އަދުގެ ޚާއްސަ

Print

ގަނޑުފެނުގެ ފާލަމެއްގައި..

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާޅެން

ފިނިފެންމަލުގެ ބަގީޗާތަކާ އަރައި ހަމަވި އެވެ.


އާދަމް ނަޞީރު އިބްރާހީމް (2004)

ލޮލުފިޔައެއް ޖަހާލައިފައި ލޯ ހުޅުވައިލެވުނު ހިނދެވެ.
ފެންވަރައި، ތައްޔާރުވެގެން ދަތުރަށް ނިކުމެވުނު އިރު މެންދުރުވެއްޖެ އެވެ.
ކުރިޔަށް ދާން އޮތް ފާލަމުގެ ފެށޭކޮޅުގެ އެއްފަރާތުގައި އަހަރެން ފުރާ ވާހަކައަށް، ޒަމްޒަމްވަޅުކޮޅު ހުރިތަނުން ލުހިގަނެގެން އައިސްހުއްޓެވެ.
ހުސްފަޔާ އޭގެ ކައިރިޔަށް ހުއްޓި، ވަޅުގެ ތުންފަތްމަތީގައި ފުންނާބު ކާއްތާލައިފައި، ދަށްފައި ރަނގަޅަށް ކަހާލީމެވެ. އެއަށްފަހު، ފާލަންމަތީން ކުރިޔަށް ހިރެންފެށީ، ވައިރޯޅި ހިނދިފައިވާ ދުވަހެއްގައި ކަނޑުގައި އޮޔާދާ ބޮނބިއޮޑިއެއް ފަދައިންނެވެ.
އެކޮޅު މި ކޮޅަށެވެ. އަރިބިތަށާއި، ދިގު ހުރަހަށެވެ.
އެނބުރެމުން ސެނބުރެމުންނެވެ.

ފިނިފެންމަލުގެ ބަގީޗާތަކާ އަރައި ހަމަވި އެވެ.
ހިނިތުންވެފައި ތިބި މާތައް، އޭގެ ރަޙްމަތްތެރި ފިނިވައިރޯޅިތަކާ ގުޅިގެން އަހަންނަށް ހަނާ އަޅަމުން ދެ އެވެ.
ވަރަށް ހަމަޖެހިލާފައި، ކައިރިޔަށް ހުއްޓި އެ ތަނުން ފިނިފެންމާ ގަހަކުން، ތޫނު ކަށްޓެއް އުފުރާލީމެވެ.
މޫނުގައި ފައްކާވެފައިވާ އޮށާޅަޔަކަށް އެ ކަށި ގޯޅާލައި، އަމިއްލަ މޫނުގެ މައްޗަށް، އަމިއްލަ އަތުން ލޭ އޮހޮރުވާލީމެވެ.
އެ އަށްފަހު، އަތުގެ ބޮޑުވާ އިނގިއްޔާ ޝަހާދަތް އިނގިލީގެ އެހީގައި އެކަށި ބިންދާލުމަށްފަހު، އެއިން ވަސްބަލަމުން ހިނގައިގަތީމެވެ.

ކާއިނާތައް ޅެން ފަރިހި ވިރުވާ އަޅައިދޭ މައިނާތަކާއި ބުލްބުލްތައް، މުނިޔާތަކާއި ގުރާތައް، އަންދަލީބުތަކާއި ތޯތާތައް، އަހަންނަށްޓަކައި އަ އެވެ.
ދެ ފިޔަ މޯޅިކޮށްލުމަށްފަހު، އަހަރެންގެ ވަށައިގެން ބިމަށް ތިރިކޮށްލި އެވެ.
އަހަންނާ އެންމެ ގާތުގައި އިށީން، ބުލްބުލްގެ ވަރައިން ފަތެއް އުފުރާލީމެވެ.
އެއިން ކަންފަތް ކަހަމުން، ދެ ލޯ ކަނައިކޮށްގެން ހުރެ މަގުފިރުމަންފެށީމެވެ.


އޮނުފުމޭ މޫސީގާރަކު، އޭނާގެ އޮނު އަހަންނަށް ހިތުން ރުހުމުން ހަދިޔާ ކުރި އެވެ.
ބާރަށް ހީނގަތުމާއެކު، އަތްދަމާލައިފައި އަތުގެ ކޮޅަށް އެ އޮނު ހޫރާލީމެވެ.
މީހަކާ ދިމާޔަށް ގަޅިބުރިއެއް އެއްލަން ޖެހިއްޖެ ހިނދެއްގައި ކިހާދުރަކަށް އެއްލިދާނެތޯ ބަލައިލުމަށެވެ.


