އަދުގެ ޚާއްސަ

Print

ދަރިންނަށް ގަދަރު ކުރުމާއި ގަދަރު ލިބިގަތުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޙައްވާ މަނިކެ ކުދިން ނިދާ ކޮޓަރި ތެރެ ހޯދާ ބަލައިފި އެވެ. އޭނާ އެ އުޅެނީ ފަހަން ގެންގުޅޭ ކަތުރު ނުފެނިގެންނެވެ. އޭނާގެ ދަރިންގެ ތެރެއިން ކޮންމެވެސް ކުއްޖަކު ގެންގޮސްފައި އަނބުރާ ނުގެންނަނީ ކަން އޭނާ އަށް ކަށަވަރު ވެއެވެ. "ދުވަހަކުވެސް ހޯދަން އުޅޭ އެއްޗެއް ނުފެންނާނެ އެވެ. އަހަރެން ގެންގުޅޭ އެއްޗެތި ތަން ތަނަށް ލަނީ ކަލެއެވެ. ދުވަހަކުވެސް އެއްޗެއް ނަގާފައި އެ އެއްޗެއް އޮންނަ ތާނގައި ނުބާއްވާނެ އެވެ. އަހަރެން މި އުޅެނީ ކަތުރު ނުފެނިގެންނެވެ. އަހަރެންގެ އެއްޗެއްގައި މީގެ ފަހުން އަތް ލައިގެން ނުވާނެ އެވެ." ކުދިން ދެކޮޅު ހަދަމުން ދާ އިރުވެސް ޙައްވާ މަނިކެ ދިޔައީ ހަޅޭއް ލަވަމުންނެވެ. ކުދިންގެ ވާހަކަ އެއް ގަބޫލެއް ނުކުރެއެވެ. ދުވަސް ކޮޅެއް ފަހުން ޙައްވާ މަނިކެ އަށް ކަތުރު ފެނުނީ ބޭރުގޭ ތެރޭގައި ހުރި ހަރުގަނޑެއްގެ މަތިންނެވެ. އެ ތާނގައި ކަތުރު ބޭއްވީވެސް އޭނާއެވެ. ފަހުން ހަނދާން ނެތުނީއެވެ.

ކަތުރު ފެނުނީމާ ޙައްވާ މަނިކެ ހެދީ ކިހިނެއް ހެއްޔެވެ؟ އޭނާ ދައްކާ އެއް ވާހަކަ އަކީ މިއީއެވެ. "ކަތުރު ފެނިއްޖެއެވެ. އެކަމަކު ކަލޭމެންނަށް ޝައްކު ކުރީ އަބަދުވެސް އަހަރެންގެ އެއްޗެތި ނަގާތީއެވެ."

އަނެއް ވާހަކަ ތަންކޮޅެއް ތަފާތެވެ. "ކަތުރު ފެނިއްޖެ އެވެ. ދަރިފުޅުމެން ނެގީ ކަމަށް ހީކުރެވުނީތީ މަޢާފަށް އެދެމެވެ."

މި ދެ ގޮތުން ކުރެ ޙައްވާ މަނިކެ ޚިޔާރު ކުރާ ގޮތަކުން އޭނާގެ ދަރިން އެ ކުދިންނަށް ކުރެވޭ ނުބައި ކަންތައްތައް ރަނގަޅު ކުރަން އުޅޭ ގޮތަށް ބަދަލު އަންނާނެ އެވެ. އެ ކުދިން ކުރެވޭ ކުށަށް އެއްބަސް ވެ މަޢާފަށް އެދޭނެ ހެއްޔެވެ؟ ނުވަތަ ކިތަންމެ ބޮޑު ނުބައި ކަމެއް ކޮށްފައި ވެސް ކުރާނީ އިންކާރު ހެއްޔެވެ؟

މަޢާފަށް އެދޭ ކަހަލަ ކަމެއް ދިމާ ވިޔަސް މަޢާފަށް އެދުމަކީ ގިނަ މައިން ބަފައިންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެހެން ނަމަވެސް ދަރިން ލައްވާ މަޢާފް ކުރާށޭ ނުވަތަ ސޮރީ އޭ ބުނުވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. ދަރިންނަށް ކުށެއް ކުރެވިއްޖެއޭ ހީނުކުރެވުނަސް ބައެއް ފަހަރަށް ސޮރީ އޭ ބުނަން މަޖުބޫރު ކުރުވައެވެ. ކުށެއް ނުކުރާ އެއްވެސް އިންސާނަކު މި ދުނިޔެ އަކު ނޫޅެއެވެ. ކުރެވޭ ކުށަށް މައިންބަފައިން އިޢުތިރާފްވެ މަޢާފަށް އެދޭ ނަމަ، ދަރިން ވެސް މަޢާފަށް އެދޭނެއެވެ.

