އަދުގެ ޚާއްސަ

Print

ޙުރްމަތްތެރިވެގެންވާ މުޙައްރަމު މަސް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު

 

ޢާޝޫރާ ދުވަހާއި އެ ދުވަހުގެ މާތްކަމާއި އެ ދުވަހު ރޯދަހިފުން


އިބްރާހީމު ރަޝީދު މޫސާ

ފާއިތުވަމުންދާ ދުވަސްތަކާއި އަހަރުތަކުން ޢިބްރަތްލިބިގަތުން

މާތްﷲވަޙީކުރައްވަނީ: إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الأَلْبَابِ؛ آل عمران/190- ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާތަފާތުކުރެއްވުމުގައި ބުއްދީގެ އަހުލުވެރިންނަށް (ﷲގެކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެ އެވެ.


މި އާޔަތުން އެނގޭ ފަދައިން ރޭ ދުވާ ތަފާތު ކުރެއްވުމުގައި ޙިކްމަތްތަކެއް އަދި ބޭނުންތަކެއްވެ އެވެ. މި ކަންތައްތައް ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގޭނެ އެވެ. ރޭތަކާއި ދުވަސްތައް ތަފާތުވުމުގެ ސަބަބުން މޫސުމަށްބަދަލުތައް އާދެ އެވެ. ރޭ ދުވާ ތަފާތުވުމުގެ ސަބަބުން އަހަރަކަށް ފަހު އަހަރަކާ ކުރިމަތިލާންޖެހެ އެވެ.

ފާއިތުވާ ކޮންމެ ދުވަހަކީ، އައު ދުވަހެކެވެ. އަނބުރާ ދުވަހަކު ވެސް ނާންނާނެ ދުވަހެކެވެ. ބަޔަކު އުފަންވާނެ އަދި ބަޔަކުނެތިވެދާނެ ދުވަހެކެވެ. ބަޔަކު ޒުވާންވާނެ އަދި، ބަޔަކު މުސްކުޅިވާނެ ދުވަހެއްމެ އެވެ.
   
ވަކިވެދާ ކޮންމެ އަހަރަކީ، އަޅުގަނޑުމެންގެ ޢަމަލުތަކާ މެދު ހެކިވާނެ އަހަރެކެވެ. ކުރިމަތިލާ ކޮންމެ އައު އަހަރަކާ ކުރިމަތިލާން ވާނީ ވޭތުވެދިޔަ އަހަރުން ޢިބްރަތް ޙާޞިލުކޮށް އައު ކުރިއެރުންތަކެއް، އައު އިޞްލާޙުވުންތަކަކަށް އެދެމުންނެވެ.

ދުނިޔޭގައި އުޅެންލިބިފައިވާ ވަގުތުކޮޅު

މި ދުނިޔޭގައި އުޅުމަށްޓަކައި މާތްﷲ ދެއްވާފައިވާ ވަގުތުކޮޅަކީ، ވަރަށް ކުޑަވަގުތުކޮޅެއް ކަންއަބަދު ވެސް ހަނދާން ބަހައްޓަންވާނެ އެވެ. މި ކުޑަވަގުތުކޮޅުގެ ބޭނުން ރަނގަޅަށް ނުހިފިއްޖެނަމަ އާޚިރަތް އޮންނާނީ ބަނގުރޫޓުވެފަ އެވެ. ރަސޫލުﷲގެފާނު، އިބްނުޢުމަރުގެ ކޮޑުނފުޅުގައި ފިރުމާލައްވަމުން ޙަދީޘްކުރައްވަނީ (كن في الدنيا كأنك غريب أوعابرسبيل) رواه البخارى ދުނިޔޭގައި އުޅޭއިރު ތިބާއަކީ، ބީރަށްޓެއްސެއްކަމުގައި ނުވަތަ މަގުހުރަސްކުރާމީހެއްކަމުގައިދެކޭށެވެ! މިހެންވެ އިބްނު ޢުމަރުވިދާޅުވަނީ "ހަވީރުވެއްޖެ ނަމަ ހެނދުން ވެދާނެކަމަށް އިންތިޒާރު ނުކުރާށެވެ. އަދި، ހެނދުންވެއްޖެ ނަމަ ހަވީރު ވެދާނެކަމަށް އިންތިޒާރުނުކުރާށެވެ." އިބްނު ޢުމަރުވިދާޅުވަނީ ހެނދުންވީއިރު ދުނިޔޭގައި ހުރިމީހާ ހަވީރު ވަންދެން ދުނިޔޭގައި ހުރެވިދާނެކަމަށް ނުބަލާށެވެ. އަދި، ހަވީރު ވީއިރު ދުނިޔޭގައި ހުރިމީހާ ހެނދުން ވަންދެން ދުނިޔޭގައި ހުރެވިދާނެ ކަމަށް ނުބަލާށެވެ." ކިހާ ކުޑަ ވަގުތު ކޮޅެއްތޯ އެވެ!

