Print

ކުޑަ ހިނދުކޮޅެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޙުސައިން ޝާކިރު

ރޫޙާނީ ޢާލަމްގައި އެނގުމެއްނުވާ ޒަމާންތަކަކާއި ދުވަސްތަކެއް ގުނެމުން ދިޔަ އެވެ. އެއަށްފަހު، ފިޠުރީ ހަމަތަކާއި އުޞޫލުގެމަތިން ރަޙިމުގެ ޢާލަމުގައި ކުޑަކުޑަ ނުޤުޠާއެއްގެ ސިފަ ލިބުނެވެ. އެ ހިނދުންފެށިގެން ވަގުތުތަކާއި ދުވަސްތައް ގުނެމުން ދިޔަ އިރު ދުށީ ދުކެއް ތުރާލެއް އުފުލަން  ނުޖެހޭ އުފަލާއި އަރާމުގެ  ޢާލަމެކެވެ. ކޮންމެޔަކަސް، ދުނިޔެވީ ސުންނަތާއި ފިޠުރީ ހަމަތަކާއި އުޞޫލުގެ މަތިން ހިތާއި ދެކޮޅަށް ވިއަސް ވަކިވާން ޖެހުމުގެ ވަގުތުއައިސް ޖެހިއްޖެ އެވެ. ކުރިމަތިލާން ޖެހޭނެ ކަންތައްތަކެއްގެ ބޮޑު ކުޑަމިން ވެސް ނޭނގި ހިތާއި މޭ ބިރުންވިރި ފިތްކެނޑޭ ފަދަ ޙާލެއްގައި ވަނިކޮށް ހަށިގަނޑުގައި ބީހިގެންދިޔައީ ނުވެސް ދަންނަ އަދި ދުވަހަކުވެސް އިޙުސާސް ނުކުރެވޭ މީހެއްގެ އަތެވެ. އެ އަތް ބީހުމުގައި ކިތަންމެ މަޑުމައިތިރިކަމާއި އޯގާތެރިކަން އެކުވެފައިވިއަސް އަލަށް މި ކުރެވުނު އިޙުސާސާއެކީ ގަތްގަތް ބިރުން ރޮއި ގަނެވުނީ އަޑުއަހާމީހުން ބިރުން ފިތްކެނޑިދާހާބާރުމިނުގަ އެވެ. އެ ވަގުތު ކޮންމެވެސް މީހަކު، އަހުރެން އަދާކުރަން ޖެހިފައި އޮތް ބޮޑު ބުރަ މަސްއޫލިއްޔަތާއި ޒިންމާ، އަހުރެންގެ ކަނާތު ކަންފަތް ދޮށުގައި ހަނދާންކޮށް ދިނުމަށް ފެށްޓި އެވެ.

އެ އޯގާވެރި އަޑުގެ ވެރިޔާ އަހަރެންނަށް ހަނދާކޮށް ދެމުން ގެންދިއައީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި ހައިބަވަންތަ ކަމާއި ކުޅަދުންވަންތަކަމެވެ. އެ ފަރާތަށް އަދާކުރަން ޖެހިފައިވާ ވާޖިބުގެ މަތިވެރިކަމެވެ. ހީވީ ރިހޭފައިގެ މައްޗަށް ފޮއި ވެއްޓުނުހެންނެވެ. ކުރިން އެ ހާބިރުގެންފައި ވަނިކޮށް މި އިވުނު އަޑާއި އެކު ގަތްބިރު އިހުނަށްވުރެ އެތައް ގުނައެއް އިތުރުވެގެން ދިއަ އެވެ. އެ ގަތްބިރާއެކު ތުރުތުރު އަޅައިގަތުމާ އެކު އިތުރަށް ދެ އަތް މުށްކެވި އުޅަނބޮށި ހުޅުން ލަނބާލެވި މެއާއި ކައިރިކޮށް ފިއްތާލެވުނެވެ. އަދި ދެފައި ކަކުލު ހުޅުން ލަނބާލައި މައްޗަށް ގެނެސް ބަނޑާލައި ފިއްތާލައި އިހުނަށްވުރެ ބާރަށް ރޮއިގަނެވުނެވެ.

