އަދުގެ ޚާއްސަ

Print

މީހުން އުފުލުން މަނާ ކުލީ ކާރެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ((މާޒީ)

މިއަދު ދިވެހިން ގިނަ ޢަދަދަކަށް އުޅެމުންގެންދާ މެލެޔާ ނުވަތަ މެލޭޝިޔާގައި ގިނަ ދުވަސްތަކެއްގައި އުޅުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ. އެއީ ޒުވާންކަމުގެ ނޫކަށިފުރާގެ ދުވަސްވަރެވެ. އެހެންކަމުން ބަލައި ހޯދުމާއި ތަޖްރިބާކުރުމުގެ ޝައުޤު އޭރު ހުރީ ވަރަށް ބޮޑަށެވެ.

މެލޭޝިއާއަށް ދެވުނު ފުރަތަމަ ހަފުތާގެ ހަފުތާ ބަންދުގައިވެސް މުޅި މެލޭޝިޔާ ކުޑަކޮށް ބާޒާރުމަތީގައި ހޭދަކޮށްލެވުނެވެ. އެންމެ މަޝްހޫރު ބާޒާރުތަކުގައި އުޅެމުން ގޮސް ހަވީރު 5:30 ވީ އިރު ތިބެވުނީ "ހަންކޫޖާޔާ" ކިޔާ ބޮޑު މާސިންގާ ޝޮޕިންގ މޯލް އެއްގަ އެވެ.

ބާޒާރެއްގައެވެ. ޗޯކިޓް ސަރަހައްދުގަ އެވެ. ވާރޭވެހެން ފަށައިފި އެވެ. މުޅި ދުވަސް އެ ގޮތުގައި އެތަންމިތާގައި އެނބުރުމުގެ ސަބަބުން ތިބީ ވަރުބަލިވެފަ އެވެ. އެކި ކުދިން އެކި ގުރޫޕްތަކަށް ބެހިލުމުގެ ސަބަބުން ކުދި ގުރޫޕް ތަކަކަށް ވެއްޖެ އެވެ. އަޅުގަނޑާއެކުގައި ތިއްބެވީ އަޙުމަދު މަޢުޞޫމާއި އަދި އެހެން ބޭފުޅެކެވެ.

ވާރޭ ނުހުއްޓައިގެން ބަސް ސްޓޭންޑާ ހަމަޔަށް ނުދެވިފައި އެތައް އިރެއް ވަންދެން ތިބީމެވެ. އެންމެ ފަހުން މަޢުޞޫމް ރަނގަޅު ޚިޔާލެއް ދެއްވައިފި އެވެ. އަގު ބޮޑަސް ދެން ކުލީ ކާރަކަށް (ކެބަކަށް) އަރަންވީ ނޫންހެއްޔެވެ. އަޅުގަނޑުމެން ވެފައި ތިބި ވަރުބައްޔާއެކު ހޮސްޓެލަށް ދާހިތްވެފައި ތިބިލެއް ބޮޑު ކަމުން ވަރަށް އަވަހަށް އެ ޚިޔާލަށް ތާއީދުކޮށްފީމެވެ.

ކުލީކާރެއް ހޯއްދަވަން އިސްނެންގެވީ މަޢުޞޫމެވެ. ކުޑަކޮށް ތެމިލައްވައިގެން އެ ގޮތަކުން މި ގޮތަކުން އުޅުއްވައިގެން ކާރެއް މަޑުކުރުވައިފި އެވެ. ކާރު މަޑުކުރުވީ ޢާއްމުކޮށް ޓެކްސީ މަޑުކުރާ ތަނެއްގައި ނޫންކަމުން ޓެކްސީއަށް އެރެން އޮތީ ވާރޭތެރެއަށް ނުކުމެގެންނެވެ. 3 މީހުން ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް އަވަހަށް ކާރަށް އަރަން ގޮސް މަޢުޞޫމް ކާރުގެ ދޮރު ހުޅުވައިލައްވައިފި އެވެ.  ކާރުދުއްވާ މީހަކަށް އިނީ ޖާނުން ބޮޑު ވަރުގަދަ އަޑުބަރު ފިރިހެނެކެވެ. ކާރުގެ ދޮރުފަތް ހުޅުވައިލުމާއެކު އޭނާގެ އެ ބަރު އަޑުން "މަނާ މަނާ" އޭ ބުނެލައިފި އެވެ. މަޢުޞޫމު ގަތީ އަމަށަކު ބިރުފުޅެއް ނޫނެވެ. އަޅުގަނޑުމެން ވެސް ސިހުނެވެ. މަޢުޞޫމު ވިދާޅުވެއްޖެ އެވެ. "އޭ މީ މަނާ ކާރެކެވެ."  އެހެން ވިދާޅުވުމާއެކު ދޮރުފަތް ލައްޕައިލުމަށް ފަހު ހިޔާވުމަށް ދުއްވައިގަތީމެވެ. ކާރުގެ ޑްރައިވަރު އަލުން ދޮރުފަތް ހުޅުވައިގެން އިނދެ މެލޭބަހުން ފަތިވަރުތަކެއް އެމުނި އެވެ. އޭރު އަޅުގަނޑުމެން މެލޭޝިޔާއަށް ދިޔަތާ ވީ އެންމެ 5 ދުވަސްކަމުން އެ މީހުންގެ ބަހެއް ނޭނގެ އެވެ. ކުއްލިޔަކަށް މެލޭ 3 ކުއްޖަކު ކާރަށް އެރުމާއެކު ކާރު ގޮސް އޮބައިލައިފި އެވެ.

އެ ދުވަހު މަނާ ކާރެއްގެ ދޮރުފަތް ހުޅުވައިލެވުނީމާ ތިބީ ބިރުންނެވެ. ކުށަކަށް ވެގެން އަދަބެއް ލިބިދާނެތީ އެވެ. އަޅުގަނޑުމެންގެ ފުށުން ދިވެހި ޤައުމަށް ހުތުރު ނަމެއް ލިބިދާނެތީ ވެސް މެ އެވެ.

މެލޭޝިޔާގައި ގިނަ ދުވަހު އުޅެންފެށުމުން ވަރަށް ފަސޭހައިން މެލޭބަސް ދަސްވާން ފަށައިފި އެވެ. ފަހުން އެނގުނު ގޮތުގައި މެލޭ ބަހުން މަނާ (Mana) ގެ މާނައަކީ "ކޮންތާކަށް" ކަން އެނގުމުން ކުރީ ދުވަހު ކާރު ޑްރައިވަރު އެ ސުވާލުކުރީ ކަލޭމެން ދާން ބޭނުމީ ކޮންތާކަށް ހެއްޔޭ ކަން އެނގުމުން އެ ދުވަހު ހިނގި ކަންތަކާ މެދު އަމިއްލަ ނަފްސަށް މަލާމަތްކޮށް ހީނ ހެދުނެވެ. އެހެންޏާ އެ ތާ މީހުންނަށް ދިވެހިބަސް ނޭނގޭނެކަން ވެސް އޭރު ނުވިސްނުނީތީ މިހާރު ހައިރާންވެ އެވެ.
----------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް ޢަބްދުލްޢާޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:  ''            ''



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