އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (3)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ޖާސޫސީ ހަނގުރާމައެއްގެ ބަޑިބޭސް ދުންބޮނޑީގެ ތެރެއަށް ފުލުހުން ވަންނަން ޖެހިއްޖެ އެވެ.


އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު
                            13 ޑިސެމްބަރ 2010 (ހޯމަ) އާ ގުޅޭ..


ސިފަބަދަލުކޮށްފި

އަނދިރިރެއެއްގެ 11 ޖަހަނީއެވެ. އިންސްޕެކްޓަރު އަންވަރު އޭނާގެ ގޭގެ ކޮޓަރީގައި ކޮފީތައްޓެއް ބުއިމަށްޓަކައި އިށީންތާ ކުޑައިރުކޮޅެއް ވެއްޖެ އެވެ. އެހެންނަމަވެސް އޭނާގެ ތަޖުރިބާކާރު ސިކުނޑިން ކުރަމުންގެންދާ ފުންޚިޔާލުތަކެއްގެ ސަބަބުން ތަށީގެމަތިން ހަނދާންވަނީ އިރުއިރުކޮޅާ އެވެ.

ރޯކޮށްފައިވާ ސިނގިރެޓު ވެސް ބޭނުމެއްނުކޮށް ހުލިވަމުން އޮވެދެ އެވެ. އަދިވެސް އަންވަރު އިނީ ނިތްކުރިއަށް ދެތިންހަތަރު ރޫ އަރުވައިގެންނެވެ. ދެ ބުމަ ކައިރިކޮށްގެންނެވެ. އާދެ! އެތަކެއް ހިސާބު ދުރުގައި ހިނގާ ކަންތައްތަކަކަށް ހިތާއި ސިކުނޑި ފޮނުވައިގެންނެވެ.

ކުއްލިއަކަށް ގޭގެ ޚާދިމާޔަކު އައިސް ނަންގަތީ އަންވަރުގެ ނަމުގައި ތެލިފޯނުގެ ރަނގަބީލު އަވަސްކަމާއެކީގައި ވަމުން އެބަދެ އެވެ. ވާހަކަ ދައްކަނީ ފުލުސް އިސްޓޭޝަނުންނެވެ. ކޮންމެ ކަމެއްގައި އިންނެވި ނަމަވެސް ނަންގަތުމަށް އެބަ އެދެ އެވެ.

"ވާހަކަ ދައްކަނީ އިންސްޕެކްޓަރު އަންވަރު..... ކީއްތަވީ؟ ފުލުސް އިސްޓޭޝަންތަ؟..... ލައްބަ އެވެ. ދާދި ދެންމެއަކު މި ތަނަށް، ޚަބަރު ހުސްވެފައިވާ މީހަކު ގެނެސްފި އެވެ. އޭނާ ފުލުހުންނަށް ފެނުނީ ވަރަށް ދުރުގައިވާ ތަނަކުންނެވެ. މަޝްހޫރު ސެވެން އެންޑް ބީ ގެ ފެންޑާމަތީގައި އޮއްވަ އެވެ. އެމީހަކީ އިއްޔެ މި ތަނަށް އައިސް ބިރުވެރި ޤަތުލެއްގެ ޚަބަރުދިން މިސްޓަރ އަޙްމަދެވެ!"..... ފަރުވާތެރިކަމާއެކު ބަލަހައްޓާށެވެ. އަހަރެން މި ދަނީ އެވެ..... އާދެ! ފޯނު ކަނޑާލައިފި އެވެ. ކޯޓު މަހާލައިގެން ކާރަށް އަރައިފި އެވެ. އާދައިގައި އޭނާ ނުދުއްވާ ބާރުމިނެއްގައި ގޮސް ފުލުސް އިސްޓޭޝަނަށް ވަދެއްޖެ އެވެ.

