އަދުގެ ޚާއްސަ

Print

މާތްﷲ ވޮޑިގެން ވެ އެވެ. އަދި އެ ކަލާނގެ ކުޅަދުންވަންތަ އެވެ. (6)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ޢަޤީދާ

މާއްދާ ޚަލްޤުކުރެއްވުން

އަލްއުސްތާޛު އަޙްމަދު މާޖިދު                                       4 ޑިސެމްބަރު (ހޮނިހިރު) އާ ގުޅޭ..

ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން، މާއްދާއަކީ އިނގިރޭސި ބަހުން ކިޔައި އުޅޭގޮތުން މެޓަރ (Matter) އެވެ. ސައެންސްގެ އަހުލުވެރީންނަށް، ޚާއްސަކޮށް ފިޒިކްސްގެ ޢިލްމުވެރީންނަށާއި ދަރިވަރުންނަށް، މާއްދާއަކީ ކޯއްޗެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ލަފުޒީ މާނައަށް ބަލާއިރު، މެޓަރ ނުވަތަ މާއްދާއަކީ ބަރުދަނެއް ހުރެފައި، ޖާގައެއް ހިފާ ކޮންމެ އެއްޗެކެވެ. މަޚުލޫޤާތު (Creation) ގެ އިޞްޠިލާޙުގައި މާއްދާއަކީ ކާއިނާތުގައި ވާ ކޮންމެ އެއްޗެއް އެ އެއްޗަކުން އުފެދިފައިވާ ކާއިނާތުގެ 'ރޯމާއްދާ' ދެންނެވިޔަ ދެއްވާށެވެ. ކާއިނާތުގައިވާ ކޮންމެ އެއްޗަކީ ކޮންމެވެސް އެއް ޙާލަތެއްގައި ހުންނަ 'މެޓަރ' ތަކެކެވެ. މީގެ ތަފްސީލް ފިޒިކްސް ފޮތްތަކުން ލިބިވަޑައިގަންނަވާނެއެވެ.

މާއްދާ އުފެދިފައިވަނީ ޒައްރާ ނުވަތަ އެޓޮމް (Atom) އިންނެވެ. ޒައްރާ އުފެދުނީ ބިގް ބޭންގުގެ ގޮވުމުގައެވެ. މި ޒައްރާތައް ވަކިވަކި ބައިތަކެއްގެ ގޮތުގައި ގުޅިގެން ތަރިތަކާއި މި ބިމާއި އިރާއި އެހެނިހެން ކައުނީ ޖިސްމުތައް އުފެދިގެން ދިޔައެވެ. މި ބިމުން އަޅުގަނޑުމެންނަށް މި ފެންނަ ދިރުންވެސް ފަހުގެ ދުވަސްވަރެއްގައި އުފެދިފައިވަނީ ހަމަ ޒައްރާގެ މައްޗަށް އެކުލެވިގެންނެވެ. ތިބާގެ ވަށައިގެންވާ މާޙައުލުން ފެނިވަޑައިގަންނަވާ ހުރިހާ ތަކެއްޗަކާއި، ތިބާގެ ހަށިކޮޅުގެ ހުރިހާ ބައިތަކަކާއި، އިށީދެވަޑައިގެން ތިޔަ އިންނެވި ގޮނޑިކޮޅާއި، ތިބާގެ ގެކޮޅުގެ ބިނާގެ ތެރޭގައި ހިމެނޭ ހުރިހާ ތަކެއްޗަކާއި، ކުޑަދޮރުގެ ބޭރުން އެ ފެންނަ އުޑާއި، ބިމާއި، ގަސްގަހާއި އެ ގަސްގަހުގެ މާމެލާމެއްޔާއި މޭވާތަކާއި ހުރިހާ ދިރޭތަކެއްޗަކާއި، މިނޫނަސް ތިބާގެ ވިސްނުންފުޅަށް ތަޞައްވަރު ކުރެވުނު ބަަދަނީ ކޮންމެ އެއްޗެއް އުފެދިފައިވަނީ ޒައްރާތަކުގެ ގުޅުމެއްގެ  ގޮތުގައެވެ.

އެހެންވެއްޖެނަމަ ކާއިނާތާއި ކާއިނާތުގައި ވާހައި ތަކެއްޗެއްގެ 'ބިލްޑިންގ ބްލޮކް' ކަމުގައިވާ ޒައްރާއަކީ މިއީ ކޯއްޗެއް ބާވައެވެ! އޭގެ އޮނިގަނޑަކީ ކިހިނެެއް، ކޮންގޮތަކަށް ހުންނަ އެއްޗެއް ބާވައެވެ!

