އަދުގެ ޚާއްސަ

Print

ރަޙްމަތުގެ ދޮރު ... !!!

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޢަޤީދާ


''دُعَاء ނުކޮށް ހުރުމަކީ މާތް ﷲ ނުރުއްސަވާކަމެއްކަން އެނގެ އެވެ.''


އައްޝައިޚު ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން


دُعَاء ކުރުމަކީ مُسلِمُ ންގެ ހަތިޔާރެކެވެ. دُعَاء ކުރުމަކީ އަޅުކަމެއްމެ އެވެ. دُعَاء ކުރުމަކީ ވަރަށް މާތް ކަމެކެވެ. دُعَاء ކުރުމާ ބެހޭގޮތުން މި އުއްމަތަށް ކައުކުރެއްވި މާތް ސާހިބާ حَديث  ކުރައްވާފައި ވެ އެވެ. <<الدُّعَاء هُوَ الْعِبَادَة  >> މާނައަކީ دُعَاء ކުރުމަކީ އެއީ، އަޅުކަމެކެވެ. މިހެން حَديث ކުރެއްވުމަށްފަހު މި އާޔަތް ކިޔަވައި ވިދާޅުވި އެވެ. ﴿وَقَالَ رَبُّكُمُ ادْعُونِى أًسْتَجِبْ لَكُمْ  إِنَّ الَّذِيْنَ يَسْتَكْبِرُوْنَ عَنْ عِبَادَتِى سَيَدْخُلُوْنَ جَهَنَّمَ دَا خِرِيْنَ﴾  (غافر: ٦٠ ) މާނައީ: ''އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وَحِى ކުރެއްވި އެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دُعَاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دُعَاء އިޖާބަ ކުރައްވާހުށީމެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް دُعَاء ކޮށް އަޅުކަންކޮށް އުޅުމަށް ކިބުރުވެރިގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެން ވާޙާލު އެއުރެން ނަރަކައަށް ވަންނާނެތެވެ.''

މާތްﷲ رحمة ލެއްވި الشَّوْكَانِى ވިދާޅުވެފައިވެ އެވެ. ފަހެ دُعَاء ކުރުމަކީ، އެންމެ މަތިވެރިވެގެންވާ އަދި އެންމެ މާތްވެގެންވާ އަޅުކަންތައް ތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މި މާތް އާޔަތުން އެކަމަށް ދަލީލު ކުރެއެވެ. ހަމަ ކަށަވަރުންވެސް دُعَاء ކުރުންވަނީ އަޅުކަމުގެ ތެރެއިންނެވެ! އެއީ އަރަހުށި ހުސްޠާހިރުވަންތަ ކަލާނގެ، އެކަލާނގެ އަޅުތަކުންނަށް، އެކަލާނގެއަށް دُعَاء ކުރުމަށް އަމުރު ކުރައްވާފައި އެބަވެއެވެ. ﴿ إِنَّ الَّذِيْنَ يَسْتَكْبِرُوْنَ عَنْ عِبَادَتِى﴾ އަދި ހައްދަވައި ބޮޑުކުރެއްވިކަލާނގެއަށް دُعَاء ނުކުރުމަކީ، ބޮޑާވެގަތުމެއް ކަމުގައިވެސް މި ޢިބާރާތުން އަންގަވާފައި އެބަވެއެވެ. އެކަލާނގެއަށް دُعَاء ނުކޮށް ބޮޑާވެގަތުމަކީ ކިހާ ބޮޑު ހުތުރު ކަމެއްތޯ އެވެ!

އެ ކަލާނގެއީ، ނެތުމުގެ ތެރެއިން އުފައްދަވައި، އަދި މުޅި ޢާލަމްތަކުގެ ވެރި ރަސްކަލާނގެއެވެ! ދިރުންދެއްވައި މަރުގަންނަވައި ކަލާނގެ އެވެ! ثَوَابُ ދެއްވައި عِقَابُ ދެއްވާ ކަލާނގެއެވެ! ފަހެ މި ބޮޑާވެގަތުމަކީ މިއީ މޮޔަވުމުގެ ކޮޅުމައްޗެވެ! ނުވަތަ އެކަލާނގެ ދެއްވި ނިޢްމަތްތަކަށް ކުފުރުވެގަތުމެއްކަން ކަށަވަރެވެ!
 
