އަދުގެ ޚާއްސަ

Print

އެ ހަނދާން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ އާދަކާދަ


މުޙަންމަދު ޝާހިދު ޙަލީމް

ދުވަހަކީ ހިޖުރީ ސަނަތުން 1431 ވަނަ އަހަރުގެ ޝައްވާލުމަހުގެ 27 ވަނަ ދުވަހެވެ. މީލާދީ ސަނަތުން 2010 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 6 ވަނަ ދުވަހެވެ. ހަވީރުގެ ވަގުތެވެ. އަޅުގަނޑު ހުރީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި، އެ އަތޮޅުގެ އަތޮޅުގޭގައި މިހާރު ޖަލްސާކުރާ މާލަމެއްގެ ގޮތުގައި ބޭނުންކުރަމުން ދާ، ކުރީން އަތޮޅުގޭގެ ކާކޮޓަރީގައެވެ. ޖެހިގެން އޮތް ބުރާސްފަތިދުވަހު އެ މާލަމުގައި އޮންނަ ތަމުރީނު ޕުރޮގުރާމަކަށް އެ މާލަން ތައްޔާރުކުރުމުގެ މަސައްކަތުގައެވެ.

އަޅުގަނޑު ދިއްދުއަށް އައީ އެ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6.30 ހައި އިރުގައެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ދަތުރެއްގައެވެ. މި އަތޮޅުގެ ބައެއް ރަށްރަށް އިދާރީ ގޮތުން އެއް ރަށަކަށް ހެދުމާ މެދު އެ ރަށްރަށުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބެލުމަށް، އެ މަހުގެ 9 ވަނަ ދުވަހު ނަގާ ވޯޓާ ގުޅިގެން، އެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމުރީނުކުރުމަށެވެ.

މާލަމުގައި ކުރާންވީ ތައްޔާރުތައް، އިރުއޮއްސެން ކައިރިވީ އިރު ނިމުމަކަށް ހިނގައްޖެއެވެ. އަޅުގަނޑާއި، އަޅުގަނޑާއެކު މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ އަޅުގަނޑުމެންގެ ޓީމުގެ އަނެއް މެންބަރު އަލްފާޟިލާ ޢަޒީޒާ ޢަފީފު، މާލަމުން ނުކުމެގެން ބޭރަށް ހިނގައިގެންފީމެވެ. ވާތްފަރާތުން ފެންނަނީ އަތޮޅުގޭ ގޯތިތެރޭގައި އޮތް ބަގީޗާއެވެ. ވާހަކަދެއްކުމުގެ ޒޯނު މުބާރާތް ބޭއްވުމަށް 2008 ޖޫނުގައި މި ރަށަށް އައި އިރު ވަރަށް ރީތިކޮށް އޮތް އެ ބަގީޗާ މިހާރު އޮތީ ވައުވެފައެވެ. އަތޮޅުގެ، އަތޮޅުގޭގެ ގޮތުގައި ހިނގަމުން ނުދާތީ، ތަން ބަލަހައްޓާނޭ މީހުން ނެތުމުގެ ނަތީޖާއެވެ.

އަޅުގަނޑުމެން އަތޮޅުގޭ ދޮރޯށިން ބޭރަށް މަގުމައްޗަށް ނުކުމެއްޖައީމެވެ. އަޅުގަނޑުމެން ދެ މީހުން ހިނގައިގަތީ މަގުގެ ހުޅަނގު ކޮޅަށެވެ. ކުރިމަތިން ފެންނާން އޮތް ފާލަމާ ދިމާއަށެވެ. ޝައްވާލުމަހުގެ 27 ވަނަ ދުވަހުގެ އޮއްސޭން ކައިރިވެފައި ހުރި، އިރުގެ ދަޅަތައް އުދަރެހުގައި ތަފާތު ކުލަތައް ޖައްސަމުން ގެންދެއެވެ. އަޅުގަނޑު އެނބުރިލައިފައި އަތޮޅުގޭގެ 2 ބުރި އިމާރާތަށް ބަލައިލީމެވެ.

*

އަތޮޅުގޭގެ 1 ބުރި އިމާރާތަށް ބަލައިލަމުން، އަޅުގަނޑު އަތޮޅުގޭގެ ދޮރޯށި ލައްޕައިލީމެވެ. ދެން ޒުހުރީއަށް ބަލައިލީމެވެ. ޒުހުރީ، "ހިނގާ؛ މި ކޮޅަށް." މިހެން ވިދާޅުވެފައި ހިންގަވައިގަތީ މަގުގެ ހުޅަނގުކޮޅަށެވެ. އަޅުގަނޑު ޒުހުރީގެ އަރިހުގައި މަގުގެ ހުޅަނގުކޮޅަށް ހިނގައިގަތީމެވެ. ޝައްވާލުމަހުގެ 27 ވަނަ ދުވަހުގެ އޮއްސޭން ކައިރިވެފައި ހުރި، އިރުގެ ދަޅަތައް އުދަރެހުގައި ތަފާތު ކުލަތައް ޖައްސަމުން ގެންދެއެވެ.

