އަދުގެ ޚާއްސަ

Print

ދަތުރުނާމާއިން ގަނޑެއް: ބޭހަކަށް ކުރި ދަތުރު ވޭނަކަށް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސަމާސާ އަދަބު


"މުންޑު މެނޭޖަރ" ވަން ތާކަށް ވަދެ ގެއްލިއްޖެ އެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މީލާދީން ދެހާހުގެ އަހަރުތަކުގެ ތެރެއިން އަހަރެއް ނިމެމުން ދަނިކޮށް ބޭސްފަރުވާ އަކަށް އޮޅުދޫ ކަރައަށް އަޅުގަނޑު ދަތުރެއް ކުރީމެވެ. ހަމަ އެކަންޏެވެ. ބޭސްފަރުވާއަކަށޭ ދެންނެވިޔަސް އަޞްލު މި ދަތުރަކީ ދަކުތަރު އެދިވަޑައިގެންފައިވާނީ ހަމަ އެކަނި [ދައްކައިލުމަށް ޓަކައި] ކުރި ދަތުރެކެވެ. ގެންދިޔައީ ވަރަށް މަދު ފައިސާ ކޮޅެކެވެ. ދެދުވަހެއްގެ ތެރޭގައި އައުމަށް ޓަކައި ހަފުތާ ބަންދާ ދިމާކޮށް ދަތުރު ހަމަޖައްސައިފީމެވެ. ބުރާސްފަތި ސަލާމަށް ހަދައި، ބުދަ ދުވަހުގެ ރޭ ފުރައިގެން ގޮސް ބުރާސްފަތި ދުވަހު ދަކުތަރަށް ދެއްކުމަށް ފަހު، ހުކުރު ދުވަހު އަރާމުކޮށްލައިފައި ހޮނިހިރު ދުވަހު އަންނަ ގޮތަށް ޓިކެޓު ނަގައި ހުރިހާ ކަމެއް ނިންމައިފީމެވެ.

ރޭގަނޑު 8:00 ގެ ފެރީ އިން ހުޅުލެޔަށް ދިޔުމުން ދެކެފަރިތަ ވަރަށް ގިނަ މީހުންނާ ދިމާވި އެވެ. އޮޅުދޫކަރައާއި އުތުރުކަރައަށާއި ދުނިޔޭގެ އެކި ދިމަ ދިމާއަށް "އުދުހެން" ގޮސް ތިބި މީހުންނެވެ. ސަލާމް ކޮށްލުމަކުން، ސަލާން ގޮވައިލުމަކުން  ނުވަތަ ޙާލު އަހައިލުމަކުން އަދި ނުވަތަ މަޖާ ކޮންމެވެސް ވާހަކައެއް ޙިއްޞާ ކޮށްލުމަކުން އެކި ރައްޓެހިން މުޢާމަލާތުކޮށް ހެދި އެވެ.

ފުރާ ގަޑި ޖެހިއްޖެ އެވެ. ފުރަން އޮތީ 22:30 އެވެ. 22:00 ހައި އިރު ބޯޓަށް އަރައިފީމެވެ. ބޯޓަށް އެރުމާއެކު ހިތްހަމަ ނުޖެހުންތަކެއް އިޙުސާސްކުރެވެން ފެށި އެވެ. ދަތިކަމުންނެވެ. އަޑުގަދަކަމުންނެވެ. އަދިވެސް ނޭނގޭ ކިތަންމެ ސަބަބުތަކަކާ ހުރެ އެވެ. ބޯޓަށް އަރައި އިށީންނަން ވީ ގޮނޑި ހޯދަމުން ގޮސް ފެނުނު އިރު، އިށީންނަންވީ ގޮނޑީގެ އެއް ފަރާތުގައި އިނީ ސިންގަޅައެކެވެ. އަނެއް ފަރާތުގައި އިނީ ދިވެއްސެކެވެ. ހަމަ އެކަނި ދިވެއްސަކީ އެއް ނޫނެވެ. ކުރިން އެއަރޕޯޓުން ބައްދަލުވެގެން ވާހަކަވެސް ދެއްކެވި، އަދި ވަރަށް ގާތް އެކުވެރިއެކެވެ. މި ދިމާވީ ވަރަށް އެކަނި ފިލާނެ ގޮތެއް ތާއެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާވެސް ވަޑައިގަންނަވަނީ ގިނިކަންޏާއެވެ. އަޅުގަނޑުވެސް މި ދަނީ އެކަންޏެވެ. ނަމަވެސް ތަފާތަކީ އޭނާ ވަޑައިގަންނަވަނީ ޢާއިލާގެ އެންމެންނަށް އެނގިގެން ޢާއިލާގެ ގެޔެއްގައި ޢާއިލާގެ ބައެއް މެންބަރުންނާއެކު ހުންނެވުމަށެވެ. އަޅުގަނޑަކީ ހަމަ "ދާ" މީހެކެވެ. އާލެއް ވާލެއް އިޔާރެއް ނެތި ހަމަ އެކަނި ހުރި ފުރާނައެކެވެ. ކައިރީގައި އިށީނދެގެން ގަޑިއެއްހާއިރު ތިބެން ޖެހުނީމާ މި ހުރިހާ މަޢުލޫމާތެއް ޙިއްޞާކޮށް ނިންމައި ލެވިއްޖެ އެވެ. ދެފަރާތުގައި ތިބި 2 މީހުންފުރިހަމަކުރަންޖެހޭ ފޯމުތައް ފުރައިދިނުމުގެ "ޝަރަފު"ވެސް އަޅުގަނޑަށް ލިބުނެވެ.

