އަދުގެ ޚާއްސަ

Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (3)

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ތާރީޚް


24 ނޮވެމްބަރު (ބުދަ) އާ ގުޅޭ..

ސުމުއްވުމްއަމީރު، އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ކޮޅިގަނޑު ހަމަޖެހުމަށްފަހު، ބޯޓުހުރީ ކޮން ހިސާބަކުތޯ ވިސްނާލިއިރު، އެނގުނު ހަމަ އެކަކުވެސް ބޯޓަކު ނެތެވެ. ވިއްސާރަގަނޑާއި ހުރެ އެދުވަހު މެންދުރު ފިލާ، މާލިމީންނަށް ނޭޅުނީއެވެ. ބޯޓު ހުރިތަނެއް ނޭނގުނު ކަމުގެ ނަތީޖާއަކަށްވީ، ކައްކާ ޙަސަން ތެޅުމެވެ! އަސްތާ! ކައްކާ ޙަސަނުގެ ވާހަކަ އަދި ނުދެންނެވޭ ދޮގެއްތޯއެވެ؟ އެއީ، އެއްކަލަ "ކުޑަފުކުންޖެހޭ" އެވެ. ބޯޓުގައިވާ ކޮންމެ ނުރަނގަޅު ކަމަކަށް، މާލިމީ ތަޅަނީ ކައްކާ ޙަސަނެވެ. ވައި ނުޖެހުނަސް ތަޅަނީ ޙަސަނެވެ! ވަގުތަށް ނުކެކުނަސް ތަޅަނީ ޙަސަނެވެ!
         
އާދެ! ރެޔާއި އަނެއްދުވަހު، ހިތުލަފައަށް ބޯޓު ދުއްވަމުން ދިއައީއެވެ. 26 ދުވަހު މެންދުރު ފިލާއަޅާފައި، ހިސާބު ކުޅައިރު، "ޑަންގީ" ހުރީ، ހުވަދުއަތޮޅަށްވުރެން 39 މަތީގައެވެ. މިކަން އެނގުމުން، އަތޮޅާއި ދިމާއަށް ބޯޓު  އަނބުރާލާފައި، އެމިޞްރާބަށް ދުއްވާން ފެށީއެވެ. އެރޭ އިރުއޮއްސި 10 ޖެހިތަނާ، އަތޮޅާއި މާކައިރިވެދާނޭކަމުގައި ބޯޓު ބޭރަށް އަނބުރާލީއެވެ. ދެން، އިރުއަރާންދެން އަތޮޅުކައިރީގާ ބޯޓު ދުއްވަދުއްވާ ހުރީއެވެ. އިރުއެރިއިރު ބޯޓުގެ ކުރިމަތީން، ވަރަށް ކައިރީގައި ހަވަރުތިނަދޫ ފެންނާން އޮތެވެ. ދެން އަޅުގަނޑުމެން ހަވަރުތިނަދުވާ ދިމާއަށް މިޞްރާބު ޖަހައިގެން ދުއްވާން ފަށައިފީމުއެވެ. އަޅުގަނޑުމެން ހަވަރުތިނަދުވާއި ވަރަށް ކައިރިވެފާހުއްޓާ މަނަވަރެއްވެސް ވަދެގެން، ހަވަރުދިނަދުވާއި ދިމާއަށް އަންނަނިކޮށް ފެނިއްޖެއެވެ.

