އަދުގެ ޚާއްސަ

Print

ސައިބަރު ހަނގުރާމަ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


މައިތިރި އޭ މިކިޔާ އެއްޗެހި ވަނީ މިހާތަނަށް އައި އިރު މުޅިން ނާކާމިޔާބު ވެފަ އެވެ.


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (2010)

ހަނގުރާމައިގެ މައިދާންތަކެއްކަމުގައި ކަނޑާއި އެއްގަމާއި ޖައްވާއި ހަވާ ވެފައިވާ ފަދައިން،  އިންޓަރނެޓްގެ މައިދާން ވެސް ހަނގުރާމައިގެ މައިދާނަކަށް ވެގެންހިނގައްޖެ އެވެ. 21ވަނަސައްތާގައި ހިނގާނެކަމަށް ލަފާކުރެވޭ ހަނގުރާމަތަކުގެ އެންމެ ޚާއްޞަ ސިފައަކަށް ނުވަތަ މަލައަކަށް ވާނީ އިލެކްޓްރޯނިކް (ނުވަތަ ސައިބަރު) ހަނގުރާމަ އެވެ.
އިންޓަރނެޓްގެ ނުވަތަ ވެބްސައިޓްގެ ހަނގުރާމަތަކުގެ ނުރައްކާތެރިކަން ފޮރުވިފައިވަނީ މި އަދުގެ ދުނިޔެ ސައިބަރުހަވާ (ނުވަތަ Cyberspace) ގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ދައުލަތްތަކުގެ މަޢުލޫމާތީ ވިޔުގަތައް އޭގެ މައްޗަށް ބަރޯސާވެފައިވާތީ އެވެ. އިންޓަރނެޓް މެދުވެރިކޮށް ދެވޭ ކުދިކުދި ޙަމަލާތަކުގެ ވާހަކަތައް  ދޭތެރެ ދޭތެރެއިން ދަނީ އަޑު އިވެމުންނެވެ. ވައިރަސްތަކެއް ފޮނުވައިގެން އިންޓަރނެޓް ވިޔުގައެއް ހަލާކުކޮށްލެވޭ ވާހަކަތަކާއި ވައިރަހެއް ވަދެ ކޮމްޕިޔުޓަރުތައް ހަލާކުކޮށްލާ ވާހަކަތަކެވެ. އެންމެފަހުން ފެތުރިގެން ދިޔަ ޚަބަރުތަކުގެ ތެރޭގައި ވިކިލީކްސްގެ ވާހަކަތަކާއި، މި އިދާރާގެ ވެރިޔާ ހައްޔަރުކުރުމުން ވީޒާ ޚިދްމަތަށް ދެވުނު  ޙަމަލާގެ ވާހަކަ ހިމެނ ެއެވެ. ވިކިލީކްސް އިން ބޭޒާރުކޮށްލި ސިއްރުތަކުގެ ސަބަބުން މުޅިދުނިޔޭގެ ސިޔާސީ މަސްރަޙަށް ލިބުނު ހާސްކަމުގެ ވާހަކަތަކަކީ އަދި ވެސް އުދަރެހުން ފިލައިގެން ނުގޮސްހުރި "ބިރުވެރި، ނާމާން" ޚަބަރުތަކެކެވެ. މި ކަމުގެ ސަބަބުން ބައެއް ޤައުމުތަކުގެ މެދުގައި ސިޔާސީ އަރާރުންތަކެއް ވެސް ވަނީ އުފެދިފަ އެވެ. މީގެ މާނައަކީ، ޤައުމުތަކުގެ މެދުގައި ކުރިމަގުގައި ހިނގާފާނެ އަރާރުންތަކުގައި ސައިބަރުވިޔުގަތައް ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށްޓަކައި ތަރައްޤީ ކުރެވިދާނެ އެވެ.

ސައިބަރުހަނގުރާމަތައް ވަރަށް ހަނިދާއިރާއެއްގައި މިހާރު ހިނގަމުންދިޔަ ނަމަވެސް ކުރިމަގުގައި މި ހަނގުރާމަތައް ހިނގަމުންދާނެގޮތުގެ ތަޞައްވުރު އަދި ވަނީ ގިނަބަޔަކަށް ނުކުރެވި އެވެ.

