އަދުގެ ޚާއްސަ

Print

މި ފޮތުގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިރާސާ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

އިހު މީހުންގެ މެދުގައި ވަރަށް މަޤުބޫލު ފޮތެކެވެ. ފޮތުގެ ބޭނުންތައް ގިނަވެފައި ތަފާތެވެ. ވަރަށް އާދައިގެ ކަންތައްތަކުގައްޔާއި ބޮޑެތި ކަންތައްތަކުގައި ވެސް މި ފޮތުގެ ބޭނުން ހިފައި އުޅެއެވެ. ކުޑަކުދީން ނިންދަވަން އުނދަގޫނަމަ އެ ކުއްޖަކު ބޯއަޅާ ބާލީހުގެ ދަށަށް މި ފޮތް ލުމުން ފަސޭހަކަމާއެކު އެ ކުއްޖަކު ނިދާކަމަށް ވެ އެވެ. ބަލިތަކާއި މުޞީބާތްތަކުން މިންޖުވުމަށާއި، ދިރިއުޅުމުގެ ތަނަވަސްކަން ލިބިގަތުމަށާއި، ސިޙުރު ހާހޫރަޔާއި، ޝައިޠާނީ އުނދަގޫތަކާއި، ޣަރަޤުވުމާއި، އަލިފާން ހިފުމާއި، ޙަސަދަވެރީންގެ ޙަސަދައާއި، ހިތާމަތަކާއި މޮޅިވެރިކަމާއި، ފަޤީރުވުމުން ސަލާމަތްވުމުގައިވެސް މި ފޮތުގެ ބޭނުން ހިފާކަމުގައި ބުނެވެ އެވެ.

ނަވަތަ ފޮތަކަށްވުރެ ތަންކޮޅެއް ބޮޑު، ޞަފުޙާގެ ޢަދަދު ތިރީހަށްވުރެ ގިނަނޫން، މި ފޮތުގެ ކޮޕީއެއް އަޅުގަނޑުގެ ރަޙުމަތްތެރިއަކު އަޅުގަނޑު އަތަށް ދިނެވެ. އަދި އޭގައިވާ އެއްޗެއް ދިވެހި ބަހަށް ތަރުޖަމާކޮށްދިނުމަށް އެދުނެވެ. ތަރުޖަމާކުރަނީ ކީއްކުރަންތޯ އެހުމުން އެއީ ވަރަށް މޮޅު ފޮތެއްކަމަށާއި އަދި އެ ފޮތުގެ ފައިދާތައްކަމަށް ރަޙުމަތްތެރިޔާއަށް އެނގިފައިވާ ބައެއް ވާހަކަތައް ކިޔައިދިނެވެ. މިހާ ހިސާބަށް ރަޙުމަތްތެރިޔާއާ ބެހޭ ހާސަރުތައް ކުރުކޮށްލާފައި ފޮތުގެ ވާހަކައިން ކުރިއަށްދަމާ ހިނގާށެވެ.  

