އަދުގެ ޚާއްސަ

Print

މާދަރީބަހަށް ސަމާލުކަން ދިނުން ލާޒިމެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

އިނގިރޭސިބަހަށް މޮޅުވުމަށް ޓަކައި މާދަރީބަހަށް ސަމާލުކަން ދިނުން ލާޒިމެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


އެންމެ ފުރަތަމަވެސް ފަންވަތުގެ އަހުލުވެރިންނަށް ޝުކުރުދަންނަވަމެވެ. މިފަދަ ލިޔުންތައް ވިދާޅުވެ ޚިޔާލު ފާޅުކުރައްވާތީއެވެ. ޚާއްޞަކޮށް، "ދަރިފުޅު އިނގިރޭސިބަހަށް މޮޅުކުރެވޭނީ ކިހިނެއް؟" މި މައިގަނޑު ނަމުގެ ދަށުގައި 2 ޑިސެމްބަރ 2010 ގައި އަޅުގަނޑު ލިޔުނު ލިޔުމަކަށް "ހާރޫނު"ގެ ނަމުގައި ޚިޔާލުފާޅުކުރެއްވި ކިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މި މަޒުމޫނު ލިޔުމުގެ ހިތްވަރު އަޅުގަނޑަށް މިހާ އަވަހަށް ލިބުނީ އެނާ ފާޅުކުރެއްވި ޚިޔާލުފުޅުގެ ސަބަބުންނެވެ. ޝުކުރިއްޔާ އެވެ!

މާދަރީ ބަސް މުހިއްމުވަނީ ކީއްވެ؟


މިއަދު އިނގިރޭސިބަސް މިވަނީ މުޅި ދުނިޔެ އިސްތިޢުމާރު ކޮށްފައެވެ. މި ބަހުގެ ސަބަބުން ދުނިޔޭގެ އެހެން ބަސްތައް ހަމައެކަނި އިހުމާލުކޮށްލެވެނީކީ ނޫނެވެ. އެކި ޤައުމުތަކުގެ މުއްސަނދި ސަގާފަތާއި އާދަކާދަތައްވެސް ނެތިގެންދަނީއެވެ. ސިޔާސީ، ސަގާފީ އަދި ފަންނީ ނުފޫޒުތައް މުޖުތަމަޢަށް ފޯރަނީ އެވެ. މިއީ ހަމަ އެކަނި ދިވެހިރާއްޖެ އަށް އޮތް މައްސަލައެއް ނޫނެވެ. ސްވިޑްން ފަދަ ދުނިޔޭގެ ނަންހިނގާ ބައެއް ޤައުމުތަކުންވެސް މިކަމާ ކަންބޮޑުވުން ފާޅުކުރެއެވެ. އިނގިރޭސިބަހަކީ ސްވިޑްންގެ ޤައުމިއްޔަތަށް ހުރި ބިރެއް ކަމަށް އެ ޤައުމުގެ ބަސްވާރުން ހާމަކުރެއެވެ. މީގެ އިތުރުން ސްވިޑުންގެ ބަސްވާރުން ލަފާކުރާ ގޮތުގައި މާދަރީ ބަހާމެދު ފަރުވާ ކުޑަކޮށްލެވިއްޖެ ނަމަ ކުރިޔަށް އޮތް ދެތިން ޖީލެއްގެ ތެރޭގައި ސްވިޑިޝް ބަހުގެ މައްޗަށް އިނގިރޭސިބަސް ގަދެވެ ގަތުމުގެ ނަތީޖާއެއްގެ ގޮތުން ސްވިޑްންގެ ސަގާފަތަށް ނުރައްކާވެދާނެ އެވެ.

