އަދުގެ ޚާއްސަ

Print

ހިޖްރައިގެ މައްޗަށް ބަލައިލުން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ހިޖްރީ އައު އަހަރުގެ ތަހްނިޔާ، ފަންވަތުގެ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރުމަށް އަވަސްވެގަންނަމެވެ. މި އަދު މި ފެށުނު އަހަރު، ބަރަކާތްތެރި، ފާގަތި، ޞުލްޙަވެރި، އަމާން އަހަރެއްކަމުގައި މިންވަރުކުރައްވާށި އެވެ!

މި ކަހަލަ ކޮންމެ މުނާސަބަތެއްގައި ވެސް، އެ މުނާސަބަތަކަށް ބަލައިލުން ރަނގަޅުވާނެ އެވެ. ޢިބްރަތް ޙާޞިލުކޮށް، ދަރްސުތައް އުނގެނުމަށްޓަކަ އެވެ. ހަނދާނުގައި މި މަތިވެރި ޛިކްރާ އިތުރަށް ކަނޑައިނެގުމަށްޓަކަ އެވެ.

މިއީ، މީގެ ހާހާ ސައުދަ ސަތޭކަ އެއްތިރީސް އަހަރުގެ ކުރީގެ ހާދިސާއެކެވެ. މުސްލިމުންގެ އެންމެ މުޤައްދަސް ބިން ކަމުގައިވާ މައްކާގެ ބިމުގައި ހިނގި ހާދިސާއެކެވެ. މިއީ އިސްލާމީ އުއްމަތް އުފަންކުރުވި ހާދިސާ އެވެ. މި ހާދިސާ މުސްލިމުންނަށް މުހިއްމުވީ މިކަމުގެ ސަބަބުންނެވެ. މިއީ އީމާންކަމާއި، އިޚްލާޞްތެރިކަމާއި، ޤުރްބާނީތަކާއި، އެކުވެރިކަމާއި، ރޭވުންތެރިކަމާއި، ލޯބި ހިމެނޭ ހާދިސާއެކެވެ. ވާހަކައިގެ ބަޠަލުންތައް ގިނަ ހާދިސާއެކެވެ. މި ހާދިސާގައި ދައުރެއް އަދާކޮށްފައިވާ ކޮންމެ ޝަޚްޞަކީ ބަޠަލެކެވެ. މުހިއްމު ބަޠަލެކެވެ. މި ހާދިސާގައި ބަޠަލުންނަކީ ހަމައެކަނި އިންސީންނެއް ނޫނެވެ. އިންސީންގެ އިތުރަށް ދޫންޏާއި ފަނިފަކުސާ ވެސް މި ހާދިސާގެ ބޮޅުތައް ގެތުމުގައި ދައުރުތަކެއް އަދާކޮށްފައިވެ އެވެ.

