އަދުގެ ޚާއްސަ

Print

އަސަރުކުރުވަނިވި ތަޤްރީރެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތިމާވެށި

ދުނިޔޭގެ ލީޑަރުންގެ ބަސް ހުއްޓުވާލި ކުޑަކުއްޖެއްގެ ވާހަކަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

(ސިވާރން ކަލިސް ސުޒުކީ އުފަންވީ ކެނެޑާގެ ވެންކޫވާގައި 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާއަކީ ވަރަށް ކުޑައިރު ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތެއް އުފައްދައިގެން މަސައްކަތް ފެށި ކުއްޖެކެވެ. މިކަމުގައި އޭނާޔާ ބައިވެރިވީ އޭނާގެ ރައްޓެހި އެއް ޢުމުރުގެ ކުޑަކުދިންކޮޅެކެވެ. ތިރީގައި މިވަނީ 1992 ވަނަ އަހަރުގެ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ބޭއްވި މަޝްހޫރު “އާރތު ސަމިޓް” ގައި ސިވާރން ދެއްކި ވާހަކައިގެ އަވަސް ތަރުޖަމާއެކެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 13 އަހަރެވެ.)

"ހެލޯ- އަޅުގަނޑަކީ ސިވާރން ސުޒުކީއެވެ. އަޅުގަނޑު މިވާހަކަ ދައްކަނީ އީކޯ ނުވަތަ އެންވައިރަންމަންޓަލް ޗިލްޑްރެންސް އޯގަނައިޒޭޝަންގެ ފަރާތުންނެވެ. އަޅުގަނޑުމެންނަކީ އުމުރުން ބާރަ އަހަރާއި ތޭރަ އަހަރުގެ ކުޑަކުދިންނީމުއެވެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ (ދުނިޔެއަށް) ބަދަލެއް ގެނެވޭތޯއެވެ. (އަޅުގަނޑުމެންނަކީ) ވެނީސާ ސަތީ އާއި މޯރގަން ގައިސްލަރ އާއި މިޝޭލް ގުއޭގާއި އަޅުގަނޑެވެ. މިތަނަށް އަންނަން ޚަރަދު ކުރަން ފައިސާ އެއްކުރީ އަޅުގަނޑުމެން އަމިއްލައަށެވެ. އަޅުގަނޑުމެން ފަސްހާސް މޭލު ދުރުން ދަތުރުކޮށްފައި މިއައީ ތިޔަ ބޮޑެތިބޭފުޅުން އަރިހު، ތިޔަބޭފުޅުން މިހާރު ތިޔަ އުޅުއްވާ ގޮތްކޮޅު ބަދަލު ކުރައްވާށޭ ދަންނަވަން ވެގެންނެވެ.

