އަދުގެ ޚާއްސަ

Print

ބުޅަލުގެ ބުއްދި

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(މިއީ ވަރަށް ގިނަ ޤައުމު ތަކުގައި ކިޔެމުން އަންނަ ފުލޯކު ވާހަކަ އެކެވެ. އެއް ޤައުމެއްގައި ކިޔާ ވާހަކައެއް އަނެއް ޤައުމަކަށް ގޮސް އެ ޤައުމެއްގެ ވާހަކަ އަކަށް ވެފައި ހުރެއެވެ. އެހެންވީމާ މި ވާހަކަ އަކީ ކޮން ޤައުމެއްގައި އުފަންވީ ވާހަކައެއް ކަމެއް ކަށަވަރު ކުރާކަށް ނޭނގެ އެވެ. އަޅުގަނޑު މިވާހަކަ ނަގާފައިވަނީ ޔުނެސްކޯއިން ނެރެފައިވާ ފޮތަކުންނެވެ. އެތައް އަހަރެއްގެ ކުރީގެ ކަމަކަށް ވާތީ އެ ފޮތުގެ ނަމެއް ހަނދާނެއް ނެތެވެ. ފޮތް ފެނުނީ ޤައުމީ ކުތުބުޚާނާއިންނެވެ. ވާހަކަ ތަރުޖަމާ ކުރީ ކުތުބުޚާނާގައި އިނދެގެންނެވެ. އެހެންވީމާ ވާހަކައިގެ އަސްލެއްވެސް އަޅުގަނޑުގެ އަތަކު ނެތެވެ.)

އިހު ޒަމާނުގައި ބުޅަލަކީ ގޭތެރޭގައި ދިރި އުޅޭ އެއްޗެއް ނޫނެވެ. އެ ސޮރުމެން ދިރިއުޅެނީ ޖަންގަލި ތަކުގަޔާއި، ގަސް ތަކުގެ ތެރޭގައެވެ.

އެއް ޒަމާނެއްގައި އުޅުނު ބުޅަލެކެވެ. މި ބުޅާ ކޮންމެވެސް ގޮތަކުން މުސަޅަކާ ރައްޓެހި ވެއްޖެއެވެ. މުސަޅާ ގުޅުން އުފެއްދީ މުސަޅަކީ ވަރަށް ވިސްނުން ތޫނު ޖަނަވާރެކޭ ހިތާފައެވެ. އެއް ދުވަހަކު މުސަޅު ފުއްލާ އަކާ ޒުވާބު ކުރަން ފަށައިފިއެވެ. މި ޒުވާބު ގަދަ ވެގެން ގޮސް ފުއްލާ ރުޅި އައިސްގެން އޭގެ ތޫނު ދަޅުން ތެޅިތެޅީނުން މުސަޅު މަރާލައިފިއެވެ.

މި މަންޒަރު ފެނިފައި ބުޅަލުގެ ހިތަށް އެރިއެވެ. ފުއްލާ އަކީ މާބާރުގަދަ އެއްޗެކެވެ. އޭގެ ފަހުން ބުޅާ އުޅެން ފެށީ ފުއްލާގެ ފަހަތުންނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ފުއްލާއާއި، މިނިކާ ވަގަކާ ދެމެދު ހިނގި އަރާރުމެއްގައި މިނިކާ ވަގު ރުޅި އައިސްގެން ފުއްލާ ކާލައިފިއެވެ.

އެ ދުވަހުން ފެށިގެން ބުޅާ އުޅެން ފެށީ މިނިކާ ވަގާ އެކުވެރި ވެގެންނެވެ. އެއީ އެންމެ ބާރު ގަދަ އެއްޗަކީ މިނިކާ ވަގު ކަމަށް ވާތީއެވެ. ދުވަސްކޮޅެއް ފަހުން މިނިކާ ވަގާއި، ސިންގާއަކާ އަރާރުންވެ، ތަޅާފޮޅުމުގެ ތެރޭގައި މިނިކާ ވަގު މަރު ވެއްޖެއެވެ.

