Print

ދަތުރުވެރިން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ވާހަކަ


''އަޅުގަނޑަށް އާދަމުގެފާނު ސުވަރުގެ އިން ބިމަށް ފޮނުވާލެއްވުނު މަންޒަރު ފެނުނެވެ.''


މުޙައްމަދު ޢަބްދުއްޝާފިލްޤޫޞީ
ތަރްޖަމާ: އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ

 
ވަރަށް ދިގު ދުވަހެކެވެ. ހައިރާންވެ އަންތަރީސްވަނިވި ކުއްލިކަންތައްތަކުން ފުރިފައިވާ ދަތުރެކެވެ. އަޖައިބުވަނިވިކަމަކީ "ރަސްގެފާނު" ގެ އަރުމާޒުގައި ތަފާތު  ބާރުތައް ހިމެނޭތީ އެވެ. އެމަނިކުފާނުގެ ކަނާތްޕުޅުފަރާތުގައި ތިބީ ވަލުޖަނަވާރުތަކެވެ. ވާތްޕުޅުފަރާތުގައި ޖިންނީންނެވެ. ފަހަތްޕުޅުގައި  ޝައިޠާނުންނެވެ. މަތިން ހިޔާއަޅަމުންދާ ދޫނިސޫފާސޫފިތަކެވެ. އެދިވަޑައިގަންނަވާ ކޮންމެ ތަނަކަށް، އެދިވަޑައިގަންނަވާ ކޮންމެ ވަގުތަކު، އެދިވަޑައިގަންނަވާ ގޮތަކަށް، އެމަނިކުފާނު ގެންގޮސްދޭ ވައިރޯޅި އެވެ.
    
ހަތަރުއަނގޮޅިމަތިން، ވިސްނުންތެރި، ބަސްމޮށުންތެރި ހިންޏެއް ފެނުނެވެ. ރަސްގެފާނަށް  ހުއްޓިވަޑައިގަންނަވަން މަޖްބޫރުވެވަޑައިގަތެވެ. ވަރަށް ދިގު އޮލަ ވާހަކަތަކެއް ބަދަލުވެގެން ދިޔަ އެވެ. ކިތަންމެ ޖެހިލުން ކުޑަނަމަވެސް އެއީ އާދައިގެ ހިންޏެކެވެ. އެކެޑެމިކްމާނާގައި އެއީ ތަޢުލީމުޔާފުތާ އެއްޗެއްނޫނެވެ. ޒަމާނީ ފަލްސަފާތަކާއި ނަޒަރިއްޔާތުތަކެއް އޭއްޗަކަށް ނޭނގެ އެވެ. ފޮތާއި ލިޔުންތެރިކަމުގެ ދުނިޔެއެއް  ނުދަނެ އެވެ. ފޮތްތައް ޝާޢިއުކުރާތަނެއް ދެކެފައެއްނުވެ އެވެ.
    
މި ކުއްލި ބައްދަލުވުމާ ބެހޭގޮތުން ތަފާތުޚަބަރުތައް ފެތުރިގެންދިޔަ އެވެ. އަރުމާޒުގައި ހިމެނޭ "ލިބަރަލްމީހުން" މި ކަމާ ވަރަށް ހާސްވި އެވެ. އެމީހުންގެ ފަރާތުން،  އޭތި "މަޖިލީހުގައި"،  "މަދަނީ ދައުލަތާ" ބެހޭގޮތުންނާއި،  "ދީނީ ދައުލަތު" ގެ ނުރައްކާތެރިކަމާ ބެހޭގޮތުންނާއި، "ޙިޖާބާއި ނިޤާބު" ގެ މަސްއަލައާއި "ޓެރަރިޒަމާ" ބެހޭގޮތުން ވާހަކަދެއްކިކަމަށް ހީކުރޫ އެވެ.
  