ﷲ ގެ ރަޙުމަތްފުޅު ބޮޑެވެ. ދިވެހި ރަޙުމަތްތެރިޔާގެ ހިތްޕުޅުގައި އަޅުގަނޑާ މެދު އެހީތެރިވެދެއްވުމުގެ ޝުޢޫރު އުފެދިއްޖެ އެވެ. ވަރަށް ހެޔޮފުޅެވެ. ތިމަންނަ ގެޔަށް ވަޑައިގަންނަވާނީ ޢަޒީ ހޮޓަލަކަށް ހަމަޖެހުނީމާ ކަމަށްވިދާޅުވެ އަޅުގަނޑާ އެހީވުމަށް ނިންމަވައިފި އެވެ.

ބޯޓު ޖައްސައިފި އެވެ. ބޯޓުން ފައިބައިގެން "މަޢުމޫލު ހިލޭ" ފިހާރަތަކުގެ ތެރެއިން ރަހަ މީރު ޗޮކްލެޓަށް ބަލަމުން މީރުވަސް ދުވާ ސެންޓަށް ފަރިއަޅަމުން، އަގު ބޮޑެތި އެހެން ހުރިހާ ސާމާނަކަށް ލޯ އުކަމުން ގޮސް ފޮށިތަންމަތި ލިބިގަންނަ ކަމަރުމަތިން އަޅުގަނޑުގެ ކުޑަކުޑަފޮށި އަތުލައިގެންފީމެވެ. ޓެކްސީ އެއް ހޯދަން ގޮސް ހުއްޓުނުތަނާ އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވަޑައިގެން ޢަޒީ ހޮޓަލަށް ލައިފަޔޭ ދާނީ ވިދާޅުވެ އަޅުގަނޑާއެކު ކާރަށް އަރައިވަޑައިގެންފި އެވެ. ޓެކްސީ، ދަތުރަށް ފަށައިފި އެވެ. ދެހާސް އަށްސަތޭކަ ރުޕީސްގެ ކުއްޔަށް އެއްބަސްވެގެންނެވެ. ގަޑިއެއްހާ އިރުގެ ދުއްވުމަކަށް ފަހު އިންދްރާ ރެޖެންޓް ހޮޓެލް ދޮށަށް މަޑުކޮށްފި އެވެ. މީ އަޅުގަނޑު ޢާއްމުކޮށް ހުންނަ ތަނަށް ވާތީ ވަރަށް ފަސޭހައިން ކޮޓަރި ލިބޭނެތީ ކުރިން އެކަމާ ނޫޅެ އައީ އެވެ. ނަމަވެސް ...... މިފަހަރު މި ހޮޓާ ވަނީ ފުރިފަ އެވެ. ހުސް ކޮޓަރިއެއް ނެތެވެ. މެންދަމު 12:30 އަށްވުރެ ވެސް ބޮޑުވެއްޖެ އެވެ. ކާރު ޑްރައިވަރާ އެކު އަގު ހަމަޖެއްސީ މި ހޮޓަލާ ހަމަޔަށް އަންނަން ކަމަށް ވިޔަސް އަދި ވެސް ދަތުރު ނިމޭކަށް ނެތެވެ. އެހެން ތަނެއް ލިބޭތޯ ޑްރައިވަރުގެ އެހީއަށް އެދިއްޖައީމެވެ. ޑްރައިވަރު، މައްސަލައެއް ނޯންނާނެ ކަމަށް ބުނެ ކޮތަޅެއްގެ ތެރެއިން ނެގި ހާހެއްގައި އެޑްރެސްކާޑުތައް ހާވަން ފަށައިފި އެވެ. އޭގެ ތެރޭގައި އޮތް މިލަ ކުލައެއްގެ ކާޑެއް ނަގައި އޭގައިވާ ނަންބަރަކަށް ގުޅައިލައިގެން ވާހަކަތަކެއް ދައްކައިފި އެވެ.

