އަދުގެ ޚާއްސަ

Print

މާތްﷲ ވޮޑިގެން ވެ އެވެ. އަދި އެ ކަލާނގެ ކުޅަދުންވަންތަ އެވެ. (5)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

22 ނޮވެމްބަރު (ހޯމަ) އާ ގުޅޭ..

ޖައްވުގައިވާ ފުރިހަމަ ނިޒާމު

އަލްއުސްތާޛު އަޙްމަދު މާޖިދު

ކާއިނާތަކީ ޚަލްޤުކުރެއްވިފައިވާ މައުޖޫދެއްކަމަށް ފަލްސަފާއާއި ޙިސާބު ޢިލްމާއި ސައެންސްގެ ހޯދުންތަކުން ސާބިތުވެފައިވާ ކަމަށް އަޅުގަނޑު ވާނީ ތަކުރާރުކޮށް ދަންނަވާފައެވެ. އެ ޙަޤީޤަތަށް ބާރުދިނުމަށްޓަކައި މި ޒަމާނުގެ ސައިންސްގެ އަލީގައި ދެއްކޭ އެންމެ މުހިއްމު އެއް ހެކި ކަމަށް މިހާރު ވެފައިވަނީ ބިގް ބޭންގް ނަޒަރިއްޔާއެވެ. އެއާއެކު، ކާއިނާތު ޚަލްޤުކުރެއްވިފައިވަނީ އިންސާނީ ބުއްދިތައް އަންތަރީހުގެ ނިހާޔަތަށް ދާން ޖެހޭހައި ފުރިހަމަ ނިޒާމެއްގެ ގޮތުގައިކަން ބިގް ބޭންގް ނަޒަރިއްޔާ އަޅުގަނޑުމެންނަށް ބުނެދެއެވެ.  

