އަދުގެ ޚާއްސަ

Print

ހަމަ ހިތަށްއަރާ..(6)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ދަރިފުޅު ދުންފަތާ ދުރުކުރުވާނީ ކިހިނެއް؟


ބިންމާ އިބްރާހީމް ވަޙީދު (2010)

ޒުވާންއުމުރުގައި ކުދިން ދުންފަތުގެ އިސްތިޢުމާލުކުރަނީ މަޖަލަކަށެވެ. ކޮންމެހެން ދުންފަތުގެ އަވާގައި ފަހުން ޖެހޭކަށް ނޫނެވެ. ބައެއް ފަހަރު، މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރާތީ އެވެ. އަނެއްބައިފަހަރު އެކުވެރިން އެކަން ކުރާތީ އެވެ. ހިތާމަ އާއި އެކަނިވެރިކަން ކުރިމަތިވީމައި ދުންފަތުގެ އިސްތިޢުމާލުކުރުމުން އެ ކަމަށް "ލުޔެއް" ލިބޭނެކަމަށް ބުނާ އަޑު އިވޭތީ އެވެ. މިއިން ކޮންމެ ގޮތަކަށް ފެށި ނަމަވެސް، އިސާހިތަކު ދުންފަތަށް ދެވިހިފާނެ އެވެ. ކޮންޓްރޯލް ކޮށްގެން އެކަން ކުރެވޭނީ މަދު މީހަކަށެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ގެއްލުން ލިބޭނެ ހެއްޔެވެ؟ ނޫނެކެވެ. އަދި އާނއެކެވެ. އެއްފަހަރު ދުންފަތްކޮޅެއް ކާލުމުން ނުވަތަ ސިނގެރޭޓެއް ބޯލުމުން ކެންސަރު ޖެހޭނެހެނެއް ހީއެއްނުވެ އެވެ. ގެއްލުން މި ލިބެނީ ހައްދު ފަހަނައަޅައި ދިޔުމުންނެވެ. ހައްދު ފަހަނައަޅައި ދަނީ، އެއް ފަހަރު ތަޖުރިބާ ކޮށްލި ދުންފަތް، ދެ ވަނަ ފަހަރަށް ވެސް "ތަޖުރިބާ" ކޮށްލެވުމުންނެވެ. އެ އަށް ފަހު ދޭތެރެދޭތޭރެއިން "ތަޖުރިބާ" ކޮށްލެވެނީ އެވެ. އެންމެފަހުން ދެވިހިފަނީ އެވެ. ދެން އެއްބަޔަކަށް ސަލާމަތް ނުވެވެނީ އެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟ ޙައްލަކީ، ފުރަތަމަ ފަހަރަށް ވެސް "ތަޖުރިބާ" ނުކުރުމެވެ. ހޭޖެހޭ މީހާ އަކީ، އެހެން މީހުން ކުރާ މޮޔަ ކަންތަކުން ޢިބުރަތް ލިބިގަންނަ މީހާ އެވެ. ތަޖުރިބާ ހޯދުމަށްޓަކައި ތިމާ ހުރިހާ މޮޔަކަންތައް ކުރާކަށް ނުޖެހެ އެވެ. ދުންފަތުގެ އިސްތިޢުމާލު ކުރަނީ މޮޔައިންނޭ ފަހަރެއްގައި ވެސް ނުބުނަމެވެ.