ކީރިތި ރަސޫލާއަށާއި އެ ކަލޭގެފާނަށް އީމާންވަމުން ދިޔަ މީހުންނަށް ޤުރައިޝުންނާއި ކާފިރުން ކުރަމުންދިޔަ އަނިޔާތައް ބޮޑުވެ އިންތިހާޔަށް ދިޔުމުން، މައްކާ ދޫކުރައްވަން ކީރިތިރަސޫލާ  ގަސްތުކުރެއްވި އެވެ. ނަމަވެސް އެ ކަމުގެ ހުއްދަ އެ ކަލޭގެފާނަށް މާތްﷲ ދެއްވަވަންދެން މި ވޭނާއި ކެކުޅުމާއި ޢަޛާބުގެ ތެރޭގައި ކެތްތެރިކަމާއެކު އިސްލާމީ ދަޢުވަތުގައި ކުރިއަށް ގެންދެވި އެވެ. މުސްލިމުންގެ ޢަދަދު މަދުމަދުން ނަމަވެސް އިތުރުވަމުން އެ މީހުންގެ އާރާބާރު ގަދަވަމުންދާތީ މުޝްރިކުން ކަންބޮޑުވެ ހާސްވި އެވެ. މަދީނާގެ ރައްޔިތުންގެ ކިބައިން ރަސޫލުﷲގެފާނަށް ލިބިވަޑައިގަންނަވަމުން ދިޔަ ތާއީދާއި މަދަދު އިތުރުވަމުންދާތަން ޤުރައިޝުންނަށް ފެނި،  އެ ކަލޭގެފާނު މަދީނާއަށް ވަޑައިގެންފާނެކަމުގެ ބިރު ފެތުރިގެންދިޔަ އެވެ. ވަގުތު ފާއިތުވުމުގެ ކުރިން ރަސޫލުﷲގެފާނުގެ ދުވަސްދުއްވާލުމަށް ޤުރައިޝުން ގަސްތުކޮށް އަޅަންވީ ފިޔަވަޅަކާމެދު ސައްލާކުރުމަށްޓަކައި އެ މީހުންގެ ބަރުލަމާނު (ދާރުއްނަދުވާ) ގައި ކުއްލި ބައްދަލުވުމެއް ބޭއްވި އެވެ. މި ބައްދަލުވުމުގައި ޝައިޠާނާ ވެސް (ނަޖިދުކަރައިގެ މީހެއްގެ ގޮތުގައި) ބައިވެރިވި އެވެ. މި ޖަލްސާގައި ޝައިޠާނާގެ ހުށައެޅުމަކަށްވީ، މުޙައްމަދުގެފާނު އަވަހާރަވަންދެން ދަގަނޑު ތަނބެއްގައި ބަނދެފައި ބެހެއްޓުމެވެ. އަނެއްބަޔަކު ހުށައެޅީ އެކަލޭގެފާނު ރަށުންބޭރަށްލައި އަރުވާލުމަށެވެ. ނަމަވެސް މި ދެ ރައުޔުންކުރެ އެއްވެސް ރައުޔަކަށް ބަރުލަމާނުގެ ރުހުމެއްނުލިބުނެވެ. މި އުއްމަތުގެ ފިރުޢައުނު އަބޫޖަހުލު ވިސްނުމަށްފަހު ވަރަށް މަކަރުވެރި ހުށައެޅުމެއް ހުށައަޅައިފި އެވެ. ކޮންމެ ޤަބީލައަކުން ޒުވާނަކު ނެރެ ރަސޫލުﷲގެފާނު އަވަހާރަކޮށްލުމުގައި ބައިވެރިވުމަށްޓަކަ އެވެ. ރަސޫލުﷲގެފާނުގެ މަރުގެ ދިޔަ ހޯދުމުގައި ޙާޝިމުވަންހައިގެމީހުން ނުކުޅެދުންތެރި ކުރުވުމަށްޓަކަ އެވެ. ޝައިޠާނާގެ ޚިޔާލަށް ވެސް ނުގެވުނު މި "މޮޅު" ޚިޔާލަށް ޝައިޠާނާ ވަރަށްބޮޑަށް ތާއީދުކޮށް އެހެންމީހުންގެ ވިސްނުން އެދިމާއަށް އަނބުރައިލި އެވެ. މައްކާގެ ބަރުލަމާނު މި ޚިޔާލަށް އިއްތިފާޤުވެ ވަގުތުންވަގުތަށް މި ޚިޔާލު ތަންފީޒު ކުރުމަށް ނިންމި އެވެ.

ނަމަވެސް މާތްﷲގެ ރޭއްވެވުން އެ އަށްވުރެ މާމަތިވެރި އެވެ. މާތްﷲ ޖިބްރީލުގެފާނު ފޮނުއްވާ މި ޚަބަރު ކީރިތި މާތް ރަސޫލާއަށް އެރުއްވެވި އެވެ. އަދި މަދީނާއަށް ހިޖްރަކުރެއްވުމުގެ އިޒުނަ ދެއްވި އެވެ. މި ހިސާބުން މާތް ރަސޫލާ މި ދަތުރުފުޅަށްޓަކައި ތައްޔާރުވެވަޑައިގަންނަވަން ފެށްޓެވި އެވެ.

މި ދަތުރުފުޅުގައި އެކަލޭގެފާނުގެ ބައިވެރިއެއްކަމުގައި އިޚްތިޔާރުކުރެއްވީ އަބޫބަކުރުގެފާނެވެ. ފިރިހެނުންގެ ތެރެއިން އެކަލޭގެފާނަށް އެންމެފުރަތަމަ އީމާންވެވަޑައިގެން މާތްޞަހާބީއެވެ. މިއީ އަބޫބަކުރުގެފާނު އިސްލާމްދީނަށްޓަކައި ކޮށްދެއްވާފައިވާ މަތިވެރި ޚިދްމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވި ޚިދްމަތުގެ އެންމެބޮޑު އިނާމެވެ. މި އިނާމުގެ އަގު އަބޫބަކުރުގެފާނު ވަޒަންކުރެއްވިގޮތް ބަޔާންކޮށްދެއްވަމުން ޢާއިޝަތުގެފާނު ވިދާޅުވެފައިވަނީ "މީހަކު އުފަލުން ނުރޯވަރަށް އަބޫބަކުރުގެފާނު އެ އިނާމު ލިބިވަޑައިގަތުމުން ކީރިތިފުޅުކުރެއްވި އެވެ."

ކީރިތިރަސޫލާގެ މި ދަތުރުފުޅަށްޓަކައި އަބޫބަކުރުގެފާނު ދެ ސަވާރީ ހޯއްދެވި އެވެ. ނަމަވެސް ރަސޫލުﷲގެފާނު އެއް ސަވާރީއަށް އަގުދެއްކެވި އެވެ.

