އަދުގެ ޚާއްސަ

Print

އިސްމާޢީލިއްޔާ (1)

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޢަޤީދާ


''މި ފިރުޤާ އުފެއްދުމުގެ މަޤްޞަދަކީ އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލުމެވެ.''


އަލްއުސްތާޛު އިބްރާހީމް އަޙްމަދު


ނަންކިޔުނުގޮތް


އިސްމާޢީލިއްޔާ މިނަން ނިސްބަތް ކުރެވިފައިވަނީ އަލްއިމާމު އިސްމާޢީލު ބުނު ޖަޢުފަރުއްޞާދިޤަށެވެ. އެކަމަކު އޭނާއަކީ އިމާމެއްކަމަށް ޝީޢީންގެ އިޘްނާ ޢަޝަރިއްޔާއިން އިޢުތިރާފެއްނުވެއެވެ. އެހެންނަމަވެސް އިސްމާޢީލިން ޤަބޫލުކުރަނީ އޭނާއަކީ އިމާމެއްކަމުގަ އެވެ.  އަދި މިބައިމީހުންނަށް ސަބްޢިއްޔާއިންނޭ {1} ވެސް ކިޔާ އުޅެ އެވެ. އިސްމާޢީލަކީ ޝީޢީންގެ ހަވަނަ އިމާމު އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދޮށީ ދަރިކަލުންނެވެ. އެހެންނަމަވެސް މިދަރިކަލުން ވަނީ އިމާމު ޖަޢުފަރުއްޞާދިޤު ދުނިޔޭގައި ހުންނަވަނިކޮށް އަވަހާރަވެފަ އެވެ.  އެހެންކަމުން އިޘްނާ ޢަޝަރިއްޔާއިން ޤަބޫލުކުރަނީ އިސްމާޢީލުގެ ބައްޕަ އަލްއިމާމު ޖަޢުފަރުއްޞާދިޤު އޭނާގެ ދެވަނަ ދަރިކަލުން އަލްއިމާމު މޫސާ އަލްކާޡިމަށް އޭނާއަށްފަހު އިމާމު ކަމަށް ވަޞިއްޔަތް ކުރައްވައި އޭނާއަށް އިމާމުކަން ނަޤްލު ކުރެއްވީ ކަމުގަ އެވެ. އެހެންކަމުން އިޘްނާޢަޝަރިއްޔާއިން ދެކޭގޮތުގައި ޝީޢީންގެ ހަތްވަނަ އިމާމަކީ މޫސާ އަލްކާޡިމެވެ.{2}
 
މިއީ ބާޠިނީ ފިރުޤާއެކެވެ.{3} މި ބައިމީހުން މި ފިރުޤާ އުފެއްދުމުގެ މަޤްޞަދަކީ އިސްލާމީ ޢަޤީދާ ފުޑުފުޑުކޮށްލުމެވެ. އިސްލާމީ ޢަޤީދާ ހަލާކުކޮށް ސުންނާފަތިކުރުމުގެ މަޤްޞަދުގައި އުފެއްދި  މި ފިރުޤާ އުފެދުނީއްސުރެ މި އަދާއި ހަމައަށް ވެސް ދުނިޔޭގައި އެބައޮތެވެ. މި ބައިމީހުންނަކީ ހަރުކަށި ސިޔާސަތެއްގެ ވެރިބަޔެކެވެ. މިހެންކަމުން އިޘްނާ ޢަޝަރިއްޔާއިން {4} ދެކެނީ މި ބައިމީހުންނަކީ ކާފިރުން ކަމުގަ އެވެ. އަހުލުއްސުންނާއިންގެ ގާތުގައި މި ބައިމީހުންނަކީ ވެސް ޝީޢީމަޒްހަބުގެ އެހެންމީހުން ފަދަ ބަޔެކެވެ. މުސްލިމު ހަރުދަނާ ބަޠަލުން އަވަހާރަކޮށްލުމާއި އިސްލާމީ ދައުލަތް ފުނޑުފުނޑުކުރުމަށް ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރި ބަޔަކު ކަމުގައި އިސްމާޢީލީން ވެ އެވެ. މި ބައިމީހުންނަކީ ވަރަށް މުއްސަނދި ވިޔަފާރިވެރި ބަޔެކެވެ.