އެ ހިނދު މި ދުނިޔަވީ ޢާލަމުގައި އަހަރެންވަނީ އެކަނި ނޫންކަމާއި އޭނާ ވެސް އަހަރެނާއި އެކުގައި ވާކަމަށް ބުނަމުން الله، رب العالمين ގެ އެއްކައުވަންތަކަމަށް ހެކިވާކަމަށް ތަކުރާރުކޮށް ބުނެ އިޢުލާންކުރި އެވެ. އަދި އެއަށްފަހު މުޙަންމަދުގެފާނު (صلى الله عليه وسلم)ގެ ރަސޫލުކަމާއި ނަބީކަމަށް ހެކިވެ ދުލުން އިޤުރާރުވަމުން މުޙަންމަދުގެފާނަކީ ﷲ ގެ ރަސޫލާކަން ހަނދާންކޮށް ދިނެވެ. އަހަންނަށް އެކަމުން ހިތްވަރު ލިބިގެން ދިޔަ އެވެ. އަދި މި ދުނިޔަވީ ޢާލަމުގައި އަހަރެންނަށް ހެޔޮ ނަސޭހަތްދޭނޭ ނާޞިޙުން ވެސް ތިބިކަން އެނގުމުންނެވެ.
 
އަނެއްކާވެސް ކަންފަތް ދޮށުގައި އެ އޯގާވެރި އަޑުން ގޮވާލީ ނަމާދަށް އަވަސްވެގަތުމަށެވެ. އެއާއެކު އެކަމުގައި ދިންނެވުމާއި ސަލާމަތްކަން ލިބިގެންވާ ކަން ހަނދާންކޮށް ދެމުންނެވެ. މިހާރު ބިރު ފިލައިފި އެވެ. މި އަދާއި އެއްގޮތަށް މާދަމައެއް ވެސް ވާނޭކަމާއި އެ ދުވަހުން ދިންނެވުމާއި ސަލާމަތްކަން ލިބިގެންވަނީ މިއަދު މިއިވިގެން ދިޔަ މަދު ކަލިމަތަކުން  ނަސޭހަތް ލިބިގަނެ އޭގެ ބޭނުން ހެޔޮގޮތުގައި ހިފިމީހަކަށްކަން އެނގުމުންނެވެ.

އޭނާ ވަކިވެގެން ދިއައީ ﷲ ގެ މަތިވެރިކަމާއި ހައިބަވަންތަވެރިކަމާއި އެހެން ކޮންމެ ކަމަކާއި އެއްޗަކާއި ތަނަކަށްވުރެ ﷲ ގެ މަތިވެރިކަމާއި ﷲ ގެ ދަރުބާރުގެ ބޮޑުކަން ހަދާންކޮށް ދެމުންނެވެ. ތެދުވެރިކަން ބޮޑު ބަސްތަކަކުން، އޭގައި ހިފައިފިނަމަ ގެއްލި ނުދަނޭ އަގުހިރި ނަސޭހަތްދިނުމަށްފަހު ހެޔޮ ދުޢާކުރަމުންނެވެ.

އެ ދުވަސް އެ ދިޔައީ އެވެ. ޒަމާން އަހަރެން ގޮވައިގެން ދަތުރު ކުރަމުންދި އެވެ. ދިރުމުގެ ފާލަމުން އަޖަލުގެ މަންޒިލަށެވެ. ހަކުރު އަޑުބައެއްގައި ވެސް ދެކޮޅު އޮވެއޭ މީހުން ބުނެއުޅޭ ބީދައިން ކޮންމެ ކަމަކަށް ނިމުމެއް އައުމަކީ ދުނިޔަވީ ސުންނަތެއްކަން ހަނދާންކޮށްދެމުން އިތުރު އިންޒާރަކާއި ނުލައި ދެން ގޮވާލެވުނީ ބަރުޒަޚުގެ ޢާލަމަށެވެ. އެހިނދު ހުރިހާބާރަކާއި ޢަމަލެއްވަނީ ވަކިވެ ގޮސްފަ އެވެ. އިތުރަށް ކުރެވޭނެ ހަރަކާތަކަށްވިޔަސް ޢަމަލަކަށްވިއަސްނެތި ދެން ބުނާނެ އެއްވެސް އެއްޗެއްނެތި ޖެހުނީ ބާރުތަކުގެ ކުރިމަތީގައި ދެއަތްއުފުލާލައި މެއާއި ހިސާބުގައި ހަށަންބަނދެލާށެވެ.