އެންމެ ފުރަތަމަ ވެސް އެންގީ ޑޮކްޓަރަށެވެ. ދެން އޭނާ ދިޔައީ އަޙްމަދުގެ ކައިރިއަށެވެ. މިސްޓަރ އަޙްމަދުގެ އެއްވެސް ޙަރަކާތެއް ނެތެވެ. ގަވާއިދުކޮށް ނޭވާލުންނޫން ފުރާނަހުރިކަމުގެ އެއްވެސް ނިޝާނެއް ނެތް ކަހަލަ އެވެ. އޮތީ މުޅީން ޚަބަރު ހުސްވެފަ އެވެ. އެހެންކަމުން ޑޮކްޓަރު އައިސް އޭނާ އަށް ކަމެއްކުރަންދެން އަންވަރު ގަސްދުކުރީ މަޑުޖައްސާލާށެވެ. ގިނަ އިރުތަކެއްނުވެ ފުލުހުންގެ މި ބާވަތުގެ ކަންތަކާ ބެހޭގޮތުން ހުންނަ ޚާއްޞަ ޑޮކްޓަރު ސްމިތު ދުރުވެއްޖެ އެވެ. އޭނާއަކީ އިސްކޮޅުންދިގު ދޮން މީހެކެވެ. ވަރުގަދަ މަތިމަހެއްގެ ވެރިއެކެވެ. ޑޮކްޓަރު ސުމިތު ދުރުވީ ކާރުގައި އެކަނިމާއެކަންޏެވެ. ކާރުގެ ކުލައަކީ ހިތްފަސޭހަ މަޑުއަޅިކުލަ އެވެ.

ސުމިތު ދުރުވެ، ވެންނެވުމާއެކު އަޙްމަދު އޮތް ކޮޓަރިއަށް ގެންގޮސްފި އެވެ. އޭރު އެ ތާނގައި އިންސްޕެކްޓަރު އަންވަރު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ..... ޑޮކްޓަރު ސުމިތު އެވެ. ޖަސޫސީ ހަނގުރާމައެއްގެ ބަޑިބޭސް ދުންބޮނޑީގެ ތެރެއަށް ފުލުހުން ވަންނަން ޖެހިއްޖެ އެވެ. ފުރަތަމަ "އަންހެނާ" ތިޔަ އޮތީ ޚަބަރު ހުސްވެފަ އެވެ. އަވަހަށް ރަނގަޅުކޮށްދޭށެވެ! ރިޕޯޓު ލިޔާނީ މާދަމާއަކު ނޫނެވެ. ހަމަ މިހާރު އެވެ.

މިސްޓަރ އަންވަރުގެ ޠަބީޢަތުވަނީ، އާދައާއި ތަފާތުކޮށް އަވަސްވެފައި ކަމުން ޑޮކްޓަރު ސުމިތު ވެސް ފަރުވާތެރިކަމާއެކު،  ހޭނެތިފައިވާ އަޙްމަދުގެ ހަށިގަނޑު ބަލާލައިފި އެވެ. އަދި ވަރަށް ކުޑަކުޑަ ފުޅިއަކުން ނެގި ދެބިހެއް ކުނޑިކުނޑި ކޮށްލުމަށްފަހު އޭނާގެ ނޭފަތްކައިރިއަށް ގުދުވެގެން އޮވެ މަސައްކަތް ކުރާންފަށައިފި އެވެ. ތިން ހަތަރުމިނެޓެއް ވެއްޖެ އެވެ. ނޫން! ފަސްމިނެޓު ވެއްޖެ އެވެ. ކާމިޔާބުގެ ކުލަ ވެސް ބަލަންތިބޭ މީހުންނަކަށް ފާޅެއް ނުވެ އެވެ.

