އަދުގެ ޚާއްސަ

Print

އިސްލާމްދީން ފެތުރީ ކަނޑީގެ ބާރުގައި ހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ސުވާލު:    އިސްލާމްދީން ފަތުރައިފައިވަނީ ކަނޑީގެ ބާރުގައެވެ. އެހެންވީއިރު، އިސްލާމްދީނަކީ އަމާންކަމާއި ސަލާމަތުގެ ދީނެކޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބު:    މި ސުވާލަކީ، ޣައިރު މުސްލިމް ބައެއް މީހުން ޢާއްމުކޮށް ކުރާ ސުވާލެކެވެ. ބާރުގެ ބޭނުން ނުކުރެވޭނަމަ، މުޅި ދުނިޔޭގައި މުސްލިމުންގެ ޢަދަދު މިހާ ގިނައެއް ނުވީހެވެ. ބޭރުމީހުން ބުނެއުޅެއެވެ. ތިރީގައި މި ބަޔާންކުރެވޭ ނުކުތާތަކުގައި ތަފްޞީލު ކޮށްދީފައިވާ ފަދައިން، ޙަޤީޤަތުގައި އިސްލާމްދީން ނުހަނު ހަލުއިކަމާއެކު މުޅި ދުނިޔޭގައި ފެތުރިފައިވަނީ، އެ ދީނުގެ ޙަޤީޤަތާ އެއްގޮތްކަމާއި، ވިސްނައިގަތުން ފަސޭހަކަމާއި، ދަލީލުތަކުގެ މޮޅުކަމުގެ ބާރުގައެވެ. ކަނޑީގެ ބާރުގައެއް ނޫނެވެ.

(1)    އިސްލާމްގެ މާނައަކީ [އަމާން] ކަމެވެ.
 
    އިސްލާމަކީ، ސަލާމުން އުފެދިފައިވާ ބަހެކެވެ. އެބަހުގެ އެއް މާނައަކީ، އަމާންކަމެވެ. އިސްލާމުގެ ދެވަނަ މާނައަކީ، ތިމާ ރުހޭގޮތާއި ތިމާގެ އެދުންތައް، މާތް اللّه އާ ޙަވާލު ކުރުމެވެ. އެހެންކަމުން، އިސްލާމްދީނަކީ އަމާންކަމާއި ސަލާމަތުގެ ދީނެވެ. އެ އަމާންކަމާއި ސަލާމަތްކަން ލިބިގަނެވޭނީ، އިންސާނާ އޭނާގެ އެދުންތައް އޭނާގެ ޙަޤީޤީ ޚާލިޤުވަންތަ اللّه ގެ ރުހިވޮޑިގަތުމާ ހަވާލުކޮށްގެންނެވެ.

(2)    އަމާންކަން ޤާއިމުކުރުމަށްޓަކައި، ބާރުގެ ބޭނުންކުރުމަކީ ވަރަށް ގިނަފަހަރަށް ލާޒިމު ކަމެކެވެ.

