އަދުގެ ޚާއްސަ

Print

ދުނިޔޭގެ އެންމެ މުހިއްމު ބަސްތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަސް އޮންނާނީ ކިހާ ހިސާބެއްގައިތޯ ފިކުރުކޮށްލަމާތޯ އެވެ؟


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


ދުނިޔޭގެ އެންމެ މުހިއްމު ބަހަކީ ނުވަތަ ބަސްތަކަކީ ކޮބައިތޯ ސުވާލު ކުރާ މީހުން އުޅެއެވެ. މި ފަދަ ސުވާލެއްގެ ޖަވާބަކީ އިނގިރޭސި ބަހޭ ބުނުންހެއްޔެވެ؟ ނުވަތަ މުސްލިމުން ނަމަ ބުނާނީ ޢަރަބިބަހޭ ހެއްޔެވެ؟ ނޫނެކެވެ. ޙަޤީޤަތަކީ އެޔެއް ނޫނެވެ. ދުނިޔޭގައި އިންސާނުން މޮށެ އުޅޭ ކޮންމެ ބަހަކީވެސް މުހިއްމު ބަހެކެވެ. ހަމަ އެކަނި މުހިއްމީކީއެއް ނޫނެވެ. ވަރަށް މުހިއްމީ އެވެ.
ކޮންމެ ބަހެއްވެސް ދެމި އޮންނަނީ ސަގާފީ، އިޖްތިމާޢީ، ތާރީޚީ އަދި ނަފްސާނީ އަމިއްލަވަންތަ "މުދާތަކެއް" ހިފައިގެންނެވެ. ބަހެއް ނެތިގެން ހިނގައްޖެ ނަމަ މި ހުރިހާ އެއްޗެއް ގެއްލިގެން ދާނެ އެވެ. ވީމާ ކޮންމެ ބަހަކީވެސް އެ ބަހަކުން ވާހަކަދައްކާ ބަޔަކަށް އަދި މުޅި ދުނިޔެއަށް ވެސް މުހިއްމު، އާދެ! ހަމަ ވަރަށް މުހިއްމު ބަހެކެވެ.

މި މައުޟޫޢުގައި "މުހިއްމު"ގެ މާނައަކީ "ނުފޫޒު ގަދަ"ކަން ކަމަށް ބަލައިފި ނަމަ، މި މައުޟޫޢާއިގެން ކުރިޔަށް ދާން ފަސޭހަވާނެ އެވެ. އެންމެ ރަނގަޅެވެ. ރަނގަޅު ޙައްލެކެވެ. އެހެންވީއިރު އެންމެ ނުފޫޒު ގަދަ ބަސްތަކަކީ ކޮބައިތޯއެވެ؟ އެ ބަސްތައް ނުފޫޒު ގަދަކަމަށް ލިސްޓް ކުރާނީ ކޮން މިންގަނޑަކުން ކޮން ކްރައިޓީރިއާ އަކުން ނުވަތަ ކޮން ފޮރމިއުލާ އެއް ބަލައިގެންތޯ އެވެ؟

ބަހުގެ ނުފޫޒު ގަދަކަން ބެލުމަށްޓަކައި ބަސްވާރުން ބައެއް ފޮރމިއުލާތައް ބޭނުންކޮށްފައި ހުރެ އެވެ. އެންމެ މަޤްބޫލު މިންގަނޑެއް ކަމަށް ބެލިފައި އޮންނަނީ އަންނަނިވި ނުކުތާތަކަށް ބަލައިގެން ޕޮއިންޓް ދޭ އުޞޫލެވެ. ކޮންމެ ބަޔެއްގައި އެ ވަނީ އެ ބަޔަކަށް އެންމެ މަތީން ޕޮއިންޓް ލިބޭނެ ޢަދަދެވެ.