މި ފޮތުގައި ލިޔުނު މީހަކު ލިޔެފައިވެއެވެ. "ﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީ ޠާލިބު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. އޭ ޢަލީއެވެ. ތިމަންކަލޭގެފާނުގެ މި ސިފަފުޅުތައް (ނަންފުޅުތައް) މީހަކު ކިޔަވައިފިނަމަ ނުވަތަ އެއްޗެއްގައި ލިޔެ ގޭގައި އެލުވައިފިނަމަ، އެ ގެއަކަށް އެއްވެސް ޝައިޠާނެއް ކައިރިއެއްނުވާނެއެވެ. އެއްވެސް ބަލާއެއް، ވަބާއެއް އެ ގެއަކަށް ނާންނާނެއެވެ. ޙަސަދަވެރިއެއްގެ ޙަސަދައެއް، އެއްވެސް ބައްޔެއް، އެއްވެސް ސިޙުރެއް، އެއްވެސް "حِرْزُ" އެއް އެ ގެއަކަށް ކުރިމައްޗެއްނުވާނެއެވެ. އަލިފާން ހިފުމެއް، ޣަރަޤުވުމެއް، ހިތާމަތަކާއި މޮޅިވެރިކަމެއް، ފަޤީރުވުމެއް، ދަތި އުނދަގުލެއް، އެއްވެސް މުޞީބާތެއް އަބަދަށްޓަކައި އެ ގެއަކަށް ކުރިމައްޗެއްނުވާނެއެވެ. އަދި އެ ގެއެއްގައި (އިތުރު އެކަލޭގެފާނުގެ) މި ސިފަފުޅުތައް އޮތްހާ ހިނދަކު، އެ ގެއަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ފިލައިގެންނުދާނެތެވެ. އަދި މި ސިފަފުޅުތައް މީހަކު ކިޔަވައިފިނަމަ ނުވަތަ އަޑުއަހައިފިނަމަ ނުވަތަ (އެއްޗެއްގައި ލިޔެ) އެލުވައިފިނަމަ، އެމީހާ ޙައްޖުވީފަދައެވެ. އަދި ޢުމްރާއެއް ކުރިފަދައެވެ. އަދި އަޅަކު މިނިވަންކުރިފަދައެވެ. އަދި ﷲ ތަޢާލާ އެމީހާއަށް (ކުރިމަތިވެދާނެ) ދުނިޔޭގެ އުނދަގޫތައް ނެތިކުރައްވައި، އާޚިރަތުގެ ޢަޛާބުން މިންޖުކުރައްވައެވެ. އަދި ބަލި މީހެއްގެ ގާތުގައި މި ސިފަފުޅުތައް ކިޔަވައިފިނަމަ މީގެ ބަރަކާތުން އެމީހަކަށް ޝިފާ ލިބިދެއެވެ."

މީގެ ފަހުގައި ލިޔެފައިވެއެވެ. "ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ޢަލީގެފާނުގެ އަރިހުގައި ސުވާލު ކުރެއްވީމެވެ. އިތުރު އެކަލޭގެފާނުގެ ސިފަފުޅުތަކަކީ ކޮބައިތޯއެވެ؟ އެހިނދުގައި ޢަލީގެފާނު ވިދާޅުވިއެވެ. އޭ އަބޫ ހުރައިރާއެވެ. ދަސްކުރާށެވެ! އެކަލޭގެފާނުގެ ސިފަފުޅުތަކަކީ މިއީއެވެ." ދެން މީގެ ފަހުގައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިފަފުޅުތައްކަމުގައި އެކަލޭގެފާނު ޢަލީގެފާނަށް ދަސްކޮށްދެއްވިކަމަށް ބުނާ ސިފަފުޅުތަކެވެ.

ފޮތުގެ ޙަޤީޤަތް :    

މި ފޮތާއިމެދު ޢިލްމީ ތަޙުޤީޤެއް ކުރެއްވި އެއްބޭފުޅަކީ ޤަޠަރުގެ وزارة الأوقاف والشؤون الإسلامية ގެ ޝަރީޢާގެ ޚާއްޞަ ބޭފުޅެއްކަމަށްވާ إسماعيل بن غصاب بن سليمان العدوي  އެވެ. މި ފޮތާއިމެދު އެބޭފުޅާ ކުރައްވާފައިވާ ތަޙުޤީޤުގެ އަލީގައި، މި ފޮތުގެ ޙަޤީޤަތް ހާމަކޮށްދެވޭތޯ މަސައްކަތް ކުރަމެވެ.