ބިގް ބޭންގްގެ ހާދިސާގައި ގޮވީ ކާއިނާތުގެ ހުރިހާ މާއްދާއަކާއި ހަކަތައެއް އެ އެތިކޮޅެއްގައި ހުރި އެތިކޮޅެވެ. އެ ގޮވުމުގެ ބާރުގަދަކަމުން އެ އެތިކޮޅުގެ ބައިތައް ހުރިހާ ދިމާޔަކަށް ފެތުރިގެން ދިޔައީ، އަދި މިހާރުވެސް ފެތުރެމުން ދަނީ ބިރުގަންނުވާލަނިވި ބާރު ދުވެއްޔެއްގައެވެ. ހުރިހާ ދިމާޔަކަށް ފެތުރެން ފެށި އެ ބައިތަކުން މަޑިކިލަނބުތަކާއި، ތަރިތަކާއި، އަޅުގަނޑުމެން މިއުޅޭ ދުނިޔެއާއި އަދި އެހެނިހެން ކައުނީ ޖިސްމު (Heavenly Bodies) ތައް އުފެދިގެން ދިޔައީ އިންސާނީ ބުއްދިތަކަށް ވަޒަން ނުކުރެވޭހައި ފުރިހަމަ ގޮތެއްގައެވެ. އޭގެ އިތުރަށް، މި ދެންނެވި ބައިތައް ފުށުއެރުމެއް، ސުލްހަ މަސަލަސްކަން ގެއްލުމެއްނެތި ދައުރުވަމުންދާނޭ ނިޒާމާއި ޤާނޫނުތައް (Laws of Physics) ވެސް އުފެދިގެން ދިޔައެވެ. އެ ޤާނޫނުތަކުގެ ފުރިހަމަކަމާއި މޮޅުކަމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑެތި ފިޒިކްސް ޢިލްމުވެރީންގެ ދޫތަކުން އޮހެމުންދަނީ ހިފެހެއްޓުމެއްނެތް ތައުރީފެވެ. އެ ޤާނޫނުތަކަކީ ކާއިނާތުގެ އުމުރުން ވޭތުވެދިޔަ ފަނަރަ ވަރަކަށް ބިލިއަން އަހަރުގެ ތެރޭގައި އެއްވެސް ކަހަލަ "ޓެކްނިކަލް މައްސަލައެއް"، އޮޅުމެއް، ބަދަލުވުމެއް ނެތި، ފުރިހަމަޔަށް، މުޅި ކާއިނާތުގައި އެއްގޮތަކަށް، އެއް ހަމަތަކެއްގެ މަތީން މަސައްކަތް ކުރަމުން އައިސްފައިވާ ޤާނޫނުތަކެކެވެ. ޚަލަލެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަ ކަންތައްތަކަކީވެސް އެ ޤާނޫނުތަކުގެ މަސައްކަތުގެ މަންޠިޤީ އަދި ޠަބީޢީ ނަތީޖާއެވެ. މިސާލަކަށް ދުނިޔޭގެ ސަރަޙައްދަކަށް ޠޫފާނެއް ކުރިމަތިވަނީ، ނުވަތަ ދުނިޔޭގެ އަލިފާން ފަރުބަދައެއް ގޮވަނީ ކާއިނާތުގެ ޠަބީޢީ ޤާނޫނުތަކަށް މައްސަލައެއް ދިމާވެގެނެއް ނޫނެވެ. އެ ޤާނޫނުތައް ފޭލިވެގެނެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އެ ޤާނޫނުތައް އުފެދި މަސައްކަތްކުރަމުން ދާ ގޮތުގެ ޠަބީޢީ ނަތީޖާއެވެ. އޭގެ ސަބަބުން އަޅުގަނޑުމެން އިންސާނުންނަށް ނުޤުސާންތަކެއް ލިބޭތީ އެއީ ޚަލަލްތަކެއް ކަމުގައި އަޅުގަނޑުމެންނަށް ބެލެވެނީއެވެ. ކާއިނާތަކީ ފުރާފުރިހަމަ އަދި ކާމިލު (Perfect) އިންތިޒާމެއްގެ ދަށުން ދެމިގެން އަންނަ މައުޖޫދެކެވެ. ކާއިނާތުގެ ކަންކޮޅުތަކުން އިންސާނާގެ ލޮލަށް ދައްކުވައިދޭ ޙަޤީޤަތްތަކަށް އިޚްލާސްތެރިކަމާއި ހިތްތިރިކަމާއެކު ވިސްނައި ފިކުރުކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާން ޖެހޭނެ ޙަޤީޤަތަކީ މި ފުރިހަމަ ނިޒާމުގެ ފަހަތުގައި ހުރިހާ ކަމަކަށް ކުޅަދުންވަންތަ ފަރާތެއްގެ އަތްޕުޅު ވާ ކަމެވެ.

