އަދުގެ ޚާއްސަ

Print

ދުނިޔޭގެ އެންމެ އުމުރުން ދޮށީ މީހާގެ ދުލުން!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


''އަހަންނާއި، އަހަރެންގެ މަންމައާ ދެ މައިން އުފަންވީ، އެއް ދުވަހެއްގަ އެވެ.''


އާދަމް ނަޞީރު އިބްރާހީމް (2010)


އަހަންނަކީ، ދުނިޔޭގެ އުމުރުން އެންމެ ދޮށީމީހާ އެވެ. ދުނިޔެއަށް ނޭވާލި ކޮންމެ މީހެއްގެ އުފަން ދުވަސް އަހަރެން ދަންނަމެވެ. އެކަމަކު އަހަރެން އުފަންވީ  ކޮން ދުވަހަކު ކަމެއް، އަހަންނަކަށް ނޭނގެ އެވެ. އެނގޭ ކަމަކީ، އެހެން އެންމެންނާ ޚިލާފަށް އަހަރެން އުފަންވީ، އަހަރެންގެ މަންމައާ އެއްދުވަހެއްގައި، އެއްވަގުތެއްގައިކަމެވެ.  އަދި، އަޖަލު ހަމަވެގެން މަރުވެ ނެތިދާނީ ވެސް، ދެމައިން އެކީގައި ކަމެވެ.

އަހަރެންނަށް ދަސްވެފައިނެތް ރަށެއް، ޙަޤީޤަތް ނޭނގޭ ސަހަރެއް، ނޯންނާނެ އެވެ. ސިއްރުތައް ނޭނގޭ ބިމެއް، ފުންމިން ނޭނގޭ ކަނޑެއް، ނޯންނާނެ އެވެ. ބޯމިން ނޭނގޭ ވަލެއް، ތިލަމިން ނޭނގޭ ހަލެއް، ގިރިއެއް، މި ދުނިޔެއަކު ނޯންނާނެ އެވެ. އަހަރެން ދެ ފުށުން ނުދަންނަ ރަސްކަލެއް ވަޒީރެއް، އަމީރެއް ތާޖިރެއް، ދުނިޔަވީ ޙަޔާތް ދެކެފައެއް ނުވެ އެވެ. ޢާލިމުންނާއި ޖާހިލުން، ޢާބިދުންނާއި، ފާސިޤުން، ޒާލިމުންނާއި މަޡުލޫމުން، ޞިއްދީޤުންނާއި ޒިންދީޤުން، ޢާޝިޤުންނާއި މަޖުނޫނުން،  މި ބިމުގައި އުޅެ މަރުވެ ނިމިގެން އެ ދަނީ މަގޭ ލޯމަތީގަ އެވެ. ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު އެ މީހުންގެ ޢަމަލުތަކަށް އަހަރެން ފާރަލައިގެން ހުއްޓަ އެވެ.  އިންސާފުކޮށްކޮށް ހުއްޓަ އެވެ. އެ މީހުންގެ ޙަޤީޤަތްތައް އަހަރެން ރައްކާކޮށް ޖަމާކުރަމުން ދަނިކޮށެވެ.
 
އޭ އިންސާނާ އެވެ! ތިޔައީ، ޢިލްމުވެރިއެއްހެއްޔެވެ؟ މަސައްކަތްތެރި ފަންނާނެއް ހެއްޔެވެ؟ ޝާޢިރެއް، ލިޔުންތެރިއެއް، ނޫނީ ކުރެހުންތެރިއެއްހެއްޔެވެ؟ ނުވަތަ ރައްޔިތެއްގެ މައްޗަށް އަމާނާތްތެރިވުމުގެ ވާޖިބު ތިބާގެ ނަސީބު، ތިބާގެ ކޮނޑުގައި އަޅުވައިފައިވާ މަސްއޫލުވެރިއެއް ހެއްޔެވެ؟ ނުވަތަ މި ނޫން ދާއިރާއެއްގައި ދުނިޔޭގެ ދަންފަޅި ގުނަމުންދާ މުސާފިރަކީމު ހެއްޔެވެ؟

ތިބާގެ ދާއިރާއަކީ ކޮންމެ ދާއިރާއެއްކަމުގައި ވިޔަސް، އަހަންނަކަށް ފަރުވާލެއް ނެތެވެ. މި ސުވާލުތައް މި ކުރީ އަހަންނަށް ތިބާއަކީ ކާކުކަން ނޭނގި ގެނެއްނޫނެވެ. ބޭނުމަކީ ނަސޭހަތެއް ދިނުމަށްޓަކައި، ތިބާގެ ސިކުނޑީގެ ދޮރުފަތް ހުޅުވައިލެވޭތޯ ބެލުމެވެ.

ތިބާގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމަށްޓަކައި ފަޚުރުވެރިވާނަމަ، އަހަރެން ބުނާނަމެވެ. ތިޔަ ކަމުގައި މޭ ފުއްޕާލެވޭ ފަދަ ޤާބިލުކަމެއް ތިބާގެ ކިބަޔަކު ނެތެވެ. ދުނިޔޭގެ ބިމުގެ ބަނޑުދަށުގައިވާ ބިންގަރާސްތަކާއި، ކަނޑުއަޑީގައި ވަޅުލެވިފައިވާ އުންމަތްތަކުގެ ޙަޟާރަތު ހުވަފެނަކުން ވެސް ދުށީމުހެއްޔެވެ؟ ސައްދާދުގެ އިރަމާ ގަނޑުވަރާއި،  މިޞުރުގައި އެހެރަ އަހުރާމުތަކުގައިވާ ސައިންސާއި ޢިލްމުގެ ޙަޤީޤަތްތައް ހީ ޔަކަށް ވެސް މޭރުންވޭހެއްޔެވެ؟ މި ކަންކަމާމެދު  ހިނދުކޮޅަކަށް ވިސްނުމުގެ ނަޒަރު ހިންގައިލިޔަސް، ތިބާ ޖެހޭނީ ހުރިގޮތަށް އިސްދަށަށްޖަހާށެވެ. އެތަންތަނުގެ ފަންނުވެރިކަމާއި، މަސައްކަތްތެރިކަން އައީ ކިހިނެއްހެއްޔެވެ؟ އެކަންކަން ކުރި މީހުންގެ ޢިލްމާއި، އެމީހުން ބޭނުންކުރި ވަސީލަތްތަކުގެ ކުރިމަތީގައި، ތިބާ ބަހައްޓައިފި ނަމަ، އިނގިލީގައި ދައިގަންނާނެކަން ކަށަވަރެވެ. އެކަންކަމުގެ ހުރިހާ ޙަޤީޤަތްތައް އަހަރެން ތިބާޔަކަށް ކިޔައެއް ނުދެމެވެ. އެކަމަކު އަހަރެން މިހެން ބުނާނަމެވެ. ތިބާއަކީ،  ޓައިޓެނިކުބަން މޭސްތެރިޔާކަމަށް ވާނަމަ،  ނޫޙުގެފާނުގެ ނާކޮޅުބަން މީހުންގެ ކުޅަދާނަކަން ހިތްމައްޗަށް ނުގެނެވުނީތީ އަހަރެން ހިތާމަ ކުރަމެވެ.  ވިސްނާ ފިކުރުކޮށްލައިބަލާށެވެ!

ތިޔައީ ގިނަ ދަތުރުތަކެއް ކުރެވޭތީ އެކަމުގެ ހިތްހަމަ ޖެހުން ލިބިފައިވާ މީހަކީމު ހެއްޔެވެ؟ އެތައް އިންސާނުންނަކަށް ނޭނގޭ ގިނަ ތަންތަން ބެލުމުގެ ފުރުޞަތު ލިބިފައިވާތީ، އެކަމުގެ މައްޗަށް ފަޚުރުވެރިވެގަންނަ ދަތުރުވެރިޔަކީމުހެއްޔެވެ؟ އެހެންކަމަށްވާނަމަ، ޛުލްޤަރުނައިނީގެ ވާހަކައިން ނިކަން އަހަންނާ ސުވާލުކޮށްބަލާށެވެ! އެ ރަސްގެފާނުގެ ދަތުރުފުޅުތަކާއި، އޭގެ ރޭވުންތަކާއި، ކުރެއްވި ތަޖުރިބާތަކާއި، އިންސާނިއްޔަތަށް ހޯއްދަވައިދެއްވި މަންފާތަކުގެ ޙަޤީޤަތް އޮޅުން ފިލުވައިބަލާށެވެ! ތިޔަ ކަމުގައި ވެސް ތިބާ އަށްވުރެ ކުރި އަރާފައިވާ އިންސާނުން މި ދުނިޔެ ދެކެފައިވާކަން އެނގޭނެ އެވެ.