ފޯނު ބާއްވައިފި އެވެ. ވަރަށް ޔަގީން ކަމާއި ހިތް ހަމަޖެހުމާ އެކު ހޮޓަލެއް އެބަ ހުރި ކަމަށް ބުނެފި އެވެ. ދުއްވައިލައިފި އެވެ. ކޮން ހިސާބެއް ކަމެއް ވެސް ނޭނގޭ އަނދިރި މަގުތަކުން ދުއްވަމުން ގޮސް ގޯޅި ގަނޑެއްގައި ހުރި ކިއްލާ އެއް ކަހަލަ ތަނަކަށް ކާރު މަޑުކޮށްލައިފި އެވެ. ރިމޯޓް ކޮންޓްރޯލް ދޮރެއް ހުޅުވުމާއެކު ކާރު އެތެރެއަށް ވައްދައިފި އެވެ. ދޮރުލައްފައިފި އެވެ. އަޅުގަނޑުމެން ބަންދުވެއްޖެ އެވެ.

މީ ހޮޓަލެކޯލައެވެ. ކުޑަކުޑަ ސިޓިންގ ރޫމެކެވެ. ލަކުޑި މޭޒަކާއި ހައެއްކަ ގޮނޑި ހުއްޓެވެ. ކޮނޑުކެނޑިއެއް ލައިގެން މުނޑުން އަރުވައިޖަހައިލައިގެން ހުރި ހަށިގަނޑު ބިޔަ މެނޭޖަރ ނުކުމެއްޖެ އެވެ. އެ ތާގެ މޮޅު ވާހަކައިން ބޮޑު ތަޤްރީރެއް ދީފި އެވެ. ހުސް ޔޫރަޕް މީހުން ތިބޭ ހޮޓަލެއް ކަމަށާއި އަގަކީ 36 ޑޮލަރު ކަމަށް ބުންޏެވެ. ތަނުގެ މުޑުދާރުކަމާއި ތަންހުރި ހިސާބުގެ ނާމާންކަމުން ހަމަ އެއް ގޮތަކަށްވެސް މިތާނގައި ހުންނަ ހިތެއް ނުވި އެވެ. އެކަމަކު ނުކުމެވޭނެ ގޮތެއް ނެތެވެ. ބޭރު ގޭޓް ތަޅުލައިފި އެވެ. އެހެން ތާކަށް ދާން ބޭނުން ވާހަކަ ބުނީމާ އެހެން ތަނެއް ނުލިބޭނެ ކަމަށާއި މީ ހަމަ އެންމެ ރަނގަޅު އެންމެ އަގު ހެޔޮ ތަންކަމަށް ބުނެ ވާހަކައިގެ ކުރި މަރައިލަ އެވެ. ދެން އެހެން ގޮތެއް ނެތް ކަމަށް ބަލައި ﷲ އަށް ޝުކުރު ކުރުމަށް ފަހު އެ ތާނގައި ހުނަން ނިންމައިފީމެވެ. އެހާތަނުން ޓެކްސީ ޑްރައިވަރު އަގާ ޝަކުވާ ކުރަން ފަށައިފި އެވެ. 2800 ރުޕީސް ގެ އިތުރުން 3500 ރުޕީސް ދޭން ޖެހޭނެ ކަމަށް ބުނެ ޝަކުވާ ކުރަން ފެށުމުން ޖުމުލަ 6300 ރުޕީސް ދީފީމެވެ. ފައިސާކޮޅު ލިބުމާ އެކު ޑްރައިވަރު ހިނގައްޖެ އެވެ.

