އަލްމަރްޙޫމް މޫސާ ޙަލީމުގެ ހަނދާނުގައި
އެކުވެރިއެއްގެ ޛިކުރާ
މުޙަންމަދު ރަޝީދު ކޮޕީގެގިސްލަމުން ހިތި ކަރުނައިން މީ އާކުރާ ޛިކުރާއެކޭ
ފިސްވެގެން ހިތް ކުދިވެދާ ފަދަ ދާއިމީ ޞަދުމާއެކޭ
ދެކިބަލާށޭ! ބަލި އެނދެއްގައި ގިނަ ދުވަސްތައް ހޭދަކޮށް
ވަކިވެގެން އަޅުގަނޑުމެނާ ދިއުމުން އުފަންވީ އާހެކޭ
ގުޅި ހަތާވީސް ތޭރަ ނުވަދިހަ ދޭއްގެ ޝައްވާލުން ދުވަސް
ގުޅެވެނީ އާދީއްތައާ! ޛިކުރާ ވެވޭ ތާރީޚެކޭ
އަހަރު މީލާދީން ނަވާރަ ސަތޭކަ ބާހަތްތަރި ގުޅޭ
އަހަރު ފަހު މަހު، ދުވަހު ތިނަކުން، ވަކިވެ ދިޔަ މޭސްތިރިއެކޭ
ޔެލަމޭ ކަރުނައިގެ އަކުރުން ވޭނުގައި ގިސްލާ ރޮމުން
ލިޔެ ކޮޅުންލާން ނެތް ވަރަށް އަދު ހިތް ކުރީ ފުން ޒަޚަމެކޭ
އާދެ، އަޅުގަނޑުމެންގެ ލޮބުވެތި މީމު ޙާގެ ހަނދާނުގައި
އާދެ، މީ ކުޑަ ކުޑަ ތަޢާރަފަކަށް ފުދޭނޭ ޝިޢުރެކޭ
ވަކި ކަމެއްގައި، ވަކި ރޮނގެއްގައި، ވަކި ތަފާތެއް ވެސް ނުކޮށް
ވަކިވުމެއް ނެތި އެންމެނާ ގުޅިގެން އުޅުއްވެވި ޝަޚުޞެކޭ
ދައުރުގައި ފުރިހަމަ ޒުވާން، އެކިއެކި ވަޒީފާ ޤައުމުގައި
ޝައުޤުގައި ކެރިގެން އަދާކޮށްދެއްވި ޚިދުމަތްތެރިއެކޭ
ހުންނަވައިގެން އޭރު މަޠުބަޢަތުލް ޙުކޫމާ ދައުރުގައި
ދެން ކުޅުއްވެވި ރޯލަކީ މި ރޮނގުން ޖެހޭނެ މިސާލެކޭ
އޭރު "ސަރުކާރުގެ ޚަބަރު" (ބޮޑު ސައިޒަކަށް އޮތް ނޫހު)ގައި
އޭރު ވިދި މޮޅު ކާތިބުން ތެރެއިން އަރާހުރި ތަރިއެކޭ
އިއްޔެ ދުށް "ޔުނިޓީ ޕްރެސް" ހިނގަމުން އެ އައި ފެހި ދައުރުގައި
ހިއްމަތާ އެކުގައި މެނޭޖަރުކަން ކުރެއްވެވި ވެރިއެކޭ
އަބަދު ވެސް ތަޢުލީމު ދެއްވުމުގައި މުރާލިކަމާ އެކީ
އަބަދު ވެސް ޖޯޝާއި ރޫޙުން ފުރިއަރާ އިންސާނެކޭ
އަދަދު ނުވެވޭ ގިނަ ކުދިންތައް ޢިލްމު ހޯދައިގެން ނުކުތް،
މަދުރަސާ - އަޙްރާރު ހިންގެވިކަން އެއީ އިޢުލާނެކޭ
ދަރިވަރުން ޝާމިލުވެވޭ، އަޙްރާރު ގުލްޝަނުގައި އުޅޭ
ދަރަނިވެރި ވެވިފައި މި ވާ ޝުކުރުން ފުރޭ ބާނީއެކޭ
އެދުރުވިހާ ދަރިވަރުން، އެ ހިޔާވަހިން ތިބެ އެއް ދުލުން
އެދުރުބޭ މި ނަމުން ގޮވާކަން ލޯބިވެތި މީ ސަބަބެކޭ
ކޮންމެ ޢިލްމީ އެއްވުމެއްގައި، މަދުރަސާ ހޯލުގެ ތެރޭ
ދެއްވަނީ ވަގުތާ މުނާސަބު އަދި ގުޅޭ ތަޤުރީރެކޭ
ޢިލްމު އެކިއެކި ފަންނުގައި ގިނަ ހޯއްދަވައިގެން ހުންނަވާ،
ޙިލްމު ހުރި އަޚްލާޤު މަތިވެރި ހާދަ ނިޔަނެތި ދަރިއެކޭ
ޢާންމު އެކި އެކި ބަލިތަކާ އަދި އެ ފަދަ ގިނަ ގުނަ ކަންކަމަށް
ޢާންމުކޮށް އޭނާގެ ބޭނުން ބޮޑުވި ފަންޑިތަވެރިއެކޭ
"ހޮޅިލަމުން" ދިޔަޔަސް ކަމެއް، އެތަކެއް ރޮނގުން ވިސްނާ ބަލާ