ތިޔައީ އެހެންމީހުންނަށް ނަސޭހަތްތެރިވާ ބުއްދިވެރި ޙިކްމަތްތެރިޔަކީމު ހެއްޔެވެ؟ ތިބާގެ ބުއްދިވެރިކަމާއި، ވިސްނުންތެރިކަން އެހެން އެތައް އިންސާނުންނަކާ ނުބައްދަލުކަމަށް ގަބޫލުކުރެވެނީހެއްޔެވެ؟ ލުޤުމާނު ޙަކީމުގެ ވާހަކަ އަޑު ނާހަމު ދޯ އެވެ!  އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަތްފުށްތައް ނިކަން އަހަރެން ގާތު އަހައިގެން ހޯދައިބަލާށެވެ. ބުއްދިޔާއި ޙިކްމަތްދެއްވި އަޅުންނަކީ ކިހާ މަތިވެރި ކިހާ ޤާބިލް ބައެއްކަން އެނގިގެންދާނެ އެވެ.
 
އާދަޔާ ޚިލާފަށް ތިބާގެ އަޑު ރީތީހެއްޔެވެ؟ އެކަމަށްޓަކައި ދެ ކޮނޑު އުފުލައިލެވޭހެއްޔެވެ؟ ދާވޫދު ޢަލައިހިއްސަލާމުގެ ވާހަކަ އަޑު އަހާލަން އަހަރެންގާތުގައި މަޑުކޮށްލަނިކޮށް ތިޔަ އޮޅުން ވެސް ފިލައިދާނެ އެވެ. ހަމަބިމަށް ފޭބިދާނެ އެވެ.

ލޯގަނޑުން މޫނާއި ހަށިގަނޑު ފެނިއްޖެއްޔާ ދުރަށް ދާން އުނދަގޫހެއްޔެވެ؟ ރީތިކަމުން އެތައް ފަހަރަކު ބެލެނީހެއްޔެވެ؟ އެތައް އިންސާނުންނެއް ތިޔަ މަސްތުގައި ޖެހެން ޖެހޭނެ ހެއްޔެވެ؟ ސާދަވިލޭރޭގެ ހަނދެއްފަދަ ޔޫސުފުގެފާނުގެ ވާހަކައިގެ ތަފުސީލަކީ ކޮބައިތޯ އަހަރެން ގާތުގައި އަހާށެވެ. ޒުލައިޚާއަށް ފަހުން ދެއްވި ރިވެތި ފުރިހަމަ ބުރުސޫރައިގެ ވާހަކައިން އަހަންނާ ސުވާލުކުރާށެވެ. ތިޔަ ރޮނގަކީ ވެސް މި ދުނިޔޭގައި ތިބާ އެކަނި ހިނގަން ދެއްވާފައިވާ ރޮނގެއް ނޫނެވެ.

ޢިލްމުވެރިކަމަކީ ތިބާގެ ނަސީބުހެއްޔެވެ؟ މާގިނަ ފޮތްތައް ކިޔުނީހެއްޔެވެ؟ މާގިނަ ދާއިރާގެ ޢިލްމުތަކަށް އަހުލުވެރިވީހެއްޔެވެ؟ ތިބާގެ މަޢުލޫމާތުގެ މުއްސަނދިކަމާއި ދޫފަރިތަކަމާހުރެ އަޖައިބުވާ މީހުންގެ ގިނަކަމުން ތިބާ ވެސް ވަނީ އަންތަރީސް ވެފައި ދޯ އެވެ؟ އެހެންކަމަށް ވާނަމަ، ޚިޟްރުޢަލައިހިއްސަލާމުގެ ވާހަކައިން ތަންކޮޅެއް ކިޔައިދީފާނަމެވެ. އޭރުން ކުޑައެއްހެން ވައިގެ ތެރެޔަށް ފޮޅުވައިލެވިފައި ތިޔަ ހަރަ ބޮޑާކަމުގެ ދެ ފިޔަ، ވަގުތުން މޯޅިވާނެކަން ކަށަވަރެވެ. އެހެންވެއްޖެ ނަމަ، އެ ލިބުނީ ބޮޑުބައްޔަކަށް މޮޅު ފަރުވާއެކެވެ. އަވަސް ޝިފާއެކެވެ.