އިސްމާޢީލީ މަޒްހަބު އުފެދި ތަރައްޤީވި ގޮތް


އިސްމާޢީލީ  މަޒްހަބު ފުރަތަމަ އުފެދިގެން ތަރައްޤީވެގެން ދިޔަގޮތް ދެނެގަތުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އެކަން ބަޔާން ކުރައްވާ އިސްމާޢީލީންނާ ބެހޭގޮތުން ދިރާސާ ކުރައްވާ އެ މަޒްހަބަށް ޚާއްޞަ ވެގެން ހުންނެވި މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑޮކްޓަރ މުޙައްމަދު  ކާމިލު ޙުސައިން އަޙްމަދު  ބަޔާން ކުރައްވާ ގޮތުގައި ހިޖްރައިން 3 ވަނަ ޤަރުނުގެ ފަހުކޮޅުގައި ނޫނީ އިސްމާޢީލީ މަޒްހަބެއް އޮންނަކަން މީހުންނަށް އެނގިފައެއް ނެތެވެ.  އެ ގޮތުން އޭނާ ބަޔާންކުރައްވަނީ ގާތްގަޑަކަށް ޤަރުނަކަށްވުރެ ގިނަ  މުއްދަތެއްގައި  ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކަށާއި އިންސާނުންގެ ލޯމައްޗަށް ފޮރުވިގެން ސިއްރުން އުޅުނު ބަޔަކު ކަމުގައި މިބައިމީހުން ވި އެވެ. މިހެން މިކަން އޮއްވައި ހިޖްރައިން 3 ވަނަ ޤަރުނުގެ ފަހުކޮޅުގައި ޝާމްކަރައިންނާއި ބަޙްރައިނުން ޤަރާމިޠާއިން ފާޅުވުމުން  މި ބައިމީހުން ދުނިޔެއަށް ފާޅުވި އެވެ.{5}  އެހެންނަމަ ވެސް އޭގެ ކުރިން އެބައިމީހުން ދުނިޔޭގައި އުޅެފައިވާތީ އެބައިމީހުންނާ ބެހޭގޮތުން މުއައްރިޚުން މަޢުލޫމާތުތަކެއް ގެނެސްދީފައި ވެ އެވެ.

އިސްލާމީޢިއްޔާގެ ބާނީއަކާ ބެހޭގޮތުން ވާހަކަ ދައްކާނަމަ ތިންމީހެއްގެ ވާހަކަ ދައްކަން ޖެހެ އެވެ. އެކަކީ އަލްއިމާމު އިސްމާޢީލު ބުނު ޖަޢުފަރުއްޞާދިޤުގެ މައުލާ ނުވަތަ ޚާދިމު އަލްމުބާރަކު އެވެ. އަދި އަނެއްމީހަކީ އަބުލްޚިޠާބުލްއަސަދީ އެވެ. ތިންވަނަ މީހަކީ މައިމޫނުލްޤިދާޙު އެވެ. މިއިން ކޮންމެ މީހެއްގެ ޙަޤީޤަތާއި ހަމައަށް ވާޞިލުވެވޭވަރަށް ވުރެ މި މީހުންގެ މަޢުލޫމާތު ފޮރުވިފައިވާލެއް ބޮޑެވެ.

މުއައްރިޚުން ބަޔާންކުރާގޮތުގައި އިމާމު ޖަޢުފަރުއްޞާދިޤު ދުނިޔޭގައި ހުންނަވަނިކޮށް އޭނާގެ ދޮށީ ފިރިހެންދަރިކަލުން އިސްމާޢީލު އަވަހާރަވުމުން  މި މަޒްހަބު އުފެދިގެން ދިޔަ އެވެ. މި ގޮތުން އޭރު މި މަޒްހަބު އުފެދުނީ އިސްމާޢީލުގެ މައުލާ އަލްމުބާރަކުލްކޫފީގެ  ފަރާތުންނެވެ. އެހެން ބުނުމެއްގައިވަނީ މި މުބާރަކަކީ ޖަޢުފަރުއްޞާދިޤުގެ މައުލާއެއް ކަމުގަ އެވެ. މުއައްރިޚުން ބަޔާންކުރާގޮތުގައި އިސްމާޢީލު އަވަހާރަވުމުގެ  ކުރިން އޭނާ ވަނީ  ޝީޢީ މަޒްހަބުގެ ހަރުކަށި ޙައްދުފަހަނައަޅާފައިވާ މީހުންނާ ގުޅިފަ އެވެ. މި ހެންވެ އޭނާގެ ބައްޕާފުޅު އޭނާ އަވަހާރަވިކަން ސާބިތުކުރަން ބޭނުންވެ އެވެ.  އެހެންކަމުން އެ ދުވަސްވަރު ހުންނެވި  ޢައްބާސީ ޚަލީފާ  ދައުލަތުގެ ޙަޤީޤީ ބާނީ އަބޫޖަޢުފަރުލްމަންޞޫރުގެ އަރިހަށް ލިޔުމެއް ފޮނުއްވައިގެން އެ ކަން ސާބިތު ކުރެއްވި އެވެ.

