އަދުގެ ޚާއްސަ

Print

ވަޒީފާ ........އެކާވީސްވަނަ ސައްތައިގެ އަޅުވެތިކަން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އާދަކާދަ


"ބައްޕާ އެވެ! މާދަމާ ވެސް އޮފީހަށް ދާނަން ހެއްޔެވެ؟ ކޮއްކޮ އާ އެކީ ކުޅެލަން ހުންނާނީ ކޮންއިރަކު ހެއްޔެވެ؟''


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ދުބައި ގައި  މީހަކު އުޅެތާ އަހަރެއް ވެއްޖެ އެވެ. އޭނާ ދިރިއުޅޭ ރީތި ފުލެޓުގައި އޭނާ ނިދާކޮޓަރިން   ފެންނަނީ (ވަގުތީ) އެންމެ އެނދެކެވެ. ކަނޑުގެ އައްސޭރިފަށުގައި، ގޮނޑުދޮށުގައި ހުރި މި ފުލެޓުގެ  ތެރެއިން އޭނާ އަށް އެނގެނީ  ހަމައެކަނި މި ކޮޓަރި އެވެ. މި ފްލެޓްގެ އެހެން ތަންތަން އޭނާ އަށް އަދި ބަލައެއް ނުލެވެ އެވެ. އެކަމާބެހޭ ގޮތުން މީހަކު ސުވާލުކޮށްލުމުން ބުނީ ފުލެޓަށް ބޭނުންވާ ފަރުނީޗަރު ގަނެ  އޭއްޗެހި ގެނެސްދިނުމަށް އެއްބަސްވެވިފައި ވިޔަސް މަށަށް މި އުޅެނީ އެ ތަކެތި ގެންނާނެ ވަގުތެއް ނުބުނެވިގެންނެވެ. އަހަރެންގެ މަސައްކަތްތަކާ ހެދި މުޅިދުވަހު އޮފީހުގައި އުޅެންޖެހެ އެވެ. ރޭގަނޑުގެ ގިނަ ވަގުތު ވެސް ހޭދަކުރަން ޖެހިފައި މި ވަނީ އޮފީހުގަ އެވެ. މިހެންވެ،  ރޭގަނޑު ގެއަށް އާދެވޭ އިރު ވަރުބަލިވެގެން އެހެންކަމެއް ކުރެވޭކަށް ނޯވެ އެވެ.

މި ފަދަ މީހުންނަކީ މިއަދު ވަރަށް ގިނަބަޔެކެވެ. މި މީހުން ދެކޭގޮތުގައި މަސައްކަތް ގިނަވެ ބުރަވުމަކީ މުވައްޒަފުގެ ކަރުގައި އެޅުވޭ ޝަރަފުވެރިކަމުގެ މެޑެއްޔެކެވެ. އެކަމަކު މި ފަދަމީހުންނަށް އެމީހުން މި އުޅެމުންދަނީ ފިރްޢަޥްނުގެ އަޅުމަސައްކަތުގައި އުޅުނުމީހުން އުޅުނު  ފަދަގޮތަކަށްކަން ނޭނގެއެވެ. މިޞްރުގެ އަހްރާމުތައް ބިނާކުރަން އުޅުނުމީހުން ދުނިޔޭގެ ހަތްއަޖައިބުގެ ތެރެއިން އަޖައިބެއް ބިނާކުރުމުގައި ބައިވެރިވުމުގެ ފަޚްރާއި ޝަރަފު ލިބޭނެކަން ހިތަށް އެރިއަސް،  އެމީހުންނަކީ އަޅުންކަން ހަނދާން ކުރެ އެވެ.

އޮފީސް ނިންމާފައި ގެއަށް އައުމުން ދަރިފުޅު ބުނާނެ އެވެ. "ބައްޕާ އެވެ! މާދަމާ ވެސް އޮފީހަށް ދާނަން ހެއްޔެވެ؟ ކޮއްކޮ އާ އެކީ ކުޅެލަން ހުންނާނީ ކޮންއިރަކު ހެއްޔެވެ؟''

މި ބަސްކޮޅު ހަނދާނަށް އައުމުން މަށަށް މި ކަތިލެވެނީ މަގޭ ޢުމުރާއި އެ ދަރިފުޅުގެ ޢުމުރުގެ އެންމެ ބަހާރީދުވަސްތައްކަން  ކަށަވަރުވެ އެވެ.