މާމުއި ކުޅަނދުރުތައް ހުޅުވައިފައިވާ މާމުއި ހަތާތަކުގެ މައުރަޒެއްގެ މެދުގައި ހުރެވުނެވެ.
ވަރަށް ވިސްނަން ހުރެފައި، އޭގެތެރޭން ހަތަޔަކުން، ބިންމައްޗަށް އޮހެމުންދާ މާމުއި ފަށްތަކާ ދިމާޔަށް ބާރަށް ފުމެލީމެވެ.
ޖޯންސަން ބޭބީ ޝޭމްޕޫއިން ވައިގެ ތެރަށް ބޮކި އަރާގޮތަށް، މާމުއިން ބޮކި އަރާތޯ ބަލައިލުމަށެވެ.

ކަނޑެއްގެ އައްސޭރި އެވެ.
ބޮޑުމަސްތައް އައިން އައިނަށް ކަހަލަ ގޮތަކަށް އައިސް، އަހަންނާ ދިމާޔަށް މާވަހަރުތައް އުކަން ފަށައިފި އެވެ.
ދުވި ވަހުން ނޭފަތްމަތީ އަތް އަޅައިގެން ދިމާ ދުރަށް އަޅައި އިތިކޮށްފައި ދުއްވައިގެންފީމެވެ.

''ނަޞީރެވެ! މިހާރު ޢަޞުރުން އިރުތިރިވެއްޖެ އެވެ. އައްސިވެފައިވާ ޒަމީރަކައިގެން ތިޔަ ހަރީ ކޮންވަލަކަށް ވަދެހެއްޔެވެ؟
ޙިއްސުތަކަށް ރަނގަޅަށް ފުރާނަ ގެނެސްފައި، ތިޔަ ފާލަމަށް ރަނގަޅަށް ބަލައިބަލާށެވެ!
އެނގޭހެއްޔެވެ؟ ތިޔައީ ޒަމާނާއި ވަގުތުގެ ފާލަމެވެ. ކަލޭގެ ޢުމުރުގެ ފާލަމެވެ.
ބުނަންހެއްޔެވެ؟ ތިޔަ ފާލަން އުފައްދަވާފައިވަނީ ތިޔަ ހީކުރިފަދައިން އެކަތަ އަކުން ނޫނެވެ.
ސީދާ ގަނޑުފެނުންނެވެ.''

ކުއްލި ސިހުމަކާއެކު، އަރައި މި ހުރެވުނު ފާލަމަށް، ވިސްނުމުގެ ކަޅިއެއް އެއްލުނީ ނަފުސުގެ މި ހަރުކަށި އިންޒާރުގެ އަޑަށެވެ!
ތެދެކެވެ. އަހަރެން ފަދައިން ކާއިނާތު، އޭގެ ވާޖިބުތަކަށް އިހުމާލެއް ނުވެ އެވެ.
މެންދުރުގެ އިރު ވަނީ، އޭގެ ހޫނު ދޯދިތަކުގެ އެހީގައި، ގަނޑުފެނުގެ މި ފާލަމުގެ އެތަން މިތަން ތޮރުފައި ވިރުވާލައިފަ އެވެ.
ފާލަން ބިންދައިގެން ގޮސް އަހަރެން، ބިންމައްޗަށް ވަތަކުތޯޖެހޭނެ ވަގުތު މިހިރަ ކުޑަތަންވަނީ އެވެ.
މިހާރު ނުވިރި ވަނީ ހުޅުނބުފަތެއްހައި ތުނިފަށަލަ އެކެވެ. ބިމަށް ނުހިނދިވަނީ ވެސް އެ ފެންފޮދު އެކަންޏެވެ.
މާ ގިނަ އިރެއް ނުވެ، މި ފެންފޮދު ވިރި، ބިމަށް ހިނދިގެންދާނީ، އެ ފެނުން ދިރުން ދެއްވާފައިވާ އަހަރެންގެ ފުރާނަ  ގޮވައިގެންކަން ކަށަވަރެވެ.
އެކަމަކު، މި ވިޔަފާރި ދަތުރުން ގަޅި އުކުމަށް ތަމްރީނު ހޯދި ކުށްވެރި ދެ އަތް ފިޔަވައި އެހެންއެއްޗެއް އަހަންނަށް ލިބިއްޖެބާވަ އެވެ!!؟
---------------
15 ސެޕްޓެމްބަރު 2004
(ނިމުނީ)

މި ލިޔުން؛

    ލިޔުން:    އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު/އަދި ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: ''                          ''
    ޝާއިޢުކުރުން: ''                         ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