އަދުގެ ޚާއްސަ

Print

ޙަޔާތުން ފިލާވަޅެއް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


''މި އަދު ގެއަށް ގޮސް މަންމަގެ ދެ އަތްތިލަ ބަލައިލާތި!''


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ


ތަޢުލީމީގޮތުން މަތީ ފާސްތަކެއް ޙާޞިލްކޮށްގެން ހުރި ޒުވާނަކު ކުންފުންޏެއްގެ މެނޭޖަރު ފެންވަރުގެ ވަޒިފާއަކަށް އެދި ހުށަހެޅި އެވެ. ފުރަތަމަ ބަސްދީ ގަތުމުން އޭނާ ފާސްވި އެވެ. އެހެން ކަމުން ވަޒިފާ ދިނުމާބެހޭ އެންމެ ފަހު ނިންމުން ނިންމުމަށްޓަކައި ކުންފުނީގެ ޑައިރެކްޓަރު އޭނާއާ ބައްދަލު ކުރެއްވި އެވެ. ޒުވާނާގެ ތަޢުލީމީ ފާސްތައް ރަނގަޅުކަމުން އެކަން ފާހަގަ ކުރެއްވުމަށްފަހު ސުވާލު ކުރެއްވި އެވެ.
"ތިބާގެ އިސްކޫލު ފީ އާއި ކޮލެޖް ފީ ދައްކައި ދިނީ ތިބާގެ ބައްޕަތަ؟"

ޒުވާނާ ޖަވާބު ދިނެވެ. " އަޅުގަނޑުގެ އުމުރުން އެންމެ އަހަރަކަށް އޮއްވާ އަޅުގަނޑުގެ ބައްޕަ ނިޔާވެއްޖެ! ކިޔެވުމަށް ދައްކަން ޖެހުނު ހުރިހާ ފައިސާއެއް ވެސް ދެއްކީ އަޅުގަނޑުގެ މަންމަ."

"މަންމަ މަސައްކަތް ކުރަނީ ކޮންތާކު؟" ޑައިރެކްޓަރ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުގެ މަންމަ ކުރަނީ އެއްޗެހި ދޮވުމާއި، ތަންތަން ފޮޅާ ސާފު ކުރުމުގެ މަސައްކަތް!"

އެ ހިނދު ޑައިރެކްޓަރ އެދިލެއްވީ ޒުވާނާގެ ދެއަތްތިލަ ދެއްކުމަށެވެ. ޒުވާނާގެ ދެއަތްތިލަ ދެއްކި އެވެ. އެއީ އޮމާން ރީތި އަތްތިލައެކެވެ.
"ދުވަހަކު ވެސް، މަންމަ އެއްޗެހި ދޮންނައިރު މަންމަޔަށް އެހީވީމުތަ؟ " ޑައިރެކްޓަރ ސުވާލު ކުރެއްވި އެވެ.

ޒުވާނާ ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ. "ނޫން. އަޅުގަނޑުގެ މަންމަ އަބަދު ވެސް ބޭނުންވާނީ އަޅުގަނޑު ކިޔަވަން. ފޮތް ކިޔަން. އެހެންނޫނަސް އަޅުގަނޑަށްވުރެ  އެއްޗެހި ދޮންނަން މަންމަ މާ ފަރިތަ ވާނެ!"

" އަހަރެންގެ އެދުމެއް އެބައޮތް! އެއީ މި އަދު ގެއަށްގޮސް މަންމަގެ ދެ އަތްތިލަ ބަލައިލާތި. އަދި މާދަމާ ހެނދުނުން އަލުން އާދޭ! އޭރުން ވަޒީފާ ލިބޭނެކަން ނުވަތަ ނޫންކަން އެނގޭނީ!"

ވަޒިފާ ލިބޭނެކަމުގެ ވަރަށް މަތިވެރި އުއްމީދަކާއެކު ޒުވާނާ ގެއަށް ދިޔަ އެވެ. އުފަލާއެކު މަންމަގެ ކިބައިން އެދުނީ މަންމަގެ ދެއަތްތިލަ ދެއްކުމަށެވެ. މަންމަ ހައިރާންވެ އަދި ޖެހިލުންވެ ހުރެ ދަރިފުޅަށް ދެ އަތްތިލަ ދެއްކި އެވެ. މަންމަގެ ދެއަތްތިލައަށް ލަސްލަހުން ބަލަމުން ދިޔަ އެވެ. އެ ހިނދު އޭނަގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވި އެވެ. ކޯތާފަތްމަތިން އެ ކަރުނަތައް ފައިބައިގަތެވެ. މީގެ ކުރިއަކުން މަންމަގެ އަތްތިލައިގެ ހާލަތެއް އެނާއަކަށް ނޭނގެ އެވެ. ދެއަތްތިލަ ވަނީ ކުރަކި ވެ ހަލާކުވެފަ އެވެ.

