އަދުގެ ޚާއްސަ

Print

ލޯބީގެ އާދަޔާ ޚިލާފު ނަމޫނާއެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އެއީ ލޯބީގެ ލާމަސީލު ބިނާ އެކެވެ. އެއީ ޝާހް ޖަހާން އޭނާގެ ލޯބިފުޅުވާ އަނބިކަނބަލުން މުމްތާޒް ބޭގަމް ގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ. އެއީ ދުނިޔޭގެ ހަތް ޢަޖާއިބުން އެއް ޢަޖާއިބެވެ. އެއީ ލޯބިވެރިންނާއި ޅެންވެރިން އެ މީހުން ޚިޔާލުތަކާއި ހުވަފެންތަކުގައި ގޮސް އުޅޭ މަޝްހޫރު ތަނެކެވެ. އާދެ، އެއީ އިންޑިއާގެ އާގްރާގައި ހުންނަ މަޝްހޫރު ތާޖް މަހަލެވެ.

ތާޖް މަހަލަކީ އިންޑިއާ އަށް އަންނަ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ތަނެވެ. އެ ތަނަށް އަހަރަކު 20 ލައްކަ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. މީގެ ތެރޭގައި އިންޑިއާގެ އެހެން ސްޓޭޓް ތަކުން އަންނަ މީސް މީހުން ވެސް ހިމެނެ އެވެ.

ތާޖް މަހަލް ގެ ވާހަކަ އިވުނީމާ ހިތަށް އަންނަނީ އާދަޔާ ޚިލާފު ލޯބީގެ ވާހަކަ އެކެވެ. އެހެން ނަމަވެސް އެ ކަންތައްތައް ހިނގި ގޮތް ބައެއް މީހުންނަކަށް ރަނގަޅަކަށް ނޭނގެ އެވެ. ޓިމޭރީ އެން. މުރާރީ އަކީ ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ލިޔުނު ވާހަކަ އަކަށް ތާޖް މަހަލާ ބެހޭ މަޢުލޫމާތު ލިބޭތޯ އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ލިބުނުހައިވެސް މަޢުލޫމާތަކީ "ޝާހްޖަހާން ނާމާ" އޭ ކިޔުނު ލިޔުމެއްގައި އޮތް އެންމެ ޖުމްލަ އެކެވެ. އެ ޖުމްލަ އަކީ "ވަލީ ޢަހްދު ވަޑައިގަންނަވާ ކޮންމެ ތަނަކަށް އެ މަނިކުފާނުގެ އަރިހުގައި ބޭގަމް އަރްޖުމަންދް ވަޑައިގަންނަވަ އެވެ." މީގެ އިތުރަކަށް އެއްވެސް މަޢުލޫމާތެއް ނެތެވެ.

މަޢުލޫމާތު ނެތް ނަމަވެސް މުމްތާޒް ބޭގަމް އާއި ޝާހް ޖަހާންގެ ލޯބީގެ ވާހަކަ އަކީ މިސާލު ޖެހެމުންދާ އަސަރު ގަދަ ލޯބީގެ ވާހަކަ އެކެވެ.

ޝާހް ޖަހާންގެ އަސްލު ނަންފުޅަކީ ޚުއްރަމެވެ. އެ ދުވަސްވަރު އެއީ މުޣަލް ވެރިކަމުގެ ވަލީޢަހްދެވެ. މުމްތާޒް ބޭގަމް ގެ އަސްލު ނަންފުޅަކީ އަރްޖުމަންދެވެ. ޚުއްރަމަށް އަރްޖުމަންދް ފެނިވަޑައިގަތީ ޝާހީ މީނާ ބާޒާރުންނެވެ. އޭރު ޚުއްރަމްގެ ޢުމުރުފުޅަކީ އެންމެ ސޯޅަ އަހަރެވެ. މި ބާޒާރަކީ އަޅުގަނޑުމެން ޢާއްމުކޮށް މި ކިޔާ ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު އޮންނަ ގޮތަށް އާގްރާ ގެ ރެޑް ފޯރޓްގައި ކޮންމެ އަހަރަކު އެއް ފަހަރު އޮންނަ ބާޒާރެކެވެ. ޝާހީ ޚާންދާނުގެ އަންހެން ބޭފުޅުން ފިރިހެނުންގެ ކުރިމަތީގައި މޫނު ބުރުގާ ނާއްޅުއްވާ އުޅުއްވަނީ މި ބާޒާރުގައި އެކަންޏެވެ. އަރްޖުމަންދުގެ ބައްޕާފުޅު އާޞިފް ޚާނަކީ ޚުއްރަމްގެ ބައްޕާފުޅު ޖަހާންގީރް ގެ އަނބިކަނބަލުން ނޫރު ޖަހާން ގެ ކޮއްކޯފުޅެވެ.

