ކޮތަރު އެޔާވޭޒާއި، ގޯނީބާއީ
އާދަމް ނަޞީރު އިބްރާހީމް
ދިވެހިންގެ ތެރޭން، އެއްޗެއް ކަޅެއްގެ ޒަމާން ފަހަނަޅައިފި އެވެ. ފަހަނަޅައި ނުދަނީ އެކަމުގެ އާދަ އެވެ. އިރު އިރުކޮޅާ ކަޅަށްޖެއްސުމުގެ އާދަ އެވެ. މި އާދައިގައި، ހުސްވި ކަޅުގެ މަގާމު، މި އަދު ފުރަނީ ޒާތްޒާތުގެ ކޮފީ އެވެ. ލަވާޒާއާއި، ބުރާސޯ.... މާފުކުރައްވާށެވެ! މި ދެންނެވުނީ ރަނގަޅަކަށް ނޫނެވެ. ކަޕަޗީނޯ އެވެ.
ކޮންމެއަކަސް، ދިވެހިން ބުނެ އުޅެނީ ކާމޭޒުމަތީ ދައްކާ ވާހަކަ ''ނުލިޔުއްވާނެ'' ކަމަށެވެ. އެހެންވީމާ ކަންނޭނގެ އެވެ. އެއީ އެންމެ ތަފާތު އެންމެ ގިނަ މައުޟޫޢުތަކަށް ވާހަކަ ދެކެވޭ މައިދާންކަމުގައި އޮންނަނީ ވެފަ އެވެ. އެ ފަހަރަކު އެ މޭޒެއްގެދޮށުގައި ތިބޭ ބައެއްގެ ބާވަތުން ދެކެވޭ ވާހަކައިގެ މައުޟޫޢު ބަދަލުވެ އެވެ. ބައެއް ފަހަރަށް ފިނިފެންމަލާއި، ރަން އަނގޮޓީގެ ވާހަކަ އެވެ. ބައެއް ފަހަރަށް ގޮނޑިޔާއި، ކުލައިގެ ވާހަކަ އެވެ. ބައެއް ފަހަރަށް ގިޓަޔާއި، ޑްރަމްސެޓުގެ ވާހަކަ އެވެ. އަދި ބައެއް ފަހަރަށް ގަލަމާއި، ދުލުގެ ވާހަކަ އެވެ.
މި ބައިތަކުގެ ތެރޭން އަޅުގަނޑަށް އިށީނދެވޭ މަޖިލިސްތައް ގިނަ ފަހަރަށް އިންސާފުކުރަނީ، އެންމެ ފަހުން މި ދެންނެވި ބަޔަށެވެ. އާދެ! ވާހަކަ ދެއްކުމާއި، ލިޔުންތެރިކަމާއި، ބަހާއި އަދަބިއްޔާތުގެ ވާހަކަތަކަށެވެ. ދާދިފަހުން ކޮފީއަކަށް ދެވުނު އިރު އެ ޖަމާޢަތުގައި ދެ ލިޔުންތެރިޔަކު ހިމެނިވަޑައިގަތެވެ. އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމާއި، އަދި ޅެންވެރިއެއްކަމުގައިވާ އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދެވެ. އަޅުގަނޑުމެންގެ މައުޟޫޢެއްގެ ގޮތުގައި އުފުލިގެން އައީ، ބަހުގެ އަކުރު ކިޔުމުގެ ވާހަކަ އެވެ. އަކުރު ކިޔާގޮތުން ނިކުންނަ މައްސަލަތަކުގެ ވާހަކަ އެވެ. މި ވާހަކަތަކުގެ ތެރޭން ދީލިގެން ދިޔައީ، ބޭރުމީހުން ދިވެހި އަކުރު ކިޔަން އުޅެގެން ވާގޮތުގެ ވާހަކަ އަށެވެ. ޚާއްޞަކޮށް ބަނގުލަދޭޝް މީހުންނެވެ. އަޅުގަނޑު ދެންނެވީމެވެ. މި އަދު އެރުނު ކާރެއްގެ ދުއްވާމީހާ، ކިޔައިދިނެވެ.