ކުއްލިއަކަށް އަޙްމަދުގެ އަތްފަޔަށް ހަރަކާތެއް އަތުވެއްޖެ އެވެ. އަދި ލޯ ވެސް ހުޅުވާލައިފި އެވެ. ފުރަތަމަ ވެސް ލަވައިގަތީ ހަޅޭކެވެ. "ޑުރައިވަރެވެ! ދެން އަހަރެން ދޫކޮށްލާށެވެ! ޑޮކްޓަރު ސުމިތު އަވަސްއަވަހަށް ރިޕޯޓު ލިއުމަށްފަހު، އަންވަރާއި ހަވާލުކޮށްފައި ނުކުމެގެން ދިއުމުން އަންވަރު ގަސްދުކުރީ ރިޕޯޓު ބަލައިލުމަށެވެ. އާދެ! ރިޕޯޓު، މާ ތަފްސީލީ ރިޕޯޓަކަށް ނުވެ އެވެ. އޭގައި ލިޔެފައި އޮތީ "އަނބުރައިގަނެގެން އިންނަތާ އިރުތަކެއްވުމަށްފަހުގަ އެވެ. މީނާ މީގެ ހައެއްކަ ގަޑިއިރުކުރިން ވަރަށްބޮޑު ބިރެއްގެތެރޭގައި އުޅުނުކަމަށް ނާރުތައް ހެކިދެ އެވެ."

ރިޕޯޓު ކިޔާލުމަށްފަހު އަންވަރު ދިޔައީ އަޙްމަދުގެ ކައިރިއަށެވެ. ހާލު ކިހިނެއްތޯ އެހުމުގެ ކުރިން އަޙްމަދުގެ ސުވާލެކެވެ. އަހަރެން ބިރުގެންނެވި ޑުރައިވަރު ހިފުނުހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކަށް އަންވަރު ބޭނުންކުރީ ބޯހޫރާލުމެކެވެ. ޝައްކެއްނެތެވެ. އޭރު އޭނާ ހުރީ ވަރަށް ކުއްލި އަޑަކާ ގުޅިގެން ޚިޔާލުތަކެއް ކުރާށެވެ. އެއީ ތެދެކެވެ. އިސްޓޭޝަންގެ ތެރެއަށް ވަދެގެން އަންނަ ކާރެކެވެ. ކާރު މަޑުކޮށްލުމާއެކު ފުންމާލީ އަނެއްކާ ވެސް، ޑޮކްޓަރު ސުމިތެވެ. އެއްފަހަރު އައިސް އުޅެފައި ދިއުމަށްފަހު، އަނެއްކާ ވެސް އައީ އެވެ. ކުއްލިއަކަށް ޑޮކްޓަރު ސުމިތުގެ އިސްތިޤުބާލަށް އަންވަރު ނުކުމެއްޖެ އެވެ. އަދި ހިތްހެޔޮކަމާއެކު ސަލާން ކޮށްލައިފި އެވެ.

ސުމިތު: މިހާ އަވަހަށް އަންނަންޖެހުނީ ހަނދާންނެތި ނިދީގެ ސަބަބުން އެ ބަލިމީހާއަށް ކޮންމެހެން ދޭންޖެހޭ ބޭހެއް ނުދީ ދެވުނީތީ އެވެ. ބޭސް ދިނުމަށްޓަކައި އަވަސްކުރައްވާށެވެ! އެހެންނޫންނަމަ އޭނާ ހޭނެއްތުމަށްޓަކައި ދީފައިވާ ވިހައިގެ އަސަރު އަނެއްކާ ވެސް ދިރިގެން ނުރައްކާވެދާނެކަމަށް ފެނެ އެވެ.

އަންވަރު: ޝުކުރިއްޔާ އެވެ. އަވަހަށް ކޮޓަރިއަށް ހިންގަވާށެވެ. އަޅުގަނޑު މިހުރީ މިކަންތަކުގައި ކަލާ ކޮށްދެއްވާ ކޮންމެ ޚިދުމަތަކަށް ޝުކުރު އަދާކުޅައުމަށެވެ.