އެހިނދު ޒުވާނާއަށް ޔަޤީން ކުރެވުނީ މަންމަގެ އަތްތިލަ ހަލާކުވެފައި އެ ވަނީ އޭނާއަށް ކިޔަވައިދިނުމަށާއި އޭނާގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި އެއްޗެހި ދޮވެގެން ކަމެވެ. މަންމަގެ އަތްތިލައިގެ ކުރަކިކަމާ އަތްތިލައިން ފެންނަ ފާރުކޮޅުކޮޅަކީ ކިޔަވައިދިނުމަށާއި ރޯޝަނީ ހަޔާތަކަށްޓަކައި ކުރި މަސައްކަތުގެ އަގުކަމެވެ. މަންމަގެ އަތަށް ބަލަހައްޓައިގެން އިނދެ އެތައް ފިކުރެއް އޭނާކުރި އެވެ.  އަދި އެއަށްފަހު އެދުވަހު މަންމަ ދޮންނަން ގެނެސްފައިހުރި ހުރިހާ އެއްޗެއް މަންމައަށްޓަކައި ދޮވެ ދިނެވެ. އަދި އެރޭ މަންމައާއި އެކު ވާހަކަ ދައްކާ ޚިޔާލު ބަދަލު ކުރުމަށް އެތައް ވަގުތެއް ހޭދަ ކުރި އެވެ.

އަނެއް ދުވަހުގެ ހެނދުނު ޑައިރެކްޓަރުގެ އޮފީހަށް ދުރުވި އެވެ. ޒުވާނާގެ ލޮލުން ކަރުނައިގެ އަސަރު ޑައިރެކްޓަރަށް ފާހަގަ ކުރެއްވުނެވެ. "އިއްޔެ ގެއަށް ގޮސްކުރި ކަންތަކާއި އެކަމުން ދަސްވި ފިލާވަޅަކީ ކޮބާ؟" ޑައިރެކްޓަރު ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު މަންމަގެ އަތްތިލައަށް ބެލިން، އަދި މަންމަ ދޮންނަންޖެހޭ ހުރިހާ އަންނައުނެއް ދޮވެދިނިން!" ޒުވާނާ ބުންޏެވެ.
އެ ހިނދު ޑައިރެކްޓަރު އެދިލެއްވީ މިހާރު ޒުވަނާގެ އިޙްސާސްތައް ހުރިގޮތް ކިޔައި ދިނުމަށެވެ.

ޒުވާނާ ބުންޏެވެ. "އަޅުގަނޑަށް އެނގި ކަށަވަރުވީ މަންމަޔާ ނުލައި އަޅުގަނޑަށް މި އަދު ލިބިފައި މިހިރަ ކާމިޔާބު ނުލިބޭނެކަން. އަޅުގަނޑަށް މިހާރު މަންމަޔާއެކު މަސައްކަތް ކުރެވޭނެ. މަންމަކުރާ މަސައްކަތުގެ ބުރަކަމާ އެކަން ފުރިހަމަ ކުރަން ކުރާ ހިތްވަރު މިހާރު އެނގިއްޖެ. ޢާއިލީ ގުޅުމާއި އޭގެ އަގު މިހާރު އަޅުގަނޑަށް ތަޞައްވުރު ކުރެވޭ!''

އެހިނދު ޑައިރެކްޓަރު ބުނުއްވި އެވެ. " ތިޔައީ އަހަރެން ބޭނުންވާ ކަމަކީ. އަހަރެން ބޭނުންވަނީ އެހެންމީހުންނާއެކު މަސައްކަތް ކުރަން އެނގޭމީހެއް. އެކުގައި މަސައްކަތްކުރާއިރު ދިމާވާ ގޮންޖެހުންތަކާއެކު ކުރިއަށްދާ، ވަޒިފާގެ ހަމައެކަނި މަޤުޞަދަކީ ފައިސާހޯދުން ކަމުގައި ނުދެކޭ މެނޭޖަރެއް! ތިބާއަށް ވަޒިފާ ދީފިން!"

