އަދުގެ ޚާއްސަ

Print

މުސްލިމުންނަކީ ފަންޑަމެންޓަލް ބައެކެވެ.

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މުސްލިމުންނަކީ ފަންޑަމެންޓަލް ބައެކެވެ. ޓެރަރިސްޓް ބައެކެވެ.


ސުވާލު:    ގިނަ މުސްލިމުންނަކީ ފަންޑަމެންޓަލް އަދި ޓެރަރިސްޓް ބަޔަކަށްވަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު:    މި ސުވާލަކީ، ބައިނަލްއަޤްވާމީ ޙާލަތާ ބެހޭގޮތުން ބަޙްޘުކޮށް ވާހަކަ ދައްކާއިރު، ސީދާގޮތުންނާއި ނުސީދާގޮތުން ވަރަށް ގިނަފަހަރަށް ކުރެވޭ ސުވާލެކެވެ. މުސްލިމުންނާ ބެހޭގޮތުން އުފައްދައިފައިވާ މި ވިސްނުން ޢާއްމުކޮށް ފެތުރުމުގައި މީޑިޔާއިން ވަނީ ހުރިހާ ގޮތަކުންވެސް އޭގެ ދައުރު އަދާކޮށްފައެވެ. އިސްލާމްދީނާއި މުސްލިމުންނާ ބެހޭގޮތުން ވަރަށް ވަރުގަދަ ކުށްހީތަކެއް ފަތުރައިފައެވެ. މުސްލިމުންނަކީ ހައްދުފަހަނަޅައިފައިވާ ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ހުށަހަޅައިފައެވެ. މިބާވަތުގެ ދޮގުވާހަކަތަކާއި، ޙަޤީޤަތާ ޚިލާފު އަޑު އެރުވުމުގެ މައްޗަށް ބިނާވެގެން، މުސްލިމުންނާމެދު ތަޢައްޞުބާއި ތަފާތުކުރުމުގެ ޖައްވެއް އުފެދެމުންދެއެވެ. މުސްލިމުންނާ ދެކޮޅަށް، ބާރުގެ ބޭނުންކުރުމަށް މަގުފަހިވެއެވެ. މީގެ އެއް މިސާލަކީ، އެމެރިކާގެ އޮކްލޮހަމާގައި ހިނގި ބޮމުގެ ޙާދިޘާއެވެ. އެ ޙާދިޘާއާ ގުޅިގެން މީޑިޔާއިން ވަގުތުން އިޢުލާނުކުރީ، އެ މައްސަލައާ މެދުއިރުމަތީގެ ނުބައި ރޭވުމަކާ ގުޅިފައިވާ ކަމުގައެވެ. ނަމަވެސް، އެންމެފަހުން ޙަޤީޤަތް އެނގުނުއިރު، އެކަންކުރި މުޖްރިމަކީ އެހެން ޤައުމެއްގެ މީހެއް ނޫނެވެ. އެކަންކުރީ ޚުދު އެމެރިކާގެ ހަތިޔާރުއެޅި ލަޝްކަރާ ގުޅިފައިވާ މީހެކެވެ. އެމެރިކާގެ ސިފައިންގެ މީހެކެވެ.

(1)    އުޞޫލުގައި ހިފަހައްޓާ މީހާ (Fundamentalist)

ފަންޑަމެންޓަލިސްޓެކޭ ކިޔެނީ، ވަކި ޢަޤީދާއެއް ނުވަތަ ވަކި އުޞޫލެއް ވަރުގަދަޔަށް ޤަބޫލުކުރާ އަދި އޭގެ އަސާސީ އުނގަންނައިދިނުން ތަކަށް ފުރިހަމަޔަށް ޢަމަލުކުރާ މީހާއަށެވެ. ރަނގަޅު ޑޮކްޓަރަކަށް ވުމަށްޓަކައި މީހަކަށް ބޭނުންވަނީ މެޑިސިންގެ އަސާސީ ބައިތައް އޮޅުންފިލުވައި، އެއަށް ޢަމަލުކުރުމެވެ. އެގޮތަށް ކަންތައް ކުރުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އޭނާއަކީ މެޑިސިންގެ ދާއިރާގައި ފަންޑަމެންޓަލިސްޓަކަށް ވާންޖެހޭނެއެވެ. ހަމައެފަދައިން، މެތަމެޓިކްސްގެ މާހިރަކަށް ވުމަށްޓަކައި ބޭނުންވަނީ، ހިސާބު ޢިލްމުގެ މައިގަނޑު ކަންތައް ދެނެގަތުމެވެ. އެއަށް ތަބާވުމެވެ. އޭގެ ބޭނުންކުރުމެވެ. އާދެ، އޭނާއަކީ މެތަމެޓިކްސްގެ މައިދާނުގައި އުޞޫލުގައި ހިފަހައްޓާ މީހަކަށް ވާންޖެހޭނެއެވެ. ހަމައެފަދައިން މީހަކު ރަނގަޅު ސައިންސްވެރިޔަކަށްވާން ބޭނުންކަމުގައިވާނަމަ، އޭނާއަށް ލާޒިމުވާނީ، ސައިންސުގެ އަސާސީ އުޞޫލުތައް އުނގެނުމެވެ. އެއަށް ތަބާވެ، އެއަށް ޢަމަލުކުރުމެވެ. މާނައަކީ، އޭނާއަކީ ސައިންސުގެ މައިދާނުގެ ފަންޑަމެންޓަލިސްޓަކަށް ވާންޖެހޭނެއެވެ.