މި ޒަމާނުގައި ދީންވެރީން މަދުކަމުން ކަންބޮޑުވަނީ ހެއްޔެވެ؟ ދީނަށް އުޅޭމީހުންގެ ލިސްޓެއް ނަގާއިރު ވެސް ތިބާ ފިޔަވައި ކުފޫހަމަވާ، ކަމުދާ ކަހަލަ މީހަކު ނެތްކަމަށް ވިސްނެނީހެއްޔެވެ؟  ސަލްމާނުލްފާރީސީ ފަރީއްކޮޅު ކައްކަވަން ގެންގުޅުއްވި ތެލީގެ ވާހަކަ ނުކިޔަމު ހެއްޔެވެ؟  ޢުމަރުގެފާނުގެ ފޮތިއެޅި ޖުއްބާކޮޅުގެ ވާހަކަ ވެސް ތިބާ ކިޔެވި ފޮތްތަކުގައި ނެތީހެއްޔެވެ؟  ޢުޘްމާނުގެފާނުގެ ދީލަތިފުޅުކަމާއި، ޙާޠިމުއްޠާއީގެ ދަރިކަލުންގެ ހިތްޕުޅު ހެޔޮކަމުގެ ޚަބަރު ވެސް ތިބާޔަށް ކިޔައިދޭން އެބަ ޖެހޭ ދޯ އެވެ؟ މޫނުމަތީގައި ޖެހިފައި ތިޔަހަރަ ކިބުރާއި ހަސަދައިގެ ވަގޮށްތައް މޮހިގެން ދިޔުމަށްޓަކަ އެވެ.

ލޯތްބާއި، ޖަވާޖީ ޙަޔާތުގައި ތިބާޔަށްވުރެ ތެދުވެރި އަނެކަކު ނެތް ކަމަށް ތިޔަ ކުރާ ދަޢުވާގެ އަސްލަކީ ކޮބައިހެއްޔެވެ؟ ކޮންމެ ކަމަކުން އެންމެ ކުރީގައި ހުރުމުގެ ޝައުޤު ތިޔަ ހުންނަނީ ކޮން ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް އުފެދޭ ޝުޢޫރަކުން ހެއްޔެވެ؟ ވަފާތެރި ލޯބިވެރިންނާއި، އިޚްލާޞްތެރި ޒަވާޖީ ގުޅުންތަކުގެ ނަމޫނާތައް ޢަދަދު ވެވޭވަރަށްވުރެ މާގިނަ އެވެ. މިއީ ހަމައެކަނި ތާޖުމަހަލުގެ ނަމޫނާއިން ނިންމާލެވޭނެ ކަމެއް ނޫނެވެ.

އޭ މަސްއޫލުވެރިޔާ އެވެ! އަހަންނާ މެދު ފަރުވާތެރިވާށެވެ. ބައެއް މީހުން ނާޖާއިޒު ގޮތުގައި އަހަރެންގެ ބޭނުން ހިފަން އުޅޭކަން އަހަރެން ދަންނަމެވެ. ބައެއް ފަހަރަށް އެމީހުންގެ ހަށިފާރަވެރިންގެ ގޮތުގަ އެވެ. ބައެއް ފަހަރަށް އެމީހުންގެ އައިބުތައް ވަންހަނާ ކުރާ ނިވާފަތްގަނޑެއްގެ ގޮތުގަ އެވެ.  އެ ފަދަ މީހުން ރާވާ ރޭވުންތައް އެ ފަދަ މީހުންނަށްވުރެ މޮޅަށް އަހަރެން ދަންނަމެވެ. އަދި އެ ހީލަތްތެރިކަމުގެ އަގު އަހަރެން އެމީހުނަށް އަދާކޮށްދެނީ އޭގެ އެންމެ މުނާސަބު ވަގުތުގަ އެވެ. އެންމެ އެކަށީގެންވާ ގޮތުގަ އެވެ. ބާރާ ނުފޫޒުގައި ތަޚުތުގައި އިން ފިރުޢައުނަށް އަޅުކަންކުރި މީހުން މި އަދު ކޮބައިހެއްޔެވެ؟ އެމީހުން އޭނާޔަށް ދިން ލޯތްބާއި ޢިއްޒަތް މި އަދު ކޮބައިހެއްޔެވެ؟ އެ ޝަރަފު ދިރުވާނެ ހަމަ އެކަކު ވިޔަސް މި އަދު މި ފަސްމަތީގައި، އެބަހުރި ހެއްޔެވެ؟ ފިރުޢައުނު ކޮބައިހެއްޔެވެ؟

