އަދުގެ ޚާއްސަ

Print

މުސްލިމް ސައިންސް ދާނުން - 33

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ

أَبُو عَلِي اَلْحَسَنُ إِبْنِ الْهَيْثَمُ

430/1021 ނުވަތަ965-1039
ތަޢާރުފު

މީނާ އަކީ، ލޮލާއި އައްޔާ ބެހޭގޮތުން ފުންކޮށް ތަޙްޤީޤު ކުރެއްވި އައު ނަޒަރިއްޔާއެއް ހާމަ ކުރެއްވި، އައްޔާއި ހޫނުގެ ޙަޤީޤަތާ ބެހޭގޮތުން ސާފު ނަތީޖާތައް ދުނިޔެއަށް ހާމަ ކުރެއްވި މުޅި ދުނިޔެއަށް މަޝްހޫރު އިބްނުލް ޙައިޘަމް އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

އިބްނުލް ހައިޘަމްއަކީ، ސައެންސުގެ ދުނިޔޭގައި އޭނާގެ ނަން ރަން އަކުރުން ލިޔުން ޙައްޤުވާ ބޭފުޅެކެވެ.

އިބްނުލް ހައިޘަމްގެ ވެސް ޙަޔާތުގެ ކުރީކޮޅާއި އުސްތާޒުންނާ ބެހޭ މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އޭނާގެ ވަޠަނަކީ، ޢިރާޤުގެ ބަޞަރާ އެވެ. އުފަންވެ ވަޑައިގަތީ 354ހ 965މ ގަ އެވެ. އަވަހާރަވީ، 430ހ 1021މ ގަ އެވެ. އޭރު ޢުމުރު ފުޅަކީ 66 އަހަރެވެ.

އޭނާއާބެހޭ މަޢުލޫމާތު ސާފުވާން އޮތީ ވަޒީފާ އަދާކުރައްވަން ފެށްޓެވި ހިސާބުންނެވެ. އޭނާ އަކީ، އޮފީސް މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަތް ބޭފުޅެއް ނޫނެވެ. އޭނާ ޝައުޤު ވެރިވެ ވަޑައިގަތީ ޢިލްމީ ތަޙްޤީޤުތަކާއި އައު ހޯދުންތަކުގެ ދާއިރާ އަށެވެ. މެދުކެނޑުމެއްނެތި އޭނާ ކުރެއްވި މުޠާލަޢާގެ ސަބަބުން އެހެން މީހުން އޭނާއާ ދޭތެރޭގައި ޢިލްމީ ޙަސަދަ އުފެދޭ ވަރުވި އެވެ. އާދެ އެ ފަދަ މީހަކަށް ތިމާ ވެސް ވީނަމަ ކިހައި ރަނގަޅުހޭ ބުނާ ވަރުވެ އެވެ.
 
އިބްނި ހައިޘަމް އެންމެ ފުރަތަމަ އަދާކުރެއްވީ، މަޤާމީ އޮފީހެއްގެ ވަޒީފާއެކެވެ. އެ ވަޒީފާގައި ވެސް ލިބިވަޑައިގަންނަވާ ހުސްވަގުތުތައް ބޭނުން ކުރެއްވީ، ހިސާބު ޢިލްމާއި، ފިޒިކުސް އާއި ބޭސްވެރިކަމާ ބެހޭ ފޮތްފޮތް މުޠާލަޢާ ކުރެއްވުމަށެވެ. ﷲ އޭނާއަށް ވަރުގަދަ ސިކުނޑިއެއް ދެއްވައިފައި ވެ އެވެ.

މިޞްރުގައި ވެރިކަންކުރެއްވި ފާޠިމީ ޚަލީފާ، ޙާކިމްގެ ދަވްރު (996) ގައި އުޅުއްވި އިބްނި ހައިޘަމްގެ ވާހަކަ، ޢިލްމަށް ލޯބި ކުރައްވާ ޚަލީފާއަށް ވެސް އިވިވަޑައިގަތެވެ. ވެރިޔާގެ ހިތްޕުޅުގައި އިބްނު ހައިޘަމްއަށް މަތިވެރި ޤަދަރެއް ދެއްވުނެވެ.

أَسْوَانْ ޑޭމް ބިނާ ކުރުން

އިބްނު ހައިޘަމް އަކީ، އެހެނިހެން މުސްލިމް ޢިލްމުވެރިންނެކޭ އެއްފަދައިން އެތައް ޢިލްމަކަށް މޮޅު ބޭފުޅެކެވެ. އޭނާ އަކީ ވަރަށް މޮޅު ސިވިލް އިންޖިނޭރެއް ވެސް މެ އެވެ. އެހެންކަމުން މިޞްރުގެ أَسْوَانْ ގައި ޑޭމެއް ތައްޔާރުކުރުމުގެ އިސްކީމެއް އޭނާ ތައްޔާރު ކުރެއްވި އެވެ. މިޞްރަކީ، ނީލަކޯރުގެ ސަބަބުން މުއްސަނދި ވެފައިވާ ޤައުމެކެވެ. އެހެންކަމުން އެ ޤައުމަށް ވަރަށް ފައިދާހުރި، މި އިސްކީމު ތައްޔާރުކުރައްވައި އޭނާ އެކަން މިޞްރަށް އެންގެވި އެވެ.