    ދުނިޔޭގައި ސަލާމަތްކަމާއި އަމްނުއަމާންކަން ޤާއިމުވެފައި އޮތުމަކީ، އެންމެން އެދޭކަމެއް ނޫނެވެ. ވަރަށްގިނަ މީހުން އެބައިމީހުންގެ ވަރަށް އާދައިގެ މަޞްލަޙަތުތަކަށްޓަކައިވެސް، އަމްނުއަމާންކަމަށް ބުރޫއަރުވައެވެ. އެހެންކަމުން، ބާރުގެ ބޭނުންކުރުމަކީ އަމަންއަމާންކަން ޤާއިމު ކުރުމަށްޓަކައި ވަރަށްގިނަފަހަރަށް ލާޒިމު ކަމަކަށްވެއެވެ. ކޮންމެހެން ނުކޮށްނުވާ ކަމަކަށްވެއެވެ. ފުލުހުންގެ މަޙްކަމާއާއި މިނޫންވެސް އަމްނު ހިފެހެއްޓުމާބެހޭ މަޙްކަމާތައް ވުޖޫދަށް އައީ މިސަބަބާ ހުރެއެވެ. ފުލުހުން ކުށްވެރީންނާއި އެނޫންވެސް މުޖްތަމަޢުގެ ދުޝްމިނުންނާ ކުރިމަތިލައެވެ. އަމްނު ޤާއިމުކުރުމަށްޓަކައި ބާރުގެ ބޭނުން ކުރެއެވެ. ހަމައެފަދައިން، އިސްލާމްދީންވެސް އަމަން ޤާއިމު ކުރެއެވެ. އެއްވެސްތަނެއްގައި އަނިޔާވެރިކަމާއި ފަސާދަ އުފެދޭ ތަން ފެނިއްޖެނަމަ، އެކަމާ ދެކޮޅަށް [ހަނގުރާމަކުރަން] އެ ދީނުގެ އަހުލުވެރީންނަށް ބާރު އަޅައެވެ. އެ ހަނގުރާމަތަކުގައި ވަރަށް ގިނަފަހަރު ބާރުގެ ބޭނުންކުރާންވެސް ޖެހެއެވެ. އިސްލާމްދީނުގައި ބާރުގެ ބޭނުންކުރުން ހުއްދަވަނީ، އަމާންކަމާއި އިންސާފު ޤާއިމުކޮށް، އެކަން ރައްކާތެރިކުރުމަށްޓަކައެވެ.

(3)    ތާރީޚު ލިޔުންތެރިޔާ (De Lacy O’Leary) ގެ ޚިޔާލު

    އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުގައިކަމަށް ދެކެވޭ ދޮގުވާހަކަޔަށް އެންމެ ރަނގަޅު ޖަވާބެއް ދެއްވައިފައިވަނީ މަޝްހޫރު މުއައްރިޚު (De Lacy O’Leary) އެވެ. އޭނާގެ ފޮތެއްކަމުގައިވާ “Islam at the Cross Road” ގައެވެ. އެ ފޮތުގެ އަށްވަނަ ޞަފްޙާގައި ލިޔުއްވައިފައިވެއެވެ.
    [މޮޔަވެފައިތިބި މުސްލިމުންގެ ބަޔަކު ދުނިޔެއަށް ފެތުރިގަނެ، ކަނޑީގެ ބާރުގައި ޤައުމުތައް ބަލިކޮށް، އިސްލާމްކުރުވީކަމުގައި ބައެއް މީހުން ބުނެއެވެ. ތާރީޚުން ސާބިތުވާގޮތުގައި، އެ ވާހަކައަކީ އެއްވެސް ބުރަދަނެއްނެތް ހުސް އަނގައެކެވެ. އެ ވާހަކަޔަކީ، ބައެއް މުއައްރިޚުން ހުއްޓުމެއްނެތި ފަތުރަމުންގެންދާ ޙަޤީޤަތާ ޚިލާފު ދޮގުވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.]

(4)    މުސްލިމުން ސްޕޭންގައި އަށްސަތޭކަ އަހަރު ވެރިކަން ކުރިއެވެ.

    މުސްލިމުންވަނީ ގާތްގަނޑަކަށް އަށްސަތޭކަ އަހަރު ސްޕޭނުގައި ވެރިކަން ކޮށްފައެވެ. ސްޕޭނުގެ ޣައިރު މުސްލިމުން އިސްލާމްދީން ޤަބޫލުކުރާކަށް މުސްލިމުން ފަހަރެއްގައިވެސް މަޖުބޫރެއް ނުކުރެއެވެ. އެއަށްފަހު ސްޕޭނަށް އައީ، ޞަލީބީ ހަނގުރާމަވެރީންނެވެ. އެބައިމީހުން ސްޕޭނުން މުސްލިމުން ހުސްކޮށްލިއެވެ. ޞަލީބީންގެ ޙަރަކާތްތައް ނިންމާލިއިރު، ފާޅުގައި ބަންގިދޭނެ އެންމެ މުސްލިމަކުވެސް ސްޕޭނަކު ނެތެވެ.

(5)    ޢަރަބީންގެ ތެރޭގައި ނަސްލީ ކްރިސްޓިޔަނުންގެ އެއްކުރޯޑު ސާޅީސްލައްކަ މީހުން އެބަތިއްބެވެ.