އެ މަނަވަރު ބަނދަރުޖެހިތާ ވަރަށް ކުޑައިރުކޮޅަކުން، އަޅުގަނޑުމެންވެސް ނަގިލި ވައްޓާލައިފީމު އެވެ. އަޅުގަނޑުމެން ނަގިލި ވައްޓާލިތަނާ ހަވަރުތިނަދޫ ދޯންޏެއްގައި، ޅަތުއްތުވާއި، ކުޑަދޮންކަލޭގެފާނާއި، ހަވަރުތިނަދޫ އަބޫބަކުރު ޚަތީބުއާއި، ތިންމީހުން "ޑަންގީ" ކައިރިއަށް އަތުވެއްޖައޫއެވެ. ދެން އަޅުގަނޑުމެންވެސް، އައިދޯންޏަށް ފައިބާ މަނަވަރުދޮށަށް ދާން ދުއްވާލައިފީމުއެވެ. އަޅުގަނޑުމެންނަށް މަނަވަރާ ހަމައަށް ނުދެވި އުޅެނިކޮށް މަނަވަރުގެ "ސްޓީމްލާންޗް" އަޅުގަނޑުމެންނާ ދިމާއަށް އަންނާތީ ފެނިއްޖެއެވެ. ސްޓީމްލާންޗް ދޯންޏާއި ކައިރިކޮށްލުމުން، އަޅުގަނޑު އެއަށް އަރައްޖައީމެވެ. އެމަނަވަރަކީ އިނގިރޭސީންގެ އެޗް.އެމް.އެސް "ހޮކްސާ" މިނަންކިޔާ މަނަވަރެކެވެ. އަޅުގަނޑާއި ހުވަދު އަތޮޅުން ބައްދަލުވީކަމީ އެމަނަވަރުގެ ކައްޕިތާނަށާއި، އޮފްސަރުންނަށް، ޙައިރާންގެ އުފަލެއްކަމުގައި ވިއެވެ. އަޅުގަނޑާއި މަނަވަރުގެ ކައްޕިތާނާއި، އެދިޔަގޮތަށް ދިޔައީ، ހަވަރުތިނަދުވަށެވެ. ހަވަރުތިނަދުވަށްގޮސް މަނަވަރުގެ ކައްޕިތާނާއި، އަޅުގަނޑާއި އަދި މަނަވަރުގެ ބައެއް އޮފްސަރުންނާއި، ރަށުތެރެބަލާން ހިނގާލާފައި އެބައިމީހުން މަނަވަރަށް، އަޅުގަނޑުމެން ޑަންގީއަށް ހިނގައްޖައިމުއެވެ.
       
އަޅުގަނޑުމެން "ޑަންގީ" އަށް އައިއިރު މެންދުރުވާން ކައިރިވެއްޖެއެވެ. "ޑަންގީ" ގައި ތިބެފާ ހުވަދުއަތޮޅުގެ މިބިތުގެ ރަށްރަށުގެ މައްޗަށް ބަލާލާއިރު އެފެންނަ މަންޒަރަކީ ހާދަހާވާ ހިތްފަސޭހަ މަންޒަރެކެވެ. ހުވަދުއަތޮޅުގެ ރަށްތަކަށްވުރެ ވަކީން ރީތި ޤުދުރަތީ ތަރުތީބެއްގެމަތީން އެތުރިފައިވާ ރަށްތަކެއް ދިވެހިރާއްޖޭގައި ވަނޭބާއޭ އަޅު ހިތަށްއަރައެވެ. ދަނބުކުލައިގެ (ތުކި! ނޫކުލައިގެ ދޮގެއްތޯ؟) ކަނޑުގައި އެގޮތް މިގޮތަށް އެހެދިފައިވާ ރަށްތަކުގެ މަލައިގެ ރީތިކަމާއި، ފުރިހަމަކަމީވެސް ހަމައެކަނި ކުޅަދާނަ އާރޓިސްޓެއްގެ ބުރުހުން ބަޔާންކުރެވޭނެ އެއްޗެކެވެ. ފެހިކުލައިގެ ގަސްތަކުން ފުރިގެންމިވާ، މަލަރީތި ރަށްތަކުގެ މައްޗަށްއެކަނި ވިސްނާލިއަސް..... ކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ! މާތްﷲގެ ކުޅަދުންވަންތަވެރިކަމުގެ މައްޗަށް މީހަކު ޙައިރާންވެ އަންތަރީސް ނުވާނީ، އެކަލާނގެ ހައްދަވައިފައިވާ ކޮންއެއްޗެއްގެ މައްޗަށް ވިސްނާލިއްޔާތޯއެވެ؟ ކަނޑުގައިއެވާ ރީތި ކުލަތަކާއި ބުރުސޫރަ ރީތި ރަށްތަކާއި އެކުވެގެން އެފެންނަ މަންޒަރު ބަޔާންކުރާން އަޅު ދަންނަވާނީ ކީކޭތޯއެވެ؟ އަޅުގަނޑުމެންގެ ލޮލަށާއި ހިތަށް، މިފަދަ ފިނިކަންދޭ މަންޒަރުތައް ހެއްދެވި ކަލާނގެ ކިބައަށް އަޅަށް ޝުކުރުއަދާކުރެވޭނީ ކޮންދުލަކުން ކޮންޤަލަމަކުންތޯއެވެ؟ އަޅުގެ މުޅި ޢުމުރުގައި ޝުކުރުއަދާކުރިއަސް.....
       