ދެކިބަލާށެވެ! ޒާހިދުކަމާއި، ޢަދުވެރިކަމާއެކު، ޚިލާފަތުގެ މަސްއޫލިއްޔަތު އަދާކުރެއްވި ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ ޒިކުރާ ކިހާ މަތިވެރިހެއްޔެވެ؟ ފަހުގެ ޖީލުތަކުގެ ހިތްތަކުގައި އަހަރެން ގޮވާންކޮށް އަށަގެންނެވީ ޢުމަރުބުން ޢަބްދުލްޢަޒީޒުގެ މައްޗަށް އޮތް އިޚްލާޞްތެރި ދާއިމީ ލޯތްބެވެ. އިޙްތިރާމެވެ. ކަމޭހިތުމެވެ. ކުރުމުއްދަތަކަށް ގަދަބާރުން ފިރުޢައު އުފެއްދި ހައިބަވަންތަކެމެއް ނޫނެވެ.  އަހަރެން ޙަޤީޤަތުގެ މައްޗަށް ފަސްއަޅައި ފޮރުވަން އުޅޭމީހުންގެ އަތްތައް ބުރިއެއް ނުކުރަމެވެ. އެކަމަކު އަހަރެން އެމީހުންގެ މައްޗަށް ފަސްއަޅައި ފޮރުވައިލަމެވެ. އަހަރެން ލެއިން ޝަރުބަތު ތައްޔާރު ކުރާ މީހުންގެ ތަށިތައް ތަޅައެއް ނުލަމެވެ.  އެކަމަކު އެމީހުންގެ މަޝްރޫޢުތައް ފަޟީޙަތްކޮށް ބޭޒާރު ކުރަމެވެ. ބާޠިލުގެ މައްޗަށް ޙައްޤުގެ ދިދަ އުފުލަމެވެ. އަހަރެން ރޮށިފޮޅިއަކުން ހަދިޔާ ކުރާ ދީލަތީންނާއި، ކާށިކިބަޔަކާއި ހިކިމަސްކޮޅަކުން (1)ބަނޑުފުރާނަ މުއްތިކޮށް ޖިހާދުކުރާ މުޖާހިދުންގެ ހެޔޮ ޒިކުރާ ޢިއްޒަތާއެކު އާހުގައި ވިހުރަމެވެ. ހިޓުލަރުގެ ދޮން ހަމަށްވުރެ، މަންޑޭލާގެ ބުޅިއިސްތަށްޓެއް ވެސް އިންސާނިއްޔަތުގެ ޝޯކޭހުގައި މާ ވިދުންގަދަ އެވެ. މުގޯލީންގެ ދައްބާބާތަކަށްވުރެ، ގާންދީގެ ''އަސާގަނޑު'' ވެސް މާ ބާރުގަދަ އެވެ. ރެހެންދި ޚަދީޖާގެ ތުއްރަވާހަށްވުރެ ޙުސައިން އާދަމްގެ ސާބިތު ދެލޮލުގެ އުޖާލާކަން މާ ގަދަ އެވެ.  ކަކުލާ ހަމަޔަށް ފައިބާކަމަށްބުނި ޙައްޖާޖު ބުން ޔޫސުފުގެ ދިގު ދެ އަތް ކޮބައިހެއްޔެވެ؟ އޭނާ އަތުގައި އޮތް، އާދައިގެ މުސްލިމުންގެ ލެއިން ކަޅިވެފައިވާ ކަނޑި ކޮބައިހެއްޔެވެ؟ އެ އަށްޓަކައި އުފެދުނު ސިހުމާއި ސަމާލުކަން ކޮބައިހެއްޔެވެ؟ އެ ޝުހުރަތު ވަޅުޖެހީ އެވެ. ފަނާވެ ދިޔައީ އެވެ.  މިލުމެއް ނެތި ދެމިހުރީ، ޚާލިދު ބުނު ވަލީދު އެ ކުރެއްވި ޙައްޤު ޖިހާދުގެ ޝަރަފުގައި ބަނދެލެވުނު ލޯބީގެ މާބޮނޑިތަކެވެ.