މިތަނަށް އައުމުގައި އަޅުގަނޑުގެ ފޮރުވިފައިވާ މަގްސަދެއް ނެތެވެ. އަޅުގަނޑު މި ހަނގުރާމަ ކުރަނީ އަޅުގަނޑުގެ ކުރިމަގަށްޓަކައެވެ. އަޅުގަނޑުގެ ކުރިމަގު ގެއްލުމަކީ އިންތިޚާބެއްގައި ނާކާމިޔާބުވުން ކަހަލަ ކަމެއް ނޫނެވެ. ސްޓޮކް މާކެޓުން ދެތިން ޕޮއިންޓް އުނިވުން ކަހަލަ ކަމެއްވެސް ނޫނެވެ. އަޅުގަނޑު މިތަނަށް މިއައީ އަންނާން އޮތް ނަސްލުތަކަށްޓަކައި ވާހަކަ ދައްކާށެވެ. އަޅުގަނޑު މިތަނަށް މިއައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމުގައި ތިބި ކުޑަކުދިންނަށްޓަކައި ވާހަކަ ދައްކާށެވެ. އެކުދިންގެ ރުއިމުގެ އަޑު އެއްވެސް މީހަކު ނާހައެވެ. އަޅުގަނޑު މިތަނަށް އައީ ދުނިޔޭގެ ކަންކޮޅުތަކުގައި މަރުވަމުންދާ ޢަދަދު ނުކުރެވޭ ޖަނަވާރަށްޓަކައި ވާހަކަ ދައްކާށެވެ. އެސޮރުމެން މަރުވަމުން ދަނީ ދާނެ ތަނެއް (ޖަންގައްޔެއް) ނެތުމުގެ ސަބަބުންނެވެ. އަޅުގަނޑު މިހާރު އަތްވަށް ނުކުންނަން ބިރުގަނެއެވެ. އެއީ އޯޒޯންގައި ލޯވަޅު ހުންނާތީ ގަންނަ ބިރެކެވެ. (ދުނިޔޭގެ) ވައިގެ ތެރެއަށް ނޭވާލާން އަޅުގަނޑު ބިރުގަނެއެވެ. އެއީ އެ ވައިގެ ތެރޭގައި ހުރީ ކޮން ކަހަލަ ވިހައެއް (ކެމިކަލެއް) ކަން އަޅުގަނޑަށް ނޭނގޭތީއެވެ. އަޅުގަނޑުގެ ރަށް، ވެންކޫވާރ ގައި ބައްޕަޔާއެކު އަޅުގަނޑު މަސްބާނަން ދަމެވެ. ދާދި ފަހުން އަޅުގަނޑުމެން ބޭނި މަހެއްގެ ހަށިގަނޑުން ވިހައިގެ އަސަރު ފެނުނުފަހުން އަޅުގަނޑުމެން މަސް ބާނާކަށް ނުދަމެވެ. މިހާރު ކޮންމެ ދުވަހަކުމެ، އަޅުގަނޑުމެންނަށް މިއިވެނީ ގަސްގަހާއި ޖަނަވާރު މަދުވަމުންގޮސް މުޅިން ހުސްވެދާނެ ވާހަކައެވެ. ޖަނަވާރުގެ ބޮޑެތި ބައިގަނޑުގަނޑުގެ ތެރޭގައި އުޅުމުގެ ހުވަފެން އަޅުގަނޑު ދެކެމެވެ. ދޫންޏާއި ކޮކާލުން ފުރިފައިވާ ޖަންގަލިތަކުގައި އުޅުމުގެ ހުވަފެން ދެކެމެވެ. އެކަމަކު މިހާރު އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑުގެ ދަރިންނަށް އެ ތަކެތި ފެންނާނެ ބާވައެވެ؟

ތިޔަބޭފުޅުންނަށް އަޅުގަނޑުގެ އުމުރުގައި މިފަދަ ކަންތައްތަކާމެދު ފިކުރުފުޅު ކުރައްވަން ޖެހިވަޑައިގަތްތޯއެވެ؟ މިހުރިހައި ކަމެއް ހިނގަމުން މިދަނީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައެވެ. އެކަމަކު އަޅުގަނޑުމެންގެ ޢަމަލުތައް ހުނަން ގޮތުން ހީވަނީ އަޅުގަނޑުމެން ބޭނުންވާހައި ގިނަ ވަގުތު ލިބިފައި އެބައޮތް ކަމަށް ހީކުރެވޭ ހެންނެވެ. އަދި މިކަމުގެ ހައްލުތައްވެސް (ފަސޭހައިން ބޭނުންކުރެވޭފަދަ ގޮތަކަށް) ލިބިފައި އެބަހުރި ކަމަށް ގަބޫލު ކުރެވޭ ހެންނެވެ. އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. އަޅުގަނޑުގެ އަތަކު ޙައްލެއް ނެތެވެ. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންނަށް މިހެން ދަންނަވާށެވެ. ތިޔަބޭފުޅުންގެ އަތްޕުޅަކުވެސް ޙައްލެއް ނެތެވެ. އަޅުގަނޑުމެންގެ އޯޒޯން ފަށަލައިގައި އެހެރް ލޯވަޅުތައް ބައްދާކަށް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެއެވެ. ބޮޑެތި ކަނޑުތަކުން ބޮޑެތި މަސް ދިރުވައި ނެރޭނެ ގޮތެއް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެއެވެ. މިހާރު ފަނާވެގެން ގޮސްފައިވާ ޖަނަވާރު އަލުން ދުނިޔެއަށް ގެންނާނެ ގޮތެއް ތިޔަބޭފުޅުންނަކަށް އެނގިވަޑައެއް ނުގަނެއެވެ. އެއްދުވަސްވަރެއްގައި ބޯކޮށް ހެދިފައި ހުރި އަދި މިހާރު ހަނަފަސް ސަހަރާތަކަށް ވެފައިވާ ޖަންގަލިތައް އަލުން ދިރުވުމަކީ ތިޔަބޭފުޅުންނަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ. މިއިން އެއްވެސް ކަމެއް މަރާމާތު ކުރަން ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނަމަ ހަލާކުވެސް ނުކުރައްވާށެވެ.