މިރީތި މަންޒަރުތައް ފެނުމުންވެސް..... އަޅުގަނޑަށް މިލިބެނީ މިފުރިހަމަ މަންޒަރުތައް.....
       
"ޑަންގީ"ން ހަވަރުތިނަދުވަށް ބާލަންވެފައިވާ ތަކެތި، ބާލާން ފަށައިފިއެވެ.  އަދި ބޯޓުގެ ނިގާރަމެއްކަމުގައި ލާންވެފައިވާ ވެލިވެސް، ލުމަށް އެތިބަ ތައްޔާރުކުރަނީއެވެ. މިކަންތައްތައް ތައްޔާރުވަމުންދަނިކޮށް، ކައިރީގައިވާ ރަށްތައް ބެލުމަށް އަޅުގަނޑުމެން "ޕާރޓީ"ގެމީހުން ފަށައިގެންފީމުއެވެ.
       
އަޅުގަނޑުމެން އެންމެފުރަތަމައަށް ދިޔައީ މަޑަވެއްލައަށެވެ. އެރަށަކީ، ބިންގަނޑު ރަނގަޅު، ކާބޯތަކެތި ހައްދާނެ ތަންއޮތް ރަށެކެވެ. އެކަމަކު ހިތާމަހުށްޓެވެ. ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަހުށްޓެވެ! ރަށުގައި ކާބޯތަކެތި ނުހަނު މަދެވެ. ބަނޑަށް ޖެހިގެން ހިސާބަކަށް މީހުން މަރުވަނީއެވެ. ގެތައް ވީރާނާވެގެން ދަނީއެވެ. ވީރާނާވެގެންދާ ބައެއްގޭގޭތެރޭގައި، އެނދުއެނދާއި ތަންމަތިތައްވެސް، ވެއްޔަށްވެ، ފަނާވެދަނީއެވެ. ވަލުތެރޭގެ ބައެއް ގަސްގަހާއި ނިވާވެގެން، އެބައިމީހުންގެ ލިބާހެއްނެތް ހަށިތައް، ފޮރުވޭތޯ އެތިބަ މަސައްކަތްކުރަނީ، ބޮޑެތިސިންގާ އަންހެނުންނެވެ. އެކެއްގެ ހާލު އަނެކަކު ބަލައިލުމެއް ނެތެވެ. އިންސާނީކަމުގެ މާތްގުޅުންތަކާއި، އެކުވެރިކަމީ، އެބައިމީހުން ވާހަކަވެސް ނުއަހާ އެއްޗެއްކަހަލައެވެ. އެރަށުގެ މަގުމަގުގައި ހިނގަމުން ދިޔައިރު ލޯގޮސްހުއްޓުނު އެކިއެކި މަންޒަރު، މިސިޓީ އިންނައިރުވެސް، އަޅުގަނޑުގެ ހިތް ތޫނުކަށްޓެއްފަދައިން، ތޮރުފާކަހަލައެވެ! ބައެއް ނިކަމެތި އަންހެނުންނާއި، އަންހެން ކުދީންކުރެ އެމީހުންގެ ހާލު އަހައިލުމުން އެރޮއިގަންނަ ރޮއިގަތުމުން، އަސަރުނުކުރާނީ، އެކަތައިގެ ހިތެއްވާ މީހެކެވެ. ތިޔަބޭފުޅުންނަށް އެތަން ފެނިވަޑައިގަތުމުން ކުރާނޭ އަސަރުން، މާތްރަސްކަލާނގެ ތިޔަބޭފުޅުން ސަލާމަތްކުރައްވާށިއެވެ. މިރަށުގެ މީހުންނަށް ޖެހިފައިވާ ހާލުގެ އަސްލަކީވެސް އެ ރަށްރަށުގެ ވެރިންގެ ގޮތްކުޑަކަމާއި، މުޑުދާރުކަމެވެ. އަޅުގަނޑަށް ޔަޤީންވާގޮތުގައި، މަޑަވެއްލާގެ އަހުލުވެރީންނަކީވެސް، ހުވަދޫ އަތޮޅުގެ އެހެން ރައްޔިތުންފަދައިން، ދައުލަތަށް ނުހަނު ކިޔަމަންތެރި، ހީވާގި ވެދާނޭ ބައެކެވެ. އެބައިމީހުންނަށް ބޭނުންވެފައިވާ އެއްޗަކީ، ތެދުމަގު ދައްކާނޭ ވެރީންނެވެ. ހުވަދޫ އަތޮޅުގެ އެކިއެކި ރަށްރަށުގެ ރައްޔިތުން އެއްކޮށްގެން، އަޅުގަނޑު އެބައިމީހުންނަށް ނަސޭހަތްދޭން ފެށުމުން، ގިނަމީހުންގެ ލޮލުގައި އެހިނގައިގަންނަ ކަރުނައިގެ ކަރުނުގެ އަސަރީ، އިޔަހޫދީ ގިރިޓީއެއްނޫނެވެ. ދައުލަތަށާއި، ވެރީންގެ މައްޗަށް އެ ބައިމީހުންގެ ހިތުގައި ފޮރުވިފައިވާ، ކިއަމަންތެރިކަމެއްގެ ހެތްކެވެ. އާދެ! އެރަށުގެ މީހުންނަށް، އަޅުގަނޑުމެންނަށް ވެވޭންއޮތް އެހީއެއްވެ، އަދި، އެއަތޮޅުގެ ކަންތައް ހިންގާން ހަވާލުވެތިބި، ޅަތުއްތުއާއި، ބީރު ޢަލީދީދީގެ ކިބައިންވެސް އެހީ ލިބޭނޭކަން އަންގައިފައި އަޅުގަނޑުމެން ފުރައިގެންދިއައީ، ހޯޑެއްދުވަށެވެ. ހޯޑެއްދުވަކީ، ހޯޑެއްދުވަކީ، ހުވަދޫއަތޮޅުގެ އެހެން ރަށްރަށާއި އަޅާބަލާއިރު، ތަންކޮޅެއް ތިޔާގި ރަށެކެވެ. ނުލާހިކު މޮޅު، ފަސް ކަޅު ބިންގަނޑެއްގެ ސިފައިގައި، މާތްﷲ އެބައިމީހުންނަށް ދެއްވާފައިވާ ނަސީބުގެ ބޭނުން އެރަށުގެ މީހުން ހިސާބަކަށް ހިފައެވެ. ކާބޯތަކެތި ރަށުތެރޭގައި ހެދިފައި ނުވަތަ، ހައްދާފައިވެއެވެ. ކެޔޮ، އަލަ، ބަނބުކެޔޮ، މިރުސްފަދަ ކާބޯތަކެތި އަޅާ ގަސްގަސް، ބަލާލީ ކޮންމެ ދިމާއަކުން ފެންނާން ހުއްޓެވެ. މިރަށުގެވެސް ރައްޔިތުންނަށް ނަސޭހަތްދީ ހެދުމަށްފަހު، އަޅުގަނޑުމެން ރަށުތެރެ ބަލައިލާން، ހިނގާން ފަށައިގެންފީމު
އެވެ.

