އަދުގެ ޚާއްސަ

Print

ފަހުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ހެންރީ ސްލެސަރ
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް


މިވާހަކައަކީ މަޝްހޫރު ސައިންސް ވާހަކަ ލިޔުންތެރިއެއް ކަމަށްވާ އައިސަކް އެސިމޯފް އެއްކުރައްވާފައިވާ “ދަ ޖަޔަންޓް ބުކް އޮފް ސައިންސް ފިކްޝަން” މި ފޮތުން ނަގާފައިވާ ވާހަކައެކެވެ. މިއީ އެ ފޮތުގެ ފުރަތަމަ ވާހަކައެވެ. އާދަވެގެން ކުރުވާހަކަ ލިޔެ އުޅޭ ގޮތާ ތަފާތު ގޮތަކަށް ލިޔެފައިވާ ވަރަށް މޮޅު ވާހަކައެކެވެ. އެއް ފަހަރު ވިދާޅުވެގެން ވާނުވާ ރަނގަޅަށް އެނގިވަޑައިނުގެންފިނަމަ ދެތިން ފަހަރު ވިދާޅުވެ ލައްވާށެވެ.

(ފުރަތަމަ ބައި: ޑޮކްޓަރ)

އޭނާ އަކީ ވަޒީފާއަށް މީހުން ހޯދުމާ ބެހޭ ގޮތުން ކުންފުނިތަކާއި މީސްމީހުންނަށް ލަފާދޭ މީހެކެވެ. އޭނާއަކީ އެ ދާއިރާގެ މާހިރަކަށް ވިޔަސް ހިތަށް ވެރިވީ ފޫހިކަން ފޮރުވޭ ގޮތެއް ނުވިއެވެ. "ޑޮކްޓަރ- މަނިކުފާނަށް ކުރެއްވޭނެ ކޮންމެވެސް ކަމެއް އޮންނާނެއެއް ނޫންތޯ-؟" އޭނާ ބުންޏެވެ. "މަނިކުފާނު ފަދަ ތަޢުލީމީ ބޭފުޅަކަށް ކުރެއްވޭނެ ކޮންމެވެސް ކަމެއް އޮންނަން ވާނެ- ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެން އެންމެން ކުނިބުންޏަށް ވީއެއް ނޫންތޯ- ހަނގުރާމަ ނިމުނު ދުވަހުން ފެށިގެން މިހައި ތަނަށް ބަލާއިރު މުދައްރިސެއްގެ ބޭނުން މިވަނީ އެއްހާސް ގުނައަށް ބޮޑު ވެފައި-"

ޑޮކްޓަރ މެއިހަމް އޭނާގެ ގޮނޑީގައި ރަނގަޅަށް ލެނގިލުމަށްފަހު މާނޭވާއެއް ލިއެވެ. "އަޅުގަނޑު މިދަންނަވާ ވާހަކަ އަދި އެނގިވަޑައިނުގަންނަވަނީ- އަޅުގަނޑަކީ އާދައިގައި މީހުން މިކިޔާ ކަހަލަ މުދައްރިސްކީމެއް ނޫން- އަޅުގަނޑަށް ލިބިފައިވާ ތަޢުލީމުގެ ބޭނުމެއް މިހާރަކު ނެތް- އަޅުގަނޑު އެންމެ ރަނގަޅަށް އުނގަންނައިދޭ މާއްދާގެ ބޭނުން ކެނޑިއްޖެ- މީހުން ތައުލީމު ލިބިގަންނަން ބޭނުންކަން އަޅުގަނޑަށްވެސް ެނގޭ- އެމީހުން ބޭނުންވަނީ އެމީހުން ދިރިއުޅެން ލިބިފައިވާ ވީރާނާ ދުނިޔެ އާބާދު ކުރާނެ ގޮތް ދަސްކުރަން- އެމީހުން ބޭނުން ވަނީ ރާނާ މީހުންނަށާއި ޓެކްނީޝަނުންނަށާއި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރާ މީހުންނަށް ވާން- އެމީހުން ދަސްކުރަން ބޭނުންވާ ކަންތައްތަކަކީ އެއީ- އެމީހުން ބޭނުންވަނީ ހަލާކުވެފައިވާ ރަށްތައް އަލުން އާބާދު ކުރާނެ ގޮތް ދަސްކުރަން- ހުއްޓިފައި ހުރި މެޝިންތައް ހިންގާނެ ގޮތް ދަސްކުރަން- ރޭޑިއޭޝަންގެ ސަބަބުން ފިހިފައިވާ ތަންތަން ރަނގަޅުވާނެ ގޮތެއް ދަސްކުރަން- ބިނދިފައިވާ ކަށިތައް ބެދޭނެ ގޮތެއް ހޯދަން- އެމީހުން ބޭނުންވަނީ ބޮމުގެ ސަބަބުން ނުކުޅެދޭ މީހުންނަށް ވެފައިވާ މީހުންނަށް މަޞްނޫޢީ ގުނަވަން ހަދާނެ ގޮތެއް ދަސްކުރަން- ލޯއަނިދިރި ވެފައިވާ މީހުންނަށް އަމިއްލަ ހަށްޓާއިގެން ސަލާމަތުން އުޅެވޭނެ ގޮތެއް ހަދަން- ސިކުނޑި ހަލާކުވެ މޮޔަވެފައިވާ މީހުންނަށް ބުއްދީގެ ބޭނުން ކުރާނެ ގޮތް ދަސްކޮށްދޭނެ ގޮތެއް ހޯދަން- އައިބު ވެފައިވާ މީހުންނަށް އަލުން މީހުންގެ ކުރިމައްޗަށް ނުކުމެވޭނެ ގޮތް ހަދަން- އެމީހުން ދަސް ކުރަން ބޭނުންވާ ކަންތައްތަކަކީ މިއީ- އަޅުގަނޑަށް ވުރެ ބޮޑަށް މަނިކުފާނަށް މިކަންތައްތައް އޮތީ މިހެންކަން އެނގިވަޑައިގަންނަވާނެ-"

