އަދުގެ ޚާއްސަ

Print

ބަނޑަށް އަޅަނީ ކޮން އެއްޗެއް؟

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


ބަހުގެ ބަހުސް

މުޙަންމަދު ޝާހިދު ޙަލީމް

" ... ޅާނ --- ބު --- ވަނީ --- ފައި --- ގާ، ޏަމް --- ޏަމް --- ބިން --- ނަ --- ނީ، ޑަ --- ބިޔާ --- ހުރީ --- ބިން --- މަ --- ތީ ---ގައި ..."
އާދަމް މަނިކު ދިވެހިގެއަށް ވަން އިރު، އޭނާއަށް އިވިއިވި ހުރީ އެ ގޭ މުޙަންމަދު މަނިކުގެ ދަރިފުޅު ދިވެހި ފިލާވަޅު ކިޔާ އަޑެވެ.
" ... ޅާނ --- ބު --- ފެށޭ --- ޅަވިޔަނި --- އަޑުން، ޅަވިޔަނި --- އަޑުން --- ޅާނބު --- ފެށޭ، ޏަމް --- ޏަމް --- ފެށޭ --- ޏަވި --- ޔަނި --- އަޑުން، ޏަވިޔަނި --- އަޑުން --- ޏަމް --- ޏަމް --- ފެށޭ، ޑަބިޔާ --- ފެށޭ --- ޑަވި --- ޔަނި --- އަޑުން، ޑަވިޔަނި --- އަޑުން --- ޑަބިޔާ --- ފެށޭ ..."

އާދަމް މަނިކު ފެންޑާ ހުރަސްކޮށް ބޭރުގޭތެރެއަށް ވަންނަމުން ސަލާން ގޮވައިލި އެވެ. "އައްސަލާމް ޢަލައިކުމް."
"ވަޢަލައިކުމުއްސަލާމް ވަރަޙްމަތުﷲ" ސަލާން ބަލައިގަތީ މުޙަންމަދު މަނިކެވެ. މުޙަންމަދު މަނިކު އިނީ ބޭރުގޭތެރޭގައި ހުރި ސަރަންފީ ގޮނޑިއެއްގަ އެވެ. ފޮތެއް ބަލާށެވެ. ބޭރުގޭތެރޭ މެދުގައި ހުރި މޭޒެއްގެ ދޮށުގައި މުޙަންމަދު މަނިކުގެ ޙަސަން ދިވެހި ފޮތް ކިޔާން އިނެވެ. ޙަސަނަކީ ޖޭ.ޕީ.އެސް. ގެ ގުރޭޑު 1ގެ ދަރިވަރެކެވެ.

"އާދަން މަނިކު! ދުރުވޭ؛ އިށީންނަވަން." މުޙަންމަދު މަނިކު، ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލި އެވެ. "ހާދަ ބޮޑު ކޮތަޅެކޭ!" މުޙަންމަދު މަނިކު އާދަމް މަނިކުގެ އަތުގައި އޮތް ކޮތަޅަށް ބަލައިލަމުން ބުންޏެވެ.

"މި އަންނަނީ ދެން ބައެއް ތަކެތި ގަނެލައިގެން." އާދަން މަނިކު އިށީންނަމުން އަތުގައި އޮތް ކޮތަޅު ގޮނޑިކައިރީގައި ބެހެއްޓި އެވެ. "މި ހެން ދަމުން ހިތަށް އެރީ؛ މި ގެއަށް ވަދެލާފައޭ ދާނީ." އާދަމް މަނިކު ރަނގަޅަށް ގޮނޑީގައި ހަމަޖެހިލި އެވެ. ދެން މުޙަންމަދު މަނިކުގެ އަތުގައި އޮތް ފޮތަށް ބަލައިލަމުން ބުންޏެވެ. "މި އަދު ހާދަ ބޯ ފޮތެއް ނަންގަވައިގެން އުޅުއްވާ ދުވަހެއް؟"

"މީ ފަތްތޫރަތަކެއް. މީގައި ހުރި ބައެއް މަޒުމޫނު ކިޔާލަނީ." މުޙަންމަދު މަނިކު ހީނލި އެވެ. "އާދަން މަނިކު ނުދުރުވާތާ ހާދަ ދުވަހެއް ވެއްޖޭ!"

"މިއަދު މި ވަނީ ވެސް ތިހެން ވެގެން." އާދަމް މަނިކު ބުނެލި އެވެ. "ކޮބައިތޯ މަރިޔަން މަނިކެ؟"

"އެ ފަރާތުގަ އެބަ އުޅޭ!"

ޙަސަން ފިލާވަޅަކަށް ފަހު ފިލާވަޅެއް ކިޔަމުން ގެންދެ އެވެ.

"... ހޯ --- ނު --- މެހި --- ކަނީ، ހޯނު --- ހި --- ފަ --- ނީ، ނަން --- ނު--- ގަ --- ތި --- ދުވަ --- ނީ، ހޯނު --- ކާ--- ލަނީ، ރާ --- ބޮ --- ދި --- އަން --- ނަ --- ނީ، ނަންނު --- ގަތި --- ކާލަނީ ..."

"ދަރިފުޅާ! ރާބޮއްޖެއް ނޫން؛ ރާބޮނދި. ބާގެ އޮބޮފިލި ކިޔާ އިރު ނޯށަން އަރުވާލާފަ ކިޔާ." މުޙަންމަދު މަނިކު ބުނެދިނެވެ.
"ބައްޕާ! އެ ތާކު ހުސްނޫނެއް ނެތް. ނޯށަން އަރުވާ ތަންތާނގަ ހުސްނޫނު ހުންނާނެ ނޫންތޯ؟" ޙަސަން ސުވާލުގެ ބެލުމަކުން މުޙަންމަދު މަނިކަށް ބަލައިލި އެވެ.