    ޖަޒީރަތުލްޢަރަބުގެ މައްޗަށް މުސްލިމުން ވެރިކަން ހިންގަމުން އަންނަނީ، ސާދަސަތޭކަ އަހަރު ކުރީއްސުރެ ފެށިގެންނެވެ. ތެދުފުޅެކެވެ. އިނގިރޭސީންނާއި ފަރަންސޭސީންވެސް ޢަރަބިކަރައިގައި ކުޑަދުވަސްކޮޅަކު ވެރިކަން ކުރިއެވެ. ނަމަވެސް، ޖުމްލަގޮތެއްގައި މުސްލިމުންގެ ވެރިކަން ޢަރަބިކަރައިގައި ހިނގާތާ ކުރިންވެސް ދެންނެވިފަދައިން، ސާދަސަތޭކަ އަހަރު ވެއްޖެއެވެ. އެހެންކަމަށްވުމާއެކުވެސް، މިހާރުވެސް ޢަރަބިކަރައިގައި ސާދަ މިލިޔަން ކްރިސްޓިޔަނުން އެބަތިއްބެވެ. ޢަރަބި ނަސްލުގެ ކްރިސްޓިޔަނުންނެވެ. ދީން ފެތުރުމަށްޓަކައި މުސްލިމުން ކަނޑިޔާއި އަދި އެނޫންވެސް ބާރުތައް ބޭނުންކުރިނަމަކަ، ޢަރަބި ދަރިކޮޅުގެ އެންމެ ކްރިސްޓިޔަނެއްވެސް، ޢަރަބިކަރަޔަކު ނުހުރީހެވެ.

(6)    އިންޑިޔާގައި އަށްޑިހަ އިންސައްތަޔަށްވުރެ ގިނަ ޣައިރު މުސްލިމުން

    މުސްލިމުން އިންޑިޔާގައި ގާތްގަނޑަކަށް އެއްހާސް އަހަރު ވެރިކަން ކުރިއެވެ. މުސްލިމުން ބޭނުންނަމަ، އިންޑިޔާގެ ހުރިހާ ޣައިރު މުސްލިމުން ވަކިވަކީން އިސްލާމްދީނަށް ވެއްދުނީހެވެ. އެކަން ކުރުމުގެ އިޚްތިޔާރާއި ބާރު، މުސްލިމުންނަށް ލިބިފައި އޮތެވެ. އެހެންކަމަށްވުމާއެކުވެސް، މިހާރުވެސް އިންޑިޔާގައި އަށްޑިހަ އިންސައްތަ ޣައިރު މުސްލިމުން ތިބިކަމީ، އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރަކު ނޫންކަމުގެ ފާޅުކަން ބޮޑު ހެއްކެކެވެ.

(7)    އިންޑޮނޭޝިޔާއާއި މެލޭޝިޔާ

    އިންޑޮނޭޝިޔާއަކީ ދުނިޔޭގައިވާ އެންމެ މުސްލިމުން ގިނަ ޤައުމެވެ. މެލޭޝިޔާގައި އެންމެ ބައިގިނަ ބަޔަކީ މުސްލިމުންނެވެ. ސުވާލަކީ، އެ ޤައުމުތަކަށް ދިޔައީ މުސްލިމުންގެ ކޮން ލަޝްކަރެއް ބާވައެވެ؟ އާދެ، މުސްލިމުންގެ ފާތިޙުންގެ ބަޔަކު، ދުވަހަކުވެސް އެ ސަރަޙައްދަކަށް ނުދެއެވެ.