ޙަޤީޤަތުގައި މި ފޮތުގައިވާ ވާހަކަތަކަކީ ދޮގުވެރިއަކު، ރަސޫލުﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހަދާފައިވާ ބުހުތާން ދޮގުތަކެކެވެ. އެހެނީ މި ފޮތުގައި ބަޔާންކޮށްފައިވާ ފަދަ ވާހަކަތަކެއް، ޙަދީޘްތައް ޖަމަޢަކުރައްވާފައިވާ އެއްވެސް ފޮތަކުން ފެންނާކަށްނެތެވެ. އަދި އިސްލާމްދީނުގެ އެހާރާއި މިހާރުގެ އެއްވެސް ޢިލްމުވެރިޔަކު މި މޭރުމުން ވާހަކަފުޅު ދައްކަވާފައެއްވެސް ނުވެއެވެ. މި ފޮތުގައި ބަޔާންކޮށްފައިވާ ފަދަ ދަރުމައާއި ސަވާބު ހުރިކަމެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ބަޔާންކޮށް ނުދެއްވައި ދޫކޮށްލައްވާފައި އޮތުމަކީ މުސްތަޙީލުކަމެކެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އިސްލާމްދީން ފުރިހަމަކޮށްދެއްވާފައެވެ.
މި ފޮތުގައިވާ ވާހަކަތައް ބަޔާންކޮށްފައިވާ ޙަދީޘަކީ ހަދާފައިވާ (مَوْضُوْعُ) ޙަދީޘެއްކަން ސާބިތުވާ ކިތަންމެ ކަމެއް އެބަހުއްޓެވެ.

1.    ޙަދީޘްގެ ސާބިތުކަން:

މި ޙަދީޘަކީ އެއްވެސް އަސްލެއް އެނގޭންނެތް އެއްޗެކެވެ. އެހެނީ ޢިލްމީގޮތުން އެ ފޮތަކަށް އިޢުތިމާދުވެވޭ އެއްވެސް ފޮތަކުން މި ޙަދީޘްގެ އަސްލެއް ފެންނާކަށްނެތެވެ. އަދި މި ޙަދީޘާއިބެހޭގޮތުން (މި ފޮތް) ލިޔުނު މީހާވެސް މިއީ ކިހިނެތް ރިވާވެގެން އައިސްފައިވާ ޙަދީޘެއްކަން ބަޔާންކޮށްފައެއްނުވެއެވެ.

2.    މި ޙަދީޘްގައި ގެނެސްފައިވާ ޢިބާރާތްތަކަށް ބަލައިލުމުންވެސް މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުނޫންކަން ސާބިތުވެއެވެ. ޙަދީޘްގައި ބަޔާންކޮށްފައިވާ ފައިދާތަކުގެ ލިސްޓުގައި، [ތިމަންކަލޭގެފާނުގެ މި ސިފަފުޅުތައް (ނަންފުޅުތައް) މީހަކު ކިޔަވައިފިނަމަ ނުވަތަ އެއްޗެއްގައި ލިޔެ ގޭގައި އެލުވައިފިނަމަ، އެ ގެއަކަށް އެއްވެސް ޝައިޠާނެއް ކައިރިއެއްނުވާނެއެވެ. އެއްވެސް ބަލާއެއް، ވަބާއެއް އެ ގެއަކަށް ނާންނާނެއެވެ. ޙަސަދަވެރިއެއްގެ ޙަސަދައެއް، އެއްވެސް ބައްޔެއް، އެއްވެސް ސިޙުރެއް، އެއްވެސް "حِرْزُ" އެއް އެ ގެއަކަށް ކުރިމައްޗެއްނުވާނެއެވެ. ...] މިތަނުގައި މިވާ "حِرْزُ" ގެ މާނައަކީ ރައްކާތެރިކަމާއި ސަލާމަތްތެރިކަމެވެ. އެހެންކަމުން حِرْزُ އެއް ކުރިމަތިނުވާނޭ ބުނުމުން އޭގެ މާނައަކީ އެއްވެސް ރައްކާތެރިކަމެއް ސަލާމަތްތެރިކަމެއް ކުރިމައްޗެއް ނުވާނެއެވެ. ފައިދާތަކެއް ބަޔާންކުރުމަށްފަހު މިހެން ބުނުމުން އެ ފައިދާތައް ނަފީވެގެން ދެއެވެ. އަދި މިއިން ހާމަވެގެންދާ އަނެއްކަމަކީ މި ޙަދީޘް ހެދި މީހެއްގެ ޖާހިލުކަމެވެ.