މިސާލަކަށް:

މާދަރީ ބަހެއްގެ ގޮތުގައި އެ ބަހަކުން ވާހަކަދއްކާ މީހުންގެ ޢަދަދު: 4 ޕޮއިންޓް

ދެވަނަ ބަހެއްގެ ގޮތުގައި ވާހަކަދައްކާ މީހުންގެ ޢަދަދު:         6 ޕޮއިންޓް

އެ ބަހެއް ބޭނުންކޮށްގެން ޤައުމު ތަކުގެ އިޤްތިޞާދީ ބާރު:        8  ޕޮއިންޓް

އިންސާނީ ޙަރަކާތްތަކުގެ ދާއިރާ ގައި އެބަހެއް ބޭނުންކުރެވޭ މިންވަރު: 8 ޕޮއިންޓް

ބަސްބޭނުންކުރާ ޤައުމުތަކުގެ އާބާދީ:                7 ޕޮއިންޓް

ބަހުގެ އިޖްތިމާޢީ އަދި އަދަބީ އިސްކަން:                4 ޕޮއިންޓް

އިސްވެ ދެންނެވުނު އުޞޫލުން ޕޮއިންޓް ދީގެން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ބަސްތަކަކީ ކޮބައިތޯ ބަލާއިރު ނުފޫޒު ގަދަކަމުގެ ނިސްބަތް ތަރުތީބުކުރެވިފައިވަނީ އަންނަނިވި ގޮތަށެވެ.

1-    އިނގިރޭސި ބަސް:        37 ޕޮއިންޓް

2-    ފަރަންސޭސިބަސް:        23 ޕޮއިންޓް

3-    އިސްޕޭނު ބަސް:        20  ޕޮއިންޓް

4-    ރޫސީ ބަސް:            16 ޕޮއިންޓް

5-    ޢަރަބި ބަސް:        14 ޕޮއިންޓް

6-    ޗައިނާ ބަސް:        13 ޕޮއިންޓް

7-    ޖަރުމަނުބަސް:        12 ޕޮއިންޓް

8-    ޖަޕާނު ބަސް:        10 ޕޮއިންޓް

9-    ފުރެތިކާޅު ބަސް(ބްރެޒިލު):    10 ޕޮއިންޓް

10-    އުރުދޫ/ހިންދީ:        9 ޕޮއިންޓް

މި ލިސްޓް ކޮށްލެވުނީ ބަސްވާރުންގެ ނަޒަރުގައި ދުނިޔޭގައި އެންމެ ނުފޫޒު ގަދަ 10 ބަހެވެ. މި ބަސްތަކަށް ބަލާއިރު ގިނައީ ވިލާތާއި އޭޝިޔާ ބައްރުގެ ޤައުމުތަކެވެ. ދިވެހިބަސް އޮންނާނީ ކިހާ ހިސާބެއްގައިތޯ ފިކުރުކޮށްލަމާތޯ އެވެ؟

އާދެ! ބަހެއް މުހިއްމު ވުމާއި ނުފޫޒުގަދަ ބަހަކަށް ވުމަކީ ތަފާތު ދެކަމެކެވެ. މިސާލަކަށް މުސްލިމުންނަށް އެންމެ މުހިއްމު ބަހަކަށް ވާނީ ޢަރަބި ބަހެވެ. އެހެނީ އިސްލާމް ދީނުގެ އަޞްލުބަހަކީ ޢަރަބި ބަހެވެ. ނަމަވެސް އެއީ ހުޅަނގާ ބީރައްޓެހި އުޞޫލުތަކެއް ކަމަށް ވާތީ އެ މީހުންނަކަށް އެ ބަހެއް މުހިއްމެއް ނުވާނެ އެވެ.

އިސްވެ މި ދަންނަވައިލެވުނީ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ކަމަށް ބެލެވޭ 10 ބަހެވެ. ނަމަވެސް އެންމެ ގިނަ މީހުން ވާޙަކަދައްކާ 10 ބަސް ލިސްޓްކޮށްފި ނަމަ މި ނިސްބަތް ތަފާތުވާނެ އެވެ. އާދެ! ދުނިޔޭގެ އާބާދީގެ 20.7 އިންސައްތަ މީހުން ޗައިނާ ބަހުން ވާހަކަދައްކައެވެ. ދުނިޔޭގެ އާބާދީގެ އެހާ މަތީ އިންސައްތައެއް ޗައިނާ ބަހުން ވާހަކަދައްކާ ކަމަށް ފާހަގަކުރެވެނީ އެއީ ދުނިޔޭގެ ނިސްބަތުގައި ވެސް އާދަޔާ ޚިލާފު ބޮޑު އާބާދީއަކަށް ވާތީ އެވެ. އެހެން ނަމަވެސް އެ ބަސް ނުފޫޒު ގަދަ ބަސްތަކުގެ ލިސްޓްގައި ހިމެނެނީ 6 ވަނަ އަށެވެ. އެހެން ސަބަބުތަކާ ހުރެ އެވެ. ދެން މި ދަންނަވައިލަނީ ދުނިޔޭގައި އެންމެ ގިނަ މީހުން ވާހަކަދައްކާ 10 ބަހާއި އެ ބަހުން ވާހަކަދައްކާ، ދުނިޔޭގެ އާބާދީގެ ނިސްބަތެވެ.

