އަދުގެ ޚާއްސަ

Print

ދަރިފުޅު އިނގިރޭސިބަހަށް މޮޅުކުރެވޭނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މިއަދު ކޮންމެ މަޔަކާއި ކޮންމެ ބަފަޔަކު ނުވަތަ ކޮންމެ ބެލެނިވެރިޔެއްގެ ވެސް އުންމީދަކީ އެ ބަޔެއްގެ ދަރިން ތަޢުލީމީ ގޮތުން މޮޅު ދަރިންތަކަކަށް ހެދުމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކިތަންމެ ބޮޑު ބުރައެއް އުފުއްލައިގެން ވިޔަސްވެހެވެ. މިއީ ދިވެހީން ތަޢުލީމަށް ލޯބިކުރާ މިންވަރުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ.
ތަޢުލީމީ ގޮތުން ދަރީންނަށް ކުރިޔަށް ދެވޭނީ އިނގިރޭސިބަހަށް ވެސް މޮޅުވެގެންކަމަށް ގިނަ ބަޔަކު ޤަބޫލުކުރާނެ އެވެ. ތެދެކެވެ. އެއީ ޙަޤީޤަތެއްކަމަށް ވެދާނެ އެވެ. ބަހަކީ ޢިލްމުގެ ވާސިޠާ ކަމަށް ވީ ހިނދު ދަރިފުޅަށް ބޭރުބަސް އެނގޭ މިންވަރު އިތުރުވުމަކީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް އޮޅިފައި އޮންނަ ކަމެއް އެބަ އޮތެވެ. ޅަފަތުގައި މާދަރީބަހަށް ސަމާލުކަން ނުދިނުމަކީ އަދި ހަމަ އެކަނި އިނގިރޭސި ބަހަށް ސަމާލުކަން ދިނުމަކީ ކުއްޖާ އިނގިރޭސިބަހަށް މޮޅުވާނޭ ކަމެއް ކަމުގައި ވަރަށް ގިނަ މައިންބަފައިން ގަބޫލުކުރާ ގަބޫލުކުރުމެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. އެއްވެސް ހަގީގަތެއް ނެތް ކުށް ހީއެކެވެ.

ކުއްޖާ އިނގިރޭސިބަހަށް މޮޅުކުރުމަށްޓަކައި އެންމެ ތުއްތު އިރުއްސުރެ،ހަމައެކަނި އިނގިރޭސި ލަފުޒުތައް ކުއްޖާއަށް ދަސްކޮށްދޭން ވިސްނަމު އެވެ. މާދަރީބަހާމެދު ވިސްނުމެއް ނެތި އެވެ. މިސާލަކަށް ކުދީންނަށް ކުލަތަކާއި ބައްޓަންތަކާއި ހިސާބުގެ ޢަދަދުތަކާއި ޢާއިލާގެ މެންބަރުންގެ މަޤާމުތަކާއި (ބައްޕަ، މަންމަ ފަދަ) ބައެއް ނަންނަމާއި ކަންކަން ކިޔައިދެނީ ހަމަ އެކަނި އިނގިރޭސި ބަހުންނެވެ. އެކަމަކު ކުއްޖާގެ ވަށައިގެންވާ މާޙައުލުން އިވި ދަސްވަނީ ދިވެހިބަހުން ވާހަކަދައްކާށެވެ. ނަމަވެސް މުހިއްމު ލަފުޒުތަކާއި ނަންނަމާއި ކަންކަން ކުއްޖާއަށް ދަސްވާނެ ފުރުޞަތެއް މައިންބަފައިންނެއް ނުދެ އެވެ. އެހެންކަމުން ކުއްޖާ ބޮޑުވެގެން އަންނައިރު މާދަރީބަހުން ރަނގަޅަށް ގުނާކަށް ނޭނގެ އެވެ. ކުލަޔަކަށް ކިޔާ ނަމެއް ނޭނގެ އެވެ. ހިތަށް ވެރިވާ ޝުޢޫރުތައް ހަމަކުރާން އުނދަގޫވެ އެވެ. މިއީ މައްސަލައެކެވެ.

ނަފުސާނީ ޢިލްމުވެރިންނާއި ބަސްވާރުން ވިދާޅުވާ ގޮތުގައި ކުއްޖާގެ ޚިޔާލާ ފިކުރު އުފެދިގެން އަންނަނީ އެކުއްޖާގެ މާދަރީ ބަހުންނެވެ. އެ ކުއްޖާ މާދަރީ ބަހަށް މޮޅުވުމަކީ ސިކުނޑި ހުޅުވި ވިސްނުމުގެ ބާރު ގަދަވާ ކަމެކެވެ. އަދި މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބަސްތަކަށް މޮޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މާދަރީބަހާމެދު އިހުމާލުކޮށްލެވި ހަމަ އެކަނި އިނގިރޭސިބަހަށް ސަމާލުކަން ދެވުމުގެ ނަތީޖާއަކަށްވާނީ ކުއްޖާ އިނގިރޭސިބަހަށް މޮޅުވާން ޖެހޭ ވަރަށް މޮޅުނުވެ، ދިވެހިބަހަށްވެސް މޮޅު ނުވުމެވެ. މިއީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާއެއް ނޫނެވެ.

