ބައްޕައަށް ގެނައި ބޭސްކޮތަޅު
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ސުލައިމާނު (އަޞްލު ނަމެއް ނޫން) އުޅުނީ ދަރިފުޅު ގުލައިޒާ އޭޑީކޭ ހޮސްޕިޓަލުގައި ބާއްވައިގެންނެވެ. ވަކި ބާވަތްތަކެއް ކައިގެން ނުވާނެކަން ޑަކުތަރު އަންގަވައިފައި ވާތީ އާވިން މަޑުކޮށްފައި ހުރި ތަރުކާރީ ކޮޅެއް ކާންދިނުން ރަނގަޅުކަމަށް ދެކިގެންނެވެ.
ގުލައިޒާ އާ އެހީވުމަށް އައިސް އުޅުނު ޢާއިލީ ރަޙުމަތްތެރިއެއްކަމަށްވާ ޤަމަރު، ތަރުކާރީ ކޮޅެއް ރޯފިލުވައިގެން ވަރަށް އަވަހަށް ފޮނުވައިދޭނެ ކަމަށް ބުނެފައި ގެޔަށް ހިނގައްޖެ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ސުލައިމާނުގެ ފޯނަށް ޤަމަރު ގުޅައިފި އެވެ.
"އައްސަލާމް ޢަލައިކުމް! ސުލައިމާން."
"ވަޢަލައިކުމުއްސަލާމް! މީ ޤަމަރޭ. ތަރުކާރީ ކޮޅު ތައްޔާރުވެއްޖެ. ކުއްޖަކު ނެތިގެން ނުފޮނުވިގެން މި އުޅެނީ."
"ބަލައި ދާންވީތަ؟" ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން ސުލައިމާނު ސުވާލުކޮށްލި އެވެ.
"ނޫން. ކޮންމެހެން ދެން ސުލައިމާނު އަންނާނެ ކަމެއް ނެތް. ވަރަށް އަވަހަށް ފޮނުވައިދޭނަން" ޤަމަރު ޖަވާބު ދިނެވެ. " މިގޭ އަޙުމަދު ވެއްޖެ ބައްޕަ ގާތަށް ގޮސް. ވަރަށް އަވަހަށް އަންނާނެ. އައިމާ ފޮނުވާނަން. ސައިކަލުގައި އުޅޭ ކުއްޖެއްވިއްޔަ އެއީ. އެހެންވީމާ ލަހެއް ނުވާނެނު"
"އާނ! އެންމެ ރަނގަޅު. ބޭރުގަ މަޑުކޮށްގެން ހުންނާނަން" ސުލައިމާނު ބުންޏެވެ.
"މިގޭ އަޙުމަދު ދަންނަމުތަ؟"
"އާނ! އެނގޭ އޭނާ ވެސް." ސުލައިމާނު ޖަވާބު ދިނެވެ.
ފޯނުގެ މުޢާމަލާތަށްފަހު އިންތިޒާރުގައި މާ ގިނައިރަކު ހުންނާކަށް ސުލައިމާނަކަށް ނުޖެހުނެވެ. އެތެރެ ނުފެންނަ ކަހަލަ ކޮތަޅެއް ހިފައިގެން އަޙުމަދު އެބަހަރަގެން އާދެ އެވެ. ތަރުކާރީކޮޅުގެ އިންތިޒާރުގައި ސުލައިމާނު ހުރީ 7 ނަންބަރު ވޯޑުގެ ދޮރުމަތީގަ އެވެ. އަޙުމަދަށް ސުލައިމާނު ފެނުމާއެކު އަޙުމަދު ކައިރީގައި މަޑުކޮށްލައިފި އެވެ. ކިހިނެއްހޭ އަހައިލުމަށްފަހު ކުރިޔަށްދާން ހިނގައިގަތެވެ. އަޙުމަދުގެ ބައްޕަ ހޮސްޕިޓަލުގައި އޮތްކަމެއް ސުލައިމާނަކަށް ނޭނގެ އެވެ. އަޙުމަދު ކުރިޔަށް ހިނގައިގަތުމާއެކު ސުލައިމާނަކަށް މަޑަކުން ނުހުރެވުނެވެ. ގުލައިޒާ އޮތް ވޯޑު ނޭނގިގެން ދަނީކަމަށް ހީކޮށް "މި ވޯޑުގައޭ އޮތީ" ބުނުމާއެކު އަޙުމަދުގެ އަތުގައި އޮތް ކޮތަޅު "ޖަހައިގަތެވެ."
އަޙުމަދަށް ލިބުނު ކުއްލި ހައިރާން ކަމާއެކު "ނޫނެކޭ، ބައްޕަ އޮތީ 12 ނަންބަރު ވޯޑުގައޭ. ތީ ބައްޕަގެ ބޭސްކޮތަޅޭ" ބުނެ ބޭސް ކޮތަޅު އަތުލައިފި އެވެ. އަޙުމަދަށް ތަރުކާރީކޮޅުގެ ޚަބަރު ނޭނގޭކަން ވިސްނިގެން އިތުރު އެއްޗެއް ނުބުނެ ސުލައިމާނު އިސްދަށަށްޖަހައިލި އެވެ.
----------------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން؛
ފޮނުވުން: އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''