1.    ޗައިނާ ބަސް                %20.7  
 
2.    އިނގިރޭސި ބަސް            %6.2   
   
3.    އިސްޕޭނު ބަސް            %5.6

4.    އުރުދޫ/ހިންދީ     (ދެބަސް)        %4.7

5.    ޢަރަބިބަސް                %3.8

6.    ބަންގާޅީ ބަސް            %3.5

7.    ފުރެތިކާލު ބަސް (ބްރެޒިލުގައި)    %3.0

8.    ރޫސީވިލާތު ބަސް            %3.0

9.    ޖަޕާނު ބަސް                %2.3

10.    ޖަރުމަނު ބަސް            %1.8

މި ލިސްޓަށް އަޅުގަނޑުމެން ބަލައިލައިފި ނަމަ، އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ނުފޫޒު ގަދަ ބަސްތަކުގެ ލިސްޓުގެ ދެވަނައިން ޖާގަ ހޯދައިފައިވާ ފަރަންސޭސި ބަހަށް މި ލިސްޓުން ޖާގަ ނުލިބުނު ކަމެވެ. އެހެންވީމާ އެ ބަހަކުން އެންމެ ގިނަ މީހުން ވާހަކަދެއްކުމާއި އަދަބީ ގޮތުން ނުވަތަ ޢިލްމީ ގޮތުން މުއްސަނދިވުމާއި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ނުފޫޒު ގަދަވުމަކީ ތަފާތު 3 ކަމެއްކަން އެބަ ދޭހަވެ އެވެ. މި 3 ގޮތަށް ބަލާއިރު ބަހެއްގެ މުހިއްމުކަން ވަޒަންކުރާނީ ކިހިނެއްތޯއެވެ؟ ވަރަށް ބޮޑު ސުވާލެކެވެ. މި ސުވާލަށް އަޅުގަނޑު ދޭ ޖަވާބަކީ ވަކި ބޮޑަށް މުހިއްމު އެއްވެސް ބަހެއް ނެތޭ އެވެ. އެކި ނަޒަރުން އެކި ގޮތަށް ވިސްނާ އިރު ކޮންމެ ބަހަކީވެސް އެއްވެސް އިސްތިސްނާއެއް ނެތި ހަމަ ވަރަށް މުހިއްމު ބަހެކެވެ. ދިވެހިބަހަށްވުރެ މުހިއްމު ބަހެއް އަޅުގަނޑަކަށް ނެތެވެ. ހަމަ އެފަދައިން ޢަރަބިބަހުގެ މުހިއްމުކަން ވަކި ކުޑަތޯއެވެ؟ އިނގިރޭސިބަހަށް ވިސްނަވާށެވެ! މުނިފޫހިފިލުވުމުގެ ދާއިރާގައި ދިވެހިންނަށް ހިންދީބަހުގެ މުހިއްމުކަން ކުޑަތޯއެވެ؟ ހައްތާވެސް މުހިއްމު ބަސްތަކެވެ. މުހިއްމުވާ ސަބަބު ތަފާތީ އެވެ. އެހެންކަމުން ހުރިހާ ބަހަކީވެސް ހަމަ އެންމެ މުހިއްމު ބަހެއް ކަމަށާއި އެންމެ ނުފޫޒުގަދަ ބަހަކީ އިނގިރޭސިބަސް ކަމަށާއި ދުނިޔޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ވާހަކަދައްކާ ބަހަކީ ޗައިނާބަހޭ ދަންނަވައިލަމުން ނިންމައިލަމެވެ.
-----------------
(ނިމުނީ)

ޙަވާލާ:

ޖިއޯފްރޭ ކިންގސްކޮޓް (2008). ލޭންގުއޭޖް ޓްޑޭ

ޖޯރޖް ވެބަރ (1995).

ލެންގްއޭޖް މަންތުލީ (1997). 18-12: 3 . ISSN 1369-9733
 //http://www.andaman.org


މި ލިޔުން؛

     ފޮނުވުން:     އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''          ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