އެ ވަގުތުން ފެށިގެން ބުޅަލުގެ އެންމެ ގާތް ރައްޓެއްސަކީ ސިންގާ ކަމުގައި ވެއްޖެއެވެ. ދެ ޖަނަވާރު އެކީގައި އުފާވެރި ކަމާއެކު ދުވަސްތައް ހޭދަ ކުރަމުން ދެއެވެ. އެއް ދުވަހަކު ދެ ރަޙްމަތްތެރިން ދަތުރު ކުރަމުން ދަނިކޮށް ނީލަގެރިއެތަކާ ދިމާ ވެއްޖެއެވެ. ސިންގާޔާ، އެތާ ދެމެދު ހޫނު ޒުވާބެއް ހިނގައި، ގަޔަށް އަތްލާ ހިސާބަށް ހިނގައްޖެއެވެ. އެ ދުވަހު އެތުގެ ފައި ދަށު ވެފައި ސިންގާ މަރު ވެއްޖެއެވެ.

ބުޅަލުގެ ހިތަށް އެރިއެވެ. މިއަދު މި ފެނުނު ވަރުގެ ބިޔަ ޖަނަވާރަކާ އަދި ދިމައެއް ނުވެއެވެ. މި ޖަނަވާރާ އެކީ އުޅެން ފަށައިފިއްޔާ އަހަންނަކަށް އެއްވެސް ނުރައްކަލަކާ ކުރިމައްޗެއް ނުވާނެއެވެ.

އެހެން ނަމަވެސް ބުޅަލުގެ މައްސަލަތަކުގެ ޙައްލެއް ފެންނަ ގޮތެއް ނުވިއެވެ. އެތާ އެކީ ދަތުރު ކުރަމުން ދަނިކޮށް ޝިކާރަ ކުރާ މީހަކާ ދިމާ ވެއްޖެއެވެ. އެއީ ގައިގައި ބާރު ހުރި، ބިޔަ ފިރިހެނެކެވެ. އޭނާ ދުނި ދަނޑީގައި ރުވާފައި ދޫ ކޮށްލި ތީރު އެ ދިޔައީ ނީލަގެރި އެތުގެ ފުރާނަ ހިފައިގެންނެވެ.

ދެފައިލީ ޖަނަވާރަކާ މީގެ ކުރިން ދުވަހަކުވެސް ދިމާ ވެފައި ނުވާތީ ބުޅާ އޮތީ ވަރަށް ޙައިރާން ވެފައެވެ. އިރު ކޮޅަކު ވިސްނަން އޮވެފައި ހަދަންވާ ގޮތް ހިތުގައި ކަނޑަ އަޅައި ނިންމައިލިއެވެ.

ބުޅަލުގެ ހިތަށް އެރިއެވެ. އެހައި ބޮޑު ޖަނަވާރެއް މަރާލެވޭނީ ވަރަށް ބާރު ގަދަ ވެގެންނެވެ. އެހެންވީމާ މިއަދުން ފެށިގެން އަހަރެންގެ އެންމެ ގާތް ރައްޓެއްސަކީ މިއީއެވެ. އޭރުން ދިމާވާނޭ އެއްވެސް މައްސަލައެއް ނޯންނާނެއެވެ.

ބުޅާ އެއްކަލަ ޝިކާރަވެރިޔާގެ ފަހަތުން އެ މީހާގެ ގެއަށް ހިނގައްޖެއެވެ. ގެއަށް ވަދެ، ފެންޑާގެ އެއް ކަނެއްގައި އޮވެއްޖެއެވެ.

ކުއްލިއަކަށް ގޭތެރެއިން ދެ މީހަކު ޒުވާބު ކުރާ އަޑު އިވިއްޖެއެވެ. ޝިކާރަކުރާ މީހާގެ އަޑަށްވުރެ ދެން ހަޅޭއް ލަވާ މީހާގެ އަޑު މާ ގަދައެވެ. އިރުކޮޅަކުން ފެނުނީ ޝިކާރަކުރާ މީހާ ދުވެފައި ބޭރަށް ނުކުތް ތަނެވެ. އޭނާގެ ފަހަތުން ނުކުތީ އަންހެނެކެވެ. އެ އަންހެން މީހާގެ އަތުގައި އުނދުޅިއެއް އޮތެވެ.

ބުޅަލުގެ ހިތަށް އެރިއެވެ. މި އޮތީ އަހަރެންގެ މަންޒިލަށް އާދެވިފައެވެ. ހުރިހާ ޖަނަވާރަކަށް ވުރެ އަންހެނުންގެ ބާރު މާ ގަދައެވެ.
އެ ދުވަހުން ފެށިގެން ބުޅާ އުޅެމުން އަންނަނީ ގޭތެރޭގައެވެ. އެ ސޮރަށް ފެނުނު އެންމެ ބާރުގަދަ މަޚްލޫޤުން ކަމަށްވާ އަންހެނުންނާ އެކީގައެވެ.
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