މި ގޮތަށް މަސައްކަތްކުރިއަސް، އެކަމުގެ ހެޔޮއަސަރު ފޯރަނީ ކިތައް މުވައްޒަފުންނަށް ބާވަ އެވެ؟

މަސައްކަތުގެ ޙަޤީޤަތް ...ޙަޔާތުގެ ޙަޤީޤަތް


ވަޒީފާގައި މި ގޮތަށް އުޅޭ ގިނަބަޔަކު ހެނދުނު (ހަކުރު ނާޅައި) ކަޅުކޮފީ ތަށްޓެއް ބޯލާނެ އެވެ. އެއީ އެމީހުން  ހަކުރުބަލީގެ މީހުންކަމުގައިވާތީ އެއްނޫނެވެ. އެކަމަކު ކޮންމެ ވެސް ދުވަހަކުން އެ މުޞީބާތާ ކުރިމަތިވެދާނެތީ އެވެ. އަދި ހުޅަނގުގެމީހުން ކުރާކަމަކަށް ވާތީ އެމީހުންނާ ތަބާވާންވެގެންނެވެ.

ކަޅުކޮފީ ބޮނީ އެމީހުންގެ ހަނދާން ތާޒާކުރަންވެގެންނެވެ. ބޭނުންވާ ވަގުތު، ބޭނުންވާ ބަސްތައް ދުލާ ހަމައަށް ނާންނާތީ އެވެ. މި ފަދަ ބައެއްމީހުން  ވާހަކަދައްކާނީ އިނގިރޭސިބަހުންނެވެ. ހަމައެކަނި އިނގިރޭސިބަހުންނެވެ. އަމިއްލަ މާދަރީބަސް ކަމަކު ނުދާނެ އެވެ. މާ ފަޤީރީކަމަށް ބުނެފަ އެވެ. ބުނަން ބޭނުންވާ އެއްޗެއް ބުނެވެން ނޯންނާތީޔޯލަ އެވެ. ބައްދަލުވުންތަކުގައި މި މީހުން ނޯޓްކުރާ އެއްޗެހި ވެސް ނޯޓްކުރާނީ އިނގިރޭސިބަހުންނެވެ. ކިހާ ދެރަކަމެއްތޯ އެވެ. މި މީހުންގެ ޙާލަކީ ކޮތަރެއް ހިނގާގޮތަށް ހިގަންއުޅޭ ކާޅެއްގެ މިސާލެވެ. އެކަމުގައި ކާމިޔާބެއް ނުވެ އެވެ. ކާޅަކަށް ވާން މަސައްކަތްކުރިއަސް  އެކަމެއް ވެސް ނުވެ އެވެ.

އިންސާނާގެ ޙަޔާތަށް ޒަމާނީ ޓެކްނޮލޮޖީ  ވަންނާން ފެށުމުން އެންމެން ވެސް އެކަމާ މެދު އުފާ ކުރި އެވެ.  ތަޖުރިބާކާރުން ވަރަށް ފޯރީގައި ބުނަމުން ދިޔައީ  ވަރަށް އަވަހަށް އިންސާނާގެ ކިބައިން އަބާއްޖަވެރިކަން ފިލައިގެންދާނެކަމަށެވެ.  ބަޓުނަކަށް ފިތައިލުމުން ހުރިހާކަމެއް ނިމިގެންދާނެކަމަށެވެ. މި ބަޓުންތައް އަޅުގަނޑުމެންގެ ޙަޔާތުގެ މައްޗަށްވެރިވެގަންނާނެ ކަމަކަށް ލަފައެއް ނުކުރެވުނެވެ. ނަތީޖާއަކަށްވީ ކާމިޔާބު ހޯދަން ބޭނުންވާ މުވައްޒަފުންނަށް އީމޭލަށް ސީދާ ވަދެވޭނެ ފަދަ މޯބައިލް ފޯނެއް ހިފައިގެން އަބަދުއުޅެންޖެހުމެވެ.   
    
ރަށުން ބޭރަށް ދަތުރެއް ކުރާނަމަ ގޮސް ހުންނަ ތަނުގައި  އިންޓަރނެޓް ޚިދްމަތް، ބޭރުގައި އުޅޭ އިރު ވައިފައި ޚިދްމަތް ލިބެންހުރޭތޯ ބަލަން މަޖުބޫރުވުމެވެ. މަތިންބޯޓުގައި އިންނަ ވަގުތުކޮޅުގައިވެސް މި ނެޓް ލިބޭތޯ ބަލަން ޖެހެ އެވެ. ނެޓް ނުލިބޭ ބޯޓަކުން މިހާރު ދަތުރެއް ވެސް ނުކުރެވެ އެވެ.