(2)    ހުރިހާ ފަންޑަމެންޓަލިސްޓުންނަކީ އެއްކަހަލަ ބައެއް ނޫނެވެ.

އުޞޫލުގައި ހިފަހައްޓާ އެންމެންގެ ގައިގައި އެއްކުލަޔަކުން ކުލައެއް ނުޖެއްސޭނެއެވެ. އަދި އުޞޫލުގައި ހިފަހައްޓާ އެންމެންނަކީ ރަނގަޅު ނުވަތަ ނުބައިކަމުގެ ގޮތުން އެއްކަހަލަ ބަޔަކަށެއްވެސް ނުވާނެއެވެ. މީހުން ބައިބަޔަށް ބެހޭނީ، އުޞޫލުގައި ހިފަހައްޓާ މީހެކޭ އަޅުގަނޑުމެން ބުނާ މީހާއަކީ ކޮން ރޮނގެއްގެ މީހެއްތޯ ބަލައިގެންނެވެ. އޭނާގެ މަސައްކަތަކީ ކޮބައިތޯ ބަލައިގެންނެވެ. އެމީހެއްގެ ގޮތުގައި ހިފަހައްޓާ ވަގަކީ، ނުވަތަ ފޭރޭ މީހަކީ މުޖްތަމަޢަށް ގެއްލުންހުރި މީހެކެވެ. އެހެންކަމުން، މީހުންގެ ކުރިމަތީގައި އޭނާ ވާނީ ނުރުހެވޭ މީހަކަށެވެ. އަނެއްކޮޅުން އުޞޫލުގައި ހިފަހައްޓާ ޑޮކްޓަރަކީ، މުޖްތަމަޢަށް ފައިދާކޮށްދޭ މީހެކެވެ. އެހެންކަމުން، އޭނާ ވާނީ މީހުން ފިކުރާވާ މީހަކަށެވެ. އިޙްތިރާމްކުރުން ނުހަނު ޙައްޤު މީހަކަށެވެ.

(3)    އުޞޫލުގައި ހިފަހައްޓާ މީހަކަށްވުމަކީ ކޮންމެ މުސްލިމަކު ފަޚުރުވެރިވާންޖެހޭ ކަމެކެވެ.

އަޅުގަނޑަކީ އުޞޫލުގައި ހިފަހައްޓާ މުސްލިމަކީމެވެ. ފަންޑަމެންޓަލިސްޓް މުސްލިމަކީމެވެ. މާތް اللّه ގެ ރަޙްމަތްވަންތަކަމާއި އޯގާވަންތަކަމުން، އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާއި އަސާސީ ޤާނޫނުތައް އަޅުގަނޑު ދަންނަމެވެ. އެކަންކަމަށް ތަބާވަމެވެ. އެކަންތައްތަކަށް ޢަމަލީސިފަ ގެނެވޭތޯ މަސައްކަތް ކުރަމެވެ. ޙަޤީޤީ މުސްލިމަކު ފަންޑަމެންޓަލިސްޓަކަށް ވާކަށެއް ޖެހިލުމެއް ނުވާނެއެވެ. ފަންޑަމެންޓަލް މުސްލިމަކަށްވާތީ އަޅުގަނޑު ފަޚުރުވެރިވަމެވެ. އެހެނީ، އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާއި އަސާސީ ޤާނޫނުތަކަކީ އިންސާނިއްޔަތަށާއި މުޅި ދުނިޔެއަށްހުރި ރަޙްމަތެއްކަން އަޅުގަނޑަށް ޔަޤީނެވެ. އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކުގައި އިންސާނީ ނައުޢަށް ގެއްލުންހުރި އެއްވެސްކަމެއް ހިމެނިފައެއް ނުވެއެވެ. ބައެއްމީހުން ވަނީ އިސްލާމްދީނާމެދު ކުށްހީތަކުގެ ޝިކާރަޔަކަށް ވެފައެވެ. އިސްލާމްދީން އުނގަންނައިދޭ ކަންތައްތަކަކީ މުނާސަބު ނޫން ކަންތައްތަކެއް ކަމުގައި އެފަދަ މީހުން ދެކެއެވެ. ސަބަބަކީ، އެފަދަ މީހުންނަށް އިސްލާމްދީނާމެދު ރަނގަޅު މަޢުލޫމާތު ފުދޭވަރަށް ލިބިފައި ނެތުމެވެ. އިސްލާމްދީނުގެ އުނގަންނައިދެއްވުން ތަކާމެދު ހުޅުވިފައިވާ ސިކުނޑިޔަކުން ފާޑުކިޔުމުގެ ނަޒަރެއް ހިންގައިލި ކޮންމެ މީހަކު ޤަބޫލުކުރަން މަޖްބޫރުވާނެ ޙަޤީޤަތެކެވެ. އިސްލާމްދީނަކީ ފަރުދީގޮތުން ބެލިކަމުގައިވިޔަސް، އިޖްތިމާޢީގޮތުން ވިސްނިކަމުގައިވިޔަސް، އިންސާނިއްޔަތަށް ހިސާބެއްނެތްހައި ގިނަ ފައިދާތަކެއް އެކުލެވިފައިވާ ނިޒާމެކެވެ.

