އަދުގެ ޚާއްސަ

Print

ޕުރެސަރު ތެލި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވާހަކަ


ޢަލީ އިސްމާޢީލު

އޭރު އިރުއޮއްސި ހަގަޑިބައި ނޫނީ ހަތެއް ޖަހާނީ އެވެ. އަހަރެން އިނީ އާދައިގެ މަތިން ވާހަކައެއް ލިޔާށެވެ. އަހަރެންގެ އަންހެނުން ވުސްލާފައި އައިސް ކޮޓަރިއަށް ވަދެ އަޑު އިވިއްޖެހޭ ގޮވާ ހަޅޭލައިގަތެވެ. އޭނާ އެ ގޮވައިގަތްގޮތަށް އަންހެނަކު ގޮވާއަޑު އިވޭނީ ހަމައެކަނި މީހުނާ އިނދެގެން އުޅޭ ފިރިހެނުންނަށެވެ. އެ ޒާތު ހަޅޭކުގެ ބާރުހުންނަވަރު އެނގޭނީ ފިރިންނަށެވެ. ކޮންމެ އަކަސް އެ ދުވަހު ވެސް އަހަރެން ގަންނާކުރެއްވި ބިރުން އަނގައިން ނުބުނެ އިނީ އެވެ. އަންހެނުން ގާތަށް ޖެހިލާފައި އަނެއްކާ ވެސް އިވިއްޖެހޭ ގޮވައި ގެންފި އެވެ. އަހަރެން ގަލަން ބާއްވާފައި އޭނާ އަށް ދެކަންފަތް ދީފީމެވެ.

''މިގެއަށް ޕްރެސަރު ތެއްޔެއް ހޯދަން ވެއްޖެ'' އިތުރު ވާހަކަ އެއް ނުދައްކައި، އަންހެނުންގެ އަސްކަރީ އޯޑަރު އަ އެވެ.

''ކިޔެއް ކުރާ ޕްރެސަރު ތެއްޔެއް؟'' އަހަންނަށް އަހާލެވުނެވެ.

''ކައްކަން… ދެން ކީއްކުރަން؟''

އަހަރެން މިހާރުވެސް މި އިނީ ކަލޭގެ ޕްރެސަރުގައި ރޯފިލާފައި. ނަސީމާ… ދެން ކަލޭ ކިއެއް ކުރާ ޕްރެސަރު ތެއްޔެއް؟ ހިތާހިތާ އަހަރެން ބުނެލީމެވެ. ބާރަށް ބުނަން އަހަރެންނަށް ކެރޭނެ ހެއްޔެވެ؟

''ނިކަން ބަލާ ބަލަ'' އަހަރެންގެ ފަހަތުން ކަނާތްފަރާތުގައި ހުރި ގޮނޑި އަހަރެންނާއި ދިމާޔަށް ދަމާލާފައި، އަންހެނުން އިށީނދެއްޖެ އެވެ.

''ޕުރެސަރު ތެއްޔެއްގައި ގައިމު ކެކޭލެއް އަވަސް ވާނެ… ތެޔޮ ވެސް މަދުން އަނދާނީ…''

ހަސަތޭކަ ރުފިޔާ ނާންދައި ތިޔަ ތެއްޔެއް ނުލިބޭނެއޭ އަހަރެންގެ ހިތަށް އެރި އެވެ.

''އޭރުން ކަލޭ އޮފީހަށް އަށެއް ޖަހާ އިރަށް ދާއިރު، ރަނގަޅަށް ރިހަޔާއި ރޮށްޓާ ކައިގެން ދެވޭނެ އެއްނު…''

ވާނެގޮތް ހަމަ ރަނގަޅަށް އަހަރެންނަށް އެނގެ އެވެ. ނަސީމާއަށް އިރު އަރާލެއް ލަސްވާނީ އެވެ. އަހަރެން ޗުއްޕު ވެސް ނުބުނެ އިނީ، ކައިވެނީގެ ހަތް އަހަރު، އަހަރެންނަށް ލައްކަ ގިނަ ޙިކުމަތްތެރި ފިލާވަޅު ދަސްކޮށްދީފައިވާތީ އެވެ.