ދެން އަޅުގަނޑުމެންނަކަށް ދެވޭ ގޮތެއް ނެތެވެ. ޓެކްސީއެއް ލިބޭނެ ކަމުގެ ކުޑަވެސް އުންމީދެއް ނެތެވެ. ނަމަވެސް މި ތާނގައި އަޅުގަނޑު ހުއްޓަސް އަޅުގަނޑުގެ ރަޙުމަތްތެރިޔާ އަށް އެތާކު ނުހުންނެވޭނެތާ އެވެ. ޚަރަދު ނުކުރައްވައި އަމިއްލަފުޅު ޢާއިލާ އާ އެކު ހުންނެވެން އޭނާ އަށް އެބަ އޮތެވެ. އަނެއްކޮޅުން، ލަސްވެގެން އިރުއިރުކޮޅާ އޭނާއަށް ގެއިން އެބަ ގުޅައިވެސްމެ އެވެ.

ގޮތް ހުސްވެއްޖެ އެވެ. "މުންޑު މެނޭޖަރ" ވަން ތާކަށް ވަދެ ގެއްލިއްޖެ އެވެ. ރަނގަޅު 2 ޝިކާރަ އަތުގައި ޖެހުނީމާ ހިތް ހަމަޖެހިގެން ހުރި ކަހަލަ ގޮތަކަށް ވަރަށް އުފަލުން ހުރެ އެވެ. ނަމަވެސް އަޅުގަނޑުމެން ކައިރީގައި ފާޑެއްގެ މީހަކު ހުއްޓެވެ. އޭނަ ގާތުގައި ކޮޓަރި ދައްކާށޭ ބުނީމާ ބުނީ އަދި ކޮޓަރިއެއް ހުސްވާނީ 2 ގަޑި އިރު ފަހުން ކަމަށެވެ. އެހާއިރަށް ދެން މަޑުކޮށްލަންވީ އެވެ. ސައިވެސް ދީފާނަމެވެ.

އަރައިގަތް ރުޅިއެއް ނުވެސް އެނގެ އެވެ. އެހެންޏާ މިހާރު ފަތިހު 3:00 ވަނީ އެވެ. އަދި މި އުޅެނީ ބުރަކަށި ދަމައިނުލެވިގެންނެވެ. މި ތަނުން ނެރެދޭށޭ ބުނެ ޝަކުވާ ކުރަން ފަށައިފީމެވެ. ބޮސް ގާތަށް ގޮސްފައި އެބަ އަންނަމޭ ބުނެފައި ތަޅުލައިފައި ހުރި ބޭރު ދޮރޯށި ހުޅުވައިފައި ދޮރުފަތް ހުޅުވައިލައިފި އެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވަރަށް ހުޝިޔާރެވެ. ދޮރޯށި ތަޅުލާނެ ފުރުޞަތު ނުދީ ހިފެހެއްޓުމަށް ފަހު ލަގެޖް ހިފައިގެން ބޭރަށް ނުކުތުމަށް އަޅުގަނޑަށް އިރުޝާދުދެއްވައިފި އެވެ. ވަރަށް ހުޝިޔާރުކަމާ އެކު އަޅުގަނޑު ވެސް ފޮށީތަންމަތި ހިފައިގެން ދޮރޯށިން ބޭރަށް ދެމިގެންފީމެވެ. ފާރަޔަށް ބަހައްޓައިފައި ހުރި ފާރަވެރިޔާ ބޮސް އަންނަ ދެން މަޑުކުރަން ބުނެ، ކޮޅު ކޮޅު މައްޗަށް ދުވަން ފަށައިފި އެވެ. ނަމަވެސް ކޮނޑުގައި ދަބަސް އަޅުވައިގެން ދެ މީހުން ދެ ފޮށި ދަމަމުން އެ ކަލޭގެ ލޯމަތީން އޮބަންދެން ދުވަމުން ގޮސް އެހެން ގޯޅިއަކަށް ވަދެއްޖައީމެވެ.