އަބޫބަކުރުގެފާނު ގެކޮޅުން ރަސޫލުﷲގެފާނު އެކަލޭގެފާނުގެ ގެކޮޅަށްވަޑައިގެން އެކަލޭގެފާނުގެ އަތްޕުޅުގައި ޤުރައިޝުން ބަހައްޓާފައި ހުރި އަމާނާތްތައް ޢަލީގެފާނާ ހަވާލުކުރެއްވި އެވެ. އަދި މި އަމާނާތްތައް އަދާކުރެއްވެންދެން މައްކާގައި ހުންނެވުމަށް އަމުރުކުރެއްވި އެވެ. މިއީ އަމާނަތްތެރިކަމުގެ ލާސާނީ މިސާލެއްނޫންތޯ އެވެ؟ މި ޒަމާނުގައި މިގޮތަށް ޢަމަލުކުރާނެ މީހަކު ހުންނާނެތޯ އެވެ؟ ތިމާ މަރައިލަން ރާވާބައެއްގެ އެއްޗެއް ތިމާގެ އަތުގައި ހުރިނަމަ، މި އަދު އޭއްޗެއް ނުދޭނެކަން ކަށަވަރެވެ.

އެ އަށްފަހު އެކަލޭގެފާނު ދާންމަތިކޮޅުގައި ރަޖާ ތުރުކުރައްވައިގެން އަވަހާރަފުޅު ލެއްޕެވުމަށް ޢަލީގެފާނަށް އެންގެވި އެވެ. މުޝްރިކުންގެ ފަހުލަވާނުން އެ އެނދުދާންކޮޅުގައި އޮންނެވިކަލޭގެފާނު އަވަހާރަކޮށްލުމަށް އުރައިން ކަނޑިދަމައިގަނެގެން ތިބި ވަގުތެއްގައި ވެސް ޢަލީގެފާނު ރަސޫލާގެ މި އަމުރުފުޅަށް އެއްވެސް ސުވާލެއްނެތި އާދޭހޭ ދެންނެވި އެވެ. މިއީ ކޮންފަދަ ބޮޑު ޤުރްބާނީއެއްތޯއެވެ؟ މިއީ ޒުވާނުންނަށް ލިބިގެންވާ ކިހާބޮޑު ނަމޫނާއެއްތޯއެވެ؟

ޤުރައިޝުން މިހާވަރުގަދައަށް ރާވައިގެން ތިއްބާ ރަސޫލުﷲގެފާނު އެ މީހުންނަށް ގޮންޖައްސަވާފައި ނުކުމެވަޑައިގެންފި އެވެ. އެކަލޭގެފާނު ދަތުރުފުޅުކުރައްވާނީ އުތުރަށްކަމަށް މުޝްރިކުން ބަލާނެތީ، ރަސޫލުﷲގެފާނު ދަތުރުފުޅު ކުރެއްވީ ދެކުނަށެވެ. ޔަމަނާ ދިމާއަށެވެ. މިއީ ޤުރައިޝުންނަށް އޮޅުވައިލެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅެކެވެ. މައްކާއިން ނުކުމެވަޑައިގެން ރަސޫލުﷲގެފާނާއި އަބޫބަކުރުގެފާނު މަޑުކޮށްލެއްވީ ޘައުރު ހޮހަޅައިގަ އެވެ. މި ތާނގެ އެތެރޭގައި އަބޫބަކުރުގެފާނުގެ ޤުރްބާނީއާއި،  ލޯތްބާއި، ވަފާތެރިކަން ފެނިގެންދިޔަ އެވެ. ރަސޫލުﷲގެފާނުގެ ކުރިން ހޮހަޅައަށް އަބޫބަކުރުގެފާނު ވަދެވަޑައިގަތީ ހޮހަޅަ ތެރެއިން އެއްޗެއް ކަށިޖަހާފާނެތީ ނުވަތަ އެއްޗެއް ދަތްއަޅާފާނެތީ އެ ފަދަ ޙަމަލާތަކުން ރަސޫލުﷲގެފާނު ޙިމާޔަތްކުރެއްވުމަށްޓަކަ އެވެ. އަބޫބަކުރުގެފާނުގެ ފައިންޕުޅުމަތީ އިސްތަށިފުޅު އަޅުއްވައިގެން ރަސޫލުﷲގެފާނު އަވަހާރަފުޅުލައްޕަވާފައި އޮންނަވަނިކޮށް އަބޫބަކުރުގެފާނުގެފާނުގެ ފައިންޕުޅުގައި އެއްޗެއް ދަތްއެޅި އެވެ. އޭގެވިހައިގެ ސަބަބުން އަބޫބަކްރުގެފާނަށް ލިބިވަޑައިގެންނެވި ވޭނާއި ކެކުޅުންތައް އިންތިހާއަށް ގޮސް ކީރިތިފުޅުކުރެއްވިގެން ކަރުނަފޮދު އޮހޮރުނުއިރުގައި ވެސް ރަސޫލުﷲގެފާނަށް ހޭފުޅުލެއްވިދާނެތީ ޙަރަކާތެއް ނުކުރައްވާ އިންނެވި އެވެ.