(8)    އެފްރިކާގެ އިރުމަތީ އައްސޭރި

    ހަމައެފަދައިން، އެފްރިކާގެ އިރުމަތީ އައްސޭރީގައިވެސް، އިސްލާމްދީން ވަނީ ވަރަށް ހަލުއިކަމާއެކު ފެތުރިފައެވެ. އެ ސަރަޙައްދާ ބެހޭގޮތުންވެސް ސުވާލުކުރެވޭން އެބައޮތެވެ. އެ ސަރަޙައްދަށް ދިޔައީ މުސްލިމުންގެ ކޮން ލަޝްކަރެއް ބާވައެވެ؟

(9)    ތޯމަސް ކާލައިލް

    މަޝްހޫރު މުއައްރިޚު ތޯމަސް ކާލައިލް އޭނާގެ ފޮތެއް ކަމުގައިވާ “Heroes and Hero Worship” ގައި އިސްލާމްދީން ފެތުރުނުގޮތާ ބެހޭގޮތުން ފެތުރިފައިވާ ދޮގުވާހަކަތަކަށް އިޝާރާތް ކުރައްވަމުން ލިޔުއްވައިފައިވެއެވެ.
    [ކަނޑި!! ކަލާ އެކަހަލަ ކަނޑިޔެއް ހޯއްދަވާނީ ކޮންތަނަކުންތޯއެވެ؟ ޙަޤީޤަތުގައި ކޮންމެ އާ ނަޒަރިއްޔާއެއްވެސް އޭގެ ފެށުމުގައި އޮންނާނީ ވަރަށް މަދު ޢަދަދެއްގެ ބައެއްގެ ތެރޭގައެވެ. އާދެ، އެންމެ މީހެއްގެ ސިކުނޑީގައެވެ. އެ ނަޒަރިއްޔާ ހަމަ އުފެދުނު ތާނގައެވެ. އެ ނަޒަރިއްޔާ ޤަބޫލުކުރަނީ، މުޅި ދުނިޔެއިންވެސް އެންމެ މީހެކެވެ. މާނައަކީ، ދުނިޔޭގެ އެންމެހައި އިންސާނުންނާ ކުރިމަތިލާން ހުންނަނީ އެންމެ މީހެކެވެ. އޭނާ ކަނޑި އުފުލައިލައި އޭނާގެ ނަޒަރިއްޔާ ފަތުރާން ދިމާކޮށްފިނަމަ، އެކަމަކީ އޭނާއަށް ކުޑަވެސް ފައިދާއެއް ކުރާ ކަމަކަށެއް ނުވާނެއެވެ. ދެން ނިކަން އެންމެހައި އިންސާނުންނާ ދެކޮޅަށް، ކަލާ ކަނޑި ނަންގަވައިބައްލަވާށެވެ. (އަމިއްލަފުޅަށް ތަޖުރިބާކުރައްވައި ބައްލަވާށެވެ.) ކޮންމެ އެއްޗެއްވެސް ފެތުރޭނީ، އޭގެ ޒާތުގައި އަމިއްލަޔަށެވެ. އެ އެއްޗެއްގައި ފެތުރުމުގެ ބާރުހުރި މިންވަރެއްގެ މައްޗަށެވެ.]

(10)    ދީނަށް ވެއްދުމުގައި މަޖްބޫރު ކުރުވުމެއް ނެތެވެ.
    
    އިސްލާމްދީން ފެތުރީ ކޮން ކަނޑިޔަކުން ހެއްޔެވެ؟ އެ ކަނޑި އޮތީ މުސްލިމުންގެ އަތުގައި ކަމަށްވިޔަސް، މުސްލިމުންނަކަށް އެ ކަނޑީގެ ބޭނުމެއް ނުކުރެވޭނެއެވެ. އެހެނީ، ކީރިތި ޤުރްއާނުގައި އަންގަވައިފައިވަނީ މިފަދައިންނެވެ.
    [ދީނަށް ވެއްދުމުގައި މަޖްބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ.] (البقرة: 256)

(11)     ބުއްދީގެ [ކަނޑި] އެވެ.