ނުރައްކަލާއި މާޔޫންކަން ވަކި ކުޑައެއް ނުވެ އެވެ. ތިބެވުނީ ކޮން ހިސާބެއްގައި ކަމެއްވެސް ނޭނގެ އެވެ. މަގުމަތީން މީހަކާ ދިމައެއް ނުވެ އެވެ. ދުއްވައިފައިދާ ކާރެއްގެ ހިލަމެއް ވެސް ވަނީ މަދު ފަހަރަކު އެވެ.  ހިނގައިފައި ކުރިޔަށް ދިޔައީ އެވެ. ބޮޑު މަގަކަށް ނިކުމެވިއްޖެ އެވެ. ﷲ ގެ ރަޙުމަތާއެކު މާ ގިނައިރަކު އަތް ހިއްލަހިއްލައި ތިބޭކަށް ނުޖެހުނެވެ. ޓުކްޓުކް (ކުރޮޅި)އެއް މަޑުކޮށްލައިފި އެވެ. ނަމަވެސް އޭގައި ދަތުރުވެރިޔަކު އިނެވެ. މީނާ ގެޔަށް ބާލައިފައި 15 މިނިޓް ތެރޭގައި އެބަ އަންނަމޭ ބުނެފައި އައިކޮޅަށް ހިނގައްޖެ އެވެ. 15 ވަރަކަށް މިނިޓް ފަހުން އަތުވެއްޖެ އެވެ. މި އޮއް ފަތިހު މީހުނާ މިހާ ދުރު ހިސާބަކުން މިފަދަ ގޮތަކަށް ވެސް  ސަލާމަތް ކުރެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ.

ޔަޤީނުންވެސް ކޮޓަރި ހުންނަހާ ބޮޑު ތާކަށް ދާށޭ ބުނުމުން ޑްރައިވަރުގެ މަސައްކަތް ފަށައިފި އެވެ. މިއި މަޖާ ޑްރައިވަރެކެވެ. ފަތުރުވެރިންނަށް މަގުދައްކާ އާރުކާޓީއަކަށް ރަނގަޅު ބޭބެ އެކެވެ. ލޯމަތިން ފެންނަ ހުރިހާ ތަނެއްގެ ތަޢާރަފު  ދެމުން ފެންނަހައި ހޮޓަލެއްގެ ކައިރިއަށް މަޑުކޮށް ޖާގަހުރިތޯ އަހަމުން އެބަހަރަގެން ދެ އެވެ. އެންމެ ފަހުން އޮޅުދޫކަރައިގެ އެންމެ ބިޔަ މަޝްހޫރު އެއް ހޮޓާ ކަމުގައިވާ "ސިނަމަން ގްރޭންޑް" ކައިރި އަށް މަޑު ކޮށްފި އެވެ. ކައިރި އަށޭ ދެންނެވިޔަސް މިހާ ފެންވަރު ދަށް އުޅަނދުފަހަރަށް މި ހޮޓަލާ ކައިރިވެވެނީ ވެސް ވަކި ހިސާބެއްގެ ދުރަށެވެ. މި ފަހަރު މި އަނގަތަޅާ ޑްރައިވަރާ އެކު ހޮޓަލުތެރެއަށް އަޅުގަނޑު ވެސް ވަނީމެވެ. ޓުކްޓުކް ގައި ދިވެހި ރަޙުމަތްތެރިޔާ ބައިންދައިފަ އެވެ.