ފުރަތަމަ ފަހަރު ވެސް ދުންފަތުގެ އިސްތިޢުމާލު ދަރިފުޅު ކުރިޔަނުދޭން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ދަރިން އެކަން ކުރަނީ ކީއްވެގެންކަން ދެނެގަންނާށެވެ. ދުންފަތަށް ޝައުޤުވެރިކަން ދޭ ސަބަބު ދަސްކުރާށެވެ. ޒުވާން ދަރިފުޅު ދެކޭގޮތުގައި، ސިނގެރޭޓެއް ތުނބުގައި ޖަހާލުމަކީ ވަރަށް "ސަޅި" ކަމެކެވެ. ކުދިން އެކަން ކުރަނީ، ވަކި މިޒާޖެއް ދެއްކުމަށެވެ. ވަކި އެކުވެރިންތަކެއްގެ އެކުވެރިކަން ހޯދުމަށްޓަކަ އެވެ. ވަކި ގްރޫޕެއްގެ މަގުބޫލުކަން ލިބިގަތުމަށްޓަކަ އެވެ. ބައެއް ކުދިން ދެކޭގޮތުގައި، ސިނގެރޭޓް ބުއިމަކީ ހަށިގަނޑު ލުއިވާ ކަމެކެވެ. ސިކުނޑި ހަމަޖެހޭ ކަމެކެވެ. އެކަން ވެސް، މައިންބަފައިން ދަންނަންވާނެ އެވެ. "ކޫލް" ވުމަށާއި، މިނިވަން ވުމަށާއި، ހީފިލުވުމަށް ވެސް ދަރިފުޅު އެކަން ކޮށްފާނެ އެވެ. މި ކަމުގެ އެންމެ ފުނަށް ދަތުރުކުރުމަށްޓަކައި، ދުންފަތުގެ އިސްތިޢުމާލު ކުރާ ދަރިން ގާތުގައި މި ސުވާލުތައް އަހާށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާ ބެހޭގޮތުން ދަރިފުޅުގެ ހިތަށްއަރަނީ ކީކޭ ހެއްޔެވެ؟ އެކުވެރިންގެ ތެރެއިން ތިކަން ކުރަނީ ކޮންބައެއް ހެއްޔެވެ؟ އެ ކުދިންގެ ނަން ބުނުމުން، އެ ކުދިން ކޮށްފައިވާ ރަނގަޅު ކަންތައްތަކަށް ތަޢުރީފު ކުރާށެވެ. ގޯސް ކަންތައްތަކުގެ ސަބަބުން ނުކުންނާނެ ނުބައި ނަތީޖާ ދަރިފުޅަށް ވިސްނައިދޭށެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށް ދަރިފުޅު ގާތުގައި ބުނާށެވެ. އެހެންބުނުމުން ދަރިފުޅަށް "ކަހިރުވަކެކޭ" ވެސް ހީއެއްނުވާނެ އެވެ. އެކަމަކު ވެސް ދޭތެރެދޭތެރެއިން އެހެން ބުނެލާށެވެ. އަބަދު ނުކިޔާށެވެ. ތީ އަހަރެން ހުއްދަކުރާ ކަމެއް ނޫނޭ ބުނާށެވެ. ގަބޫލުކަމެއް ނޫނޭ ބުނާށެވެ. ހީނުކުރާ ކަހަލަ އަސަރެއް ކުދިންނަށް ކުރާނެ އެވެ. ޓަސްލާފައި އެ އަސަރު ބޭރަށް ނުފެނިދާނެ އެވެ. ދިރާސާއަކުން ދެއްކި ގޮތުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ތިމަންނަގެ މައިންބަފައިން ނުރުހޭނެހެން ހީވެގެން އެކަން ނުކުރާ ކުދިން، މައިންބަފައިން އެކަމާ އަޅާނުލާނެހެން ހީވެގެން އެކަން ކުރި ކުދިންނަށް ވުރެ ދެގުނަ ގިނަ އެވެ. މާނަ އަކީ، ކަމަކާ އަޅާނުލުމާއި، ނުރުހޭކަން ހާމަކުރުމާ ދެމެދު ބޮޑު ފަރަގެއް ހުންނާނެ އެވެ.