ސައިބަރު ހަނގުރާމައިގެ މަފްހޫމު


ސައިބަރުހަނގުރާމައަކީ ކޮބައިކަން ކިޔާދިނުމުގެ މަސްއަލާގައި، ނުވަތަ އޭގެ ތަޢުރީފާ ބެހޭގޮތުން އަދި މާބޮޑު އެއްބަސްވުމެއް ނެތެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި އެއީ ދައުލަތަކުން އެހެން ދައުލަތެއްގެ ކޮމްޕިޔުޓަރު ތަކާއި އޭގެ ވިޔުގަތަކަށް ވަދެ އޭއްޗެއްސަށް ގެއްލުންދިނުމަށްޓަކައި  ނުވަތަ އޭއްޗެހީގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި  ކުރާ މަސައްކަތްތަކެވެ.
   
އެކަމަކު އަނެއްބައިބޭފުޅުން ވިދާޅުވާގޮތުގައި އެއީ ސައިބަރު ހަވާގެ ތެރޭގައި ބައިނަލްއަޤްވާމީ ސިފައެއްގައި ހިގާ އަރާރުންތަކެވެ.
- ސައިބަރު ފޭރުން: މިއީ ސައިބަރު ހަވާގެ އަރާރުމުގެ ފުރަތަމަ ފެންވަރެވެ. މި ފަދަ އަރާރުންތަކުގެ ތެރޭގައި ވެބް ސައިޓްތައް  ހެކްކުރުން ހިމެނެ އެވެ. މިކަންތައް ކުރަނީ ސަރވަރ އަށް ނުކުޅަދާނަ މިންވަރަށް ބަޔާންތައް އަޅައި އެ ޣަރަޤުކޮށްފައްތާލައިގެންނެވެ. އަދި ބައެއް ފަހަރަށް ވެބްސައިޓްގެ ބައެއް މަޢުލޫމާތުތައް އުނިކޮށް ނުވަތަ އިތުރުކޮށް ނުވަތަ ޚަރާބުކޮށްލައިގެންނެވެ.

- ސައިބަރު ޖަރީމާ އާއި ސައިބަރު ޖާސޫސު: މިއީ ދެވަނަ ފެންވަރާއި ތިންވަނަ ފެންވަރެވެ. މި ފަދަ ކަންތައްތަކުގައި ގިނަފަހަރަށް  ޙަމަލާދެވޭނީ ޢާއްމު ކުންފުނިތަކަށާއި މުއައްސަސާތަކަށެވެ. ބައެއް ނާދިރު ހާލަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކަށް ވެސް ޙަމަލާއެއް ދީފާނެ އެވެ.

- ސައިބަރު ޓެރަރިޒަމް: މިއީ ސައިބަރު ހަނގުރާމައިގެ ހަތަރުވަނަ ފެންވަރެވެ. މިއީ ކޮމްޕިޔުޓަރުވިޔުގަތަކަށާއި މަޢުލޫމާތުތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަނަށް ދޭ ޣައިރުޤާނޫނީ ޙަމަލާތަކެވެ. މި ފަދަ ޙަމަލާތައް ދޭނީ  ސަރުކާރުތަކާ ގުޅުމެއް ނެތް ޖަމާޢަތަކުންނެވެ.

- ސައިބަރު ހަނގުރާމަ: މިއީ ސައިބަރު ހަނގުރާމައިގެ އެންމެ ނުރައްކާތެރި ފެންވަރެވެ. މިއީ މަޢުލޫމާތީ ހަނގުރާމައިގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ހަމަލާގެ ބޭނުމަކީ އަމާޒުކުރެވޭ ފަރާތަށް ލިބިފައިވާ ޤަރާރު ކަނޑައެޅުމުގެ ނުވަތަ ފިޔަވަޅު އެޅުމުގެ ބާރު ކަނޑުވައިލުމެވެ. އަދި އެފަރާތުގެ ސިޔާސީ ވިސްނުމަށް އަސަރުފޯރުވުމެވެ. މީގެ އިތުރަށް މިއީ އިލެކްޓްރޯނިކް މައިދާނުގައި ޢަސްކަރީ ޒަޢާމަތަށް ނުވަތަ މަދަނީ ޒަޢާމަތަށް އަސަރުފޯރުވުމަށްޓަކައި ދެވިދާނެ ޙަމަލާއެކެވެ.