މިތާނގައި ތިޔަބޭފުޅުންނަކީ ތިޔަބޭފުޅުންގެ ސަރުކާރުގެ މަންދޫބުންނެވެ. ވިޔަފާރިވެރިންނެވެ. ހިންގުންތެރިންނެވެ. ރިޕޯޓަރުންނެވެ. ސިޔާސަތުދާނުންނެވެ. އެކަމަކު ތިޔައިން ކޮންމެ ބޭފުޅަކީ ބައްޕައެކެވެ. މަންމައެކެވެ. ދައްތައެކެވެ. ބޭބެއެކެވެ. ކޮއްކޮއެކެވެ. ބޮޑުދައިތައެކެވެ. ބޮޑުބޭބެއެކެވެ. އަދި ތިޔައިން ކޮންމެ ބޭފުޅަކީ ކޮންމެވެސް މީހެއްގެ ދަރިއެކެވެ. އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. އެކަމަކު އަޅުގަނޑުމެން އެންމެންނަކީ އެއް ޢާއިލާއެއްކަން އަޅުގަނޑަށް އެނގެއެވެ. (އަޅުގަނޑުމެންނަކީ) ފަސް ބިލިއަން މީހުންގެ ޢާއިލާއެކެވެ. އަދި ތިރީސްމިލިއަން ބާވަތުގެ ޖަނަވާރުގެ ޢާއިލާއެކެވެ. ވޯޓުދޭ މީހުންނާއި ސަރުކާރުތަކަކުން މި ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނެއެވެ. އަޅުގަނޑަކީ ކުޑަކުއްޖަކީމެވެ. އެކަމަކު މި މައްސަލައިގައި އަޅުގަނޑުމެން އެންމެން މިތިބީ އެއް ޙާލަތެއްގައިކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން ޖެހެނީ އެއް ދުނިޔެއެއްގެ ގޮތުގައި އެއް އަމާޒަކަށެވެ.

ރުޅި އައުމަކުން އަޅުގަނޑު ކަނެއް ނުވެއެވެ. ބިރު ގަތަސް، އަޅުގަނޑުގެ ޝޫޢޫރު ދުނިޔެއަށް ހާމަ ކުރާކަށް ޖެހިލުމެއް ނުވެއެވެ. އަޅުގަނޑުގެ ގައުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްރާފު ކުރަމެވެ. އަޅުގަނޑުމެން (އެއްޗެތި) ގަނެފައި އުކަނީއެވެ. ގަނެފައި އުކަނީއެވެ. ގަނެފައި އުކަނީއެވެ. އެކަމަކު ބޭނުން ޖެހިފައިވާ ގައުމުތަކަށް ދޭކަށް ޚިޔާލެއް ނުކުރަމެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް އަޅުގަނޑުމެންގެ އަތުގައިހުންނަ އިރުވެސް (އެހެން ބަޔަކާއެކު) ޙިއްޞާކުރަން އަޅުގަނޑުމެން ޖެހިލުންވެއެވެ. އަޅުގަނޑުމެންގެ މުއްސަނދިކަމުން ބައެއް ދޫކޮށްލަން އަޅުގަނޑުމެން ބިރުގަނެއެވެ. ކެނެޑާގައި އަޅުގަނޑުމެން އުޅެނީ މުއްސަނދި ދިރިއުޅުމެކެވެ. އަޅުގަނޑުމެންގެ އަތުގައި ކާނާއާއި ފެނާއި ހިޔާވަހިކަން އެބަހުއްޓެވެ. އަޅުގަނޑުމެންގެ އަތުގައި އަތުކުރީގަޑި އެބަހުއްޓެވެ. ބައިސްކަލު އެބަހުއްޓެވެ. ކޮމްޕިއުޓަރު އެބަހުއްޓެވެ. ޓީވީ އެބަހުއްޓެވެ. ދެ ދުވަސްވާންދެން ކިޔަސް މި ލިސްޓެއް ނުނިމޭނެއެވެ.