"ލިޔުނު އިރު އެ ނޫނު ނުލިޔެވި އޮތީ ކަމަށް ވެދާނެ. ރަނގަޅު ގޮތަކީ ރާބޮނދި. ދަރިފުޅު އަޑުނާހާ ނަމެއް ވީމަ ނޭނގުނީތާ! އެއީ ދޫންޏެއްގެ ނަން!" މުޙަންމަދު މަނިކު އޮޅުންފިލުވައި ދިނެވެ.

"ރާބޮނދި -- އަން -- ނަނީ -- ނަންނުގަ -- ތި -- ކާލަނީ ..." ޙަސަން ފިލާވަޅާއިގެން ކުރިޔަށް ދާން ފެށި އެވެ.
"މި ހުސްނޫނުގެ މައްސަލައަކީ ވެސް މިހާރު ހާދަ ބޮޑު މައްސަލައަކަށް ވެއްޖެއޭ، އެހެން ނޫންތޯ! ދެ މީހަކު އެއް ގޮތަކަށް ނުލިޔޭ." އާދަމް މަނިކު ބުންޏެވެ.

"ތިޔަ ބުނުއްވީ ރަނގަޅަށް. މިހާރު، އެ ތާ ރާބޮނދި ލިޔެފަ އޮތް އިރު ބާގެ ފަހަތުގަ ހުސްނޫނު ނެތިއްޔާ، ރާބޮނދީގެ ނަން އަޑުނާހާ ކުދީންނަށް ރާބޮންޖޭ ކިޔަން އެނގޭނެތޯ؟ ނޭނގޭނެ! އެ ކުދިން ކިޔާނީ ރާބޮއްޖޭ!"

"އެކަމަކު ރާނބޮދީގެ ބާގެ ފަހަތުގަ ހުސްނޫނު ލިޔާކަށް ނުޖެހޭނެ ނޫންތޯ؟ އަޅުގަނޑު އަޑުއަހަނީ، ނޯށަށް އަރާ ބަސްބަހުގެ ތެރޭން ހުސްނޫނު އޮންނަނީ އެ ނޫނު ނެތިއްޔާ، ނޯށަށް ނާރުވާ ކިޔައިގެން އެހެން މާނައެއް ނެރެވިދާނެ ބަސްބަހުގައޭ."

"ތިހެން ލިޔެފަ ހުއްޓާ އަޅުގަނޑުވެސް ދެކެން. މި ފަތްތޫރަތަކުގަ ވެސް ހުސްނޫނާ ބެހޭ ބައެއް މަޒުމޫނު އެބަހުރި." މުޙަންމަދު މަނިކު ފޮތުގެ ގަނޑު އުކައިލައިފައި މަޒުމޫނެއް ހޯދައިލި އެވެ. "މި އޮތީ އެއް މަޒުމޫނު. މީގަ މި އޮތީ ހުސްނޫނު ދުނިޔެއަށް އުފަންވީ ހިޖުރައިން 1355 ވަނަ އަހަރު ޝަޢުބާންމަހު 23 ވީ ބުރާސްފަތިދުވަހު ކަމަށް. --- ހުސްނޫނު ލިޔަންޖެހޭ ސަބަބެއް ކަމަށް މި އޮންނަނީ، އެ ނޫނު ނުލިޔުނު ނަމަ ނޯށަށް އަރުވައި ކިޔޭ ފިލި ހުންނަ ބަސްބަހާ އެއް ގޮތަށް، ފިއްޔާ އަކުރު ހުރެފައިމެ، ނޯށަށް ނާރުވާ ކިޔޭ ބަސްބަހާ، ކިޔުމުގާ އޮޅުން އަރާނެތީއާ މާނަދޭހަވެގަތުމަށް ދަތިވާގޮތް ދިމާވެދާނެތީއޭ. ބައެއް މިސާލު ވެސް އެބަހުރި. ކަޑި، ކަނޑި، ހަދި، ހަނދި، ބަދި، ބަނދި."(1) މުޙަންމަދު މަނިކު އަނެއްކާވެސް ގަނޑު އުކައިލިއެވެ. " އަދި މިއޮތީ ވެސް ހުސްނޫނާ ބެހޭ މަޒުމޫނެއް.(2) މި މަޒުމޫނުގެ ޚުލާޞާ އަކީ ވެސް ހަމަ އެއީ."

"އެހެންވީއިރު ތީގަ އޮޅުމެއް ނެތެއް ނޫންތޯ؟" އާދަމް މަނިކު ބުންޏެވެ.