ދަރިންނަށް ރަނގަޅު މިސާލަކަށް ވާށެވެ. އެއީ ވަރަށް މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ ގިނަ ކުދިންނަކީ، އެ ކުދިންގެ މަންމަ ނުވަތަ ބައްޕަ ވެސް ދުންފަތުގެ އިސްތިޢުމާލުކުރާ ކުދިންނެވެ. ހުރިހާ ކުދިން އެހެންވާނެ ވާހަކައެއް ނޫނެވެ. ތިމާ ދުންފަތުގެ އިސްތިޢުމާލު ނުކުރާނަމަ، އެ ގޮތުގައި ހުންނާށެވެ. ކުރާ ނަމަ، ހަމަ މިހާރު ހުއްޓާލާށެވެ. ހުއްޓާލަން ކުރާނެ މަސައްކަތްތައް ހޯދުމަށްޓަކައި، ލަސްނުކޮށް މަސައްކަތް ފަށާށެވެ. ޚާއްޞަކޮށް، ގޭތެރޭގައި، އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިޢުމާލު ނުކުރާށެވެ. ދަރިންގެ ކުރިމަތީގައި އެކަން ނުކުރާށެވެ. ދަރިން އަތުޖެހޭ ހިސާބުގައި ސިނގެރޭޓް ފަދަ ތަކެތި ނުބަހައްޓާށެވެ. ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުނީތީ ކިހާ ހިތާމަކުރާ ކަމާއި، އެ ކަމުން ވާ އުނދަގޫތަކާއި، ހިނގާ ޚަރަދުތައް ދަރިންނަށް އަންގާށެވެ. އަދި، ހުއްޓަން ކުރާ މަސައްކަތްތައް ވެސް ދައްކާށެވެ. މައިންބަފައިން ކުރާ ކަންތައް ދަރިން ދަސްކުރާނެ އެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދަރިފުޅުގެ، އެ ނިންމުމަށް ތަޢުރީފު ކުރާށެވެ. ބުނާށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ރީތިކަމެއް ނޫނެވެ. އެއީ މުޑުދާރުކަމެއްކަމާއި، ލާ އަންނައުނުން ވެސް ނުބައި ވަސް ދުވާ ކަމެއްކަން  ބުނާށެވެ. އަނގައިގައި ނުބައި ރަހަލާ، އެހެން މީހުންނަށް ތިމާގެ އަނގައިން ނުބައި ވަސް ދުވާނެ ކަމެއްކަން ވެސް ބުނާށެވެ. ވިސްނާށެވެ. ދަރިފުޅު އެކަމުން ސަލާމަތް ކުރެވޭނީ، އޭނަ އެކަން ނުފަށަނީސް ވިސްނައިދީގެންނެވެ. އެ ކަމަކީ، ދަތްތައް ރީނދޫވެ، ނިޔަފަތީގެ ކުލަ މަރުވާ ކަމެއްކަން ވެސް ބުނާށެވެ. ދާދި އަވަހަށް ހިކި ކެއްސުމެއް ފެށިދާނެ ކަމާއި، ނޭވާކުރުވެ، ބުންވަރު ދަށްވެ، ކުޅިވަރުކުޅެން އުނދަގޫވާނެ އެވެ. އެ ހުރިހާ ވާހަކައެއް ވެސް ބުނާށެވެ. ޓީވީ އާއި ޕޯސްޓަރުތަކުން އެ ވާހަކަތަކެއް، ކޮންމެ ފަހަރަކު ނުފެންނާނެ އެވެ. ފިލްމްތަކުން ފެންނާނީ ޒުވާނަކު ދައްކާ ދަޅައެކެވެ. އޭނަ ކިހާ'' ސްމާރޓް" ކަމެވެ.
    
ދަރިފުޅު ލައްވާ ހިސާބު ހައްދާށެވެ. ޚާއްޞަކޮށް، ސިނގެރޭޓް ބުއިމަކީ ގިނަ ފައިސާތަކެއް އަނދާ ކަމެކެވެ. ދުވާލަކު ފޮށްޓެއް ހުސްވިޔަސް، މަހެއްގެ މައްޗަށް އަދި އަހަރެއްގެ މައްޗަށް ޚަރަދުވަނީ ކިހާ ފައިސާއެއްކަން، ދަރިފުޅު ލައްވާ ހިސާބު ހައްދައިގެން ބަލާށެވެ. އެ ފައިސާ އަށް ގަނެވިދާނެ، ދަރިފުޅު ޝައުޤުވެރިވާނެ އެއްޗިހި ބުނެދޭށެވެ. ގޭމް، މޯބައިލް ފޯނު، ޑީވީޑީ، މިޔުޒިކް ސާމާނު، ސައިކަލު، ޓީޝާރޓް ފަދަ އެއްޗިހި ރަނގަޅުވާނެ އެވެ.
    