މަރުކަޒީ ސަރުކާރަކީ، ބަޣުދާދުގައި އޮތް ސަރުކާރު ކަމުގައި ވިޔަސް އެ ދުވަސްވަރު މިޞްރާއި ޢިރާޤާ ދެމެދުގައި ސިޔާސީގޮތުން އޮތީ މާ ރަނގަޅު ގުޅުމެއް ކަމަކަށް ނުވެ އެވެ. އެހެންކަމުން އިބްނު ހައިޘަމް އަކަށް ފާޅުގައި މިޞްރަށް ވަޑައިގަންނަވާކަށެއް ކެރިވަޑައެއް ނުގަތެވެ. އެހެންކަމުން މިޞްރުގެ މައި ސަރުކާރުން އިބްނި ހައިޘަމް، އެ ޤައުމަށް ގެންދިޔައީ ، ސިއްރިއްޔާތުގައި، ޤާޞިދެއްގެ އަތުގައި އޭނާއަށް އެތައް ސަތޭކަ އަޝްރަފީއެއް، ފޮނުވައި ގެންނެވެ.

އިބްނި ހައިޘަމްގެ އިސްކީމު ދެކެވަޑައިގެން މިޞްރުގެ ރަސްގެފާނު ވަރަށް ބޮޑަށް އެއާ ހިތްޕުޅާ ހަމަކުރެއްވި އެވެ. ނަމަވެސް އެ ކަމަށް ބޭނުންވާ ފައިސާ އޭރު މިޞްރު ސަރުކާރަކަށް ޚަރަދު ކުރެވޭކަށެއް ނެތެވެ. އެހެންކަމުން އެކަން ކުރެވޭނެ ގޮތެއް ނުވި އެވެ.

އިބްނު ހައިޘަމްގެ މި އިސްކީމާ އެއްގޮތަށް ޢަމަލު ނުކުރެއްވުނީމައި ދަރުބާރު ތެރޭގެ ދިރިއުޅުއްވުން ދެކެ އޭނާ މުޅިން ފޫހިވެވަޑައިގަންނަވާ ގޮތް ވެއްޖެ އެވެ. އަދި މުޅިން އެކަހެރި ދިރިއުޅުއްވުމަކަށް އޭނާގެ ދިރިއުޅުއްވުން ބަދަލު ކޮށްލައްވައިފި އެވެ.

އިބްނު ހައިޘަމްގެ މި އެކަހެރި ދިރިއުޅުއްވުމުގައި އޭނާގެ އެކުވެރިއަކީ، ޢިލްމީ ފޮތެވެ. ޚަރަދުތައް ވަރަށް ކުޑަކޮށްލައްވައިގެން ވަރަށް ފުއްދުންތެރި ދިރިއުޅުއްވުމެއް އޭނާ ޢިޚްތިޔާރު ކުރެއްވި އެވެ. އެއީ ފޮތް ކިޔުއްވުމަށް ގިނަ ވަގުތު ހޯއްދެވުމަށްޓަކަ އެވެ. ޚަރަދު ބޮޑުވެއްޖެނަމަ ގިނަ ފައިސާ ހޯއްދެވުމަށްޓަކައި ކޮންމެވެސް ނޯކިރީއެއް ކުރައްވަން މަޖުބޫރު ވެލައްވާނެތީ އެވެ.

ދިރިއުޅުއްވުމަށްޓަކައި ފައިސާ ހޯއްދެވުމަށް އެ ދުވަސްވަރު އޭނާ ކުރެއްވި މަސައްކަތް ޕުޅަކީ، إِقْلِيْدَسْ އާއި مُتَوَسِّطَاتُ އާއި مُحْسَبْطِي މި ތިންފޮތް ލިޔުއްވައި 50 ދީނާރަށް ފޮތެއް ވިއްކެވުމެވެ. 150 ދީނާރުން 1 އަހަރު ދުވަހުގެ ޚަރަދަށް ފުދޭވަރުވެ އެވެ.

ފުއްދުންތެރި އިބްނުލް ހައިޘަމް

އިބްނުލް ހައިޘަމް އަށް ވަރަށް ޤަދަރު ކުރެއްވި އަމީރަކު، ޝާމު ކަރައިގައި އުޅުއްވި އެވެ. އެ އަމީރު، އިބްނު ހައިޘަމަށް ވަރަށްގިނަ ފައިސާއާއި ހުރުމުގެ ހުރިހައި އިންތިޒާމެއް ހަމަޖައްސަވައި ދެއްވައިފައި ދަޢުވަތު ދެއްވައިފި އެވެ. އިބްނު ހައިޘަމްއަށް އަމީރު ޤަދަރު ކުރެއްވީތީ، އެކަމަށް ފަށްފަށުން ޝުކުރުދަންނަވައިފައި ވިދާޅުވި އެވެ.