ދެން، ވިސްނާވަޑައިގެން ބައްލަވާށެވެ. އާދައިގެ ގޮވުންތަކަކީ އިންތިޒާމެއްގެ ދަށުން ހިނގާ ކަމެއް ނޫނެވެ. އިންސާނީ ތަހުލީލާއި ތަޖުރިބާގެ ދާއިރާގެ ތެރޭގައި ހިނގާ ކޮންމެ ގޮވުމަކީ އިންތިޒާމު ފުނޑުފުނޑުކޮށްލައި، ފުރިހަމަ އުސޫލެއްގެ ދަށުން ހިނގާ ނިޒާމުތައް އެފުށްމިފުށަށް ޖަހާލާ އެއްޗެކެވެ. ކާއިނާތުގެ ޤާނޫނުތަކުގައިވާގޮތުންވެސް ކާއިނާތުގެ ތެރޭގައި ހިނގާ ކޮންމެ ގޮވުމަކީ ނިޒާމުތައް ހަލާކުކޮށްލާ އެއްޗެކެވެ. ބޮމެއް ގޮވައިގެން ފެތުރިގެންދާ އެތިކޮޅުތައް ފެތުރިގެންދަނީ ނިޒާމެއްގެ ދަށުން، ރޭވިގެންތޯއެވެ؟ މި ނޫން އެހެން މިސާލުތަކާމެދުވެސް ވިސްނާވަޑައިގަންނަވާށެވެ. އަލިފާން ފަރުބަދަތައް ގޮވައިގެންދާ ދިޔުމާއި ޤުދުރަތީ ގޭސް ގޮވައިގެންދާ ދިޔުމާއި، އިރުގައި ހިނގާ ގޮވުންތަކާއި އަދިވެސް މިފަދަ އެހެނިހެން ގޮވުންތަކުގައި ކަންތައްތައް ވާގޮތާއިމެދު ވިސްނާވަޑައިގަންނަވާށެވެ. މިއިން ކޮންމެ ގޮވުމެއްގެ ސަބަބުންވެސް ނިޒާމެއް ހަލާކުވަނީއެވެ. މި ގޮވުންތަކުން ފެތުރިގެންދާ އަލިފާނާއި ހިލަޔާއި ދަގަނޑާއި އެހެން ބާވަތްތަކުގެ ބައިތައް އިންތިޒާމީ ގޮތެއްގައި ފެތުރިގެން ދަނީއެއް ނޫނެވެ. މިސާލަކަށް، ބިމުގެ އަޑީގައި ގޮވާ ގޮވުމެއްގެ ސަބަބުން ބިމުގެ ފަށަލައިން ބޭރަށް ބުރައިގެންދާ ހިލަޔާއި ވެއްޔާއި މަޢުދަނާއި އަދިވެސް އެހެން ތަކެތި ފެތުރިގެންދާ ދިޔުމުގެ ތެރޭގައި، ބަރާބަރު ނިޒާމެއްގެ ދަށުން ގުޅި ރީތި ޢިމާރާތްތަކާއި މަގުތަކާއި މިފަދަ އެހެނިހެން ތަންތަން އުފެދިއްޖެނަމަ ތިބާ އެކަމާމެދު ވިދާޅުވާނީ ކީކޭތޯއެވެ؟ އެކަމަކީ އިއްތިފާޤުން ވީ ކަމެއް ކަމުގައިތޯއެވެ؟ ނުވަތަ އެއީ ކޮންމެވެސް ބާރުވެރި ފަރާތަކުން އެކަންތައް އެގޮތަށް ވުމަށް މެދުވެރިކުރީ ކަމުގައިތޯއެވެ؟ ނުވަތަ 'މަށަކާ ކީކީހޭ' މިހެންތޯއެވެ؟

ސްޓެޑީ ސްޓޭޓް ނަޒަރިއްޔާގެ ބާނީ ސަރ ފްރެޑް ހޮއިލް މި ދަންނަވާފަދަ ގޮވުމަކާ ބެހޭގޮތުން ވިދާޅުވެފައި ވެއެވެ.

"ބިގް ބޭންގް ނަޒަރިއްޔާގައި ބުނާގޮތުން ކާއިނާތު އުފެދުނީ އެންމެ ގޮވުމެއްގެ ސަބަބުންނެވެ. ނަމަވެސް ތިރީގައިމިވާ ނުކުތާތަކުން ސާބިތުވާނޭ ފަދައިން، ގޮވުމަކުން ވާނޭ ހަމައެކަނި ކަމަކީ އެ ގޮވާ އެއްޗެއްގައި ހިމެނޭ މާއްދާތައް އެކިފަރާތްފަރާތަށް ހަމައެއް ލަމައެއް ނެތް ގޮތެއްގައި ބުރުއްސައިލުމެވެ. އެއާއި ޚިލާފަށް ބިގް ބޭންގަށްފަހު ވަރަށް ހައިރާން ކުރުވަނިވި އަދި މަޖުހޫލު ގޮތެއްގައި ގޮވައިގެން ފެތުރިގެން ދިޔަ އެތިކޮޅުތަކުން މަޑިކިލަނބުތައް އުފެދިގެން ހިނގައްޖެއެވެ."