ރަސޫލުﷲގެފާނު ހިޖުރައަށް ވަޑައިގެންނެވުމަށްޓަކައި ނުކުމެވަޑައިގަތީ ޤުރައިޝުންގެ ޚަބަރުތައް އެ ކަލޭގެފާނަށް ގެނެސްދެއްވުމަށްޓަކައި އެ މަސައްކަތަށް ކުޅަދާނަބޭކަލަކު ހަމަޖައްސަވައިފަ އެވެ. ހޮހަޅައިގައި މަޑުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ފަރީއްކޮޅު ލިބިވަޑައިގަންނަވާނެގޮތާއި، އެ ހޮހަޅަ ކައިރިއަށް  މީހަކު އަތުވެއްޖެނަމަ ފިޔަވަޅުގެ އަސަރު ފެނިދާނެތީ މި އަސަރުތައް ނައްތައިލާނެ ގޮތްތައްވެސް ރާއްވަވައިފަ އެވެ. އަދި ދަތުރުކުރައްވަންވީގޮތް ރާއްވަވާ އެކަމަށް އާރުކާޓީއެއް ވެސް ޢައްޔަންކުރެއްވި އެވެ. އޭނާއަށް އަންގަވައިފާވަނީ 3 ދުވަސްފަހުން އެކަލޭގެފާނާ ބައްދަލުކުރުމަށެވެ. މިއިން އެނގެނީ މަޝްރޫޢެއް ކާމިޔާބުވާނީ އެކަމަށް ބޭނުންވާ ހުރިހާ ބަހާތަކެއް ފުރިހަމަކޮށް ރާވައި ތަންފީޒު ކުރެވިގެންނެވެ. އެ މީހަކާ ހަވާލުކުރެވޭ ކޮންމެކަމެއް ރަނގަޅަށް އަދާކޮށްގެންނެވެ. ކިތަންމެ މޮޅަށް ރޭވިޔަސް، ރޭވުމާއެއްގޮތަށް ގަޑިންގަޑިއަށް ޢަމަލުނުކުރެވިއްޖެނަމަ އެ މަޝްރޫޢު ކާމިޔާބެއްނުވާނެ އެވެ.

ޘައުރު ފަރުބަދައި ހޮހަޅަ ކައިރިއަށް ވެސް މުޝްރިކުން ދިޔަ އެވެ. އެ ދެބޭކަލުން ހޯދުމަށްޓަކަ އެވެ. މީހަކު ގުދުވެލިޔަސް ފެންނަފަށުގައި އެދެބޭކަލުން ތިއްބެވި ނަމަވެސް ބަލިކަށި ވާމަކުނަކާއި ދިރުމެއް ނެތް  ބިސްހާއްޔެއް މެދުވެރިކުރައްވާ މާތްﷲ އެ ދެބޭކަލުން މުޝްރިކުންގެ ކިބައިން ސަލާމަތްކުރެއްވި އެވެ. ﷲގެ ރޭވުން މާ މަތިވެރިކަން ހާމަވެގެންދިޔަ މަންޒަރެކެވެ. މީގެ އިތުރަށް ރަސޫލުﷲގެފާނު، އަބޫބަކުރުގެފާނަށް ހިތްވަރުދެއްވީ މަތިވެރި އީމަންކަމާއި ޔަޤީންކަމުންނެވެ. އެ ދެބޭކަލުންނާއެކު ﷲވޮޑިގެންވާކަމަށް ވިދާޅުވެ އެވެ.