ބަސްވާރުން އެއްބަސްވާ ގޮތުގައި މަދަރީބަހާމެދު އިތުރަށް ސަމާލު ނުވެވިއްޖެ ނަމަ، ކުރިޔަށް މި އޮތް ޤަރުނުގެ ތެރޭގައި އެތައް ހާސް ބަހެއް އުވިގެންދާނެ އެވެ. ބަހެއް އުވުމަކީ ހަމަ އެކަނި "ބަހެއްގެ ނެތި ދިޔުމެއް" ނޫނެވެ. އެއީ އެތައްބަޔެއްގެ އިޙުސާސްތަކާއި ޝުޢޫރުތައް ވަޅުލެވުމެވެ. އަދި އެއީ މުއްސަނދި އެތައް ސަގާފަތެއްގެ ނެތި ދިޔުމެވެ. މިފަދަ އެތައް ސަބަބުތަކަކަށްޓަކައި ބަސް ޙިމާޔަތްކުރުމަށް ތަފާތު އިންސްޓިޓިޔުޓްތަކާއި ލެންގުއޭޖް ކޮމިޝަންތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ވަނީ އުފައްދައިފަ އެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގެ މާދަރީ ބަހަކީ އެބަހަށް މުސްތަޤިއްލު އަކުރެއް ލިބިގެންވާ ބަސްބަހެއް ނޫނެވެ. ނަމަވެސް ދިވެހި ބަހުގެ މުއްސަނދި ތަރިކައެއް ކަމުގައި ތާނަ އަކުރު އޮތްކަމާމެދު ޤައުމީ ގޮތުން ފަޚުރުވެރިވާން ނޭނގުމަކީ އިޖްތިމާޢީ އަދި ޤައުމީ މައްސަލައެކެވެ. މިކަންކަން މިހެން ހުރުމާއެކު ދިވެހިބަސް ޙިމާޔަތްކުރާނެ ކޮމިޝަނެއް ނުވަތަ ކައުންސިލެއް  އުފައްދާކަސް ފަހެ ނުވޭބާވައެވެ؟

ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު ދެ ރުކުނަކީ އިސްލާމްދީނާއި ދިވެހި ބަސްކަމުގައި ވީ ހިނދު އިސްލާމީ މަރުކަޒެއް ހުރިކަމީ އުފާކުރުން ޙައްޤުކަމެކެވެ. ނަމަވެސް އިސްލާމް ދީން ޙިމާޔަތްކުރަން މަސައްކަތް ކުރާނެ ކިތަންމެ ޤައުމެއް ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް ދިވެހިބަސް ޙިމާޔަތްކުރާން ދިވެހިން ނޫން ބަޔަކު ތިބޭނެބާވައެވެ! މިއީ މިދެންނެވި ފަދަ މުއައްސަސާއެއް ދިވެހިރާއްޖޭގައި އުފައްދަންޖެހޭ ސަބަބަކަށް ފަހެ ނުވޭތޯއެވެ! ސްވިޑްން ގައިވެސް އެ މީހުންގެ ބަސް ޙިމާޔަތްކުރުމަށް "ދަ ލޭންގުއޭޖް ކޮމިޝަން"ގެ ނަމުގައި ވަރަށް ވަރުގަދަ މުއައްސަސާއެއް އުފައްދައިފައި ވާ ފަދައިންނެވެ.

ދެވަނަ ބަސް ދަސްކުރުމުގައި މާދަރީ ބަސް އެހީތެރިވަނީ ކިހިނެއް؟


ދެވަނަ ބަހަކަށް ކުއްޖާ މޮޅުކުރުމަށް ޓަކައި ކުރަން އެންމެ މުހިއްމު ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ގޮތް ހާމަކޮށް ބަޔާންކޮށްދިިނުމަށް ބަސްވާރުން ބޭނުންކުރައްވައިފައި ވަނީ ހަމަ އެންމެ ޢިބާރާތެކެވެ. އާދެ! "ތިބާގެ ދަރިފުޅުގެ މާދަރީބަހަށް އަހުލުވެރިކުރުމުގެ މަސައްކަތް އެކުއެކީގައި ކުރިޔަށް ގެންދާނަމަ އެ ކުއްޖާ އަށް މާ ފަސޭހައިން މާ މޮޅަށް އިނގިރޭސިބަސް ވެސް ދަސްކުރެވޭނެއެވެ."  މިއީ މި ފަދަ ދިރާސާތައް ކޮށްފައިވާ ބަސްވާރުންގެ ޓީމަކުން ޢާއްމު ކޮށްފައިވާ ބަޔާނެކެވެ. އަޅުގަނޑުގެ އަމިއްލަ ޢިބާރާތެއް ނޫޫނެވެ. މާނައަކީ ކުއްޖާ ދެވަނަ ބަހަކަށް މޮޅުކުރަން ބޭނުންނަމަ، ދެވަނަ ބަސް ކިޔަވައިދިނުމާ އެކު އެކީގައި އެ ކުއްޖެއްގެ މާދަރީބަހަށް އެ ކުއްޖަކު މޮޅުކުރުމަށް ކުރެވޭ މަސައްކަތް ވެސް ހުއްޓައިނުލައި ކުރިޔަށް ގެންދަން ޖެހޭނެޔޭ އެވެ.