ހޮއިލްގެ މި ބަސްފުޅުތަކަކީ ބިގް ބޭންގްގެ ޙަޤީޤަތަށް އިންކާރު ކުރެއްވުމުގެ ރޫޙުގައި ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. ބިގް ބޭންގް ނަޒަރިއްޔާގައި ބުނާފަދަ ގޮވުމަކުން ކާއިނާތު ނުއުފެދޭނެކަން ސާބިތުކުރައްވަން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވެފައިވާ ޢިބާރާތްތަކެކެވެ. އޭނާގެ ނުކުތާއަކީ ބިގް ބޭންގް ފަދަ ޙާދިސާއެއް ހިނގިޔަސް، ކާއިނާތު ފަދަ ފުރިހަމަ ނިޒާމެއް އެފަދަ ގޮވުމެއްގެ ނަތީޖާއެއްގެ ގޮތުން ނުއުފެދޭނޭ ކަމެވެ. އެއީ ގޮވުމެއްގެ ތެރެއިން އިންތިޒާމީ ނިޒާމެއް ނުއުފެދޭނެކަމަށް އިންސާނާގެ ސައިންސީ ތަޖުރިބާއާއި ކާއިނާތުގެ ކަންތައް އެ ޤާނޫނުތަކެއްގެ ދަށުން ހިނގަމުންދާ ޤާނޫނުތައް ބުނާތީއެވެ. ނަމަވެސް ހޮއިލްގެ ބަސްފުޅުތަކުން ޙަޤީޤަތުގައި ބާރު ލިބިދެނީ ކާއިނާތުގެ ފުރިހަމަ ނިޒާމު ޚަލްޤުކުރެއްވި ފަރާތެއް ވާ ކަމެވެ. އެހެން ނޫންނަމަ، ބިގް ބޭންގް ފަދަ ގޮވުމެއްގެ ތެރެއިން، އެފަދަ ގޮވުންތަކުން އަބަދުވެސް ނިކުންނަ ނަތީޖާ ކަމުގައިވާ އިންތިޒާމު ހަލާކުވެގެން ދިޔުމުގެ ނަތީޖާ ނުނުކުތީ ކީއްވެގެން ބާވައެވެ! ގޮވުމެއްގެ ތެރެއިން މިފަދަ ނިޒާމެއް އުފެދޭނީ ކޮންމެވެސް ބާރުވެރި ފަރާތެއްގެ ބާރުގައި ނޫން ބާވައެވެ!

ބިގް ބޭންގަށްފަހު އުފެދިގެން ދިޔަ ކާއިނާތުގެ ނިޒާމުގެ އެންމެ މުހިއްމު އަނެއް ސިފައަކީ އެ ކާއިނާތަކީ ދިރިއުޅެވޭފަދަ ކާއިނާތެއް، ނުވަތަ ހަޔާތީ ކާއިނާތެއް (Habitable Universe) ކަމުގައި ވުމެވެ. ދިރިއުޅެވޭނޭ ފަދަ މާޙައުލެއް ނުވަތަ އެ ތަނެއްގައި ހަޔާތް އުފެދި ދެމިގެންދާނޭ ފަދަ މާޙައުލެއް އުފެދެނީ ވަރަށް އާދަޔާ ޚިލާފު ހާލަތުތަކަކާއި ޝަރުޠުތަކެއް ފުރިހަމަ ވެގެންނެވެ. ވަރަށް ނާޒުކު ބީދަޔަކުން ފަރުމާކޮށްލެވޭ މާޙައުލަކަށް އެ މާޙައުލު ވެގެންނެވެ. މި ދެންނެވިފަދަ ޙާލާތަކާއި ޝަރުޠުތަކަކާއި މާޙައުލެއް އުފެދުމަކީ އިއްތިފާޤުކަމުގައި ޤަބޫލު ކުރުމަކީ އިންސާނީ ބުއްދިޔަށް ޢަޤުލީ ބިންގަލެއްގެ މަތީގައި ކުރެވޭނޭ ކަމެއް ނޫނެވެ.

