކަށް ތެދު މަޢުލޫމާތާއެކު އެއްޗެއް އަންގައި ދެވުނީމާ ހިތަށް އެ ލިބޭ ހަމަ ޖެހުން ހާދަހާ ބޮޑެވެ.
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