" އަހަރެން ތިޔަ ހުރިހައި ފައިސާއެއްގެ ބޭނުމެއް ނެތެވެ. ދުވާލަކަށް ފުދޭވަރަށް ލިބޭ އާދައިގެ ޚަރަދަކުން އަހަންނަށް ފުދޭނެ އެވެ."
 
ޒުވާން ފައިސާވެރި އަމީރަކު އިބްނި ހައިޘަމްގެ އަރިހުން ކިޔަވާ ވިދާޅުވާން އެދި ވަޑައިގަތެވެ. އަމީރުންގެ މިޒާޖު ވެސް އިބްނި ހައިޘަމް ފުރިހަމައަށް ދެނެވަޑައި ގަންނަވަ އެވެ. އެހެންކަމުން ދެންނެވި އެވެ. އެއްވެސް މައްސަލައެއް ނެތެވެ. ކިޔަވައިދެއްވައިފާނަމެވެ. އެކަމަކު ވަރަށްބޮޑު އުޖޫރައެއް އަހަރެން އެ ކަމަށް މަނިކުފާނުގެ އަތްޕުޅުން ހިފާނަމެވެ. އެއީ މަހަކު އެއްސަތޭކަ އަޝްރަފީ އެވެ. އަމީރު މިކަން ޤަބޫލުފުޅު ކުރައްވަވައި މުޅިން އެއްބަސްވެ ވަޑައިގެންފި އެވެ.

އަމީރު ވަރަށް ފުރިހަމައަށް އިބްނުލް ހައިޘަމްގެ އަރިހުން ތަޢުލީމު ޙާޞިލުކުރައްވަން ފަށްޓަވައިފި އެވެ. އަމީރުގެ މި ޝައުޤުވެރި ކަމާހުރެ އިބްނި ހައިޘަމް ޙައިރާން ފުޅުވި އެވެ. ވަރަށް ފުރިހަމަ ކާމިޔާބަކުން އަމީރުގެ ކިޔެވުން ނިންމައިލެއްވުމަށް ފަހު އެ އަމީރު ފުރާ ވަޑައިގަންނަވަން ތައްޔާރުވެ ލައްވައިފި އެވެ. އިބްނި ހައިޘަމް އަމީރަށް ހެޔޮދުޢާ ކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. މި ހުރިހައި ފައިސާ އަކީ، އަހަރެންނަކަށެއް މާބޮޑު މުހުތާދެއް ހުރި އެއްޗެއް ނޫނެވެ. މިހައި ބޮޑު އުޖާރައެއް ނެންގެވީ އެއީ، އަޅުގަނޑު ބެލި އަޖުމައެކެވެ. އެ ކަމުން ވެސް ސާހިބާ ކާމިޔާބުވެ ވަޑައިގެންފީމު އެވެ. މި ފައިސާ ބަހައްޓަވާށެވެ. އެހެންނަމަ ވެސް ފައިސާވެރި އަމީރު އެކަމަކާ އެއްބަސްވެ ވަޑައެއް ނުގެންނެވި އެވެ. " މަނިކުފާނަކީ ދަތުރުމަތީގައިވާ މީހަކީމު އެވެ. ތިޔަ ފައިސާގެ ބޭނުން ބޮޑަށް އޮތީ އަޅުގަނޑު ރަށުގައި ހުރި މީހާއަށްވުރެ މަނިކުފާނަށެވެ. ވީމައި ތިޔަ ފައިސާ ގެންދަވާށެވެ. " އިބްނުލް ހައިޘަމް ވިދާޅުވި އެވެ. ނަމަވެސް އަމީރު ޤަބޫލު ފުޅެއް ނުކުރެއްވި އެވެ.

އިބްނުލް ހައިޘަމް ވިދާޅުވި އެވެ. މަނިކުފާނަކަށް ވިސްނިވަޑައެއް ނުގަންނަވާނެ އެވެ. ހެޔޮކަމެއް ކުރުމުގެ ބަދަލުގައި މިހައި ބޮޑު އުޖޫރައެއް އަހަރެން ހިފައިފިނަމަ ޙަޤީޤަތުގައި އަހަރެންނަށް މާބޮޑު ފައިދާއެއް ނުކުރާނެ އެވެ. ޤިޔާމަތްދުވަހުން އަހަރެންނަށް ލިބޭނޭ އެއްޗެއް އޭރަކުންނެއް ނޯންނާނެ އެވެ. ދެން އަމީރަށް ހެޔޮ ދުޢާ ކުރައްވައި އަލްވަދާޢު ވިދާޅުވެއްޖެ އެވެ.
އަޒުހަރު ޔުނިވަރސިޓީގައި ސައިންޓިފިކް ތަޙްޤީޤުތައް ފެށުން