މާތް ﷲ އަށް دُعَاء ކުރުމަކީ، އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމަކަށްވާއިރު އަޅުތަކުންގެ دُعَاء އިޖާބަ ކުރައްވާނެކަންވެސް މާތްﷲ އަންގަވާފައި ވެއެވެ. ﴿ ادْعُوْنِى أَسْتَجِبْلَكُمْ﴾ ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دُعَاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دُعَاء އިޖާބަ ކުރައްވާހުށީމެވެ!

އަދިވެސް وَحِىކުރައްވާފައި ވެއެވެ. ﴿وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيْبٌ أُجِيْبُ دَعْوَةَ الدَّاعِ إِذَا دَعَانِ﴾  (البقرة: ١٨٦)  މާނައީ: ''ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއާ މެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ ތިމަންރަސްކަލާނގެ އެމީހުންނާ ކުއްތަންވެވޮޑިގެންވާ ކަމަށް ވިދާޅުވާށެވެ. އޭގެތެރެއިން މީހަކު ތިމަންރަސްކަލާނގެއަށް ދަންނަވާ دُعَاء އަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމު އެވެ.''

މާތްﷲ ރުއްސުންލެއްވި  أبوهريرة ވިދާޅުވެފައިވެއެވެ. رَسُولُ الله صلى الله عليه وسلم حَديث ކުރެއްވިއެވެ. (مَنْ لَمْ يَسْأَلِ اللهَ يَغْضِبْ عَلَيْهِ) ''ކަންތަކަށް އެދި މާތްﷲ އަށް ނުދަންނަވާ މީހާގެ މައްޗަށް އެކަލާނގެ ކޯފާލައްވާނެ އެވެ.''

މި ޙަދީޘުން ދޭހަވާގޮތުން دُعَاء ނުކޮށް ހުރުމަކީ މާތް ﷲ ނުރުއްސަވާކަމެއްކަން އެނގެ އެވެ. އެހެން ކަމުން دُعَاء ނުކޮށް ހުރުމަކީ، އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއްނޫނެވެ. ހެއްދެވި ފަރާތުގެ ނުރުއްސެވުން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.

މާތްﷲ ރުއްސުން ލެއްވި އިބްނުލް ޤައްޔިމް ލިޔުއްވި << الْجَوَابُ الْكَافِى >> ގައި ވިދާޅުވެފައި ވެ އެވެ. " دُعَاء ކުރުމަކީ ނުރުހޭ ކަންތައްތައް ދުރުކޮށްލުމަށް އޮތް އެންމެ މޮޅު ވަސީލަތެވެ. އަދި އެދޭ ކަންތައް ތައް ހޯދުމަށް އޮތް ހަތިޔާރެކެވެ. ނަމަވެސް دُعَاء ކުރުމުން އެމީހަކަށް دُعَاء އިން ކުރާ އަސަރު ތަފާތު ވެދާނެއެވެ. އެއީ ފަހަރެއްގައި އޭނާގެ ނަފްސުގައިވާ ބަލިކަށިކަމަކުން މާތްﷲ ގެ ޙަޟްރަތުގައި މަޤްބޫލު دُعَاء އަކަށް ނުވުމެވެ. އެއީ އެ دُعَاء ގައި ޢަދާވާތްތެރިކަމެއް ހިމެނިފައިވުމެވެ. ނުވަތަ އޭނާގެ ހިތުގައިވާ އީމާންކަމުގެ ބަލިކަށިކަމަކުން މާތްﷲ ގެ ޙަޟްރަތުގައި މަޤްބޫލު دُعَاء އަކަށް ނުވުމެވެ. ނުވަތަ  دُعَاء އިޖާބަ ކުރެއްވުން މަނާ ކުރާ ކަމެއް އޭނާގެ ކިބައިގާ ވާތީއެވެ. މިސާލަކަށް حَرَام އެއްޗެއް ކައިފާ ހުރުން ނުވަތަ ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ހިތުގައި " ދަބަރުޖަހައިފާ" ހުރުމުންނެވެ.

އަދިވެސް އެހެން ބަސްފުޅެއްގައި ވެ އެވެ.

<< ތިޔަބައިމީހުންގެ ތެރެއިން ދުޢާކުރުމުގެ ދޮރު ހުޅުވައިފި މީހަކަށް ރަޙްމަތުގެ ދޮރު ހުޅުވިދެއެވެ!! >>  
-------------------
  (ނިމުނީ)


މި ލިޔުން؛

       ފޮނުވުން
:    އައްޝައިޚު ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
       އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
       ޝާއިޢުކުރުން:  ''       ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