(4)    އުޞޫލުގައި ހިފަހައްޓާ މީހާގެ ބަހަވީ މާނަ

ވެބްސްޓަރސް ޑިކްޝަނަރީ (Webster’s Dictionary) ގައިވާގޮތުން، (ކުރީގެ އެޑިޝަނެއް) އުޞޫލުގައި ހިފެހެއްޓުމަކީ Fundamentalism) އަކީ)، އެމެރިކާގެ ޕްރޮޓެސްޓެންޓުންގެ ޙަރަކާތެއްގެ ގޮތުގައި، ވިހިވަނަ ސައްތައިގައި އުފެދިގެންއައި ކަމެކެވެ. މޮޑަނިޒަމްގެ ރައްދު ޢަމަލެއްގެ ގޮތުން އުފެދުނު ކަމެކެވެ. އެ ޙަރަކާތުން ބާރުއަޅަނީ، ބައިބްލްގައިވާ ޢަޤީދާތަކާއި އަޚްލާޤިއްޔާތުގެ ފިލާވަޅުތަކުގެ އިތުރަށް، އެފޮތަކީ އަކުރުތަކާއި ލަފުޒުތަކުގެ ފެންވަރުގައިވެސް ތާރީޚީ ރެކޯޑެއްގެ ޙައިޘިއްޔަތުން ކުށުން ހުސްވެގެންވާ ފޮތެއް ކަމަށެވެ. އެ ޙަރަކާތުން މީހުންގެ ކުރިމައްޗަށް ވަރުގަދަޔަށް ހުށަހަޅަނީ، ބައިބްލަކީ ލަފުޒުތަކުގެ ގޮތުންވެސް އިލާހީ ކަލާމްފުޅުގެ މަޖްމޫޢާއެއް ކަމުގައެވެ. މިގޮތުން ބަލާއިރު ފަންޑަމެންޓަލިޒަމަކީ އެންމެ ފުރަތަމަކޮޅުގައި، އިސްވެދެންނެވި ކްރިސްޓިއަން ޖަމާޢަތާމެދު ބޭނުންކުރެވުނު ލަފުޒެކެވެ. އެ ޖަމާޢަތުގެ ޢަޤީދާ ބުނާގޮތުން، ބައިބްލަކީ އެއްވެސް އުނިކަމެއް އައިސްފައިނުވާ، އެއްވެސް ޝައްކެއްނެތް އިލާހީ ބަސްފުޅުތަކެވެ.

    އޮކްސްފޯޑް ޑިކްޝަނަރީގައިވާގޮތުން، އުޞޫލުގައި ހިފެހެއްޓުމަކީ (ފަންޑަމެންޓަލިޒަމަކީ) ކޮންމެ ދީނެއްގެވެސް ޚާއްޞަކޮށް އިސްލާމްދީނުގެ އެންމެކުރީގެ އަދި އަސާސީ އުޞޫލުތަކަށް ވަރުގަދަޔަށް ޢަމަލުކުރުމެވެ.

ކަން މިހެން ހުރުމާއެކުވެސް، މިޒަމާނުގައި މީހަކު އުޞޫލުގައި ހިފަހައްޓާ (ފަންޑަމެންޓަލިސްޓް) މި ލަފުޒު ބޭނުންކޮށްފިނަމަ، އަޑުއަހާ މީހެއްގެ ހިތަށް ކުއްލިޔަކަށް އަންނަނީ، ޓެރަރިސްޓް ނުވަތަ ބާރުގެ ބޭނުންކޮށްގެން ބިރުވެރިކަން ފަތުރާ މުސްލިމެއްގެ ތަޞައްވުރެވެ.