އަރްޖުމަންދް އިންނެވި ސްޓޯލަށް ޚުއްރަމް ވަޑައިގެން އެ ސްޓޯލްގައި ހުރި ހުރިހައި މުދަލެއްގެ އަގު އެއްސެވި އެވެ. އަގަކީ ދިހަ ހާސް ރުފިޔާ ކަމަށް ވިދާޅުވީމާ އަގު ދެއްވާފައި ހުރިހައި މުދާ ބައްލަވައިގަތީ އެވެ. ދެ ބޭފުޅުން ލޯބީގެ އެއްވެސް ވާހަކަފުޅެއް ބަދަލު ކުރެއްވި ކަމެއް އެއްވެސް ލިޔުމަކުން އެނގޭކަށް ނެތެވެ. އެހެން ނަމަވެސް އޭގެ އެތަކެއް އަހަރެއް ފަހުން މިހާރު އަޅުގަނޑުމެންގެ ލޯ މައްޗަށް ފެންނާން އެހެރަ ރީތި ތާޖް މަހަލަކީ އެ ދެ ބޭފުޅުންގެ ލޯބީގެ ނަމޫނާ އެކެވެ. ދިހަ ހާސް ރުފިޔާގެ ވިޔަފާރިއަކުން ފެށުނު ލޯބި ނިމިފައި ވަނީ މިހާރުގެ އަގަށް ބަލާ އިރު ވެސް އިންޑިއާގެ 2.4 ކުރޯޑު ރުޕީސްގެ އަގުހުރި ބިނާ އަކުންނެވެ.

އިންޑިއާގެ އެ ދުވަސްވަރުގެ ރަސްކަލަކަށް ހުންނެވި ޖަހާންގީރް އަވަހާރަވީ ކަޝްމީރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އާގްރާ އަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގަ އެވެ. ޚުއްރަމަށް ނުވަތަ ޝާހް ޖަހާނަށް ވެރިކަމުގެ ތަޚްތުގައި އިށީނދެވަޑައިގަތުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވީ މުމްތާޒް ބޭގަމް ގެ ބައްޕާފުޅު އާޞިފް ޚާނެވެ. އޭރު ޝާހް ޖަހާނާއި މުމްތާޒް ބޭގަމްގެ ކާވެނިފުޅަށް 19 އަހަރު ވެއްޖެ އެވެ. ދެ ބޭފުޅުންނަށް 14 ބޭފުޅުން ލިބިވަޑައިގަތެވެ. ބޮޑުފުޅު ވާންދެން ދުނިޔޭގައި ތިއްބެވީ އޭގެ ތެރެއިން 7 ބޭފުޅުންނެވެ.

މުމްތާޒް ބޭގަމާއި ޝާހް ޖަހާން އާ ދެމެދު އޮތް ލޯބީގެ ގުޅުމަކީ ވަރަށް އާދަޔާ ޚިލާފު ގުޅުމެއް ކަމަށް ތާރީޚު ލިޔާ މީހުން ބަޔާން ކުރެ އެވެ. އެ ދުވަސްވަރުގެ ރަސްރަސްކަލުންގެ އަނބިއަނބިކަނބަލުން ބޭނުންފުޅު ވަނީ ހަމައެކަނި ރަސްގެފާނުގެ އަނބިކަނބަލުންގެ ލަގަބުފުޅެވެ. ރަސްރަސްކަލުން ދެއްވާ ޝަރަފަކީވެސް އެއީ އެވެ. އިތުރު ކަމެއްގައި ބައިވެރި ކުރައްވައިގެންނެއް ނޫޅުއްވަ އެވެ. އެހެން ނަމަވެސް ޝާހް ޖަހާން ކަންތައް ކުރައްވާފައި ވަނީ އެހެންނެއް ނޫނެވެ. އޭނާ ވަޑައިގަންނަވާ ކޮންމެ ތަނަކަށް އަރިހުގައި މުމްތާޒް ބޭގަމް ގެންދަވަ އެވެ. ސިޔާސީ ކަންތައްތަކާއި އެހެނިހެން މުހިއްމު ކަންތައްތަކުގައި މުމްތާޒް ބޭގަމްގެ މަޝްވަރާ އާއި ޚިޔާލުފުޅު ހޯއްދަވަ އެވެ. އެހެންވީމާ މުމްތާޒް ބޭގަމް ވެވަޑައިގެންފައި ވަނީ ޝާހް ޖަހާން ގެ ދިރިއުޅުއްވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރެއްވި ބޭފުޅަކަށެވެ.