ފަތިހު 4:00 ވަނީ އެވެ. ނިދި ވެސް އަންނަނީ އެވެ. ވަރުބަލިވެގެން ހަލާކުވަނީ އެވެ. މި އުޅެނީ އަދި ހުންނާނެ ތަނެއް ހަމަ ނުޖެހި އެވެ. ސިނަމަން ގްރޭންޑުން ޖާގަ ލިބިއްޖެ އެވެ. މި ހޮޓަލުގައި ޖާގަ ދެނީ މެންދުރު 12 އިން މެންދުރު 12 އަށް ކަމަށް ވާތީ އަގުނަގާނީ މެންދުރު 12 އާ ހަމަޔަށް އެއް ދުވަހުގެ ގޮތުގަ އެވެ. ދުވާލެއްގެ ކުއްޔަކީ 140 ޑޮލަރެވެ. 8 ގަޑި އިރަށް މި ޖެހެނީ ދިވެހި ރުފިޔާގެ ދެ ހާހެއްހާ ރުފިޔާ ޚަރަދު ކުރާށެވެ. ކުރާނެ ކަމެއް ނެތެވެ. މާތް ﷲ އާ ވަކީލު ކޮށްފައި އަޅުގަނޑުގެ ލަގެޖް ބާލައި އިދާރީ ކަންކަން ހަމަޖެއްސުމަށް ފަހު ކޮޓަރިއާ ޙަވާލުވެ، ސާމާނު ކޮޓަރިއަށް ލުމަށް ފަހު  ރަޙުމަތްތެރިޔާ ގެޔަށް ލާން ހިނގައްޖައީމެވެ. އަޒީ ނުދިޔަޔަސް އެންމެ ރަނގަޅޭ ވިދާޅުވި އެވެ. ނަމަވެސް އަޅުގަނޑާ ހުރެ މުޅި ރޭގަނޑު ވޭތުކޮށްލެއްވި ރަޙުމަތްތެރިޔާ އަށް އިޙުސާންތެރިވުމަކީ އަޅުގަނޑަށް ފުރުޞަތު ލިބުނީމާ ރަޙުމަތްތެރިޔާ އިހުމާލުކޮށްލުން ނޫންކަން ޤަބޫލުކުރާތީ، އޭނާ ގެޔަށް ލާން ހިނގައްޖައީމެވެ. ސްރީ މަހާ ގޯދީ ރޯޑް ކިޔާ ގޯޅި ގަނޑެއްގައި ހުންނަ ގެޔެއްކަމަށް ވާތީ މި ގެޔެއް ހޯދަން އަނެއްކާ ގަޑިއެއްހާ އިރު ދުއްވަން ޖެހުނެވެ. މި ގެޔެއް ވެސް ފެނުނީ އެ ހިސާބުގައި އެތައް ފަހަރަކު ކުރުކާލި ކަނޑައިގެންނެވެ. އެންމެ ފަހުން މި ގެ ފެނިގެން ރަޙުމަތްތެރިޔާ ގެޔަށް ވެދެވަޑައިގެންފި އެވެ.

މި ހުރިހާ ކަމެއް ނިމުމަށް ފަހު އަޅުގަނޑަށް ހޮޓަލަށް ދެވުނީ 5:30 ގަ އެވެ. ފެންވަރައިގެން ނިދަން ކަމަށް އުޅެލުމަށް ފަހު ސައިބޮއިގެން ހޮޓަލަށް ދައްކަންޖެހޭ ފައިސާ ދައްކަން ދިޔައިމާ އިތުރު އެތައް ބަހަނާ ތަކެއް ދެއްކުމަށް ފަހު 157 ޑޮލަރު އަތުލައިފި އެވެ. އަދި މި ދުއްވާ ދުއްވުން ތަކަށް ޚަރަދުކުރަންޖެހޭ ވަރު މި އުޅެނީ ދަންނަވަން ވެސް ނޭނގިގެންނެވެ.

މި ކަންކަމަށް ފަހު ބަލައިލި އިރު،  އަޅުގަނޑު މާލެއިން ގެނައި 500 ޑޮލަރގެ ތެރެއިން އަޅުގަނޑުގެ އަތުގައި އޮތީ މުޅި އެކު 183 ޑޮލަރެވެ. ޑޮކްޓަރަށް ދެއްކުމަށާއި ހޮނިހިރު ދުވަހާ ޖެހެންދެން ކައިބޮއި ނިދައި ހަދައި ބާޒާރުކޮށްލަން ހުރި ފައިސާ އަކީ މިއީ އެވެ. ކޮންމެ އަކަސް ޙާލުގައި  ޖެހިދާނެ ކަމަށް ވިސްނަން ޖެހޭ ހިސާބަށް ކަންތައް ދިޔައީ އެވެ. މާލެ ގޮސް ކްރެޑިޓް ކާޑެއް ހައްދާނަމޭ ވެސް ހިތަށް އެރި އެވެ.