ﷲގެ ޢިނާޔަތާއި ރިޢާޔަތުގެ މިންވަރު ހާމަކޮށްދިން އިތުރު މަންޒަރެކެވެ. ރަސޫލުﷲގެފާނު ހިފައިގެން ގެނެސްދިންމީހަކަށް 100 ޖަމަލުގެ އިނާމެއް ދިނުމަށް ޤުރައިޝުން ވަނީ ހުށައަޅައިފަ އެވެ. މި އިނާމު ލިބޭތޯ ވަރަށްގިނަބަޔަކު މަސައްކަތްކުރި އެވެ. ނަމަވެސް މި އިނާމާ ހިސާބަށް ދެވިދާނެކަމުގެ ފޮނި އުއްމީދު ލިބުނީ ހަމަ އެންމެ މީހަކަށެވެ. ސުރާޤާ އަށެވެ. މުދްލަޖު ވަންހައިގެ ޤަބީލާ ތެރެއިން ލައިފާ ރަސޫލުﷲގެފާނު ދަތުރުފުޅުކުރައްވަނިކޮށް ސުރާޤާ އަށް ރަސޫލުﷲގެފާނު ފެނިގެން މި އިނާމު އެކަނި ހޯދުމަށްޓަކައި އެހެންމީހުންނަށް އޮޅުވައިލުމަށްފަހު ހަނގުރާމައިގެ ކަމަރުބަނދެގެން ނުކުތެވެ. ﷲގެ ކުޅަދުންވަންތަކަމާ އެވެ! ސުރާޤާ ދަތުރުކުރި ހަރުބިން ބަދަލުވެގެން އެ ދިޔައީ ޗަސްބިމަކަށެވެ. ގަނބައިގަތުމުގެ ސަބަބުން އޭނާގެ އަހަށް ކުރިއަކަށް ނުދެވުނެވެ. ރަސޫލުﷲގެފާނު ހިފާހައްޔަރުކުރަން އައިމީހާ ރަސޫލާގެ އަސީރަކަށްވީ އެވެ. މި ހާދިސާގެ ސަބަބުން އިއްޔެގެ ދުޝްމަނު މި އަދުގެ މަދަދުގާރަކަށް ބަދަލުވީ އެވެ. ސުރާޤާގެ މަސައްކަތަކަށްވީ ދުވާލުގެ ވަގުތުތަކުގައި ރަސޫލުﷲގެފާނު ޙިމާޔަތްކުރުމަށްޓަކައި މުޝްރިކުންނަށް މަގުއޮޅުވުމެވެ.

އަމާންކަމާއެކު މަދީނާއަށް ވަޑައިގެންނެވުމުގެ ކުރިން ރަސޫލުﷲގެފާނު ވަޑައިގަންނަވާ ކަމުގެ ޚަބަރު މަދީނާގެމީހުންނަށް ލިބިއްޖެ އެވެ. އެ މީހުން އިންތިޒާރުކޮށްގެން ތިބިދު ވަސް އައީ އެވެ. އެކަލޭގެފާނާ އެކަށީގެންވާ ބޮޑު މަރްޙަބާއެއް ދެންނެވޫ އެވެ. އެކަމާމެދު އުފާ ފާޅުކުރޫ އެވެ.

ހިޖުރައިގެ ދަރުސުތަކުގެ ތެރެއިން


ކީތރިތިރަސޫލާގެ ހިޖުރައާ ބެހޭ ދަތުރުފުޅުގެ ކުރުކުރު ޚުލާޞާއަކަށްފަހު ދެން މި ބަލައިލަނީ މި މުހިއްމު ހާދިސާއިން ޙާޞިލުވާ ޢިބްރަތްތަކަށާއި އުނގެނެންޖެހޭ ދަރްސުތަކަށެވެ.


1- ހިޖުރައިގެ މާނަ:

ހިޖުރައިގެ މާނައަށް ބަލާއިރު އޭގެ މާނައަކީ ދޫކޮށްދިޔުމާއި ދުރުހެލިވުމެވެ. ޝަރުޢީގޮތުން ބަލާއިރު އެއީ ހަމައެކަނި ތިމާގެ ވަޒަންދޫކޮށް ދިރިއުޅުމަށްޓަކައި އެހެން ރަށަކަށް ދިޔުމެއްނޫނެވެ. އިސްލާމްދީން މަނާކުރާ ކޮންމެކަމެއް ދޫކޮށް އެކަމާ ދުރުހެލިވުމަކީ ހިޖުރައެކެވެ. ފާފަތަކަށް އަރައިގަތުމާއި ޝަހަވާތްތަކުން ދުރުހެލިވުމާއި މުންކަރާތްތަކަށް ފުރަގަސްދިނުމަކީ ހިޖުރައެކެވެ. ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގެ މާނާގައިވަނީ "މުހާޖިރަކީ (ނުވަތަ ހިޖުރަކުރާމީހަކީ) މާތްﷲ މަނާކުރައްވާފައިވާ ކަންތައްތައް ދޫކޮށްދާމީހާ އެވެ."