އަޅުގަނޑުމެން ޒައްރާގެ އޮނިގަނޑު (Structure) ދިރާސާކޮށް ތަޙުޤީޤު ކުރުމުން ސާބިތުވަނީ ކޮންމެ ޒައްރާއަކީވެސް ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުން ފުރާފުރިހަމަ ބީދައަކުން ފަރުމާ ކުރެވިފައިވާ އެއްޗެއް ކަމެވެ. ކޮަންމެ ޒައްރާއެއްގައި ނިއުކްލިއަސް (Nucleus) އެއް ވެއެވެ. އެ ނިއުކްލިއަސްގެ ތެރޭގައި ކަނޑައެޅިގެންވާ ވަކި ޢަދަދެއްގެ ޕްރޮޓޯންސް (Protons) އާއި ނިއުޓްރޯންސް (Neutrons) ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ޒައްރާއެއްގައިވެސް ނިއުކްލިއަސްގެ ވަށައިގެން ސިކުންތަކު އެއްހާސް ކިލޯމީޓަރުގެ ބާރުމިނުގައި ހުއަޓުމެއްނެތި، މެދުކެނޑުމެއްނެތި ބުރުޖަހަމުންދާ އިލެކްޓްރޯން (Electrons) ތަކެއް ހުރެއެވެ. ޒައްރާއެއްގައި އިލެކްޓްރޯނާއި ޕްރޮޓޯން ހުންނަނީ އެއްވަރަކަށެވެ. ފިޒިކްސްގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނެ ފަދައިން އިލެކްޓްރޯނުގައި ނެގެޓިވް ޗާރޖު (Negative Charge) ހުންނައިރު، ޕްރޮޓޯންގައި ހުންނަނީ ޕޮޒިޓިވް ޗާރޖް (Positive Charge) އެވެ. ވީމާ ޒައްރާގައި އިލެކްޓްރޯނާއި ޕްރޮޓޯން ހަމަހަމަޔަށް ހުރެފައި، މި ދޭތީގައި ނެގެޓިވް އަދި ޕޮޒިޓިވް ޗާރޖު ހުރުމުން ދެފަރާތް ހުންނަނީ ހަމަހަމަ ގޮތެއްގައި ހިފެހެއްޓިފައެވެ. ނުވަތަ މީޒާން ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ޒައްރާގެ ޙަރަކާތްތައްވެސް ހަމަހަމަގޮތެއްގައި ހިފެހެއްޓިގެން ދެއެވެ. މި ދަންނަވާ ހަމަހަމަކަން ނެތި، ނެގެޓިވް ޗާރޖް ނުވަތަ ޕޮޒިޓިވް ޗާރޖްގެ ތެރެއިން އެއްވެސް ބައެއް ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެ، ނުވަތަ މަދުވެއްޖެނަމަ ޒައްރާގެ ޙަރަކާތްތަކަށް ޚަލަލްތައް އައިސް އޭތި ހަލާކުވެގެން ހިނގައިދާނެއެވެ. ޒައްރާއެއްގެ ނިއުކްލިއަސްއާއި ޕްރޮޓޯންތަކާއި ނިއުޓްރޯންތަކާއި އިލެކްޓްރޯންތައް އަބަދުވެސް ހުންނަނީ ކަނޑައެޅިފައިވާ ނިޒާމަކާ އެއްގޮތަށް ޙަރަކާތްކޮށްކޮށެވެ. ކޮންމެ ޒައްރާއެއްގެވެސް ބާވަތް ކަނޑައެޅެނީ އެ ޒައްރާއެއްގެ އިލެކްޓްރޯންތަކާއި ޕްރޮޓޯންތަކާއި ނިއުޓްރޯންތައް ޙަރަކާތްކުރާ ގޮތަކުންނެވެ.

ނެތުމުގެ ތެރެއިން ވުޖޫދަށް، ގޮވުމެއްގެ ތެރެއިން ލައިފައި އައި ނިޒާމެއްގައި މި ދެންނެވިފަދަ ފުރިހަމަ ހަރަކާތްތަކެއް ހުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ބިގް ބޭންގަކީ ވަކި ޕްލޭނެއް ނެތި ހިނގާފައިވާ އިއްތިފާޤީ ގޮވުމެއް ނަމަ އޭގެ ނަތީޖާއަކަށް ވާން ޖެހޭނީ މި އިޝާރާތްކުރާ ފަދަ އިންތިޒާމީ ކާއިނާތެއް ނޫނެވެ. މިއީ ސައިންސާއި މަންޠިޤުގެ ހުރިހާ އުސޫލުތަކަކުން ސާބިތުކޮށްދޭ ކަމެކެވެ.