އަޅުގަނޑުމެންގެ ޕާރޓީ އެހެން ރަށްރަށުގައި ފަދައިން، އުޅުނީ ދެބަޔަކަށެވެ. އަޅުގަނޑާއި ޙުސައިން އަފީފާއި "ވަޑިދޮން"އާއި "ބޮނޑިބަތް" އެއްބައިގައެވެ. އެހެންމީހުން އަނެއްބައިގައެވެ. އަޅުގަނޑުމެން ފަހަތުން އަންނަމީހުންތައް އަޅުގަނޑުމެން ފޮނުވަނީ މަލިމް މަނިއްޕުޅުގެ މުޙަންމަދުދީދީގެ ފަހަތްޕުޅުންނެވެ. އަޅުގަނޑުމެންނާއިއެކު އަޔަދިނީ ވަރަށް ތޫނުފިލި، ކުޑަކުޑަ ދެއާރުކާޓީންނެވެ. ތަންކޮޅަކަށް ހިނގިތަނާ، އަޅުގަނޑުމެންނަށް ނުކުމެވޭން އުޅުނީ، ރައްޔިތުންގެ ކުދިބޮޑު އެންމެން އެއްވެފާވާހެން ހީވި ތަނަކަށެެވެ. ބައެއްމީހުން ފިލާބުރިބުރި ހިފައިގެން ތިބޫއެވެ. އަނެއްބައިމީހުން ހިފައިގެންތިބީ ދިގުދަނޑިދަނޑިއެވެ. އަނެއްކާ ކީއްބާއޭވަނީ ހިތާ ބަލާލިއިރު، އެއްވެސް ބިރުވެރިކަމެއް ނެތެވެ. އަޅުގަނޑުމެން އެންގިއެންގުމަށް ފުރިހަމައަށް ތަބަޢަވެގެން އެމީހުންއަތުގައި އޭރުއޮތް އެއްޗެއް ހިފައިގެން، މަލިމް މަނިއްޕުޅުގެ މުޙަންމަދުދީދީގެފަހަތްޕުޅުން ހިނގަނީއެވެ. އެދުވަހު، އަޅުގަނޑުމެން ޝުކުރުކުޅައީ، އެބައިމީހުން މުޙަންމަދުދީދީގެ ފަހަތްޕުޅަށްލެވި، ވަޑިދޮންމަނިކަށެވެ. އާދެ! އަޅުގަނޑުމެން ރަށުތެރެ ބަލާން ހިނގަމުންދަނީއެވެ. ތަންކޮޅަކަށް ގޮއްސާ ބަލާލިއިރު، ޙުސައިން ޢަފީފް އަޅުގަނޑުމެންގެ ފަހަތަކުނެތެވެ. ކޮބައިތޯ ހޯދާލިއިރު، އޭނާގޮސްވީ، އޭނާގެ ވަރަށްގާތް ތުއްތުމަނިކުބޭބެ ގެއަށެވެ. އިރުކޮޅަކުން އަޅުގަނޑުމެންނަށްވެސް ހިނގަމުންދެވުނީ އެގޭކުރިމަތިން އަޅާފައެވެ. އަޅުގަނޑުމެންނަށް އެހިސާބަށް ދެވުނުއިރު، ޙުސައިން ޢަފީފް އެގޭގެ އެތެރެއަށް ވަންނާންހުރި ދޮރުކައިރީގާ ހުއްޓެވެ. ކަން ދިމާވެފާވާގޮތުން އެދުވަހު ގޭގައި، އަދިކީއްތޯއެވެ؟ ރަށުގައި އެގޭގެމީހުންކުރެން ތުއްތުމަނިކު ބޭބެގެ ޢާއިޝާމަނިކެ ނޫން އެހެން މީހަކު ނެތެވެ! އާދެ! އެގޭގެ ދޮރުމަތީގައި ޙުސައިން ޢަފީފް ހުއްޓެވެ. އެދޮރަކީ ވަރަށް ހަނި ދޮރެކެވެ. ދޮރުގެ އެއްކަނީގައި ލެނގިގެން ޙުސައިން ޢަފީފް ހުރިއިރު، އެދޮރުގާ ބާކީ ފޫޓެއްވެސް ނުހުންނާނެކަން ހަމަކަށަވަރެވެ. އެކަމަކު، ކަންޏާއި ޙުސައިން ޢަފީފާއި ދެމެދުގައި، ފެންތަށްޓެއް ހިފައިގެންހުރީ އެގޭ ޢާއިޝާމަނިކެއެވެ. (އ.ޝ! އ.ޝ! މިހިސާބަށް ވިދާޅުވަމުން ވަޑައިގެންނެވިއިރު، އަޑުފުޅަށް ތިޔަހަރަ އަރަނީ ކޮންތުރުތުރެއްތޯއެވެ؟ ނިތްކުރިފުޅުން ތިޔަހިއްލަނީ ކޮން އޮށްދާތަކެއްތޯއެވެ؟..... "އިހުއުޅުނު ތަނަވަސް މާބަގީޗާ، ފެނުނު ފެނުނުހެން ހަނދާން!")