"ލައްބަ. މީގަ މި ބުނާ އެއްޗެއް ދޭހަވުމުގަ އޮޅުމެއް ނެތް. އެކަމަކު ނިކަން ބައްލަވަ! މިސާލަކަށް ކަނޑި. މި ލަފުޒުގަ ހުސްނޫނު ލިޔަން ޖެހޭ ކަމަށް މި ވަނީ އެ ލަފުޒުގަ ހުސްނޫނު ނުލިޔެފިއްޔާ ކިޔުމުގަ އޮޅުން އަރާނެތީއާ އޭގެ މާނަ ދޭހަވެގަތުމަށް ދަތިވާ ގޮތް ދިމާވެދާނެތީއޭ މި ބުނަނީ. -- އަޅެ އެހެންވީމަތޯ؛ ހުސްނޫނު ލިޔަން މި ޖެހެނީ؟"
"އަޅުގަނޑަށް އެނގިފަ އޮންނަނީ އެހެންވީމައޭ ހުސްނޫނު ލިޔަން ޖެހެނީ. އަޅުގަނޑު ކިޔެވި ގަވައިދުފޮތުގަ(3) އޮންނަނީ އެހެން." އާދަމް މަނިކު ބުންޏެވެ. އަދި ހީނލަމުން ސުވާލުކޮށްލިއެވެ. "މުޙަންމަދަނިކު ދެކެލައްވާ ގޮތުގަ އެ ތާ އެ ނޫނު ޖަހަން ޖެހެނީ ދެން ކީއްވެގެންތޯ؟"

"މީގަ އަޅުގަނޑުގެ ޚިޔާލު އެއްގޮތްވާ ތަންކޮޅަކާ ޚިޔާލު ތަފާތުވާ ތަންކޮޅެއް އެބައޮތް." މުޙަންމަދު މަނިކު ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ހުސްނޫނު ލިޔަން ބޭނުންވަނީ ނޯށަން އަރުވައިގެން ކިޔޭ ނަންނަން ވަކިކުރުމަށޭ އެ ބުނާ ބުނުމާ އަޅުގަނޑު އެއްބަސް. ހުސްނޫނު ލިޔަން ޖެހެނީ ހުސްނޫނު ނުލިޔުނިއްޔާ ކިޔާ އިރު އޮޅުން އަރާނެތީއޭ އެ ބުނާ ބުނުމާ ވެސް އެއްބަސް."
"ދެން ދެބަސްވެލައްވާ ކަމެއް ނެތެއް ނޫންތޯ!" އާދަމް މަނިކު ހީނލަމުން ބުންޏެވެ.

"ނޫނޭ!" މުޙަންމަދު މަނިކު ވެސް ހީނލި އެވެ. "ދެން އޮތީ ދެބަސްވާ ބައި." ދެން ކުޑަކޮށް މަޑުކޮށްލައިފައި އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ހުސްނޫނު ލިޔަން ބޭނުންވަނީ އެއް އަކުރުތަކެއްގައި އެއް ފިލި ޖެހިގެން އުފެދިފަ ހުންނަ އެކައްޗަކަށް ވުރެ ގިނަ އެއްޗެއްސަށް ކިޔޭ ނަމުގެ މާނަ ތަފާތުކުރުމަށޭ އެ ބުނާ ބުނުމަކާ އެއްބަހެއް ނުވެވޭ. އަނެއްކާ އެ ނޫނު ލިޔަނީ، އެ ނޫނު ނުލިޔުނިއްޔާ އޭގެ މާނަ ދޭހަވެގަތުމަށް ދަތިވާގޮތް ދިމާވެދާނެތީއޭ ބުނާ ބުނުމަކާ ވެސް އެއްބަހެއް ނުވެވޭ."
"އޭ ކީއްވެގެންތޯ؟" އާދަމް މަނިކު އަހައިލި އެވެ.

"އެއީ؟ -- މިސާލަކަށް ކަނޑިއަށް ބައްލަވާ. ކަނޑީގަ ހުސްނޫނެއް ލިޔަން ޖެހެނީ--"

"ކީއްކުރައްވަންތޯ؛ ކަނޑީގަ ހުސްނޫނެއް ލިޔުއްވަން ތި އުޅުއްވަނީ؟" އާދަމް މަނިކު ހެނމުން ހެނމުން މުޙަންމަދު މަނިކުގެ ވާހަކަ މެދުކަނޑައިލި އެވެ.

"އަޅުގަނޑު މި ނަންގަންނަނީ ކަނޑީގަ ލިޔާ ވާހަކައެއް ނޫން؛ އެ ލަފުޒު ލިޔާ އިރު ހުސްނޫނު ލިޔާ ވާހަކަ." މުޙަންމަދު މަނިކު ވެސް ހީނލައިފައި ބުންޏެވެ. "އަޅުގަނޑަށް ވިސްނޭ ގޮތުގަ ކަނޑީގަ ހުސްނޫނު ލިޔަނީ ކަޑިއާ މާނަ ތަފާތުކުރާކަށް ނޫން؛ އަދި ކަޑިއޭ ލިޔެފިއްޔާ މާނަ ދޭހަނުވެދާނެތީއެއް ވެސް ނޫން."

"ދެން ކީއްވެގެންތޯ؟"

"އެ ލަފުޒުގަ ހުސްނޫނެއް ލިޔަން ޖެހެނީ ކަނޑި ކިޔާ އިރު ނޯށަން އަރުވާ ކިޔާތީ. -- ތެދެއް. ހުސްނޫނު ނުލާ ކަޑި، އެކަނި ލިޔެފިއްޔާ އޭގެމާނަ ދޭހަކުރަން ދަތިވާގޮތް ދިމާވާނެ. އެކަމަކު ޖުމުލައެއްގެތެރޭގަ ބޭނުން ކުރީމަ މާނަ ދޭހަކުރާކަށް ދައްޗެއް ނުވާނެ. މިސާލަކަށް އޭނާ ކަޑި އުރައިން ދަމައިގެންފިއޭ ލިޔެފަ އޮންނަ އިރު ކަޑީގަ ހުސްނޫނު ނެތަސް އެއީ ކަނޑިކަން އެނގޭނެ. އޭނާ ދޯނީގައި ކަޑިލަނީއޭ ލިޔެފަ އޮތްވާ ކަޑީގެ މާނަ ކަނޑީގެ ގޮތުގައެއް އެކަކު ވެސް ދޭހައެއް ނުކުރާނެ. -- އެހެންވީމަ ކަޑި ލިޔާ އިރު ހުސްނޫނު ނުލިޔެފާ ކަނޑި ލިޔާއިރު ހުސްނޫނު ލިޔަނީ ކަނޑި ކިޔާ އިރު ނޯށަށް އަރުވާ ކިޔާތީ." މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލައިފައި އަނެއްކާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އެއް އަކުރުތަކެއްގަ އެއްފިލި ޖެހިގެން އުފެދިފަ ހުންނަ، އެކައްޗަށްވުރެ ގިނަ އެއްޗެއްސަށް ކިޔާ ކިތަންމެ ނަމެއް ދިވެހިބަހުގަ ހުރޭ. --"