2- ކާމިޔާބީގެ މަގަކީ ކެތްތެރިކަން:

ކީރިތިރަސޫލާ އާއި އެކަލޭގެފާނުގެ މާތްޞަޙާބީންމައްކާގައި ﷲގެ ދީނަށް ނަޞްރުދިނުމުގައި އުފުއްލެވި ބުރަތަކާއި ބަރުދާސްތުކުރެއްވި ކެކުޅުންތަކަކީ ގިނަގުނަ ބަލާތަކެކެވެ. މުޞީބާތްތަކެކެވެ. މިކަމުގެ ސަބަބުން މާތްﷲ އެ ބޭކަލުންނަށް ޠައިބާގެ ބިން ތަނަވަސްކޮށްދެއްވި އެވެ. އަންޞާރުންގެ ހިތްޕުޅުތަކަށް އީމާންކަމުގެ އަލިކަންލެއްވެވި އެވެ. ކެތްތެރިވުމުގެ ހެޔޮޖަޒާ ދެއްވުމަށްޓަކަ އެވެ. އިސްލާމީ އުއްމަތް ރަނގަޅު ބިމެއްގައި އާރާސްތުކޮށްދެއްވުމަށްޓަކަ އެވެ. އިސްލާމީ މަތިވެރި މުޖުތަމަޢެއް ޤާއިމުކުރެއްވުމަށްޓަކަ އެވެ.


3- މާތްﷲ އަށް ވަކީލުކުރުމުގެ މުހިއްމުކަން:

ހިޖްރައިގެ ދަތުރުފުޅަކީ ބިރުން ފިތްކެނޑިގެންދާފަދަ ނުރައްކާތަކެއް ކުރިމަތިކުރުވި ހާދިސާއެކެވެ. މުޝްރިކުންގެ ކަނޑިތައްވަނީ ރަސޫލުﷲގެފާނު، އެކަލޭގެފާނުގެ ގެކޮޅުތެރޭގައި ޙިޞާރުކޮށްފަ އެވެ. މި ކަނޑިތަކާ އެކަލޭގެފާނުގެ ހަށިކޮޅާ ދެމެދުގައިވި ހަމައެކަނި ހުރަހަކީ އެ ގޭގެ ދޮރެވެ. ރަސޫލުﷲގެފާނު އަތުލުމަށް ނުކުތްމީހުން ހޮހަޅައިގެ އަނގަމަތީގައި ރަސޫލާ އަތުލައިގަތުމަށް ގޮސް ތިއްބެވެ. ހުރަހަކަށްވީ ވާމަކުނެއް ފުރާފައިހުރި ވިޔުގައެކެވެ. ހަތިޔާރުއަޅައިގެން ހުރި ވަރުގަދަ ފަހުލަވާނު ސުރާޤާ ރަސޫލުﷲގެފާނު ކިޔަވާވިދާޅުވާ އަޑުއިވޭ ހިސާބަށް ދިޔަ އެވެ. މި ދަތި ޙާލުކޮޅުގައި އެކަލޭގެފާނު، ﷲގެ ނަޞްރުމަތިން ހަނދުމަފުޅު ނައްތައެއްނުލައްވަ އެވެ.  ﷲއަށް ވަކީލުކުރެއްވުންމަތީގައި ދެމިހުންނެވި އެވެ. މުއުމިނުން ހުރިހާ ޙާލަތްތަކެއްގައި ވެސް ﷲއަށް އިތުބާރުކުރަންވާނެ އެވެ. ކިތަންމެ ވަރަށް ތައްޔާރުވިޔަސް ﷲއަށް ބަރޯސަވާންޖެހޭނެ އެވެ. ﷲއަށް ތަޤްވާވެރިވާމީހާއަށް ސަލާމަތްމަގު ތަނަވަސްކޮށްދެއްވާނެ އެވެ.


4- ﷲގެ މުޢުޖިޒާތްތަކާއި ކުޅަދުންވަންތަކަން:

ހަތިޔާރެއް، ހަށިފާރަވެރިއެއް، މަދަދުގާރެއް ނެތި ގޭގައި ބަންދުކޮށް އޭނާގެ ގެ ޙިޞާރުކޮށްފައިވަނިކޮށް މުޖުރިމުންގެ ސަފުތައް ފޫއަޅުވާލައިފާ ނުކުމެގެންދާން ކެރޭނެ މީހަކު ހުންނާނެތޯ އެވެ؟ އެމީހުންގެ ބޮލަށް ވެލިޖައްސަވަމުން އެކަލޭގެފާނު ގެކޮޅުން ނުކުމެވަޑައިގަތްކަން އެމީހުންނަށް އެނގުނީ ވަގުތު ފާއިތުވި ފަހުންނެވެ. ޘައުރު ފަރުބަދައިގެ ހޮހަޅަތެރޭގައި އެދެބޭކަލުން ތިއްބެވި އިރު އެދެބޭކަލުން ރައްކައުތެރިކޮށްދެއްވީ ކިހިނަކުންތޯ އެވެ. އެއްވެސް އާރެއްބާރެއް ނެތް ނިކަމެތި ފަނިފަކުސާއަކުން ނޫންތޯ އެވެ. ޖަރާސީމު ހަތިޔާރުގެ ޚިޔާލު އޭރުގެމީހުންގެ ހިތަށް ދުވަހަކު ވެސް އަރައިފައެއް ނުވާނެ ދޮގެއްތޯ އެވެ؟ ސުރާޤާގެ ކުރިމަތީގައި ހަރުބިމެއް ޗަސް ބިމަކަށް ބަދަލުވެގެން ދިޔަ މުޢުޖިޒާތަކީ އިބްރާހީމުގެފާނު އަލިފާނަށް އެއްލައިލެވުމުން އަލިފާން ފިނިއެއްޗަކަށް ބަދަލުކުރެއްވުން ފަދަ މުޢުޖިޒާތެކެވެ. އަލިފާނުގެ ޠަބީޢަތް ބަދަލުކުރެއްވި ގޮތަށް ބިމުގެ ޠަބީޢަތް ވެސް މާތްﷲ ބަދަލުކޮށްލެއްވީ އެވެ. މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އާދަތައް ފޫއަޅައިގެން ހިނގައިދާނެ އެވެ. އެކަލާނގެ "ވާށޭ" އެންގެވުމުން ނިމުނީއެވެ. ޠަބީޢީޤާނޫނަށް ޖެހޭނީ ބަދަލުވާށެވެ. އެ ޤާނޫނަށް ޢަމަލުކުރުން އެ ވަގުތަށް ހުއްޓިގެންދާނެ އެވެ.