ބަނގުލަދޭޝް މީހަކު މި ކާރަށް އެރި އެވެ. ދާންވީ ކޮންތާކަށްތޯ އެހުމުން އެ ތަނުގެ ނަން ނޭނގޭ ކަމަށް ބުންޏެވެ. އެކަމަކު އެތަން ހުންނަ މަގުގެ ނަން އެނގޭ ކަމަށް ބުންޏެވެ. ކޮންނަމެއް ކިޔާ މަގެއްތޯ އެހުމުން ބުނީ ''ބުޅިކޭ މަގު'' ކަމަށެވެ. ''ބުޅިކޭމަގޭ؟'' ތިމަންނަޔަށް ވަރަށް ހައިރާންވެފައި އަހާލެވުނެވެ. އޭނާ ވަރަށް ސާބިތު ކަމާއެކު އާނއެކޭ ބުންޏެވެ. ހަނދާން ކޮށްކޮށް އެ ނަން ކިޔާމަގެއް މާލޭގައި އޮންނަ ހަނދާނެއް ނުވި އެވެ. އެންމެ ފަހުން ސެންޓަރަށް ގުޅައިފީމެވެ. އޮޕަރޭޓަރަކަށް އިނީ ތަނުގެ އެންމެ އިސް އޮޕަރޭޓަރެއް ނޫނެވެ. އެހެންކަމުން އޭނާ ވެސް މި ''ބުޅިކޭމަގު'' ދަންނަ ކަމަކަށް ނުވި އެވެ. ނަސީބު ރަނގަޅު ކަމުން އެ ވަގުތު ސެންޓަރުގެ އިސް އޮޕަރޭޓަރު ހުއްޓެވެ. އޭނާޔަށް މި އަޑު އިވިގެން ކައުންޓަރުގައި އިން ޒުވާން އޮޕަރޭޓަރާ ދިމާޔަށް ބުނާ އަޑު އިވެޔެވެ. އެއީ ބަނގުލަދޭޝް މީހަކު ގޮވައިގެން ދާ ކާރެއް ހެއްޔެވެ؟ އެއަށް އަޅުގަނޑު ޖަވާބު ދިނީމެވެ. ޒުވާން އޮޕަރޭޓަރު އާނއެކޭ ބުނި އަޑަށް، އޭނާ ބުނާ އަޑު އިވެ އެވެ. ''އެހެންވެއްޖެއްޔާ ތިޔައީ ބްލޫކިޔާ މަގު''
މި ވާހަކަޔަށްފަހު ދެން ވެސް ކިޔުނީ ކާރުދުއްވާ މީހަކު ކިޔާދިން ވާހަކަ އެކެވެ. އޭނާގެ ވާހަކައަކީ މި އެވެ. ބަނގުލަދޭޝް މީހަކު ގޮވައިގެން ދަތުރެއް ކުރީމެވެ. އޭނާ ދާން ބޭނުންވީ ''ކޮތަރު އެއަރވޭޒް'' އަށެވެ. ދުވަހަކު އަޑު ނާހާ ނަމަކަށް ވާތީ ތިމަންނަ ގުޅީ ސެންޓަރަށެވެ. އޮޕަރޭޓަރަކަށް އިން މީހާއަށް ވެސް މި ނަން ވީ މުޅިން އާ ނަމަކަށެވެ. ކާރު ސެޓުން އެހެން ކާރަކަށް ގުޅީމާ ބުނީ، އިޒުރޭލުން ވެސް މިހާރު މި ގައުމަށް ފުލޭޓު އެބަ ޖައްސަ އެވެ. އެހެންވީމާ އަލަށް ހުޅުވޭ ތަންތަނާއި، ބަންދުކުރެވޭ ތަންތަނާ، ވާނުވާއެއް އެބަ އެނގޭހެއްޔެވެ؟ ކޮންމެ ޔަކަސް އެންމެ ފަހުން ދަތުރު ކުރަންޖެހުނީ، ކާރުގައި އިން މީހާ ދައްކާ މަގުމަގުންނެވެ. ވަކި ހިސާބަކަށް ދެވުމުން އޭނާ މަޑުކުރާށޭ ބުނުމުން ކާރު ހުއްޓާލީމެވެ. އަގު އަދާކޮށްފައި ފައިބައިފި އެވެ. ގޮސްވަންނަނީ ކޮންތާކަށްތޯ ބަލަހައްޓައިގެން އިނީމެވެ. ތެޅެމުން ފޮޅެމުން ގޮސް އޭނާ ވަނީ ޤަޠަރު އެޔަރވޭޒަށެވެ.