އަޅުގަނޑު ޒުހުރީގެ އަރިހުގައި ބޭރަށް ނުކުތީ، ޒުހުރީ ބޭރަށް ނުކުމެވަޑައިގަންނަވަމުން އަޅުގަނޑު ގާތުގައި ހިނގާބަލާށޭ ވިދާޅުވުމުންނެވެ. ކޮން ތަނަކަށް ހެއްޔެވެ؟ އެހެން ހިތަށް އެރި ނަމަވެސް އެ ސުވާލެއް ނުދަންނަވަމެވެ. ދެ މިނެޓެއް ދިޔައީ ހިމޭންކަމުގައެވެ. އެއަށް ފަހު ޒުހުރީ ވާހަކަފުޅުދައްކަވާން ފެށްޓެވިއެވެ. ޒުހުރީ ވާހަކަފުޅު ފެށްޓެވީ، ޤުދުރަތުން ކަންތައްތައް ރޭވިފައިވާ ގޮތަށް ހިނގަމުން ދާ އިރު، އަޅުގަނޑުމެން އިންސާނުންނަށް އެ ރޭވުން ބަދަލުކުރުމަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށް ވިދާޅުވަމުންނެވެ. އަޅުގަނޑުމެން އަބަދު އެކީގައި އުޅޭ ޢާއިލާތަކުން ވެސް، އަޅުގަނޑުމެން ނުހަނު ލޯބިވާ މީހަކު މި ދުނިޔެއާ ވަކިވެގެން ދާ އިރު، އެ ޢާއިލާގެ އެންމެނަށް، އޭނާގެ އެންމެ ފަހު ވަގުތު އޭނާއާ ދިމާނުވެ ހިނގައިދާނެ ކަމަށް ވިދާޅުވަމުންނެވެ. ދެން ވިދާޅުވީ ޒުހުރީގެ އަމިއްލަފުޅު ޙަޔާތުގައި ވެސް އެ ކަން އެ ގޮތަށް ދިމާވެފައި ވާ ކަމުގައެވެ. ޒުހުރީގެ މަންމައާއި ބައްޕަ ވެސް (ބޮޑަށް ހަނދާން ވަނީ މަންމައާއި ބައްޕައޭ ވިދާޅުވި ކަމަށް؛ އެކަމަކު މިހާރު ރަނގަޅަށް ހަނދާނެއް ނެތް.) މި ދުނިޔެ ދޫކުރެއްވި އިރު ޒުހުރީއަށް ފެނިވަޑައި ނުގެން ކަމުގައެވެ.

އަޅުގަނޑު ޒުހުރީގެ މޫނުފުޅަށް ބަލަމުން ހިނގަމުން ދިޔައީމެވެ. ޒުހުރީ ބައްލަވަމުން ގެންދެވީ ކުރިއަށެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. 'ޒުހުރީ މިއަދު މި ފެށްޓެވީ ކޮން ކަހަލަ ވާހަކަފުޅެއް ހެއްޔެވެ؟ އަޅުގަނޑުމެން ކުރާން އައި މަސައްކަތުން ބޭރު، ޒުހުރީގެ އަމިއްލަފުޅު ޙަޔާތާ ބެހޭ މި ކަހަލަ ވާހަކަފުޅެއް މިހައި ތަނަށް ދައްކަވައިފައެއް ނެތެވެ.' އަޅުގަނޑު ދިއްދުއަށް އައީ ޝަރުޢީ ވަފުދެއްގައެވެ. އައްޝައިޚު ޢަބްދުﷲ ޒުހުރީއަކީ އެ ވަފުދުގެ ޤާޟީއެވެ. އަޅުގަނޑަކީ ކާތިބެވެ. އަޅުގަނޑުމެން ދާންވެފައި އޮތީ ބާރަށަށެވެ. އެ ރަށު މާކޮޅާ ގުޅިގެން ހުށަހެޅިފައި ވާ މައްސަލައެއް ބަލާށެވެ.

ޒުހުރީގެ ވާހަކަފުޅާ ގުޅިގެން އަޅުގަނޑުގެ ޚިޔާލު އުދުހިގެން ދިޔައީ އަޅުގަނޑުގެ ލޯބިވާ ބައްޕައާ ދިމާއަށެވެ. ބައްޕަ އޭރު އޮންނެވީ ބަލިވެގެން ހަސްފަތާލުގައި ބާއްވައިފައެވެ. އަޅުގަނޑު މާލެއިން ފުރި އިރު، މުޅިން ރަނގަޅު ނުވި ނަމަވެސް، ޙާލު އިތުރަށް ދަށްވަމުންނެއް ނުދެއެވެ.