އެ ވާހަކަތަކުން ބައެއް ނަމަވެސް އަޑުއިވޭތޯ ބަލަންވެގެން، ސިއްރުސިއްރުން ބޮނދައިގެން ސަފުގެ ފަހަތަށް ދިޔަ އެވެ. ނަމަވެސް  ފެނުނު މަންޒަރުން މޫނު ކުނިވެ ދެފައި ކޮޅަށް ޖެހުނެވެ. ފެނުނީ އަޑުންއަޑު ނަގައި ހިނި ރޮމުންދިޔަތަނެވެ. އަލުން ދިރުއްވުމާއި، ޞިރާޠާއި، މީޒާނާއި މަޙްޝަރުގެ ބިރުވެރިކަމާއި، ހިސާބުބެއްލެވުމާ ބެހޭގޮތުން ސުވާލުކުރަމުން ދިޔަ އިރު އެވެ.
    
މި ދަތުރުގެ ބައިވެރިންގެ ތެރޭގައި ހުދްހުދު ވި އެވެ. އެކަމަކު އޭތިވަނީ ހުންއައިސްފަ އެވެ. އޭތި ދެންނެވި އެވެ. މި އަޅާގެ ވެރި ރަސްކަލާނކޯ އެވެ! މި އަޅާ އަށް ދުޅަހެޔޮކަންދެއްވާނދޭވެ! އެކަމަކު އެ ސޮރު ބުންޏެވެ. އަހަރެންމީ ކާކުހެއްޔެވެ؟ އެ ކަލާނގެ ސިންގާސަނާ ގައި މަށަށް އެއްވެސް އިޚްތިޔާރެއް ނެތެވެ. ކަންތައްތައް ތަދްބީރުކުރެއްވުމުގައި އެ ކަލާނގެ މާ މަތިވެރި އެވެ. ތިބާއަށް އޮތީ ތިމަންރަސްކަލާނގެ އިޚްތިޔާރު ކުރައްވާ ގޮތެވެ. ތިބާގެ އިޚްތިޔާރާ އެއްގޮތަށް ތިބާ ފާޅުނުވާށެވެ!
    
ރަސްގެފާނަށް މި ވާހަކަތައް އެނގިވަޑައިގަތުމުން ހުދްހުދަށް ބައްލަވައިލެއްވި އެވެ. އަދި ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވި އެވެ. މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ކަލެއާމެދު ތިމަންރަސްގެފާނު އެއްވެސް ޝައްކެއް ނުކުރަމެވެ. އަދި ކަލޭގެ ޙާލަތާ މެދު ނުރުހުންވެ ވަޑައެއް ނުގަންނަވަމެވެ.
    
އެ ހިނދު ހުދްހުދު ވަރަށް ލަދުގަތެވެ. އަދި މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް  ލޯތަކާ ނިވައިވެއްޖެ އެވެ. ނަމަވެސް އިރުއޮއްސުމުގެ ކުރިން އަނބުރާ އަތުވެއްޖެ އެވެ. އޭތި ވަނީ ވަރަށް ވަރުބަލިވެފަ އެވެ. ހަކަތަ ހުސްވެ ހުވާސް ނެތިފަ އެވެ. އެ ހިނދު ރަސްގެފާނު ސުވާލުކުރެއްވި އެވެ. ކަލޭ ދަރުބާރަށް އައުން ލަސްވީ ކީއްވެހެއްޔެވެ.   
    
އެ ސޮރު ރޮއިގެންފައި ދެންނެވި އެވެ. އަޅުގަނޑަށް ފަގީރު ޤައުމެއް ފެނުނެވެ. ގަސްގަހުގެ ފަތްނޫންއެއްޗެއް އެމީހުންނަށް ކެއުމަށްޓަކައި ލިބިފައެއް ނުވެ އެވެ. ބައެއްފަހަރަށް އެ ވެސް ނުލިބެ އެވެ. މިހެންވެ އެމީހުން ރޯދަ ކުރިއަށް ގެންދެ އެވެ.
    