ތިއަރެޓިކަލް ފިޒިކްސް (Theoretical Physics) ގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޕޯލް ޑޭވީސް (Paul Davies) ހައްދަވައި ސާބިތުކޮށްދެއްވާފައިވާ ހިސާބަކީ ކާއިނާތު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާމެދު ވިސްނާ މީހެއްގެ ބުއްދި އުދުއްސާލާފަދަ ހިސާބެކެވެ. ކާއިނާތު ފެތުރެމުންދާ ވާހަކަ ނުވަތަ ޔުނިވާރސަލަ އެކްސްޕޭންޝަން (Universal Expansion) ގެ ވާހަކަ ވާނީ މި މަޒުމޫނުގެ އިސްވެދިޔަ ސަފުހާތަކުގައި ދަންނަވާލެވިފައެވެ. ޕޯލް ވިދާޅުވާ ގޮތުގައި ކާއިނާތު ފެތުރެމުން ދިޔުމުގައި، ކާއިނާތުގެ ބައިތައް ދަތުރުކުރާ ދުވެލީގެ ބަރާބަރުކަން ހުރި މިންވަރީ، މިހާރު ދަތުރުކުރާ ދުވެލި ބިލިޔަންބައިކުޅަ އެއްބައިގެ މިންވަރުން ލަސްވެ ނުވަތަ އަވަސްވެއްޖެ ނަމަ، ކާއިނާތު ބޮޑުވެގެންވާ ގޮވުމަކުން ގޮވައިގެން ހިނގައްޖައީހެވެ. ކާއިނާތުގެ ތެރޭގައިވާ އެތައް ހާސް ބިލިއަން ކައުނީ ޖިސްމުތައް ފެތުރެމުންދާ ދުވެލި އަވަސްވެއްޖެނަމަ އެ ތަކެތި މާ ބާރުބާރަށް ދަތުރުކޮށް ގޮސް، ނެތިގެން ދިޔުމުގެ ތެރެއަށް އޮބާލައިފީހެވެ. ހަމައެފަދައިން، އެ ތަކެތި ފެތުރެމުންދާ ދުވެލި މިހާރަށްވުރެ ތަންކޮޅެއްވެސް މަޑުވެލައިފިނަމަ، ކާއިނާތުގެ ދަމާބާރާއި (Gravity) ފެތުރެމުންދާ ދުވެލީގެ ދެމެދުގައި ހުންނަން ޖެހޭ މީޒާން ގެއްލި، އެ ބައިތައް ފެތުރުން ހުއްޓި އެކަތި އަނެކައްޗާ ދިމާޔަށް ދަމައިގެން ގޮސް، އެކަތި އަނެކައްޗާ މުޑިއަރައި ފުނޑުފުނޑުވެގެން ހިނގައްޖައީހެވެ. ކާއިނާތުގައި ވާހައި އެއްޗެއް މުޅީން ސުންނާފަތިވެގެން ހިނގައްޖައީހެވެ. އެހެންކަމުން ބިގް ބޭންގްގެ ގޮވުމަކީ ކާރުބޮމެއް ގޮވައިގެންދާ ފަދައިން، ނުވަތަ އަލިފާން ފަރުބަދައެއް ގޮވައިގެންދާ ފަދައިން ހަމައެއް ނެތި ގޮވައިފައިވާ ގޮވުމެއް ނޫނެވެ. އަދި ކީއްތޯއެވެ. ކާއިނާތު ޚަލްޤުކުރެއްވި ފަރާތުން އެ ފަރާތުގެ ކުޅަދުންވަންތަކަމުގެ ލާމަސީލު މިސާލެއް ފެނިގެންދާ ފަދަ ގޮތެއްގައި ފަރުމާކުރައްވާފައިވާ ގޮވުމެކެވެ. އެ ގޮވުމާއެކު އުފެދުނު ކާއިނާތުގެ ދައުރުވުން ހިފަހައްޓާ ފިޒިކްސްގެ ޤާނޫނުތައް އެއްވެސް ކަހަލަ ބަދަލެއް އައުމެއްނެތި ދެމިގެންވާތާ މިހާރު ގާތްގަނޑަކަށް 15 ބިލިއަން އަހަރު ވީއެވެ. ކުޅަދުންވަންތަ ﷲ ގެ ރައްބުވަންތަ އަތްޕުޅުގެ ބާރުގައި ނޫން ގޮތަކަށް މިއީ ނުވާނެ ކަމެކެވެ. އެކަން ނުވިސްނޭ މީހާގެ ބަދުނަސީބުވަންތަކަމާއެވެ! އެކަމަށް އިންކާރުކުރާ މީހާގެ އަބާއްޖަވެރިކަމާއެވެ!