ސައިބަރު ހަނގުރާމާގައި މި ދަންނަވާ ޚާޞިއްޔަތު ތައް ހިމެނޭތީ ކުރިމަގުގައި މި ބާވަތުގެ ހަނގުރާމައަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވޭނެކަމަށް ފެނެ އެވެ.

1-    ސައިބަރު ހަނގުރާމައެއް ކުރުމަށް ބޭނުންވާ ޚަރަދު ކުޑަކަން: މި ފަދަ ޙަމަލާއެއް ދިނުމަށްޓަކައި ހަނގުރާމަމަތީ މަތިންދާބޯޓުފަހަރާއި މަތިންދާ ބޯޓު އުފުލާ އުޅަނދުފަހަރާއި އަގު ބޮޑު ބަރު ހަތިޔާރު އުފައްދާކަށް ނުޖެހޭނެ އެވެ.
 
2-    އިސްވެ ޙަމަލަދޭ ފަރާތަށް ލިބިފައިވާ އިމްތިޔާޒުތައް ބޮޑުވުން:
މި ހަނގުރާމައަކީ ވަރަށް ދުވެލި އަވަސް، ވިލުންތެރިކަން ބޮޑު، އުކުޅުތައް ގިނަ، ހަނގުރާމައެކެވެ. ހަމަލާ ދެވޭ ފަރާތަށް ދިފާޢުވުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ވަރަށް ކުޑަ އެވެ. ދިފާޢުވުމަށް ފިޔަވަޅުއެޅިވަރަކަށް  އިތުރު ފިއްތުންތަކާ ކުރިމަތިލާންޖެހޭނެ އެވެ.

3-   މައިތިރި: މައިތިރި އޭ މިކިޔާ އެއްޗެހި ވަނީ މިހާތަނަށް އައި އިރު މުޅިން ނާކާމިޔާބު ވެފަ އެވެ. ފިނިހަނގުރާމައިގެ މަފްހޫމުގައި ވެސް މައިތިރިވަނީ ނާކާމިޔާބު ވެފަ އެވެ. ސައިބަރު ހަނގުރާމާގައި  ބަދަލުހިފުމާއި އަދަބުދިނުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އާދައިގެ ހަނގުރާމަތަކުގައި ޙަމަލާދިން މިސައިލް އައީ ކޮންތަނަކުން ކަން  އެނގޭތީ ރައްދުޙަމަލާ ވަރަށް ފަސޭހައިން ދެވިދާނެ އެވެ. ނަމަވެސް ސައިބަރު ޙަމަލާތައް އައި ދިމާއެއް ކަނޑައެޅުމަކީ ވަރަށް ދަތި ވާނެ އަދި ވަރަށް ބުރަވާނެ ކަމެކެވެ. ބައެއް ފަހަރަށް އެ ޙަމަލާ ދިންފަރާތެއް އެނގޭނީ ދެތިން މަސް ފަހުންނެވެ. އޭރު އޮންނާނީ ބަދަލުހިފުމުގެ ރޫޙު  މަރުވެފަ އެވެ. އެ ޙަމަލާ އައި ތަނެއް އެނގުނުކަމުގައި ވިޔަސް ގިނަފަހަރަށް އެ ޙަމަލާ ދިނީ ކޮންބޭހަކުން ކަމެއް އޮންނާނީ ނޭނގިފަ އެވެ.
 