މި ގޮތަށް މަސައްކަތުގައި އުޅުމުގެ ސަބަބުން  ލޭގެ ޕްރެޝަރަށް މަސްއަލަތައް ޖެހޭކަމަށް ވެ އެވެ. މި ފަދަ ބައެއްމީހުން ބުނާގޮތުގައި އެއީ  ޙިއްޞާ ބާޒާރެއް ކަހަލަ ކަމެކެވެ. ކުއްލިއަކަށް ލޭ މައްޗަށް ގޮސްފައި ކުއްލިއަކަށް ލޭ ދަށަށް ހިގައިދާނެ އެވެ. މި ދެޙާލަތުގައި ވެސް ގެއްލުން ލިބެނީ ބަލިމީހާއަށެވެ. ޕްރެޝަރ ދަށަށް ދާއިރު ހީވަނީ ފުރާނަ ނުކުންނަން އުޅޭހެންނެވެ.   މައްޗަށް ދާއިރު މުޅިހަށިގަނޑު ތުރުތުރުއަޅަ އެވެ. ހީވަނީ ކަރަންޓުގައި ޖެހިގެން އުޅޭހެންނެވެ.

މި ކަހަލަ ކަމެއް ދިމާވިމީހަކު ވަގުތުން ފުރައިގެން ސިންގަޕޫރަށް ގޮސް ޑަކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން ޑަކްޓަރު ބުނީ ހަށިގަނޑު ރަނގަޅުކަމަށެވެ. އެކަމަކު އޭނާގެ މަސްއަލައަކީ މަސައްކަތުގެ މަސްއަލައެކެވެ. ޑަކްޓަރު ނަޞީޙަތްތެރިވަމުން ބުންޏެވެ. "ކަލޭ މަސައްކަތް ކުރަނީ ދިރިއުޅެން ކަމުގައި ވާނަމަ ދަންނާށެވެ. ތިޔަ މަސައްކަތް ކުރަނީ މަރުވާށެވެ." ޕްރެޝަރާ ދުރުގައި މަސައްކަތްކުރުމަށް ޑަކްޓަރު ނަޞީޙަތް ދިނެވެ. އަދި  އޮފީސްހިންގުމާ ބެހޭ ގޮތުން ލިޔެފައިވާ ފޮތްތައް ކިޔާ އެ ފޮތްފޮތުގައި ދީފައިވާ އިރްޝާދުތަކާ އެއްގޮތަށް މަސައްކަތްތައް އަލުން ފަރުމާކުރުމަށް ވެސް ބުންޏެވެ.

މީހުން "ފޫގަޅައިފާ އެއް ރޮއްޖަކަށް ވާންކޮށް" މަސައްކަތް ކުރަނީ ސަބަބުތަކެއް ހުރެގެންނެވެ. އެމެރިކާގެ  ދިރާސާއެއް ބުނާ ގޮތުގައި  މި ގޮތަށް  ބޮލަށް، ހަށްޓަށް  ނުބަލައި މަސައްކަތްކުރަނީ މި ދަންނަވާ ސަބަބުތަކާ ހެދި އެވެ.

1-       މަސައްކަތުގައި ގޮންޖެހުންތަކެއް ހުރުމުން އޭގެ މައްޗަށް ގަދަވެގަތުން

2-       މަސައްތަކުން އޭނާގެ ޙަޔާތަށް  އިލްހާމު ލިބުން

3-       މަސައްކަތުން ލިބޭ އާމްދަނީ ބޮޑުވުން ނުވަތަ ރަނގަޅުވުން

4-       އޭނާ އާ އެކު މަސައްކަތްކުރާ އެކުވެރިން ދެކެ ލޯބިވެ ޤަބޫލުވުން

5-       މަސައްކަތުގެ ދާއިރާގައި ކުރިއެރުންތައް ލިބުމަށް އެދުން

6-       ވެރިންގެ ރުހުމާއި  މަޤްބޫލުކަން ހޯދުން

7-       މުޖްތަމަޢުގެ ތެރޭގައި އިޙްތިރާމާއި ޤަދަރު ލިބުން

ކޮންމެ ސަބަބަކާ  ހެދި ނަމަވެސް ނަތީޖާއަކަށް ވާނީ ޙަޔާތުގައި ވަޒީފާ ބައިވެރިވުމެވެ.