އެކަން އެ ގޮތަށް ކުރެއްވި އެންމެ މުހިންމު ބޭނުމެއްކަމަށް ޢިލްމުވެރިން ލިޔުއްވަނީ އޭނާ ޣައިބުވީކަމަށް ޝީޢީންގެ ތެރެއިން ޙައްދު ފަހަނައަޅާފައިވާ ހަރުކަށި މީހުން ދަޢުވާ ކޮށްފާނެތީ އެ ކަމާ ބިރުފުޅުންނެވެ. ނުވަތަ އެ ފަދަ މީހުން އޭނާ އަލުން އެނބުރި ރުޖޫޢަވީ ކަމަށް ބުނެފާނެތީ އެކަމާ ބިރުންނެވެ. އެހެންނަމަ ވެސް އިމާމު ޖަޢުފަރުއްޞާދިޤު އަވަހާރަ ވުމާއެކު އެބައިމީހުންގެ ތެރެއިން ބޮޑުންގެ ބަޔަކު އެ ރަށުގައި  އިސްމާޢީލުގެ އިމާމު ކަމަށް ގޮވާލި އެވެ. ދެން މިހާ ހިސާބުން އިސްމާޢީލުގެ ޚާދިމު އަލްމުބާރަކު  މި ދެންނެވި އިސްމާޢީލުގެ ދަރިކަލުން މުޙައްމަދަށް އިމާމުކަންދީ އެ ކަމުގައި އޭނާ ސާބިތުކުރުމަށް މަސައްކަތް ފެށި އެވެ.  މުޙައްމަދުގެ ކާފާފުޅު އަލްއިމާމު ޖަޢުފަރުއްޞާދިޤު އަވަހާރަވިއިރު މުޙައްމަދުގެ ޢުމުރަކީ 16 އަހަރެވެ.  އަދި މީނާ އިމާމުކަމުގެ އެއްވެސް ޙަރަކާތެއް އަބޫޖަޢުފަރުލްމަންޞޫރު އަވަހާރަވުމުގެ ކުރިން ކުރައްވާފައެއް ނުވެ އެވެ.  އަދި ހަމަ އެފަދައިން ޢައްބާސީ ޚަލީފާ އަލްމަހްދީއާއި އަލްހާދީ އައްރަޝީދުގެ ޚިލާފަތުގެ  ދިގުމުއްދަތެއްގައި މުޙައްމަދު  ބުނު އިސްމާޢީލު ހުންނެވީ  އަމާންކަމާ ރައްކާތެރި ކަމުގައި ޙިޖާޒުކަރައިގަ އެވެ. އޭރު މިމަޒްހަބުގެ ދުޢާތުން ސިއްރިޔާތުގައި މަޒްހަބު ފެތުރުމުގެ މަސައްކަތް ކުރައްވަމުން ގެންދިޔަ އެވެ.
 
ހާރޫނުއްރަޝީދުގެ ވެރިކަމުގެ ފަހުކޮޅުގައި މަޖްބޫރުވެގެން ޙިޖާޒްކަރައިން އޭނާ ފިއްލަވައިގެން ނުކުންނެވި އެވެ.  އަދި އެ އަށްފަހު 198 ގައި  އަވަހާރަވަން ދެން ވެސް މީނާ އުޅުއްވީ ސިއްރިޔާތުގަ އެވެ. މީނާ އަވަހާރަވުމުން މީނާއަށް ތަބާވާ ބައެއް މީހުން ދަޢުވާކުރަން ފެށީ އޭނާ މިހާރުވީ ރޫމްގެ ރަށްތަކުގައި ޣައިބުވެގެން ފޮރުވިގެންނެވެ. އަދި ފަހުން މީނާ މީހުންގެ ތެރެއަށް އަންނާނެ އެވެ.  އަދި އޭނާ މުޙައްމަދުގެފާނުގެ ޝަރީޢަތް މަންސޫޚުކުރާ މީހެއްގެ ގޮތުގައި ޝަރީޢަތަކާ އެކު ދުނިޔެއަށް ގޮވާލައްވާނެ އެވެ.  މި ބައިމީހުންނަކީ އެހާ އިޚްލާޞްތެރި ބަޔެއް ނޫން ކަމަށް ވެ އެވެ.