5- ލޯބީގެ ފިލާވަޅު:

ތިމާގެ ދަރިންނާއި މައިންބަފައިން ދެކެ ލޯބިވާ މިންވަރަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށްދާންދެން އީމާންކަން  ފުރިހަމަނުވާނެކަމަށް ރަސޫލުﷲގެފާނު ޙަދީޘްކުރައްވާފައިވެ އެވެ. އަބޫބަކުރުގެފާނު ހިޖުރައިގެ މި ދަތުރުފުޅުގައި މި ލޯބި، ވަނީ ވަރަށް ފުރިހަމައަށް ދައްކަވާދެއްވައިފަ އެވެ. ހިޖްރައިގެ ދަތުރުފުޅުގެ މިތުރަކަށް ހެއްދެވުމުން އަބޫބަކުރުގެފާނު އުފާފުޅުންގޮސް ކީރިތިކުރެއްވި ގޮތަކީ މި ލޯބި ހާމަކޮށްދިން ކަމެކެވެ. ހޮހަޅަ ތެރޭގައި އަބޫބަކުރުގެފާނުގެ ފައިންޕުޅަށް ވިހަލައި މި ވިހަ އެކަލޭގެފާނުގެ ހަށިކޮޅު ތެރެއަށް ވަދެގެން ދިޔައިރު ކެތްތެރިވެވަޑައިގެންގޮތަކީ މި ލޯބި ހާމަކޮށްދިން ކަމެކެވެ. ރަސޫލުﷲގެފާނުގެ އަމުރުފުޅަށް އެކަލޭގެފާނުގެ ދާންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވި ލެއްޕެވުމަކީ މި ލޯބި ހާމަކޮށްދިން ކަމެކެވެ. މުޝްރިކުންނަށް ވަންހަނާކުރައްވަންވެގެން ރަސޫލާއަށް ފަރިއްކޮޅު ގެންދެވި އިރު އަސްމާގެފާނު، އެކަމަނާގެ ހެދުންކޮޅު ދެފަޅިއަށް ފަޅައިލެއްވި ފަޅައިލެއްވުމަކީ މި ލޯބި ހާމަކޮށްދިން ކަމެކެވެ. އެކަމަނާއަށް މި ޚިދުމަތުގެ ސަބަބުން "ޛާތުއް ނިޠާޤައިނި" ގެ ލަޤަބު ލިބިވަޑައިގަތެވެ. މަދީނާގެ އަންޞާރުން އެ ހޫނުގަދަ ދުވަސްވަރު އެ ގަދަ ރަތްދަކައަވީގައި ލޮބުވެތި ރަސޫލާގެ ޚަބަރެއް ވޭތޯ ކޮންމެ ދުވަހަކު ނުކުތްނުކުތުން ހާމަކޮށްދެނީ މި ލޯބި ނޫންތޯއެވެ؟ ކީރިތިރަސޫލާގެ އަމުރުފުޅުތަކަށް ތަބާނުވެ، އެ ކަލޭގެފާނު ދެކެ ލޯބިވާކަމަށް ބުނާމީހުން މި އަދު ކިހާގިނަތޯއެވެ؟ ހިޖުރައިގެ މި ދަރެހުން އެ މީހުން ޢިބްރަތް ލިބިގަތުމަށް މި އަދު ޢަޒްމު ކަނޑައަޅާނެބާވަ އެވެ!


