އަދުގެ ޚާއްސަ

Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން... (1)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ފިޤުހު


ޔޫތަނޭޒިއާ

އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު، އުދަރެސް/ ރ. މާކުރަތު

ތަޢާރުފު:

ޔޫތަނޭޒިއާ (Euthanasia) މިބަސް ނެގިފައިވަނީ ގްރީކުބަހުގެ "eu"  (ފަސޭހަ / ރަނގަޅު) އާއި "thanatos"  (މަރު) އިންނެވެ. ވީމާ ޔޫތަނޭޒިއާގެ ލަފުޒީ މާނައަކީ ފަސޭހަ ނުވަތަ ރަނގަޅު މަރެވެ.

ޔޫތަނޭޒިއާގެ އިޞްޠިލާޙީ މާނައަކީ : "ދިރިހުންނާނެކަމުގެ އުއްމީދު ނެތްވަރަށް ބަލިވެ ނުވަތަ ޒަޚަމްވެފައިވާ އިންސާނެއް(ނުވަތަ ޖަނަވާރެއްވިޔަސް)، ވޭންއެޅުން ވީހާ ވެސް ކުޑަވާނެގޮތަކަށް އޭނާ އަށް "ރަޙުމްކުރުމުގެ ގޮތުން" މަރާލުން، ނުވަތަ މަރާލުން ހުއްދަކުރުމެވެ." ޔޫތަނޭޒިއާއަށް ޢަރަބި ބަހުގައި "قتل الرحمة" އެވެ ކިޔާއިރު، އިނގިރޭސި ބަހުގައި މިއަށް ބޭނުންކުރާ ނަންތަކުގެތެރޭގައި "މަރސީ ކިލިންގ" (Marcy killing) އަދި "އޮނަރ ކިލިންގ" (Honor Killing) ހިމެނެއެވެ.

ޔޫތަނޭޒިއާގެ ވައްތަރުތައް

1.    ޑައިރެކްޓް ނުވަތަ ޑެލިބަރޭޓް ޔޫތަނޭޒިއާ   Direct or deliberate euthanasia

މިއީ ބަލިމީހާ މަރާލުމުގެ ޤަޞްދުގައި ، އެ އެއްޗެއް ބޭނުންކުރުމުން މަރުވާ ޒާތުގެ ކޮންމެވެސް އެއްޗެއް (މިސާލަކަށް: ބޭހެއް ނުވަތަ އިންޖެކްޝަނެއް) ބަލިމީހާއަށް ދީގެން ނުވަތަ އެފަދަ އެހެން ޢަމަލެއް (މިސާލަކަށް: ބަޑިޖެހުންފަދަ ކަމެއް) ކޮށްގެން އޭނާ މަރާލުމެވެ. މީގެ ތިން ޙާލަތެއްވެއެވެ. އެއީ :

(ހ) ވޮލަންޓަރީ
   
މިއީ ބަލިމީހާ އަމިއްލައަށް، މަރުވާން ބޭނުންވެގެން އޭނާ މަރާލަދިނުމަށް (ލިޔުމަކުން ނުވަތަ އެނޫންވެސް ގޮތަކުން) އެހެންމީހެއްގެގާތުގައި އެދޭ އެދުމެއްގެމަތިން އޭނާ މަރާލުމެވެ. މި ޙާލަތު ދިމާވެދާނެ ގޮތްތަކުގެތެރޭގައި؛ ޞަރީޙަކޮށް އޭނާ މަރާލަދިނުމަށް އެދުން ނުވަތަ ބޭސްފަރުވާކުރުމާ ދެކޮޅުހެދުން ނުވަތަ ކެއިންބުއިން ހުއްޓާލުން ނުވަތަ މަރުވުންނޫންކަމެއް ބޭނުންނުވުންފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ނޮންވޮލަންޓަރީ