''ބުދެއްހެން ކަލޭ ތި އިނީ ކީއްވެފާތަ؟ އެއްޗެކޭ ބުނެބަލަ… އަހަރެން ބޭނުން އޭގެ ތެއްޔެއް! އަންހެނުން ކުރިއަށްވުރެ ހާސްބައި މައިތިރި ރާގަކަށް ބުނެލި އެވެ.” އަހަރެމެން ނޫނިއްޔާ، މި ހިސާބުގަނޑު އެންމެން އެ ވައްތަރު ތެލި ގެންގުޅޭ… އަހަރެމެންގެ އެއްވެސް  އިޖްތިމާޢީ ޤަދަރަކާއި، ޢިއްޒަތަކާއި، ޝަރަފެއް ނެތީތަ؟''އަންހެނުން އޭނާގެ ކޮޅު ގަދަކޮށްލުމަށް، ބައެއް ފަހަރު ތަފާތު ޢަރަބި ބަސްތައް ފުލުފުލުގައި ނިކަން މަޚްރަޖައިން  ބޭނުން ކޮށްލާނެ އެވެ.

ޕްރެސަރު ތެއްޔާއި އިޖްތިމާޢީ ޤަދަރާއި ޝަރަފާއި ޢިއްޒަތާއި އޮތް ގުޅުމެއް އަހަރެންނަކަށް ނުވިސްނުނެވެ.

''މި ގެއަށް ވަންނަ ކޮންމެ މީހަކުވެސް ފުރަތަމަވެސް އަހާނީ… ނަސީމާ! ކަލޭ ޕުރެސަރު ތެއްޔެއް ނުގެން ގުޅެމުތަ؟'' އަވަށްޓެރިއަކު ބުނާނެ ރާގަށް އަންހެނުން ބުނެލި އެވެ.

''ކަލޭ ވާނެ މަށަށް ޕުރެސަރު ތެއްޔެއް ގެންދޭން… މާދަން…''

އަންހެނުން އިނީ ހަނގުރާމަމަތީ މޫޑުގައި ކަން އަހަރެންނަށް ޔަގީންވި އެވެ. ޕުރެސަރު ތެއްޔެއް ހޯދައި ނުދެވިއްޖެނަމަ، ހިމުން ކޮށްލާނެކަން އަހަރެންނަށް އެނގެ އެވެ. ވީމާ، ރައްޓެއްސެއްގެ އަތުން ހަސޭތަ ފަންސާސް ރުފިޔާ ދަރަންޏަށް ނަގައިގެން ގޮސް ''ޕްރިސްޓީޖް'' މަރުކާގެ ތެއްޔެއް ގަނެފީމެވެ. އަހަރެން ހިތަށް އެރި އެވެ. “ޕްރިސްޓީޖް” މިއީ ޕުރެސަރު ތެއްޔަކަށް ކިޔަން ވަރަށް  އެކަށީގެންވާ ނަމެކެވެ.

''ޕްރިސްޓީޖް'' ގެއަށް އައީ،  ޤަދަރާއި، ޝަރަފާއި، ޢިއްޒަތުގައި ވަރަށް ހިތްގައިމު ބޯކަރުދާހު ފޮއްޓެއްގައި ބަންދުވެގެންނެވެ. ޕްރިސްޓީޖް ގެއަށް އައުމާއެކު އަހަރެންގެ ނަސީމާ، ކަންތައްކުރީ ކުރިން ވެސް އަހަރެން ލަފާކުރި ގޮތަށެވެ. ދަތް ނުދައްކައި ހެވިފައި އައިސް، އަހަރެންގެ ވަޅުވަދެފައިވާ ކޮލުގައި ނިކަން ތެތް ދޮނެއް އިންދާފައި، ފަނަރަ ސަތޭކަ ގުރާމުގެ ކުކުޅެއް ގަންނަން އަމުރު ހިންގާލި އެވެ.

''ކުކުޅެއް؟ ކީއްކުރަން؟'' އަނެއްކާ އަނެއް ފަންސާސް ފަސްރުފިޔާ މާބޮޑު ބޭނުމެއްނެތި އަރުތެރެއިން ގޮހޮރަށް، ދުއްވާލަން މި ޖެހުނިއްޔޭ އަހަރެން ހިތަށް އެރި އެވެ.

''އާނ… ކުކުޅެއް ގަންނަންވީ... ކާކަށްނޫންތަ؟ ... ބަލަ. ތެލި އިފްތިތާޙު ކުރަން ޖެހޭނެ އެއްނު؟''
''ކަލޭ ދޫނި ރޯގާދެކެ ބިރެއް ނުގަނޭތަ؟'' އަހަރެންނަށް ބުނެވުނެވެ.

