އަދުގެ ޚާއްސަ

Print

އަލްވާލީ ސަޢީދު ބުނު ޢާމިރު (رضي الله عنه)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޚާއްޞަ


ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ! ޢަޖައިބުވާވަރުގެ ޝަޚުޞިއްޔަތެކެވެ.


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

އަލްވާލީ ސަޢީދު ބުނު ޢާމިރު އިސްލާމްވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގެ ކުރިންނެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހުގައި ޚައިބަރު ހަނގުރާމައާއި އަދި އެނޫންވެސް އެހެނިހެން ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވި މަތިވެރި ޞަޙާބީން (رضي الله عنهم) ގެ ތެރެއިންނެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތު ދެކެވަޑައިގެންނެވުމުގެ ނަޞީބު ސަޢީދު ބުނު ޢާމިރަށް ލިބިވަޑައިގެންނެވި އެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި، ޝާމުގެ ރަށެއްކަމަށްވާ ޙިމްޞުގެ ވެރިއެއްގެގޮތުގައި ސަޢީދު ބުނު ޢާމިރު ހަމަޖެއްސެވިއެވެ. އެކަލޭގެފާނުގެ ވެރިކަމުގައި ދުވަސްތަކެއް ފާއިތުވުމަށްފަހު އެއްދުވަހަކު ޙިމްޞުގެ ވަފުދެއް އަމީރުލްމުއުމިނީންގެ އަރިހަށް އަތުވެއްޖެއެވެ. އެ ވަފުދުގެ މީހުންނަށް އަމީރުލްމުއުމިނީން ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ރަށުގައިތިބި ފަޤީރުންގެ ނަންތައް ލިޔާށެވެ! ތިމަންކަލޭގެފާނު އެމީހުންނަށް މުސްލިމުންގެ މުދަލުން ދެއްވާހުށީމެވެ." މިހެން ވިދާޅުވުމުން އެ ވަފުދުގެ މީހުން އެބައިމީހުންގެ ރަށުގައި ތިބި ފަޤީރުންގެ ނަންތައް ލިޔުނެވެ. އަދި އެ ނަންތަކުގެތެރޭގައި ސަޢީދު ބުނު ޢާމިރުގެ ނަންފުޅުވެސް ހިމެނެއެވެ. ޢުމަރުގެފާނު އެމީހުންނާއި ސުވާލުކުރެއްވިއެވެ. "މިއީ ކޮން ސަޢީދު ބުނު ޢާމިރެއްހެއްޔެވެ؟" އެމީހުން ދެންނެވިއެވެ. "އެއީ ތިމަންމެންގެ އަމީރެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ އަމީރަކީ ފަޤީރެއްހެއްޔެވެ؟" އެމީހުން ދެންނެވި އެވެ. "އާދޭހެވެ. ﷲ ގަންދީ ދަންނަވަމެވެ. އެކަލޭގެފާނުގެ ގެކޮޅުގައި އެއްޗެއް ނުކައްކަވައި އެތައް ދުވަހެއް ދެ އެވެ." އެ ހިނދު ޢުމަރުގެފާނު ކީރިތި ކުރައްވައި، އެއްހާސް ދީނާރު ކޮތަޅަކަށް އަޅުއްވައި އެމީހުންގެ އަތަށް ދެއްވި އެވެ. އަދި ސަޢީދު ބުނު ޢާމިރުގެ ދިރިއުޅުއްވުމުގެ ކަންކަމަށް ބޭނުންކުރެއްވުމަށް އެ ފައިސާ އެކަލޭގެފާނަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ޙިމްޞުގެ ވަފުދު އެނބުރި ރަށަށް އައިސް ޢުމަރުގެފާނު ދެއްވި ފައިސާ ކޮތަޅު ސަޢީދު ބުނު ޢާމިރު އަތްޕުޅަށް އެރުއްވިއެވެ. އެހިނދު އެކަލޭގެފާނު ((إنّالله وإنّاإليه راجعون))  އެވެ ވިދާޅުވިއެވެ. އެކަލޭގެފާނަށް ބޮޑު މުޞީބާތެއް ކުރިމަތިވެވަޑައިގެންނެވިފަދައެވެ. އެވަގުތު އެކަލޭގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. "ވީ ކީއްތޯއެވެ؟ އަމީރުލް މުއުމިނީން އަވަހާރަވީތޯއެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އެއަށްވުރެ ބޮޑުކަމެކެވެ. ތިމަންކަލޭގެފާނުގެ އާޚިރަތް ފަސާދަކުރުމަށްޓަކައި ދުނިޔެ ތިމަންކަލޭގެފާނުގެ އަރިހަށް އައީއެވެ." އެކަމަނާ ވިދާޅުވިއެވެ. "ތިޔަކަން ދޫކޮށްލައްވާށެވެ!" އޭރު އަދި ވެގެންއުޅޭގޮތެއް އެކަމަނާއަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކަމަނާ މިކަމުގައި ތިމަންކަލޭގެފާނަށް އެހީތެރިވެވަޑައިގަންނަވާނަންހެއްޔެވެ؟" އެކަމަނާ އާދޭހޭ ދެންނެވިއެވެ. އެއަށްފަހު އެ ދީނާރުތައް ފަޤީރުންނަށް ބައްސަވާލެއްވިއެވެ.