ބަލިމީހާއަކީ އޭނާ އަމިއްލައަށް ކަންކަން ނިންމޭވަރަށްވުރެ ބޮޑަށް ބަލިވެފައިވާ މީހެކެވެ. ނުވަތަ އޭނާއަކީ އެއްވެސް އެއްޗެއް ނޭނގޭވަރުގެ ކުޑަކުއްޖެކެވެ. މިފަދަ މީހާގެ ޙާލަތާމެދު ވިސްނުމަށްފަހު، އޭނާއަށް "ރަޙުމުކުރުމުގެގޮތުން" އޭނާ މަރާލުމަށް ނިންމައި އެކަންކުރަނީ އޭނާއަށް ފަރުވާކުރާ ފަރާތުން (މިސާލަކަށް: ޑަކްޓަރު) ނުވަތަ އޭނާގެ ޢާއިލާގެމީހުން ނުވަތަ އޭނާގެ ރަޙުމަތްތެރީންނެވެ. މި ޙާލަތު ދިމާވެދާނެ ގޮތްތަކުގެތެރޭގައި؛

ބަލިމީހާ ކޯމާއެއްގައި އޮތުން ނުވަތަ ވިހޭއިރު ވަރަށް ޙާލުދެރަ ކުއްޖެއްކަމުގައިވުން ނުވަތަ މުސްކުޅި ބަލީގައިވާ މީހެއްކަމުގައިވުން ނުވަތަ ބަލިމީހާއަކީ ނުކުޅެދޭމީހެއްކަމުގައިވުން ނުވަތަ ބަލިމީހާއަކީ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހެއްކަމުގައިވުން ނުވަތަ ބަލިމީހާ ބެލެހެއްޓުން ބުރަ އުނދަގޫކަމަކަށްވެގެން އޭނާގެ ބަލަދުވެރީން ނުވަތަ ފަރުވާކޮށްދޭ ފަރާތުން އޭނާ މަރާލުންފަދަ ކަންކަން ހިމެނެއެވެ.

(ށ) އިންވޮލަންޓަރީ

އިންވޮލަންޓަރީ ޔޫތަނޭޒިއާގައި ހިމެނޭ މީހާއަކީ ބައެއްފަހަރަށް ޙަޤީޤީ ބަލިމީހެއްކަމުގައިނުވެވެސް ހިނގައިދާނެއެވެ. މި ޙާލަތުގައިވާމީހާ ޙަޤީޤަތުގައި މަރުވާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އޭނާގެ ޙާލަތާމެދު ހަމްދަރުދީވެ، އޭނާ ތަޙަންމަލުކުރަމުންދާ ވޭން ދިގުދެމިގެން ދިޔަނުދިނުންފަދަ ނިޔަތެއްގައި ކޮންމެވެސް މީހަކު އޭނާ މަރާލަނީއެވެ. މިއީ ވަރަށް މަދުންނޫނީ ދިމާނުވާނެ ޙާލަތެކެވެ. މީގެ ބައެއް މިސާލު ތިރީގައި އެވަނީ އެވެ.

-    ހަނގުރާމައެއްގައި ވަރަށް ބޮޑަށް ޒަޚަމުވެފައިވާ މީހެކެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނުގެ ސަބަބުން އެހީއަކަށް އެދި ސިފައިންގެ ޑަކްޓަރަށް އާދޭސްކުރަމުން ދިޔަ އެވެ. އެހެންނަމަވެސް އެވަގުތު ޑަކްޓަރުގެ އަތުގައި، ރިހުން ކަނޑުވާކަހަލަ ބޭހެއްވެސް ނެތެވެ. އަދި އޭނާއަށް ލިބިފައިވާ ޒަޚަމުތަކުގެ ސަބަބުން ހިނދުކޮޅެއްގެތެރޭގައި އޭނާ މަރުވެދާނެކަމަށް ޑަކްޓަރަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެހެންވެ އޭނާ މަރުވަންދެން ރިހުންތައް ތަޙަންމަލުކުރަން ނުޖައްސަންކަމަށްހިތައި އޭނާއަށް "ރަޙުމުކުރުމުގެގޮތުން" އޭނާގެ ގަޔަށް ބަޑިޖަހައި މަރާލަ އެވެ.