ރަސްގެފާނު ވިދާޅުވި އެވެ. އެމީހުންގެ ގާތަށް ގޮސް ބުނާށެވެ. އޭ ފަގީރުންނޭވެ! ތިޔަބައިމީހުންނަކީ ﷲ ދަންނަބަޔަކީމު އެވެ. ﷲ އަށްޓަކައި ދީލަތިބަޔަކީމު އެވެ. އެ ކަލާނގެ ޙަޟްރަތަށް ދެވޭދުވަހު ތިޔަބައިމީހުންނަށް ލިބިގެންވާނެ ދަރަޖައާ މެދު އުފާކުރާށެވެ.
    
ހުދްހުދު އަނބުރާ އެ ހިސާބަށް ދިޔައިރު އެމީހުން ވަނީ މަރުވެފަ އެވެ. އެކަމަކު އެތަނުން ހުދްހުދަށް ކުޑަކުޑަ ފިލާކޮޅެއް ފެނުނެވެ. އޭގައި ލިޔެފައިވެ އެވެ. އަހުރެމެންގެ ކަންތައް ބޭޒާރުވުމަށް ފަހު ދިރިދުނިޔޭގައި ތިބުމުގެ ބޭނުމެއް ނެތެވެ.
    
ކަންބޮޑުވެ މަޑުމޮޅިވެފައިވާ ޙާލުގައި ހުދްހުދު ރަސްގެފާނު އަރިހަށް އަނބުރާ ދިޔަ އެވެ. އެމީހުންނަށް ވީ ގޮތުގެ ޚަބަރު އެރުވުމުގެ ކުރިން ރަސްގެފާނު ވިދާޅުވި އެވެ. މިހާރަކަށް އައިސް ކަލޭގެ ކިބައިން އޮޅުން ނުފިލާ ކަންތައްތަކެއް އެބަފެނެ އެވެ. އެއީ ކީއްވެގެން ހިނގާ ކަމެއްކަމެއް ނޭނގެ އެވެ. ފަހަކަށް އައިސް ކަލޭ އުޅެނީ ވަރަށް އެކަހެރިކޮންނެވެ. ވަރަށްގިނަ އިރު ވިސްނަން އިންނަ ތަން ފެނެ އެވެ. ވަރަށް ބޮޑަށް ތުރުތުރުއަޅާ ތަން ވެސް ފެނެ އެވެ. އެއަށް ފަހު ވަރަށްބޮޑަށް ރޯތަން ވެސް އާދެ އެވެ.

     ހުދްހުދު ދެންނެވި އެވެ. ސާހިބާ އެވެ! އެހެން ސުވާލެއް ކުރައްވާށެވެ! އޭރުން ޖަވާބު އަރުވާނަމެވެ.

     ރަސްގެފާނު ވިދާޅުވި އެވެ. އަހަރެންގެ މި ސުވާލަށް ޖަވާބު ދޭންވާނެ އެވެ.

     ހުދްހުދު ދެންނެވި އެވެ. އާހު! ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ!. އަޅުގަނޑަށް ފެނިފައިވާ ކަންތައްތަކުން ބައެއްކަންތައްތައް މަނިކުފާނަށް ފެނިވަޑައިގެންނެވި ނަމަ އަޅުގަނޑުގެ ޢުޛްރު ޤަބޫލުކުރައްވާނެ އެވެ.

     ރަސްގެފާނު ވިދާޅުވި އެވެ. މަގޭ ލޯބިލޯބި ހުދްހުދާ އެވެ! އެއިން ބައެއް ވާހަކަތައް ނިކަން ކިޔާދީ ބަލާށެވެ!