ޙަޤީޤީ ލަނޑުދަނޑި އަކީ ބާއްޖަވެރިކަން


 މި ޙަޔާތުގައި ހުރިހާކަމެއްގެ ވެސް އަމާޒަކީ، އުޚްރަވީ ޙަޔާތް ކާމިޔާބު ކުރުމެވެ. ދުނިޔެވީ ޙަޔާތް ވެސް ބާއްޖަވެރިކުރުމެވެ. މާތްﷲ އަށް އަޅުކަންކުރަނީ ވެސް މި މަޤުޞަދުގަ އެވެ. ހިތްތަކަށް ހިތްހަމަޖެހުން ލިބެނީ ﷲގެމަތިން ހަނދުމަކުރުމުން ކަމަށް ވާތީ އެވެ. ކުރާ މަސައްކަތުން ފައިސާ ލިބުނަސް ހިތްހަމަޖެހުން ނުލިބޭނަމަ  މަސައްކަތްކުރުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ އަބާއްޖަވެރިކަން ލިބެމުންދާނެ ފަދަ ގޮތަކަށް  މަސައްކަތް ކުރުމުގައި ދެމިތިބެންވާނެހެއްޔެވެ؟

މީގެ އަހަރުތަކެއް ކުރިން އައި ބީ އެމް ކުންފުނިން މުވައްޒަފުގެ ވަޒީފާ އާއި މުވައްޒަފުގެ ޙަޔާތުގެ ތިލަފަތުގެ ދެފަރާތް  ހަމަހަމަ ކަން މަތީ ބަހައްޓާ ދޭނެ ޕްރޮގްރާމުތަކެއް  ފަރުމާ ކުރުމަށްޓަކައި 50 މިލިއަން ޑޮލަރު ހޭދަކުރި އެވެ. މި ގޮތުން ފަރުމާކުރެވުނު ޕްރޮގްރާމެއް ބުނާގޮތުގައި މަސައްކަތް ރަނގަޅަށް ކުރެވޭކަމުގެ މިންގަނޑަކީ ހާޒިރީއެއް  ނޫނެވެ. އެކަމަކު ކުރަންޖެހޭ މަސައްކަތް ކުރާ މިންވަރެވެ. އޮފީހުގައި އުޅުމަށް ކަނޑައެޅިފައިވާ  ވަގުތުތަކަކީ މުހިއްމު އެއްޗެއް ނޫނެވެ. ތަނުން ބަލަން ޖެހޭނީ ހަވާލުކޮށްފައިވާ މަސައްކަތް މުއްދަތުގެ ތެރޭގައި ކޮށް ނިންމާފައިވޭތޯ އެވެ. މި އަދު އައި ބީ އެމް ގެ މުވައްޒަފުންގެ ތެރެއިން 40 % އަށް ވުރެ ގިނަ ބަޔަކު މަސައްކަތް ކުރަނީ އޮފީހުން ބޭރުގަ އެވެ.  އެމީހުންގެ ގޭގައި ނުވަތަ އިންޓަރނެޓް ކެފޭ ތަކުގަ އެވެ. ނުވަތަ އެހެން ވެސް ތަނެއްގަ އެވެ.

އެމެރިކާގެ ސެންޗަރީ އިންވެސްޓްމެންޓް ކުންފުނީގެ ބަޖެޓުން ހުރިހާ މުވައްޒަފުންނަށް ގޭގައި ކުޅިވަރުކުޅުމަށް ނުވަތަ ކަސްރަތު ކުރުމަށް ބޭނުންވާ ސާމާނުތައް ގަނެދެ އެވެ. އެމީހުންގެ ޖިސްމާނީ ލިޔާޤަތު ރަގަނޅުކުރުމަށްޓަކަ އެވެ. ރަނގަޅު ދުޅަހެޔޮކަންމަތީގައި މަސައްކަތް ކުރުވުމަށްޓަކަ އެވެ.

މި ދެ ކުންފުނި ވެސް ބުނާ ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން އުފެއްދުންތެރިކަން ދަނީ އިތުރުވަމުންނެވެ. އަދި ފޭރާން ވެސް ދަނީ ހެޔޮވަމުންނެވެ.

ތިބާ އަކީ މޭޒުދޮށުގައި ގިނައިރު އިނދެގެން މަސައްކަތް ކުރަން ޖެހިފައިވާ މީހެއް ނަމަ ތިޔައީ އަޅެކެވެ.

ނިދަން އޮށޯވެ ބާލީހުގައި ބޯއަޅައިގެން އޮންނަ އިރު މާދަމާގެ މަސައްކަތްތަކާ މެދު ވިސްނަން ޖެހޭނެ ތިބާއަކީ އަޅެކެވެ.

ތިބާގެ އެންމެ ގާތްއެކުވެރިންނަކީ އޮފީސް މުވައްޒަފުން ނަމަ ތިބާއަކީ އަޅެކެވެ.

ކުރީ ޒަމާނާ މި ޒަމާނުގެ ތަފާތަކީ "ކުރީ ޒަމާނުގައި އަޅެކޭ ކިޔާ ކަމެވެ. މި ޒަމާނުގައި އެހެން ކިޔުން މަނާކަމެވެ."
----------------
(ނިމުނީ)

މި ލިޔުން؛

  ފޮނުވުން:   އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
  އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން: ''         ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