12 ޖެހުމުގެ ކުރިން ޗެކްއައު ވެއްޖައީމެވެ. އެހެން ނޫނީ އަނެއްކާ އިތުރު 157 ޑޮލަރު އެ ތަނަށް ދޭންޖެހިދާނެތީ އެވެ. ކުރޮޅިއަށް އަރައިގެން އަނެއްކާ ވެސް އިންދިރާ ރެޖެންޓް ހޮޓަލަށް ދިޔައިރު ކޮޓަރިއެއް ހުސްވަނީ އެވެ. ނަމަވެސް މިއީ އަގު ބޮޑު ކޮޓަރި އެކެވެ. ސޫޓެކެވެ. ދިވެހިންނަށް ދޭ ޚާއްޞަ ޑިސްކައުންޓާ އެކު 6500 ރުޕީސް އަށް ކަމަށް ކޮޓަރި ހިފައިފީމެވެ. އަދި އަޒީ ފުރަން ހަމަޖެހިފައި އޮތް ގަޑިޔާ ހަމަޔަށް ދައްކަންޖެހޭ ކުއްޔާއި އެއަރޕޯޓަށް ކުރާ ދަތުރަށް ވެސް ހޮޓަލުގެ މެނެޖްމަންޓާ ގުޅިގެން ފައިސާ ދައްކައި ޚަލާޞްކޮށްފީމެވެ. އަދި ޑޮކްޓަރ އަށް ގޮސް ނިންމައިލި އިރު 500 ޑޮލަރ ހިފައިގެން އައި އަޅުގަނޑުގެ އަތުގައި އޮތީ އެންމެ 50 ޑޮލަރެވެ.  ދެން އެއްވެސް ތާކަށް ނުދެވޭނެތާއޭ ހިތަށް އަރައި އެ 50 ޑޮލަރ މާރުކޮށްލީއިގެން ބަނޑު ފުރާނަ މުއްތި ވާވަރަށް ކައިލަކައިލައި ހޮނި ހިރު ދުވަހު 6 ޖަހާއިރަށް މަޑުކުރީ އެވެ. ކަނޑައެޅިފައިވާ ތާވަލާ އެއް ގޮތަށް ހޮޓަލުގެ ފަރާތުން ވައިގެ ބަނދަރަށް ގެންގޮސްދިނީތީވެ، އަދި ޓިކެޓް އޮތީތީވެ، ﷲ ގެ ރަޙުމަތާއެކު މިހިރީ އެނބުރި މާލެ އާދެވިފައެވެ. މާލެ އާދެވުނީ ވެސް ހަމަ އާދެވުނީ އެވެ. ލާންކާއިން މާލެއަށް ކުރާ ދަތުރުގެ ދިގުމިނަކީ 1 ގަޑި 10 މިނިޓް ކަމަށް ބޯޓުގެ ކައްޕިތާނު އިޢުލާނު ކުރި އެވެ. ނަމަވެސް ފުރިތާ 1 ގަޑި އިރު ވީތަނާ ކައްޕިތާނު އިޢުލާންކުރެއްވީ އެއަރޕޯޓްގެ ކާރޫބާރޫ ބޮޑުކަމުން އެއަރޕޯޓް އަށް ޖައްސަން ހުއްދަ ނުލިބުނު ކަމަށާއި އަދި ގަޑިއެއްހާއިރު ވެދާނެ ކަމަށެވެ. އޭރު ރާއްޖޭގެ ރީތި ރަށްތައް ފެނެ އެވެ. ނަމަވެސް ހުއްދަ ލިބެންދެން މަތީގައި މަޑުކުރުމަށް ފަހު ލަންކާއިން ފުރިތާ 110 މިނިޓު ވީތަނާ މާލޭ އެއަރޕޯޓަށް ބޯޓު ތިރިކޮށްފި އެވެ.

ކޮންމެ އަކަސް ޞިއްޙީ ފަރުވާ އަކަށް ނުވަތަ ބޭސް ފަރުވާ އަކަށް ކުރި ދަތުރު މިވީ ވަރަށް ހިތްދަތި ވޭނީ ދަތުރަކަށެވެ. އާދެ! "ބޭހަކަށް ކުރި ދަތުރު ވޭނަކަށް" ވެގެން ނިމުނީ އެވެ. އެހެން ނަމަވެސް މި ދަތުރުން ވަރަށް ގިނަ ކަންކަން ދަސްވެ، ބޭނުންތެރި ވަރަށް ގިނަ ތަޖްރިބާ ތަކެއް ލިބުނެވެ. ހަމަ ގައިމު ވެސް މިއީ ކުރިމަގަށް ކަންކަން ރޭވުމުގައި އަޅުގަނޑަށް ފައިދާކުރާނެ ގިނަގުނަ ތަޖުރިބާތަކެއް ލިބުނު ތާރީޚީ ދަތުރެކެވެ. އެއްކަލަ ރަޙުމަތަތެރިޔާ އަކާ ދެން ފަހަކުން ދިމައެއް ނުވި އެވެ. ލަންކާގައި މަޑުކުރެއްވީ ވެސް ތޯއްޗެކެވެ.

------------------
(ނިމުނީ)

މި ލިޔުން؛

   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)

   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

   ޝާއިޢުކުރުން:  ''          ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