ޝާހް ޖަހާންގެ ރަސްކަމަކީ ވެސް އަންހެން ބޭފުޅުންނަށް ސިޔާސީ ދާއިރާގައި ޙަރަކާތްތެރި ވެވަޑައިގެން އުޅުއްވުމުގެ އިޚްތިޔާރު ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ދައުރެކެވެ. ބައެއް ބޭފުޅުން ލިޔުއްވާ ގޮތުގައި އެކަމުގެ ސަބަބަކީވެސް މުމްތާޒް ބޭގަމެވެ.

ޝާހް ޖަހާންގެ ބައްޕާފުޅު ގެ ވެރިކަމުގެ ދުވަސްވަރުވެސް އެމަނިކުފާނުގެ މައްޗަށްވެސް އަނބިކަނބަލުން ނޫރު ޖަހާންގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ވެއެވެ. އެއީ އެންމެން ދަންނަ ކަމެކެވެ. މުމްތާޒް ބޭގަމަކީވެސް އެހައިވެސް ނުފޫޒު ގަދަ ބޭފުޅެކެވެ. އެހެން ނަމަވެސް ޝާހް ޖަހާން އެކަން ބޭއްވެވީ ވަރަށް ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. ބުނެވޭ ގޮތުގައި ޝާހީ ސިއްކަފުޅު ވެސް އޮންނަނީ މުމްތާޒް ބޭގަމްގެ ބެއްލެވުމުގެ ދަށުގަ އެވެ. އެކަމަކު ބޭރަށް ފެންނަ ފެނުމުގައި ހުރިހައި ބާރެއް އޮންނަނީ ޝާހް ޖަހާންގެ އަތްޕުޅުގަ އެވެ. ސިއްރު ސިއްރުން ވެރިކަން ހިންގަވަމުން ގެންދެވީ މުމްތާޒް ބޭގަމެވެ.

ނޫރު ޖަހާން އާ ޚިލާފަށް މުމްތާޒް ބޭގަމަކީ ވަރަށް ދީލަތިފުޅު ބޭފުޅެކެވެ. ޞަދަޤާތް ކުރެއްވުމާއި ކާވެނީގެ ޚަރަދު ބަރަދު އުފުއްލޭ ވަރު ނުވާ ފަގީރުންގެ ކާވެނި ކޮށް ދެއްވުމާއި ދީނީ ކަން ކަމަށް ޚަރަދު ކުރެއްވުމަކީ އެ ކަމަނާ ޢާއްމުކޮށް ކުރައްވާ ކަމެކެވެ. އެކަމަކު ދުވަހަކުވެސް އެއްވެސް ކަމެއްގެ ބާރެއް އެ ކަމަނާގެ އަތްޕުޅުގައި އޮތް ކަމަކަށް ޢާއްމުންނަކަށް ނުދައްކަވަ އެވެ. ޢާއްމުންނަށް ފެންނަ ގޮތުގައި ވެރިއަކީ ޝާހް ޖަހާނެވެ.

ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި މުމްތާޒް ބޭގަމް އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައިގެން އެ ކަމަނާގެ މަޤްބަރާގެ މަތީގައި ރީތި ބިނާއެއް ހައްދަވައި ދެއްވާން އެދިވަޑައިގަތެވެ. އެކަމަކު އިތުބާރު ކުރެވޭ ލިޔުމަކުން އެ ކަމަނާ މިހެން އެދިވަޑައިގަތް ކަމެއް އެނގޭކަށް ނެތެވެ. އެނގެން އޮތީ އެ ކަމަނާގެ ބޭފުޅުންނަށް ހެޔޮކޮށް ހިއްތެވުމަށާއި މަންމާފުޅާއި ބައްޕާފުޅު ދޫކޮށް ނުލެއްވުމަށް އެދިވަޑައިގަތް ކަމަށެވެ.