މީގެ ދެ ދުވަސް ކުރިން މިރަށުގައި، ބްރެޒީލްގައި، މަގުމަތީގައި ދިރިއުޅޭ ކުދިންކޮޅަކާއެކު އަޅުގަނޑުމެން ވަގުތުކޮޅެއް ހޭދަ ކޮށްލީމެވެ. އެ ވަގުތުކޮޅު ވެގެން ދިޔައީ އަޅުގަނޑުމެން ޙައިރާންކޮށްލުވި ވަގުތުކޮޅަކަށެވެ. އެތަނުން އެއް ކުއްޖަކު އަޅުގަނޑުމެން ގާތު ބުންޏެވެ. "އަހަރެން މިއީ މުއްސަންޖެއް ނަމަ ހާދަހާ ރަނގަޅެވެ. އެހެންވީނަމަ މަގުމަތީގައި މިއުޅޭ ހުރިހައި ކުދިންނަށް އަހަރެން ހިލޭ ކާން ދިނީމުހެވެ. ހިލޭ އަންނައުނު ދިނީމުހެވެ. ހިލޭ ބޭސްކޮށްދިނީމުހެވެ. ހިލޭ ހިޔާވަހިކަން ހޯދައިދިނީމުހެވެ. ލޯތްބާއި އަޅާލުން ދިނީމުހެވެ." އަތުގައި އެއްވެސް އެއްޗެެއް ނެތި، މަގުމަތީގައި އުޅޭ ފަގީރު ކުއްޖަކު އޭނާއަށް ލިބޭ އެއްޗެއް އެހެން މީހުނާ ޙިއްސާ ކުރަން ތައްޔާރަށް ހުންނައިރު، އަޅުގަނޑުމެން ހުރިހައި ކަމެއް ފުރިހަމަ ވެފައި ތިބި ބަޔަކި މިހައި ދަހިވަނީ ކީއްވެގެންތޯއެވެ؟

އެ ކުދިންނަކީ އަޅުގަނޑާ އެއް އުމުރުގެ ކުދިންނެވެ. އުފަންވާ ތަނުގެ ގޮތުން މިއަންނަނީ ހައިރާން ވާފަދަ ބޮޑު ބަދަލެކެވެ. ރިއޯގެ ފަވެލާ ގައި އެ އުޅޭ ކުދިން ފަދަ ކުއްޖަކަށް އަޅުގަނޑު ވެދާނެއޭ ވަރަށް ގިނައިން ހިތަށް އަރައެވެ. ސޮމާލިއާގައި ބަނޑުހައިހޫނުކަމުގައި ތިބޭ ކުދިންގެ ތެރެއިން ކުއްޖަކަށް އަޅުގަނޑު ވެދާނެއޭ ހިތަށް އަރައެވެ. ނުވަތަ މެދުއިރުމަތީގައި ހަނގުރާމައިގެ ޝިކާރައަކަށް ވާ ކުޑަކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނިދާނެއޭ ހިތަށް އަރައެވެ. ނުވަތަ އިންޑިއާގެ މަގުމަތީގައި ސަލާން ޖަހަން އުޅޭ ކުދިންގެ ތެރެއިން ކުއްޖަކަށް ވެދާނެއޭވެސް ހިތަށް އަރައެެވެ. އަޅުގަނޑަކީ ކުޑަ ކުއްޖަކީމެވެ. އެހެންނަމަވެސް ހަނގުރާމައަށް ހޭދަކުރަމުންދާ ފައިސާ ތިމާވެށީގެ މައްސަލަތައް ޙައްލު ކުރަން ނުވަތަ ދުނިޔެއިން ފަގީރުކަން ނައްތާލަން ޚަރަދު ކުރާނަމަ ދުނިޔެ ވަރަށް ފުރިހަމަ ތަނަކަށް ވެގެންދާނެކަން އަޅުގަނޑަށް އެނގެއެވެ. ސްކޫލުގައި، އެންމެ ތުއްތު ކުދިންގެ ކުލާހުން ފެށިގެން ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ދަސްކޮށް ދެއްވަނީ ދުނިޔޭގައި ރީތި ސުލޫކެއް ހިފަހައްޓާނެ ގޮތެވެ. އެހެންމީހުނާ އަރައިރުންވެ ތަޅާފޮޅާ ނުހަދަން ދަސްކޮށް ދެއްވަމުއެވެ. މައްސަލަތައް ޙައްލުކުރަން ދަސްކޮށް ދެއްވަމުއެވެ. އެހެން މީހުނަށް ގަދަރު ކުރަން ދަސްކޮށް ދެއްވަމުއެވެ. އަޅުގަނޑުމެން ހަޑިކުރާ ތަންތަން ސާފު ކުރަން ދަސްކޮށް ދެއްވަމުއެވެ. އެހެނިހެން މަޚްލޫޤުންނަށް ހާނީއްކަ ނުކުރަން ދަސްކޮށް ދެއްވަމުއެވެ. ދަހި ނުވެ، އެހެން މީހުންނަށް ދީގެން ދިރިއުޅެން ދަސްކޮށް ދެއްވަމުއެވެ. މިހެން ހައްދަވާފައި ނުކުރަން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާ ކަންތައްތައް ތިޔަ ބޭފުޅުން ކުރައްވަނީ ކީއްވެގެންތޯއެވެ؟