އަލްޖާމިޢުލް އަޒުހަރަކީ، މުޅި ދުނިޔޭގައި ވެސް މަޝްހޫރު އަދި ޒަމާންވީ ޔުނިވަސިޓީއެކެވެ. މިހާރު އެތަނަށް 1000 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މި ޔުނިވަސިޓީގެ ޓީޗަރުންގެ ކޮޓަރިއެއްގައި އިބްނުލް ހައިޘަމް މަޑު ކުރައްވައިފި އެވެ. އެ ތަނުގައި ހުންނަވައިގެން ވެސް އޭނާގެ މަސައްކަތްޕުޅަކީ، ޢިލްމީ ފޮތްފޮތް މުޠާލަޢާ ކުރެއްވުމާއި ތަޙްޤީޤުކުރެއްވުމާއި، ވިސްނައި ފިކުރު ކުރެއްވުމެވެ. ހަމަ އެއާއެކީގައި ފޮތް ލިޔުއްވުމުގެ މަސައްކަތްޕުޅު ވެސް ނުހަނު ފޯރިއާ އެކު ކުރިޔަށް ގެންދެވި އެވެ.

އެ ދުވަސްވަރަކީ، ގާތްގަނޑަކަށް 1091މ އެވެ. އަޒުހަރުގެ ހަމަހިމޭން ޖައްވުގައި އިބްނުލް ހައިޘަމް އޭނާގެ ނާދިރު ސައިންޓިފިކް އެކުސްޕެރިމެންޓުތައް ފެށްޓެވި އެވެ. އޭނާ އެ ދުވަސްވަރު ހޯއްދެވި ހޯއްދެވުންތަކަކީ، މިއަދާޖެހެންދެން ވެސް ސައިންސުގެ ދުނިޔޭގައި ޤަބޫލު ކުރެވޭ ހޯދުންތަކެވެ.

އިބްނުލް ހައިޘަމްގެ ޢުމުރުފުޅުން 63 އަހަރުފުޅު ވީއިރު، އޭނާއަށް ކުރެވުނީ ކޮންކަމެއްތޯ އޭނާ ބެއްލެވި އެވެ. އަދި އޭނާ ލިޔުއްވި ފޮތްފޮތުގެ ފުރިހަމަ ފިހުރިސްތެއް ތައްޔާރު ކުރެއްވި އެވެ. ދެން ވަރަށް ޢިލްމީ މުޤައްދިމާއެއް ލިޔުއްވައި އެ މަސައްކަތް ނިންމަވައި ލެއްވި އެވެ. މި މުޤައްދިމާ އަކީ، އޭނާގެ ޑައިރީއަށް ފުދޭ އެއްޗެކެވެ.
 
އިބްނުލް ހައިޘަމްގެ ޑައިރީން ތަންކޮޅެއް
 
އިބްނު ހައިޘަމް އޭނާގެ ޑައިރީގައި ލިޔުއްވި އެވެ.
" އަހަރެންނަކީ، ކުޑައިރުއްސުރެން ވެސް މީސްމީހުންގެ ތަފާތު ޚިޔާލުތަކާއި ނަޒަރިއްޔާތަކާ ބެހޭގޮތުން ވިސްނަމުން އައި މީހަކީމެވެ. އަހަރެންނަށް ޔަޤީންވާ ގޮތުގައި "ޙައްޤު" އަކީ އެންމެ އެއްޗެކެވެ. އެއީ ޢަދަދު ކުރެވޭ އެއްޗަކަށް ވެގެންނެއް ނުވާނެ އެވެ. ތަފާތު ހުރީ، ވިސްނައި ފިކުރުކުރާ ގޮތުގަ އެވެ. އަހަރެން ބުއްދީގެ ޢިލްމު ނުވަތަ ފަލްސަފާ އާއި ސައެންސުގެ ތަޢުލީމުގައި ކުރިޔަށް ގޮސް ފައްކާވީ ހިނދު، އަދި ކުށެއްނެތި ތަފާތު މައްސަލަތައް އަހަންނަށް ޙައްލު ކުރާން އެނގުމުން، ތަފާތު ކަންކަމާ ބެހޭގޮތުން އަމިއްލައަށް ވިސްނައި ތަޙްޤީޤުކޮށް އުޅޭން ފަށައިފީމެވެ. އެއީ އަހަރެން ޙަޤީޤަތް ދެނެގަތުމަށްޓަކައެވެ. އެންމެ ފުރަތަމަ އަހަރެން މަސައްކަތްކުރީ އަހަރެންނަށް ﷲ އާއި، އެ ކަލާނގެ ރުހިވޮޑިގަތުމާއި، އެ ކަލާނގެއަށް ކިޔަމަންގަތުން ޙާޞިލުކުރެވޭތޯ އެވެ. އެއީ ތަޤްވާވެރި ޠާހިރު ޙަޔާތެއް ވޭތުކުރުމަށްޓަކަ އެވެ.