-    އަލިފާން ރޯވެފައިވާ އުސް ޢިމާރާތެއްގައި ހުރި މީހަކު އެހީއަކަށް އެދި ގޮވަމުން ދިޔަ އެވެ. ތިރީގައި ހުރި މީހަކަށް އޭނާ ފެނުނުއިރު އޭނާގެ ހެދުމުގައިވަނީ އަލިފާން ހިފާފަ އެވެ. އަދި އެ ވަގުތު އަލިފާން ނިވައި މީހުން ސަލާމަތްކުރާމީހުންނެއްވެސް އެތަނަކަށް ނާދެ އެވެ. ތިރީގައި ހުރި މީހާގެ އަތުގައި ބަޑިއެއް އޮތެވެ. އަދި އޭނާއަށް ޔަޤީންވަނީ އެހީއަށް އެދޭމީހާ ކުޑައިރުކޮޅެއްގެތެރޭގައި އަނދައިހުލިވެދާނެ ކަމަށެވެ. އެހެންވެ އޭނާ މަރުވަންދެން އެ ވޭނުގައި ނުބަހައްޓަންވެގެން އޭނާގެ ގަޔަށް ބަޑިޖަހައި މަރާލަ އެވެ.

2.    އެސިސްޓެޑް ސުއިސައިޑް Assisted suicide

މިއީ ބަލިމީހާ އަމިއްލައަށް މަރުވުމަށް، އެހެންމީހަކު އިރުޝާދުދީ އެކަމަށް މަގުފަހިވާނެ ގޮތްތައް ބުނެދިނުމުގެ ސަބަބުން ބަލިމީހާ އަމިއްލައަށް މަރުވުމެވެ.
__________________________

3.    އިންޑައިރެކްޓް ޔޫތަނޭޒިއާ  Indirect euthanasia

މިއީ ބަލިމީހާގެ ގައިގާ އަޅަމުންދާ ވަރުގަދަ ވޭނެއް މައިތިރި ކުރުމަށްޓަކައި، އޭނާއަށް "ހަމަޖެހުމެއް" ގެނެސްދޭފަދަ ބޭހެއް ދިނުމުގައި ފަހަރެއްފަހަރަކަށް ދެވޭ ޑޯޒް (މިންވަރު) މަތިކުރުމުގެ ސަބަބުން ބަލިމީހާގެ ނޭވާލުމަށް ދަތިވެ ހިތުގެ މަސުލްތަކަށް ބާރުބޮޑުވުމުގެ ސަބަބުން އޭނާ މަރުވުމެވެ. މިގޮތަށް ޑޯޒް މަތިކުރަމުންދާނަމަ ފަހަރެއްގައި ބަލިމީހާ މަރުވެދާނެކަން ޑޮކްޓަރަށް (ކަނޑައެޅިގެން) އެނގޭނެ އެވެ.

4.     ޕޭސިވް ޔޫތަނޭޒިއާ  Passive Euthanasia

މިއީ ބަލިމީހާއަށް ދެން އިތުރަށް ފަރުވާކުރުމަށް ދެކޮޅުހަދައި އެކަން ހުއްޓާލުމުގެ ސަބަބުން އޭނާ މަރުވުމެވެ. މިކަންކުރަނީ ޙާލުބޮޑު ބަލިމީހާ ނޭވާލެއްވުމަށްޓަކައި ނުވަތަ އެނޫންވެސް ކަމަކަށް ގުޅާފައިހުންނަ ލައިފް ސަޕޯޓްމެޝިން ނައްޓާލުންފަދަ ކަމެއްކޮށްގެންނެވެ.