ދަރިން ގެންގުޅުމުގައި ނުވަތަ ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިން އެންމެ ގިނައިން ކޮށް އުޅޭ ސުވާލަކީ ދަރިފުޅު ކުރަން ނުވާ ކަހަލަ ކަމެއް ކޮށްފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދަރިފުޅު ކުރި ކަމަކީ ކޮށްގެން ނުވާނޭ ކަމެއް ކަން އެ ކުއްޖާގެ ހިތަށް ވައްދައި ދިނުމެވެ. އެ ކުއްޖާ އަމިއްލަ އަށް ގަބޫލު ކުރަން ދެނެވެ. އެ ކުދިން އެ ކަން ގަބޫލު ކުރާނީ މައިން ބަފައިން ވެސް ކުރެވޭ ކުށަށް އިޢުތިރާފް ވާ ތަން ފެންނަ ކަމުގައި ވަނީ ނަމައެވެ. ދަރިން ބަލާނީ މައިން ބަފައިން އުޅޭ ގޮތެވެ.

ގަދަރު ކުރުން

ގަދަރަކީ ޔޯޔޯ އެއް ކަހަލަ އެއްޗެކެވެ. ދުރަށް ފޮނުވުމާ އެކު އެނބުރި އަންނާނެއެވެ. ދަރިންނާ މަޑު މައިތިރި ކަމާ އެކު ވާހަކަ ދައްކާ ނަމަ ދަރިން ވެސް މަޑުމައިތިރި ކޮށް ވާހަކަ ދައްކާނެއެވެ. ޢާއްމު ގޮތެއްގައި ކަންތައް ވެފައި އޮންނަނީ މިހެންނެވެ. ކޮންމެ މީހަކީވެސް އުނި ސިފަތައް ހުންނަ މީހެކެވެ. އެހެންވީމާ ދަރިން އަބަދު މައިންބަފައިންނަށް ގަދަރު ކުރާނެއޭ ހީ ނުކުރާށެވެ. ބައެއް ފަހަރަށް މައިން ބަފައިން ދަރިންނަށް ކުރާ ގަދަރުގެ ބަދަލުގައި ދަރިންގެ ފުށުން ގަދަރެއް ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު މިއީ ޢާއްމު އުސޫލެއް ނޫނެވެ. ވަރަށް މަދު ފަހަރަކު ދިމާވާ ކަމެކެވެ.

ދަރިންގެ ކުރިމަތީގައި ތެދުވެރި ވާ ނަމަ ދަރިން ވެސް ތެދުވެރި ވާނެ އެވެ. ދަރިން ކުރާ ކަންކަމަށް މަލާމާތް ކޮށް ހީނ ހަދާ ނަމަ މައިން ބަފައިން ކުރާ ކަން ކަމަކާ ދަރިން އަޅައެއް ނުލާނެއެވެ. އެއީ ހެއްވާ ކަމަކަށް ނުވަތަ ބޭނުމެއް ނެތް ކަމަކަށް ހަދާފައި ދޫ ކޮށްލާނީއެވެ.

ދަރިން މައިންބަފައިންނަށް ގަދަރު ކުރި ނަމަވެސް ހަމަ ކޮންމެ ފަހަރަކު އެއް ގޮތަކަށް ދަރިން ކަންތައް ކުރާނެއޭ ހީ ނުކުރާށެވެ. ޢާއްމު އުސޫލުން އެއްކިބާވެ އެހެން ގޮތަކަށް ޢަމަލު ކުރަން މެދުވެރި ވެދާނޭ އެތައް ސަބަބެއް ހުރެއެވެ. ރައްޓެހިންގެ ކުރިމަތީގައި މާ ހަމަ ޖެހޭ މީހަކަށް ވާން މަސައްކަތް ކުރުމަކީ ބައެއް ކުދިންގެ ކިބައިގައި ހުންނަ ސިފަ އެކެވެ. މި ފަދަ ދަނޑިވަޅެއްގައި މައިން ބަފައިން ބޭނުން ވާ ގޮތަށް ދަރިން ނުހެދުމަކީ ދުރު ކަމެއް ނޫނެވެ. އަދި ބައެއް ފަހަރަށް ރުޅި އައިސްގެން ނުވަތަ ހާސް ވެފައި ހުރެގެން މައިން ބަފައިން އެދޭ ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ކުރުމަކީ ވެސް ދުރު ކަމެއް ނޫނެވެ. މި ފަދަ ޙާލަތެއް ކުރިމަތި ވެއްޖެ ނަމަ ސީދާ މައްސަލައިގެ މުލަށް ވާސިލު ވެވޭތޯ ބެލުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި މި ފަދަ ޙާލަތެއްގައި ވެސް ދަރިންނަށް ޤަދަރު ކުރަން އާދަ ކޮށްފި ނަމަ ހިތް ހަމަ ނުޖެހޭ ކަހަލަ ކަންތައް ދިމާ ވުން މަދު ވާނެ އެވެ.