ދުނިޔަވީ ޢާލަމުން މަރުޙަބާކީ އަޚުންނާއި އުޚުތުންނާއި ރައްޓެހި ރަޙުމަތްތެރި އެތައް ބައެއް ދޫކޮށްފައި ދާންޖެހުނު ދުވަހު އެކުގައި ދާނެ ހަމަ އެކަކުނުވި އެވެ. މި ދިގުމިން އެނގުމެއްނުވާ ނަތީޖާ ލިބިގަތުމަށް ކުރަންޖެހުނު ދިގުދަތުރަށް ނުކުތް ޚަބަރު ލިބުނު ހިނދު ދާދި މަދު މީހަކު މެނުވީ، ''ތިޔަ ދަތުރުގައި ކަލާ ތިމަންނައަށްވުރެ އިސްވެ ކުރިއަރާ ހިނގައްޖައީމުއޭ ބުނެ އެންމެފަހުން ރުޖޫޢަވާހުށީ ﷲ ގެ ޙަޟުރަތަށޭ'' ބުނާނެ،  އަދި ދަތުރު ފަހިވުމަށް އެދި ހެޔޮ ދުޢާއެއް ކޮށްލައި ދޭނެ މީހަކުވެސް ނުވި އެވެ.

ހެޔޮ އެދޭ މަދު ލޯބިވެރިއެއްގެ ލޮލުން ފޭދިގެން އައި މަދު ކަރުނަ ތިއްކެއްގެ ތެތްކަން ފިޔަވައި ނުފެނުނެވެ. އެ ތެތްކަން ދާދި ކުޑަ ހިނދުކޮޅެއްގެތެރޭ އެ ލޯތަކުން ވެސް ހިކިގެންދާނެކަމީ ކަށަވަރުވެ އެނގޭ ކަމެކެވެ. މިހާރު އެއްވެސް ކަމެއް ސިއްރެއް ނުވެ އެވެ. ވަށައިގެން ހިނގަމުންދާ ހުރިހާކަމެއް އެނގި ފެނި ދެނިވަމުން ދެ އެވެ. އެކަމަކު އެއިން އެއްވެސް ކަމަކާއި އެއްޗެއްބުނެ ގޮތް ކިޔުމުގެ ބާރާއި އިޚުތިޔާރެއް މި އަދު ލިބިގެނެއް ނުވެ އެވެ.