މި ކުޑަ ވަގުތުކޮޅުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭނެ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ގެބަސްފުޅުން އެނގެނީ ކިތަންމެ ޢުމުރު ދިގު ވިޔަސް ދުނިޔެއަކީ ފަނާވަނިވިތަނެއްކަމެވެ. ދުނިޔެއަކީ، ދާއިމީ ގޮވެއްޗެއްނޫނެވެ. ދަތުރުވެރިއަކު ތަނަކަށް ގޮސްލައިފާ، އެ ތަނުން ފުރާގޮތަށް އިންސާނާ އަށް މި ދުނިޔެ ދޫކޮށް ދާންޖެހޭނެ އެވެ. އޭނާ އަކީ ދަތުރުވެރިއެކެވެ. އޭނާ އަކީ މަގު ހުރަސްކޮށްލުމަށްޓަކައި މަގުގެ އެއްފަރާތުގައި ދުވާރުމަތީގައި ހުއްޓިލައިގެން ފެހިއަލީގެ އިންތިޒާރުގައިހުރިމީހެކެވެ. ވަރަށްއަވަހަށް ހުރަސްކުރުމުގެ އަމުރު އަތުވެދާނެ އެވެ. ކީރިތި މާތް ރަސޫލާގެ މި ބަސްފުޅުގައި ވާއެއްޗެއް ރަނގަޅަށް އެނގިވަޑައިގެންފައިވާ މާތްޞަޙާބީ ޢަބްދުﷲބިން ޢުމަރު ތިން ވަޞިއްޔަތެއްކުރެއްވި އެވެ.

1-    ފުރަތަމަވަޞިއްޔަތަކީ: إذاأمسيت فلاتنتظرالصباح،وإذاأصبحت فلاتنتظرالمساء»- ހަވީރު ވެއްޖެނަމަ ހެނދުން ވެދާނެކަމަށް އިންތިޒާރުނުކުރާށެވެ. އަދި ހެނދުން ވެއްޖެނަމަ ހަވީރު ވެދާނެކަމަށް އިންތިޒާރު ނުކުރާށެވެ."

2-    ދެ ވަނަވަޞިއްޔަތަކީ: ''ތިބާގެ ބަލިމަޑުކަމަށްޓަކައި ތިބާގެ ދުޅަހެޔޮކަމުގެ ބޭނުންކުރާށެވެ." އެ ބަހީ ޞިއްޙަތު ސަލާމަތުންހުރި ދުވަސްކޮޅުގެ ބޭނުން ރަނގަޅުގޮތުގައި ހިފައިގެން ހެޔޮޢަމަލުކުރާށެވެ. ބަލިމަޑުކަމުގެ ސަބަބުން އެކަމަށް ހުރަސް އެޅުމުގެކުރިން ފުރުޞަތުގެ ބޭނުން ހިފާށެވެ. ބަލިވެއްޖެ ނަމަ ނުވަތަ ޢުމުރުން ދުވަސްވެއްޖެ ނަމަ ނުވަތަ ނުކުޅެދުންތެރި ވެއްޖެނަމަ ރޯދައެއްނުހިފޭނެ އެވެ. ރޭއަޅުކަމެއްނުކުރެވޭނެ އެވެ. މި ފަދަ އެހެނިހެން އަޅުކަންތައް ވެސް ބުރަކަމަކަށްވެދާނެ އެވެ.