ޢިލްމާއި ފަންނުގެ މިޘާލަކީ، ފުންމިން ނޭނގޭ ބޮޑު މާ ސިންގާ ކަނޑެއްގެ މިސާލެވެ. މި ފުން ކަނޑުގެ ތެރެއަށް އަހަރެން އެންމެ ފަހުން ފައިބައިފީމެވެ. ފީނައިފީމެވެ. އެކަމަކު ފުލަކު ނުޖެހުނެވެ. މަންޒިލް އޮތީ ވަރަށް ދުރުގަ އެވެ. "

އިބްނުލް ހައިޘަމްގެ ޑައިރީ

އިބްނުލް ހައިޘަމް އޭނާގެ ޑައިރީގައި ލިޔުއްވަ އެވެ.

   އަނެއްކައި ވެސް އަހަރެން ނުހަނު ފުންކޮށް ވިސްނައިފީ މެވެ. ތަދުބީރުތައް ކުރަންފަށައިފީ މެވެ. ދެން އަހަރެންނަށް ވަކި މަގެއް އިޚްތުޔާރު ކުރެވިއްޖެ އެވެ. ފުރަތަމަ އަހަރެން މަސައްކަތް ކުރީ، ފަލްސަފާ އާއި ހިސާބު ޢިލްމާއި ފިޒިކުސް އަދި ޢިލްމުލް އިލާހިއްޔާތު ޙާޞިލު ކުރެވޭތޯ އެވެ. ހިޖުރައިން 417، މީލާދީން 1004 ވަނަ އަހަރުގެ ޙައްޖު މަހެވެ. އެ މަހު އަހަރެން ކަނޑައެޅީ، އަހަރެންގެ މުޅި ޙަޔާތް، ޢިލްމު ހޯދުމުގައި ހޭދަ ކޮށްލުމަށެވެ. މި ކަމުގައި އަހަރެން 3 މަޤްޞަދެއް ކަނޑައެޅީ މެވެ.

1-    ޞައްޙަކަން ބޮޑު ޢިލްމާއި ފަންނަށް ޝައުޤުވެރިވާ ބަޔަކަށް އެ މީހުންގެ އަލާ ކެނޑޭހައި ތަކެތި މި ރޮނގުގައި އެއްކުރުމާއި އެ ތަކެތިން އަހަރެންގެ ޙަޔާތުގައި ﷲ ގެ ޚަލްޤު ތަކުންނަށް ފައިދާ ފޯރުކޮށް ދިނުން. އެއީ ޢިލްމަށް ޝައުޤު ވެރިވާ މީހުން އަހަރެންގެ ފޮތްތައް އަހަރެންގެ ގާތުން ކިޔެވުމެވެ. އަދި އަހަރެން މަރުވުމުން އެ ފޮތްތަކަކީ، މީސްތަކުންނަށް ޢިލްމީ ދާއިރާގައި މަގު ދައްކާ އަލި ދަންމަރަކަށް ވުމެވެ.

2-    މި ޢިލްމީ ތަރިކަ އަކީ، އަހަރެންގެ ޢުމުރުގެ ފަހު ކޮޅުގައި އަހަރެންނަށް ފައިދާހުރި އެއްޗްކަށްވެ، އަހަރެންގެ ހިތަށް އެކަމުން ހިތްހަމަޖެހުން ލިބުމެވެ.

3-    އަހަރެންނަށް ޢިލްމާއި ފަންނުގެ ޤަދަރު ވިސްނިއްޖެ އެވެ. އެހެންވީމައި އަހަރެންގެ ޙަޔާތުގެ އެންމެ ފަހުގެ ހުޅުކޮޅު ނިވިގެން ދާންވާނީ އެކަމުގެ ތެރޭގަ އެވެ. އެއީ އަބަދު ވެސް ޢިލްމު ތަކުރާރުވެ އާލާވޭވެ ހުންނާނެ ހެންނެވެ.

އިބްނުލްހައިޘަމް، އޭނާ ތަޞްނީފް ކުރެއްވި ފޮތުގެ ޢަދަދު ވެސް ބަޔާން ކުރައްވައިފައި ވެ އެވެ. އެއީ ހިސާބު ޢިލްމުގައި 25 ފޮތް، ފިޒިކުސްގެ މައްޗަށް 44 ފޮތް، އަދި މީގެ އިތުރުން ވެސް ޢިލްމުލް އިލާހިއްޔާތާއި ތަފާތު އެހެނިހެން މަވްޟޫޢުތަކުގައި ރިސާލާތައް ލިޔުއްވައިފައި ވެ އެވެ.

 އިބްނުލް ހައިޘަމްގެ ގިނަ ފޮތްފޮތަކީ، ޢިލްމީ އަދި ތަޙްޤީޤީ ފޮތްފޮތެވެ. އޭނާގެ ސައިންޓިފިކް އައު ހޯއްދެވުންތައް މިއަދު ވެސް ދުނިޔެ ޤަބޫލުކުރެ އެވެ. އޭނާގެ ފޮތްފޮތުގެ ތަރުޖަމާ އާއި ޙަވާލާ އާއި ތަޙްޤީޤުތަކާ، އައު ނަޒަރިއްޔާތައް، ފްރެންޗު ޖާމަން އިނގިރޭސި އަދި ހުޅަނގުގެ މުފައްކިރުންގެ ލިޔުއްވުންތަކުން މިއަދު ވެސް ފެންނާން އެބަހުއްޓެވެ.
 