ދުނިޔަވީ ޢާލަމުން ދެކެ ދެނެވީ ރައްޓެހި ރަޙުމަތްތެރިވި ސަހަރޯވެރިންގެ ތެރޭން ދާދި މަދުބަޔަކާއި އެކު ހަންހާރަވެތިވި އަޚަކު، އިސްވެ ކުރިއަރާ "އައްޞަލާތު ޖާމިޢާ" ގޮވާލާ އަހުރެންގެ މައްޗަށް ކުރުން އެމީހުންގެ މައްޗަށް ކިފާޔަތުގެ މަގުން ފަރުޟުވެގެންވާ ނަމާދަށް އަވަސްވެގެންފި އެވެ. އަދި އަހަރެންގެ ކަންފަތުން ފުރަތަމަ އިވިގެން ދިޔަ ކަލިމަތަކުގެ އަޑު ވަކިވެނުދެ އެވެ. އެ ކަލިމަތަކުގެ ތެދުކަން އެނގި ވިސްނުނީ މި އަދު އެވެ. މި އަދުވަނީ ހުރިހާ ޢަމަލަކާއި ހަރަކާތެއް މަނާވެވިގެންނެވެ. ކުޑަކުޑަ ހިނދުކޮޅެއްގެތެރޭ ތަކުރާރުކުރެވުނު ހަތަރު ތަކުބީރާއެކު ކުރުކުރު މަގަކުން އަވަސް ކަމާއެކު ކުރެވުނު، ޤަމަތް ދޭން، ނުޖެހޭ ރުކޫޢެއް ސުޖޫދެއް ކުރުމެއްނެތް ނަމާދެއް ނިންމާލައިފި އެވެ. އެ އަށްފަހު "........ ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ." (ތަރުޖަމާ: سورة الزمر: ٧٥) {1} ބުނެ އެމީހުންގެ މޫނުތައްދެއަތުން ފޮރުވުމަށްފަހު، އަހުރެން ގޮވައިގެންގޮސް ބިމުގެ އަދިރި ކަމުގެ ތެރޭގައި ރައްކައުކޮށް ބިމުގެ ވެލިގަނޑާއި ޙަވާލުކޮށްފިއެވެ. ދާދި މަދު ބަޔަކު ހެޔޮހިތުން، "ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިޢާދަ ކުރައްވާހުށީ ވެސް އެ ބިމަށެވެ. އަދި ދެ ވަނަ ފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީ ވެސް އެ ބިމުންނެވެ." (ތަރުޖަމާ: سورة الطه : ٥٥) {2}ﷲ ވަޙީކުރައްވާފައިވާ ވަޢީދުގެ ބަސްފުޅުމަތިން ހަނދާންކޮށްދެމުން އަހުރެންގެ ސަންދޯކު މައްޗަށް ތިންމުށް ވެލި ބުރުވާލި އެވެ. އެއީ، އެ ހިނދު އަހަންނަށް ލިބުނު ހާދަ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ބިމުގެ ވެލިގަނޑު އަހުރެންގެ ގަބުރުގެ މައްޗަށް ފުނިޖަހާލުމަށްފަހު، އެންމެން އަހަރެން އެ އަނދިރިކަމުގެ ތެރެއަށް ދޫކޮށް ދާން ތައްޔާރުވަމުން ދިޔަ ވަގުތު އެ ތަނުން ހިތްމަޑުމައިތިރި ރަހުމުން ފުރިގެންވި އަޚަކު ގަބުރުގެ ބޯލާކޮޅުގައި ކަނާތުފައިގެ މައްޗަށް ބުރަވެ އުޑަފައިން އިށީނެވެ. އަދި ކޮންމެ ވެސް މީހަކު އޭނާގެ އަތްގޮށްޓަށް ފެންފޮދެއް އަޅާދިނުމުން އެ ފެންފޮދު ގަބުރުގެ ބޯލާކޮލަށް ވިއްސާލުމަށްފަހު، ރަހުމާއި ހަމްދަރުދީން ފުރިގެންވާ އަޑަކުން ހަމަހިމޭންކަމާއެކު "އޭ ﷲ ގެ އަޅާއޭ" ބުނެ ގޮވާލުމަށްފަހު ދުނިޔެއިން ނުކުމެގެންދާއިރު ވެފައިވާ ޢަހުދުގެ މަތިން ހަނދާންކުރާށޭ، ﷲ ގެ އިލާހުވަންތަކަމަށާއި މުޙަންމަދު ގެފާނުގެ ރަސޫލުކަމަށް ހެކިވުމަށް ނަސޭހަތްތެރިވެ ނަރަކައާއި ސުވަރުގޭގެ ޙައްޤުކަން ތެދުކުރުމަށް ވަޞިއްޔަތްކުރި އެވެ. އަދި ﷲ ގެ އިޒުނަފުޅަށް ގަބުރުތަކުގައިވާ މައްޔިތުން އަލުން ދިރިގެންދާނެކަން ހަދާންކޮށްދިނެވެ. އަދި ކަނލާނގެ އަކީ ﷲ ކަމަށާއި ދީނަކީ އިސްލާމްދީން ކަމަށާއި. ސަލާމާއި ޞަލަވާތްލެއްވި މުޙަންމަދުގެފާނަކީ ﷲގެ ނަބިއްޔާ އަދި ރަސޫލާ ކަމާއި މާތްވެގެންވާ ޤުރުއާނަކީ އިމާމުކަމާއި ކަޢުބާއަކީ ޤިބުލަ ކަން ހަނދާންކޮށްދީ މުއުމިނު އަޚާއޭ ބުނެ މި ބަސްތައް ތަކުރާރު ކޮށްލާ ދިނުމަށްފަހު، ﷲއަކީ ތިމަންނަގެ ކަލާނގެ އެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވެ އެވެ. އަހުރެން ވަކީލު ކުރަނީ އެ ކަލާނގެ އަށެވެ. އެއީ މަތިވެރިވެގެންވާ ޢަރުޝީގެ ވެރި ﷲ އެވެ.  ބުނެފައި ކޮޅަށް ތެދުވެހުރެ ރަޙްމަތްލެއްވުމަށް އެދި ހެޔޮދުޢާކުރުމަށްފަހު ފުރަގަސްދީ ހިނގައިގަތުމުން އެއްވެތިބި އެންމެން އޭނާގެ ފަހަތުންނާއި ކުރިމަތިން އަހަރެން އެ ކަނިކޮށްފައި ނުކުމެގެން ގޮސް އޮބާލައިފި އެވެ. މިހާރު ހަމައެކަނި ބިމުގެ އަދިރި ކަމުގެ ތެރެއިން ގޮސްފެންނަނީ.... އާހް!