ޤާނޫނީ ހަމައިން ޔޫތަނޭޒިއާ

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ޢާންމު ޞިއްޙީ އުޞޫލުތަކާއި ، ތަޖުރިބާހުރި ޑޮކްޓަރުންގެ އަޣުލަބިއްޔަތު އޮތީ ޔޫތަނޭޒިއާގެ ޢަމަލު ހިންގުމާއި ދެކޮޅަށެވެ. އަދި ގިނަ ޤައުމުތަކުގެ ޤާނޫނުގައިވާގޮތުން ކޮންމެ ސިފައެއްގައި ނަމަވެސް އިންސާނަކު މެރުމަކީ އެކަމަށް ޤާނޫނީގޮތުން އަދަބު ލިބޭނޭ ކުށެކެވެ.

ޢާންމުގޮތެއްގައި ޔޫތަނޭޒިއާގެ ޢަމަލު ހިންގަމުންދަނީ ހުޅަނގުގެ ޤައުމުތަކުގަ އެވެ. އެމީހުން މިކަންކުރަނީ މިޢަމަލު ހިންގާ ފަރާތްތަކަށް އަދަބު ދިނުމުން ރެކެވޭފަދަ ތަފާތު ނަންނަމުގަ އެވެ. ހޮލޭންޑްގައި މިކަންތައްވަނީ ގާތްގަނޑަކަށް ހަމަކޮންމެ ދުވަހަކުކުރެވޭ ކަމެއްފަދައިން ޢާންމުވެފަ އެވެ.


 
ޔޫތަނޭޒިއާގެ ޢަމަލު ހިންގާމީހުން އެކަމަށް ދައްކާ ބައެއް ބަހަނާ

1. ބަލިމީހާއަށް ތަޙަންމަލު ނުކުރެވޭފަދަ ވޭނާއި އުނދަގުލުން އޭނާ ސަލާމަތްކޮށްދިނުން.

2. ބަލިމީހާގެ ޙާލަތާމެދު (އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނާމެދު) އޭނާގެ ގާތްތިމާގެ މީހުންނާއި ، ރަޙުމަތްތެރީންނަށް ލިބެމުންދާ ހިތާމަތަކުން އެމީހުން ސަލާމަތްކުރުން.

އިސްލާމީ ނަޒަރަކުން ޔޫތަނޭޒިއާ

1.     22 މާރިޗު 2005 ގައި ޔޫރަޕިއަން ކައުންސިލް ފޮރ ފަތުވާ އެންޑް ރިސަރޗް އިން ޔޫތަނޭޒިއާ އާއި ބެހޭގޮތުން ނެރުއްވި ފަތުވާގައިވެ އެވެ. "ރަނގަޅުނުވާނޭފަދަ (ނުވަތަ އެނޫންވެސް ކޮންމެ ފަދަ) ބައްޔެއް ޖެހިފައިވާ މީހަކުނަމަވެސް ، އޭނާ މަރާލުން އިސްލާމީ ޝަރީޢަތުގައި އެއްވެސްމީހަކަށް (އެއީ އޭނާ އަމިއްލައަށް ނުވަތަ ޑޮކްޓަރު ނުވަތަ އޭނާގެ ޢާއިލާގެމީހުން ކަމުގައިވިޔަސް) ހުއްދަވެގެންނުވެ އެވެ. އަދި އޭނާ މަރާލަނީ އެބަލިން ރަނގަޅުނުވާނޭކަމުގެ ޔަޤީންކަން ލިބިފައިވުމުން ނުވަތަ އޭނާއަށް ޖެހިފައިވާ ބަލި (އޭނާގެ ފަރާތުން) އެހެންމީހުންނަށް ޖެހުމުން ސަލާމަތްކުރުމަށް ކަމުގައިވިޔަސް މިކަންއޮތީ ހަމަމިގޮތަށެވެ. މިގޮތަށް މީހަކު މަރާލުން ހިމެނޭނީ "ޤަޞްދުގައި މީހަކު މެރުން" ކަމުގައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ. ((ولا تقتلوا النفس التي حرم الله إلا بالحق ...)) (الأنعام : 151) "މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ތިޔަބައިމީހުން ޙައްޤަކާނުލާ ނުމަރާށެވެ!" އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެކަމަށްޓަކައި އިސްރާއީލުގެ ދަރީންގެ މައްޗަށް ތިމަންރަސްކަލާގެ ކަނޑައެޅުއްވީމެވެ. ފުރާނައަކަށް ފުރާނައެއް ހިފާގޮތަށް ނުވަތަ ބިމުގައި އުފައްދާ ފަސާދައަކަށްޓަކައިނޫން ގޮތަކަށް މީހަކު ޤަތުލުކޮށް ފުރާނައެއް ނެތިކޮށްފިމީހާ، އެންމެހާ މީސްތަކުން ޤަތުލުކުޅަފަދައެވެ." (المائدة : 32)