އިބްނުލް ހައިޘަމްގެ ވަރަށް ގިނަ ފޮތްތައް ލެޓިން ބަހަށާއި އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައި ވެ އެވެ. ހިތާމަ އަކީ އޭނާގެ ވަރަށް ގިނަ ޢަދަދެއްގެ ފޮތްތައް މިއަދު ފެންނާން ނެތް ކަމެވެ.

ޢިލްމީ ޚިދުމަތްތައް

އިބްނުލް ހައިޘަމް އަކީ، މޮޅު އިންޖިނޭރެއް ވެސް މެ އެވެ. މިއަދު މިޞްރުގެ ނީލަކޯރު ކައިރީގައި ބިނާކޮށްފައިވާ އެވާ ބޮޑު ބިޔަ ޑޭމް އަސްވާން ޑޭމްގެ އިސްކީމަކީ، އިބްނުލް ހައިޘަމްގެ ހުށަ ހެޅުއްވުމެކެވެ. އެ ދުވަސްވަރު މިޞްރުގެ ސަރުކާރަށް އެ ކަން ކުރެވޭނެ މަގެއް ފަހިނުވުމުގެ ސަބަބުން އެ ކަން ނުކޮށް ފަސްޖައްސާލި ނަމަވެސް ބައެއް އެހެނިހެން ޤައުމުތަކުގެ އެހީގައި މިއަދު އެހެރީ އެ ޑޭމް ތައްޔާރު ކޮށްފަ އެވެ.

އިބްނުލް ހައިޘަމްގެ ސްކީމުގައި ވަނީ، ނީލަކޯރުގެ އައްސޭރީގައި އަސްވާނު ގައި ތިން ފަރާތުން އުސްކޮށް ވަރުގަދަ ބޮޑު ބިޔަ ޑޭމް އެއް ތައްޔާރު ކުރުމަށެވެ. އެއިރުން އެތައް ހާސް އޭކަރުގެ ދަނޑު ބިމަށް މި ފެނުން ފެން ދެވޭނެ އެވެ. މި ޑޭމްގެ އަނެއް ފައިދާއަކީ، ވެހޭ ވާރޭގެ ފެނުން ބޭކާރު ވެގެން ދާބައި ރައްކާ ކުރެވުމެވެ. ސައިލު ހެދިގެން ރަށުގެ އަހުލު ވެރިންނަށް ގެއްލުމެއް ނުލިބޭނެ އެވެ. ވާރޭ ނުވެހޭ ނުވަތަ މަދުން ވާރޭ ވެހޭ ދުވަސްވަރު މި ޑޭމުން އެކަން ފޫ ބެއްދޭނެ އެވެ.

ލޯ އުފެދިފައި ހުންނަ ގޮތާއި އަލި

 ލޯ އުފެދިފައި ހުންނަގޮތާއި ލޮލަށް އެއްޗެހި ފެންނަ ގޮތާއި އައްޔާ މެދު އިބްނުލް ހައިޘަމް، ޙަޤީޤީ، ތެދު މުޖައްރަބު މަޢުލޫމާތު ދުނިޔެއަށް ހާމަ ކުރެއްވ އެވެ. އިބްނުލް ހައިޘަމްގެ މި ހުރިހައި މަޢުލޫމާތެއް 'އަލްމަނާޡިރު' ކިޔާ ފޮތުގައި ބަޔާން ކުރައްވާފައި ވެ އެވެ. މިއީ އަލީގެ މައްޗަށް އެންމެ ފުރަތަމަ ލިޔެވުނު އެންމެ ފުރިހަމަ ފޮތެވެ.

އިބްނުލް ހައިޘަމްގެ އައު ހޯއްދެވުންތައް

1.    އިބްނުލް ހައިޘަމް އަލީގެ މާހިއްޔަތާ ބެހޭގޮތުން ފިކުރު ކުރައްވައި، ތަޙްޤީޤު ކުރައްވާން ފެށްޓެވި އެވެ. އޭނާ ނިންމެވި ގޮތުގައި އައްޔަކީ، ހަކަތައި ގެ ބާވަތެކެވެ. އެއީ ހޫނުގެ ހަކަތައާ އެއްވައްތަރު ހަކަތަ އެވެ. އިރުގެ ދޯދީގައި އަލިކަމާއި ހޫނު އެކުއެކީގައި ހިމެނިގެން ވެ އެވެ. ހަމަ މިގޮތަށް ބައްތީގެ ހުޅު ކޮޅަކީ، އަލި ވެސް މެ އެވެ. ހޫނު ވެސް މެ އެވެ. މިއިން އެނގޭ ކަމަކީ، އައްޔާއި ހޫނަކީ، ޙަޤީޤަތުގައި އެކެއްޗެއް ކަމެވެ.