ފަހުން އެ ޒުވަނާވީ ބުރަކޮށް މަސައްކަތް ކުރާ، ކުންފުނީގެ މީހުން ބަލައިގަތް އެމީހުންގެ ލޯތްބާއި އިޙުތިރާމް ލިބުނު ކާމިޔާބު މެނޭޖަރަކަށެވެ.

އެދޭހާ ކަމެއް ކޮށްދީގެން ބުނާހާ އެއްޗެއް ގަނެދީގެން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހެގޮތަށް ބާރާއި އިޚުތިޔާރު ދީގެން ގެންގުޅެ ބޮޑުކުރާ ކުދިންނަށް އެހެން މިހުންގެ އިޙްސާސްތައް ދެނެގަންނަން އުނގަދޫވާނެ އެވެ. އޭނާ މަސައްކަތުގެ މައިދާނަށް ނިކުމެ މަސައްކަތް ކުރާއިރު އަބަދުވެސް ހިތަށް އަރާނީ އޭނާގެ އަމުރަށް އެހެން އެންމެން ކިޔަމަންވާން ޖެހޭނެ ކަމަށެވެ. އަދި މެނޭޖަރެއްގެ ފެންވަރު ވަޒީފާއެއް ލިބިއްޖެނަމަ އޭނާގެ ދަށުން މަސައްކަތްކުރާ މީހުންނަށް ކުރިމަތިލާންޖެހޭނެ ގޮންޖެހުންތައް ތަޞައްވުރު ވެސް ނުކުރެވޭނެ އެވެ. އޭގެ ސަބަބުން އަބަދުވެސް މުވައްޒަފުން ކުށްވެރިކުރާ މީހަކަށް އޭނާ ވާނެ އެވެ.

ތިބާއަށް ތިބާގެ ދަރިފުޅު ދިރިއުޅެން ބޮޑުގެއެއް ދެވިދާނެ އެވެ. ރަނގަޅުކާނާ ކާން ދެވިދާނެ އެވެ. ތަފާތު ފަންނުތަކަށް އަހުލުވެރި ކުރުވިދާނެ އެވެ. ގޭގައި ބޮޑު ޓީޥީއެއް ބަހައްޓާ ދެވިދާނެ އެވެ. އެކަމަކު ހަނދާން ކުރަންވީ ގޭގައި ކުރަން ހުންނަ ކަންތައްތައް ކުރަން ދަރިފުޅަށް ދަސްކޮށްދޭން ޖެހޭނެ ކަމެވެ. ކައިނިމިގެން ތަށިދޮންނަން ދަރިފުޅާ ހަވާލު ކުރާށެވެ. މި ފަދަ ކަންތައްތައް ކުރާއިރު ޢާއިލާގެ އެންމެންގެ އެއްބާރުލުމާއެކު ކުރަން ދަސްކޮށްދޭން ވާނެ އެވެ. އެއީ ގޭގައި ކުރަން ހުންނަ މަސައްކަތް ކުރަން މަސައްކަތު މީހަކު ނުލިބުމުން ނުވަތަ އެފަދަ ތަނަވަސްކަމެއް ނެތުމުން އެކަނި ކުރަން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު އެއީ ދަރިންނަށް ފުރިހަމަ ލޯބި ހޯދައިދިނުމަށްޓަކައި ކުރެވޭ ކަމެކެވެ. ދަރިފުޅުގެ ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރިކޮށްދީ ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރެވޭ ކަމެކެވެ.
ދިރިއުޅުމުގައި އަހަރެމެން ދަސްކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އުނގަދޫ ދަނޑިވަޅުތަކުގައި ކަންތައްތަކާ ކުރިމަތިލައި އެކަންތައްތައް ހައްލު ކުރާނެ ގޮތެވެ.
----------------------
(ނިމުނީ)

ނޯޓް: މިއީ އިނގިރޭސިބަހުން ލިޔެފައިވާ "އަ ލެސަން އިން ލައިފް" މި ލިޔުން އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. އިނގިރޭސި ލިޔުނު ލިޔުންތެރިޔާގެ ނަން އެނގޭކަށް ނެތެވެ.
- އ. ޝ -

މަޞްދަރު؛

 http://www.wow4u.com

މި ލިޔުން؛

     ފޮނުވުން:    އަލްފާޟިލް އާދަމް ޝީރީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
     އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''       ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