6- ޤުރްބާންވުމާއި ފިދާވުމުގެ ދަރްސުތައް:

ހިޖްރައިގެ ދަތުރުފުޅަށް ބަލާއިރު އެއީ ކީރިތިރަސޫލާގެ އަޞްޙާބުން އަޅުގަނޑުމެންނަށް ގިނަގުނަ ދަރުސުތަކެއް އުނގަންނާދެއްވާފައިވާ ހާދިސާއެކެވެ. ޢަލީގެފާނާއި އަސްމާގެފާނާއި އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނާއި، އަބޫބަކުރުގެފާނު މިނިވަންކުރެއްވި ޢާމިރު ބިން ފުހައިރާ ގެ ޤުރްބާނީތައް  ތަކުރާރުކުރުމުގެ ބޭނުމެއް ނެތެވެ. މި އަދުގެ ޒުވާނުންގެ ޙާލަކީ ކޮބައިތޯއެވެ؟


7- ރޭވުންތެރިކަމާއި ސަބަބުތަކުގައި ހިފެހެއްޓުން:

ކުރިންވެސް ދެންނެވި ފަދައިން، މަޝްރޫޢެއް ކާމިޔާބުވާނީ ރަނގަޅުރޭވުންތަކެއް އޮވެގެންނެވެ. ރަނގަޅަށް މަޝްރޫޢު ތަންފީޒު ކޮށްގެންނެވެ. ހިޖްރައިގެ ދަތުރުގެ މަޝްރޫޢުގެ މޭސްތެރިއަކީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙައްމަދުގެފާނެވެ. އެހީތެރިއަކީ އަބޫބަކުރުގެފާނެވެ. ފިދާއީ އަކީ ޢަލީގެފާނެވެ. ސަޕްލަޔަރ އަކީ އަސްމާގެފާނެވެ. ޖާސޫސީ އިދާރާ އަކީ ޢަބްދުﷲގެފާނެވެ. ދުޝްމަނުންނަށް އޮޅުވައިލުމުގެ ބައި އަދާކުރެއްވީ ޢާމިރު ބިން ފުހައިރާ އެވެ. އާރުކާޓީ އަކީ ޢަބްދުﷲ ބިން އުރައިޤަޠެވެ. ވަގުތީގޮތުން މަޑުކޮށްލެއްވީ ޘައުރު ފަރުބަދައިގެ ހޮހަޅައިގަ އެވެ. ދަތުރުފުޅު ފެށްޓެވީ 3 ދުވަސް ފަހުންނެވެ. ރާސްތާއަކީ އައްސޭރި މަގެވެ. މިއީ ކީރިތިރަސޫލާގެ ޢަބްޤަރިއްޔަތު ހާމަކޮށްދޭ ކަމެކެވެ. މިއީ އިސްލާމީ އުއްމަތަށް ރޭވުންތެރިކަމަށް ގޮވައިލާ ކަމެކެވެ.


8- ހިޖްރީ ހާދިސާއިން އިސްލާމީ ތާރީޚު ޖަހަން ފެށުން:

މި މުހިއްމު ހާދިސާއިން މުސްލިމުންގެ ތާރީޚު ޖެހުން ފެށްޓެވީ ޢުމަރުގެފާނެވެ. މި ހާދިސާ އަކީ އިސްލާމީ އުއްމަތުގެ ފެށުންކަމުގައިވާތީ އެވެ. އިސްލާމީ އުއްމަތަކީ ވަކި ޝަޚްޞިއްޔަތަކާ ގުޅިފައިނުވާ، އެކަމަކު ﷲއާއި ރަސޫލާގެ ސުންނަތާ ގުޅިފައިވާ އުއްމަތެއްކަން ހާމަކޮށްދެއްވުމަށްޓަކަ އެވެ. ކީރިތިރަސޫލާގެ ޢީދުމީލާދަށް ބަލާއިރު އެއީ ކޮންދުވަހެއްކަމެއް ކަށަވަރެއްނުވެއެވެ. ރަސޫލުﷲގެފާނު ސުވަރުގެ ވަޑައިގެން ދުވަހަށް ބަލާއިރު އެއީ ހިތާމަވެރިދުވަހެކެވެ. މުސްލިމުންގެ ދީނީ ޝަޢީރާތައް ގުޅިފައިވަނީ ހަނދުމަހާކަމުގައިވާތީ އެވެ. އިސްލާމީ ޤައުމުތަކުގައި މި ތާރީޚަށް ޢަމަލުކުރަމުން ދަނިކޮށް އެމީހުންނާ މި ތާރީޚާ ބީރަށްޓެހި ކުރުވީ އިސްތިޢުމާރެވެ. ސަގާފީ ހަނގުރާމައިގެ ރޭވުންތަކެވެ.
----------------
(ނިމުނީ)

މި ލިޔުން:

   ފޮނުއްވުން:   އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
   އަލުންބެލުން:  މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން:  ''               ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