''ކަލޭ ނޫހެއް ނުކިޔަމުތަ؟ ކުކުޅު ރަނގަޅަށް ކެއްކީމަ ދޫނިރޯގާއެއް ނުޖެހޭނެ.''ޙިކުމަތްތެރި ފިރިން ގެޔަށް ނޫސްގެނައުމަށް އިޝްތިރާކު ނުދޭ ޙަޤީޤީ ސަބަބު އެނގުނީ އަންހެނުންގެ މި ޖަވާބުންނެވެ.

ކޮންމެއަކަސް އެންމެ ފަހުން އަހަރެން ކުކުޅެއް ގަނެގެން ގެނެސްފީމެވެ. ކުކުޅު ހިފައިގެން އަހަރެން ބަދިގެ ބަޔަށް ވަނުމާއެކު، އަންހެނުން ނަލަ ހިނިތުންވުމަކާއި އެކު، ތެލި ނަގައި އުނދުންމަތީ  ބަހައްޓައިފި އެވެ. ކުކުޅު ތައްޔާރުކުރުމަށް ދެން ޖެހޭނީ، ކުޑަ ތެޔޮފޮދަކާއެކު ހަވާދުގަނޑު ތެއްޔަށް އަޅާށެވެ. އެއަށްފަހު ކުކުޅު ކޮށާލުމަށް ފަހު، ތެއްޔަށް އަޅާލާނީ އެވެ. ރަނގަޅަށް ދޭފަތުން ހަލާލާފައި ލޮނު ހެޔޮވަރުކޮށްލާފައި، އެވީ ތެލީގެ މަތިގަނޑު  ބާރުކޮށް ޖެހުމަށްފަހު އުނދުން ރޯކުރާށެވެ. ތެލީގެ މަތިގަނޑުގައިވާ ވޭލުން، ތިންފަހަރު ހިސް…ހިސް ގޮވާލުމުން ކުކުޅު އޮންނަނީ ތައްޔާރުވެ ނިމިފަ އެވެ. ފޮތުގައި ކަންކުރަން އޮންނަ ގޮތަކީ މި އެވެ. ނަމަވެސް، ގިނަފަހަރަށް ފޮތުގައި ކަންކުރަން އޮންނަ ގޮތަށް ހުރިހާ ކަމެއް ނުދާ ތަން އާދެ އެވެ. މި ފަހަރު ކަންތައް ދިމާވީ އެގޮތަށެވެ.

މި ފަހަރު ހުރިހާކަމެއް ޚަރާބުކުރީ ތެލީގެ މަތިގަނޑެވެ. ތެލީގެ  މަތިގަނޑު ޖަހަން އުޅެ އުޅެ ވަރުބަލި ވީއިރުވެސް އަންހެނުންނަކަށް އެކަމެއް ނުތްވެވެ. ތެއްޔާއެކު އޮތް ކުޑަ ފޮތް އަހަރެން ކިޔައިފީމެވެ. ތެލީގެ  މަތިގަނޑުގައި ތީރެއް ކުރަހާފައި ހުއްޓެވެ. ކުޑަ ފޮތުގައި އޮތް ގޮތުން ވިއްޔާ، މަތިގަނޑު ޖަހަން ހަދަން ޖެހޭގޮތަކީ،  މަތިގަނޑު ބާއްވާފައި ތީރުގައި ދައްކާފައިވާ ގޮތަށް ކަނާއަތަށް މަޑުމަޑުން  މަތިގަނޑު އަނބުރާލާނީ އެވެ. އަހަރެންގެ އަންހެނުން ކަންކުރީ ހަމަ ސީދާ ކުޑަފޮތުގައި އޮތް ގޮތަށެވެ. ނަމަވެސް އުޅެ އުޅެ މަތިގަނޑު ހަމައެއް ނުޖެހުނެވެ.

މަތިގަނޑާއި އަންހެނުންނާއި ދެމެދު ކުރެވުނު ހައެއްކަ މިނިޓުގެ މި ހަނގުރާމަ ފަތަހަކުރީ  މަތިގަނޑެވެ. ރުޅިއައިސްގެން މަތިގަނޑާއި ދިމާޔަށް ބަލާލުމަށް ފަހު، ނަސީމާ ގެ ލޯ އަހަރެންނާއި ސީދާކޮށްލި އެވެ.

''މި މަތިގަނޑު މި އޮތީ ހަލާކުވެފައި … ކަލޭ ގަތް އިރު ރަނގަޅަށް ބަލަން ވާނެއެއްނު…ތީ ކަމެއް ވާ މީހެއް ނޫން''
ރަނގަޅު ޕުރެސަރު ތެއްޔަކާއި ހަލާކުވެފައި ހުރި ތެއްޔެއް ވަކިކުރަން ނޭނގޭ ސޮހޮލަކާއި  ކައިވެނި ކުރެވުނީތީ، ނަސީމާ އަހަންނަށް ގަޅިއުކި މިއީ، މިލިއަން ފަހަރު ކަން ނޭނގެ އެވެ.