ބައެއް މައިންބަފައިން ދެކޭ ގޮތުގައި ދަރިން ގަދަރު ކުރާނީ ވަރަށް ހަރުކަށި ވެގެންނެވެ. ނުވަތަ ނުބައި ކަމެއް ކުރީމާ ބޮޑު އަދަބެއް ދިނީމައެވެ. "މި ގޭގައި އެ މީހުންގެ މަގާމަކީ ކޮބައި ކަން އަހަރެން އަބަދުވެސް ދަރިންނަށް އަންގައި ދެމެވެ. އަހަރެން ބުނާ ގޮތަށް ނުހަދައިފިއްޔާ ހަދާނޭ ގޮތް އެ މީހުންނަށް އެނގޭނެ އެވެ."

މި ފަދަ މައިން ބަފައިންނަށް އޮންނަނީ ގަދަރާއި، ބިރު އޮޅިފަ އެވެ. މައިން ބަފައިން ދެކެ ބިރު ގަންނަ ކުދިން ޢާއްމު ގޮތެއްގައި ވަނީ ހަރުކަށި ނުވަތަ ނުލަފާ ކުދިންނަށެވެ. ގިނަ ކުދިން އުޅޭނީ މައިން ބަފައިން ފެންނަ ހިސާބަށް ނައިސް ވޭތޯއެވެ.

ދަރިންނަށް ގަދަރު ކުރާ ނަމަ އެ ކުދިން ބޭނުން ވާނީ މައިން ބަފައިންނާ އެކު އެއް ބާރު ލައިގެން އެކީގައި އުޅޭށެވެ. ގަދަރު ކުރުމޭ މި ކިޔަނީ ދަރިން ތިމަންމެނާ ދޭތެރޭ ކަންތައް ބަހައްޓަން އެދޭ ގޮތަށް ދަރިންނާ މެދު ކަންތައް ބެހެއްޓުމަށެވެ. މީހަކު ތިމާޔާ ދިމާ އަށް ބާރަށް އެއްޗެތި ކިޔަން ނުވަތަ މަލާމާތް ކުރަން އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ބޭނުމެއް ނުވާނެއެވެ. އެހެންވީމާ އެ މީހުންގެ ދަރިން އެ ފަދަ ކަމެއް ބޭނުން ވާނެ ހެއްޔެވެ؟ ކުދިންނަކީ ވަރަށް ނާޒުކު ބައެކެވެ. ކުދިން ބޭނުން ވާނީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި، ދުނިޔެއާ ކުރިމަތިލުމުގެ ހިތްވަރު މައިން ބަފައިންގެ ފުށުން ލިބި ގަންނާށެވެ. ގަދަރާއި، އަމިއްލަ ނަފްސަށް އިތުބާރު ކުރުމާ މިއީ އެއް ކަމެކެވެ.

ގަދަރުގެ ޔޯޔޯ ދުރަށް ފޮނުވާލާއިރު އެ ފޮނުވޭ ދުރުމިން ބަލަން ބޭނުމިއްޔާ ތިރީގައި މިވާ ސުވާލު ތަކަށް ލިބެނީ ކޮން ކަހަލަ ޖަވާބެއްތޯ ބަލާށެވެ.

(1)    އަހަރެން ދަރިންނާ މެދު ކަންތައް ކުރަނީ ބޮޑެތި މީހުންނާ މެދު ވެސް ކަންތައް ކުރާ ގޮތަށް ހެއްޔެވެ؟
(2)    އަހަރެން ދަރިންނާ މުޢާމަލާތް ކުރާ އިރު ތެދުވެރިވަން ހެއްޔެވެ؟
(3)    ކުރެވޭ ކުށާއި، ނޭދެވޭ ކަންތައް ތަކުން ރެކި ގަންނަށް އަހަރެން އުޅެން ހެއްޔެވެ؟
(4)    ދަރިން ދައްކާ ވާހަކަ ތަކަކީ ހެއްވާ ވާހަކަ ތަކެއް ކަމަށް ބަލައިގެން ހީނ މަލާމާތް ކުރުމަކީ އަހަރެން ކޮށް އުޅޭ ކަމެއް ހެއްޔެވެ؟
----------------------
(ނިމުނީ)

މަޢުލޫމާތު: ދަ ލިވިންގ ޕޭރަންޓްސް ގައިޑް ޓު ޑިސިޕްލީން

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