ހިޖްރައިން 148 ވަނަ އަހަރު އަލްއިމާމު ޖަޢުފަރުއްޞާދިޤު އަވަހާރަވުމުން ޝީޢިން  އެތައް ބަޔަކަށް ބެހިގެން ދިޔަ އެވެ. އެ ގޮތުން ޝީޢީންގެ އެއްބަޔަކު ބުނަމުން އައީ ދެން އެ ބައިމީހުންގެ އިމާމަކީ އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދެވަނަ ދަރިކަލުން މޫސާ އަލްކާޡިމު ކަމުގަ އެވެ. މި ބައިމީހުންނަކީ މޫސަވީންނެވެ. ނުވަތަ އިޘްނާ ޢަޝަރިއްޔާ ނުވަތަ އިމާމިއްޔާއިންނެވެ. އަނެއްބަޔަކު ބުނީ އިމާމަކީ އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދޮށީ ދަރިކަލުން އިސްމާޢީލު ކަމުގަ އެވެ. އެހެންވެ މި ބައިމީހުންނަށް ކިޔަނީ އިސްމާޢީލީންނެވެ. މި ބައިމީހުން ޤަބޫލުކުރަނީ އަލްއިމާމު ޖަޢުފަރުއްޞާދިޤު އޭނާގެ ދޮށީ ދަރިކަލުން އިސްމާޢީލަކީ އިމާމުކަމަށް ވަޞިއްޔަތް ކުރައްވާ  ނައްޞެއް ވާ ކަމުގަ އެވެ. އެހެންނަމަވެސް  މި ދެންނެވި އިސްމާޢީލުވަނީ އޭނާގެ ބައްޕާފުޅު ދުނިޔޭގައި ހުންނަވަނިކޮށް ހިޖްރައިން 145 ވަނަ އަހަރު އަވަހާރަވެފަ އެވެ.  މި އާއެކު މި ބައިމީހުން ބުނަމުން ދަނީ އިސްމާޢީލުގެ ބައްޕާފުޅު ނައްޞަކުން އޭނާގެ ދަރިކަލުން އިސްމާޢީލަކީ އިމާމުކަމަށް ބަޔާންކުރުމަށްފަހު އޭނާގެ ބައްޕަ ދުނިޔޭގައި ހުންނަވަނިކޮށް އޭނާ އަވަހާރަވިޔަސް އިމާމުކަން އެހިސާބުން ދެން ނަޤުލުވާނީ އޭނާގެ ދޮށީ ދަރިކަލުން މުޙައްމަދު ބުނު އިސްމާޢީލަށެވެ. މި މުޙައްމަދަށް " އަލްފާތިޙު" އަދި "ޞާޙިބުއްޒަމާނޭ" ވެސް ކިޔާ އުޅެ އެވެ.
----------------
 (ނުނިމޭ)

ހަވާލާ؛

1- މިނަން ނިސްބަތްވަނީ ޢަރަބި ބަހުގެ ހަތެއް އެހެން ބުނުމަށެވެ. ސަބްޢިއްޔާގެ މާނައަކީ ހަތްވަނަ އެވެ. އެހެންވީމާ ސަބްޢިއްޔާގެ މާނައަކީ ހަތްވަނަ އަށް އަންނަ އިމާމަކީ އިސްމާޢީލު ކަމަށް ބުނާ ބުނުމެވެ.
   
2- ޔަޙްޔާ މުޙައްމަދު ނަބްހާން : ޢަޞްރުލްފިރަޤި ވަޢަބަދަތިއްޝައިޠާން/ ޞަފްޙާ : / ދާރު ޔާފާ އަލްޢިލްމިއްޔާ ލިއްނަޝްރި ވައްތައުޒީޢި/ އަލްޤާހިރާ 2005)
  
3- މިބައިމީހުން ޤަބޫލުކުރާ ގޮތުގައި ކޮންމެ ބަހެއްގެ އެތެރޭގެ މާނައަކާއި ބެރުފުށުގެ މާނައެއް އޮންނާނެއެވެ. މިހެންވެ ބާޠިނީންނޭ މިބައިމީހުންނަށް ކިޔަ އެވެ.

4- ޝީޢީ މަޒްހަބުގެ ބާރަ އިމާމުންނަށް ނިސްބަތްވާ ނިސްބަތްވުމާ ގުޅުވައި އެމަޒްހަބަށް ކިޔާނަމެއް.

5- ޑޮކްޓަރ މުޙައްމަދު ކާމިލު ޙުސައިން އަޙްމަދު.


މި ލިޔުން؛

    ފޮނުވުން:   އަލްއުސްތާޛު އިބްރާހީމް އަޙްމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:  ''        ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