ރުޅިނައިސް ހުންނެވުމަކީ އޭނާގެ ފުރިހަމަ ސިފައެކޭ
އެކުވެރިންނާ ރައްޓެހިންނާ އެކު ސަމާސަ ކުރެއްވުމީ
އެކުވުމާ އަދި ޚުލްޤު ހެޔޮކަމުގައި ގުނޭނެ ދަލީލެކޭ
އާދައެއްކަމު ހައްދަވައިގެން ކުޑަކުދިންނަށް ޚާއްޞަކޮށް
އާދަޔާއި ޚިލާފު އޯގާތެރި ނަމޫނާ މިތުރެކޭ
އެންމެ މޮޅު ތަޖުވީދު ޢިލްމަށް، އާދެ، ޤުރްއާން ކިޔެވުމަށް
ދަންނަވަމެ މި ރޮނގުން އަރާ ހުރި ހާދަ މޮޅު އުސްތާޒެކޭ
އަޑުގެ މަޑުމައިތިރިވި ސާދާ މަޚުރަޖުގެ ފުރިހަމަކަމުން
އަގުނުކުރެވޭ ޝުހުރަތެއް ލިބިފައިވުމީ ބޮޑު ޝަރަފެކޭ
ގޮސް ކިއުއްވާ ޛިކުރު، ޞަލަވާތް، ފާތިޙާ، މައުލޫދުގައި
އިސްވެ މަޖިލިސް ފައްޓަވާދެއްވަން އުޅުއްވި އިމާމެކޭ
ބަސްކިއުއްވެވި ކަމުތެރޭގައި އެންމެނަށް މަޤުބޫލުވީ
ވިސްނުމާ ބުއްދީގެ ރޮނގުގައި ވެސް އަރާ ހުރި ދަރިއެކޭ
ދަންނަވަންތޯ "ސަނަދު ޑަޒަނެއް" އެންމެހައި މާއްދާތަކުން
ނަންގަވާފައި ވާ ކަމީ އުވިގެން ނުދާނޭ ފަޚުރެކޭ
ފަނޑުނުވާ ދެ ނިޝާން ކަމަށް ވާ އަދު އެ މަރުޙޫމުގެ ދިރޭ
އަދު ދެ ޝާހިދު ޝުކުރުވެރިވާ ލޯބިވެތި ބައްޕާއެކޭ
އޮންނަވައި، ބަލި ތަންމަތީގައި އެކި ކުދިންނަށް ވަކިވަކިން
އިއްވެވީ އަގުހުރި ނަސޭހަތްތެރި އަސަރުގަދަ ބަސްތަކޭ
އެންމެ ފަހު ނޭވާ ވުޖޫދަށް، ދޫކުރެއްވެވުމާ އެކީ
އެންމެ ފުރަ މެންދަމު އެކެއް ޖެހި ވަގުތު ރޮއްވީ ހިތްތަކޭ
ތާއަބަދު އެ ފުރާނައަށް ދެއްވުން މި އެދެނީ ޖަންނަތުން
ހާއުފާވެރި ނިޢުމަތާ އަދި ދާއިމީ ރަޙްމަތްތަކޭ
ނިންމަމުން މި ޝުޢޫރުގައި ވޭނުން ފުރޭ މޮޅިވެރި ކޮޕީ
ނިންމި އިރު ވެސް އޮހޮރެނީ ދެ ލޮލުން ދުމޫޢުގެ ސައިލެކޭ
----------------
(ނިމުނީ)
ނޯޓު:
މަތީގައިވާ ޅެމަކީ އަލްފާޟިލް ކޮޕީ މުޙަންމަދު ރަޝީދު 1973.6.10ގައި ހައްދަވައި، އަޅުގަނޑުގެ ބައްޕަ ނިޔާވިތާ ހިޖުރީގޮތުން 1 އަހަރު ފުރުނު ދުވަހު، "މޫންލައިޓު" ނޫހުގައި ޝާއިޢުކުރައްވައިފައި ވާ ޅެމެކެވެ. މި ޅެން ފަންވަތުގައި ޝާއިޢު ކުރުމުގެ ހުއްދަ ދެއްވީތީ އޭނާއަށް ޝުކުރު ދަންނަވަމެވެ. އޭނާ ވަނީ އަވަސް ނަޒަރަކުން، މި ޅެން އަލުން ބައްލަވައިލައްވައި، ބައެއް ބައިތަށް ކުދި ބަދަލު ގެންނަވައިފައެވެ.
އަލްފާޟިލް ކޮޕީ މުޙަންމަދު ރަޝީދަކީ، އަޅުގަނޑުގެ ބައްޕަ، މަދްރަސަތުލް އަޙްރާރު ހިންގެވި އިރު އެ މަދަރުސާގައި ނާޒިރުގެ ނާއިބެއްގެ ގޮތުންނާއި، މުދައްރިސެއްގެ ގޮތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަޅުގަނޑުމެންގެ އެކުވެރިއެކެވެ.
- މުޙަންމަދު ޝާހިދު ޙަލީމް -
މި ލިޔުން:
ފޮނުވުން: އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''