އަދުގެ ޚާއްސަ

Print

ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިވެހި


އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަ ނާއިބު މަނިކުފާނު


މުޙަންމަދު ވަޙީދު ނަދްވީ
       
އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ (ނުވަތަ ޢަބްދުﷲ ކަމާލުއްދީން) އަކީ މާލޭ މައްޗަންގޮޅީ ބޮޑުގަލުގޭ މާކޮށާރު ބަނޑޭރި މޫސާދީދީ އާއި މާފަންނު ދަރަވަންދޫގޭ ތުއްތުމަނިކެ (ޙައްވާ މަނިކެ) އާ ދެކަނބަލުންގެ ހަގުދަރިކަލުންނެވެ. ބޮޑުގަލުގެ ހުރީ މިހާރު އިސްކަންދަރު އިސްކޫލު ހުރިތާނގައެވެ. މިދެކަނބަލުންގެ ދޮށީ ދަރިކަލަކީ ދަރަވަންދޫގޭ ޙުސައިންދީ ދީދީ (ތުއްތީދީ) އެވެ. މިއީ ޙުސައިން ޞަލާޙުއްދީނެވެ. ޢަބްދުﷲ ދީދީ، ޙުސައިން ދީދީއަށްވުރެ ހަތްއަހަރުފުޅު ހަގެވެ. ބޮޑުގަލުގޭ މޫސާދީދީއަށް މާކޮށާރު ބަނޑޭރިކަން ދެއްވަނީ އޭނާގެ ބައްޕަ ބޮޑުގަލު އިސްމާޢީލް މަނިކު ނިއާވުމުން އިސްމާޢީލްމަނިކަށް އޮތް މާކޮށާރު ބަނޑޭރިކަމެވެ.
       
ދަރަވަންދޫގެއަކީ ބ.އަތޮޅު ދަރަވަންދޫ ޤާސިމް ކަލޭފާނު އޭނާގެ ދަރިކަލުން ދޮންކަލޭފާނަށް (މޫސާ ކަލޭފާނު) އަޅުއްވައިދެއްވި ގެއެކެވެ. ދޮންކަލޭފާނާއި އަތޮޅު ކޮއްކޯގެ އަޙްމަދު ކަލޭފާނުގެ ކަތްދާފުޅާ ދެކަނބަލުންނަށް ލިބިލެއްވީ ދަރަވަންދޫގޭ ތުއްތުމަނިކެ އެވެ.
       
ތުއްތުމަނިކެއަކީ އުޅުންހުރި ހަރުދަނާ ވަރަށް ރީތި އަންހެނެކެވެ. ބައެއް ކަހަލަ ތިލަ ޢަރަބި ފޮތްފޮތުން ކިއުއްވަން ދެނެލައްވާ ޢަރަބި ތަޢުލީމަށް ލޯބިކުރައްވާ ބޭކަނބަލެކެވެ. ކުދީންނަށް ޤުރުއާން ކިއަވައިދެއްވާ އެދުރު ބޭކަނބަލެކެވެ.
       
ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ރައްކާވީ 1305 ޝައްވާލު 17 ވީ ބުދަދުވަހު (27 ޖޫން 1888) ދަރަވަންދޫގޭގައެވެ. އަކުރު ދަސްކޮށްދެއްވައި ވޮށުފިލައި އަޅުއްވައިދެއްވައި ޤުރްއާން ކިޔަވައިދެއްވީ މަންމަ ތުއްތުމަނިކެއެވެ. ފިޤްހު ޢިލްމާއި ޢަރަބިބަސް ފުރަތަމަ ކިޔަވައިވިދާޅުވީ ފަޟީލަތުއްޝައިޚް ނައިބު ތުއްތުގެ އަރިހުންނެވެ. ފަހުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. 1345ހ. ވަނަ އަހަރު އަލްމަދްރަސަތުއްޞަލާޙިއްޔާ (ފަހުން އަލްމަދްރަސަތުއްސަނިއްޔާ) ހުޅުވުމުން އެމަދަރުސާގައިވެސް އުޅުއްވިއެވެ. މިގޮތުން އޭނާއަކީ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީގެވެސް ދަރިވަރެކެވެ.
       
އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ އަދާކުރެއްވި ސަރުކާރުގެ ފުރަތަމަ ވަޒީފާއަކީ ފަނޑިޔާރުގޭ ނައިބު ބޭކަލެއްގެ ވަޒީފާ އެވެ. އެއީ އޭނާގެ ޢުމުރުފުޅުން ގާތްގަނޑަކަށް 18 އަހަރުގަ އެވެ. ދެން ފަތްލިޔާ ނައިބުކަމެވެ. މި މަޤާމުގައި ހުންނަވަނިކޮށް ފަނޑިޔާރުގޭ އިސްނައިބު (ބޮޑުނައިބު) ކަމަށްބަދަލުކުރެއްވި އެވެ. މަދުރަސަތުއް ސަނިއްޔާގެ އިސްމުދައްރިސް ފަޟީލަތުއް ޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީގެ އަރިހަށް ލެއްވި 4 މުސާޢިދުންކުރެ އެއްބޭފުޅަކީ ވެސް ޢަބްދުﷲ ދީދީ އެވެ. އައްޑު އަތޮޅު ގަމުގައި ހުރި ރުއްތަކުގައި ތައްޖައްސަވަން 1334ހ. ވަނަ އަހަރު ސަރުކާރުން ފޮނުއްވި ޝަރްޢީ ވަފުދުގެ ވެރިއަކީވެސް ޢަބްދުﷲ ދީދީއެވެ.
       
ރާއްޖޭގައި ފުރަތަމަ އުފެދުނު ދުސްތޫރީ ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެންބަރަކީވެސް ޢަބްދުﷲ ދީދީއެވެ. އެފަހަރު މެންބަރުކަމަށް ރަދުން ޢައްޔަން ކުރެއްވެވީއެވެ. އަދި 1361ހ. ވަނަ އަހަރު ފާސްކުރި ކުޑަ ޤާނޫނު އަސާސީގެ ދަށުން އުފެދުނު ރައްޔިތުންގެ މަޖިލީހުގައި ރަދުންނާއި (އައްސުލްޠާން ޙަސަން ނޫރައްދީން 2) ބޮޑުވަޒީރުގެ މެންބަރަކީވެސް ޢަބްދުﷲ ދީދީއެވެ.
       
ބަންޑާރަނައިބު ކަމުގެ މަޤާމު ދެފަހަރު ފުރުއްވިއެވެ. ފުރަތަމަ ފަހަރު އެމަޤާމު ޙަވާލުލުރެއްވީ 1347 ރަޖަބު 4 ވީ ހޯމަ (27 ޑިސެންބަރު 1927) ދުވަހުއެވެ. ދެވަނަ ފަހަރު އެމަޤާމު ޙަވާލުކުރައްވަނީ އޭރު ބަންޑާރަނައިބަކަށް (ނާއިބުލް ޢުމޫމީ) ހުންނެވި ޝައިޚް އިބްރާހީމް ރުޝްދީ މޮޓަރު ބޯޓުގެ މައްސަލައިގައި ފޮނުވާލެއްވުމުންނެވެ.
       
ފެންނަންހުރި ލިއުންތަކުގެ އަލީގައި ލަފާކުރެވެނީ އެތާރީޚަކީ 27 ޖަނަވަރީ 1934 (11 ޝައްވާލް 1352) ކަމުގައެވެ. އެދުވަހުން ފެށިގެން 18 ސެޕްޓެންބަރު 1939 (3 ޝަޢްބާން 1358) މިތާރީޚާ ހަމައަށް އެމަޤާމުގައި ހުންނެވިއެވެ.
       
ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރުގެ ވަޒީރުލް ޙައްޤާނިއްޔާ (ޢަދުލު އިންޞާފާބެހޭ ވުޒާރާގެ ވަޒީރު) ގެ ނައިބުކަން ދެއްވީވެސް ޢަބްދުﷲ ދީދީއަށެވެ. ފުރަތަމަ ފަހަރު ބަންޑާރަނައިބު ކަމުގައި ހުންނަވަނިކޮށް އެމަޤާމަށް ބަދަލު ކުރެއްވީއެވެ.
       
