އަދުގެ ޚާއްސަ

Print

ދީނުގެ އަހަންމިއްޔަތު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


''މަތިންދާބޯޓާއި، ރޮކެޓްގެ ބޭނުން ކޮށްގެން ޖައްވުގައި އުދުހެވެން ފެށީމާ، އާޚިރަތަކީ ނެތް އެއްޗަކަށް ހަދަންވީތޯ އެވެ؟''


މަވްލާނާ ވަޙީދުއްދީން ޚާން

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ޒަމާނުގެ ތަހްޒީބުގެ ސަބަބުން ދީނަކީ ބޭނުމެއް ނެތް ބޯދާ އެއްޗަކަށް ވެގެން ހިނގައްޖެ ކަމުގައި ކިޔާތީ އިވެއެވެ.

ހުޅަނގުގެ ތަހްޒީބުން އިންސާނިއްޔަތަށް ދީފައިވާ އެއްޗަކީ ކޮބައިތޯއެވެ؟ އެއީ މި ޒަމާނުގެ ސަވާރީއެވެ. އައު ވައްތަރު ވައްތަރުގެ ގެއެވެ. މުވާޞަލާތުގެ އައު ޒަރީޢާތަކެވެ. އެކި ކަހަލަ އައު އަންނައުނެވެ. ކުރުކޮށް ދަންނަވާ ނަމަ ދުނިޔޭގައި ދިރިއުޅެން ބޭނުންވާ އެކި ކަހަލަ ވަސީލަތްތަކާއި، ތަކެއްޗެވެ. އެއީ މީގެ ކުރިން ބޭނުން ކުރި ވަސީލަތްތަކަށް ވުރެ ނުވަތަ ތަކެއްޗަށް ވުރެ ރަނގަޅު، ފަސޭހަ ވަސީލަތެވެ. ނުވަތަ ތަކެއްޗެވެ. ސުވާލަކީ، މި ވަސީލަތްތަކާއި، ސާމާނާއި، ﷲ އަށް އީމާންވުމުގެ ޢަޤީދާއާއި، ނުވަތަ ދީން ޤަބޫލު ކުރުމުގެ ޢަޤީދާ އާ ހުރީ ކޮން ގުޅުމެއްތޯއެވެ؟

މީހެއްގެ އަތުގައި ބޮޑު، ރީތި ގެއެއް ހުރެފައި، ދުއްވާނޭ މޮޅު ކާރެއް އޮވެއްޖެ ނަމަ އެ މީހަކަށްޓަކައި ﷲ ގެ ޢަޤީދާގެ ބޭނުން ކެނޑުނީތޯއެވެ؟ ނަރާއި، ޓެލެފޯނުގެ ޒަރީޢާއިން ވާހަކަ ދެއްކޭ ގޮތް ވީމާ، ވަޙީ އާއި، އިލްހާމްގެ ޢަޤީދާ ދޫކޮށްލަންވީތޯއެވެ؟ މަތިންދާބޯޓާއި، ރޮކެޓްގެ ބޭނުން ކޮށްގެން ޖައްވުގައި އުދުހެވެން ފެށީމާ، އާޚިރަތަކީ ނެތް އެއްޗަކަށް ހަދަންވީތޯއެވެ؟ މީރު ކާނާއާއި، ރީތި އަންނައުނާއި، މޮޅު ފަރުނީޗަރުގެ ބޭނުން ކުރެވެން ފެށީމާ ސުވަރުގެއާއި، ނަރަކައިގެ ބޭނުން ކެނޑުނީތޯއެވެ؟ މި ޒަމާނުގެ އަންހެނުންނަށް ހަލުވިކަމާއެކު ޓައިޕް ކުރަން އެނގުނީމާ اَلرِّجَالُ قَوَّامُوْنَ عَلَى النِّسَا މި އާޔަތް މަންސޫޚް ވީތޯއެވެ؟ އެސެމްބްލީތަކާއި، ރައްޔިތުންގެ މަޖިލިސްތަކުގައި ތިބެގެން ބަޔަކު ޤާނޫތަކެއް ހަދަން ފެށީމާ، އިސްލާމީ ޝަރީޢަތުގެ ޤާނޫނަކީ މާނައެއް ނެތް އެއްޗަކަށް ވީތޯއެވެ؟

މި ޒަމާނުގެ ފަސޭހަތަކާއި، ތަކެތީގެ ބޭނުންތެރިކަމާ މެދަކު ސުވާލެއް ނުއުފެދެއެވެ. އެހެން ނަމަވެސް އެކަން ޤަބޫލު ކޮށްގެން ތިބޭ އިރު، އެ ކަންތައްތަކާއި، ނުވަތަ ތަކެއްޗާއި، ދީނުގެ ތެދު ދޮގަކާ އެއްވެސް ގުޅުމެއް ނެތް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.