އެރަށުގައި އަޅުގަނޑުމެން އިރުކޮޅަކު އުޅެފައި، "ޑަންގީ" އަށް އައިތަނާ ޙުސައިން ޢަފީފްގެ "ކޮއްކޮ" އޭނާއަށް ހަދިޔާއަކަށް ދެބަރަބޮލާއި ފަޅޮލަކާ ފޮނުވިއެވެ!
       
28 ދުވަހު ހެނދުނު 6 ޖެހިއިރު، ޅަތުއްތުއާއި، ކުޑަދޮންކަލޭފާނާއި، އަތޮޅުވެރީން "ޑަންގީ" އަށް އަތުވެއްޖެއެވެ. އައުމުން ޅަތުއްތޫއާއި، ބީރުޢަލީދީދީ، މުޙަންމަދު ކަލޭފާނަށް އަންގައިދީ އެދެމީހުންނަކީ، އަތޮޅުވެރީންގެ މައްޗަށް، އަތޮޅުގެ ކަންތައް ބެލުމަށް ލައިފައިވާ ދެމީހުންކަން އަންގައިދީ މުޙަންމަދު ކަލޭފާނަށް ނަސޭޙަތްދީހެދީއެވެ. ދެން ކުޑައިރުކޮޅަކު ތިބެފައި، ޅަތުއްތޫއާއި، ޢަލީދީދީއާއި، ބޮނޑިބަތް ދޮންތުއްތޫއާއި، ހަވަރުތިނަދުއަށް ދާން ދޯންޏަށް އަރައްޖައޫއެވެ. ޢަލީދީދީއާއި ދޮންތުއްތު، އެބައިމީހުންގެ އައު މަސައްކަތުގައި ހިފުމަށް ފައިބަނީއެވެ. މިއަށެއްކަދުވަހު، ނުހަނު އެކުގައި އުޅެފައި، އެދެމީހުންނާއި އަޅުގަނޑުމެން ވަކިވުމުގެ ސަލާމްކުޅައިރު، ދެބައިމީހުންމެ ތިބީ ވަރަށް ދެރަވެފައެވެ. ވަކީން ޚާއްޞަކޮށް ބޮނޑިބަތުގެ ކަރުވަނީ އެލިފައެވެ.