ތުއްތު އިރުއްސުރެ ކުއްޖާ އިނގިރޭސި ބަހަށް މޮޅުކުރުމަށް މަސައްކަތްކުރުމަށް އަޅުގަނޑުވެސް ތާއީދުކުރަމެވެ. ނަމަވެސް ކުއްޖާއަށް އިނގިރޭސި ބަހުން 1 (ވަން) ކިޔައި ދޭ ފަދައިން ދިވެހިބަހުން 1 (އެކެއް) ވެސް ކިޔައިދެވިދާނެ އެވެ. އަދި ޢަރަބި ބަހުން ވާޙިދު ވެސް އުނގަންނައިދެވިދާނެ އެވެ.

ޅަފަތުގެ ސިކުނޑިއަކީ ދަސްކުރުމުގެ ބާރުގަދަ ސިކުޑިއެކެވެ. އަލިފުބާ އާއި ހަށަނަރަބަޅަ އާއި އޭބީސީޑީ އެކު އެކީގައި ދަސްކުރުމަކީ އުނދަގޫ ކަމެއްކަމަށް ހީފުޅު ނުކުރައްވާށެވެ. އެންމެ ތުއްތު އިރުއްސުރެ 4 ބަސް ދަސްކޮށް ހަތަރުބަހަށް މޮޅުކުދީންވެސް އެބަ ތިއްބެވެ. އަދި މިދުވަސްވަރު ދަސްކުރާ ތަކެއްޗަކީ ހަނދާނުން ފޮހެލުން އުނދަގޫ ތަކެއްޗެވެ.ޚާއްޞަކޮށް ޅަފަތުގައި މާދަރީބަހަށް ކުއްޖާ އަހުލުވެރިކުރުމަށް ސަމާލުކަންދޭން އެބަޖެހެއެވެ. އެ ކުއްޖާ އިނގިރޭސި ބަހަށް މޮޅުކުރާނަމަ މި ކަމަށް ސަމާލުކަން ދޭން އެބަޖެހެއެވެ.

ސާނަވީ އާއި މަތީސާނަވީ އިމްތިޙާނުގައި ދަރިވަރުން ދިވެހިބަހަށް ދަށް ވާހަކަ އަޅުގަނޑުމެން ދައްކަމު އެވެ. އެކަމުގެ ސަބަބާމެދު ވިސްނާކަށް އެކަމަކު ބޭނުމެއް ނުވެ އެވެ. މިހެންދިމާވާ އެތައް ސަބަބުތަކެއް ހުރިއިރު، އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޅަފަތުގައި ކުދީން ދިވެހިބަހާ ބީރައްޓެހި ކުރުވާ ކަމެވެ. "ރެޑް ކަލަރ" ކިޔައިދެވޭ ފަދައިން "ރަތްކުލަ" ކިޔައިނުދެވޭކަމެވެ. ކުދިންގެ ޑެޑީ އާއި މަމީ ތިބޭ އިރު ބައްޕައާއި މަންމަ ނުތިބޭ ކަމެވެ. މިއީ ވަރަށް ނާޒުކު މައްސަލައެކެވެ.

ޅަފަތުގައި ކުއްޖާގެ މާދަރީ ބަހާ މެދު އިހުމާލުކޮށްލެވިއްޖެ ނަމަ ނަތީޖާ ފެންނާނީ އަޅުގަނޑުމެން އެދޭ ގޮތަކަށް ނޫނެވެ. އަޅުގަނޑުމެންގެ އުންމީދަކީ ކުއްޖާ އިނގިރޭސި ބަހަށް މޮޅުކުރުމެވެ. ދިވެހިބަހަކީ ދަސްނުކުރިޔަސް ފަހުން އެނގޭނެ އެއްޗެއްކަމަށް ބަލައިގެންނެވެ.

މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހިބަސް  ޅަފަތުގައި މޮޅަށް ދަސްކޮށްދެވޭނަމަ އަދި ހަމަ އެޔާއެކު އެކީގައި އިނގިރޭސިބަސް ވެސް ޅަފަތުގައި ކިޔަވައިދޭނަމަ ކުއްޖާ ދެބަހަށް މޮޅުވާނެ އެވެ. މިޔާ ޚިލާފަށް މާދަރީ ބަސް ކަމުގައިވާ ދިވެހިބަސް އިހުމާލުކޮށްލެވިއްޖެ ނަމަ ނަތީޖާ އަކަށް ވާނީ ކުއްޖާއަށް މޮޅުވާންޖެހޭ މިންވަރަށް އެއްބަހަކަށްވެސް މޮޅުނުވުމެވެ. ޚިޔާލާއި ޝުޢޫރުތައް ހާމަކުރުމުގައި ކުއްޖާއަށް އުނދަގޫ ކުރިމަތިވުމެވެ.

ވީމާ ދަރިފުޅު އިނގިރޭސިބަހަށް މޮޅުކުރަން އެދޭނަމަ ހަމަ އެޔާ އެކު އެކީގައި ޅަފަތުއްސުރެ ދިވެހިބަހަށްވެސް މޮޅުކުރެވޭތޯ ބައްލަވާށެވެ! އަޅުގަނޑުމެންގެ އުންމީދު ޙަޤީޤަތަކަށް ވާނީ އޭރުންނެވެ.
---------------------
(ނިމުނީ)

މި ލިޔުން:

ފޮނުވުން:     އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން:    ''           ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