4-    ސައިބަރު ހަނގުރާމައިގެ ލަނޑުދަނޑިތައް ތަނަވަސްވުން: މި ހަނގުރާމައިގެ ހަމައެކަނި ލަނޑުދަނޑިއަކީ ޢަސްކަރީ އަމާޒުތަކެއްނޫނެވެ. މީގެ އިތުރަށް ޤައުމުގެ މަދަނީ އަދި ޙައްސާސީ ވަތުއޮނިގަނޑުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ކަރަންޓާއި ހަކަތައިގެ ވިޔުގަތަކާއި ދަތުރުފަތުރުގެ މަގުތަކާއި މާލީ ނިޒާމާއި ފެނާއި ތެލުގެ ނުވަތަ ޞިނާޢީ މުއައްސަސާތަކަށް  ވައިރަހެއްގެ ޛަރީޢާއިން ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާތީ މި އަދު މި ކަންތައްތައް ޙަޤީޤަތަކަށް ވަމުންދާ ތަން ފެނެ އެވެ. އަދި ބައެއް ޤައުމުތަކުގެ ސިޔާސީ ބޭފުޅުން ހައްޔަރުކުރުމަށްޓަކައި ވެސް މި ވަސީލަތުގެ ބޭނުންދަނީ ކުރަމުންނެވެ. ތުރްކީ ވިލާތުގައި ޣައިރުޤާނޫނީ ކޮށްފައިވާ ޕީކޭކޭ ޖަމާޢަތުގެ ޒަޢީމު އެފްރިކާގެ ޤައުމެއްގައި އުޅުއްވަނިކޮށް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ޖާސޫސީ އިދާރާ އިން  ދިން މަޢުލޫމަތުތަކަކުންނެވެ. މި މަޢުލޫމާތުތައް ހޯދައިފާ ވަނީ މޯބައިލް ކޯލަކުންނެވެ.


-    2009 ވަނައަހަރު ގެ ޑިސެމްބަރު މަހު ދެކުނުކޮރެއާގެ ސަރުކާރުން ހާމަކުރިގޮތުގައި  އުތުރުކޮރެއާގެ  ފޭރޭބަޔަކު އެ ޤައުމުގެ  ދިފާޢީ ސިއްރުމަޢުލޫމާތު ތަކެއް ވަގަށްނަގަން މަސައްކަތްކޮށްފައިވެ އެވެ. މިއީ ކޮރެއާ ޕެނިންސުލާގައި ހަނގުރާމައެއް ފެށިއްޖެ ނަމަ އެމެރިކާ އާއި ދެކުނުކޮރެއާ  ޙަރަކާތްތެރިވާނެ ގޮތާބެހޭގޮތުން އެއްބަސްވެފައިވާ އެއްބަސްވުންތަކާ ބެހޭ މަޢުލޫމާތެވެ.
-    2010ވަނައަހަރުގެ ޖުލައިމަހުގެ ތެރޭގައި ޗައިނާ އާއި ރަޝިއާ އިން އޮޅުންބޮޅުންކަން ވަރަށް ބޮޑު  ޙަމަލާއެއް ޖަރުމަނަށް ދިންކަމަށް ތުހުމަތުކުރި އެވެ. މި ޙަމަލާގެ އަމާޒަކީ އެ ޤައުމުގެ ޞިނާޢީ ދާއިރާތަކާއި ވަތުއޮނިގަޑެވެ. އޭގެ ތެރޭގައި ދައުލަތުގެ ކަރަންޓް ވިޔުގަ ހިމެނެ އެވެ.

-    ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 2007ވަނައަހަރު އެސްޓޯނިއާ އަށް  ދެވުނު ސައިބަރު ޙަމަލާއަކީ އެ ޤައުމުގެ ސަރުކާރުގެ އިލެކްޓްރޯނިކް ތަންތަނާއި ވިޔަފާރިއާއި ބޭންކްތަކާއި މީޑިއާ ހަލާކުކޮށްލުމަށް ނުވަތަ އެތަންތާނގެ މަސައްކަތްތައް ހުއްޓުވާލުމަށް ދެވުނު ޙަމަލައެކެވެ. މިއީ މި ބާވަތުގެ ފުރަތަމަ ޙަމަލާކަމަށް ފާހަގަކުރެވެ އެވެ. މި ޙަމަލާ ދެވިފައިވަނީ އެސްޓޯނިއާ އާއ ރަޝިއާ އާ ދެމެދުގައި އުފެދުނު ދެބަސްވުންތަކާ ވިދިގެން ކަމަށްވާތީ މިއީ މޮސްކޯ ގެ އަތެއް އޮތްކަމެއްކަމަށް ޝައްކުކުރެވުނެވެ. ނަމަވެސް އެއްވެސްމީހަކަށް މި ޙަމަލާ އައި ތަނެއް އަދި އެ ކަންކުރި މީހެއް ވަނީ ބުނަން ނޭނގިފަ އެވެ.