2.    ޖިސްމު ނުވަތަ ޖިރްމުގެ މާހިއްޔަތާ ބެހޭގޮތުން އިބްނުލް ހައިޘަމް ވިސްނަވައި ފިކުރު  ކުރެއްވި އެވެ. އިބްނުލް ހައިޘަމް ވިދާޅުވާ ގޮތުގައި ޖިސްމު ދެބަޔަކަށް ބެހިފައި ވެ އެވެ. އެއިގެ ތެރެއިން އެއްވައްތަރަކީ، އެއިން އަލި ފާއްދާ ނުވަތަ ނޫރު ހުރި ޖިސްމެވެ.  މި ތަކެތިން އަލިކަން ލިބިލިބި ހުރެ އެވެ. މިސާލަކަށް އިރު. ދެވަނަ ވައްތަރަކީ، ނޫރެއްނެތް ޖިސްމެވެ. މިއަކުންނެއް އައްޔެއް ނުނިކުންނާނެ އެވެ.

ނޫރެއް ނުވާ ޖިސްމު

ނޫރެއް ނުވާ ޖިސްމުގެ ބައިތައް:

ހ- شَفَّافُ - TRANSPARENT މިފަދަ ތަކެތީގެ ތެރެއިން އެއްވެސް ހުރަހަކާ ނުލައި އަލި ދަތުރުކުރާނެ އެވެ. މިސާލަކަށް: ވައި، ސާފުފެން، ސާފު ބިއްލޫރި.

ށ- ފުސް: މިފަދަ ތަކެތީގެ ތެރެއިން އަލި ފުރިހަމައަށް ދަތުރެއް ނުކުރާނެ އެވެ. މިސާލަކަށް ތުނި ފޮތި، ފުސް ބިއްލޫރި

ނ- އެއްގޮތަކަށް ވެސް އެއިގެ ތެރެއިން އަލި ދަތުރު ނުކުރާ ތަކެތިOPAQUE -


3.    އަލީގެ މާހިޔަތު:  

އައްޔަކީ، ވަރަށް ލަޠީފު ދޯދި ތަކެކެވެ.  އަލި ދަތުރު ކުރަނީ އެއްވެސް ވަސީލަތަކާ ނުލައި ސީދާ ތެދަށެވެ. އެއަށް އެއްވެސް އެހީއެއް ބޭނުމެއް ނުވެ އެވެ.

އިބްނިލް ހައިޘަމްގެ އައު ހޯއްދެވުންތައް

1-    އިބްނުލް ހައިޘަމް ހާމަ ކުރައްވާ ގޮތުގައި އިރުގެ ދޯދި ވަންނަ އަނދިރި ކޮޓަރިއެއްގެ ތެރޭގައި އެ ދޯއްޖާ ދިމާލުގައި ފަރުދާއެއް ބަހައްޓައިފި ނަމަ އެއަށް އެޅޭ ހިޔަނި ތަކާއި ސިފަތައް ހުންނާނީ އެކޮޅު ކޮޅުންނެވެ.

 މި ޒަމާނުގެ ސައިންސު ވެރިން ފޮޓޯ ކެމެރާ ހައްދަވައިފައި ވަނީ، އިބްނުލް ހައިޘަމްގެ މި ތިއަރީގެ މައްޗަށް ބިނާ ކުރައްވައި ގެންނެވެ.

2-    އަހަރެމެންގެ ލޮލަށް ތަކެތި ފެންނަ ގޮތް އަދި އެ ތަކެތި ފެންނަނީ ކިހިނެއްކަން އިބްނުލް ހައިޘަމް ބަޔާން ކުރެއްވި އެވެ. އިބްނުލް ހައިޘަމްގެ ކުރިން ދުނިޔޭގައި އުޅުއްވި ޢިލްމުވެރިން ދެކެލައްވާ ގޮތާއި މިއަދުގެ ޖާހިލުން ދެކޭގޮތާ މުޅިން އެއްގޮތެވެ. އިބްނުލް ހައިޘަމްގެ ކުރިން މީހުންނަށް ހީވެފައި އޮންނަނީ ލޮލަށް ތަކެތި ފެންނަނީ، ލޮލުން އަލީގެ ދޯދިތަކެއް ނުކުމެގެން ގޮސް އެއްޗެއްސަށް އެޅުނީމައި ކަމަށެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނޫނެވެ. ހަމައެކަނި ހީއެކެވެ. އިބްނުލް ހައިޘަމް މި ނަޡަރިއްޔާ ދޮގު ކުރެއްވި އެވެ. އިބްނުލް ހައިޘަމް ވިދާޅުވާ ގޮތުގައި ލޮލުން އައްޔެއް ނުކުތުމަކީ، ވާނެކަމެއް ނޫނެވެ. ނަމަވެސް އެއްޗަކަށް އަލި އެޅިއްޖެނަމަ އެ އަލީގެ ދޯދިތައް އޭގައި ޖެހިފައި އަނބުރައި އަންނަކަން ޘާބިތުވެ އެވެ. ބަލާމީހާގެ ލޮލަށް އެޅެނީ މީގެ ތެރެއިން ބައެއް ދޯއްޖެވެ. ތަކެތި ފެންނަނީ އެހެންވެގެން ނެވެ.