3-    ތިންވަނަވަޞިއްޔަތަކީ: ومن حياتك لموتك ''ދިރިހުރި ވަގުތުގެ ބޭނުން މަރުވުމުގެ ކުރިން ހިފާށެވެ." މަރު އައިސް ތިބާއާ ބައްދަލުވުމުގެ ކުރިން ހެޔޮ ޢަމަލުތައް ކުރާށެވެ. ޢުމުރުގެ ކުރު ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން އާޚިރަތުގެ ޙަޔާތަށް ކޮއްތު ތައްޔާރުކޮށް ޖަމާކުރާށެވެ. ކީރިތި ރަސޫލާ ވަނީ މި ކަމަށް ނަޞީޙަތްދެއްވައިފަ އެވެ. އެ ކަލޭގެފާނު ޙަދީޘްކުރައްވާގޮތުގައި "މީސްތަކުން ދެ ނިޢުމަތަކާމެދު ފަރުވާކުޑަކުރެ އެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ." އައު އަހަރަކަށް އަޅުގަނޑުމެން މަރްޙަބާ ކިޔަމުންދާއިރު ވަގުތުގެބޭނުން ރަނގަޅުގޮތުގައި ހިފުމަށް ސަމާލުކަންދޭންވާނެ އެވެ. ބީވެއްޖެވަގުތަކީ، އަނބުރާގެނެވޭނެ އެއްޗެއްނޫނެވެ.  

ﷲގެމައްސަރުމުޙައްރަމުގެމާތްކަން

    ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަދީޘްކުރެއްވި އެވެ.(أفضلُ الصيام بعد رمضان شهرُ الله المحرم، وأفضلُ الصلاة بعد الفريضة صلاةُ الليل) - أخرجه مسلم  ރަމަޟާން މަސް ފިޔަވާ ހިފާ އެންމެ މާތް ރޯދައަކީ ﷲގެ މައްސަރުކަމުގައިވާ، މުޙައްރަމު މަހުގައި ހިފާރޯދައެވެ."

މުޙައްރަމު މަހުގައި ރޯދަ ހިފުމުގެ މާތްކަން މި ބަސްފުޅުން އެނގެ އެވެ. ރޯދައަކީ، ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި މަޤާމެއް ލިބިގެންވާ އަޅުކަމެކެވެ.

މުޙައްރަމު މަހަކީ ހިޖްރީ އަހަރުފެށޭމަހެވެ. ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ވެރިކަމުގައި ކީރިތިރަސޫލާގެ ހިޖްރަކުރެއްވުމަށް ނިސްބަތްކޮށް މުސްލިމުންގެ ކަލަންޑަރު ހެދުމަށްވަނީ އިއްތިފާޤުވެފަ އެވެ. މުޙައްރަމު މަހަކީ، ޙުރްމަތްތެރިވެގެންވާ ހަތަރުމަހުގެތެރެއިން އެއްމަހެވެ. މި ހަތަރު މަހަކީ، ޛުލްޤަޢިދާމަހާއި، ޛުލްޙިއްޖާމަހާއި، މުޙައްރަމުމަހާއި، ރަޖަބުމަހެވެ.

މި މަހަށް މުޙައްރަމު މަހޭ ކިޔުނީ، އެ މަހުގެ ޙުރްމަތްތެރިކަން ބޮޑުވެގެން ވާތީ އެވެ. ޖާހިލީ ޒަމާނުގައި ޢަރަބިން މި މަސްތައް ބަދަލުކޮށް އެ މަސްތަކުގެ ޙުރްމަތް ކަނޑައި އުޅުނެވެ. މާތްﷲ މިކަން ވަނީ މަނާ ކުރައްވައިފަ އެވެ. މުޙައްރަމު މަސްﷲގެ ޛާތު ފުޅަށް ނިސްބަތްކޮށް، ޝަހްރުﷲ އަލްމުޙައްރަމޭކިޔަ އެވެ. ﷲގެ މަތިވެރި ޛާތުފުޅަށް، އެއްޗެއް ނިސްބަތް ވުމުން އޭއްޗެއްގެ މާތްކަމާއި މަތިވެރިކަން ފާޅުވެގެންދެ އެވެ.
 
މާތްﷲ ހަނދު މަސް ތައް ލައްވާފައި ވަނީ ވަގުތު ދެނެގަތުމަށްޓަކައިކަން ކީރިތި ޤުރްއާނުން އެނގެ އެވެ. އެ ބައި މީހުން ހަނދާބެހޭ ގޮތުން ރަސޫލުﷲގެފާނަށް ސުވާލު ދެންނެވުމުން އޭގެ ޖަވާބުގައި މާތްﷲ ވަޙީކުރެއްވީ އެއީ "مواقيت للناس"  ކަމަށެވެ.