އައްޝައިޚް ޢަބްދުﷲ ދީދީ މާފަންނު ޚަޠީބުކަމުގެ މަޤާމުވެސް 15 ވަރަކަށް އަހަރު ބެލެހެއްޓެވިއެވެ. އެއީ އެމަޤާމުގައި ހުންނަވައި ވެލިދޫގޭ ޢަލީ ދީދީ މިޞްރަށް ވަޑައިގަތުމުން އޭނާގެ ބަދަލުގައެވެ. މާލޭ ޚަޠީބުކަމުގެ މަޤާމަކީ ޤަދަރުހުރި ޢިއްޒަތްތެރި މަޤާމެކެވެ. ރަދުން ފަތްކޮޅާއި އަސާ ދެއްވައި ޙަވާލުކުރައްވާ މަޤާމެކެވެ. ވަރަށް އިހުއްސުރެން ފެށިގެން ފަހަކާޖެހެންދެން މާލޭގެ ދެއަވަށުގައި ދެޚަޠީބު ބޭކަލުން ތިއްބަވައެވެ. އެއީ މާފަންނު ޚަޠީބާއި ހެންވޭރު ޚަޠީބެވެ. އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް ޢާދިލުގެ ރަސްކަމުގެ ދުވަސްވަރުގައިވެސް މާލޭގައި ދެޚަޠީބުން ތިއްބެވިއެވެ. އެރަދުން ރަސްކަން ކުރެއްވީ ހިޖުރީގޮތުން 1102 (މީލާދީގޮތުން 1691) ވަނަ އަހަރުގެ ތެރޭގައެވެ.
       
އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ޙައްޖަށް ވަޑައިގަތީ އެއްފަހަރުއެވެ. މިދަތުރު މާލެއިން ފުރާވަޑައިގަތީ 1367 ޝަޢްބާން 16 ވަނަ ދުވަހު ސަރުކާރުގެ ބުރިގް ޢަޠިއްޔަތުއްރަޙްމާން ނާކޮޅުގައެވެ. މިދަތުރު އެހެން ބައެއް ބޭކަލުންނާއި ބޭފުޅުންވެސް ވަޑައިގަތެވެ. އޭގެ ތެރޭގައި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ޙުސައިން ޞަލާޙުއްދީން ހިމެނިވަޑައިގަނެއެވެ. މި ވަފުދުގެ ބޭފުޅުން ސިލޯނުގައި ތިއްބަވަނިކޮށް ޞަލާޙުއްދީނަށް ގަދަ ހުންފުޅެއްގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން ރަންނަ ބަނޑޭރިކިލެގެފާނާއި އެކިލެގެފާނުގެ އަރިހުގައި ގެންދެވި ފަޟީލަތުއް ޝައިޚް ޢަލީ ޙުސައިންދީދީ ޞަލާޙުއްދީނުގެ އަރިހުގައި މަޑުކުރެއްވީއެވެ. ދެން އެހެން ބޭފުޅުން ޙައްޖަށް ވަޑައިގަތީއެވެ. މިވަފުދުގެ ވެރިއަކަށް (އަމީރުލް ޙައްޖު) ވަޑައިގަތީ ޝައިޚް އިބްރާހީމް ރުޝްދީއެވެ.
       
ބަންޑާރަނައިބު ކަމުގެ މަޤާމުގައި ހުންނަވަނިކޮށް ޕެންޝަން ލިބިވަޑައިގަތުމުން ބަންޑާރަ ނައިބުގެ ޢިއްޒަތާއެކު ސަރުކާރުގެ ޢިއްޒަތްތެރިއެއްގެ ގޮތުގައި ގޭގައި ބެހެއްޓެވިއެވެ. ޙަސަން ނޫރައްދީން (2) ގެ ރަސްކަމުގެ ފަހުކޮޅުގައި މަތިގެއަށް ދެންނެވޭ ބޮޑުންގެ ތެރޭގައިވެސް ޢަބްދުﷲ ދީދީ ހިމެނިވަޑައިގަނެއެވެ.
       
ސަރުކާރުން ހިންގަވާ ޤުރްއާން ކިއެވުމުގެ މުބާރާތްތަކުގެ އިސްފަނޑިޔާރަކީވެސް އޭނާއެވެ. އަދި އޭނާއަކީ މަޢާރިފުން ކަނޑައަޅުއްވާފައިވާ ސަރުކާރުގެ މުމްތަޙިނުންގެ ތެރެއިން އިސް ބޭފުޅެކެވެ.
       