މީހަކު އަމިއްލައަށް މަރުވުން ނުވަތަ އޭނާ މަރާލުމުގެ ހުއްދަ އޭނާ އެހެންމީހަކަށް ދީފައިވާތީ އެހުއްދަލިބުނު ފަރާތުން އޭނާ މަރާލުންވެސް ހުއްދައެއްނޫނެވެ. އެހެނީ އޭނާ މަރާލުމުގެ ހުއްދަ ދިނުމަކީ އޭނާގެ މަރު ޙަރާމްވެފައިވާ ޙަރާމްވުން ހުއްދަވާނޭކަމެއްނޫނެވެ. އަދި އޭނާ މަރާލުން އެއީ އޭނާ އަމިއްލައަށް ހުއްދަ ކުރެވޭނެކަމެއްވެސްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘުން ސާބިތުވާގޮތުގައި މީހަކު އަމިއްލައަށް މަރުވެއްޖެނަމަ އެމީހަކު އެމަރުވި ގޮތަކަށް އެމީހަކަށް ނަރަކައިގައި ޢަޛާބު ދެއްވެމުންދާނެއެވެ."

2.     ޑރ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވެއެވެ. "ޔޫތަނޭޒިއާގެ ގޮތުން މީހަކު މަރާލުމަކީ އިސްލާމްދީނުގައި ޙަރާމްކަމެކެވެ. މިކަން (އެބަހީ : ޔޫތަނޭޒިއާގެގޮތުން މީހަކު މެރުން) ހިމެނެނީ ޑަކްޓަރު ނުވަތަ މިކަންކުރާމީހާ ޤަޞްދުގައި މީހަކުމެރުންކަމުގައެވެ. ޙައްޤަކާނުލާ ޤަޞްދުގައި މީހުން މެރުމަކީ ރަޙުމަތުގެ މި (އިސްލާމް) ދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. والله أعلم"

ޕޭސިވް ޔޫތަނޭޒިއާ ނުވަތަ ޙާލުބޮޑު ބަލިމީހަކަށް ގުޅާފައިހުރި ލައިފް ސަޕޯރޓް މެޝިން ނައްޓާލުން