"މިސާލަކަށް؟"

"މިސާލަކަށް ފިލި. މި ލަފުޒު ވެސް އެކަނި ލިޔެފަ އޮންނަ އިރު އެ ބުނަނީ ކޮން ފިއްޔެއްގެ ވާހަކަ ކަމެއް ނޭނގެ. އެކަމަކު މި އަކުރުގަ ފިލިޖަހާށޭ ބުނުމުން އެފިލީގެ މާނަ ދޭހަކުރާކަށް އުނދަގުލެއް ނޫން. މި ވަޅީގަ ފިލިއަޅާށޭ ބުނުމުން އެ ފިލީގެ މާނަ ދޭހަކުރާކަށް ވެސް އުނދަގުލެއް ނޫން. މަސް ވެސް އެއީ އެ ކަހަލަ ލަފުޒެއް. އެކަމަކު ރޯދަމަސް އަންނަން އަދި ފަސް މަސް އެބައޮތޭ ބުނުމުން އެ ބުނާ މަހުގެ މާނަ ދޭހަކުރާކަށް އުނދަގުލެއް ނޫން. މިއަދު މަސްބާނަން ދާން ވާނެއޭ ބުނުމުން އެ މަހުގެ މާނަ ދޭހަކުރާކަށް ވެސް އުނދަގުލެއް ނޫން. ކަލޭގެ ބަނޑުގައި ހާދަ މަސްޖަހައިފިޔޭ ބުނުމުން އެ މަހުގެ މާނަ ދޭހަ ކުރާކަށް ވެސް އުނދަގުލެއް ނޫން."

"ތީ މުޅިން ތަފާތު ބަސްތަކެއް ނޫންތޯ؟" އާދަމް މަނިކު ބުންޏެވެ.

"ކޮންމެ ލަފުޒަކީ ވެސް ތަފާތު ލަފުޒެއް. އަޅުގަނޑު މި ނަންގަންނަނީ މީން ލަފުޒެއްގެ މާނަ ދޭހަކުރަން އުނދަގޫ ވެދާނެތީ ނޫނީ މާނަ ތަފާތުކުރަން މީން ލަފުޒެއްގަ ހުސްނޫނެއް ނުލިޔެއޭ."

"މުޙަންމަދަނިކު ދެއްކެވިޔަސް ތީ ވަރަށް ހެއްވާ ވާހަކައެއް. ތި ބަސްތަކަކީ ކިޔާ އިރު ނޯށަށް އަރާ ބަސްތަކެއް ނޫނެއް ނޫންތޯ؛ ހުސްނޫނު ލިޔަން." އާދަމް މަނިކު ބުންޏެވެ.

"ތިއޭ އަޅުގަނޑު މި ނަންގަންނަން އުޅޭ ވާހަކައަކީ." މުޙަންމަދު މަނިކު ހީނލަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "މި ލަފުޒު ލަފުޒުގަ ހުސްނޫނު ނުލިޔަނީ މި ލަފުޒުތައް ކިޔާ އިރު ނޯށަށް ނާރާތީއޭ އަޅުގަނޑު ވެސް މި ނަންގަންނަނީ. އެކަމަކު މި ލަފުޒުތަކުގެ ވެސް މާނަ ތަފާތުކުރަން ބޭނުންވާނެތާ!" މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލައިފައި ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "މަސް، ފިލި ކަހަލަ ލަފުޒުތަކުގެ މާނަ ތަފާތުކުރަން، ނޫނީ މާނަ ދޭހަކުރަން ފަސޭހަކުރަން އިތުރު އަކުރެއް ލިޔަންނުޖެހިފަ، ހަމައެކަނި ކަނޑި، ބަނޑި ކަހަލަ ލަފުޒުގެ މާނަ ތަފާތުކުރާށާ މާނަ ދޭހަކުރަން ފަސޭހަ ކުރަން އެހެން އަކުރެއް ލިޔަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ."

"މުޙަންމަދަނިކު ބުނުއްވިޔަސް މަހާ ކަނޑިޔާ ތަފާތު." އާދަމް މަނިކަށް މުޙަންމަދު މަނިކާ އެއްބަސް ވެވޭ ގޮތެއް ނުވެ އެވެ.

"އެންމެ ރަނގަޅު؛ އާދަން މަނިކު ކަނޑި ބޭނުންކުރައްވައިގެން ޖުމުލައެއް ހައްދަވަބައްލަވަ!" މުޙަންމަދު މަނިކު އާދަމް މަނިކާ ދިމާއަށް ބަލަމުން ބުންޏެވެ.