އެދުވަހު ހެނދުނު 9 ޖެހިއިރު އަޅުގަނޑުމެން އަނެއްކާ ހަވަރުތިނަދުވަށް ފައިބައްޖައީމުއެވެ. އަޅުގަނޑުމެން ފޭބުމުގެ އެންމެބޮޑު ބޭނުމަކީ، އެރަށް ބަލައިލުމެވެ. ތެދެކެވެ. މީގެކުރީންވެސް ދެފަހަރު އަޅުގަނޑުމެން އެރަށަށް ފައިބައްޖައީމުއެވެ. އެކަމަކު، އެއިން އެއްފަހަރަކުވެސް އަމިއްލަގޮތަކަށް ރަށުތެރެ ބަލާލާން ފުރުޞަތެއް ނުލިބުނެވެ. އެދުވަހު އަޅުގަނޑުމެން ފައިބައިގެން ވާރުގެއަށް ވަދެފައި، ރަށުތެރެބަލާން ހިނގާންފަށައިފީމުއެވެ. ހަވަރުތިނަދުވަކީ، ވަރަށްބޮޑުރަށެކެވެ. މީހުން ނުހަނު ގިނައެވެ. ކާބޯތަކެތި އިންދާން ބިން ވަރަށް ތަނަވަހެވެ. އެކަމަކު، ކާއެއްޗެތި ހައްދާން ކުޑަވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަޅުގަނޑުމެން ދިޔަފަހުން، އިޔަހޫދިގިރިޓީގެ ގޮތުން ރަށުތެރެވަނީ ތާހިރުކޮށްފައެވެ. ހަވަރުތިނަދޫގެ އަންހެންކުދީން! ހަވަރުތިނަދޫގެ އަންހެންކުދީން!...... ހަވަރުތިނަދޫގެ އަންހެންކުދީންގެ ރީތިކަމާއި، ފިސާރިކަމުގެ ވާހަކައާއި، އެކުދީންގައި އެހުންނަ ގޮތްތަކުގެ ވާހަކަ، މީހުންގެ ދޫދޫމަތިން ދައްކަނިކޮށް އަޅުގަނޑުމެން ވަރަށް ގިނައިން އަހަމުއެވެ. އެކަމަކު އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ، ކަންހުރި ވަރަށްވުރެން ވާހަކަ މާބޮޑުކަމަށެވެ. އެހެންރަހަރަހަޔަށްވުރެން ކާފޫރުތޮޅީގެރަހަ މާގަދައީކަމުގައެވެ. އެކަމަކު، އެކުދީން އަޅުގަނޑުމެންގެ ލޮލަށް ފެނުނުއިރު..... ދަންނަވާނީ ކީކޭތޯއެވެ؟ އެކުދީންގެ އެހެރަ ބުރުސޫރަރީތި މޫނުތައް، ކުށެއްނެތް ހަށިތައް، ރާޅުބާންޏެއްފަދަ އިސްތަށިތައް، ރަތް ތުންފަތްތައް، ބަނިޔާދަން ހިނގުންތައް، އަސަރުގަދަ.... ބަޔާންކުރާނީ ކޮންފަދަޔަކުން، ކޮން ޢިބާރާތަކުންތޯއެވެ؟ ފެނުމަކީ، ޤަބޫލުކުރުމޭ އެބުނާބަހަކީ، ވަރަށް ތެދުބަހެކެވެ. ހަވަރުތިނަދޫގެ އަންހެންކުދީންގެ ރީތިކަމާއި، ނަލަކަމާއި، ފިސާރިކަން ޤަބޫލުކުރެވެނީ ހަމައެކުދީން ދެކެގެންނެވެ. އެކުދީންގެ ޚަބަރު އަޅުގަނޑުމެންނަށް ކުރިން އެނގިފައިވާގޮތުގައި، ކުޑަވެސް ފޮނިތޮށި ކާފޫރުތޮޅިއެއްނެތެވެ. އަދި ކީއްތޯއެވެ؟ ތަޢުރީފުކުރުމުގައި، ނުކުރެވި އޮތްކަމަކީ އެކުދީންނަށް އިންސާފެވެ. އަޅުގަނޑުމެންގެ ޕާރޓީގެ އެހެންމީހުން ކުރާ އާދޭހަށްޓަކައި، ހަވަރުތިނަދޫގެ އަންހެންކުދީންގެ ވާހަކަ ލިޔުން މިހިސާބަށް ހުއްޓާލާނީއެވެ. އެބައިމީހުންގެ އަނބިންގެ ކިބައިން އަރާނޭ މަލަރުގެ މައްޗަށް އެބައިމީހުން ދުރާލާ ބިރުނަގަނީއެވެ. އާދެ! އަޅުގަނޑުމެން ރަށުތެރެ ބަލައިލުމަށްފަހު، ދެންއުޅުނީ ކުނަލެއް ގަންނާން ލިބޭތޯއެވެ. އެންމެ ފުރަތަމައަށް ބަލައިލެވުނު ކުނާވިއްކާ ދެތިންތަނުން ހިތްގައިމު ކުނަލެއް ނުފެނުނެވެ. އެހެންއުޅެނިކޮށް މާގިނައިރުތަކެއް ނުވަނީސް ވަރަށްރީތި ކުނާ ހުރިތަނެއް ފެނިއްޖެއެވެ. އަސްތާ! ވަޑިދޮންމަނިކު ނެގި ފޮޓޯގެވާހަކަ އަދި ހަނދާންނެތި ނުދެންނެވެއެވެ. ހަވަރުތިނަދޫގެ ރީތި އަންހެން ކުއްޖަކު ކުރަހާން، ވަޑިދޮންމަނިކު ކެމެރާ ހިފައިގެން އުޅެނިކޮށް، ވަރަށްރީތި ދެތިންކުދީން ފެނިއްޖެއެވެ. ވަރަށް އުފަލުން، ދޮންމަނިކު އެކުދީން "ކުރަހައިފި"އެވެ. އެކުދީންވެސް، ހަމައެހާއުފަލުން "ކުރެހޭން" ތިއްބެވެ. އެފޮޓޯ ނެގިއިރު، ކެމެރާގެ ބިއްލޫރިގަނޑު ހުރީ ދޮންމިކުގެ މޫނާ ދިމާއަށްކަމާއި، ކެމެރާގެ ފަހަތްހުރީ، އެކުދީންނާ ދިމާއަށްކަންނޫން މާބޮޑު ކުށެއް އެކުރެހުމަކު ނެތެވެ. ކުރަހާ ނިމުނުއިރު، ވަޑިދޮނުގެ އެއްލޯ ނުހުޅުވެއެވެ. ވީގޮތަކީ، ކުރަހާނަނުގަނޑުގެ ކުރީގާ އިންނަ ގޮބު އޭނާގެ ލޮލަށް ވަނިއްޔެވެ.
-----------------
(ނުނިމޭ)

މި ލިޔުން:

   ޓައިޕުކުރުން:   މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
   އަލުންބެލުން:   ''               ''
   ޝާއިޢުކުރުން:  ''               ''


އިދާރާ

އެނގޭތަ؟

ވާހަކަ