1.      22 މާރިޗު 2005 ގައި ޔޫރަޕިއަން ކައުންސިލް ފޮރ ފަތުވާ އެންޑް ރިސަރޗް އިން،  ޕޭސިވް ޔޫތަނޭޒިއާ އާއި ބެހޭގޮތުން ނެރުއްވި ފަތުވާގައިވެއެވެ. "ބަލިމީހާގެ ސިކުނޑީގެ ބުޑުގަނޑު (ނުވަތަ ބްރެއިންސްޓެމް Brainstem) ވަނީ މަރުވެފައިކަން ޠިއްބީގޮތުން ކަށަވަރުވެ ޔަޤީންވެއްޖެނަމަ އޭނާގެ ހަށިގަނޑަށް ގުޅާފައިވާ ލައިފްސަޕޯރޓް މެޝިން ނައްޓާލުމަކީ ހުއްދަކަމެކެވެ. އެހެނީ މިޙާލަތުގައި ބަލިމީހާގެގަޔަށް ގުޅާފައިހުންނަ މެޝިނުން ކޮށްދޭނެހަމައެކަނިކަމަކީ އޭނާ ނޭވާލެއްވުމާއި ލޭދައުރުކޮށްދިނުމެވެ. އެހެންނަމަވެސް ޙަޤީޤަތުގައި އޭނާއެވަނީ މަރުވެފައެވެ. މިގޮތަށް އޮތްމީހަކު ބޭއްވުމަކީ އޭނާ އެއޮތްތަނާއި އޭނާއަށް ގުޅާފައިވާ މެޝިންތައް ބޭނުންކޮށްގެން ފަހަރެއްގައި ރަނގަޅުވެދާނެ އެހެން ބަލިމީހަކަށް އެތަކެތި ލިބުމަށް ހުރަސްއަޅާނެކަމެކެވެ."

2.     ޑރ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވެއެވެ. "ގިނަޒަމާންތަކެއްވަންދެން ކޯމާއެއްގައި އޮތްމީހާ ނުވަތަ އޭނާގެ ސިކުނޑި މަރުވެފައިވާމީހާގެ ގަޔަށް ގުޅާފައިހުންނަ ލައިފްސަޕޯރޓް މެޝިން ނައްޓާލުން ހުއްދައެވެ. އެހެންނަމަވެސް މިކަންކުރަންވާނީ ތަޖުރިބާހުރި ޑޮކްޓަރުންގެ ޓީމަކުން ފުރިހަމަ ތަޙްޤީޤެއްކޮށް ބަލިމީހާ ދެން ރަނގަޅުނުވާނެކަމުގެ ފުރިހަމަ ޔަޤީންކަންދީ ލައިފްސަޕޯރޓް މެޝިން ނައްޓާލުމަށް އިރުޝާދުދީފިނަމައެވެ. ހަމަމިގޮތަށް ، މީހަކަށް ޖެހިފައިވާ ބައްޔަކުން ދެން އޭނާ ރަނގަޅުވާނެކަމުގެ އެއްވެސް ޢަލާމާތެއް ނުފެންނަ ބަލިމީހާއަށް ދެމުންދާ ވަކިކަހަލަ ބޭހެއް ދިނުންވެސް ހުއްޓާލެވިދާނެއެވެ. އެކަމަކު އޭނާއަށް ކާނާއެއްދޭނަމަ އެކަން ހުއްޓާލައިގެންނުވާނެއެވެ."
____________________

3.      އިސްލާމިކް ސޮސައިޓި އޮފް ނޯތު އެމެރިކާގެ ރައީސް ޑރ. މުއްޒައްމިލު ޞިއްދީޤީ ، ޕޭސިވް ޔޫތަނޭޒިއާ އާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. "ބަލިމީހާގެ ގަޔަށް ގުޅާފައިހުރި ލައިފް ސަޕޯރޓް މެޝިން ނައްޓާލައި (ޤުދުރަތީގޮތުން މަރުވަންދެން) އޭނާ ބޭއްވިދާނެއެވެ. އެހެންނަމަވެސް އެކަންކުރަންވާނީ އެކަމަށްޓަކައި ފަރުވާތެރިކަމާއެކު ފުރިހަމަ ތަޙްލީލުތައް ކުރުމަށްފަހުގައެވެ.

4.     1407 ވަނަ އަހަރުގެ ޞަފަރު މަހުގެ 8 ން 13 އަށް، އުރުދުންގެ ވެރިރަށް ޢަންމާނުގައި ބޭއްވި މަޖުމަޢުލްފިޤުހުލްއިސްލާމީގެ ބައްދަލުވުމުގައި ނެރުއްވި ޤަރާރު ނަންބަރު: 17 (3/5) ގައިވެއެވެ. އަންނަނިވި ދެޙާލަތުގެތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ މީހާވަނީ މަރުވެފައިކަން ޝަރުޢީގޮތުން ކަނޑައަޅައި، މައްޔިތާއާމެދު ކުރަންޖެހޭ އެންމެހައި ކަންކަން އެމީހެއްގެ މައްޗަށް ތަރުތީބުވެގެންދާނެއެވެ.