"ކަނޑި އުރައިން ދަމައިގެންފި." އާދަމް މަނިކު ވަގުތުން ބުންޏެވެ.

"އަޅުގަނޑު މި ނަންގަތް ކަނޑިއަކާ ތި ޖުމުލައަކާ ދިމައެއް ނުވި. އަޅުގަނޑު މި ނަންގަތީ މިނާ އިރު ތިންސަތޭކަ ނާޅިއަށް ބޭނުންކުރާ ކަނޑީގެ ވާހަކަ!" މުޙަންމަދު މަނިކު ހެނމުން ބުންޏެވެ.

" ކިހިނެއް ތިއެއް އެނގޭނީ؛ އެހެން ނުބުނުއްވަންޏާ!" އާދަމް މަނިކު ވެސް ހެނމުން ބުންޏެވެ.

"އެންމެ ރަނގަޅު." މުޙަންމަދު މަނިކު ހުނނުން މަޑުކޮށްލައިފައި އަނެއްކާ ވެސް އެއްސެވެ. "އެހެންވިއްޔާ އާދަން މަނިކު، ބަނޑަށް އަޅުއްވަނީ ކޯނޗެއްތޯ؟"
އާދަމް މަނިކު ކުޑަކޮށް ވިސްނައިލައިފައި، ހެނމުން ހެނމުން ބުންޏެވެ. "އަޅުގަނޑު ބަނޑަށް އަޅާނީ ކާއެއްޗެހި ނޫންތޯ!"

"އަޅުގަނޑު މި ނަންގަތީ އާދަން މަނިކުގެ ބަނޑުގެ ވާހަކައެއް ނޫނޭ. ފާރުގެ ބަނޑުގެ ވާހަކަ. އާދަމް މަނިކު ރާނުއްވާ އިރު ފާރުގެ ބަނޑަށް އަޅުއްވަނީ ކޯނޗެއްތޯއޭ." މުޙަންމަދު މަނިކު ހޭންފެށިއެވެ. އާދަމް މަނިކު ވެސް އެ ހުނުމުގައި ބައިވެރިވި އެވެ.

"ތީ ދެން ކޮން ވާހަކައެއްތޯ؟ އަޅުގަނޑު މިހާރު ރާނައެއް ވެސް ނޫޅެން. އެހެން ނޫނަސް ތި ކަމާ މި ދައްކާ ވާހަކައާ އޮތީ ކޮން ގުޅުމެއްތޯ؟" އާދަމް މަނިކު ހެނމުން ބުންޏެވެ.

"އަޅުގަނޑު ނަންގަންނަން މި އުޅެނީ ކަނޑި އަސް، ބަނޑަސް ކޮންމެ ކަހަލަ ލަފުޒެއްގަ ވިޔަސް ހުސްނޫނު އަދި ލިޔުނަސް މާނަ ދޭހަކުރާކަށް ފަސޭހައެއް ނުވެއޭ. ކަނޑީގަ ވިޔަސް ބަނޑުގަ ވިޔަސް ހުސްނޫނު ލިޔުނަސް އެ ބުނަނީ ކޮން ކަނޑިއެއްގެ ވާހަކަކަން؛ ކޮން ބަނޑެއްގެ ވާހަކަކަން އެނގޭނީ އެ ހުސްނޫނަކުން ނޫން؛ އެ ބުނާ އެއްޗަކުން. އެހެންނޫނީ ހުސްނޫނު އަދި ލިޔުނަސް އެއީ އާދަން މަނިކު ބަނޑު ކަމެއް، ފާރުގެ ބަނޑު ކަމެއް، މުދާއުފުލާ ބަނޑު ކަމެއް ނޭނގޭނެ." މުޙަންމަދު މަނިކު ހެނމުން ބުންޏެވެ.

"އެހެންވިއްޔާ މުޙަންމަދަނިކު ތި ބުނުއްވާ ގޮތުން ނޯށަށް އަރާ ކޮންމެ ތަނެއްގަ ހުސްނޫނު ލިޔަންވާނެތާ! އެކަމަކު ގޮނޑު، ކަނޑު، އަޅުގަނޑު ލިޔާ އިރަކުވެސް ހުސްނޫނެއް ނުލިޔޭ ނޫންތޯ؟" އާދަމް މަނިކު އަނެއްކާ ވެސް ހަމައެއް ދައްކަން އުޅުނެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގަ ތި ތަންތާނ ވެސް ހުސްނޫނު ލިޔަންވާނެ. ނޯށަށް އަރުވާ ކިޔޭ ކޮންމެތަނެއްގަ ހުސްނޫނު ލިޔަންވާނެ. އެއީ އަޅުގަނޑުމެން ލިޔެ މި އުޅެނީ ވާހަކަދައްކާ އިރު އިވޭ އަޑުތައް އެ އިވޭ ގޮތަށް. މިސާލަކަށް ކަ މި އަޑު ލިޔަން ކާފެއް އަޅާފަ އަބަފިލި މި ޖަހަނީ. ޑި މި އަޑު ލިޔަން ޑަވިޔަންޏެއް އަޅާފަ އިބިފިލި މި ޖަހަނީ. އަޅުގަނޑަށް ވިސްނޭ ގޮތުގަ ކަޑީގަ ހުސްނޫނު ނެތިފަ ކަނޑީގަ ހުސްނޫނު އޮންނަން ޖެހެނީ ކަޑި ކިޔަން ފަށާއިރު އިވޭ އަޑާ ކަނޑި ކިޔަން ފަށާ އިރު އިވޭ އަޑު ތަފާތުވާތީ. ކަ އާ ކަނ؛ އަޑު މި އިވެނީ ދެ ގޮތަށް. ކަނ މި އަޑު ނޯށަށް އަރާތީ ކާފު އަބަފިލީގެ ފަހަތުގަ ހުސްނޫނެއް ލިޔަން ޖެހެނީ." މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލި އެވެ. ދެން އަނެއްކާ ވެސް ވާހަކަ ފެށި އެވެ. "ދެން އާދަން މަނިކު ދެންމެ ތި ބުނުއްވި ކަނޑާ ކަރަށް ބައްލަވާ. ކަނޑު، ކަރު. މި ދެ ލަފުޒުން ފުރަތަމަ ލަފުޒު ކަނޑު ކިޔަން ފަށާ އިރު މި އިވެނީ ކަނ. މި އަޑު މި އިއްވަނީ ނޯށަށް އަރުވާފަ. އަނެއް ލަފުޒު ކަރު ކިޔަން ފަށާ އިރު މި އިވެނީ ކަ. މި އަޑު މި އިއްވަނީ ނޯށަށް އަރުވާފައެއް ނޫން. އެހެން ވީއިރު މި ތަފާތު ދެ އަޑު ދެ ގޮތަށް ލިޔެވެން އޮތްވާ، އެއްގޮތަކަށް ލިޔެގެން ނުވާނެނޫންތޯ. ކަނޑު ލިޔާއިރު ކަޑު ލިޔެގެން ނުވާނެ. ދިވެހިބަސް ލިޔަނީ އަޑުއިވޭ ގޮތަށް ނޫންތޯ."