އެދިވަޑައިގަތުން ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް މުމްތާޒް ބޭގަމް އަވަހާރަވީމާ ޝާހް ޖަހާންގެ މުޅި ދިރިއުޅުއްވުން ބަދަލު ވެގެން ދިޔަ ކަމީ އެނގެން އޮތް ޙަޤީޤަތެކެވެ. ބަސްފުޅު ވިދާޅުވުން މަދު ވެގެން ދިޔަ އެވެ. ގިނަ ވަގުތު ހޭދަ ކުރައްވަނީ ގިނިކަންޏާ ޝާހީ ބަގީޗާގެ ތެރޭގަ އެވެ. ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި މުމްތާޒް ބޭގަމް އަވަހާރަވީ ޝާހް ޖަހާން ހަނގުރާމައެއްގެ މައިދާނުގައި ހުންނަވަނިކޮށެވެ.

ތާޖް މަހަލް ހުންނަނީ ޔަމުނާ ކޯރުގެ އައްސޭރީގަ އެވެ. ތާޖް މަހަލް ބިނާ ކުރުމުގެ މަސައްކަތުގައި 20000  މީހުން އުޅުނެވެ. ބިނާކޮށް ނިމުނީ 22 އަހަރުންނެވެ. މަސައްކަތުގައި އުޅުނު 20000 މީހުން ދިރިއުޅެން ކައިރީގައި އާ އަވަށެއް ހެދީ އެވެ. އެ އަވަށް މިހާރުވެސް އޮވެ އެވެ. އަވަށުގެ ނަމަކީ ތާޖް ގަންޖެވެ. ގަނޑުވަރު ހަދަން ބޭނުންވާ އަގު ބޮޑު ސަންގުމަރުމަރު ހިލަ އާއި ޖަވާހިރާއި ރަން ގެނެސްފައި ވަނީ އިންޑިއާގެ އެކި ރަށް ރަށުންނާއި އޭޝިއާގެ ބައެއް ޤައުމު ތަކުންނެވެ. ގަނޑުވަރުގައި ޖަހާފައިވާ އަގުބޮޑު ސަންގުމަރުމަރު ހިލައިގައި 28 ވައްތަރުގެ މަޢުދަން ބޭނުން ކޮށްފައި ވެއެވެ. ތާޖަމަހަލް ގައި ހިމެނެނީ މުހިއްމު ފަސް ބައެކެވެ. އެއީ ދަރްވާޒާ ނުވަތަ މައި ދޮރާށްޓާއި، ބަގީޗާ އާއި، މިސްކިތާއި، ނައްގާރްޚާނާ ނުވަތަ އަރާމު ކުރައްވާ ތަނާއި، ރައުޒާ ނުވަތަ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިނގާ ތަނެވެ. ގަނޑުވަރުގެ އެތެރޭގައި ހުންނަނީ ދެ މަޤްބަރާ އެވެ. އެއީ ޝާހް ޖަހާންގެ މަޤްބަރާ އާއި މުމްތާޒް ބޭގަމް ގެ މަޤްބަރާ އެވެ. ބުނެވޭ ގޮތުގައި ޝާހް ޖަހާންގެ މަޤްބަރާ އަކީ އޭނާ އަވަހާރަވުމުގެ ކުރީން އަމިއްލަފުޅަށް އަމުރު ކުރައްވައިގެން ހެއްދެވި ތަނެވެ. އަވަހާރަވީމާ އެ ތާނގައި ވަޅުފުޅުލާން އަމުރު ކުރެއްވި ކަމަށް ވެއެވެ.