(ހ) މީހާގެ ހިތުގެ ހިނގުމާއި ނޭވާލުން މުޅީން ހުއްޓި މި ހުއްޓުން އަލުން އެނބުރި ރުޖޫޢަނުވާނޭކަމަށް ޑަކްޓަރުންގެ ޓީމަކުން ނިންމުން.

(ށ) މީހާގެ ސިކުނޑީގެ އެންމެހައި މަސައްކަތްތައް މުޅީން ހުއްޓި މި ހުއްޓުން އަލުން އެނބުރި ރުޖޫޢަނުވާނޭކަމަށް ތަޖުރިބާހުރި ޑަކްޓަރުންގެ ޓީމަކުން ނިންމުން.

ބަޔާންވެދިޔަ ދެޙާލަތުންކުރެ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން "މަރުވިކަން" ޔަޤީންކުރެވިފައިވާމީހާގެ ހަށިގަނޑަށް ގުޅާފައިހުރި ލައިފް ސަޕޯޓް މެޝިން ނައްޓާލުން ހުއްދަވާނެއެވެ. އެއީ މިފަދަ މެޝިނެއްގެ އެހީގައި އޭނާގެ ގުނަވަނެއްގެ (މިސާލަކަށް: ހިތުގެ) މަސައްކަތް ހިންގުވަމުން ދިޔަނަމަވެސްމެއެވެ.
   
ޚުލާޞާ

•    އިސްލާމީ ޢިލްމުވެރީން ޔޫތަނޭޒިއާއަށް ޙުކުމް ކުރެއްވުމުގައި ޔޫތަނޭޒިއާ ބައްސަވަނީ ދެބަޔަކަށެވެ. އެއީ ޑައިރެކްޓް (ސީދާގޮތުން) ނުވަތަ ޑެލިބަރޭޓް (ޤަޞްދުގައި ހިންގާ) ޔޫތަނޭޒިއާ އާއި، ޕޭސިވް (ނުސީދާކޮށް ހިންގޭ) ޔޫތަނޭޒިއާއެވެ.

•    ޑައިރެކްޓް ނުވަތަ ޑެލިބަރޭޓް ޔޫތަނޭޒިއާގެތެރޭގައި ހިމެނޭ އެއްވެސް ޢަމަލެއް ހިންގައިގެން މީހަކު މަރާލުން ހިމެނެނީ ޤަޞްދުގައި މީހަކު މެރުންކަމުގައެވެ. މީގެތެރެއިން ޢަމަލެއް ހިންގީ ބަލިމީހާ އަމިއްލައަށްކަމުގައިވާނަމަ އޭނާ ހިމެނޭނީ "އަމިއްލައަށް މަރުވި" މީހެއްކަމުގައެވެ. މިދެގޮތަށްވެސް މެރުމާއި މަރުވުމަކީ އިސްލާމްދީނުގައި ޙަރާމްކަމެކެވެ. ބޮޑުފާފައެކެވެ.
   
•    ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި ޕޭސިވް ޔޫތަނޭޒިއާ ނުވަތަ ޙާލުބޮޑު ބަލިމީހާއަށް ގުޅާފައިހުރި ލައިފްސަޕޯރޓް މެޝިން ނައްޓާލުމަކީ ހުއްދަކަމެކެވެ. އެހެންނަމަވެސް މިކަންކުރެވޭނީ ޚާއްޞަ ޝަރުޠުތަކަކާއެކުގައެވެ. އެއީ :