3.    މި ޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށްފައިވާ ސިފަފުޅުތަކުގައި (ނުވަތަ އިސްމުފުޅުތަކުގައި) ހުރި މައްސަލަތައް:

(ހ) ސާބިތުނުވާ ސިފަފުޅުތައް (އިސްމުފުޅުތައް) ހުރުން.
(ށ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކުރުން އެކަށީގެންނުވާ ސިފަފުޅުތައް ހުރުން.
(ނ) ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަ ކުރެވޭ ސިފަފުޅުތައް އިތުރު އެކަލޭފާނަށް ނިސްބަތްކޮށްފައި ހުރުން. (މިއީ ޝިރުކުގެތެރެއިން ހިމެނޭ ކަމެކެވެ.)
(ރ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ސިފަފުޅުތައް ނުވަތަ އިސްމުފުޅުތައް ކަމުގައި ނުހިމެނޭ އެހެންނަމަވެސް ޢާއްމު މީހުންގެ ބައެއް ސިފަތައް އެކަލޭގެފާނަށް ނިސްބަތްކޮށްފައި ހުރުން.
    
4.    އެންމެ މަތިވެރިވެގެންވަނީ ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައްކަން ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ސުންނަތުން ސާބިތުވެއެވެ. އަދި މި އިސްމުފުޅުތައް ދަސްކުރުމާއި މި އިސްމުފުޅުތައް ބޭނުންކޮށްގެން ﷲ ތަޢާލާއަށް ދުޢާ ދެންނެވުމުގެ މާތްކަންވެސް ޞަރީޙުކޮށް ބަޔާންވެގެން ވެއެވެ. އެކިއެކި ޙާލަތްތަކުގައި ކިޔާނެ ޒިކުރުތަކާއި ދުޢާތައްވެސް ޞައްޙަ މަގުން ވާރިދުވެގެން ވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ޒިކުރެއް ނުވަތަ ދުޢާއެއް ލިޔެ ރައްކާކޮށްފައި ބޭއްވުމުން ނުވަތަ ގޭގައި އެލުވުމުން ނުވަތަ އުފުލުމުން އެއިން ފައިދާ ލިބިގަނެވިދާނެކަމަށް ވާރިދުވެފައެއް ނުވެއެވެ.

ދެނެގަތުންހުއްޓެވެ! މި ފޮތުގައި ބުނާ ފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިފަފުޅުތައް ކިޔާލުމުން ނުވަތަ އަޑުއަހާލުމުން ނުވަތަ އެއްޗެއްގައި ލިޔެ ގޭގައި އެލުވުމުން، ދުނިޔޭގެ އެންމެހައި މުޞީބާތްތަކުން މިންޖުވުމާއި، އާޚިރަތުގެ ޢަޛާބުން މިންޖުވުމާއި، ޙައްޖާއި ޢުމްރާވުމާއި އަޅުން މިނިވަންކުރުމުގެ ސަވާބު ލިބޭކަމުގައިވާނަމަ، ނަމާދު ޤާއިމުކުރުމާއި، ރޯދަހިފުމާއި، ޒަކާތްދިނުމާއި، ޙައްޖުވުމާއި، މައިންބަފައިންނަށް ކަމޭހިތުމާއި، ޖިހާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ސުންނަތް ނަމާދުތައް ކުރުމާއި މިހެންގޮސް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ އެންމެހައި އަޅުކަންތައް ކަނޑައެޅުއްވުމުގެ ބޭނުމަކީ ފަހެ ކޮބައިހެއްޔެވެ؟ މިއިން އެއްކަމެއް ނުކުރިޔަސް، މި ފޮތުގައިވާ އެއްޗެއް ކިޔާލުމުން ނުވަތަ އަޑުއަހާލުމުން ނުވަތަ ގޭގައި އެލުވުމުން ފުދޭނަމަ...... ރަނގަޅަށް ވިސްނާލާށެވެ! ﷲ ތަޢާލާވަނީ އެންމެހައި މަޚްލޫޤުންގެތެރެއިން އިންސާނާ މާތް ކުރައްވާފައެވެ. އެއީ އިންސާނާއަށް "ބުއްދީގެ" ނިޢުމަތް ދެއްވުމުންނެވެ.