އޭ އިންސާނާ އެވެ! ދުނިޔެއޭ މި ކިޔާ ކިބަޅިގަނޑު ދަށުގައި އަހަރެންގެ މިސާލަކީ، ވިސްނުންތެރި ބައްޕައެއްގެ މިސާލެވެ. ބައެއް ފަހަރަށް ކުދިން ތޮޅެ އެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އަޑުލަވައި ހާނީއްކަ ވެސް ކުރެ އެވެ. މަށޭ ރަނގަޅީ އޭނާއޭ ގޯހީ ބުނެ އަނެކާގެ ކުރިމަތީގައި މެޑެލި ޖަހަން އުޅެ އެވެ. އަނެކާގެ ލޯތްބާއި، ހަމްދަރުދީ ހޯދަން އުޅެ އެވެ. އަތުގައި ފައިސާފޮއްޗެއް އޮތިއްޔާ ލާރިދީފައި ގަންނަން ވެސް އުޅެ އެވެ. އަނިޔާ ލިބުނު މީހާއަކީ، އަނިޔާކުރި މީހާކަމަށް ދައްކައިދީ ކަންކަމުގެ އެކޮޅު މި ކޮޅު އޮޅުވައިލަ އެވެ. މި ފަދަ ކޮންމެ ދަނޑިވަޅެއްގައި އަހަރެން ހަޅޭލަވައެއްނުގަންނަމެވެ. އިންޒާރެއް ނުދެމެވެ. ބަލަހައްޓައިގެން ހުންނަމެވެ.  އެކަމަކު ވަގުތާ ޒަމާނާއެކު، އަހަރެން އެއިން ކޮންމެ މައްސަލައެއް ފައިސަލާކުރަމެވެ. ހެޔޮ ނުބައި ކަނޑައަޅަމެވެ.  ޙުކުމްކުރަމެވެ. އަހަރެންގެ އެއްވެސް ޙުކުމެއް އިސްތިޢުނާފަކަށް ނުދާނެ އެވެ. ޢަދުލާއި، އިންސާފުގެ ދެމެދުން،  ތާރީޚު ކަމަކަށް ނިޔާ ކަނޑައެޅުމުން، އިތުރަށް ކުރަން އޮންނާނީ ކޮން އިސްތިޢުނާފެއްހެއްޔެވެ؟

އެހަނޑައިގެ ލޯ ތޫނެވެ. އެކަމަކު ގެއާއި ގޯތިތެރޭގައި އޮޅުކޮށްގެން ގެންގުޅެނީ ކިރުދޫންޏާއި، ދުށިމި، ރަތަފަ އެވެ. ޙިމާރުގެ އަޑު ކިތަންމެހާ ވެސް ގަދަ އެވެ. ނަމަވެސް، އިންތިޒާރު ކުރެވޭނީ، އިޙްތިރާމު ދެވޭނީ، ގުރާތަކާއި މުނިޔާތަކުގެ ފޮނިފޮނި މިޔުޒިކީ  ގޮވުމަށެވެ. ދިރުމެއްވާނެ އިޙްސާސަކީ، ދެމިގެންވާނެ ޒިކުރާޔަކީ ހަމަ، އެއީ އެވެ.
---------------
(ނިމުނީ)

ޖުމުލައެއްގެ ދޭހަ؛

    (1) ދަންޑެހެލު: (ތާރީޚު ވިދުވީ ހަނދިހަސަން ރަސްގެފާނުގެ ''ކަނޑި'' އެއް ނޫނެވެ. ދަންޑެހެލުގެ ''ކުނބު' އެވެ. އެ ދަންޑެހެލަކީ ހަތަރުފުށް ކިލަމިދި ރަސްދަރިކަލެއް ނޫނެވެ. އެއްނަންބަރުގެ ފަގީރެކެވެ. ނިކަމެއްޗެކެވެ. މުޙަންމަދުތަކުފާނަށް އޭނާ ފެނިވަޑައިގަތްކަމަށްވަނީ ކާށި ކިބަޔަކާއި ހިކި މަސްގަނޑެއް ހިފައިގެން އެ ލޫދައިގެން ކާންހުއްޓަ އެވެ.


މި ލިޔުން؛
      ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް/އެޑިޓަރު)
      އަލުންބެލުން:    ''                     ''
      ޝާއިޢުކުރުން:   ''                     ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