މުމްތާޒް ބޭގަމް އަވަހާރަވުމަށް ފަހު އައި ދުވަސްވަރުގެ ތެރޭގައި ސިޔާސީ މަސްރަޙް ހަލަބޮލި ވެގެން ދިޔަ އެވެ. ދަރިދަރިކަލުންނާ ހަނގުރާމަ ކުރައްވަން ޝާހް ޖަހާނަށް ޖެހިވަޑައިގަތެވެ. ދޮށީ ދަރިކަލުން އައުރަންޒޭބް ގެ ފިއްތެވުމުގެ ސަބަބުން އެންމެ ފަހުން ޝާހް ޖަހާން އިސްތިޢުފާ ދެއްވީ އެވެ. އައުރަންޒޭބް ރަސްކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ބައްޕާފުޅު ރެޑް ފޯރޓް ގައި ބަންދު ކުރެއްވުމެވެ. (ރެޑް ފޯރޓަކީ އިންޑިއާގެ މަޝްހޫރު ލާލް ކިލާ ނުވަތަ ރަތް ކިއްލާ އެވެ.) އެކަމަކު ލިބިވަޑައިގަންނަވަން ޖެހޭ ހުރިހައި ޚިދުމަތެއް ލިބިވަޑައިގަންނަވާ ގޮތަށެވެ. ޝާހް ޖަހާން ރެޑް ފޯރޓްގެ ކުޑަ ދޮރުތަކުން ތާޖް މަހަލަށް ބައްލަވަން އޮންނަވަނީ އެވެ. ލޯބިފުޅުވާ އަނބިކަނބަލުން މުމްތާޒް ބޭގަމާ ބައްދަލު ކުރެއްވުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވަރަށް ގިނައިން ވިދާޅުވާ ކަމަށް ވެއެވެ. ދިރިއުޅުއްވުމުގެ ފަހު ބައި ހޭދަ ކުރެއްވީ އަޅުކަން ކުރެއްވުމާއި ޤުރުއާން ކިޔަވާ ވިދާޅުވުމާއި ތާޖް މަހަލަށް ބައްލަވަން އޮންނެވުމުގަ އެވެ. ބޭނުންފުޅުވާ ކަންތައްތައް ކޮށްދެއްވާން އަރިހުގައި އުޅުއްވަނީ ދަރިކަނބަލުން ޖަހާންއާރާ އެވެ.

ޢުމުރުފުޅުން 74 އަހަރުފުޅުގައި އަވާހަރަވުން ގާތް ވެގެން އައި ދުވަސްވަރު އަރިހު ބޭކަލުން ގެންނަވާފައި ވިދާޅުވި އެވެ.

"އަހަރެން މި އޮތީ ނުހަނު އުފަލުންނެވެ. އަހަރެން ގެ ލޯބިފުޅުވާ ރާނީ އާ ބައްދަލު ވެވޭތީ އެވެ. އަހަންނަށް ތާޖް މަހަލް ފެންނާނޭ ގޮތަށް އަހަރެންގެ ކުރިމަތީގައި (މޫނުބަލާ) ލޯގަނޑެއް ބަހައްޓާލަދޭށެވެ."

އެދިވަޑައިގަތް ގޮތަށް އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ލޯގަނޑެއް ބެހެއްޓުނެވެ. އެ މަނިކުފާނު ހަނުހިމޭނުން ތާޖް މަހަލްގެ ހިޔަންޏަށް ބައްލަވަން އޮންނެވީ އެވެ. ކޮޓަރިކޮޅުގެ ތެރޭގައި ތިބި މީހުން ހެޔޮ ދުޢާ ކުރަމުން ދިޔަ އެވެ. އެހެން އޮންނަވައި އެންމެ ފަހުގެ ނޭވާފުޅު ދޫކޮށްލެއްވީ ކޮން އިރަކު ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ބައްޕާފުޅު އަވަހާރަ ވެއްޖެކަން އެންމެ ފުރަތަމަ އެނގިވަޑައިގަތީ ޖަހާންއާރާ އަށެވެ. އަވަހާރަވީ އިރުވެސް ޝާހް ޖަހާން އޮންނެވީ ތާޖްމަހަލަށް ބައްލަވާށެވެ. އެއީ ލޯބިފުޅުވާ އަނބިކަނބަލުން މުމްތާޒް ބޭގަމްގެ މޫނުފުޅު ކަމުގައި ހީފުޅު ކުރައްވައިގެންނެވެ.
----------------------
(ނިމުނީ)

- މަޢުލޫމާތު: ދަ ވީކް - 29 ފެބްރުއަރީ 2004، ތާޖުމަހަލް - ކަށިމާ އަޙްމަދު ޝާކިރު، އިންޓަރނެޓުން ހޯދާފައިވާ ބައެއް މަޢުލޫމާތު

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