"ދެން މަނިކުފާނުގެ ޚާޞިއްޔަތުގެ އެއްވެސް ބޭނުމެއް ނުހިއްޕެވޭނޭ ކަމަށް ހީފުޅު ކުރައްވަނީތޯ-؟"

ޑޮކްޓަރ މެއިހަމް ހީނލިއެވެ. "އަޅުގަނޑު ހީކުރަނީއެއް ނޫން- އަޅުގަނޑަށް ޔަގީން- އެކަމަށް މީހުން ޝައުގުވެރި ކުރުވަން އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރިން- އެކަމަކު މީހުން ދުވަނީ އަޅުގަނޑާ ދުރަށް- އަޅުގަނޑުގެ ދަރިވަރުންނަށް ހަނދާން ގަދަ ކުރާނެ ގޮތް ދަސްކޮށްދޭތާ މިހާރު ފަންސަވީސް އަހަރު ވެއްޖެ- އަޅުގަނޑު އެ މަވްޟޫޢުގައި ހަފޮތް ލިޔެފިން- އޭގެ ތެރެއިން ދެފޮތް ވަނީ ުނިވަރސިޓީތަކުގައި ކިޔަވައިދޭ ދެފޮތަށް ވެފައި- ބޮޑު ހަނގުރާމަ ނިމުނުފަހުން ފުރަތަމަ އަހަރު އަޅުގަނޑު އަށް މަސް ދުވަހުގެ ކޯހެއް ބާއްވަން އިޢުލާނު ކުރިން- މަޢުލޫމާތު ހޯދަން އަޅުގަނޑާ ގުޅީ އެންމެ މީހެއް- އެކަމަކު މިއީ އަޅުގަނޑުގެ މަސައްކަތް- އަޅުގަނޑު ކުރާ ކަމަކީ މިއީ- ބިރުވެރިކަމާއި މަރުގެ ނާމާންކަމުން ފުރިފައިވާ ދުނިޔެއެއްގައި އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދާނީ ކިހިނެއްތޯ-؟"

ލަފާދޭމީހާ ތުންފަތް ހަފައިލިއެވެ. އެއީ ޖަވާބެއް ދިނުން އުނދަގޫ ސުވާލެކެވެ. ޑޮކްޓަރ މެއިހެމް ނުކުމެގެން ދިޔައިރުވެސް އޭނާއަކަށް ޖަވާބެއް ނުދެވުނެވެ. ބަސްދީގަތުން ނިންމުމަށްފަހު އެ ބަލިކަށިމީހާ ނުކުމެގެން ދިޔަތަން ބަލަން އޭނާ އިނެވެ. އެވަގުތު އޭނާގެ ނާކާމިޔާބީގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވިގެން ދިޔައެވެ. އެކަމަކު އެރޭ އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އޭނާ އެ ހޮހަޅައެއްކަހަލަ ތާނގައި ހޭލާ އެތައް އިރަކު އޮތެވެ. އެވަގުތު އޭނާގެ ހިތުގައި އޮތީ ހަމައެކަނި ޑޮކްޓަރ މެއިހަމެވެ. ހެނދުނު ތެދުވިއިރު އޭނާއަށް ޑޮކްޓަރުގެ ސުވާލުގެ ޖަވާބު އެނގިއްޖެއެވެ.

އޭގެ އެއް މަސް ދުވަސް ފަހުން ސަރުކާރުގެ ޢިމާރާތްތަކުގައި އިޢުލާނެއް ޖަހާފައި ހުއްޓާ ފެނުނެވެ. އެ އިޢުލާނަށް އާދަޔާ ޚިލާފު ބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ.

ހޫގޯ މެއިހަމް، ޕީއެޗްޑީ

8 މަސްދުވަހުގެ ކޯހެއް ހިންގަނީ

"ހަނދާން ނައްތައިލާނެ ގޮތް"

ރަޖިސްޓަރީ ކުރުން ސެޕްޓެމްބަރު 9 ވަނަ ދުވަހުން ފެށިގެން

----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