ސައިބަރު ލަޝްކަރެއް ބިނާކުރުމުގެ މަސައްކަތް


    މި މަސައްކަތް ދަންނަ މަދު މީސްކޮޅަކަށް ވެސް މި ފަދަ ކަމެއްކުރެވިދާނެ އެވެ. ނަމަވެސް އެފަދަ ޖަމާޢަތަކުންކުރާ ކަމަކާ ސައިބަރު ހަނގުރާމައަކާ ވަރަށް ތަފާތުވާނެ އެވެ. ކުރިންވެސް ދެންނެވި ފަދައިން ސައިބަރު ހަނގުރާމައިގެ މައިދާނަކީ ވަރަށް ތަނަވަސް މައިދާނެކެވެ. މި މައިދާނުގައި ބޭނުންކުރާ ޤާބިލުކަން ތަރައްޤީ ކުރުމަށްޓަކައި  ބޮޑުހޭދައެއް ކުރަންޖެހޭނ ެއެވެ. އަދި ތަފާތު ޕްރޮގްރާމްތައް އުފެއްދުމަށާއި ސައިބަރު ހަތިޔާރުތައް އުފެއްދުމަށްޓަކައި ބޮޑެތިއިންވެސްޓްތަކެއް ކުރަން ޖެހޭނެ އެވެ.
   
މި ހަނގުރާމައިގެ ބޭނުންތެރިކަން ދަނެގެން ޗައިނާއާއި، ރަޝިއާ އާއި އެމެރިކާއާއި، ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި، އިސްރާއީލު ފަދަ ޤައުމުތަކުން ދަނީ މި ކަމަށް ބޮޑެތިހޭދަތައްކުރަމުންނެވެ. ބޭނުންވާ މީހުން އުފައްދަމުންނެވެ. ތަމްރީނުދެމުންނެވެ. މި ޤައުމުތަކަށް ފަހު އެއްހަރުފަތްގަނޑު ތިރީގައި އިންޑިއާ އާއި، ޕާކިސްތާނާއި، އީރާނާއި، އުތުރު ކޮރެއާ އިން ވެސް ހަނުހިމޭނުންލައިގެން އޮވެ ދަނީ މަސައްކަތްކުރަމުންނެވެ. ކުރިމަގަށް ބޭނުންވާނެ ސައިބަރު ލަޝްކަރެއް ބިނާކުރުމަށްޓަކައި ސައިބަރުގެ ރޮނގުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.
   
ސައިބަރު ހަވާގައި ކުރެވޭ މި ފަދަ ހަނގުރާމަތަކާ ބެހޭގޮތުން އަދި އެއްވެސް ޤާނޫނެއް ނެތެވެ. ބޭނުންކުރުން މަނާ އެއްވެސް ހަތިޔާރެއް އަދިކަނޑައެޅިފައެއް ނެތެވެ. ޙަމަލާދެވޭނެ ތަންތަނާއި ނުދެވޭނެ ތަންތަން ކަނޑައަޅާނެ ޤަވާޢިދެއް ވެސް ނެތެވެ.
   
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި  ޖަރުމަނުގައި މ ިކަމަށް ބޭނުންވާ ޤާބިލުކަން އެބަހުއްޓެވެ. އަދި މި ފަަދަބާރުތައް ތަރައްޤީކުރުމުގެ ޤާބިލުކަމާއި ތަނަވަސްކަން ވެސް ޖަރުމަނުގައި އެބަހުއްޓެވެ. ނަމަވެސް  ޖަރުމަނުގެ ދެ އަތަކީ ކޮންމެ ވެސް ވަރަކަށް ބަނދެފައިވާ ދެ އަތެެވެ. މިއާ ޚިލާފަށް  ރަޝިއާ އާއި ޗައިނާއަކީ މި ކަމުގައި އެއްވެސް ހިފެހެއްޓުމެއްނެތި ކުރިއަށްދާ ދެ ޤައުމެވެ. މިހާތަނަށް ދެވިފައިވާ ހުރިހާ ޙަމަލާތަކެއްގެ ބުޑަކީ އެ ދެޤައުމުކަމަށް ހުޅަނގުން ތުހުމަތު ކުރެ އެވެ. ޗައިނާ އިން 2007ވަނައަހަރު އެމެރިކާގެ ޕެންޓަގަން ތެރެއަށް ވަދެގަންނަން މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާ އިން ތުހުމަތުކުރެ އެވެ.