އަހަރެންނަކީ ކަމެއް ނުކުރެވޭ ސޮހޮލެއް ނޫންކަން އަންހެނުންނަށް ދެއްކުމަށްޓަކައި، ތެލީގެ މަތިގަނޑު ޖަހައިދިނުމަށް، އަތުކުރި އޮޅާލައިފީމެވެ. ހިތްވަރުގަދަ ފިރިހެނުންގެ ހިތްވަރު، ހިތްމައްޗަށް ގެނެސް ހިތްވަރު އާ ކޮށްފީމެވެ. ޕޯޗްގީޒުން ތަޅާ މަރާ ހުސްކުރެއްވީ މުހަންމަދު ތަކުރުފާނެވެ. ޖައްވީ އުޅަނދު ބަނީ ފިރިހެނުންނެވެ. އަލި ރަސްގެފާނު ގިނިކަންޏާ ހަނގުރާމަ ކުރެއްވި އެވެ. މިއީ ހުސް ފިރިހެނުންނެވެ. ފިރިހެނަކު ކަމެއް ކުރުމަށް ކުރިމަތިލައިފި ނަމަ، އޭނާއަށް ނުވާނެ ކަމެއް އުޑުދަށަކު ނުވެއެވެ. ވީއިރު، އަހަރެންނަށް ޕުރެސަރު ތެއްޔެއްގެ  މަތިގަނޑު ޖަހާނުލެވޭނެ ހެއްޔެވެ؟

ކުޑަކޮށް ގުދުވެފައި، ދެފައި ދެ މެދުން ކަކުލާއި ހިސާބުގައި ތެލި ތާށިކޮށްލުމަށްފަހު، އަހަރެންގެ ގައި ހުރި ބުއްދި އަކާއި، ބާރެއް ލަމުން މަތިގަނޑު ޖެހޭތޯ ބަލައިފީމެވެ. އަހަރެން ނަކަށް ވެސް އެ ކަމެއް ނުތްވެވެ. ނަޞްރު ހޯދީ މަތިގަނޑެވެ.

ކުރިން އަހަރެން ހީކުރިގޮތާއި ޚިލާފަށް، ބައެއް ފިރިހެނުން އުފަންވެފައިވަނީ، އެމީހުން ކުރިމަތިލީ ހަމަ، ކޮންމެ ކަމެއްގައި، ނާކާމިޔާބު ވުމަށް ކަންނޭނގެ އެވެ. އަހަރެންނަށް ހީވަނީ، އަހަރެން މިއީ އެބައިގެ މީހެއް ހެންނެވެ. ހަމަ އެއްގޮތަކަށް ވެސް މަތިގަނޑު  ހެޔޮވަރަށް ފައްތައި ނުލެވުނުގޮތަށް  އަހަރެންގެ ދިރިއުޅުމުގެ ގިނަ ކަންކަން ވެސް ހުރީ ދިރިއުޅުމަށް ހެޔޮވަރަށް ނުފެތި އެވެ.

އެންމެ ފަހުން އަހަރެން ފުންނޭވާއެއްލާފައި ހިންދެމިލައިފައި ތެލި ނަގައި ކައިރީގައި ހުރި މޭޒުމަތީ ބަހައްޓާފައި، ތެއްޔަށް ބަލާލުމުން ފުރަތަމަ ފަހަރަށް އަހަރެންގެ އަންހެނުން ނަސީމާ އާއި އަހަރެންގެ ސޫރަ ގޮނިކޮށްފައިވާ ތެލީގެ ބޭރުން ހެއްވާ ސިފައަކަށް ފެނުނެވެ. ކުރު ހަތަރު އަތެވެ. ކުދިކުދި ހަތަރުލޮލެވެ. ބޮޑު ފަތާ، ދެ ނޭފަތެވެ.

އެއީ ހެދުމުގައި ތިބި ދެ ކުކުޅެވެ. އެ ދޭތި ކެކެމުން،ރޯފިލަމުން އެ ދަނީ ދިރިއުޅުމުގެ ގަދަ ޕުރެސަރުގަ އެވެ.
--------------
(ނިމުނީ)

މި ލިޔުން؛

    ފޮނުވުން:    އަލްފާޟިލް ޢަލީ އިސްމާޢީލު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:  ''         ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