ކުރިންވެސް ބުނެވުނުފަދައިން މި ފޮތުގައި ލިޔުނު މީހަކު ލިޔެފައިއެވަނީ ހަމަ މުޅީންވެސް ދޮގެވެ. ބައެއް ފަހަރަށް މީހުން އެފަދަ ކަންތައް ކުރަނީ މީސްތަކުން ހެޔޮ ކަންކަމަށް ހިތްޖެއްސުމުގެ ނިޔަތުގައެވެ. އަދި އަނެއްބައި ފަހަރަށް މީސްތަކުން އިސްލާމްދީނާ ދުރުކުރުމުގެ ނިޔަތުގައެވެ. މިފަދަ މީހުންގެ ބޭނުމަކީ އަޅުކަންތައް އަދާކުރުމާމެދު މީސްތަކުން ޣާފިލުކޮށް ކަންނެތް ކުރުވުމެވެ. މިފަދަ ވާހަކަތައް ހަދަހަދައިގެން މީސްތަކުންގެ ސިކުނޑިއަށް ސަވާރުވުމުގެ ނަތީޖާއަކަށްވަނީ މި ދޮގު ބުހުތާންތައް ކިޔާލަކިޔާލާ މީސްތަކުން ތިބުމެވެ. އަދި އަނެއް ބަޔަކު މި ތަކެތި ގޭގައި އެލުވައިގެން ﷲ ތަޢާލާގެ ޙަޟުރަތުން ހެޔޮކަމަށް އުއްމީދުކޮށްގެން ތިބުމެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މައިގަނޑު އަޅުކަންތަކާއި އެހެނިހެންވެސް އަޅުކަންތައް ކުރުމަކީ މިފަދަ މީހުންނަށް ބޭނުންތެރި ކަމަކަށްނުވާނެއެވެ.

ލަފާކުރެވޭގޮތުގައި މީސްތަކުން މިފަދަ ފޮތްތައް ކިޔަވާ އެއަށް ޚާއްޞަކަމެއް ދެމުން އަންނަނީ އޭގައިވާ އެއްޗެއް ރަނގަޅަށް (ނުވަތަ އެއްވެސް ވަރަކަށް) ނޭނގޭތީއެވެ. ނުވަތަ މިފަދަ ތަކެތީގެ ޙަޤީޤަތާމެދު ވިސްނާނުލެވި ޣާފިލުކަމުގައި ތިބެވޭތީކަމަށްވެސް ވެދާނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޤަޞްދުގައި ދޮގުހެދުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއްކަމުގައި އަންގަވާފައިވާއިރުވެސް، އިސްލާމްދީނުގެ ޢަދާވާތްތެރީންނާއި އަދި ކިއެއްތަ! މުސްލިމުންގެ ތެރެއިން ހިމެނޭ ބައެއްމީހުންވެސް އެކަލޭގެފާނަށް ނިސްބަތްކޮށް ބުހުތާން ދޮގުތައް ހަދާފައި އެބަހުއްޓެވެ. މިގޮތުން ކީރިތި ޤުރުއާނުގެ މާތްކަން ބަޔާންކޮށް ހަދާފައިވާ ދޮގުތަކާއި، އެކިއެކި ދުޢާ ޒިކުރުތައް އަމިއްލައަށް ހަދާ އެ ތަކެތީގެ މާތްކަމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރެއްވިކަމަށް ބުނެ ހަދާފައިވާ ދޮގުތަކާއި، އެކި އެކި ދުވަސްތައް ފާހަގަކުރުމާއި އެކި ފާޑުފާޑުގެ ނަމާދުތައް ކުރުމާއި، އެކި ދުވަސްދުވަހު ރޯދަ ހިފުމާއި ބެހޭގޮތުން ހަދާފައިވާ ދޮގުތަކާއި، އެކި މީސްމީހުންގެ މާތްކަމާއިބެހޭގޮތުން ހަދާފައިވާ ދޮގުތަކާއި އަދި މިނޫންވެސް އެކި ކަންކަމާއިގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް ވަރަށް ގިނަ ބުހުތާން ދޮގުތައް ހަދާފައިވެއެވެ.