ސައިބަރު ހަނގުރާމައަށް ތައްޔާރުވަމުންދާ ގޮތް


* ސައިބަރުމައިދާނުގައި ޙަމަލާދިނުމުގެ ޤާބިލުކަން ތަރައްޤީކުރުމަށް އެންމެބޮޑަށް މަސައްކަތްކުރާ ޤައުމަކީ ޗައިނާކަމަށް  ބެލެވެ އެވެ. އެ ޤައުމުގެ ޢަސްކަރީ ޢަޤީދާގެ ތެރޭގައި ޢަސްކަރީ ކަންތައްތަކަށް އިންޤިލާބެއް ގެނައުން ހިމެނެ އެވެ. ޗައިނާއިން 2006ވަނައަހަރު ތައްޔާރުކޮށްފައިވާ "ޗައިނާގެ ހުދު ކަރުދާސް"  ބުނާގޮތުގައި  ޒަމާނީ ލަޝްކަރެއް ބިނާކުރުމުގެ އަސާސީ ލަނޑުދަނޑިއަކީ  އެކާވީސްވަނަ ސައްތައިގެ މެދުތެރެއަށް ދާއިރު މަޢުލޫމާތުގެ ހަނގުރާމަގައި ޗައިނާ މޮޅުވާވަރު ކުރުމެވެ. 2009 ވަނައަހަރުގެ ކަރުދާހުގައި މި ކަން ކަށަވަރުކޮށްދީފައިވެ އެވެ. ޢަސްކަރީ މައިދާނުގައި އެމެރިކާ އާއި ރަޝިއާ އާ އެއް އުސްމިނަކަށް ޗައިނާއަށް ނުދެވޭނެތީ، ޗައިނާ އިން މަސައްކަތްކުރަނީ ސައިބަރު މައިދާން ތަރައްޤީ ކޮށްގެން އެ އުސްމިން ފޫބެއްދުމަށެވެ. ދުޝްމަނުންގެ ބަލިފައިތައް ހޯދުމަށްޓަކައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރެވިދާނެކަމަށް ޗައިނާ ދެކެ އެވެ. ޢަސްކަރީ ބާރުތައް ވަރުގަދަކުރުމަށް ބޭނުންވާ ވަގުތުގެ ތެރޭގައި ސައިބަރު މައިދާން ތަރައްޤީކޮށް ކުރިއަރުވައިގެން ހުސްކަން ފޫބެއްދިދާނެ އެވެ.

* ރަޝިއާ އަކީ ޗައިނާ ފަދައިން ސައިބަރުހަނގުރާމައިގެ ޤާބިލުކަން ތަރައްޤީ ކުރަމުންދާ ޤައުމެކެވެ. ސޮވިއެޓް ޔުނިއަން  ހަލާކުވެގެން ދިޔުމާ ވިދިގެން އެމެރިކާ އާއި ނޭޓޯއާ  ކުރިމަތިލުމަށްޓަކައި، ރަޝިއާ އިން ދަނީ ޚަރަދުކުޑަ، ތާސީރު ވަރުގަދަ ވަސީލަތްތައް ތަރައްޤީކުރަމުންނެވެ. ރަޝިއާ ދެކޭގޮތުގައި އިލެކްޓްރޯނިކް ހަތިޔާރަކީ، ނޭޓޯ އާއި ވޮޝިންގްޓަނާ ކުރިމަތިލުމަށްޓަކައި ތަރައްޤީކުރަން ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ.


*    2009 ވަނައަހަރު އިނގިރޭސިވިލާތުން ވަނީ އިލެކްޓްރޯނިކް ޤައުމީ އަމްނާބެހޭ ސްޓްރެޓެޖީ އެއް ކަނޑައަޅައިފަ އެވެ.