ދީނުގެ ގުޅުން އޮންނަނީ ހަމަ (Values) ތަކަކާއެވެ. ތަހުޒީބަކާ ނޫނެވެ. ތަހުޒީބު އަބަދުވެސް ދާނީ ބަދަލު ވަމުންނެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ހަމަތަކެއް ބަދަލެއް ނުވާނެއެވެ. މި ޒަމާނުގެ ބާރަށް ދުވާ ސަވާރީގެ ސަބަބުން އިހުޒަމާނުގެ ލަސް ދުވެލީގެ ސަވާރީތައް ބޯދާ އެއްޗިއްސަށް ވެއްޖެއެވެ. އެހެން ނަމަވެސް އާދަމުގެ ދަރިޔާ ސަވާރީ ހެދުމުގައި ހިފަހައްޓާ އަޚްލާޤީ އުސޫލުތައް ހުރީ ހަމަ ކުރިންވެސް ހުރި ގޮތަށެވެ. މި ޒަމާނުގެ މުވާޞަލާތީ ވަސީލަތްތަކުގެ ސަބަބުން، އިހު ޒަމާނުގެ މުވާޞަލާތީ ވަސީލަތްތަކުގެ ބޭނުން ކެނޑިގެން ހިނގައްޖެއެވެ. އެހެން ނަމަވެސް މުވާޞަލާތުގެ ބޭނުން ކޮށްގެން ދޮގު ހަދާނީތޯ ނުވަތަ ތެދު މަޢުލޫމާތު ފަތުރާނީތޯ ކުރެވޭ ސުވާލަކަށް އެއްވެސް ތަފާތެއް ނާދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ފައި މަގުގައި ކަމަށް ވިޔަސް ނުވަތަ އަގުބޮޑު ކާރުކޮޅެއްގައި ކަމުގައި ވިޔަސް، އެ ބޭފުޅުން ހައްދަވާ ޤާނޫނުތައް ހުންނަން ވާނީ މުޅި ކާއިނާތު ހައްދަވައި، ހިންގަވާ އިލާހުގެ ޤާނޫނުތަކުގެ މަތީގައި ކަމަށް ބުނާ ބުނުމަކަށް ބަދަލެއް ނާދެއެވެ. ޝަރުޢީ ކޯޓުތައް ހުންނަނީ ގަހެއްގެ ހިޔަލުގައި ކަމަށް ވިޔަސް، ނުވަތަ މާސިންގާ ޢިމާރާތެއްގައި ކަމަށް ވިޔަސް، ކޯޓަކުން އެއްވެސް މީހަކު އެ މީހެއްގެ ޙައްޤުން މަޙްރޫމް ކޮށްގެން ނުވާނެ ކަމާއި، ކުށްވެރިއަކު ބަރީއަވެގެން ނުވާނެ ކަމަށް ޤަބޫލު ކުރާ ކުރުމަކަށް ބަދަލެއް ނާދެއެވެ. "އިސްލާމްދީނާއި މި ޒަމާން" މިއީ "އިރާއި، މިޒަމާން" މި ފަދަ ޖުމްލައެކެވެ. އިސްލާމް ދީނަކީ ﷲ ގެ ތެދުމަގެވެ. ދާއިމަށް ދެމިގެންވާ ޙަޤީޤަތެކެވެ. މާއްދީ ތަރައްޤީއަށްޓަކައި އިންސާނާއަށް އިރުގެ ބޭނުން ޖެހޭ ފަދައިން، އޭނާގެ ރޫޙާނީ ތަރައްޤީއަށްޓަކައި ﷲ ގެ ތެދުމަގުގެ (އެބަހީ އިސްލާމްދީނުގެ) ބޭނުން ޖެހެއެވެ. އިސްލާމްދީން ޤަބޫލު ނުކުރާ މީހާއަކީ އަޚްލާޤީ ހަމަތަކުން ބަލާއިރު ތިމާގެ މާއްދީ ބޭނުންތައް ފުއްދަން އިރުގެ ބޭނުމެއް ނޯންނާނެއޭ ބުނާ މީހެއް ފަދަ މޮޔަ މީހެކެވެ.

ޙަޤީޤަތުގައި އިރާ ނުލައި އިންސާނާގެ ދުނިޔެ އޮންނަނީ އަނދިރި ވެފައެވެ. ހިދާޔަތާ ނުލައި އާޚިރަތް އޮންނާނީ އަނދިރި ވެފައެވެ.
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