"ތިހެން ބުނާއަޑު އަހަން؛ އަޅުގަނޑު ވެސް. -- އެކަމަކު -- އެއްވެސް ބޭނުމެއް ނެތް ހުސް އަކުރުތަކެއް ލިޔަމުން ގެންދިއުމުގެ ބޭނުމެއް ނެތެއްނޫންތޯ!" އާދަމް މަނިކު ބުންޏެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގަ ނޯށަން އަރުވާ ކިޔާ ތަންތަނުގަ ހުސްނޫނު ލިޔުމަކީ، ބޭނުމެއް ނެތް ގޮތެއްގަ އެއްވެސް ގަވައިދެއް ނެތި ހުސް އަކުރުތަކެއް ލިޔަމުން ގެންދިޔުމެއް ނޫން." މުޙަންމަދު މަނިކު އަތުގައި އޮތް ފޮތް ހުޅުވައިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. "ނޯށަންއަރުވާ ކިޔާ ތަންތަނުގަ ހުސްނޫނު ލިޔަން ޖެހޭނެކަމަށް ދޭހަކުރެވޭ ބައެއް ޖުމުލަ، އެ ކަމާ ދެކޮޅަށް ލިޔެފަ އޮތް މި މަޒުމޫނުގަ ވެސް އެބަ ހުރި."

" ކޮބައިތޯ؛ އެ ޖުމުލަތަކަކީ؟"

މުޙަންމަދު މަނިކު ފަތްތޫރައިގެ ގަނޑު އުކައިލި އެވެ.

" އަޑުއައްސަވާ. މީގަ މި އޮންނަނީ ... "އަޅުގަނޑުމެން އެންމެން ވެސް އެއްބަސްވާ ފަދައިން މަލިކަކީ، ރާއްޖޭގެ އުތުރުގައިވާ މި އަދު ސިޔާސީ ގޮތުން ވަކިވެގެންވީ ނަމަވެސް ދިވެހި ޘަޤާފަތުގެ އެންމެ އުތުރުގެ އިންތަކުގެ އެތެރޭގައި ހިމެނޭ ތަނެކެވެ. އެ ތާނގައި ވާހަކަދައްކަނީ ސާފު ދިވެހިބަހުންނެވެ. ބައެއް ޙާލަތްތަކުގައި އެ ތާނގައި މޮށިއުޅޭ ދިވެހިބަހުގައި މާލޭގައި ކުރީޒަމާނު ބޭނުންކުރި ގޮތްތަކެއް އަދި ވެސް ދޫނުކޮށް ގެންގުޅެ އެވެ. މި ގޮތުން ބެލި ނަމަވެސް ހުސްނޫނަކީ މަލިކުގައި ވެސް ގެންގުޅޭ އަކުރެކެވެ. ނަމަވެސް ކުރިން އަޅުގަނޑު ދެންނެވި ޤަވާޢިދުގެ ތެރެއަށް ރީތިކޮށް ފެތިގެންގޮސް ހަމަޖެހެ އެވެ. މަލިކުގެ ލިޔުންތަކުގައި ... އާދެ! ތާނައިން ލިޔެ ޗާޕުވެގެން ނެރެވިފައިވާ ލިޔުމުގައި ހިމެނޭ ބައެއް މިސާލު ދަންނަވާލާނަމެވެ. އަނދިރި، ހޮޅަނގު، ހޮނޑު، އަނބިހި، ހަނދުމަ، ހިނގާ، ބަނޑު، ގޯނބިލި، ބަނދި، އުނގުޅުން، ބޮނޑިބަތް."(4) -- މި ތާނގަ ލިޔެފަ މިހިރަ މިސާލުތަކުގެ ތެރޭގަ ގިނައީ ހުސްނޫނު ނުލިޔުނަސް އެ ލަފުޒުން އެހެން މާނައެއް ނުނެގޭ ލަފުޒު. އެކަމަކު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ، މަލިކު މީހުން ވެސް އެ ލަފުޒުތަކުގަ ހުސްނޫނު ލިޔެފަ އެހެރީ، އެ ލަފުޒުތައް ކިޔާ އިރު ނޯށަށް އަރުވައިގެން ކިޔާތީ." މުޙަންމަދު މަނިކު އަނެއްކާ ވެސް ކުޑަކޮށް މަޑުކޮށްލި އެވެ.