-    ބަލިމީހާގެ ސިކުނޑި މަރުވެފައިވާކަން ނުވަތަ ހިތުގެ މަސައްކަތާއި ނޭވާލުން މުޅީން ހުއްޓި މިކަންކަން އެނބުރި ރުޖޫޢަނުވާނޭކަން އިތުބާރުހުރި ތަޙްލީލުތަކުން ކަށަވަރުވެ ޔަޤީންވުން.
-    އިތުބާރުހުރި ޑޮކްޓަރުންގެ ޓީމަކުން ފުރިހަމަ ތަޙްޤީޤެއްކޮށް ބަލިމީހާ ވަނީ މަރުވެފައިކަމާއި، ދެން އަލުން އެނބުރި ޙަޔާތަށް ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަންދީ އޭނާގެގަޔަށް ގުޅާފައިވާ ލައިފްސަޕޯރޓް މެޝިން ނައްޓާލުމަށް އިރުޝާދުދިނުން.

•    ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާ މީހަކުނަމަވެސް އަދި އޭނާގެ ގައިގާ ތަޙަންމަލު ނުކުރެވޭފަދަ ބޮޑު ވޭނެއް އަޅައި އެކަމުން އޭނާއަށާއި އެހެންމީހުންނަށް އަސަރުކުރަމުންދިޔަނަމަވެސް ޔޫތަނޭޒިއާގެގޮތުން މީހަކު މަރާލުން އިސްލާމްދީނުގައި ހުއްދަވެގެންނުވެއެވެ. ބަލިމީހާއަށާއި އޭނާގެ ބަލަދުވެރީނަން އޮތީ ކެތްތެރިވުމެވެ. ކެތްތެރިވުމަކީ މާތްﷲ އެކަމަށް އަމުރުކުރައްވައި އަދި ކެތްތެރީންނަށް އެކަމުގެ އުޖޫރަ ހިސާބެއްނެތި ދެއްވާނޭކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((إنما يوفى الصابرون أجرهم بغيرحساب)) (الزمر : 39) "ހަމަކަށަވަރުން ކެތްތެރީންނަށް އެމީހުންގެ އުޖޫރަ އެއްވެސް ޙިސާބެއްނެތި ދެއްވޭނެ އެވެ."
---------------------
(ނިމުނީ)

ހަވާލާ :

1.    الدكتورمحمد علي البار (1992) ،  أحكام التداوي والحالات الميؤوس منها و قضية موت الرحمة / دارالمنارة
2.    الأستاذ الدكتورعلي محيدين القره داغي و الأستاذ الدكتورعلي يوسف المحمدي (2006) ،  فقه القضايا الطبية المعاصرة -  دراسة فقهية طبية مقارنة / الطبعة الثانية ، دارالبشائرالإسلامية
3.    ޑރ. ޔޫސުފުލްޤަރުޟާވީ (2005) ، "ޔޫތަނޭޒިއާ" ،   www.islamonline.net
4.    ޑރ. މުއްޒައްމިލު ޞިއްދީޤީ  (2006) ، "ޔޫތަނޭޒިއާ" ، www.islamonline.net
5.    ޔޫރަޕިއަން ކައުންސިލް ފޮރ ފަތުވާ އެންޑް ރިސަރޗް (2005) "ޔޫތަނޭޒިއާ"
6.    www.euthanasia.com



މައުޟޫޢާ ގުޅޭގޮތުން އިތުރަށް ވިދާޅުވުމަށް :

1.    الدكتورمحمد علي البار (1992) ،  أحكام التداوي والحالات الميؤوس منها و قضية موت الرحمة / دارالمنارة
2.    الدكتور  موسى البسيط   (2004) ، تيسير  الموت للمريض "قتل الرحمة"  بين الحكم الشرعي والموقف الطبي
3.    الدكتورأمل العلمي  (1999) ،  قتل الرحمة والسلوك الطبي من منظور الشريعة والقانون / الطبعة الأولى


މި ލިޔުން:

    ފޮނުވުން:     އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
    އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:    ''          ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