*    އެމެރިކާ: ސައިބަރު ހަނގުރާމައަށް ބަލާ އިރު މި މައިދާނުގައި އެންމެ ކުރީގައިވާ ޤައުމަކީ އެމެރިކާ އެވެ. އެމެރިކާ އިން ދަނީ  މި މައިދާނުގެ  ތަފާތު އުދަރެސްތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެމެރިކާއަކީ އެ ޤައުމުގެ މަދަނީ އަދި ޢަސްކަރީ ތަފާތު އިދާރާތަކާއި މުއައްސަސާތަކުގައި އިންޓަރނެޓަށާއި ވެބްސައިޓްތަކުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެކެވެ. އެހެންކަމުން އެހެންޤައުމުތަކާ އަޅައި ބަލާއިރު އެމެރިކާއިން ސައިބަރުހަނގުރާމައަށް ދޭ ސަމާލުކަން މާބޮޑުކަމަށް ފާހަގަކުރެވެ އެވެ. 2009 ވަނައަހަރުގެ މޭ މަހުގައި  ވައިޓްހައުސުން ސައިބަރު ހަވާ އާ ބެހޭ ސިޔާސަތު ވަނީ މުރާޖަޢާކޮށްފަ އެވެ. މިއީ ރައީސް އޮބާމާ އެކުލަވައިލެއްވި ޚާއްޞަ ކޮމެޓީއަކުން ތައްޔާރުކުރި ރަސްމީ ލިޔުމެކެވެ. މި ލިޔުމުގައި އިސްކަންދީފައިވަނީ ސައިބަރު އަމްނާ ބެހޭގޮތުން އެމެރިކާއިން އަޅަންވީ ފިޔަވަޅުތަކަށާއި ކުރަންޖެހޭ ކަންތައްތަކަށެވެ. ރައީސް އޮބާމާ މިހާރުވަނީ މި ލިޔުން ތަޞްދީޤު ކުރައްވައިފަ އެވެ. މި ދިޔަ އެޕްރިލްމަހު ގެ 26 ގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން  ސައިބަރު ޙަމަލަތަކާ ބެހޭ އިސްނެގުމެއް ވަނީ  ތައްޔާރުކޮށްފަ އެވެ. ކުރިއަށް އޮތް 5އަހަރަށްޓަކައި ރާވާފައިވާ މި މަޝްރޫޢަކީ  ސައިބަރު މައިދާނުގައި އެމެރިކާ އެންމެ ކުރީގައި ބޭއްވުމަށްޓަކައި ރާވާފައިވާ ރޭވުމެކެވެ. މި އަހަރުގެ މޭ މަހުގައި އެމެރިކާ އިން ވަނީ  އިންޓަރނެޓް ކޮމާންޑެއް އުފައްދައިފަ އެވެ. މި ކޮމާންޑް ގެ ނަމަކީ "ސައިބަރު ކޮމް" އެވެ. މި ކޮމާންޑް ގެ ވެރިއާ ކަމަށް ހަމަޖައްސާފައިވަނީ  ޖެނެރަލް ކީތު އެލްގްޒަންޑަރެވެ. މި އަހަރުގެ އޮކްޓޫބަރުގައި މި ކޮމާންޑް ގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި އިދާރާ ގައި މިހާރު 1000 ތަޖްރިބާކާރުން އެބަ މަސައްކަތް ކުރެ އެވެ. މި އިދާރާ ބުނާގޮތުގައި ސައިބަރު ހަނގުރާމައަށްޓަކައި  އެމެރިކާ އަށް ވިއްސަކަށް ތިރީހަކަށް ހާސް މީހުންނަށް ބޭނުންވާނެ އެވެ.