"އަދި ބައްލަވާ! ހަމަ އެ ކަހަލަ ލަފުޒުތައް މިހިރީ؛ މިހިރަ އެކި އަކުރު ތަކުގެ ކުރިއަށް ހުސްނޫނު އަންނަ ގޮތުގެ މިސާލުތަކުގެ ތެރޭގަ ވެސް. -- އަޑުއައްސަވާ!" މުޙަންމަދު މަނިކު އަނެއްކާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ރާނބޮދި، ކަނދޮޅު، ހަނދާން، ފަލަނގު، ސަރަނގު، ފަނޑިޔާރު، ހައްޕުނޑު އަދިވެސް ކިތަންމެ ލަފުޒެއް އެބަހުރި.(5) އަދި މި އޮތް ހޮނޑަންމަ މީ އަޅުގަނޑު އަޑުއަހާ ލަފުޒެއްނޫން. މި ލަފުޒުގަ ހުސްނޫނު ނެތް ނަމަ ގައިމު ވެސް އަޅުގަނޑަށް ކިޔުނީހީ ހޮޑަންމަ."

"އަޅުގަނޑަށް ވެސް ވީހީ ތިހެން. ތީ އަޅުގަނޑުވެސް އަޑުއަހާ ލަފުޒެއް ނޫން." އާދަމް މަނިކު އެއްބަސްވި އެވެ. ދެން ކުޑަކޮށް މަޑުކޮށްލައިފައި ބުންޏެވެ. "މުޙަންމަދަނިކު ތި ބުނުއްވީ ހުސްނޫނު ލިޔަންފެށީ 1355 ގައޭ. އެހެންވިއްޔާ ތާނައަކުރުގެ ކުރިން އަޅުގަނޑުމެން ލިޔުނު އަކުރުގަ ނޯށަށް އަރާ ތަންތާނ ލިޔާ އަކުރެއް ނޯވޭތޯ؟"

"މީގަ އެބަ އޮތް؛ ލޯމާފާނުގެ ލިޔުންތަކުގަ ވެސް ނޯށަން އަރުވާ ކިޔަންޖެހޭ ތަންތާނގަ ފާހަގައެއް ނޫނީ އަކުރެއް ލިޔެފަ އޮންނަ ކަމަށް.(6) އެކަމަކު އެ ފާހަގައާ އަކުރު އޮންނަނީ ދެ މާނަ ދޭހަކުރެވިދާނެ ލަފުޒު ލަފުޒުން ވަކި މާނައެއް ދޭހަކުރުމަށް ކަމެއް މިއަކުން އެނގޭކަށް ނެތް." މުޙަންމަދު މަނިކު އިތުރަށް އެ މަޒުމޫނު ބަލައިލައިފައި އަނެއްކާ ވެސް ބުންޏެވެ. "ޕްރޮފެސަރ ވިލްހެލްމު ގައިގަރް އަނދުން ލިޔުއްވާފަ އޮންނަނީ ހުސްނޫނާ އެކުގައޭ ވެސް އެބަ އޮތް.(7) އަނެއްކާ ކްރިސްޓޮފަރ ކަނޑު ހުސްނޫނު ނުލާ ލިއުއްވާފަ އޮތީމަ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ގައިގަރް ދެކެލައްވާ ކަން ވެސް މީން އެބަ އެނގޭ."(8)

"މުޙަންމަދަނިކު ތި ބުނުއްވާ ވާހަކަ އަޅުގަނޑަށް ވެސް އެބަ ގަބޫލުކުރެވޭ؛ މިހާރު." އާދަމް މަނިކު ބުންޏެވެ.

"ނޯށަން އަރުވާ ކިޔާ ތަންތަނުގަ ހުސްނޫނު ނުލިޔަންޏާ އެ ތަންތަން ރަނގަޅަށް ކިޔަން   ނޭނގޭ ގޮތް ދިމާވެދާނެ. ދެންމެ ހޮނޑަންމައިގަ ވެސް ހުސްނޫނު ނެތް ނަމަ އަޅުގަނޑު ކީހީ ހޮޑަންމަ. ޙަސަނު ނުދަނޭ ރާބޮންޖެއް. އެހެންވީމަ ހަސަނު އެ ކީ ރާބޮދި. އަޅުގަނޑު އަހަން؛ އުނގެނުމާ އުނގަންނައިދިނުން ވެސް ނޯށަށް ނާރުވާ ކިޔާ އަޑު."

" އޭގެ ރަނގަޅުގޮތަކީ އުނގެނުމާ އުނގަންނައިދިނުންތޯ؟ އަޅުގަނޑު ވެސް ކިޔާ އުޅެނީ އުގެނުމާ އުގަންނައިދިނުމޭ." އާދަމްމަނިކު ބުންޏެވެ.