ކާއިނާތު ފެށުނީއްސުރެ މިއަދާ ހަމަޔަށް ކާއިނާތުގެ ހުރިހާކަމެއް ހިނގާފައިވަނީ އެއްވެސް ކަހަލަ ނިޒާމީ މައްސަލައެއް ދިމާނުވެއެވެ. މިސާލެއްގެ ގޮތުން ޒައްރާ ނަންގަވާށެވެ. އިންސާނީ ބުއްދިއަށް ރަނގަޅަށް ފަހުމުނުކުރެވޭހައި ބިޔަ ކާއިނާތުގައި ފަނަރަ ބިލިއަން އަހަރުގެ ދިގު މުއްދަތެއްގައި އުފެދިފައިވާ ހުރިހާ ޒައްރާތަކެއްވެސް ހުރީ އެ ތަކެތި ހުންނަން ޖެހޭ ގޮތަށެވެ. ކަނޑައެޅިގެންވާ ވަކި ބައްޓަންތަކަކަށް، ވަކިކަހަލަ އޮނިގަނޑުތަކެއްގެ މައްޗަށް ބިނާވެފައެވެ. އެއް ފެކްޓަރީއެއްގައި، އެއް ތަތްގަނޑަކުން ޖަހާފައިވާ އެއްޗެހިތަކެއް ފަދައިންނެވެ. ދެން މި ޒައްރާތައް ވަރަށްވެސް ނާޒުކު، ފުރާފުރިހަމަ ބީދަޔަކުން އެކުވެ ކޮންމެވެސް ބާވަތެއްގެ މާއްދާއެއް އުފަން ކުރުވައެވެ. މިގޮތުން އުފެދޭ މާއްދާއިން ދެން އަންނަނީ މާނަތަކުން ފުރިގެންވާ، ރީތި، ފުރިހަމަ އެކިއެކި ވައްތަރުވައްތަރުގެ ތަކެއްޗެވެ. އިންސާނާގެ ހިތަށް ފިނިކަމާއި ހަނުހިމޭންކަން ލިއްބައިދޭފަދަ ރީތި ކުލަކުލައިގެ ދޫނިސޫފާސޫތްޕާއި، މާމެލާމެއްޔާއި، އެހެނިހެން ބާވަތްބާވަތުގެ ދިރޭ އަދި ނުދިރޭ އެތައް މިލިއަން ބާވަތެއްގެ ތަކެއްޗެވެ. އެ ޒައްރާތަކުގެ ޙަރަކާތްތަކުގެ ތެރޭގައި ދުވަހަކުވެސް މާނައެއްނެތް، އިންތިޒާމެއް ނެތް، އުސޫލުތަކުން ބޭރުގެ އުފެއްދުމެއް ދުވަހަކުވެސް ނާދެއެވެ. އިންސާނާ އެއާ ކުޅެ އަޞްލު ޚަރާބުކޮށްލާހިނދު މެނުވީއެވެ. ނުވަތަ އެނޫނަސް ކާއިނާތުގެ ޤާނޫނުތަކުގެ ތެރެއިން ނިކުންނަ އިސްތިސްނާ ނަތީޖާއެއް މެނުވީއެވެ. ކާއިނާތުުގެ އެންމެ ކުދިކުދި ތަކެތީން ފެށިގެން އެންމެ ބޮޑެތި ތަކެއްޗާ ހަމަޔަށް ވާހައި ތަކެއްޗަކީ މި ދެންނެވި ބީދައިން ޚަލްޤުކުރެއްވިފައިވާ، މާނައާއި މަޤްޞަދުން ފުރިގެންވާ ތަކެއްޗެވެ.

މި ހުރިހާ ދަލީލުތަކަކާއި ހެކިތަކެއް ސާބިތުކޮށްދެނީ އިލާހަކު ވޮޑިގެންވާކަމެވެ. އެ އިލާހުގެ ކުޅަދުންވަންތަކަމެވެ. އެ އިލާހު ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

"އެކަލާނގެއީ ޙައްޤުވެގެންވާ ގޮތުގައި އުޑުތަކާއި ބިން ޚަލްޤުކުރެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ "ވާށޭ" ވަޙީކުރެއްވުމާއެކު އިރާދަކުރެއްވި ކަމެއް ވެދެއެވެ. އެކަލާނގެ ބަސްފުޅަކީ ޙައްޤު ތެދެވެ. އަދި ތާޅަފިލި ފުމެލެވޭ ދުވަހުގެ ވެރިކަން ވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ ޣައިބުވެ ފޮރުވިގެންވާ އެންމެހައި ކަންތައްތަކާއި ކަޝްފުވެ ފައުޅުވެގެންވާ އެންމެހައި ކަންތައްތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްތެރި ފަރާތަކީ އެކަލާނގެއެވެ."  - ސޫރަތުލް އަންޢާމް: 73

ބިގް ބޭންގަށް ފަހު ...