މި ޙާދިޘާ ހިނގައިދިޔަތާ ދުވަސްކޮޅެއްފަހުން، ޙިމްޞުގެ އަހުލުވެރިންގެ ޙާލު ދެކެވަޑައިގެންނެވުމަށްޓަކައި ޢުމަރުގެފާނު އެރަށަށް ވަޑައިގެންނެވިއެވެ. އަދި އެބައިމީހުންގެ އަމީރު ސަޢީދު ބުނު ޢާމިރާއިބެހޭގޮތުން އެކަލޭގެފާނު އެމީހުންނާއި ސުވާލުކުރެއްވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ތަޢުރީފުކޮށް ވާހަކަދެއްކިއެވެ. އެހެންނަމަވެސް އެކަލޭގެފާނާއިމެދު އެބައިމީހުން ނުރުހޭ ތިންކަމަކާއިބެހޭގޮތުން އެބައިމީހުން ޢުމަރުގެފާނުގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. މިބައިމީހުންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ޢުމަރުގެފާނު ސަޢީދު ބުނު ޢާމިރު އެބައިމީހުންގެ ގާތަށް ޙާޟިރުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ އަމީރާމެދު ތިޔަބައިމީހުން ޝަކުވާކުރަނީ ކޮންކަމަކާހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ދުވާލުގެ ތަންކޮޅެއް ފަސްވާފަހުންމެނުވީ އެކަލޭގެފާނު ތިމަންމެންގެ ގާތަށް ނިކުމެވަޑައެއްނުގަންނަވައެވެ." ޢުމަރުގެފާނު ސަޢީދުގެ އަރިހުން ޖަވާބަކަށް އެދިވަޑައިގެންނެވިއެވެ. ސަޢީދު ވިދާޅުވިއެވެ. "ﷲ ގަންދީ ވިދާޅުވަމެވެ. އެވާހަކަ ދަންނަވަން ތިމަންކަލޭގެފާނު ނުރުހުންވެވަޑައިގަންނަވަމެވެ." އެއަށްފަހު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް ޚާދިމަކުނުވެއެވެ. އެހެންކަމުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ އަހުލުންނާއެކު (ހެނދުނުގެ ފަރިއްކޮޅަށް) ރޮށި ފިއްސެވުމުގައި ބައިވެރިވަޑައިގަންނަވަމެވެ. އެކަމުން އަވަދިވެވަޑައިގެން ވުޟޫކުރައްވައި (ޟުޙާނަމާދު ކުރައްވައިގެން) މީސްތަކުންގެ ގާތަށް ނިކުމެވަޑައިގަންނަވަމެވެ."

ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ދެވަނަ ޝަކުވާއަކީ ކޮބައިހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "އެކަލޭގެފާނު ރޭގަނޑުގައި ތިމަންމެންނަކަށް ޖަވާބެއްނުދެއްވަވައެވެ." (އެބަހީ: ރޭގަނޑުގައި އެކަލޭގެފާނު މީސްތަކުންގެ ކަންތައްތައް ކޮށްދެއްވުމުގައި ވަގުތު ހޭދައެއްނުކުރައްވައެވެ.) ސަޢީދު ވިދާޅުވިއެވެ. "ﷲ ގަންދީ ވިދާޅުވަމެވެ. އެވާހަކައިން ޚަބަރުކުރެއްވުމަށްވެސް ތިމަންކަލޭގެފާނު ނުހަނު ނުރުހުންވެވަޑައިގަންނަވަމެވެ. ހަމަކަށަވަރުން ދުވާލުގެ ވަގުތުތައް ތިމަންކަލޭގެފާނު އެބައިމީހުންނަށްޓަކައި ހޭދަކުރައްވަމެވެ. އަދި ރޭނގަނޑުގެ ވަގުތު ﷲ އަށްޓަކައި ހޭދަކުރައްވަމެވެ."