އިސްވެ މަތީގައި ދެންނެވި ޙަދީޘުން ދޭހަވާގޮތުގައި ސުންނަތްރޯދަ ހިފުމަށް އެންމެ މާތް މަހަކީ، މުޙައްރަމު މަހެވެ. މި ޙަދީޘުގެ ބޭރުފުށަށްބަލައިފި ނަމަ މުޅި މުޙައްރަމު މަހުގައި ރޯދަހިފުން ސުންނަތްވެގެންވާކަމަށް ހީވެދާނެ އެވެ. ނަމަ ވެސް ރަމަޟާން މަސް ފިޔަވާ އެހެން އެއްވެސް މަހެއްގައި، މުޅި މަހު ރޯދަ ހިފުމަކީ، ސުންނަތްވެގެންވާ، ކަމެއްނޫނެވެ. މުޙައްރަމު މަހުގެ ދުވަސްތަކުގައި ސުންނަތް ރޯދަ ހިފުން މާތް ކަމުގައި ވިޔަސް ޢަރަފާތު ދުވަސް، ޝައްވާލުމަހުގެ 6ރޯދަ ފަދަ ރޯދަތަކުގެ މާތްކަން ބޮޑުވެގެންވެ އެވެ.

ޢާޝޫރާ ދުވަސް

ޢާއިޝަތުގެފާނު އަރިހުން ވާރިދުވެފައި ވާގޮތުގައި ޖާހިލީޒަމާނުގައި ވެސް ޤުރައިޝުން ޢާޝޫރާ ދުވަހު (ނުވަތަ މުޙައްރަމު މަހުގެ 10 ވަނަދުވަހު)  ރޯދަ ހިފައިއުޅުނެވެ. އަދި، ރަސޫލުﷲގެފާނު ވެސް އެ ދުވަހު ރޯދަފުޅުހިއްޕެވި އެވެ. މަދީނާ އަށް ހިޖްރަ ކުރެއްވުމަށް ފަހުގައި ވެސް އެ ދުވަހު ރޯދަފުޅު ހިއްޕެވި އެވެ. އަދި، އެ ދުވަހު ރޯދަ ހިފުމަށް އަމުރު ވެސް ކުރެއްވި އެވެ. އެކަމަކު، ހިޖްރައިން 2 ވަނަ އަހަރު ރަމަޟާންމަހު ރޯދަ ހިފުން ފަރްޟު ކުރެއްވުމުން ޢާޝޫރާ ދުވަހު ބޭނުން މީހަކު ރޯދަ ހިފުމަށް އެންގެވި އެވެ. (1)

މި އިން އެނގެނީ ޢާޝޫރާ ދުވަހަކީ، ޖާހިލީޒަމާނުގައި ވެސް މާތް ދުވަހެއްކަމެވެ. ޢަރަބިން ގެފުޅުގައި އުރަކޮޅު ލައްވަނީ މި ދުވަހުގައިކަންސާބިތުވެ އެވެ.

ނަމަވެސް ހިޖްރައިން  10 ވަނަ އަހަރު ޢާޝޫރާ ދުވަހާއި ތާސޫޢާ ދުވަހު ރޯދަ ހިފުމަށްرسولالله ގެފާނު މީސްތަކުން ނަށް އެންގެވި އެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ އިތުރުކަން
    
މުޙައްރަމު މަހުގެ 10 ވަނަދުވަހު (ނުވަތަ ޢާޝޫރާ ދުވަހު) ރޯދަ ހިފުމާ ބެހޭ ގޮތުން ރަސޫލުللهގެފާނަށް ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވީ އެއީ: يكفرالسنةالماضية ވޭތުވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވާދެއްވާނެކަމެކެވެ.(2)  ވަރަށް ގިނަ ބަސްފުޅުތަކުން އެނގޭގޮތުގައި ރަސޫލުﷲގެފާނު މި ދުވަހު ރޯދަފުޅު ހިއްޕަވައި، އެހެން މީހުންނަށް މި ދުވަހު ރޯދަ ހިފުމަށް ހިތްވަރުދެއްވި އެވެ. ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާގޮތުގައި "ފާފަތަކޭ" ބުނެވޭމަހުގެމާނައަކީ، "ކުދިފާފަތަކެވެ." އެ ބޭކަލުން ވިދާޅުވާގޮތުގައި ފަރްޟު ނަމާދުތައް ކުރުމުން، ރަމަޟާންމަހު ރޯދަ ހިފުމުން އަދި، އެހެނިހެން ވެސް ފަރުޟު ކަންތައްތައް އަދާކުރުމުން ބޮޑެތި ފާފަތައް ފުހެވިގެންނުދާތީ، ޢާޝޫރާ ދުވަހު ރޯދަ ހިފުން ފަދަ ސުންނަތްކަން ތައްތަކުން ބޮޑެތިފާފަތައް ފުހެވިގެންނުދާނެ އެވެ. ޖުމްހޫރުން ވިދާޅުވާގޮތުގައި ޒިނޭކުރުން، ރިބާކެއުން، ސިޙްރުހެދުން، ވައްކަންކުރުން، ފަދަ ބޮޑެތިފާފަތައް ފުއްސަވާނީ ތައުބާވުމުންނެވެ. ނުވަތަ އެ އަދަބަކަށް، ކަނޑައެޅިފައިވާ ޙައްދު ޤާއިމުކުރެވުމުންނެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޙިކްމަތް

އިބްނު ޢައްބާހުގެ އަރިހުން ވާރިދުވެފައި ވާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، މަދީނާ އަށް ހިޖްރަކުރެއްވިއިރު މަދީނާގައި  އުޅޭ ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފަމުންދާކަން އެނގިވަޑައިގެން، އެމީހުން މި ރޯދަ ހިފަނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ. އެ ބައިމީހުން ރަސޫލާ އަށް ދެންނެވިއ ެވެ. މި ދުވަހަކީ މޫސާގެފާނާއި ބަނީ އިސްރާއީލު ބާގައިގެ މީހުން ފިރުޢައުނުގެ މައްޗަށް ގަދަ ކުރެއްވި ދުވަހެވެ. އަޅުގަނޑުމެން ރޯދަ މި ހިފަނީ މި ދުވަސް މާތް ކުރުމުގެ ގޮތުންނެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. ތިޔަ ބައިމީހުންނަށް ވުރެ މޫސާގެފާނަށް މާތްކޮށް ހިތުން ތިމަންކަލޭގެފާނުމައްޗަށް އައުލާކަން ބޮޑެވެ. މި ހެން ޙަދީޘް ކުރައްވާ ރޯދަ ހިފުމަށް މީސްތަކުންނަށް އަމުރުކުރެއްވި އެވެ.(3)
       
މި ޙަދީޘްފުޅުން ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޙިކްމަތް އެނގިގެން ހިނގައްޖެ އެވެ. އެހެން ބަސްފުޅަކުން އެނގޭގޮތުގައި ޚައިބަރުގެ އަހުލުވެރިން (އެބަހީޔަހޫދީން) ޢާޝޫރާ ދުވަހު ރޯދަ ހިފައި ޢީދު ދުވަހެއްކަމުގައި ބެއްޔެވެ. އެ މީހުންގެ އަންހެނުން ޒީނަތްތެރިވާ ދުވަހެއްކަމުގައިވި އެވެ. އަލްބުޚާރީގައި އައިސްފައި ވާގޮތުގައި މި ވާހަކަ އިވިވަޑައިގަތުމުން ރަސޫލުﷲގެފާނު މުސްލިމުންނަށް އަމުރުކުރެއްވީ ރޯދަ ހިފުމަށެވެ. ޔަހޫދީން ޢީދު ފާހަގަކުރާ ގޮތަށް މި ދުވަސް ފާހަގަކުރާކަށް ނާންގަވަ އެވެ.

އިސްލާމީ ދުނިޔެއަށް ބަލާއިރު މި ދުވަސް ދެ ގޮތަކަށް ފާހަގަ ކުރާތަން ފެނެ އެވެ. ޔަހޫދީންނާ އެއްގޮތަށް ޢީދަކަށްހަދައިގެން އުފާ ފާޅުކޮށް އުޅޭބަޔަކުވެ އެވެ. އެ ދުވަހު ޒީނަތްތެރި ވުމުގެ ގޮތުން އަންހެނުން އަތުގައި ހީނާފަތްއަޅަ އެވެ. އަދި އައު ހެދުންލައި މީރު ކާއެއްޗެހި ތައްޔާރުކޮށް ހަދިޔާ ބަދަލުކުރާތަން ވެސް ފެނެ އެވެ.

ދެ ވަނަ ބަޔަކު އެ ދުވަސް ފާހަގަ ކުރަނީ ހިތާމައިގެ ދުވަހެއްގެ ގޮތުގަ އެވެ. ޙުސައިނުގެފާނު ޝަހީދުކޮށްލެވުނު ދުވަސްކަމުގައިވާތީ އެވެ. މި ޖަމާޢަތުގެ މީހުން މަގުމައްޗަށް ނުކުމެ ނަފުސަށް ގެއްލުން ލިބޭ ފަދަ ޢަމަލުތައް ކުރާތަން ވެސް ފެނެ އެވެ.