"އަޅުގަނޑުގެ ކޮންމެވެސް ޙިއްސެއް އަޅުގަނޑުގެ ގާތުގައި ޔަޤީންކަމާއެކު ބުނަނީ ކާއިނާތުގެ މަޤުޞަދެއް ވާކަމަށެވެ. ކާއިނާތާއި ކާއިނާތުގައި ވާހައި ތަކެއްޗެއް އުފެދިފައިވަނީ ވަޔަކުން (by chance) ނޫނެވެ. ބައެއް މީހުން ދެކޭގޮތުގައި ހަމަ އެއްވެސް ސަބަބެއް މެދުވެރިވުމަކާ ނުލައި ކާއިނާތު ވުޖޫދަށް އައީއެވެ. އެއްވެސް ސަބަބެއް މެދުވެރިވުމަކާ ނުލައި ދައުރުވަމުން ދަނީއެވެ. އަމިއްލަޔަށް ކޮންމެ ކަމެއް ވެސް ހިނގަމުންދާ ކަހަލަ ގޮތަކަށެވެ. އެމީހުން ބުނާގޮތުން އަޅުގަނޑުމެން އިންސާނުންވެސް ވުޖޫދަށް އައިސް މިގޮތަށް އުޅެމުން މިގެންދަނީ ވަޔަކުންނެވެ. މިއީ ކާއިނާތާއި ކާއިނާތުގައިވާ މައުޖޫދާތާމެދު ވިސްނައި ފިކުރުކުރުމުގައި ހަމަޖެހޭ ނަޒަރިއްޔާއެއް ކަމުގައެއް ނުފެނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި މި ހުރިހާ ކަމެއްގައި ނުހަނު ފުން މާނައެއް އެބަ ވެއެވެ. އެ މާނަޔަކާމެދު އަޅުގަނޑުމެން މިހާރު ޣާފިލުވެފައި ތިބި ނަމަވެސް ވެހެވެ."

މަތީގައި އެވަނީ މަޝްހޫރު ސައެންސްވެރިއެއް ކަމުގައިވާ ރޮޖަރ ޕެންރޯސް (Roger Penrose) ގެ ބަސްފުޅުތަކެކެވެ. އޭނާ ވިދާޅުވެފައިވާ ބަސްފުޅުތަކަކީ ހަމަ ކަށަވަރުން ޙައްޤު ބަސްފުޅުތަކެކެވެ. ކާއިނާތާއި ކާއިނާތުގައި ވާ ބުއްދިތައް ހައިރާން ކުރުވަނިވި ކަންތައްތަކާއި ތަކެއްޗާއި ޤާނޫނުތަކަކީ އަމިއްލަޔަށް، ވަޔަކުން، އެއްވެސް މާނައެއް މަޤުޞަދެއް ނެތި އުފެދިފައިވާ ކަންތައްތަކާއި ތަކެއްޗާއި ޤާނޫނުތަކެއްކަމަށް ބައެއް މީހުން ބުނާ ބުނުމަކީ އަންތަރީސް ކުރުވަނިވި ވާހަކައެކެވެ. ނެތުމުގެ ތެރެއިން ކާއިނާތު ވުޖޫދަށް އައިސްފައިވާކަމީ ޚާލިޤެއް ވާ ކަމުގެ އިންކާރު ނުކުރެވޭނޭ ދަލީލެކެވެ. ކާއިނާތުގެ ފުރިހަމަކަމާއި ކާއިނާތުގެ ނިޒާމު ވަރަށް ކަވިގޮތެއްގައި މީޒާންވެފައިވާކަމީ އެ ޚާލިޤެއްގެ މަތިވެރި ޢިލްމުފުޅާއި ކުޅަދުންވަންތަކަމުގެ ބޮޑުވެގެންވާ ހެއްކެކެވެ. އަޅުގަނޑުމެން މި ދަންނަވަނީ އެ ފަރާތަކީ ﷲ ކަމުގައެވެ. އެއީ އުޑުތަކާއި ބިމާއި އެ ދެމެދުގައި ވާހައި މައުޖޫދާތެއް ޚަލްޤުކުރެއްވި، އެތަކެތީގެ ވެރި ﷲ އެވެ! އިންސާނުންގެ ތެރެއިން ހިތްތިރިކަމާއެކު ޙައްޤު ޤަބޫލުކުރާ މީހުންނާއި ބޮޑާކަމާއި ކިބުރުވެރިކަމާއެކު ޙައްޤަށް ފުރަގަސްދޭ މީހުންނަށްވެސް ރިޒުޤުދެއްވާ މަތިވެރި ﷲ އެވެ. މަތިވެރިވަންތަ ލޮބުވެތި މާތްރަސްކަލާނގެ އެވެ.
---------------
(މުޅި ސިލްސިލާ ނިމުނީ)

މި ލިޔުން؛

      ފޮނުވުން:    އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
      ޝާއިޢުކުރުން: ''            ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