ނިމިދިޔަ ހިނދުކޮޅާއެކު ހަނދާނަށްގެނެވުނީ ޝާޢިރުންގެ މި މަތިވެރި ނަސޭހަތުގެ ބަސްތަކެވެ. ކުރަންޖެހުނީ ވަގުތުގެ ބޭނުން އެދެވޭގޮތުގައި ނުހިފުނުކަމުގެ ހިތާމަ އެވެ. ހިތައް ގެނެވެންފެށީ ކުރިއަށް އޮތް ދުވަހުގެ ބިރުވެރި ކަމެވެ.

"ދުނިޔެ ދޫކޮށްފައި އެދާއިރު، ފެންނަ ފަށުގައި އެންމެނަށް،    
            ފުނިޖަހާފައި ހުންނަ ފަސްކޮޅަކާ،    ދެ ގާ ނޫނީ ނެތޭ" {3}

"އައުމުމުން މިދޭހަށް މާބަނޑުން ފުދުނީކަމަށް ވަރިހަމަވުމުން،      
           ގައިމުންލިބޭ ގިނަގެއްލުމަށް ވިސްނާލުމަށްގޮވަމޭ    ދުލުން" {4}

"ނެތޭ މޮޅު އެއްކަމެއް ލިބިފައި އަބުރުވެރިޔަކު ކަމަށް ވެވިފައި    
            ތިމާގެ މަސައްކަތުން ނޫނީ  ދިމާއަށް       ބާރުލިބިދާނޭ" {5}

"ހެލިގެން އެދާ ހެލުމާއެކީ  ފޮހެވެވި ނުދާނޭފަދަ ގޮތުން
            ވެލިގަނޑުމަތީން ނުފިލާނެހެން  އެދެމޭ ނަމެއްލިޔެލާ ބެލުން" {6}

''ހުރިކަންތަކާ ދުރުވާށެ ޑަރު، ބުރިކަށިމަތިން ބައިލާށެބަރު،
            ހުރިހައިކުދިން ކަމުވާނެ މަރު، ފުރިހަމަ އައިސްފައިވޭ ޚަބަރު'' {7}

''ހުއްޓާނުލާ ކިޔައޭ އަބަދު، ފުއްޓަރުގެ ރާޅު ނުލާ އެވަރު،
            ފުށްޓާ ފަރާ އުވި ގޮސް ދުނިޔެ، ހުއްޓޭށިޔޭ އެންމެންވެ މަރު''  {8}
---------------------------
(ނިމުނީ)

ހަވާލާ:

1 - ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ (2007). ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
2-     ''            ''                  ''
3- އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލުދީދީ

4- ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު

5- ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

6-
ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު

7- ފަޟީލަތުއްޝައިޚުލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީނު

8-   ''         ''             ''


މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް ޙުސައިން ޝާކިރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:     ''          ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