މިހާރު ޑޮކްޓަރު ސުމިތު އިނީ އަޙްމަދުގެ އެނދުގެ ކައިރީގައެވެ. ދަބަހުން ނެގި ބޭސްފުޅިއަކުން މިންތަކެއް ބައިކުރެއްވުމަށްފަހު، އަޙްމަދަށް ބޯންދިނުމުގައި މަޝްޣޫލުވެގެންނެވެ. ކުއްލިއަކަށް ވަރަށްބޯކޮށް ވާރޭވެހެން ފަށައިފި އެވެ. އެހެންކަމުންނާއި އަދި، ޑޮކްޓަރުގެ ފަރުވާ ނުނިމޭތީ، އަންވަރު ވެސް ގޮނޑިއެއްގައި އިށީނދެލައިފި އެވެ. ތެލިފޯނުގެ ރަނގަބީލުޖެހެން ފަށައިފި އެވެ. މި އަޑަށް އަންވަރަށްވުރެން ކުރިން ސަމާލުކަންއައީ ސުމިތަށެވެ. ކުއްލި ބަލައިލުމެކެވެ. އަނެއްކާ ވެސް ބޭސް ދަބަހުގެ ތެރެއަށް އެނބުރިއްޖެ އެވެ. އިންސްޕެކްޓަރު އަންވަރު ތެލިފޯނުގެ އަތްގަނޑު ނަގައިފި އެވެ. "ވާހަކަ ދައްކަނީ ފުލުސް އިސްޓޭޝަނުންނެވެ." "އާނ! މި ވާހަކަދައްކަނީ ޑޮކްޓަރު ސުމިތު!"

ވާހަކަ ވިދާޅުވާ ބޭފުޅުންގެ ހިތްޕުޅަށް، ހައިރާންކަމެއް ނުގެންނަވާށެވެ! އެކޮޅުން ވާހަކަދައްކަނީ ޑޮކްޓަރު ސުމިތެވެ. އެއީ އަޅުގަނޑުގެ ގަލަމުން ލިޔެވުނު ކުށެއް ނޫނެވެ. އާދޭހެވެ! ތިޔަ ހީފުޅު ކުރެއްވީ ހަމަ ރަނގަޅަށެވެ. ތެލިފޯނު ހުރި ކޮޓަރީގައި، މިސްޓަރ އަޙްމަދަށް ބޭސްބޯންދޭން އިނީ ވެސް، ޑޮކްޓަރު ސުމިތެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެއިސްކޮޅެވެ. ހަމަ އެދޮންކަމެވެ. ހަމަ ޑޮކްޓަރު ސުމިތުގެ ހުންނަ ކަޅުކުލަގަދަ މަތިމަހެވެ.

ފޯނުގެ އަތްގަނޑު ނަގައިގެން ވާހަކަދައްކަން ކޮޓަރީގައި ސުމިތުގެ ފުރަގަހުގައި ހުރީ، އެތަކެއް އަހަރުގެ ތަޖުރިބާ ލިބިފައިވާ، އިންސްޕެކްޓަރު އަންވަރެވެ. އެހެންކަމުން އޭނާގެ ކުރިމައްޗަށް އައި ވަރުގަދަ ހައިރާންކަން ދިފާޢުކޮށް ދުރުކޮށްލުމަށްފަހު، ވާހަކަ ދައްކަމުންގެންދިޔައީ ޖެހުގެން އިން ޑޮކްޓަރު ސުމިތަށް އެއްވެސް ކަހަލަ ޝައްކެއް ނުވަތަ ވަހުމެއް ވިއަސް ނާންނަފަދަ "މަކަރު"ވެރި ގޮތަކަށެވެ.

އަންވަރު: ލައްބަ!

ސުމިތު: ދެން އަޅުގަނޑު ތިޔަ ތަނުން އެނބުރި އައުމަށްފަހު، އަނެއްކާ ވެސް އުނދަގޫ މި ކުރެވުނީ އޭނާގެ ހާލު ބަލައިލުމުގެގޮތުންނެވެ. މިހާރު ކިހިނެއްތޯ އެވެ؟

އަންވަރު: (ފޯނުގެ އަނގައިގައި އަޑުނުދާނެހެން އަތްއަޅާފައި) އަޅުގަނޑު އެ ކާރު ވިއްކާލަންވެގެން ނަންގަތްފަހުން ވަރަށްކުޑަކުޑަ ގެއްލުމެއް އޭގެ އިންޖީނަށް ލިބިއްޖެ އެވެ. ނަމަވެސް (ދެން އަތްނަގާފައި އަޑުދާނެހެން) މިހާރު ރަނގަޅެވެ.