(5)    އެކަކު ކުރާ އެއްކަމަކަށް ތަފާތު ދެ ލަޤަބު – [ޓެރަރިސްޓެއް] – [ޤައުމުދެކެ ލޯބިވާ މީހެއް]

އިންޑިޔާއަށް މިނިވަންކަން ލިބުމުގެކުރިން، މިނިވަންކަމަށްޓަކައި ޖިހާދުކުރި މުޖާހިދުންގެ ތެރެއިން މަޑުމައިތިރިކަން ނުދައްކާ ކޮންމެ މީހަކާމެދު އިނގިރޭސި ސަރުކާރުން ބަލައި އުޅެނީ، ޓެރަރިސްޓެއް (ބާރުގެ ބޭނުންކޮށްގެން ބިރުވެރިކަން ފަތުރާ މީހެއް) ކަމުގައެވެ. ނަމަވެސް، އެފަދަ މީހުންނަށް އިންޑިޔާގެ ރައްޔިތުން ކުރީ ތާރީފެވެ. އިންޑިޔާގެ ރައްޔިތުން އެމީހުންނަށް ނަންދެނީ، މުޙިއްބުލްވަޠަނުގެ ނަމުންނެވެ. މިގޮތުން އެކަކު ކުރާ އެއްކަމަކަށް، ތަފާތު ދެ ލަޤަބު ވަނީ ދެވިފައެވެ.

އިނގިރޭސީން އިންޑިޔާގެ މައްޗަށް ވެރިކަން ކުރުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ދެކޭމީހުންނަށް، އިންޑިޔާ މީހުންދީ އުޅެނީ، ޓެރަރިސްޓުންގެ ނަމެވެ. އަނެއްކޮޅުން އިންޑިޔާގެ މައްޗަށް ވެރިކަންކުރުމުގެ ޙައްޤު އިނގިރޭސީންނަށް ލިބިގެން ނުވާކަމަށް ދެކޭމީހުންނަށް އިންޑިޔާ މީހުންނަށް ދެނީ ޤައުމުދެކެ ލޯބިވާ، މިނިވަންކަމުގެ މުޖާހިދުންގެ ނަމެވެ.

އެހެންކަމުން، މީހާއާމެދު ރަނގަޅު ނިޔާއެއް ކަނޑައެޅުމަށްޓަކައި، އެމީހަކު އެކުރާ ކަމެއް ރަނގަޅަށް ވަޒަންކުރަން ޖެހޭނެއެވެ. އެމީހެއްގެ ވާހަކަ ރަނގަޅަށް ކަނުލައި އަހަންޖެހޭނެއެވެ. ދެފަރާތުގެ ދަލީލުތައް އަޑުއަހަންވާނެއެވެ. އެމީހަކަށް މެދުވެރިވެފައިއޮތް ޙާލަތެއް، ދިރާސާކުރަންވާނެއެވެ. ހަމައެފަދައިން އެމީހެއްގެ ޤަޞްދާއި، އެމީހެއްގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ ސަބަބުތަކާއި، ކީއްވެގެން ކުރާ ކަމެއްކަންވެސް، ތިމާގެ ސަމާލުކަމުގައި ބާއްވަންވާނެއެވެ. އެމީހަކާމެދު ރަނގަޅު ނިޔާއެއް ކަނޑައެޅޭނީ، މިހުރިހާ ކަމެއްގެ އަލީގައެވެ.
----------------
(ނިމުނީ)

ނޯޓު: މިއީ ޑރ. ޒާކިރު ނާއިކު ގެ ތަޤުރީރުތަކެއް ތަރުޖަމާ ކުރައްވައި، އޭގެ މައްޗަށް އަލްފާޟިލް އަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ފޮތެއްގައި އޮތް މަޒުމޫނެކެވެ. ޗާޕުވެގެން ނުކުތް ފޮތުގައި ވަރަށް ރަނގަޅަށް ހަވާލާ ދެއްވާފައިވެ އެވެ. އަޅުގަނޑުމެންނަށް މި ލިޔުން ލިބުނީ ފޮތް ލިޔުއްވަމުން ގެންދެވި ދުވަސްވަރުގައި ކަމަށްވީތީ، ފޮނުއްވި ސޮފްޓުގައި ތަފުސީލީ ރިފަރެންސް ހިމެނުއްވިފައެއް ނެތެވެ.
                                - ފަންވަތް -

މި ލިޔުން؛

 ފޮނުއްވުން:    އަލްފާޟިލް
ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
 އަލުންބެލުން:   އަޙުމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
 ޝާއިޢު ކުރުން:   ''           ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