     ހުދްހުދު ދެންނެވި އެވެ. ޢިއްޒަތްތެރި މަނިކުފާނެވެ. މަނިކުފާނުގެ ހިތްޕުޅަށް މި ހިތާމަތަކުން ހިތާމައެއް ވަދެދާނެތީ އަޅުގަނޑު ބިރުގަންނަމެވެ. އަޅުގަނޑަށް ޖެހިފައިވާ މުޞީބާތްތަކުން މުޞީބަތެއް މަނިކުފާނަށް ނުޖައްސަވާށި އެވެ!

ރަސްގެފާނު ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވި އެވެ. އެހެނެއް ނުވާނެ އެވެ. އަހަންނަށް އެނގޭވަރާ ގާތަކަށް ކަލެއަކަށް އެއްވެސް އެއްޗެއް ނޭނގޭނެ އެވެ. އަހަންނަށް އިވޭވަރާ ގާތަކަށް ކަލެއަކަށް އެއްވެސް އެއްޗެއް  ނުމެ އިވޭނެމެ އެވެ. "މަލަކުލްމަވްތިގެފާނު" އަހަންނަށް ދެއްވާ ޢަޖައިބުވަނިވި ވާހަކަތައް ހާދަ ގިނަ އެވެ. ޒަމާނާ އެކު ބަދަލުވަމުންދާ ކަންތައްތަކެވެ.   ޣައިބުގައި ވަންހަނާވެފައިވާ  މަންޒަރު ތަކެވެ. ޤަދަރުގައި މިންވަރުކުރައްވާފައިވާ ކަންތައްތަކެވެ. ރޭގަނޑާއި ދުވާލުގައި ފުރޮޅެމުންދާ ކަންތައްތަކެވެ.
    
ހުދްހުދު މަޑުމަޑުން ދެތިން ފިޔަވަޅު ފަހަތަށް ޖެހިލި އެވެ. ހަނުހިމޭނުން ހުރެ އެވެ. އެއްވެސް އެއްޗެއް ނުބުނެ އެވެ. ދެން ފެނުނީ އެ ސޮރުގެ ދެލޮލުން ވެހިގެން ކަރުނައިގެ ވާރޭ އެވެ. އެ ސޮރުގެ މުޅި ގައި ތެމިފޯވި އެވެ. ރަސްގެފާނުގެ ހިތްޕުޅަށް ވެސް ހަމްދަރްދީގެ ޝުޢޫރުތައް ވަދެގެންދިޔަ އެވެ. ވިދާޅުވި އެވެ. ހުދްހުދާ އެވެ!. ތިޔަވަނީ ކިހިނެއް ހެއްޔެވެ؟

ހުދްހުދު ދެންނެވި އެވެ. ޢިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑަށް އޯގާތެރިވެވަޑައިގެން، މާފުކުރައްވާށެވެ. އަޅުގަނޑަށް ޖަވާބު އެރުވޭވަރެއް ނޫނެވެ.

ރަސްގެފާނު ވިދާޅުވި އެވެ. ކަލޭގެ ޢުޛްރު ބަލައެއް ނުގަންނާނަމެވެ. ކަލެއަށް ފެނުނު ހުރިހާ އެއްޗެއް ރަނގަޅަށް ސާފުކޮށް ކިޔާދޭށެވެ.
    