ތެލިފޯނު ބާއްވާފައި އަންވަރު ނުކުމެ ފުލުހުންގެ ދެ މީހުންނަށް އެންގީ އެކަކުގޮސް، ދޮރުމަތީގައިއޮތް އަޅުކުލައިގެ ކާރު ("ސުމިތު" އައިކާރު) ގެ ބެޓެރީ ރައްކާކުރުމަށެވެ. އަނެކަކަށް އެންގީ އަވަހަށް ގޮސް ޑޮކްޓަރު ސުމިތު ފުލުހުންގެ ކާރުގައި މި ތަނަށް ގެނައުމަށެވެ..... މިސްޓަރ އަޙްމަދަށް ބޭސް ދިނުމަށްފަހު "ޑޮކްޓަރު ސުމިތު" ގެއަށް ދިއުމަށްޓަކައި ނިކުމެއްޖެ އެވެ. ކާރަށް އަރާފައި އިސްޓާޓުކޮށްލުމަށްޓަކައި ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ. އެހެންކަމުން އޭނާ ކާރުގެ ކުރިމަތީގެ އިންޖީނުގަނޑު ހާވާލައިގެން އަވަސްއަވަހަށް ދެވޭތޯ މަސައްކަތްކުރާން ފަށައިފި އެވެ. އިންސްޕެކްޓަރު އަންވަރު ދާދިކައިރީގައި ފަރުވާތެރިކަމާއެކު ބަލަބަލާ ހުއްޓެވެ. އެއްތަނަކަށް އޮބާލާފައި އަނެއްތަނެއް ތަޅުވައިގެންފައި ސުމިތު އަވަދިނެތި އިރުތަކެއްވަންދެން އުޅުމަށްފަހު، ކާރުގެ ބެޓެރީ ނެތީކަމަށް އަންވަރު ކައިރީގައި ބުނެފި އެވެ. އިންސްޕެކްޓަރު އަންވަރު ރާވައިގެންހުރި ރޭވުން ކާމިޔާބުވަނީ އެވެ. ފުލުހުންގެ ގެއިން، ޑޮކްޓަރު ސުމިތު ގެނައުމަށްޓަކައި ފޮނުވިކާރު އެބައާދެ އެވެ. އައިސް ގޭޓުގެ ކައިރިއަށް މަޑުކޮށްލުމަށްފަހު، އެކަކު އައިސް ސިއްރުސިއްރުން ޑޮކްޓަރު ސުމިތު ގެނެސްފި ވާހަކަ ބުނެލައިފި އެވެ. އެހެންކަމުން އަންވަރު އެންގީ އަނެއްފަރާތުން ގޮސް އަޙްމަދު އޮތްކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި ބޭންދުމަށެވެ.....

ފަރުދާގެ އަނެއްފަރާތުން އަވަސް ކަމާއެކުގައި ކަންތައް ހިނގަމުން އެބަދެ އެވެ. އިންސްޕެކްޓަރު އަންވަރު ޑޮކްޓަރު ސުމިތު، އާދެ! ފަހުން އައި ސުމިތު އެހެންކާރެއްގައި ފޮނުވުމަށް އޯގާވެރިކަމާއެކު ބުނަމުން އޭނާ ގޮވައިގެން ގޭގެ ފެންޑާއަށް އަރައިފި އެވެ.

އިންސްޕެކްޓަރު އަންވަރުގެ ރޭވުންތައް ވަނީ ރާވާނިމިފަ އެވެ. މިހާރު އޭނާގޮވައިގެން އެ ވަންނަނީ، އަދި ވެސް އެއްފަހަރު އަޙްމަދު ދައްކައިލުމަށެވެ. މިހާ ދަންވަރު ދެވަނަ ފަހަރު ދުރުވިކަމަށްޓަކައި ޝުކުރު އަދާކުރަމުންނެވެ. އޭނާގެ ގަސްދަކީ ނުވަތަ ރާވާފައިވާ ގޮތަކީ، މަކަރުވެރި ސުމިތު އަޙްމަދު އޮތް ކޮޓަރިއަށް ވައްދާފައި އަސްލު ސުމިތު އެތަނަށް ގެނައުމަށެވެ. އަދި ރަނގަޅަށް ބޭޒާރުކޮށްފައި ދެން ހިފުމަށެވެ. ނަމަވެސް، ކަންތައް އެ ވަގުތު ހިނގާފައިވަނީ، ނުބައިން ނުބައަށެވެ. އާދެ! އަންވަރުގެ ރޭވުމާއި މުޅިން އިދިކޮޅަށެވެ.