ޢުމަރުގެފާނު ވިދާޅުވިއެވެ. "އެކަލޭގެފާނާއިމެދު ތިޔަބައިމީހުންގެ ދެން އޮތް ޝަކުވާއަކީ ކޮބައިހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ކޮންމެ މައްސަރެއްގައިވެސް އެކަލޭގެފާނު އެއްގޮތަކަށްވެސް މީސްތަކުންނާއި ބައްދަލުނުރައްވާ އެއްދުވަސްވެއެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. "އޭ ސަޢީދުއެވެ. އެކަމާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟" ސަޢީދު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުންގެ ހެދުންކޮޅު ދޮވެދެއްވާނޭ ޚާދިމަކު ތިމަންކަލޭގެފާނަކަށްނުވެއެވެ. އަދި ތިމަންކަލޭގެފާނު ތުރުކުރައްވައިގެން މިހުންނެވި ހެދުންކޮޅުފިޔަވައި އެހެން ހެދުންކޮޅެއް ތިމަންކަލޭގެފާނަކަށްނުވެއެވެ. (އެބަހީ: އެކަލޭގެފާނު ގެންގުޅުއްވަނީ އެންމެ ހެދުންކޮޅެކެވެ.) ތިމަންކަލޭގެފާނު މީސްތަކުންގެތެރެއަށް ނިކުމެވަޑައިނުގަންވާ ދުވަހު އެ ހެދުންކޮޅު ދޮންނަވަމެވެ. އަދި އެ ހެދުންކޮޅު ހިކެންދެން މަޑުކުރެއްވުމަށްފަހު އެދުވަހުގެ ހަވީރުގެ ވަގުތުގައި މީސްތަކުންގެ ގާތަށް ނިކުމެވަޑައިގަންނަވަމެވެ." އެހިނދުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނާއިމެދު ތިމަންކަލޭގެފާނުންގެ ހީފުޅުކުރެއްވުން ގޯސްގޮތަކަށް ބަދަލުނުރެއްވި ﷲ އަށް ޙަމްދު ހުއްޓެވެ."

ސަޢީދު ބުނު ޢާމިރު އެކަލޭގެފާނުންގެ މުސާރަކޮޅުން ފަޤީރުންނަށާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް ހޭދަކުރެއްވިއެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ތަޤުވާވެރި ދީންވެރި ޒާހިދު ބޭފުޅެއްކަމުގައެވެ. މާތް ﷲ އެކަލޭގެފާނަށާއި އެންމެހައި އަޞްޙާބުންނަށް ރަޙުމަތްލައްވާށިއެވެ.

މުއުމިނުތަކުންނަށް ނަމޫނާއެއްކަމުގައިވެވަޑައިގެންނެވި ސަޢީދު ބުނު ޢާމިރުގެ ވާހަކަ ވިދާޅުވުމަށްފަހު މާތް ﷲ ގެ މިބަސްފުޅާމެދުވެސް ވިސްނަވާލެއްވުން ކީއްތޯއެވެ؟ އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((إِنَّمَا الحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَإِن تُؤْمِنُوا وَتَتَّقُوا يُؤْتِكُمْ أُجُورَكُمْ وَلاَ يَسْأَلْكُمْ أَمْوَالَكُمْ))(ސޫރަތު މުޙައްމަދު: 36) މާނައީ: "ދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައެވެ. އަދި ތިޔަބައިމީހުން އީމާންވެ، ތަޤުވާވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންގެ ދަރުމަ، ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މުދާތަކަކަށް އެދިވޮޑިއެއްނުގަންނަވަތެވެ."
----------------
(ނިމުނީ)

މި ލިޔުން؛

    ފޮނުވުން:   އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ''        ''



ހަމަމިގަލަމުން

އިދާރާ

ވާހަކަ