ވަރަށް ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި، ކުއްޖާގެ މާދަރީ ބަހުން ލިބިގަންނަ ހުނަރުތައް ވަރަށް ފަސޭހަމާއެކު ދެވަނަ ބަހަށް ބަދަލުކޮށްލެވޭނެ އެވެ. އެހެންވީމާ މިސާލަކަށް ކުއްޖާ އަށް ފަރިތަކަމާއެކު ދިވަހިބަހުން ކިޔައިލެވޭނަމަ، ކިޔުމުގެ އެ ހުނަރު އެ ކުއްޖާ އިނގިރޭސި ކިޔުމުގައިވެސް ބޭނުންކުރެވޭނެ އެވެ. އެހެނީ ކިޔުމަށް ފަރިތަވަނީ ކުރިޔަށް ހުންނަ ލަފުޒުތަކަށް ލޯހިންގާށާއި ވިސްނުން ގެންދަން ހުނަރުވެރިވެވިގެންނެވެ. (ކިޔުމުގެ އެންމެ މުހިއްމު އެއް ހުނަރަކީ ކިޔާ ޢިބާރާތުގައި ހުންނަ ބީރައްޓެހި ލަފުޒުތަކުގެ މާނަ ލަފާކުރާން އެނގުމެވެ. އަނެއް ހުނަރަކީ މާނަ ނޭނގޭ އާ ލަފުޒުތަކުގެ ތެރއިން ރަދީފުން މާނަ ދެނެގަންނަން ޖެހެނީ އަދި އަޅައިނުލައި ދޫކޮށްލަންވީ ލަފުޒުތައް ދެނެގަންނަން އެނގުމެވެ.) މިއީ ކޮންމެ ބަހެއްގައިވެސް ބޭނުންވާނެ ހުނަރުތަކެކެވެ. މި ސަބަބުތަކަށްޓަކއި ތިބާގެ އިނބަގެ ދަރިފުޅުގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހުން ހުންނަ ޢިލަމީ ފޮތާއި ވާހަކަ ފޮތް (ފިކްޝަނާއި ނޮންފިކްޝަން) ކިޔުމަށް ހިތްވަރުދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ހަމަ މި ބީދައިން ޢިބާރާތްކޮޅެއް ރާވައިލުމާއި މަޒުމޫނެއް ލިޔުމުގައި ބަހުސެއް ތަރައްޤީކޮށް ޢިބާރާތެއްގެ ސިފަ ގެނައމަކީ މި މި ހުނަރުތައް އެ ކުއްޖާ ދަސްކުރާ ދެވަނަ ބަހެއްގައި ބޭނުންކުރަން ފަސޭހަވާނޭ ކަމެއްކަމަށް ދިރާސާތަކުން ހާމަވެއެވެ.