ޢަބްދުﷲ ދީދީ އަކީ ކިއަވައި ވިދާޅުވުމުގައި އަޑު މަޚްރަޖް ވަރަށް ރީތި ބޭފުޅެކެވެ. ބައެއް މީހުންގެ ނަޒަރުގައި ޞަލާޙުއްދީނަށްވުރެވެސް ޤުރްއާން ކިއަވައި ވިދާޅުވުން ރީއްޗެވެ. މީގެ އިތުރަށް އޭނާއަކީ ވަޑާންކުރެއްވުމާއި ނައިބޮލި ކަނޑުއްވައިގެން އެއިން ރީތިކޮށް ސަމުސާ ހެއްދެވުންފަދަ މަސައްކަތް ދެނެވަދައިގަންނަވާ ބޭފުޅެކެވެ.
       
މިޒާޖުފުޅުގައި ސާދާ ބޭފުޅެކެވެ. ދެއްކުންތެރިކަން އަމުދުން ނެތް ބޭފުޅެކެވެ. ކެތްތެރި، އޯގާތެރި، ކަމަށް ކަމޭހިއްތަވާ ބޭފުޅެކެވެ. ގޭތެރޭ ބައެއްކަހަލަ މަސައްކަތް ކުރަށްވަނީ އަމިއްލަ އަތްޕުޅުންނެވެ. ގޭގައި ހިނގާ ޚަރަދު ބަރަދު ލިއުއްވައިގެން ބަލަހައްޓަވައެވެ. ރައްޓެހިން ގިނަ އަދި އެމީހުންގެ ބޭނުންތައް ފުއްދަވާދެއްވާ ބޭފުޅެކެވެ. ކަންކަމުގެ އަސަރު ހިތްޕުޅަށް ކުރާލެއް އަވަސްވެފައި އަވަހަށް ދެރަފުޅުވާ ބޭފުޅެކެވެ.
       
އިސްކޮޅުފުޅާކީ 4 ފޫޓު 11 އިންޗިއެވެ. ގައިކޮޅުގެ ކުލަ އޮޅަލި ބައިމަތިފުޅު ފުޅާ ބޮނޑިމަސް ހަށިކޮޅެކެވެ. މަތިމަސްފުޅެއް ތުނބުޅިފުޅެއް ނުހުރެއެވެ. ތުރުކުރައްވާ ހެދުންކޮޅަކީ ކުދި ގޮޅިޖެހި ކަޅުއަޅި ކުލައިގެ މުންޑުކޮޅާއި މުށި ކުލައިގެ ރޮނގު ނުދަމާ ފޮތީގެ ލިބާސްކޮޅެވެ. ލިބާސްކޮޅުގައި ހުންނަނީ ޑަބަލް ނޫން ގިރުވާން ލާފައެވެ. މުންޑުކޮޅު ތުރުކުރައްވަނީ ކޮޅުމަތީން ފެށިގެން ފަތިގަނޑު ނަންގަވައިގެންނެވެ. އިސްތަށިފުޅުގައި ތުރުކުރައްވަނީ ތެޔޮރުމާލެވެ. ބޭރަށް ވަޑައިގަންނަވާއިރު ބައެއް ފަހަރު މާގަނޑުނެތް ތުރުކީ ތާކިހާކޮޅެއްވެސް ތުރުކުރައްވައެވެ. ބޭރަށް ވަޑައިގަންނަވާއިރު ކުޑަކޮޅު ގެންދަވައެވެ. ލިބާސްކޮޅުގެ ޖީބުގައި ޖީބު ގަޑިކޮޅެއް އޮވެއެވެ.
       
ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ތިންބޭފުޅަކާ ކައިވެނިބެއްލެވިއެވެ. ފުރަތަމަ މިލަދޫގޭ ތުއްތު ގޮމަޔާއެވެ. މިބަނޑުފުޅަށް ބޭފުޅަކު ލިބިވަޑައެއް ނުގަނެއެވެ.
       