ސައިބަރު ހަނގުރާމައިގެ އެންމެ ވަރުގަދަ ހަތިޔާރު : ސްޓަކްސެންޓް


މި އަހަރުގެ ސެޕްޓެމްބަރު މަހު އީރާނުން ހާމަކުރިގޮތުގައި އެ ޤައުމުގެ ޞިނާޢީ އެތައް ޔުނިޓްތަކެއް  އިލްކްޓްރޯނިކް ހަމަލާއެއްގެ ޝިކާރައަކަށް ވެއްޖެ އެވެ. އެއީ ސްޓަކްސެންޓް ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުންނެވެ. މި ވައިރަހަކީ ޞިނާޢީ މަސައްކަތްތަކުގެ އޮޓޮމޭޝަން މަސައްކަތްތައް ހަލާކުކޮށްލާ ވަރުގަދަ ވައިރަހެކެވެ. ތަޖްރިބާކާރުން ލަފާކުރައްވާ ގޮތުގައި މި ޙަމަލާގެ ބޭނުމަކީ ޞީނާއީދާއިރާއިން  ޖާސޫސުކޮށް، ސިއްރު މަޢުލޫމާތުތައް  ހޯދައިގަތުމެވެ. ނަމަވެސް ފަހުން ކަށަވަރުވި ގޮތުގައި މިއީ ޖާސޫސުކުރުމަށްޓަކައި ދެވުނު ހަމަލާއެއް ނޫނެވެ. މި ވައިރަހަކީ އިންޓަރނެޓް ބޭނުން ނުކޮށް ވެސް ހަމަލާދިނުމަށް ބޭނުންކުރެވިދާނެ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުންބޭނުންވާ އަމާޒު އެކަށް ހަލާކުކޮށްލެވިދާނެ އެވެ. މި ޕްރޮގްރާމަކީ ގޮތެއް ފޮތެއް ނުބަލައި ހަމަލަދޭ އެއްޗެއް ނޫނެވެ. ކޮމްޕިޔުޓަރު ތެރެއަށް ވަނުމަށް ފަހު ޚާއްޞަ ޢަލާމަތެއް ނުވަތަ މަރުކާއެއް ފާހަގަކޮށް އެއެއްޗެއް  ހަލާކުކޮށްލަ އެވެ. އީރާނަށް  ދެވުނު ޙަމަލާގައި މި ވައިރަހުގެ އަމާޒަކަށް ވެފައިވަނީ ޖަރުމަނުގެ ސީމަންޒް  ކުންފުނިން ހަދާފައިވާ ބައިތަކެވެ.  މި މަރުކާގެ  އެއްޗެއް ނުފެނިއްޖެ ނަމަ  އެއްވެސް ގެއްލުމެއް ނުދޭނެ އެވެ. އެކަމަކު އެ މަރުކާގެ އެއްޗެއް ފެނިއްޖެ ނަމަ މަޑުމަޑުން އޭއްޗެއް ހަލާކު ކުރަން ފަށާނެ އެވެ. އޭގެ އޮޓޮމޭޝަން ނިޒާމަށް ހަމަލަދީ މުޅި ނިޒާމު ހަލާކު ކޮށްލާނެ އެވެ. މިއީ ވަރަށް ވަރުގަދަ، ވަރަށް އޮޅުންބޮޅުން ބޮޑު، ސިއްރު ކޯޑްތަކަކުން އެކުލެވިގެންވާ ޕްރޮގްރާމެކެވެ. ވިސްނުންތެރި ޓެކްނޮލޮޖީގެ ސަބަބުން،  މި މަސައްކަތުގައި އިންސާނަކަށް ވެސް ބޭނުމެއް ނުވާނެ އެވެ.

މި ޙަމަލާގެ ސަބަބުން އީރާނުގެ ނިޔުކްލިއަރ މަރްކަޒުތަކަށް ގެއްލުން ނުލިބޭކަމަށް އީރާނުން ބުންޏެވެ. ނަމަވެސް މި މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ބައެއްބޭފުޅުންގެ ކޮމްޕިޔުޓަރުތަކަށް ޙަމަލާދީފައިވާ ކަމަށް އީރާނު އެއްބަސްވި އެވެ. މި ހަމަލާގެ ސަބަބުން އީރާނުގެ ޞިނާޢީ ދާއިރާގެ 30ހާސް ކޮމްޕިޔުޓަރ ސިސްޓަމް ހަލާކުވި އެވެ.
  
އެހެންކަމުން ކުރިމަގުގައި ސައިބަރުހަނގުރާމަ ވަރުގަދަ ހަނގުރާމައަކަށް ވެގެން ދާނެ ކަމަށް އެންމެން ވެސް ނިމުތު ކުރެ އެވެ. އަދި މި މައިއިދާން ވަރުގަދަ ވާދަވެރިކަމެއްގެ ތެރެއަށް ވަންނާނެ ކަމަށް ވެސް ލަފާކުރެ އެވެ.
--------------------
(ނިމުނީ)

މި ލިޔުން؛

      ފޮނުވުން:  އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
      އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
      ޝާއިޢުކުރުން: ''       ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