މި ކޮންފަރެންސަށް ތިޔަ ބޭފުޅުން ވަޑައިގަތް މަޤްޞަދާއި ތިޔަ ބޭފުޅުން މިތަނަށް ވަޑައިގަތީ ކޮން ބަޔަކަށްޓަކައިކަން ހަނދުމަފުޅު ނައްތަވައިނުލައްވާށެވެ. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ ދަރިންނެވެ. އަޅުގަނޑުމެން ބޮޑެތިވެގެން އަންނާނީ ކޮން ކަހަލަ ދުނިޔެއެއްގައިކަން ކަނޑައަޅުއްވަނީ ތިޔަ ބޭފުޅުންނެވެ. މައިންބަފައިން ވާން ޖެހެނީ “ހުރިހައި ކަމެއް ރަނގަޅު ވެދާނެއޭ، މިއީ ދުނިޔޭގެ ނިމުމެއް ނޫނޭ، އަހަރެމެންނަށް ކުރެވެން އޮތް ހުރިހައި ކަމެއް މިދަނީ ކުރަމުންނޭ” ބުނެ ދަރިންގެ ހިތްހަމަ ޖައްސައިދެވޭ ބަޔަކަށެވެ. އެކަމަކު މިހާރު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ގާތު އެހެން ވިދާޅުވެވޭނޭ ހެންނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ. ތިޔަބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ލިސްޓުގައި އަޅުގަނޑުމެން ހިމެނޭތޯއެވެ؟ އަޅުގަނޑުގެ ބައްޕަ އަބަދުވެސް ބުނުއްވައެވެ.  "ކަލެއަކީ ކަލޭ ދައްކާ ވާހަކައެއް ނޫނެވެ. ކަލޭ ކުރާ ކަންތަކެވެ." ތިޔަބޭފުޅުން ކުރައްވާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑު ރޭގަނޑު ރޮމެވެ. ތިޔަ ބޮޑެތި ބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެންގެ ދެކެ ލޯބިފުޅުވާ ކަމަށެވެ. ތިޔަބޭފުޅުން ތިޔަ ވިދާޅުވާ އެއްޗެއް ނިކަން ތިޔަބޭފުޅުންގެ ޢަމަލުފުޅުން ދައްކަވަބައްލަވާށެވެ. ޝުކުރިއްޔާ."

(ސެވާރންގެ ވާހަކަކޮޅު ނިންމާލީމާ އަޑުއައްސަވަން ތިއްބެވި ބޭފުޅުންނަކަށް ވިދާޅުވާނޭ އެއްޗެއް އެނގިވަޑައެއް ނުގަތެވެ. ބައެއް ބޭފުޅުންގެ ލޯފުޅުން ކަރުނަ އޮހުނެވެ. ބައެއް ބޭފުޅުން ތިއްބެވީ ލަދުފުޅުން އިސް ޖައްސަވައިގެންނެވެ. ބައެއް ބޭފުޅުން އެއްބަސްވެވަޑައިގަތުމުގެ ގޮތުން އިސްތަށިފުޅު ޖައްސަވައިލެއްވިއެވެ. މި މަންޒަރު ބައްލަވައިލައްވާން ބޭނުންފުޅު ނަމަ މި ލިންކުން ބައްލަވައި ލައްވާށެވެ.



----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