އަދުގެ ޚާއްސަ

Print

ކޯރޯ: އަލަށް ފެނުނު ބަހެއް

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


ކޯރޯ: ދުނިޔޭގައި މީހުން ވާހަކަދައްކާ ބަސްބަހުގެ ލިސްޓަށް އެންމެފަހުން އިތުރުވީ ބަސް


މުޙަންމަދު ޝާހިދު ޙަލީމް


"ކޯރޯ" (Koro) މިއީ ދާދި ފަހަކާ ޖެހެންދެން ވަކި ބަހެއްގެ ގޮތުގައި ބަހަވީ ޢިލްމުވެރިންނަށް ފާހަގަކުރެވިފައި ވާ ކަން އެނގިފައިވާ ބަހެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެއީ ދުނިޔޭގައި މިހައިތަނަށް ފާހަގަކުރެވިފައިވާ ބަސްތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ކަން އެނގިފައިވާ ބަހެވެ.




މި ބަސް ފާހަގަކުރެވުނީ މި ދިޔަ އޮކްޓޯބަރު މަހު، އިންޑިޔާގެ އަރުނަޗަލް ޕްރަދޭޝަށް ދިޔަ ނެޝަނަލް ޖިއޯގްރަފިކް ސޮސައިޓީގެ ބަހަވީ ޢިލްމުވެރިންގެ ޓީމަކަށެވެ. އެ ޓީމުގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވީ ޕެންސިލްވޭނިއާގެ ސްވާތުމޯގެ ސްވާތުމޯ ކޮލެޖުގެ އެސޯސިއޭޓު ޕްރޮފެސަރެއް ކަމަށް ވާ ކޭ. ޑޭވިޑް ހެރިސަނާއި، ނެޝަނަލް ޖިއޮގްރަފިކު ސޮސައިޓީގެ ޢިލްމުވެރިއެއް ކަމަށް ވާ ގްރެގް އެންޑާސަނެވެ. އެ ޓީމު އަރުނަޗަލް ޕްރަދޭޝަށް ދިޔައީ، އެ ތާނގެ ކުޑަ އަވަށެއްގައި ވާހަކަދައްކާ 2 ބަހެއް ކަމަށް ވާ އަކަ (Aka) އާއި، މިޖީ (Miji) ބަސް ރެކޯޑުކުރާށެވެ. މިއީ ކުރިން ފާހަގަކުރެވިފައިވާ ދެ ބަހެވެ. އެ ޓީމުގެ މެންބަރުން އެ އަވަށުގެ އެކި ގޭގެއަށް ވަކިވަކިން ގޮސްގެން އެ ދެ ބަހުގެ ލަފުޒުތައް ރެކޯޑުކުރަނިކޮށް ތިންވަނަ ބަހެއް - ކޯރޯ ބަސް - ފާހަގަކުރެވުނީއެވެ. އެ ބަހަކީ އިންޑިޔާގެ ބަސްތަކުގެ ސާވޭގައާއި، އިންޑިޔާގެ ބޯހިމެނުންތަކުގައި ނުވަތަ ދުނިޔޭގެ ރަސްމީ ރަޖިސްޓަރީތަކުގައި ހިމެނިފައިވާ ބަހެއް ނޫނެވެ.

ބަހަވީ ޢިލްމުވެރީން ބަޔާންކުރާ ގޮތުގައި، އުތުރުއިރުމަތީ އިންޑިޔާގެ ފަރުބަދަމަތީ އަވަށަކުން މި ފާހަގަކުރެވުނު، ކޯރޯ ބަހަކީ ޓިބެޓޯ-ބަރުމަން (Tibeto-Burman) ޢާއިލާގެ ބަހެކެވެ. މި ޢާއިލާގައި ގާތްގަނޑަކަށް 400 އެއްހައި ބަސް ހިމެނެއެވެ. މީގެ ތެރޭގައި ޓިބެޓުބަހާއި ބަރުމާބަސް ހިމެނެއެވެ. މި ޢާއިލާގެ ބަސްތަކުން ވާހަކަދައްކާ މައި ސަރަހައްދުތަކަކީ އޭޝިއާގެ އިރުމައްޗާއި، މެދުތެރެއާއި، ދެކުނާއި، ދެކުނު އިރުމައްޗެވެ.