އަޅުގަނޑު އަނެއްކާ ވެސް ޒުހުރީއާ ދިމާއަށް ބަލައިލީމެވެ. ޒުހުރީ އަޅުގަނޑުގެ މޫނަށް ބައްލަވައިލެއްވި އެވެ. ކުޑަކޮށް ހުއްޓިވަޑައިގެންފައި އަޅުގަނޑުގެ ކޮނޑުގައި އަތްޕުޅު ބާއްވަވައިލައްވަމުން ވިދާޅުވިއެވެ. "ޝާހިދުގެ ބައްޕަ ވެސް ރޭގައި ނިޔާވެއްޖެ..." އެއަށް ފަހު ޒުހުރީ ދެއްކެވި ވާހަކަފުޅު އެހައި ސާފުކޮށެއް އޮޅުމެއް ނުފިއްޔެވެ. ޒުހުރީ އަޅުގަނޑަށް ހިތްވަރުދެއްވަމުން، އަޅުގަނޑަށް ދެން ބައްޕައަށް ކޮށްދެވޭނޭ ހެޔޮ ކަންކަމަށް އިރުޝާދުދެއްވަމުން ގެންދެވިއެވެ.

ބައްޕަ ނިޔާވީ 1392 ވަނަ އަހަރުގެ ޝައްވާލުމަހުގެ 27 ވިލޭރޭ މެންދަމުން އަލިވެ 1 ޖަހައި އެހައިކަށްހައި އިރުގައެވެ. އަޅުގަނޑުގެ ބޭބެ އެ ޚަބަރު ރޭޑިޔޯމެސެޖަކުން ޒުހުރީއަށް ފޮނުއްވީއެވެ. އަދި އަޅުގަނޑު އެ ހިތާމަވެރި ޚަބަރު އަޑުއެހުމަށް ތައްޔާރު ކުރެއްވުމަށް ފަހު، އެ ޚަބަރު ދެއްވުމަށް ޒުހުރީގެ އަރިހުން އެދިލެއްވީއެވެ. އަޅުގަނޑާ ހަމައަށް އެ ޚަބަރު ފޯރީ ޝައްވާލުމަހުގެ 27 ވަނަ ދުވަހުގެ އިރު އޮއްސެމުން ދަނިކޮށެވެ.

އަޅުގަނޑު އުދަރެހަށް ބަލައިލީމެވެ. އުދަރެސް ފެނުނީ ފުސް ބިއްލޫރިގަނޑެއްގެ ތެރެއިން ފެންނަހެނެވެ. "އެ ރަން ރީނދޫ އަޅި" ކުލަ އެކީގައި އަޅިކުލައަށް ވެފައި ވަނިކޮށެވެ. އުދަރެސް ފުސްކޮށް، އަދި އުދަރެހުގައި އިރުގެ ދަޅަތައް ޖައްސަމުން ގެންދިޔަ ރީތި ކުލަތައް އެއް ކުލައަކަށް ބަދަލުކުރަމުން ގެންދިޔައީ އަޅުގަނޑުގެ ލޮލަށް އެއްވަމުން ދިޔަ ކަރުނައެވެ.

*

އަޅުގަނޑުގެ ލޮލުން ނިރައިލި ކަރުނަތިކި، އަޅުގަނޑުގެ ގާތުގައި ހުންނެވި ޢަޒީޒާއަށް ފެނިވަޑައި ނުގަންނަވާ ގޮތަށް ފޮހެލަމުން، އުދަރެހުގައި ފެވެމުން ދާ ކުލަތަކަށް ބަލައިލީމެވެ. ހަމަ އެ ކުލަތަކެވެ. ހަމަ އެ ތަނެވެ. ހަމަ އެ ރަށެވެ. ހަމަ އެ ވަގުތެވެ. އަޅުގަނޑު ޢަޒީޒާއާ ވާހަކަދައްކަމުން ހިނގަމުން ދިޔައީމެވެ. ނަމަވެސް އަޅުގަނޑަށް ހުރެވުނީ އޭގެ ބަރާބަރު 39 އަހަރު ކުރީގައެވެ. 1392 ވަނަ އަހަރުގެ ޝައްވާލުމަހުގެ 27 ވަނަ ދުވަހުގެ އިރު އޮއްސެމުންދިޔަ ވަގުތުގައެވެ. އަޅުގަނޑަށް އިވެމުން ދިޔައީ ޒުހުރީގެ އަޑުފުޅެވެ. "ޝާހިދުގެ ބައްޕަ ވެސް ރޭގައި ނިޔާވެއްޖެ..." މި ޖުމުލަ އެވެ.
----------------------
(ނިމުނީ)


މި ލިޔުން:

     ފޮނުވުން:      އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:        ''       ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