3-    އަލި އަނބުރާ އަންނަ ގޮތުގެ ދެ ޤާނޫނެއް ވެ އެވެ.

އެއިގެ ތެރެއިން އެއް ޤާނޫނަކީ، اَلشُّعَاعُ الْوَاقِعُ-INCIDENT RAY އާއި اَلشُّعَاعُ الْعَمُودِي NORMAL RAY އާއި اَلشُّعَاعُ الْمُنْعَكِسُ REFLECTED RAY އެވެ. މި ހުރިހައި ދޯދިތަކެއް ވެސް ހުންނާނީ އެއް ސަޠަޙައެއްގަ އެވެ.

ދެވަނަ ޤާނޫނަކީ، زَاوِيَةُ الْأِنْعِكَاسُ-ANGLE OF REFRECTION އެވެ. މި، އެކެތި އަނެކެއްޗާ އެއްވަރު ވާނެ އެވެ. އައްޔާ ބެހޭގޮތުން އިބްނުލް ހައިޘަމް ހޯއްދެވި މި ދެ ޤާނޫނަކީ، މިއަދު ވެސް ކިޔަވައި ދެވޭ ތަކެއްޗެވެ.

4-    އަލީގެ إِنْعِطَافُ ވުންREFRECTION  އާ ބެހޭ ގޮތުން ވެސް އޭގެ އުޞޫލާއި ޤާނޫނު، އިބްނުލް ހައިޘަމް ބަޔާން ކުރައްވައިފައި ވެ އެވެ.
5-    ވައިގެ ތެރޭގަ އާއި ފެނުގެ ތެރޭގައި إِنْعِطَافُ ވާގޮތާއި މިންވަރާއި ތަފާތު، އޭނާ ބަޔާންކޮށް ދެއްވި އެވެ.
6-    އިބްނުލް ހައިޘަމްގެ މޮޅު އަނެއް އީޖާދަކީ، SPHERICAL MIRRORS އާ ބެހޭ ގޮތުން އޭނާ ހޯއްދެވި ހޯއްދެވުމެވެ. އޭނާ ބަޔާން ކުރެއްވި ގޮތުގައި ސާފު CONCAVE MIRROR އަކަށް އަލި އަޅުވައިފިނަމަ އެ އަލި ރިފްލެކްޓު ވެގެން ދެން ދަތުރު ކުރާނީ ވަކި ޚާއްޞަ ނުގުތާ އަކުންނެވެ. މިއަށް ކިޔަނީ، مَاسِكَة-FOCUS އެވެ.
CONCAVE MIRROR އެއްގެ مَاسِكَة- FOCUS ޕޮއިންޓުން ކުޑަ ތަންކޮޅެއް އެއް ފަރާތުގައި އަލި އެއްޗެއް ބަހައްޓައިފި ނަމަ އެ ލޯގަނޑުގެ އަނެއް ފަރާތަށް އެ އެއްޗެއް އެކޮޅުކޮޅުން އަރާނެ އެވެ. އަދި ފަރުދާއަކަށް އަޅުވައިފި ނަމަ ފެންނާނީ ސީދަލަށެވެ.

7-    ކިތާބުލް މަނާޡިރުގައި، ލޮލާ ބެހޭގޮތުން އޭނާ ހޯއްދެވި މަޢުލޫމާތު ބަޔާން ކުރައްވާފައި ވެ އެވެ. ލޮލުގެ ތަފާތު ބައިތަކުގެ ނަންތަކަށް ދާންދެން އޭނާ އުފައްދަވައިފައި ވެ އެވެ. މި ޒަމާނުގައި ލެޓިން ބަހަށް ތަރުޖަމާ ކުރެވިފައި ވަނީ މުޅިން ވެސް ޢަރަބި ބަހުން ލޮލުގެ ތަފާތު ބައިތަކަށް ކިޔާ ފައިވާ ނަންތަކެވެ. މިއިން އިސްތިޘްނާވެފައި ވަނީ ވަރަށް މަދު އެއްޗެކެވެ.



މިސާލު:
عَدَسَة LENS - މިއީ  މުގަށް ކިޔާ ނަމެކެވެ. ލެޓިން ބަހުން މުގަށް ކިޔަނީ، LENTIL އެވެ. ވީމާ LENS އަކީ، ޢަރަބި عَدَسَة ގެ ތަރުޖަމާ އެކެވެ.

 
(ނިމުނީ)
---------------------------
މި ލިޔުން؛

       ފޮނުވުން:   
އައްޝައިޚް އަޙްމަދު ފަހުމީ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
       އަލުންބެލުން: 
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
       ޝާއިޢުކުރުން:    ''         ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