ޓިބެޓޯ-ބަރުމަން ޢާއިލާގެ  ތަފާތު 150 ބަހުން އިންޑިޔާގައި ވާހަކަދައްކައެވެ. ނަމަވެސް އަލަށް މި ފާހަގަކުރެވުނު ކޯރޯ ބަހާ އެއްގޮތް ކަމަށް ފާހަގަކުރެވޭ ބަހެއް އޭގެ ތެރޭގައެއް ނެތެވެ. ކޯރޯ މީހުންނާއި އަކަ މީހުން ހީކުރަމުން ދިޔައީ ކޯރޯ މީހުންގެ ބަހަކީ އަކަ ބަހުގެ ވައްތަރެއް ކަމަށެވެ. އެކަމަކު އެއީ އެ ބަހުގެ ބަހުރުވައެއް ނުވަތަ ދައްތަބަހެއް ނޫންކަން ފާހަގަކުރެވުނެވެ. ކޯރޯ ބަހުގައި އެ ސަރަހައްދުގައި ވާހަކަދައްކާ ބައެއް ބަސްބަހުގެ ލަފުޒުތައް ހިމެނުނު ނަމަވެސް އެއަށް ވުރެ ދުރު، އިރުމަތީ ސަރަހައްދުގައި ވާހަކަދައްކާ ބަސްބަހުގެ މާ ގިނަ ސިފަތައް ހިމެނެއެވެ.

ކޯރޯ ބަސް ފާހަގަކުރެވުނު ސަރަހައްދަކީ ބަހަވީ ޢިލްމުގެ ދުނިޔޭގެ "ކަޅުލޯވަޅު" (“black hole”) ގެ ގޮތުގައި ބެލެވޭ ސަރަހައްދެކެވެ. ލިޔެވިފައާއި ލިޔެވިފައި ނުވާ މުއްސަނދި، ތަފާތު އެތައް ބަހެއް އެ ސަރަހައްދުގައި އޮވެއެވެ. ބަހަވީ ބައެއް ޢިލްމުވެރީން އެ ސަރަހައްދުގައި މަސައްކަތްކޮށްފައި ވީ ނަމަވެސް އެ ސަރަހައްދުގައި ވާހަކަދައްކާ ބަސްބަހުގެ އިތުބާރުކުރެވޭ ލިސްޓެއް އަދި އެކުލަވައިލެވިފައެއް ނެތެވެ. މިހެން ދިމާވެފައި ވަނީ އެ ސަރަހައްދަށް ދިޔުން ހިފެހެއްޓުމަށް ވެރިކަމުގެ ފަރާތުން ގެންގުޅޭ ޕޮލިސީގެ ސަބަބުން ކަމަށް ބަހަވީ ޢިލްމުވެރިން ބުނެއެވެ. އެ ސަރަހައްދަށް ދެވެނީ ހުއްދަ ހޯދައިގެންނެވެ.

އަލަށް މި ފާހަގަކުރެވުނު ކޯރޯ ބަހުން ވާހަކަދައްކަނީ ހާހެއް ހައި މީހުންނެވެ. އޭގެ ތެރޭގައި 20 އަހަރުން ދަށުގެ ޒުވާނުންނާއި ކުޑަކުދީން ހިމެނޭލެއް މަދެވެ. ގިނަ ބަސްބަހެކޭ އެއްފަދައިން ކޯރޯ ބަހަކީ ވެސް ލިޔާ ބަހެއް ނޫނެވެ. ހަމައެކަނި ވާހަކަދައްކާ ބަހެކެވެ. މި ސަބަބުތައް މިހެން ހުރުމާއެކު ކޯރޯ ބަހަކީ ވެސް އުވުމުގެ ނުރައްކާ ކުރިމަތިވެފައި ވާ ބަހެކެވެ.
-------------------
(ނިމުނީ)

މި ލިޔުން:

  ލިޔުން:     މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން:  ''          ''
  ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