އެކުގައި އުޅޭ ރައްޓެހިންގެ ނުފޫޒު ދަރިންނަށް ފޯރާނެ އެވެ. އެކަން ގަބޫލުކުރާށެވެ. ތިމާ އުމުރުން ގިނަ ދުވަސްވެފައި، ތަޖުރިބާ ލިބިފައި، ކޮންމެ އެއްޗެއް ބުނަން ކެރުނަސް، ދަރިފުޅަށް އެހެނެއް ނުވާނެ އެވެ. ރައްޓެހިންގެ ކުރިމަތީގައި ދަރިފުޅު "ނޫން" ބުނަން ޖެހިލުންވާނެ އެވެ. ޙަޤީޤަތަކީ އެއީ އެވެ. ވީމާ، ރީތިކޮށް "ނޫން" ބުނަން ދަރިފުޅަށް ދަސްކޮށްދޭށެވެ. ފަރިތަކުރުވާށެވެ. ހިތްވަރުދޭށެވެ. އެ ފަދަ ހާލަތެއް މެދުވެރިވުމުން ދެން ކަންތައް ކުރާނެގޮތް ވިސްނައިދޭށެވެ. އެކުވެރިއަކު ސިނގެރޭޓެއް ދިއްކޮށްލުމުން "ނުބޯނަން" ބުނަން ނުކެރިދާނެ އެވެ. އެކަމަކު، "ނޯ ތެންކްސް! އާއި ޑޯންޓް ސްމޯކް!" އަކީ، ޒުވާން ދަރިފުޅު ބުނެލަން ލަދުގަންނަން ނުޖެހޭ، ދުލަށް ފަސޭހަ އެއްޗެކެވެ. ސިނގެރޭޓް ނުހިފަން ދަރިފުޅަށް ރަނގަޅަށް ދަސްކޮށްދެވިއްޖެއްޔާ، އެ ފަދަ ވަގުތެއް އައުމުން، ސިނގެރޭޓް ނުހިފަން ދަރިފުޅަށް ފަސޭހަވާނެ އެވެ. ނުކެރިފައި ފަހެއްނުޖެހޭނެ އެވެ. މިހެން ވިސްނާށެވެ. ތިމާ އެ އަވައިގައި ޖެހުނީ، ތިމާ އަށް މައިންބަފައިން އެހެން ވިސްނައި ނުދިނީމަ އެވެ.

ދުންފަތަށް ދެވިހިފުމަކީ ކިހާ ބިރުވެރިކަމެއްކަން ދަންނާށެވެ. ބައެއް ކުދިން ހީކުރަނީ، ދުންފަތުގެ އިސްތިޢުމާލު ކުރަން ފެށިޔަސް، ބޭނުން އިރަކު ހުއްޓާލެވިދާނެ ކަމަށެވެ. އެކަމަކު، ބޮޑެތި މީހުންނެކޭ އެއްވަރަށް ޒުވާނުން ވެސް ''ނިކޮޓިން" އަށް ދެވިހިފަ އެވެ. މަދުމަދުން ބޭނުންކުރިޔަސް، ދާދި އަވަހަށް ސިނގެރޭޓްގެ އަޅަކަށް ދަރިފުޅު ވެގެންދެ އެވެ. އެ އަށްފަހު އެއިން ސަލާމަތްވާން ވަރަށް އުނދަގޫވާނެ އެވެ. އެމެރިކަން ލަންގް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ ސަތޭކަ ވަރަކަށް ސިނގެރޭޓް ބުއިމަށްފަހު، އެ ކަމުން ސަލާމަތްވާން ޒުވާނާ މަސައްކަތްކުރެ އެވެ. އެހެންނަމަ ވެސް ސަލާމަތެއްނުވެވެ އެވެ.
    
އަނެއް ކަމަކީ، މުސްތަޤުބަލު އަންދާޒާ ކުރުމެވެ. ގޯސްކޮށް ކަންތައް ވާނީ އެހެން މީހުންނަށް ކަމުގަ އާއި ތިމަންނަ އަށް އެހެން ނުވާނެކަމަށް ޒުވާނުން ވަރަށް ގިނައިން ހީކުރާނެ އެވެ. އެހެންނަމަވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރު މުސްތަޤުބަލުގައި ޖެހިދާނެ ކެންސަރ، ހާރޓް އެޓޭކް، ސްޓްރޯކް ފަދަ ބަލިތައް ދަރިފުޅަށް ހަނދާންކޮށްދޭށެވެ. ޅައިރު ނޭނގޭނެކަމާއި، އަލާމަތްތައް ފެންނަން ފަށާނީ ފަހުންކަމާއި، އެ ބަލީގެ ޝިކާރަ އަށް ވެފައިވާ މީހުންގެ ނަންތައް ވެސް ބުނާށެވެ. ޚާއްޞަކޮށް، މަޝްހޫރު މީސްމީހުންނަށް ދިމާވެފައިވާ ހިތާމަވެރި ގޮތްތައް ކިޔައިދޭށެވެ. އޭގައި، ތިމާގެ މީހުން، އެކުވެރިން، ދިވެހިންނާއި، ރާއްޖެއިން ބޭރު މީހުން ވެސް ހިމަނަންވާނެ އެވެ.
    