މަކަރުވެރި ސުމިތު ގޮވައިގެން ގޮސް އަޙްމަދުއޮތް ކޮޓަރިއަށް ވަންއިރު އަސްލު ސުމިތު އިނީ ކޮޓަރީގަ އެވެ. އެހެންކަމުން..... އާދެ! އެހެންކަމުން އަންވަރު ފިޔަވަޅެއް އެޅުމުގެ ކުރިން ކައިރީގައި ހުރި ސުމިތު ފުރުސަތުގެ ބޭނުން ކޮށްފި އެވެ. ހުރިހާ ހީލަތެއް ބޭޒާރުވާން އައި ދަނޑިވަޅު ފޫބައްދައިލުމަށްޓަކައި އޭނާ ހަމަ އެ ސިކުންތުގައި އެތިފަހަރު ހަދައިފި އެވެ.

އެއްއަތުން ކޮޓަރީގެ އިލެކްޓްރިކް ސްވިޗް އޮބާލައިފި އެވެ. އަނެއްއަތުން ޓަޓަސް، ޓަޓަސް އަޅާފައި ފިސްތޯލައިގެ ވަޒަންތައް އުދުއްސާ ލައިފި އެވެ. ކޮޓަރިތެރެއަށް އައިސްވެރިވި ކުއްލި އަނދިރިގަނޑުގެ ތެރޭގައި ޑޮކްޓަރު ސުމިތާއި އަންވަރު މަރާލާފައި "ވަގުކަލޭގެ" ރައްކާވެއްޖެ އެވެ. އެނާ ދިޔައީ މަގުމަތީގައި ތައްޔާރު ކުރެވިފައިވާ ފުލުސްލޮރީގަ އެވެ....

އިރުގަނޑެއް ވުމަށްފަހު ކޮޓަރިތެރެ ހަމަޖެހިއްޖެ އެވެ. ދެން ތިބި މީހުންގެ އެހީތެރިކަން ލިބިގެން ކޮޓަރިއަށް އަމާންކަން އައިއިރު ޑޮކްޓަރު ސުމިތު އޮތީ މަރުވެފަ އެވެ. އަންވަރަށް ހަމަލާދިން އުންޑަ އަރާފައިހުރީ ކަނާއަތު ކޮނޑަށެވެ. ދެންއޮތީ މިސްޓަރ އަޙްމަދެވެ. އޭނާއަށްދިން ވަރުގަދަ ބޭހެއްގެ ސަބަބުންވަނީ ވަރަށްބޮޑު ހާލެއް ޖެހިފަ އެވެ. އިރުއިރުކޮޅާ އާފުރުމުގެ ބައްޔެއް ޖެހިފަ އެވެ.

އާދެ! ރޭގެ ދެން އޮތްބައި ދިޔައީ އަންވަރަށް ލިބިފައިވާ، އަނިޔާއަށް ފަރުވާ ކުރުމުގަ އެވެ. ޑޮކްޓަރު ގެނެސްގެން ވަޒަންތައް ނެރެ ބޭސް އެޅުމުގަ އެވެ. އަދި، އަޙްމަދަށް ވެސް އާފުރުމުގެ ދަތި އުނދަގުލުން ސަލާމަތްވޭތޯ ފަރުވާ ކުރުމުގަ އެވެ.
-------------------
(ނުނިމޭ..)

މި ލިޔުން:

    ޓައިޕުކުރުން:   މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (
އެޑިޓަރުގެ އެހީތެރިޔާ)

އިދާރާ

އެނގޭތަ؟

ވާހަކަ