ﷲ ގެ ޙަޟުރަތުން ސަލާމަތްކަމާއި ރައްކާތެރިކަމަށް އެދޭމީހާއަށް އޮތީ އެ އިލާހު އަންގަވާފައިވާ ގޮތަށް ޢަމަލުތައް ސީދާކުރުމެވެ. އަޅުކަންތައް އަދާކޮށް ނަހީތަކުން ދުރުވެގަތުމެވެ. ގިނަގިނައިން ޤުރުއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމާއި، އަދި އެންމެހައި ޙާލަތްތަކުގައި ކިޔުމަށް ޞައްޙަ މަގުން ވާރިދުވެފައިވާ ދުޢާތަކާއި ޒިކުރުތައް ކިޔުންމަތީ ދެމި ހުރުމެވެ.

ނޭނގުމެއްގެތެރޭގައި ކުރެވޭ ކަންތައްތަކަށް ﷲ ތަޢާލާ ޢަޛާބު ނުދެއްވާނެކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. އެހެންނަމަވެސް ކަންކަމުގެ ޙަޤީޤަތް ސާފުވުމުން ﷲ ތަޢާލާއަށް ބިރުވެތިވެ، ކުށަށް ތައުބާވެ ﷲ ތަޢާލާގެ ޙަޟުރަތަށް ރުޖޫޢަވާންޖެހޭނެއެވެ. އަދި އެ ކުށް ތަކުރާރު ނުކޮށް އެ ގޮތުގައި ދެމިހުރެވޭތޯ މަސައްކަތް ކުރަންޖެހޭނެއެވެ. އެހެންކަމުން އިސްވެ ބުނެވުނު ދޮގުތައް ހިމަނައިގެން ލިޔެފައިވާ "ޞިފަތުއްނަބިއްޔި ޞައްލަﷲ ޢަލައި ވަސައްލަމަ" ނުވަތަ މަޝްހޫރު "ސިފަތުފުޅު" އެވެ ކިޔުނު ފޮތް ބޭނުންކޮށްގެން ނުސިޔާނު ކަންތައްތަކެއް ކުރެވިފައިވާނަމަ އަވަހަށް އެކަންކަމާއި ދުރުވެގަތުން ހުއްޓެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން!
....................
  (ނިމުނީ)


ހަވާލާ :

-    
إسماعيل بن غصاب بن سليمان العدوي (1423 هـ ) الأخصا ئي الشرعي في وزارة الأوقاف والشؤون الإسلامية بدولة قطر ، "النصح المبذول في الجواب"
-    الدكتور نورالدين عتر ، منهج النقد في علوم الحديث / الطبعة الثانية 1399 هـ  1979 م ، دارالفكر ، د مشق

މި ލިޔުން؛

     ފޮނުވުން:    އަލްފާޟިލް އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
(ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
     އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''       ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