ހުދްހުދު ދެންނެވި އެވެ. ޢިއްޒަތްތެރި ސާހިބާ އެވެ! އަޅުގަނޑަށް އާދަމުގެފާނު ސުވަރުގެ އިން ބިމަށް ފޮނުވާލެއްވުނު މަންޒަރު ފެނުނެވެ. އޭރު އިބްލީސް މަލާމާތުގެ ހިނިގަނޑަކުން ހެމުންދިޔަ އެވެ. އޭނާގެ ދުޝްމަނަށް ލަނޑު ދެވުނީތީ އުފަލުން ނަށަމުން މަތިހަށި ނަގަމުން ދިޔަ އެވެ. އޭނާގެ ރޭވުން މޮޅުވެގެން ފޮނިކަނޑަމުން ދިޔަ އެވެ.  އަޅުގަނޑަށް  ޔޫނުސްގެފާނު، ބޮޑުމަހުގެ ބަނޑު ތެރޭގައި، ރޭގަނޑުގެ އަނދިރިކަމާއި ރާޅުތަކުގެ އަނދިރިކަމުގެ ތެރޭގައި ދެފުށަށް ފުރޮޅިވަޑައިގަންނަވަމުން ދިޔަ މަންޒަރު ފެނުނެވެ. "ﷲގެ ޚަލީލު" އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން "ޛަބީޙު" ޤުރްބާންކުރައްވަން ވަޅި ނެންގެވި އިރު އެކަލޭގެފާނުގެ ލޯފުޅުން ފޭބި ކަރުނަފޮދު އަޅުގަނޑަށް ފެނުނެވެ. "ޔަޢުޤޫބުގެފާނުގެ ދަރިކަލުން" އެކަނިވެރި ބީރަށްޓެހި ޙާލުކޮޅުގައި ޖަލަށް ގެންދެވުނު މަންޒަރު އަޅުގަނޑަށް ފެނުނެވެ. "ﷲގެ ކަލީމު" ބަނޑުހައިޙާލުކޮޅުގައި ބިރުވެރިކަމާއެކު މިޞްރުގެ ބިމުން ފިއްލަވައިގެން ވަޑައިގެން މަންޒަރު އަޅުގަނޑަށް ފެނުނެވެ.
    
ހުދްހުދަށް ކުއްލިއަކަށް ފެނުނީ ރަސްގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔަތަނެވެ. ރަސްގެފާނު ބާރުއަޑުން ހަޅޭއްފުޅު ލައްވައިގެންފައި ވިދާޅުވި އެވެ. ހުއްޓާލާށެވެ. ހުއްޓާލާށެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ. އޭ! ހުދްހުދާ އެވެ.! ކަލޭގެ ވާހަކަތަކުގެ އަލިފާނުން އަހަރެން ފިހިއްޖެ އެވެ. ކަލޭގެ ޚަބަރުތަކުގެ ހުޅުގަނޑުން އަހަރެންގެ ހަށިގަނޑު ރޯވެއްޖެ އެވެ.
    
ހުދްހުދު އޭނާގެ ސާހިބާއަށް  އޯގާތެރިވުމުގެ ގޮތުން ބޯ ޖަހާލައިފާ ވާހަކަ ހުއްޓާލި އެވެ. އެއަށްފަހު ފަސް އެނބުރި ބަލައިލި އެވެ. އޭނާއަށް ފެނުނީ އެންމެން މަރުވެގެން ވެއްޓިފައިވާ ތަނެވެ. އެ ޢިއްޒަތްތެރި ހައިބަތު ހުރި އަރުމާޒު ގައި  ދިރި ތިބީ އެމީހުންގެ ދޫތަކުން ޑިމޮކްރެސީ އާއި ޓްރާންސްޕޭރެންސީ އާއި، ޒަމާނީ ކުރުމާއި، އުފެއްދުންތެރިކަމުގެ މިނިވަންކަމަށާއި، އަބުރާބެހުމުގެ މިނިވަންކަމަށާއި، ފެޝަނާއި، ލާދީނީ އޮއިވަރުތަކަށް، ސަނާ ކިޔަން ތިބި ޢަލްމާނީން ތަކެވެ.
--------------------
(ނިމުނީ)
ފޮޓޯ:

 ފޮޓޯގައި އެވާ ދޫންޏަށް ޢަރަބިބުން ކިޔަނީ ''ހުދްހުދު'' އެވެ. ކީރިތި ޤުރުއާނުގައި މި ނަން، ނަންގަނެވިގެންވެ އެވެ. ދިވެހި ބަހުން އެ  ދޫންޏަށް ކިޔަނީ ''ފުނާގަނޑު ދޫނި'' އެވެ.


މި ލިޔުން؛

   ފޮނުވުން:    އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:  ''          ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