މަޝްހޫރު ފިޒިކްސް ޢިލްމުވެރިޔާ ސްޓެފަން ހޯވކިންގ(Stephan Hawking)  އޭނާގެ ފޮތް، އަ ބްރީފް ހިސްޓްރީ އޮފް ޓައިމް (A Brief History of Time) ގައި ވިދާޅުވެފައި ވަނީ މި ދަންނަވާ ފިޒިކްސްގެ ޤާނޫނުތަކާއި ކާއިނާތުގެ ދައުރުވުމުގެ ނިޒާމު އިންސާނާގެ ބުއްދިޔަށް ފުރިހަމަޔަށް ދެނެގަނެވޭ ވަރަށްވުރެވެސް ފުރިހަމަ ކަމުގައެވެ. އޭނާ ލިޔުއްވާފައި ވެއެވެ. "ބިގް ބޭންގްގެ ގޮވުމުގެ އެއް ސިކުންތުފަހުން ކާއިނާތުގެ ބައިތައް ފެތުރެމުން ދިޔަ ބާރުމިން ފަހުގެ ވަގުތެއްގައި ސިކުންތެއްގެ ސަތޭކަ މިލިއަން މިލިއަން ބައިކުޅަ އެއްބައިގެ ކަސްރުން އިތުރުވިޔަސް، ކާއިނާތުގެ މިހާރުގެ ބޮޑުމިނަށް އައުމުގެ ކުރީން ނެތި ފަނާވެގެން ދިޔައީހެވެ."

ހަމަ މި މޭރުމުން ވާހަކަ ދައްކަވަމުން ޕޯލް ޑޭވީސް ވިދާޅުވެފައި ވެއެވެ. "ކާއިނާތު ދައުރުވަމުން މިދާ ނިޒާމަކީ، އެ ނިޒާމުގެ މަސައްކަތްތައް ހިނގާގޮތުގެ ކަވިކަމާއި ފުރިހަމަކަމަށް ބަލާއިރު ކުރީއްސުރެ ރޭވިފައިވާ ވަރުގަދަ ރޭވުމެއްގެ ދަށުން ހިނގަމުންދާ ކަންތަކެއް ކަމާއިމެދު އިންކާރު ކުރުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. ކާއިނާތަކީ ފަރުމާކުރެވިގެން ވުޖޫދަށް ގެނެވިފައިވާ އެއްޗެއް ކަމުގެ އެންމެ މުހިންމު ދަލީލަކީ، މުއުޖިޒާތެއްފަދަ ބަރާބަރު ހިސާބުގެ ޤާނޫނުތަކެއްގެ (Mathematical Laws) ދަށުން ކާއިނާތުގެ ދައުރުވުމާއި ޙަރަކާތްތައް ހިނގަމުންދާނެގޮތް ޤުދުރަތުން މެދުވެރި ކޮށްފައިވާކަމެވެ."

ހަމަ މި ދެންނެވި ނުކުތާއަށް އަލިއަޅުވައިލައްވަމުން އެމެރިކާގެ ނުޖޫމީ ޢިލްމުގެ (Astronomy) މާހިރެއް ކަމުގައިވާ ޖޯރޖް ގްރީންސްޓެއިން (George Greenstein)  އޭނާގެ ފޮތް، ދަ ސިމްބޮލިކް ޔުނިވަރސް (The Symbolic Universe) ގައި ވިދާޅުވެފައި ވެއެވެ. "މި ކަމާ ގުޅޭގޮތުން ލިބިފައިވާ ދަލީލުތަކާއި ހެކިތަކަށް ބަލައި ދިރާސާކުރިވަރަކަށް ވިސްނުމުގެ ދާއިރާގައި ވަރުގަދަވަމުން މޫލަމުންދާ ފިކުރަކީ މިކަމުގެ އަޑީގައި އިންސާނީ ބާރާއި ކައުނީ ބާރުތަކަށްވުރެ މަތީ ފަރާތެއް، އާދެ، އިލާހެއް ވާ ކަމުގެ ފިކުރެވެ."

----------------
(ނިމުނީ)

މި ލިޔުން؛

     ފޮނުވުން:   އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''        ''


އިދާރާ

އެނގޭތަ؟

ވާހަކަ