މި އިން އެއްވެސް ކަމަކީ، ދީނީ ކަމެއްނޫނެވެ. އެ ކަމަށް ދީން ގޮވާލާ ކަންތައްތަކެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ބިދުޢަތަކެކެވެ.  

ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހު ރޯދަ ހިފުން

މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާހުގެ އަރިހުން ރިވާވެގެން ވާގޮތުގައި ރަސޫލުﷲގެފާނު ޢާޝޫރާ ދުވަހު ރޯދަފުޅު ހިއްޕަވައި، އެ ދުވަހު ރޯދަ ހިފުމަށް މީސްތަކުންނަށް އަމުރު ކުރެއްވުމުން ޞަޙާބީން ދެންނެވި އެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން މާތްކުރާ ދުވަހެކެވެ. އެ ހިނދު ރަސޫލުﷲ ޞައްﷲ ޢަލައިހި ވަސައްލަމަ، ޙަދީޘްކުރެއްވި އެވެ. މި އަންނަ އަހަރާ ޖެހެންދެން ދުނިޔޭގައި ތިމަންކަލޭގެފާނު ހުންނަވާނެ ނަމަ ނުވަ ވަނަ ދުވަހު ވެސް ރޯދަފުޅު ހިއްޕަވާނަމެވެ. – أخرجه مسلم -

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާއަށް އެ ދުވަހުގެ ކުރީދުވަހު، ނުވަތަ ނުވަވަނަދުވަހު (ތާސޫޢާދުވަހު) ރޯދަ ހިފުން ސުންނަތް ވެގެންވެ އެވެ. ރަސޫލުﷲގެފާނު ރޯދަފުޅު ނުހިއްޕެވިއަސް އެކަލޭގެފާނުވަނީ، އެ ކަމަށްޢަޒްމު ކަނޑައަޅުއްވައިފަ އެވެ. ރަސޫލުﷲގެފާނުގެ އެހެނިހެން ބަސްފުޅުތަކުގައި ޔަހޫދީންނާއި ނަޞާރާއިންނާ ޚިލާފުވަން އަންގަވާފައިވާތީ ވެސް މިކަންކުރަން ޖެހޭކަން އެނގެ އެވެ. އެހެނީ ޔަހޫދިން ރޯދަ ހިފާފައިވަނީ ހަމައެކަނި 10 ވަނަދުވަހު އެވެ. އިބްނު ޢައްބާހުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއް ބުނާގޮތުގައި (صومواالتاسع والعاشرخالفوااليهود) – ތިޔަބައިމީހުން ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުވާށެވެ! "

ޢިލްމުވެރިން ވިދާޅުވާގޮތުގައި ޢާޝޫރާ ދުވަހު ރޯދަ ހިފުމަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތަކީ ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހާއި އެގާރަ ވަނަ ދުވަހު ރޯދަހިފުމެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފާ އިރު ދިހަ ވަނަ ދުވަހާއެކު ނުވަ ވަނަ ދުވަހު ނުވަތަ ދިހަ ވަނަ ދުވަހާއެކު އެގާރަ ވަނަ ދުވަހު ވެސް ރޯދަ ހިފިދާނެ އެވެ. ގިނަ ޙަދީޘްފުޅުތަކުން އެނގެނީ 9ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުމެވެ.

ދިހަ ވަނަ ދުވަހު އެކަނި ރޯދަ ހިފުން މަކްރޫހަ ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. އެއީ އަހްލު ކިތާބީންނާ އެއްގޮތް ވެދާނެތީ އެވެ. އިބްނު ޢައްބާހުގެ ރައުޔަކީ މި އެވެ. އެކަމަކު ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޢާޝޫރާ ދުވަހަކީ، މާތް ދުވަހެކެވެ. މާތް ދުވަހެއްގައި ރޯދަހިފުން މަކްރޫހަވެގެންނުވެ އެވެ.

---------------
(ނިމުނީ)


ހަވާލާ:

 1- أخرجه البخاري ومسلم
 2- أخرجه مسلم
 3- أخرجه البخارى ومسلم


މި ލިޔުން:

    ފޮނުވުން:   އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:  ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