ދެން ކައިވެނިބެއްލެވީ ފެންފޯއްގަނޑުވަރު ގޮމާގެ އާމިނާ ދީދީއާއެވެ. މިއީ ޢަބްދުﷲ ދީދީގެ ބައްޕަ ފަރާތު ބޮޑުބޭބޭ ބޮޑުގަލުގޭ ޅަހުއްތީދީގެ ބޭފުޅެކެވެ. އެހެންކަމުން އާމިނާދީއަކީ ޢަބްދުﷲ ދީދީއާ ދެބޭންގެ ދެދަރި ބޭފުޅެކެވެ. އަދި މި އާމިނާދީއަކީ މިލަދޫގޭ ތުއްތު ގޮމަޔަށް ބޮޑުދައިތާފުޅު ވިދާޅުވާ ބޭފުޅެކެވެ. އެއީ މަންމާފުޅު ފަރާތްޕުޅުންނެވެ. މިބަނޑުފުޅުން 2 ދަރިކަނބަލުންނާއި ދަރިކަލަކު ލިބިވަޑައިގަތެވެ. ދަރިކަނބަލުންގެ ތެރެއިން ބޮޑުފުޅުވީ އެންމެ ބޭފުޅެކެވެ. ދަރިކަލުންގެ ތެރެއިންވެސް ބޮޑުފުޅުވީ އެންމެ ބޭފުޅެކެވެ. އެއީ އައްޝައިޚުލް އުސްތާޛް މުޙައްމަދު ޖަމީލް ދީދީއެވެ. ތިންވަން އަނބިކަނބަލަކީ ކަކާގޭ މުޙައްމަދު ރަންނަ ބަނޑޭރިކިލެގެފާނުގެ އައްނަބީލާ ފާޠިމާދީދީއެވެ. މިބަނޑުފުޅުން ލިބިވަޑައިގަތީ 4 ދަރިކަނބަލުންނާއި ދަރިކަލެކެވެ. ދަރިކަނބަލުންގެ ތެރެއިން ބޮޑުފުޅުވީ 3 ބޭފުޅެކެވެ. ދަރިކަލަކީ އަލްފާޟިލް މޫސާ ޖަމީލެވެ. ޢަބްދުﷲ ދީދީ އަވަހާރަވީއިރު ހުންނެވީ ފާޠިމާ ދީދީއާ ކައިވެނި ބައްލަވައިގެންނެވެ.
       
ޢަބްދުﷲ ދީދީ އަވަހާރަވީ ހުންފުޅެއްގެ އާލާސްކަންފުޅެއްއައެވެ. ޙައްޖުން ވަޑައިގަތްތާ ތިން ދުވަސްފަހުން ގަދަ ހުންފުޅެއްގައެވެ. ބޭސްކޮޅު ހެއްދެވީ ގދ. ތިނަދޫ ޙަކީމު ޙުސައިން ޢަފީފެވެ. ފަރުވާއަށް ލުޔެއްލިބިވަޑައިނުގެން ހުންފުޅު އައިތާ ހަތްދުވަސްވީ ދުވަހު އަވަހާރަވެއްޖެއެވެ. އަވަހާރަވީ 1368 ރަބީޢުލް އައްވަލް 27 ވީ ހުކުރުވިލޭރޭ ( 27 ޖަނަވަރީ 1949) މެންދަމު އެއްގަޑިބައިވިއިރު ދަރަވަންދޫގޭގައެވެ. އޭރު ޢުމުރުފުޅުން 62 އަހަރު ފުރިގެންދަނީއެވެ. ފަސްދާނުލެވުނީ އަނެއްދުވަހު ހެނދުނު ނުވަގަޑި ބައިގައެވެ. މާފަންނު އާމިސްކިތުގެ ދެކުނުގައެވެ. މިސްކިތުގެ ދާލައިން ފެށިގެން 6 ރިޔަން ހާތަން ދުރުގައެވެ.
       
ކީރިތި ﷲ އޭނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ.
--------------------
 (ނިމުނީ)


މަޢުލޫމާތު:  ފަތްތޫރަ  301

މި ލިޔުން:

   ޓައިޕުކުރުން:  މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
   އަލުންބެލުން:   ''        '' 
   ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

ވާހަކަ