މާދަރީބަހުގެ ހުނަރުތައް ތަރައްޤީކޮށް ދަމަހައްޓަންޖެހޭ އެހެން ސަބަބުތަކަކީ ކޮބާ؟


ބައިނުލްއަޤްވާމީ ސްކޫލްތަކުގައި ނުވަތަ ރާއްޖެއިން ބޭރުގައި ކިޔަވާ ގިނަކުދިން އެނބުރި ދާނީ އެ ކުއްޖެއްގެ އަމިއްލަ ޤައުމަށެވެ. ޢަމަލީ މައިދާނުގައި މަސައްކަތްކުރަންޖެހޭނީ އެ ތާނގައެވެ. އަދި މަޢުލޫމާތުގެ ގޮތުން ސިކުނޑި ތަރއްޤީކުރެވޭނީ އެ މާޙައުލުންވެ. މިއީ ވިސްނުން ތަރއްޤީކުރުމާއި މާދަރީ ބަހަށް އިހުމާލު ނުވާންޖެހޭ ވަރަށް ވަރުގަދަ ސަބަބެކެވެ. އަދި ދެވަނަ ބަހެއްގެ ގޮތުން އިނގިރޭސި ކިޔަވާ ކުދީން މާދަރީ ބަހަށް ތިމާ ކޮށިވެއްޖެ ނަމަ ތިމާގެ ޤައުމީ ވަންތަކަން ގެއްލި، އިޖުތިމާޢީ އަދި ޢާއިލީ ކަންކަން ޙައްލު ކުރުމަށް އުނދަގޫ އުފުއްލަން ޖެހިދާނެ އެވެ. ހަމަ މިފަދައިން މުޖުތަމަޢުގެ އިސް މަޤާމެއް ފުރަން ޖެހިއްޖެ ނަމަ އޭނާ އަށް މާދަރީ ބަހަށް ކޮށިވުމުގެ ސަބަބުން ނުރަނގަޅު މާނަ ދޭހަވާ ޢިބާރާތްތައް މުޖުތަމަޢަށް ދޫރެވިދާނެ އެވެ. މިސާލަކަށް ތިމަންނާއަކީ ހަމަބުއްދި ހުރި މީހެކޭ ބުނަން ދިމާވާ ޙާލަތްތަކުގައި ތިމަންނާ އަކީ ހަމަބުއްދި ފިލައިފައި ހުރި މީހެކޭ ބުނެވިއްޖެ ނަމަ ޤާނޫނީ މައްސަލަތަކެއްވެސް ކުރިމަތިވެދާނެ އެވެ. މާދަރީބަހަށް މޮޅުވުމަކީ ލާޒިމު ކަމެއް ކަމަށް ވަނީ މިފަދަ ކިތަންމެ ސަބަބުތަކެއް ހުންނާތީ އެވެ. މިއީ އަޅުގަނޑުގެ ބަހެއް ނޫނެވެ. ދިރާސާތައް ކޮށްފައިހުރި ބަސްވާރުންގެ ބަހެވެ.

އެހެންވީމާ މާދަރީ ބަހަށް މޮޅުވުމަކީ ދެވަނަ ބަހަކަށް މޮޅުވުމަށް މުހިއްމު ސަބަބެއް ކަމަށް ޚިޔާލު ފާޅުކޮށްފައިވަނީ އަޅުގަނޑު އަމިއްލަޔަކަށް ނޫނެވެ. މިއީ ދުނިޔޭގެ ބަސްވާރުންގެ ބަހެވެ. ޢިލްމުވެރީންގެ ބަހެވެ. ދިރާސާތަކުގެ ނަތީޖާއެވެ. އަޅުގަނޑުވެސް އެ ޙަޤީޤަތް ޤަބޫލުކުރަނީ އެވެ.
---------------
(ނިމުނީ)

ޙަވާލާ:

ކެރޯލް ބެންސަން (2004). ދަ އިމްޕޯޓަންސް އޮފް މަދަރ-ޓަންގ ބޭސްޑް ސްކޫލިންގ ފޮރ އެޖޫކޭޝަނަލް ކުއަލިޓީ
ޖިމް ކަމިންސް. (އަހަރު ނޭނގޭ). ބައިލިންގުއަލް ޗިލްޑރެންސް މަދަރޓަންގ: ވައި އިޒް އިޓް އިމްޕޯޓަންޓް  ފޮރ އެޖޫކޭޝަން. ޔުނިވަރސިޓީ އޮފް ޓޮރޮންޓޯ

http://els.fis.edu/parents/advice/intro.htm
http://www.2-2.se/en/11.html


މި ލިޔުން:

      ފޮނުވުން:    އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
      ޝާއިޢުކުރުން: ''           ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