" ލައްބަ. ރަނގަޅު ގޮތަކީ އުނގެނުމާއި އުނގަންނައިދިނުން.(9) އެއީ ނޯށަށް އަރުވައިގެން ކިޔަން ޖެހޭ ލަފުޒު ލަފުޒު ކަން ނޭނގޭތީ ވާ ގޮތް؛ އެއީ. އެ ލަފުޒު ލަފުޒު ލިޔެފަހުއްޓާ މި ފެންނަނީ ހުސްނޫނު ނުލާ." މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލި އެވެ. "އަނެއްކާ ބައެއް ރަށްރަށުގެ ނަން ވެސް ކިޔަންވީ ރަނގަޅު ގޮތް އެބަ އޮޅޭ؛ މިހާރު. ނޭނގެ؛ ރަނގަޅު ގޮތަކީ ހެބަދޫ ކަމެއް ހެނބަދޫ ކަމެއް. ފިރުބައިދޫ ކަމެއް ފިރުނބައިދޫ ކަމެއް. ހޯޑެއްދޫ ކަމެއް ހޯނޑެއްދޫ ކަމެއް. ލިޔެފާ ހުއްޓާ ބައެއް ފަހަރު މި ފެންނަނީ ހެބަދުއާ ފިރުބައިދުއާ ހޯޑެއްދުއޭ. ކިޔާ އިރު އެއްބަޔަކު ކިޔަނީ ހެނބަދުއާ ފިރުނބައިދުއާ ހޯނޑެއްދުއޭ. އަނެއްބަޔަކު ކިޔަނީ ހެބަދުއާ ފިރުބައިދުއާ ހޯޑެއްދުއޭ."

 "ޑިނ --- ގާ --- ހޮ --- ވަ --- ހޮވަނީ. --- ބައްޕާ! ޑިނގާއަކީ ކޯނޗެއްތޯ؟" ޙަސަން ސުވާލުކުރި އެވެ.
" އެއީ މޫދުގަ އުޅޭ އެއްޗެއް. --- ތި ފޮތް ދީބަލަ ބައްޕަ ބަލައިލަން." މުޙަންމަދު މަނިކު ޙަސަނާ ދިމާއަށް އަތް ދިއްކޮށްލި އެވެ.
ޙަސަން މުޙަންމަދު މަނިކު އަތަށް ފޮތް ގެނެސްދީފި އެވެ.

"އާދަން މަނިކު ނިކަން ބައްލަވަ. ޙަސަނު ނުދަނޭ ޑިނގާއެއް ވެސް؛ ރާބޮންޖެއް ވެސް. އެކަމަކު މި ފޮތުގަ ޑިނގާ ލިޔެފަ އޮތް އިރު ހުސްނޫނު ލިޔެފަ އޮތީމަ ޙަސަނު ޑިނގާ އެ ކީ ރަނގަޅަށް. ކުރީ ތަނުގަ ރާބޮނދި ލިޔެފަ އޮތް އިރު ހުސްނޫނު ނެތީމަ ޙަސަނު އެ ނަން އެ ކީ ނުބައިކޮށް. މީ އަޅުގަނޑު މި ނަންގަންނަ ވާހަކައަކީ. ޑިނގާ ލިޔެފަ އޮތް އިރު ވެސް ހުސްނޫނު ނެތް ނަމަ  ޙަސަނު ކިޔާނީ ޑިގާއޭ." މުޙަންމަދު މަނިކު ޙަސަން އަތަށް ފޮތް ދިނެވެ.

"ލައްބަ. ތިޔަ ބުނުއްވީ، ހަމަ ރަނގަޅަށް." އާދަމް މަނިކު ތެދުވާން އުޅެމުން ބުންޏެވެ. "މި ވަގުތު ދެން އަޅުގަނޑު ދާނަން. ބަނޑަށް އަޅާނެ އެއްޗެހި ތައްޔާރު ވާނީ އަދި މި ގެންގޮސްދިނީމަ!" އާދަމް މަނިކު އަތުގައި އޮތް ކޮތަޅު ދައްކައިލައިފައި ހެނމުން ހެނމުން ބުންޏެވެ. މުޙަންމަދު މަނިކު ގާތަށް ވެސް ހިނި އައެވެ. އަދި ހެނމުން ހެނމުން ބުންޏެވެ.
"އާދަން މަނިކު ބަނޑަށް ކޮންމެ އެއްޗެއް އެޅުއްވިޔަސް ބަނޑުގެ މެދުގައި ހުސްނޫނު އޮންނާނެ ކަން ހަނދާންކުރައްވާތި!"
___________________
(ނިމުނީ)

ހަވާލާ؛

(1)    ފަތްތޫރަ 60 ސަފުހާ 4
(2)    ފަތްތޫރަ 66 ސަފުހާ 5-9، ފަތްތޫރަ 67 ސަފުހާ 9-14
(3)    ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ، ސަފުހާ 20
(4)    ފަތްތޫރަ 67 ސަފުހާ 10، 11
(5)    ފަތްތޫރަ 67 ސަފުހާ 10
(6)    (7) (8) ފަތްތޫރަ 66 ސަފުހާ 8
(9)    ދިވެހިބަސްފޮތް އ ގެރަދީފު ސަފުހާ 160


މި މަޒުމޫނަކީ ހުވަނދު - 1 (1.1.1989) ގައި "ހުސްނޫނު" މި މައިގަނޑުނަމުގެ ދަށުގައި ޝާއިޢުކުރެވިފައި ވާ މަޒުމޫނެކެވެ. ފަންވަތުގައި މި ޝާއިޢުކުރާ އިރު މަޒުމޫނަށް ބައެއް ބަދަލުގެނެސްފައި ހުންނާނެއެވެ. - މޝޙ

މި ލިޔުން؛

 ފޮނުވުން:    އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
 އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
 ޝާއިޢުކުރުން:  ''          ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