މިހިސާބަށް ވާހަކަ ދިޔުމުން އަޅުގަނޑުމެންގެ އެކުވެރި ނަޢީމު ވެސް ވާހަކައެއް ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަނގުލަދޭޝްގެ ރައްޔިތުންތަކެއްގެ ކަންކަން ބަލަހައްޓަވަންޖެހޭ ފަދަ މަގާމެއްގައި އެއްދުވަސްވަރެއްގައި އޭނާ ހުންނެވި އެވެ. މި ހުންނެވި ހުންނެވުމުގައި އޭގެ ތެރޭން މީހަކު މަރުވެއްޖެ އެވެ. މި ކަން އޭނާގެ ހަވާލުދާރުންނަށް އަންގަން ވެއްޖެ އެވެ. އޭނާގެ ޕާސްޕޯޓު ހޯދައިގެން ބެލި އިރު ނަމަކަށް އޮތީ، ޢަބްދުލްޣަނީ އެވެ. ދެން މި ފަދަ ޙާލަތްތަކުގައި އަންގަންވީ ފަރާތްކަމަށް ބަޔާންކޮށްފައި އޮތް ފަރާތާ ނަޢީމު ގުޅުއްވި އެވެ. މި ޚަބަރު ދެވޭތޯ އެވެ. ހަމަ އެއްގޮތަކުން ވެސް ނަޢީމު ވިދާޅުވާއެއްޗެއް އެނގޭކަމަކަށް ނުހެދި އެވެ. ދެ ފަހަރަކު ތިން ފަހަރަކު ގުޅިއްޖެ އެވެ. ފަހުން ފަހުން މާގަދަ އަޑަކުން ހަޅޭއްލަވައިގެންފައި ފޯނު ކަނޑައިލަނީ އެވެ. ނަޢީމު ހިތްޕުޅަށް އެރިކަމަށްވެ އެވެ. އެމީހުން އިނގިރޭސި ބަހަށްކޮށީކަންނޭނގެ އެވެ. އެ މީހުންގެ މީހަކު ލައްވާ ގުޅުވާނީ އެވެ. އެ މީހުންގެ ބަހުން ވާހަކަ ދެއްކީމާ މާ ރަނގަޅު ވާނެ އެވެ. ދެން ތަނަކުން އޭގެ މީހަކު އަތުލައިގަނެގެން، މި މީހަކު ލައްވާ ގުޅުވައިފި އެވެ. މީނާ ގުޅައިލިގޮތަށް ''ބޮންދު ގޯނީބާއީ ސުގޮރުޚޮޣޯރޯ'' އޭ ކިޔާ ފަތިވަރެއް އަމުނައިގެންފައި ދެން ނަޢީމު އަތްޕުޅަށް ފޯނު އެރުވި އިރު އިވެނީ ގިސްލުމާއި ރުއިމުގެ އަޑެވެ. އޭރު އެ އައި ރުޅިގަނޑެއް ނެތެވެ. އެކަމަކު ވާނީ ވެސް އެހެންތާ އެވެ. ގޯނީ ބާއީ މަރުވެގެން އުޅޭތާކު ޢަބްދުލްޣަނީގެ ވާހަކަ ދެއްކީމާ، ބެލެނިވެރިޔާއެއްކަމަކު، އެ އެއި ރުޅި އަދި މަޑު ނޫންތޯ އެވެ؟
-------------------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން؛
ލިޔުން: އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް/އެޑިޓަރު)
އަލުންބެލުން: '' ''
ޝާއިޢުކުރުން: '' ''