    ޙަޤީޤާތުގައި އެބުނާ [ކަނޑި] އަކީ ބުއްދިއާއި ވިސްނުމުގެ [ކަނޑި] އެވެ. އެ [ކަނޑި] އަކީ ސިކުނޑިތަކާއި ހިތްތައް ފަތަޙަކުރާ [ކަނޑި] އެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
    [ޙިކުމަތާއި ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެބައިމީހުންނާ ޖަދަލުކުރައްވާށެވެ!] (النّحل: 125)

(12)    1934 އިން 1984 އާ ދެމެދު، ދުނިޔޭގައި ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވުން

    ރީޑަރސް ޑައިޖެސްޓް (Readers Digest) ގެ 1986 ގެ އަހަރީ ނަންބަރުގައި މަޒްމޫނެއް ޝާއިޢުކޮށްފައިވެއެވެ. އެ މަޒުމޫނުގައި 1934 ން 1984 އާ ދެމެދު ހޭދަވި ބައިޤަރްނުގެ ތެރޭގައި، ދުނިޔޭގެ ބޮޑެތި ދީންތައް ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާގޮތުގެ ތަފާސްހިސާބު ވަނީ ޝާއިޢުކޮށްފައެވެ. އެ މަޒުމޫނު ވަނީ ޕްލެއިން ޓުރުތު (Plain Truth) ގައިވެސް ޝާއިޢުކޮށްފައެވެ. އެ މަޒުމޫނުގައިވާގޮތުން، ދުނިޔޭގެ ބޮޑެތި ދީންތައް ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވިގޮތުގެ ލިސްޓުގެ އެންމެ ކުރީގައިވަނީ އިސްލާމްދީނެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުންގެ ޢަދަދު %235 އިންސައްތަ އިތުރުވިއެވެ. އަނެއްކޮޅުން ކްރިސްޓިޔަންދީން ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވެފައިވަނީ، އެންމެ ސާޅީސްހަތެއް އިންސައްތައެވެ. އަނެއްކާވެސް އަޅުގަނޑު ކޮށްލާނީ ހަމަ އެއްކަލަ ސުވާލެވެ. މިދިޔަ ޤަރުނުގެ އެ މުއްދަތުގައި ހިނގައިފައިވަނީ ކޮންކޮން ހަނގުރާމަތަކެއް ހެއްޔެވެ؟ އެ ހަނގުރާމަތަކެއްގެ ސަބަބުން، އެތައް ލައްކަ ބަޔަކު، އެބަޔެއްގެ ކާބަފައިންގެ ދީން ދޫކޮށް، އިސްލާމްވެފައިވަނީ ކޮން ހަނގުރާމަތަކަކާހުރެ ހެއްޔެވެ؟

(13)    އެމެރިކާއާއި ޔޫރަޕްގައި އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ.

    އެމެރިކާގައި މިހާރު އެންމެ ހަލުއިކޮށް ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ. ހަމައެފަދައިން، ޔޫރަޕްގައިވެސް އެންމެ ބާރަށް ފެތުރެމުންދާ ދީނަކީވެސް ހަމަ އިސްލާމްދީނެވެ. ނިކަން ޖަވާބުދެއްވަ ބައްލަވާށެވެ. އެމެރިކާއާއި ޔޫރަޕްގައި އިސްލާމްދީން ޤަބޫލުކުރުވަން މަޖްބޫރު ކުރުވަނީ ކާކުގެ ކޮން ކަނޑިޔެއް ހެއްޔެވެ؟
-----------------
(ނިމުނީ)

ނޯޓު: މިއީ ޑރ. ޒާކިރު ނާއިކު ގެ ތަޤުރީރުތަކެއް ތަރުޖަމާ ކުރައްވައި، އޭގެ މައްޗަށް އަލްފާޟިލް އަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ފޮތެއްގައި އޮތް މަޒުމޫނެކެވެ. ޗާޕުވެގެން ނުކުތް ފޮތުގައި ވަރަށް ރަނގަޅަށް ހަވާލާ ދެއްވާފައިވެ އެވެ. އަޅުގަނޑުމެންނަށް މި ލިޔުން ލިބުނީ ފޮތް ލިޔުއްވަމުން ގެންދެވި ދުވަސްވަރުގައި ކަމަށްވީތީ، ފޮނުއްވި ސޮފްޓުގައި ތަފުސީލީ ރިފަރެންސް ހިމެނުއްވިފައެއް ނެތެވެ.
                                - ފަންވަތް -


މި ލިޔުން؛

 ފޮނުއްވުން:    އަލްފާޟިލް
ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
 އަލުންބެލުން:   އަޙުމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
 ޝާއިޢު ކުރުން:   ''           ''



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