ސިނގެރޭޓްގެ ވާހަކަ ދައްކާފައި ހުއްޓާލުމުން ހީވާނީ ހުރިހާ ވެސް މައްސަލަ އަކީ، "ސިނގެރޭޓް" އެކަނި ކަމަށެވެ. ދުން ނާރާ ސިނގެރޭޓް، ބިޑި، ސުއްޓާ، ޕައިޕް، ދުން ގުޑުގުޑާގެ ވާހަކަ ވެސް ބުނާށެވެ. އެއީ ހައްތަހާ ވެސް ގެއްލުންހުރި އެއްޗިއްސެވެ. ޚާއްޞަކޮށް، ފެނުގެ ތެރޭގައި ހުންނަ ހޮޅިއެއް މެދުވެރިކޮށް ދުން އަންނަ ގުޑުގުޑާ އަކީ، ގެއްލުންނުވާ އެއްޗެއް ކަމުގައި ބައެއް ޒުވާނުންނަށް ހީވެފައި އޮވެ އެވެ. އެ ފަދަ ނުބައި މަޢުލޫމާތުން ދަރިފުޅު މޮޔަހެއްދުނަ ނުދޭށެވެ. އެ އެއްޗިހިން ހަށިގަނޑަށް އެތެރެވާ ނިކޮޓިން، ކާރބަން މޮނޯ އޮކްސައިޑް އަދި ތާރު ނިސްބަތުން މާ ގިނަ އެވެ. މީގެ އިތުރަށް، އަނގަ އަށް ދުންފަތް ލިޔަސް، ދުންފަތުން ލިބޭ ކިތަންމެ ގެއްލުމެއް ލިބޭނެ އެވެ.
    
އެންމެ ފަހުން ވިސްނާލަންވީ ކަމަކީ، ޢަމަލީގޮތުން ކަންކަމުގައި ބައިވެރިވުމެވެ. ދުންފަތާ ދެކޮޅަށް ކުރާ ކޮންމެ ހަނގުރާމައެއްގައި، މައިދާނަށް ނުކުމެ ހަނގުރާމަކުރާށެވެ. ދަރިފުޅުގެ ސްކޫލުގެ ފަރާތުން ނުވަތަ އެ ނޫން ވެސް، ދުންފަތާ ދެކޮޅަށް ހިންގާ އެކިއެކި ޚަރަކާތްތަކުގައި، ވީހާ ވެސް ބޮޑަކަށް ތިމާ ބައިވެރިވާށެވެ. އަދި ދަރިފުޅު ވެސް ބައިވެރިކުރާށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ކުރުމަށް ސަރުކާރުންނާއި އާންމުން ނެރޭ އަމުރުތަކަށް ތަރުހީބުދޭށެވެ. އެއްބާރުލާށެވެ.
    
ދަރިފުޅަކީ މިހާރު ދުންފަތުގެ އިސްތިޢުމާލުކުރާ ކުއްޖެއް ނަމަ، އޭނަ އަށް އިންޒާރުދީ، ހަޅޭއްލަވާ ނުހަދާށެވެ. އެކަމުން ސަލާމަތްވާން އެހީވާށެވެ. އެ ކަމުގެ ތެރެއަށް އޭނަ އަށް ވަދެވުނު ގޮތް ހޯދާށެވެ. ސަލާމަތްވާން ކުރެވޭނެ ކަންތައްތައް ބުނެދޭށެވެ. ދުންފަތުގެ އިސްތިޢުމާލުނުކުރާ އެކުވެރިންނާ އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް ބާރުއަޅާށެވެ. ވިސްނާށެވެ. ބޭނުމަކީ އަނިޔާދިނުމެއް ނޫނެވެ. އަނިޔާއިން ސަލާމަތް ކުރުމެވެ.
------------------------
(ނިމުނީ)


މި ލިޔުން؛

    ފޮނުވުން:    އަލްފާޟިލް  އިބްރާހީމް ވަޙީދު – ބިންމާ – (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:  ''           ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